* މި އިންޓަރވިޔުގައި، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސުވާލުތައް ދެންނެވީ، ސީނިއަރ އެގްޒެކްޓިވް ޕްރޮޑިއުސަރ މުޙައްމަދު ރަމީޒާއި، މެނޭޖަރ، ރޭޑިއޯ ޕްރޮޑަކްޝަން ނަޞްރުﷲ އިދުރީހެވެ.

ނަޞްރުﷲ އިދުރީސް:
އާދެ، މިހާރު ގަޑިން 7ގަޑި 13 މިނިޓް. މިއީ، ދިވެހިރާއްޖޭގެ އަޑު. އާދެ، އަޅުގަނޑުމެން 7ގެ ޚަބަރަށް ދިވެހިރާއްޖޭގެ އަޑުގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމް މެދުކަނޑާލުމަށްފަހު، އަނެއްކާވެސް ތިޔަބޭފުޅުންނާއެކީ ކުރިޔަށް ދާނަން. ބާއްޖަވެރި ހެނދުނެއްގެ މިއަދުގެ ޕްރޮގްރާމް މި ހުށަހަޅަނީ އަޅުގަނޑު ނަޞްރުﷲ.

މުޙައްމަދު ރަމީޒު:
އަދި، އަޅުގަނޑު ރަމީޒު.

ނަޞްރުﷲ އިދުރީސް:
އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދަންނަވާލިން، 7ގެ ޚަބަރުގެފަހުން ތިޔަބޭފުޅުންނާ އަޅުގަނޑުމެން ބައްދަލުކުރާނީ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ އެކީގައޭ. އަޅުގަނޑުމެން އެ ވަޢުދު ފުއްދޭތޯ މަސައްކަތް ކުރަމުން މިދަނީ. މިގޮތުން އަޅުގަނޑުމެންނާ އެކީގައި ސްޓޫޑިއޯގައި މި ތިއްބެވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު.

އާދެ، ދެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އަދި ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ.

ސާޖިދާ މުޙައްމަދު:
ޝުކުރިއްޔާ.

މުޙައްމަދު ރަމީޒު:
ދެން އަޅުގަނޑުމެން މިހާ ހެނދުނުގެ ވަގުތެއްގައި ދަންނަވާލީމާ އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވީތީ، އަޅުގަނޑުމެންގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ. ރައީސް އަޅުގަނޑުމެންނާ އެކީގައި ތިޔަ ބައިވެރިވެވަޑައިގެން ދެއްވީ. ދެން އަޅުގަނޑުމެންގެ ޕްރޮގްރާމްގައި ފުރަތަމަ ހަމަ ދަންނަވާލަން އޮތް ވާހަކައަކީ، މިހާ ހެނދުނު ވަޑައިގެންނެވީތީ، ޝުކުރު ދެންނެވުމާ އެކީގައި، މަނިކުފާނުގެ ހެނދުނުގެ ފެށްޓެވުން، ކިހިނެއްތޯ ފަށްޓަވަނީ އާންމު ގޮތެއްގައި؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެންމެ ފުރަތަމަވެސް 61ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް ދަންނަވަން.

މުޙައްމަދު ރަމީޒު:
އާދެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ހެނދުނުގެ ވަގުތު، ހެނދުނު ފެށިގެން ދަނީ ފަތިސް ވަގުތުން އިނގޭތޯ. އަޅުގަނޑު ހަމަ ވަރަށް ސަމާލުކަންދެވޭތޯ ބަލަން ފަތިސް ނަމާދަށް، ވަގުތަށް އިނގޭތޯ. އެހިސާބުން ދެން މަސައްކަތް ފެށުނީ ގާތްގަނޑަކަށް އިނގޭތޯ.

ނަޞްރުﷲ އިދުރީސް:
އެއީ، ހެނދުނުގެ ފެށުން ދޮގެއްތޯ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް. ކިހާ ވަގުތެއް ނިދިކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނިދަން، ހަތަރު ގަޑިއިރު، ހަތަރު، ފަސް ގަޑިއިރުވަރު. އެއަށްވުރެ ގިނައިރެއް ނުވާނެ.

މުޙައްމަދު ރަމީޒު:
އާދެ، ދެން އަޅުގަނޑު ހިތަށްއަރަނީ މެޑަމް ސާޖިދާ ވަޑައިގެން އިންނެވިއިރު، ދެން އަޅުގަނޑުމެން ރޭޑިއޯގެ މާދުރު ބޭފުޅެއް ނޫން. އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް އިނގޭތޯ. އެކަމަނާގެ ވަޒީފާގެ ގޮތުން އަޅުގަނޑުމެންނާ އެކީގައި، ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރެއްވުމުގައި، އަޅުގަނޑުމެންގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން މަޢުލޫމާތުތައް ދެއްވާ. އަޅުގަނޑުމެން އަދިވެސް އެއްފަހަރު ސާޖިދާއަށްވެސް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

ސާޖިދާ މުޙައްމަދު:
ޝުކުރިއްޔާ.

މުޙައްމަދު ރަމީޒު:

ދަންނަވާލަން އޮތް ވާހަކައަކީ ހަތަރު ގަޑިއިރު ފިރިކަލުން ނިދިކުރައްވާ ވާހަކަ އެ ވިދާޅުވީ، ރައީސް. ވަރަށް އުނދަގޫފުޅުތޯ ހޭލައްވަން، ގޮވައިލާ، ކިތަންމެއިރަކު، އަނެއްގޮތަށް އަޅުގަނޑުމެން ދަންނަވާލާހެން، އުހޫނ، އިރުކޮޅަކުންނޭ ދެން ހޭލާނީ. އަދި ތެދުވެލާނީ. އެހެންނޫންތޯ؟

ސާޖިދާ މުޙައްމަދު:
ނޫން ނޫން. ހަމަ ވަރަށް ފަސޭހަވާނެ. ދެން އަޅުގަނޑުވެސް ބައެއްފަހަރު ހިތަށްއަރާ ކިހިނެއްބާއޭ ހަތަރު ގަޑިއިރު މީހަކު މި އުޅެނީ މިހާ ގިނަދުވަހު. ވަރަށް ގިނަ ދުވަސްވެއްޖެ. ހަމަ ގާތްގަނޑަކަށް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީއްސުރެވެސް ހަމަ އެގޮތަށް އެ އުޅުއްވަނީ.

ނަޞްރުﷲ އިދުރީސް:
އެހެންވަނީ ދޮގެއްތޯ. ދެން މިހާ ހިސާބަށް ވަޑައިގެންނެވުނުއިރުގައި، ވަރަށް ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރައްވާފައި ވާނެ. ވަރަށް ގިނަ ހަނދާންތައްވެސް ހުންނާނެވެސްމެ. ރައީސް ކޮބައިތޯ، މި ތުއްޕުޅުއިރުގެ ހަނދާންތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް ހަނދާން ހުންނަ ކަމަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތިއީ ވަރަށް އުނދަގޫ ސުވާލެއްކަންނޭނގެ ޙަޤީޤަތުގައި. އެހެން ސީދާ ދަންނަވާލާކަށް ނޭނގެ. ވަރަށް ގިނަ ކަންތައްތައް ހުންނާނެ. ވަކި ޚާއްޞަކޮށް ފާހަގަކޮށްލެވޭ، ކުޑައިރުގެ ކަމެއް، އެހެން ނޭނގެ ދަންނަވާކަށެއް.

ނަޞްރުﷲ އިދުރީސް:
ކުދިންނާ ތޮޅެ، އެކަހަލަ ކަމެއް ނޯންނާނެ ދޮގެއްތޯ ޔަޤީނުންވެސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެއީ، ދެން އަމިއްލަޔަކަށް ޤަބޫލެއް ނުކުރަން، ކުރެވިފައި ހުރި ކަމަކަށެއް. އެހެންނަމަވެސް، ދެން ކުޑަކުދިން އަބަދުވެސް އުޅޭގޮތަކަށް އަޅުގަނޑުމެންވެސް އުޅެފައިތާ އޮންނާނީ. އެހެންނޫންތޯ.

މުޙައްމަދު ރަމީޒު:
ދެން އަޅުގަނޑު ހިތަށްއަރަނީ ދުވެ ސަކަރާތްގަނެ މަޖާކޮށް، މި ކުޑައިރުގެ ހަނދާނަކީ ކޮންމެ މީހެއްގެވެސް އެންމެ އުފާވެރި ހަނދާންތައް ކަމަށް މިވަނީ. އެ ގޮތުން، ހަމަ ފާހަގަކޮށްލައްވާނެ، ވަކި ކަމެއް އޮންނާނެތޯ، ތިމަންނަމެން ސްކޫލްތެރޭގައި މިހެން، ނޫނީ ކްލާސްތެރޭގައި މިހެން ކުއްޖަކާ އެކީގައި ސަކަރާތްޖަހާ، އެކަހަލަ ކަމެއް. ވިސްނަވާލައްވާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެހެން ވަކި ރިކޯލް ކޮށްލާފައި ވަކި ޚާއްޞަކޮށް، ދަންނަވާކަށް ނެތް ކަމެއް އިނގޭތޯ.

