ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2010/SC-A/20 ޤަޟިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޢަބްދުﷲ ޔާމީނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2010/SC-A/19 ޤަޟިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޤާސިމް އިބްރާހީމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރެއްވި މައްސަލައިގައި 11 ޖުލައި 2010 ދުވަހު ސުޕްރީމްކޯޓުން ޙުކުމް ކުރެއްވިއިރު، މައްސަލައިގެ ފާހަގަކުރެވިފައިވާ ނުކުތާތަކާއި، އެމައްސަލައިގައި ކޮށްފައިވާ ޙުކުމް ހިމެނޭ ޚުލާޞާ ރިޕޯޓު ދެއްވާފައިނުވާކަމާއި، އަދި ހަމައެހެންމެ، މައްސަލައިގައި ކުރެއްވި ޙުކުމުގެ ކޮޕީއެއްވެސް، އެ މައްސަލައިގައި ހިމެނޭ ހަސްމުންނަށް އެ ކޯޓުން ދެއްވާފައިނުވާކަމުގެ މަޢުލޫމާތު މިއޮފީހަށްވަނީ ލިބިފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 4/2010 (21 މާޗް 2010) ޢާންމު ސިޓީގައި ކޮންމެ ކޯޓަކުންވެސް އެކޯޓަކުން ނިންމާ މައްސަލައިގެ ފާހަގަކުރެވިފައިވާ ނުކުތާތަކާއި، އެމައްސަލައެއްގައި ކޮށްފައިވާ ޙުކުމް ހިމެނޭ ޚުލާޞާ ރިޕޯޓެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައިގައި ޙުކުމްކުރާދުވަހު ދޫކުރަންވާނެކަމަށް ބަޔާންކޮށްފައިވާހިނދު، އެކޯޓުގެ މިއެންގުމާ ޚިލާފަށް އެކޯޓުން 11 ޖުލައި 2010 ދުވަހު ޢަމަލުކުރައްވާފައިވާކަން ފާހަގަކޮށް، މިކަމާމެދު މިއޮފީހުން ކަންބޮޑުވާކަން ހާމަކުރަމެވެ.

ސުޕްރީމްކޯޓުން 11 ޖުލައި 2010 ދުވަހު ކުރެއްވި ޙުކުމުން، ފުލުހުންގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ޖުމްލަ ގޮތެއްގައި ލިބިދޭ ބާރާއި އިޚްތިޔާރު ބޭނުންކުރުމާމެދު، ޤާނޫނީގޮތުން ބޮޑެތި ސުވާލުތަކެއް އުފައްދަވާފައިވާ މިދަނޑިވަޅު، ސުޕްރީމްކޯޓުން ކުރެއްވި މިޙުކުމުގެ ތަފްޞީލް ވީ އެންމެ އަވަހަކަށް ލިބުމަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދުތައް ޙާޞިލުކުރުމަށް ކޮންމެހެން މުހިންމުކަމެއްކަމަށްވެސް މިއޮފީހުން ދެކެމެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާއާއި، ނަންބަރު2010/SC-A/20 ޤަޟިއްޔާއިން ނިންމެވި މައްސަލައިގައި ފާހަގަކުރެވިފައިވާ ނުކުތާތަކާއި، އެމައްސަލައިގައި ކޮށްފައިވާ ޙުކުމް ހިމެނޭ ޚުލާޞާ ރިޕޯޓް މިހާތަނަށްވެސް ނުލިބި ލަސްވެފައިވާކަން އެއީ، ކޯޓުގެ އިދާރީ ހިންގުމާއި އަދި ޙުކުމަކަށް ވާޞިލުވުމަށް ކޯޓުން ކަންހިންގާ ގޮތާގުޅޭ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށްވުމާއެކު، މިކަމާ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެވަޑައިގަންނަވައެވެ.