އެމެރިކާގެ މަޝްހޫރު މެގަޒިންއެއް ކަމުގައިވާ ފޮރިން ޕޮލިސީ މެގަޒިނުން ހޮވި 2010ވަނަ އަހަރުގެ "ޓޮޕް 100 ގްލޯބަލް ތިންކަރޒް" ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހިމެނިވަޑައިގެންފިއެވެ. އެބޭފުޅުގެ މަސައްކަތްޕުޅުގެ ސަބަބުން، މިއަހަރު ދުނިޔެއަށް އެންމެ ބޮޑު ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވާ 100 ބޭފުޅުން ހިމަނައިގެން ފޮރިން ޕޮލިސީ މެގަޒިނުން އެކުލަވާލާފައިވާ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ހިމެނިފައިވަނީ، އެ ލިސްޓްގެ 39ވަނައިގައެވެ.

ފޮރިން ޕޮލިސީ މެގަޒިންގައި ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ޖައްވަށް ދޫކުރާ ކާރބަން މަދުކުރުމުގެ މުހިންމުކަން ދުނިޔޭގެ އެޖެންޑާގެ އެންމެ ކުރިއަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށްފައިވެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި، 2009ވަނަ އަހަރު އޮކްޓޯބަރމަހު މޫދު އަޑީގައި ބޭއްވެވި ކެބިނެޓްގެ ބައްދަލުވުމާއި، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދަކީ، ތިމާވެށްޓާބެހޭގޮތުން ދުނިޔޭގައި އެންމެ ގަދައަށް އަޑުއުފުއްލަވާ ދުނިޔޭގެ ޤައުމެއްގެ ރައީސްކަން އެމެގަޒިންގައި ރައީސުލްޖުމްހޫރިއްޔާ އާ ބެހޭގޮތުން ލިއުއްވާފައިވާ ލިއުއްވުމުގައިވެއެވެ. އަދި ކުޑަކުޑަ ދިވެހިރާއްޖެއަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހިފައިވާކަން އެންމެ ފުރިހަމައަށް ދައްކައިދޭ ޤައުމުކަން، އެމަނިކުފާނުގެ މަސައްކަތްޕުޅުން ދުނިޔެއަށް ހާމަކޮށްދެއްވާފައިވާކަމަށްވެސް ފޮރިން ޕޮލިސީ މެގަޒިންގައި ލިއެފައިވެއެވެ.

ފޮރިން ޕޮލިސީ މެގަޒިންއަކީ، ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ މަސްރަޙާ ބެހޭގޮތުން ދުނިޔޭގައި ނެރެވޭ އެންމެ ޝަރަފްވެރި އެއް މެގަޒިންއެވެ. މި މެގަޒިންއަށްވަނީ، އެމެރިކާގައި މެގަޒިންތަކަށް ދޭ އެންމެ މަތީ އެވޯޑް ކަމުގައިވާ "ނޭޝަނަލް މެގަޒިން އެވޯޑް" 2009 ވަނަ އަހަރު ލިބިފައެވެ.

ފޮރިން ޕޮލިސީ މެގަޒިންގެ މިއަހަރުގެ "ޓޮޕް 100 ގްލޯބަލް ތިންކަރޒް" ލިސްޓަކީ، ދުނިޔެއަށް މިހާރު އައިސްފައިމިވާ ބަދަލުތައް ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ލިސްޓެއް ކަމުގައި، އެމެގަޒިނުން ބުނެފައެވެ.

"ޓޮޕް 100 ގްލޯބަލް ތިންކަރޒް"ގެ މިއަހަރުގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނިފައިވަނީ، ދުނިޔޭގެ މަޝްހޫރު ވިޔަފާރި ޝަޚްޞިއްޔަތު ވޮރެން ބަފެޓް އާއި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްއެވެ. ދުނިޔޭގެ އެހެން ވެރިންގެ ތެރެއިން، މިލިސްޓްގެ ތިންވަނައިގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ލިސްޓްގެ 31ވަނައިގައި، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން، އަދި ލިސްޓްގެ 85ވަނައިގައި، ލައިބީރިއާގެ ރައީސް އެލަން ޖޯންސަން ސަރލީފް ހިމެނިވަޑައިގަންނަވައެވެ.