މުޙައްމަދު ރަމީޒު:
އެހެންވަނީ ދޮގެއްތޯ.

ނަޞްރުﷲ އިދުރީސް:
ސާޖިދާއަކީ އަޅުގަނޑުމެން ކުރިންވެސް ދަންނަވާލިހެން، ދިވެހިރާއްޖޭގެ އަޑަކަށް އާ ބޭފުޅެއް ނޫން. އަޅުގަނޑުމެންގެ ސްޓޫޑިއޯތަކަށް ވަރަށް ފަރިތަވާނެހެން ހީވަނީ، ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަންނަވާ. ކޮބައިތޯ ފިރިކަލުންގެ ފަރާތުން ސާޖިދާއަށް ފާހަގަކުރެއްވޭ އެންމެ ޚާއްޞަ ކަމަކީ؟

ސާޖިދާ މުޙައްމަދު:
ވަރަށް މަޑުމައިތިރި ބޭފުޅެއް. ދެން ވަރަށް އެހީތެރިކަން ދެއްވާނެ އަޅުގަނޑަށް. ދެން އެގޮތަށް، މަސައްކަތުގެ މާހައުލުގައި އަދި ކޮންމެ ކަމެއް ކުރެއްވިޔަސް، ވަރަށް ކޮމިޓްމަންޓާ އެކީގައި ކުރައްވާ ބޭފުޅެއް. އެއީ، މަސައްކަތެއް ކަމުގައިވިޔަސް، އަދި ގޭތެރޭގެ އަޅުގަނޑުމެންގެ ކަމެއް ކަމުގައިވިޔަސް، ހަމަ ހުރިހާ ކަމެއްގައިވެސް ވަރަށް ތެދުވެރިކަމާއެކީ ކުރައްވާނެ.

މުޙައްމަދު ރަމީޒު:
އާދެ، ދެން ރައީސް، އަޅުގަނޑު ހަމަ އަހާލާހިތްވާ ވާހަކައަކީ، ބައްޕާފުޅުގެ ދެން މަންމާފުޅުގެ ހަނދާންތަކަކީ ކޮންމެ މީހެއްގެވެސް ޙަޔާތުގައި އެންމެ އުފާވެރި ހަނދާންތަކަށް ވާނެ. ކޮބައިތޯ އެގޮތުން ގުޅިފައިވާ އަދި އެންމެ ފުން ހަނދާންތަކަކީ ބައްޕާފުޅާއި އަދި މަންމާފުޅާ ބެހޭގޮތުން؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑުގެ ޙަޔާތުގައި ހަމަ ވަރަށް ބޮޑު ދައުރެއް، އަޅުގަނޑުގެ މަންމައާއި ބައްޕަ އަދާކުރެއްވި. ބައްޕަ ދުނިޔެ ދޫކުރައްވަންދެންވެސް އަޅުގަނޑު މިހިސާބަށް އައުމުގައި އަޅުގަނޑު މަންމައާއި ބައްޕަގެ އެންމެ ބޮޑު ދައުރެއް އޮތީ. ދެން ބައްޕަ 2015ގައި ޙައްޖަށްގޮސް އުޅެނިކޮށް ދިމާވި މެޑިކަލް ކޮންޑިޝަނެއްގައި ނިޔާވީ. އެހާތަނާ ޖެހެންދެން ކިޔެވުމުގެ ދައުރުން ފެށިގެން އަދި ސަރުކާރުގައި އުޅުމާއި، ދެން ގޮސް އެ ހުރިހާ ކަމެއްގައިވެސް އެހީތެރިކަން، ލަފާ، ސަޕޯޓް ދެއްވާފައި ވަނީ. ދެން އެގޮތަށް، ވަރަށް ގިނަ ކަންކަން ހުންނާނެ އިނގޭތޯ. ސީދާ މިވެނި ކަމެކޭ ވަކިން ދަންނަވާލެވޭ ވަރަށްވުރެވެސް ވަރަށް ބޮޑު އެހީތެރިކަމެއް، މަންމައާއި ބައްޕަގެ ފަރާތުން ލިބިފައި ހުންނާނީ.

