ޔޫ.އެން.ޑީ.ޕީ.ން ކޮންމެ އަހަރަކު ނެރޭ، ދުނިޔޭގެ އިންސާނީ ތަރައްޤީގެ ރިޕޯޓް ނުވަތަ، "ގްލޯބަލް ހިއުމަން ޑިވެލޮޕްމަންޓް ރިޕޯޓް 2010" ރާއްޖޭގައި މިއަދު ނެރެފިއެވެ. މި ރިޕޯޓް ނެރުއްވައިދެއްވީ، ޓްރޭޑަރޒް ހޮޓެލް މިއަދު ހެނދުނު ބޭއްވުނު ޙަފްލާއެއްގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

މި ރިޕޯޓް ނެރުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ، ޤައުމީ ތަރައްޤީއަކީ، ހަމައެކަނި ސަރުކާރުން ކުރައްވާ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ރައްޔިތުންގެ އިސްނެގުމާއި، ބައިވެރިވުމާއެކު ޤައުމީ ތަރައްޤީ ޙާޞިލްކުރުންކަން ފާހަގަކުރެއްވިއެވެ. "މިހެންވެ، ސަރުކާރުގެ އެކަށައަޅާފައިވާ ތަރައްޤީގެ ޕްރޮގްރާމްތައް ބިނާވެފައި އޮންނާނީ، ރައްޔިތުންނާއެކު ކުރެވިފައިވާ މަޝްވަރާތަކުގެ މައްޗަށް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިއުމަން ޑިވެލޮޕްމަންޓް ރިޕޯޓްގައި، ޤައުމުތަކުގެ އިންސާނީ ތަރައްޤީގެ މިންގަޑު ކަމުގައިވާ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް ބިނާވެފައިވަނީ، ރައްޔިތުންގެ ޞިއްޙީ އަދި ތަޢުލީމީ ފެންވަރާއި، އާމްދަނީގެ މައްޗަށްކަމަށްވުމާއެކު، ތަރައްޤީ ބައްޓަން ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އޮންނަވަރާއި، ރައްޔިތުންގެ މެދުގައި އޮންނަ ހަމަހަމަކަމާއި، ދެމެހެއްޓެނިވި ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާފަދަ ދިރިއުޅުމެއް ބިނާކުރުމަށް މުހިންމު، އަދި އިންސާނީ ތަރައްޤީގެ ފުޅާ ދާއިރާގައި މައިގަނޑު ކަންކަން ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިކަމަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަމަށް މި ސަރުކާރު ގެނައުމަށް މެދުވެރިކުރުވި، ޑިމޮކްރެޓިކް އިސްލާޙީ ބަދަލުގެ ހަރަކާތުގެ އެންމެ މުހިންމު އަމާޒަކީ، ރައްޔިތުން ބާރުވެރި ކުރުވައި، ރައްޔިތުންނަށް ދުޅަހެޔޮ، ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ މާޙައުލެއް ޤާއިމު ކުރުން ކަމުގައި ވިދާޅުވިއެވެ. "ރާއްޖެއަށް އައިސްފައިމިވާ ސިޔާސީ އިޞްލާޙީ ބަދަލު ގެނެވިފައިމިވަނީ ބާރުވެރި ރައްޔިތެއްގެ ސަބަބުން. މި ރާއްޖެއަށް ބޭނުންވާ އިޖްތިމާޢީ އަދި އިޤްތިޞާދީ ބަދަލުވެސް އަޅުގަނޑުމެން ގެންނާނީ ބާރުވެރި ރައްޔިތެއްގެ ފަރާތުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންސާނީ ތަރައްޤީއާއި އިޤްތިޞާދީ ތަރައްޤީއަކީ އެކުގައި ދާންޖެހޭ ދެކަން ކަމަށް ސަރުކާރުން ގަބޫލުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ބޭނުންފުޅަކީ، ރައްޔިތުންނަކީ ސިޔާސީ ގޮތުން ބާރުވެރި ބަޔަކަށްވުމުގެ އިތުރުން، ރައްޔިތުންނަކީ، އިޤްތިޞާދީ ގޮތުންވެސް ބާރުވެރި، ކޮންމެ މީހަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ދިރިއުޅެވޭ މީހަކަށް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަންކަން ޙާޞިލްކުރެއްވުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ ޕްރޮގްރާމްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. މި ގޮތުން ރަށްރަށުގެ ބަނދަރުހެދުމާއި، ބިންހިއްކުމާއި، ރައްޔިތުންނަށް ހުރި ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅާއި، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާއި، ފުރިހަމަ ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ޤާއިމް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލީ ވަޒީރު، މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި، އެމަނިކުފާނުގެ ދުސްތުރީ ވާޖިބު އަދާކުރައްވާފައިވާއިރު، މިއަހަރުގެ ބަޖެޓަކީ މި ޤައުމުގައި އަލަށް، ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މިއަހަރުގެ ބަޖެޓަކީ، ރާއްޖޭގައި، ޤައުމީ ތަރައްޤީގެ ޕްރޮގްރާމްތަކުގެ މައްޗަށް ބިނާވެގެން ހެދުނު ފުރަތަމަ ބަޖެޓްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ޕްރޮގްރާމްތަކަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި، ރާއްޖޭގެ ތަރައްޤީއަށް އެކަށައެޅިފައިވާ ޕްރޮގްރާމްތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ނެރުނު، ދުނިޔޭގެ އިންސާނީ ތަރައްޤީގެ ރިޕޯޓްގައިވާގޮތުން، ދުނިޔޭގެ އިންސާނީ ތަރައްޤީގެ މިންގަޑު، ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސްގައި، މި އިންޑެކްސްގައި ހިމެނިފައިވާ 169 ޤައުމުގެ ތެރެއިން ރާއްޖެ ހިމެނިފައިވަނީ 107 ވަނައިގައެވެ. މިއީ 2005 ވަނަ އަހަރަށް ވުރެ 4 ދަރަޖައިގެ ކުރިއެރުމެކެވެ.