22 ޖޫން 2011ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލިހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، މި ބިލާ ގުޅޭގޮތުން މި ދަންނަވާ މައްސަލަތައް އެޓަރނީޖެނެރަލް ފާހަގަކުރައްވާފައިވާތީ، އެމައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
1. ބިލުގެ 3 ވަނަ މާއްދާގައި، އަވަށު ކައުންސިލުތަކުން ނުވަތަ ރަށު ކައުންސިލުތަކުން ޖަވާބުދާރީވާ އަދި ރިޕޯޓުކުރާ ރަސްމީ ފަރާތަކީ، އެރަށެއް ނުވަތަ އެ އަވަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލު ނުވަތަ ސިޓީ ކައުންސިލު ކަމަށް ބަޔާންކޮށްފައިވާތީ، ސިޓީގައި ހިމެނޭ އަވަށު ކައުންސިލަކީ ރަށު ކައުންސިލަށް ޖަވާބުދާރީވެ، ރިޕޯޓް ކުރަން ނުޖެހޭ، އަދި ރަށު ކައުންސިލާ އެއްވެސް މަޝްވަރާ ކުރުމެއްނެތި، ހިންގޭ ކައުންސިލެއް ކަމަށް ދޭހަވާ ކަމަށް.

2. ބިލުގެ 6 ވަނަ މާއްދާގައި، ސިޓީގައި ހިމެނޭ ރަށްރަށުގެ ރަށު ކައުންސިލުން ނުވަތަ އަވަށް އަވަށުގެ އަވަށު ކައުންސިލުން، ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްޤީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލުގެ މަޝްވަރާގެ މަތިން އެކަށައަޅައި، މުޅި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި، ބަޖެޓު ތައްޔާރު ކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛު ކުރުމަކީ ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަޔާންކޮށްފައިވާ ހިނދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގައި ރަށު ކައުންސިލުން ތަންފީޛު ކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުން ހިމެނޭތީ، ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގައި ތަންފީޛު ކުރުމުގައި، ސިޓީ ކައުންސިލަށާއި، ސިޓީގައި ހިމެނޭ ރަށު ކައުންސިލަށް ނުވަތަ އަވަށު ކައުންސިލަށް ލިބިދީފައިވާ ބާރުތައް ފުށުއަރާކަން ފާހަގަކުރެއްވޭ ކަމަށް.

3. ބިލުގެ 8 ވަނަ މާއްދާގައި، ސިޓީ ކައުންސިލުން ދޭ ޚިދްމަތްތަކާއި ރަށު ކައުންސިލުތައް ނުވަތަ އަވަށު ކައުންސިލުތައް މެދުވެރިވެގެން ދޭ ޚިދްމަތްތަކަށް، މިޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން، ފީ ކަނޑައެޅުމާއި ފީ ނެގުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ހިނދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ތ) ގައި ރަށު ކައުންސިލުން ދޭ ޚިދްމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދްމަތްތަކަށް މިޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން، ފީ ކަނޑައެޅުމާއި ފީ ނެގުމުގެ ބާރު، ރަށު ކައުންސިލަށްވެސް ލިބިދީފައިވާތީ، ރަށު ކައުންސިލުން ދޭ ޚިދްމަތްތަކަށް ފީ ކަނޑައަޅައި، ފީ ނެގުމަކީ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ނުވަތަ ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ސާފުނުވާކަން ފާހަގަކުރެއްވޭ ކަމަށް.

