ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، މިވޭތުވެދިޔަ 47 އަހަރު ދުވަހުގެ ތެރޭގައި، ވަރަށް ބޮޑަށް ބަދަހިވެ، ވަރުގަދަވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، [އިންޑިއާ – މޯލްޑިވްސް ފްރެންޑްޝިޕް ޑޭ]ގެ ނަމުގައި މިރޭ ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްކަންދަރު ސްކޫލްގައި އޮތް މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ދިވެހިރާއްޖެ، އިންޑިއާ ދެކެނީ ވަރަށް ގާތް ރަޙްމަތްތެރި ޤައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެވެސް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، އިންޑިއާ ސަރުކާރުން ރާއްޖޭގެ ތަރައްޤީގެ ތަފާތު ދާއިރާތަކަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި އެކިކަންކަމުގައި ރާއްޖެއަށް އިންޑިއާ ސަރުކާރުން ވަރަށްބޮޑު އެއްބާރުލެއްވުމެއް ގެންދަވާ ކަމަށާއި، ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުންތައް، ކުރިއަށް އޮތް ތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިންޑިއާގެ އިންވެސްޓްމަންޓްތަކަށް ރާއްޖެއިން އަބަދުވެސް މަރްޙަބާ ކިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަރަށްގިނަ ޢަދަދެއްގެ ދިވެހިން އިންޑިއާގައި ޚާއްޞަކޮށް، ތިރުވަނަންތަޕޫރަމްގައި ދިރިއުޅެމުން ގެންދާކަމާއި، އިންޑިއާގެ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން، ރާއްޖޭގެ އެކި ވަޒީފާތަކުގައިވެސް އުޅެމުންގެންދާކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުންވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޙަފްލާގައި، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ މިސްޓަރ ދިޔަނޭޝްވަރު މުލޭވެސް ވާހަކަފުޅު ދެއްކެވިއެވެ.