ރާއްޖެއަކީ ކުޑަ ޤައުމަކަށްވާއިރު ކުޑަ ޤައުމެއްގައި ގިނަ ތަކެތި ހެއްދޭ ޓެކްނޮލޮޖީ، ރާއްޖެއަށް ގެންނަން ޖެހޭ ކަމަށާއި މިކަންކަން ސްކޫލުތަކުގައިވެސް ކިޔަވައިދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކާނާ ލިބުމުގެ ކަށަވަރުކަމަކީ، ހުރިހާ ޤައުމެއްގައިވެސް ޙާޞިލުކުރަންޖެހޭ ލަނޑުދަނޑިއެއް ކަމަށާއި، ރާއްޖޭގައި ހެއްދެން ހުރި ތަކެތި ހައްދައިގެން ގިނަ ބަޔަކަށް އޭގެ ބޭނުން ކުރެވެންޖެހޭ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ބޭރުން އިމްޕޯޓް ކުރާ ތަކެތި، ގަވާއިދުން އިމްޕޯޓް ކުރެވޭ ގޮތްވެސް ހަދަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއަށް ބޭރުން އެތެރެކުރަންޖެހޭ ތަކެތި އެތެރެ ކުރުމުގައި ތަފާތު ދަތިތައް ކުރިމަތިވެފައިވާކަން ހާމަކުރައްވަމުން، ކާބޯތަކެތި އެތެރެކުރުމަށްޓަކައި އުފުލާނެ ބޯޓް ފަހަރާއި އެތަކެތި ގެނެވޭނެ ގޮތެއް ހަމަޖެހިފައި އޮތުމަކީ، ޤައުމީ ސިޔާސަތުގެ ތެރޭގައި ހިމެނިގެން ބަލަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަރައްޤީގެ މިންގަނޑަށް ބަލާއިރު ހަށިގަނޑަށް ލިބޭ ކާނާގެ ފައިދާ، ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ނުލިބޭކަން ބަޔާންކުރައްވަމުން، އޭގެ ސަބަބުން ޢުމުރާ އެކަށީގެންވާ ބަރުދަނެއް ކުދިންގައި ނެތުމާއި ބަރުދަން ލުއިވުމާއި މިކަންކަމަކީވެސް ރާއްޖޭގައި ކުރިމަތިވާ މައްސަލަތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ކާބޯތަކެތި ބޭނުންކުރުމުގެ އާދަކާދަތައް ބަދަލުކުރަންޖޭހެ ކަމަށާއި، އެކިއެކި ވިޓަމިންސް ހިމެނޭ މުހިންމު މާއްދާތައް ކުޑަކުދިންގެ ކެޔުމުގައި ހިމެނުމަކީވެސް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިރޭގެ ޙަފްލާއަކީ ދަނޑުވެރިންގެ މަސައްކަތްތައް ހަނދާންކޮށް، ދަނޑުވެރިންނަށް ޝުކުރުވެރިވުމުގެ ޙަފްލާއެއް ކަމަށް ވިދާޅުވިއެވެ. އަދި ދަނޑުވެރިން ކުރައްވާ ވަރަށް ބުރަ މަސައްކަތް ދަނެގެން ދަނޑުވެރިންނަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށްޓަކައި އާ ޢަޒުމެއް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވެ، ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އަދި މި މަސައްކަތުގެ ސަބަބުން ދަނޑުވެރިންގެ ޢާއިލާތަކަށް ލިބޭ ކުރިއެރުންތަކުގެ އިތުރުން، މުޅި ޤައުމުގެ އިޤްތިޞާދަށްވެސް އޭގެ ސަބަބުން އިތުރު ކުރިއެރުން ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަނޑުވެރިންނަށް ދޭންޖެހޭ އެހީތެރިކަން ދެއްވުމުގައި ސަރުކާރުގެ ފަރާތުން ކުރައްވަންޖެހޭ ކަންތައްތައް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ދަނޑުވެރިންނަށް ލޯން ދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށާއި، އަންހެނުންނަށް ޚާއްޞަ ކުރައްވައިގެން ވަކި ވަރަކަށް ލޯނު ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރެވެން ހުރި ތަންތާނގައި ގިނައިން ދަނޑުވެރިކަން ކުރަމުން އަންނަނީ އަންހެނުންކަން ފާހަގަކުރައްވަމުން، ދަނޑުވެރިކަން ކުރިއެރުވުމަކީ، އަންހެނުންގެ ތަރައްޤީއަށްޓަކައިވެސް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުނަދޫގައި މިއަދު ހަވީރު ބޭއްވުނު ކާބޯތަކެތީގެ މަޢުރަޒު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ. އަދި ދަނޑުވެރިންގެ ހަވީރުގެ ކުޅިވަރުތަކާއި މުބާރާތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.