ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސި ވަލީޢަހްދު، ޕްރިންސް އޮފް ވޭލްސް، ޕްރިންސް ޗާރލްސްއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޕްރިންސް ޗާރލްސްގެ ރަސްމީ ގެކޮޅު ކްލަރެންސް ހައުސްގައި އޮތް މިބައްދަލުކުރެއްވުމުގައި މިދިޔަ އަހަރު ޑިސެމްބަރުމަހު ކޯޕަންހޭގަންގައި ބޭއްވުނު ކޮޕް15 ސަމިޓުގެ ފަހުން، ދުނިޔޭގެ މޫސުމާ އަންނަ ބަދަލުތަކާބެހޭ ވާހަކަތައް ކުރިއަށް ގޮސްފައިވާގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޕްރިންސް އޮފް ވޭލްސް ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައަށާއި، ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ފަރުތަކަށް ލިބެމުންދާ ގެއްލުމުގެ މައްޗަށާއި، ރާއްޖޭގެ މަސްވެރިކަމަށް ކުރަމުންދާ އަސަރުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަދި، ތިމާވެށްޓާ ރައްޓެހި ޢިއާދަކުރެވޭ ހަކަތައިގެ ބާވަތްތައް ރާއްޖެއަށް ތަޢާރަފް ކުރެއްވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތުވެސް ޕްރިންސް ޗާރލްސްއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މުޅި ދުނިޔެއިން މިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ޕްރިންސް ޗާރލްސް ވާހަކަފުޅު ދައްކަވަމުން، ތިމާވެށްޓާ ރައްޓެހި ޢިއާދަ ކުރެވޭ ހަކަތައިގެ ބާވަތްތައް ބޭނުން ކުރާ މިންވަރު އިތުރުކުރުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ މަސައްކަތަށް ތަޢުރީފް ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގައި ކުރެވޭ ދޮށީގެ މަސްވެރިކަމާބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް ބައިނަލްއަޤްވާމީ ތާޢީދު އިތުރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ޕްރިންސް ޗާރލްސް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ މާޙައުލާ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ޕްރިންސް ޗާރލްސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުންފިލުއްވިއެވެ.