ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގާއިމުކުރެއްވީ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބަރ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" އަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބަރ ސެކިއުރިޓީއާ ބެހޭ ޤައުމީ އިދާރާ" ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 500 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" އަށް ހަމަޖެއްސެވި މަސައްކަތްތައް މި ދެންނެވުމާއެކު އެވަނީއެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ މަސައްކަތްތައް

1.  ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއް ގޮތުގައި މަސައްކަތްކުރުން.

2.  ސައިބަރ ވެށީގައި ހިނގަމުންދާ ކަންކަން ދިރާސާކޮށް، ދައުލަތަށް ނުރައްކާވެދާނެ ސައިބަރ ހަމަލާތައް ދުރާލައި ދެނެގަނެ، މިފަދަ ހަމަލާތަކާބެހޭ މައުލޫމާތު ދައުލަތުގެ ސަލާމަތީ މުއައްސަސާތަކާ ހިއްސާކުރުމާއި، މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.

3.     ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ސެކިއުރިޓީ ހަމަލާތަކާއި ހާދިސާތަކުގައި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މިފަދަ ހަމަލާތަކުގެ ސަބަބުން އިތުރު ގެއްލުންތައް ވިޔަނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އިދާރާތަކުގެ މުހިންމު މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ އިދާރާތަކަށް ފޯރުކޮށްދިނުމާއި،        އެ އިދާރާތަކަށް ބޭނުންވާ ސެކިއުރިޓީ ޓޫލްސް އަދި އާލާތްތައް ވަގުތީ ގޮތުން ފޯރުކޮށްދިނުން.

4. ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ދީފައިވާގޮތްތައް ދެނެގަތުމަށް ތަޙުޤީޤުކުރުމާއި، އެ ހަމަލާތަކުން ލިބޭ ގެއްލުންތައް ވަޒަންކުރުން.

5.  ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ހިންގާފައިވާގޮތް ދެނެގަތުމަށާއި އެ ހަމަލާތައް ދިން ފަރާތްތައް ދެނެގަތުމަށް ތަޙުޤީޤީ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

6.  ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ވެބްސައިޓްތަކާއި، ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ފަރުމާކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތައް ފަދަ އުފެއްދުންތަކުގައި ބޭނުންކުރާނެ ސެކިއުރިޓީ ސްޓޭންޑަރޑްތައް ކަނޑައަޅައި އަދާހަމަކޮށް ޝާއިޢުކުރަމުން ގެންދިޔުން.

7.   ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ވެބްސައިޓްތަކާއި، ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ތައްޔާރުކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތަކާއި މިނޫންވެސް އޮންލައިންކޮށް ޕަބްލިޝްކޮށްފައިވާ ޚިދުމަތްތައް މޮނިޓަރކުރުމާއި، އެ ޓޫލްތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހެދުމާއި، އެ އެސެސްމަންޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް އެންގުމާއި، އެ މައްސަލަތައް ޙައްލުކުރުމުގައި އެ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

8. ސަރުކާރުގެ އިދާރާތަކުގެ ނެޓްވޯކް އަދި ސާރވަރ އިންފްރާސްޓްރަކްޗަރގެ ސައިބަރ ސެކިއުރިޓީއާބެހޭ އެސެސްމަންޓްތައް ހެދުމާއި، އެ އެސެސްމަންޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް އެންގުމާއި، އެ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

9.  ސައިބަރ ނުރައްކާ (ތްރެޓްސް) ތަކާއި ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ އިދާރާތަކުން ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، އެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައްޓަންކުރުން.

10.ޤައުމީ ނެޓްވޯކް ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު ގާއިމުކުރުމާއި، ޤައުމީ ސައިބަރ ސެކިއުރިޓީ އިންސިޑެންޓް ރެސްޕޯންސް ޓީމު ގާއިމުކޮށް، މި ޓީމުގެ އޮޕަރޭޝަނަލް ކޭޕެބިލިޓީ މަތީފެންވަރެއްގައި ދެމެހެއްޓުން.

11.ސައިބަރ ސެކިއުރިޓީއާބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމާއި، ދިވެހިރާއްޖެ ބައިވެރިވާ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފަހުމުނާމާތަކާއި  މުއާހަދާތަކުގައިވާ ކަންކަން ތަންފީޒުކުރުން.

12. ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި އާންމުކުރުން.

13.ސައިބަރ ނުރައްކާ (ތްރެޓްސް) ތަކުން ރައްކާތެރިވެ ތިބުމާއި ސައިބަރ ހަމަލާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

14.ސައިބަރ ސެކިއުރިޓީއާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެންމެ ފަހުގެ ސައިބަރ ނުރައްކާ (ވަލްނަރަބިލިޓީސް) ތަކާއި އެ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިކުރުވުން.

15.ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއަށް ފަންނީ މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.

16.ބައިނަލްއަގުވާމީ، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ޢިލްމީ ދިރާސާކޮށް، ދިރާސާ ކަރުދާސް ލިޔެ ޝާއިޢުކުރުން.