ނަޞްރުﷲ އިދުރީސް:
އާދެ، ބައްޕާފުޅަކީ ދެން ވަރަށް ފާހަގަކޮށްލެވޭ ދިނީ ޢިލްމުވެރިއެއް. ޢިލްމުވެރި ބޭފުޅެއް. ބައްޕާފުޅު ދެއްވި ނަސޭހަތްތަކުގެ ތެރެއިން އެންމެ އަގުހުރި ނަސޭހަތެއްގެ ގޮތުގައި ފާހަގަކުރައްވާނީ ކޮން ނަސޭހަތެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަބަދުވެސް ވިދާޅުވާނެ، ބަރާބަރަށް ފަސް ވަގުތު ނަމާދުކުރަންވާނޭ. ނަމާދުކޮށް، ކަމަށް ކަމޭހިތައިގެން، ކުރާ ކޮންމެ ކަމެއްގައި، ހަމަ ވީ އެންމެ ރަނގަޅަކަށް، ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކުރަން. އެއީ، ދެން އެންމެ ބޮޑަށް އިރުޝާދު ދެއްވި ކަމަކަށް ފާހަގަކުރެވެނީ. އެއްވެސްވަރަކަށް ފަރުވާކުޑަކުރުމަކީ، އެއްގޮތަކަށްވެސް ބައްޕަ ބަލައިގަންނަ ކަމެއް ނޫން އެއްކަމެއްގައިވެސް. ވަރަށް ހައި ސްޓޭންޑަޑެއް ގެންގުޅުއްވާނީ. އެހެންވީމާ، ނަމާދުކޮށް، ދީނީ ކަންކަމަށް ސަމާލުކަންދީ، ވީހާވެސް ރަނގަޅަކަށް، ކުރާ ކޮންމެ ކަމެއް ކުރުމަށް، އެއީ، ދެން ހަމަ ތަކުރާރުކޮށް، އެއީ، ކިޔަވަން އުޅުނުއިރުގައި ކަމަށްވިޔަސް، އަދި މަސައްކަތުގެ މާޙައުލުގައި ކަމަށްވިޔަސް. ހަމަ އެއީ، ހަމަ އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ.

މުޙައްމަދު ރަމީޒު:
ރައީސް، ބައެއްފަހަރު އަޅުގަނޑުމެން ކުޑައިރު އުޅޭއިރު، ކުދިކުދި އަދަބު އަންނާނެ ދޮގެއްތޯ، މައިންބަފައިންގެ ފަރާތުން. ބައެއް ފަހަރަށް އަޅުގަނޑުމެން ގޮނޑީގައިވެސް ބައިތިއްބާނެ ނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!

މުޙައްމަދު ރަމީޒު:
ރޮދިފަށެއް ބާއްވާފައިވެސް ބުނެފާނެ، ދެން ނުތެދުވާށޭ. އެކަހަލަ އެއްވެސް ކަހަލަ އަދަބެއް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެގޮތަށް ހުންނާނެ އަދަބު ލިބިފައި. އަޅުގަނޑު އަސްލު ހަނދާނެއްނުވޭ. އެކަމަކު ކިތާބީ ހެކި ފެންނަން ހުރި ކަންކަން އެބަހުރި. ސްކޫލްގެ ޕޭރަންޓް ޓީޗަރ ފޮތެއް އެބައޮތް ދޯ. އެއީ، އަޅުގަނޑަށް ހީވަނީ އިސްކަންދަރު ސްކޫލްގެ ފޮތެއްކަންނޭނގެ. އޭގެ ގަނޑެއްގައި އެބައޮތް ލިޔެފައި ދެން، މީގެ ފަހުން އެއްވެސް ކުއްޖެއް ގައިގައި ނުޖަހާނަމޭ. އެހެން އެބައޮތް އެ ފޮތް، އެ ގަނޑު ފުރެންދެކަށް ލިޔުއްވާފައި. އެހެންވީމާ، އެދުވަހު ކަމެއް ހިނގައިފިތާ ގައިމުވެސް. ދެން އަޅުގަނޑު ހަނދާން ނުވިޔަސް އެއޮތީ ހެކި ފެންނަން. ދެން އެގޮތަށް ހުރެދާނެ. މަޖީދިއްޔާގައި އުޅުނުއިރުގައި، ދެން ޢުމަރުބެ އަޅުގަނޑުމެން ކިޔަނީ ދޮގެއްތޯ. ވަރަށް ސްޓްރިކްޓް ބޭފުޅެއް. އެކަމަކު އަޅުގަނޑުމެން ޑިސިޕްލިން ކުރުމުގައި ވަރަށް ގިނަ ބޭފުޅުން ޑިސިޕްލިންކޮށް، ރަނގަޅު ކުދިން ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ހިއްސާދާރެއް އެއީ. ހުންނާނެ ބައެއް ފަހަރު އަޅުގަނޑުމެންނާ އެކީގައި، މިހާރު މުޅި ކުލާހަށް ޕަނިޝްމަންޓް ލިބޭއިރު، އަޅުގަނޑަށްވެސް ލިބެންޖެހޭނެތާ ދޮގެއްތޯ. އެގޮތަށް ހުންނާނެ ހަމަ ނީލްޑައުން ކުރުމާއި، ހުރިހާ ކަމެއް ހިނގާފައި.