4. ބިލުގެ 13 ވަނަ މާއްދާގައި، އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށަކީ ނުވަތަ އަވަށަކީ ނުވަތަ އިދާރީ ދާއިރާއަކީ ނުވަތަ ރަށްތަކެއް ގުޅިގެން އުފައްދާ ޞަރަޙައްދަކީ، ޤާނޫނުގެ ޖަދުވަލު 2 ގައި ބުނެފައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިޓީއެއްގެ ދަރަޖަ ޙައްޤުވާ ފަރާތެއް ކަމަށް ފެނިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުގެ ޙައްޤު، ކަމާބެހޭ ކައުންސިލަށް ލިބިގެންވާ ކަމާއި، ސިޓީއެއްގެ ދަރަޖަ ދިނުމުގެ ޝަރުޠު ހަމަވާ އިދާރީ ދާއިރާއަކަށް ސިޓީގެ ދަރަޖަ ލިބިގެންވާ ކަމަށް ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ކަމަށް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށް ދޭހަވާކަމަށް. އެހެން ނަމަވެސް، ބިލުގެ 14 ވަނަ މާއްދާގައި، ޤާނޫނުގެ ޖަދުވަލު 2 ގައި ބުނެފައިވާ ޝަރުޠުތައް ހަމަވާނަމަ، އެ ރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ސަރަޙައްދަކީ ސިޓީއެއް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 39 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ޤާނޫނުގެ ޖަދުވަލު 2 ގައި ބުނެފައިވާ ޝަރުޠުތައް ހަމަވާ ރަށެއް ނުވަތަ ސަރަޙައްދަކީ ސިޓީއެއް ކަމަށް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށް ބަޔާންކޮށްފައިވީ ހިނދު، އިސްވެ ދެންނެވުނު ބިލުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށަކީ ނުވަތަ އަވަށަކީ ނުވަތަ އިދާރީ ދާއިރާއަކީ ނުވަތަ ރަށްތަކެއް ގުޅިގެން އުފައްދާ ޞަރަޙައްދަކީ ޤާނޫނުގެ ޖަދުވަލު 2 ގައި ބުނެފައިވާ ޝަރުޠުތައް ހަމަވާ ފަރާތެއްނަމަ، އެފަރާތަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ކަމަށް ކަނޑައަޅާނީ ކޮން ފަރާތަކުންކަން ސާފުނުވާކަން ފާހަގަކުރެއްވޭ ކަމަށް.

5. ބިލުގެ 15 ވަނަ މާއްދާގައި، ސިޓީއެއްގެ ތެރޭގައި ހިމެނޭ ރަށު ކައުންސިލުތަކާއި އަވަށު ކައުންސިލުތަކަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ރަށު ކައުންސިލާބެހޭ ބާބުގައި ބަޔާންވެގެންވާ ބާރުތަކާއި އިޚްތިޞާޞްތައް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާތީ، ޤާނޫނުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޞާޞްތަކާއި، ސިޓީއެއްގެ ތެރޭގައި ހިމެނޭ ރަށު ކައުންސިލުތަކުގެ ބާރުތަކާއި އިޚްތިޞާޞުތަކާއި، ހަމަ އެސިޓީއެއްގެ ތެރޭގައި ހިމެނޭ އަވަށު ކައުންސިލުތަކުގެ ބާރުތަކާއި އިޚްތިޞާޞުތައް ފުށުއަރާކަން ފާހަގަކުރެއްވޭ ކަމަށް.

މި ބިލު ޤާނޫނަކަށްވުމުން، މި ދެންނެވި ކަންކަން ކުރެއްވުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާނެތީއާއި، އަވަށު ކައުންސިލާއި ރަށު ކައުންސިލާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދޭންޖެހޭނެތީއާއި، ކައުންސިލްތަކުގެ ބާރުތަކާއި އިޚްތިޞާޞްތައް ފުށުއަރާގޮތަށް މި ބިލު އެކުލަވާލާފައި އޮތުމުން، ޤާނޫނު ތަންފީޛު ކުރުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަކުރެއްވޭތީއާއި، މި ބިލު ޤާނޫނަކަށްވުމުން، ލާމަރުކަޒީ ނިޒާމަށް އަންނާނެ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑުތަން އިތުރުވެގެންދާނެތީ، މި މައްސަލަތަކާމެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އެބިލު މަޖިލީހަށް އަނބުރާ ފޮނުއްވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.