ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާ ޓެކްސް ޓްރައިބިއުނަލަށް، އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުންނަކީ، ބ. ތުޅާދޫ ގުލްބަހާރުގޭ އަލްއުސްތާޛު އިބްރާހީމް ޢަފީފާއި، ނ. މާފަރު އީޓުޖެހިގޭ އަލްއުސްތާޛު ޢަބްދުއްސަލާމް ޢާރިފާއި، ލ.މާވަށް ނަލަމަލަ ނަޞްރުﷲ ޖަމީލާއި، ދަފްތަރު 5295 އަލްއުސްތާޛު އަޙްމަދު ސާވީއާއި، ގ. މާވާރުލު ޙަސަން ޒުހައިރު މުޙަންމަދެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން މި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވި ފަސް ބޭފުޅުންނަކީ، ޢާންމުކޮށް އިޢްލާން ކުރައްވައިގެން ޓްރައިބިއުނަލްގެ މެންބަރުކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެމަޖިލީހުން ރުހުންދެއްވި ފަސް ބޭފުޅުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދައުލަތުގެ އާމްދަނީ ނެގޭ ގޮތް، ޒަމާނީ ދައުލަތްތަކުގައި އެކަން ކުރާ އުސޫލަށް ބަދަލުކޮށްގެންނޫނީ ޤައުމެއްގެ ސިފައިގައި ކުރިއަށް ދެވެންނެތްކަން ފާހަގަވާތާ ދުވަސްތަކެއްވެއްޖެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެހެން ޤައުމުތަކުގައިވެސް އެހެން މުޖްތަމަޢުތަކުގައިވެސް ދައުލަތުގެ އާމްދަނީ ހޯދާ އުސޫލުން ދައުލަތުގެ އާމްދަނީ ހޯދަމުން ގެންދިޔުން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ޓެކްސްއާބެހޭ މައިގަނޑު އިދާރީ އޮނިގަނޑު ޤާއިމުކުރެވިފައި ކަމަށާއި، ޓެކްސް ނަގާނޭ މައިގަނޑު އޮފީހެއްވެސް މިހާރު ޤާއިމު ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މިއަދުވެސް ދައުލަތަށް 700 މިލިއަންރުފިޔާއަށްވުރެ ގިނަ ފައިސާ، ޓެކްސްގެ ގޮތުގައި ލިބެން އެބަޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އެ ފައިސާ ޚަރަދު ކުރައްވަން މިޖެހެނީ ރައްޔިތުންގެ ރަނގަޅަށް، ރައްޔިތުންގެ ފައިދާއަށާއި ލާބައަށް ކަމުގައި ވިދާޅުވިއެވެ. "އެ ފައިސާ ނެތި އަޅުގަނޑުމެން ދަރަނިވެރިވެ، އަދި ބޮޑުއަގުގައި ދަރަންޏަށް ނަގަންޖެހޭކަމީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭނޭ ކަމެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޝަކުވާ އިންޞާފުވެރިކަމާއެކު ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ހަމައެހެންމެ ޓެކްސް ލިބޭ ފަރާތްކަމަށްވާ ދައުލަތުގެ ޝަކުވާތައްވެސް ބަލައި ހެދުމަކީ އެހާމެ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި ޢައްޔަން ކުރެއްވި ބޭފުޅުންވެސް، އެ ބޭފުޅުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި އަދި އެހެންވެސް ޓެކްސްއާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޓްރައިބިއުނަލެކެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލްއިން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ. އަދި ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި މި ނޫންގޮތަކުންވެސް މައްސަލައިގެ ޙަޤީޤަތް ހޯދާ ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.