ނަޞްރުﷲ އިދުރީސް:
ދެން ސާޖިދާ އަމީނިއްޔާ ސްކޫލްގައި އުޅުއްވީ ދޮގެއްތޯ. ކޮބައިތޯ ސްކޫލް ދައުރުގެ ހަނދާންތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް ހަނދުމަފުޅު ހުންނަ ކަމަކީ؟

ސާޖިދާ މުޙައްމަދު:
ވަރަށް ހަނދާން ހުންނަ ކަމެއް ދެން އަޅުގަނޑުމެން އެއީ، ގްރޭޑް 9، 10 ގައި، އަޅުގަނޑުމެންނާ ދިމާވި ކުދިންނަކީ ވަރަށް މަޖާ، ދެން އަޅުގަނޑުމެން ވަރަށް އެކުވެރިކޮށް މި އުޅެނީ. ދެން ކޮންމެ ބުރާސްފަތި ދުވަހެއްގައި ބޫޓަށް އެރުން އޮންނާނެ.

ނަޞްރުﷲ އިދުރީސް:
އޭގެ ކުރިން ބޫޓަށް ނާރާތޯ އަންނަނީ؟

ސާޖިދާ މުޙައްމަދު:
ނޫން ނޫން. އަޅުގަނޑުމެންގެ ބޫޓުމައްޗަށް މި އަރަނީ ހަޑިކުރަންވެގެން. ދެން އޭރުގައި ފޮތިބޫޓަށް މިއަރަނީ. ދެން ޗަކަކޮށްފައި ފެނުގެ ތެރޭގައި ހިނގާފައި އައިސް، އެއް ކުއްޖެއްގެ އަނެއް ކުއްޖެއްގެ ބޫޓަށްއެރުން. ދެން ވަރަށް ހަނދާން ހުންނަ ކަމެއް.

ނަޞްރުﷲ އިދުރީސް:
ބުރާސްފަތި ދުވަހަކީ އެކަން ފާހަގަކުރާ ދުވަސް.

ސާޖިދާ މުޙައްމަދު:
އާދެ، އެއީ، ދެން ސްކޫލް ނިންމާ ދުވަސް. ދެން އެއްވެސް ކުއްޖެއް ބޫޓު ރީތިކޮށް ހުރެގެން ގޮސްގެން ނުވާނެ. ދެން އެކަމުގެ ތެރޭގައި އުޅޭއިރުގައި ވަރަށް މަޖާ އަސްލު.

މުޙައްމަދު ރަމީޒު:
ދެން އަޅުގަނޑަށް ފާހަގަކުރެވުނު ދެން ހަމަ ރައީސް ވަރަށް މަޑުމައިތިރިކޮށް ވާހަކަފުޅުވެސް ދައްކަވަނީ. އެކަމަކު ސާޖިދާ އަޅުގަނޑުމެންނަށް މި ފެންނަނީ ތަންކޮޅެއް.....

ނަޞްރުﷲ އިދުރީސް:
ސަކަގޮތަކަށް މި ފެންނަނީ.

މުޙައްމަދު ރަމީޒު:
ސަކަގޮތަކަށް މި ފެންނަނީ އިނގޭތޯ. ސްކޫލް ތެރޭގައި ކިހިނެއްތޯ ކަންތައްތައް، އެކަހަލަ އަޅުގަނޑު ދަންނަވާލި ކަހަލަ، އެއްވެސް ކަހަލަ ޕަނިޝްމަންޓެއް އެއްޗެއް އައިސްފައި، ނޫނީ ގޭތެރެއިން މިކަހަލަ، ކަންފަތުގައި ހިފާލުން ކަހަލަ ކަމެއް އައިސްފައި ހުންނާނެތޯ؟

ސާޖިދާ މުޙައްމަދު:
ނޫން. އަޅުގަނޑު އަސްލު ސްކޫލްގައި ދެން، އަޅުގަނޑުގެ ރައްޓެހިންނާ ދިމާވިޔަސް އަދި ސްކޫލްގެ ޓީޗަރުންނަށްވެސް އެނގިލައްވާނެ ވަރަށް ބޮޑަށް، އަޅުގަނޑަކީ ސްކޫލްގައި އަސްލު ވަރަށް މަޑުން އިންނަ ކުއްޖެއް. މީހަކު ގަބޫލެއްވެސް ނުކުރާނެ. ހަމަ އެކަމަކު ގޭތެރޭގައި ދެން ވަރަށް ހަލަނިކޮށް އުޅޭނީ. ދެން އެހެންނަމަވެސް، ސްކޫލްގައި ހަމަ އިންނާނީ ފުށްގަނޑެއްހެން. ވަރަށް ބަސްއަހާނެ އާންމުކޮށް.

މުޙައްމަދު ރަމީޒު:
ކާމޭޒު ކައިރީގައި ގޮނޑިމައްޗަށް އަރާ ހަދަންތޯ؟

ސާޖިދާ މުޙައްމަދު:
ނޫން ނޫން. އެކަހަލަ ކަންތައްތަކެއް ނުކުރަން.

ނަޞްރުﷲ އިދުރީސް:
ޢާއިލީ ގުޅުމަށް ކިހާވަރެއްގެ ސަމާލުކަމެއް ދެއްވަންތޯ. ދަރިންގެ ކަންކަމުގައި ކިހާވަރަކަށް ބައިވެރިވެވަޑައިގަންނަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެއް ދެން. އެކަމަކު ވަރަށް ވަގުތު ދޭން ބޭނުންވާ ވަރަކަށް ނުއެއް ދެވޭ. އެއީ، މަސައްކަތުގައި ދެން އަޅުގަނޑު ވަރަށް ބޮޑަށް ބަލަނީ އަޅުގަނޑު ހަވާލުވެފައި ހުންނަ ޒިންމާއެއްވިއްޔާ، ވީހާވެސް ރަނގަޅަކަށް އަދާކުރެވޭތޯ. އެހެންވީމާ، އެހެން އެކަން ކުރާއިރުގައި، ވަރަށް ގިނަ ވަގުތު މަސައްކަތަށް އެބަދޭ. ދާއިރުގައި، އެންމެ އެދޭވަރަކަށެއް ޓައިމެއް ނުއެއްދެވޭ. އެހެންނަމަވެސް، ވީވަރަކުން މިސާލަކަށް، މިއަދު މިއީ ހުކުރު ދުވަސް. ހުކުރު ދުވަހަކީ އަޅުގަނޑުމެން އެންމެ ކުރިއްސުރެ، މިހާރު ދެން ވިއްސަކަށް އަހަރުވެސް ވެދާނެ ދެން. އެއީ، އަޅުގަނޑުމެން ކޮންމެ ހުކުރު ދުވަހަކު އެކީގައި ހުރިހާ އެންމެން، ޢާއިލާ އެކީގައި ދާނެ ސައިބޯން މި ގަޑީގައި. މިއީ، އެ ގަޑި. ގޮސް ކޮންމެވެސް ތަނަކުން ސައިބޮނީ. ދެން މިއަދު ހުކުރު ދުވަހު އޮންނާނެ އެގޮތަށް. ދެން އެގޮތަށް ހުސް ދުވަސްތަކެއް، ބަންދު ދުވަހެއް ލިބެންޏާ ވީވަރަކުން ބަލަން. ދެން ރާއްޖެއިން ބޭރަށްވެސް ޗުއްޓީ ޕްލޭންކޮށްގެން ދެވޭތޯ ބަލަން، ވީހާވެސް އެކީގައި ވަގުތު ހޭދަކުރެވޭނެ ގޮތަކަށް ކަންތައްތައް ރޭވޭތޯ. އެހެންވީމާ، ވަގުތު ދޭން ބޭނުން، އެކަމަކު އެންމެ ބޭނުންވާ ވަރަކަށް ނުދެވޭ. އެހެންނަމަވެސް، ހަމަ ވީވަރަކުން ޢާއިލާއާ އެކީގައި ވަގުތު ހޭދަކޮށް، އެންމެން އެކީގައި އުޅެވޭތޯ ބަލަނީ.

ނަޞްރުﷲ އިދުރީސް:
ސާޖިދާ، ރަނގަޅު ވާހަކަފުޅެއްތޯ، ކިހާވަރަކަށް އެހީތެރިކަން ލިބިވަޑައިގަންނަވާތޯ ފިރިކަލުންގެ ފަރާތްޕުޅުން؟

ސާޖިދާ މުޙައްމަދު:
ވަރަށް ބޮޑަށް ލިބޭ. ދެން އަޅުގަނޑު ފުރަތަމަ ކައިވެނި ކޮށްގެން ފުރަތަމަ ދަރިފުޅު ލިބުނުއިރުގައިވެސް އަޅުގަނޑުމެން ދެ މީހުންނަކީ އެކަނި އުޅޭ ދެމީހުން. އަނެއްހެން ދެން ބައްޕަ ކައިރީގައި. މުޢިއްޒުގެ ބައްޕާފުޅު އަރިހުގައި އަޅުގަނޑުމެން އޭރުގައި އުޅުނީ ދެން. އުޅުނުއިރުގައިވެސް އަޅުގަނޑު ވިހައިގެން، ދެން ފުރަތަމަ ސިޒޭރިއަންއަކަށް ދިޔައީ. އެހެންނަމަވެސް، ހަމަ މީހަކު ނުގެންގުޅުނު ކަމުގައިވިޔަސް، އަޅުގަނޑުގެ ދަރިފުޅުގެ ހުރިހާ ކަމެއްގައި ބައިވެރިވެދެއްވާނެ. ހަމަ އެގޮތަށް އުޅުއްވަނީ. ދެން މިހާރުވެސް އެ ވިދާޅުވިހެން، އަޅުގަނޑަށް ހީވަނީ އެންމެ ބިޒީ، މިހާރުވެސް ވަރަށް ހުސްކޮށް އުޅުއްވާ ބޭފުޅުންނާ ބަލާފައި، އެ ބިޒީ ޝެޑިއުލްގައިވެސް ވަރަށް ބޮޑަށް އަޅުގަނޑަށް ހަމަ އެހީތެރިކަން ދެއްވާ، ކުދިންގެ ކަންކަމުގައިވެސް. ބޮޑަށް ކުދިންގެ ކަންކަމުގައި މަޝްވަރާ ކުރުމާއި، ކުދިންގެ ކަންކަމުގައި ވާހަކަ ދައްކައި، ކުދިންނަށް ވަގުތު ދިނުމުގައި. ހަމަ އެ ވިދާޅުވާހެން، ދެން ހުކުރު ދުވަހަކީ އާންމުކޮށް ހުކުރު ކުރީގައި ދެން މުޅިންހެން ކުދިންނާ އެކީގައި އަޅުގަނޑުމެން އުޅޭނީ ފެމިލީ. ދެންމެ ދެންނެވިހެން ސައިބޯންދާނީވެސް އެކީގައި. ދެން ބޭރަށް ގޮސްފައި އައިސް އަދި ކުދިންނާ އެކީގައި ޕާކްތަކަށްގޮސް އެހެން އަބަދުވެސް އަޅުގަނޑުމެން ދުވަސްތައް ބައްޓަންކޮށްފައި އޮންނާނީ. ކޮންމެ ހުކުރެއް.

ނަޞްރުﷲ އިދުރީސް:
ދެން ދިވެހިރާއްޖޭގެ އަޑުގެ އެންމެ ޚާއްޞަ އެއްކަމަކީ، ރާއްޖޭގެ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރުން. ރައްޔިތުންގެ އަޑުތަކާ އެކީގައި އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ކުރިޔަށް މި ގެންދަނީ. "ބާއްޖަވެރި ހެނދުނެއް" މިހާރު ބައްޓަންކުރެވިފައި އޮންނަ ގޮތުން، އަޅުގަނޑުމެންގެ އެހުންތެރިންގެ ބައިވެރިވުމަކީ ވަރަށް މުހިންމު ބައިވެރިވުމެއް. އެ ބޭފުޅުންގެ ޚިޔާލުތައް ވަރަށް މުހިންމު. ރަމީޒު، ބޭފުޅަކަށް ފުރުޞަތު އަރުވަމާތޯ؟

މުޙައްމަދު ރަމީޒު:
އާދެ، މިހާރު އަޅުގަނޑުމެންނަށް ގުޅިފައި މިހިރީ މަޙްމޫދް ކިޔާ ބޭފުޅަކާ. السَّلَامُ عَلَيْكُمْ މަޙްމޫދް.

