ސަރުކާރުގެ އަމާޒަކީ، ރާއްޖެއަށް ކުރިމަތިވެފައިމިވާ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ހުރިހާ ދިމާއަކުން މިކަމަށް އެޅެންހުރި ބާރުތައް އަޅައި، ހޯދެންހުރި މަގުތައް ހޯދައި، އަދި ޙައްލު ގެނެވެންހުރި މިންވަރަށް ޙައްލު ގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އެކަމުން ދުރުހެލިކުރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "ޖަރނީ" ގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށާއި ޑްރޮޕް-އިން ސެންޓަރު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރުން މަދުކުރުމަށްޓަކައި އަޅާން އޮތީ އެންމެ ފިޔަވަޅެއް ދެ ފިޔަވަޅެއް ނޫނެވެ. ޖުމްލަގޮތެއްގައި އިޖްތިމާޢީ ހުރިހާކަމެއްގެ ޙައްލު ހޯދޭތޯ އެބަ ބަލަންޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުރިއަށް މިއޮތް ދުވަސްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ރާއްޖެއިން މުޅިން ފުހެލެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާއި، އެހެންނަމަވެސް، މިކަން ހިނގަމުން އަންނަ މިންވަރަށް ބަދަލެއް ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް އެ ޙައްލުތައް ހޯދޭނެކަމަށް. އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިރާއްޖޭގައި އެ ޤާބިލިއްޔަތު އެބަހުރިކަމަށް. އަޅުގަނޑު ދެކެނީ އަޅުގަނޑުމެންގެ ޒުވާނުންނަށް މިކަމުން ސަލާމަތްވެވޭނެކަމަށް"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުގެ އަސާސީ ފަސް ވަޢުދުގެ ތެރޭގައި މަސްތުވާތަކެއްޗަށް ހުޅުވިފައިހުރި ދޮރުތައް ނައްތާލުން ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ސަރުކާރުގެ އަސާސީ އަމާޒަކަށް މިދެންނެވި މަސައްކަތް ހައްދަވަންޖެހުނީ، ރާއްޖޭގެ ހާލަތަށް ބެއްލެވި ބެއްލެވުމުގައި ރާއްޖޭގައި މިހާރުން މިހާރަށް ކުރާން މަޖުބޫރުވެފައިވާ ކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްދޭންޖެހޭ އެއްކަމަކީ މަސްތުވާތަކެތީގެ މައްސަލަކަމަށް ވެފައިވާތީ ކަމުގައި ވިދާޅުވިއެވެ. އަދި، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު ކޮންމެވެސް ވަރަކަށް މިހާރުވަނީ މަދުކުރެވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރޭގެ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ކަމާބެހޭ ދާއިރާތަކުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.