ޢުމުރުން ދުވަސްވީ މީހުން ބަލަހައްޓާނެ ޚާއްޞަ ވަކި މަރްކަޒު ޤާއިމް ކުރެއްވުމަށާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މަރްކަޒު ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ވަކި މަރްކަޒެއް ޤާއިމް ކުރެއްވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން އެކުލަވައިލެއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒަށް ގެންދެވޭ މީހުންގެ ޢަދަދު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީއާއި އަދި އެތަނުގެ ޖާގަވެސް ކުޑަވުމާއެކު، ޢުމުރުން ދުވަސްވީ މީހުންނަށް ވަކި ޚާއްޞަ މަރްކަޒު ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒަކީ، ޢުމުރުން ދުވަސްވެފައިވާ މީހުންނާއި، ސިކުނޑީގެ ބަލި މީހުން ތިބޭ މަރްކަޒަކަށްވާތީ، އެއް މަރްކަޒެއްގެ ހިޔާވަހި ކަމުގައި ތަފާތުކަން ބޮޑު ދެބާވަތެއްގެ މީހުން ބެލެހެއްޓުމުގައި، ދަތިތައްވެސް ދިމާވަމުންދާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު ބައެއް ޢާއިލާތަކުން ޒިންމާދާރުކަން ކުޑަކުރަމުންދިޔުން އިތުރުވެފައިވާކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

ދުވަސްވީ މީހުންނަށް ޚިދްމަތްދޭނެ ފުރްޞަތު، އަމިއްލަ ފަރާތްތަކަށް ހުޅުވާލާއިރު، ހަރުދަނާ ނިޒާމެއް ޤާއިމް ކުރެވެންޖެހޭނެ ކަމަށާއި، ދުވަސްވީ މީހުންނަށް ޚާއްޞަ ކުރެވިގެން ޚިދްމަތް ދެވޭނެގޮތް ފަހިކޮށްދިނުމުން، އެގިންތީގެ މީހުންގެ އިންސާނީ ޙައްޤުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތަކަށް ލިބޭ އިތުރު ކުރިއެރުމަކަށް އެކަން ވެގެންދާނެ ކަމުގައިވެސް މެންބަރުން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، ޕިކްނިކް އައިލެންޑްގެ ގޮތުގައި ހިންގުމަށް ކުއްޔަށް ދީފައިވާ ރަށްރަށް، ރިޒޯޓްތަކަށް ބަދަލުކުރެއްވުމާ ބެހޭގޮތުންވެސް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ވާހަކަފުޅު ދެއްކެވީ، މިއަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިމައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ނެންގެވި މަޖިލީހުގެ ސަބް ކޮމިޓީއިން ނިންމަވާފައިވާ ނިންމެވުންތަކުގެ މައްޗަށެވެ.

މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ޕިކްނިކް އައިލެންޑްގެ ގޮތުގައި ހިންގުމަށް ކުއްޔަށް ދީފައިވާ ރަށްރަށް، ރިޒޯޓްތަކަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ އަގުތައް، ކަނޑައަޅާފައިވާ އުޞޫލުން ދެފަރާތުންވެސް އެއްބަސްވާ ގޮތެއްގެ މަތިން ހަމަޖެއްސެވުމަށް ނިންމެވިއެވެ. އަދި ޕިކްނިކް އައިލެންޑްގެ ގޮތުގައި ހިންގުމަށް، އިތުރު ރަށެއް ދޫނުކުރެއްވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.