ރައްޔިތުންގެ ރުހުން ހޯއްދެވުމުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން ހިންގަވަމުން ގެންދަވާ ޙަރަކާތްތަކަށް އެކިކަހަލަ ހުރަސްތައް މެދުވެރި ކުރައްވަމުން ގެންދެވުމަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެއްގޮތަކަށްވެސް ތަރުޙީބުދެއްވާ ކަމެއްނޫނެވެ.
ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި ޖަލްސާތައް ހިންގުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ މިދުވަސްވަރު، ޤައުމީ މަޞްލަޙަތު އިސްކުރައްވައި، ވާދަވެރި ސިޔާސީ ހުރިހާ ފަރާތަކަށްމެ އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ ހަމަހަމަ ޙައްޤުތައް ލިބިދެއްވައިގެން އިންތިޚާބުތަކާބެހޭ ކަންތައްތައް ކުރިއަށްގެންގޮސްދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ. ސުލްހަވެރި ސިޔާސީ ހަރަކާތްތަކާ ދިމާކޮށް، ކުރިމަތިލުންތަކާއި ހަމަނުޖެހުމާއި، ހުރަސްއެޅުމާއި، މާރާމާރީގެ ޢަމަލުތައް ނުހިންގެވުމަށާއި، ޤައުމުގެ އެންމެހާ ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި އެކުވެރިވުން އިސްކުރެއްވުމަށްވެސް، ސިޔާސީ ހުރިހާ ޕާޓީއެއްގެ ވެރީންނަށާއި އެންމެހައި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ.