ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ އަރިހަށް، ޔޫރއަޕިއަން ޔޫނިއަނުން (އީޔޫ) ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ވަފްދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވި، ވިލީ ވަންޑެންބަރގް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ތިމާވެށްޓަށް ކުރިމަތިވަމުންދާ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކާއި، ރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ތިމާވެށްޓާ ރައްޓެހި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަލުން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވިއެވެ. އަދި މިހާރު ރާއްޖޭގެ ހާލަތަށް ބައްލަވައި އެކަމަށް އަހަންމިއްޔަތު ދޭން އެބަޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ވިލީ ވަންޑެންބަރގްގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އީ.ޔޫ.އިން އެކަމުގައި އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވައި، މިކަމުގައިވެސް އީ.ޔޫ.އިން އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެ، ސަރުކާރުގެ މަސައްކަތްތަކުގައި އީ.ޔޫ.އާއެކު އޮންނަ ގުޅުމުގެ މުހިންމުކަން ވިލީ ވަންޑެންބަރގް ފާހަގަކުރެއްވިއެވެ.