2010 ޖުލައި 14 ވަނަ ދުވަހުގެރޭ މާލޭގެ އެކިހިސާބުތަކުގައި ހަމަނުޖެހުންތަކެއް ހިނގައި، އަމަންއަމާންކަން ގެއްލިދިޔުމުން، އެކަންކަމާމެދު ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިކަންކަމުގައި ޢާންމު މަޞްލަޙަތު ނަގާލައި، މާރާމާރީ ހިންގާފައިވާ ފަރާތްތަކާމެދު ދައުލަތުގެ އަމަން ބަލަހައްޓަވާ ފަރާތްތަކުން ތަޙްޤީޤު ކުރައްވައި، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެއެވެ.

މާލެތެރޭގައި އަމަންއަމާންކަން ގެއްލިދިޔުމަށް މެދުވެރިވި ސަބަބު ކަމުގައި ފާހަގަކުރެވެނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުރިއަށް ގެންދެވި ޢާންމު ޖަލްސާއެއް ހިނގަމުން ދަނިކޮށް، އެތަނަށް އައި ބަޔަކު، އެތަނުގައި ހަމަނުޖެހުން އުފައްދައި، އަމަން ނަގާލައި، ޖަލްސާގެ ބައިވެރިންނަށް ހާނިއްކަ ކުރުމަށް ޢާންމުންގެ ތެރެއަށް ގާއުކަން ފެށުމުން ކަމަށެވެ. ސިޔާސީ އެއްވެސް ޕާޓީއަކުން ބާއްވަވާ ޞުލްޙަވެރި ޙަރަކާތެއްގެ ބައިވެރިންނަށް ހާނިއްކައާއި އަނިޔާ މެދުވެރިވާފަދަ ޙަމަލާތައްދީ، ހަމަނުޖެހުން އުފައްދައި، ޢާންމު މަޞްލަޙަތު ނަގާލަން އެއްވެސް ބަޔަކު މަސައްކަތްކޮށް، އެފަދަ ޙާލަތްތައް މެދުވެރިކުރުވުމަކީ، އެކަންކަން ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާ އަދި އެފަދަ ކަންކަން ހުއްޓުވުމަށް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއްދޭނޭ ކަންކަމެވެ.

ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް، އަދި ޚާއްޞަކޮށް، މާލޭގައި އަމަންއަމާންކަން ބަލަހައްޓަވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ސަލާމަތީ ބާރުތަކުން ދެއްވައެވެ.