މަޙްމޫދު:
وَعَلَيْكُم ٱلسَّلَامُ. 61 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ތަނުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަދި އެކިއެކި ވަސީލަތްތައް ބޭނުންކުރައްވައިގެން، ދިވެހިރާއްޖޭގެ އަޑު އައްސަވާ ހުރިހާ ބޭފުޅުންނަށް އިނގޭތޯ.

ނަޞްރުﷲ އިދުރީސް:
އާދެ، މަޙްމޫދު. އަޅުގަނޑުމެންގެ ފަރާތުންވެސް އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. ދަރަބޫނދޫގައިތޯ ތި ހުންނެވީ މިހާރު؟

މަޙްމޫދު:
އާދެ، އާދެ، އަޅުގަނޑު މިއޮތީ ހަމަ ޖޯލިފަތީގައި.

މުޙައްމަދު ރަމީޒު:
މަޑުކޮށްލައްވައިގެންތޯ؟

ނަޞްރުﷲ އިދުރީސް:
ކޮބައިތޯ މިހާރު އެއްކަލަ ބަކަރިތަކާ އެއްޗެހި؟

މަޙްމޫދު:
މިއަދު ވިއްސާރަވީމާ، އަނެއްހެން ވިއްސާރަކޮށް އުޅޭތީ، އެ ބަކަރިތައް އެހާ ހިތްހަމައެއްނުޖެހޭނެ. އެހެންވީމާ، އެތާ އެތެރޭގައި ބައިތިއްބާފައި، ކާންދީފައި. ހުރިހާ ކަމެއް ކޮށްފައި މިއައީ.

މުޙައްމަދު ރަމީޒު:
ހިޔަލުގައި ދޮގެއްތޯ؟

ނަޞްރުﷲ އިދުރީސް:
މަޙްމޫދު، މިވަގުތު އަޅުގަނޑުމެންނާ އެކީގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން އެބަ އިންނެވި އިނގޭތޯ. ކޮބައިތޯ ކޮށްލަން ބޭނުންވާ ސުވާލަކީ. ވާހަކަ ދައްކާލެވޭނެ އިނގޭތޯ މިހާރު.

މަޙްމޫދު:
އާދެ. ދެން ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް އަޑުގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ. އަދި ހަމަ އެހެންމެ، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން އަދި މާކަ ގިނަދުވަހެއް ނުވޭ. އެހެންވީމާ، އެކަމުގެވެސް ތަހުނިޔާ ތިޔަބޭފުޅުންނަށް ދަންނަވަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ!

ސާޖިދާ މުޙައްމަދު:
ޝުކުރިއްޔާ!

ނަޞްރުﷲ އިދުރީސް:
މަޙްމޫދު، މަޙްމޫދު ރައީސްވެސް އެއްޗެއް އެބަ ވިދާޅުވޭ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ހަމަ ޝުކުރު ދަންނަވާލީ އިނގޭތޯ. ދަރަބޫނދުއަކީވެސް އަޅުގަނޑާ ވަރަށް ގާތް ރަށެއް. ހުރިހާ ރަށެއްގެ ރައްޔިތުންވެސް ވަރަށް ގާތް. އަދި ވަރަށް ބޮޑަށް އުންމީދުކުރަން، ވީހާވެސް އަވަހަކަށް ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން ދެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ، ހުރިހާ ރަށަކަށް ދިޔުމުގެ ދަތުރެއް ފަށަން މި އުޅެނީ.

މަޙްމޫދު:
އާދެ، އަޅުގަނޑުމެން ވަރަށް އުފާކުރަން އިނގޭތޯ. ސާޖިދާއާއި އަޅުގަނޑާ، މި ރަށުން އަޅުގަނޑާ ބައްދަލުވެއްޖެ އިނގޭތޯ. އެހެންނަމަވެސް، މަނިކުފާނާ އަދި ބައްދަލުވާގޮތެއް މިހާތަނަށް ނުވޭ. އެހެންވީމަ، އެ އުންމީދުގައި އަޅުގަނޑުވެސް މިހިރީ އިނގޭތޯ. ވީހާވެސް އަވަހަކަށް ބައްދަލުވާނެ ކަމަށް.

ނަޞްރުﷲ އިދުރީސް:
އާދެ، ކޮބައިތޯ ސުވާލަކީ؟

މަޙްމޫދު:
އަޅުގަނޑަކީ ދިވެހިރާއްޖޭގެ އަޑު އަޑުއެހުމުގައި ގިނަދުވަސްތަކެއްވެ، ކުޑައިރުއްސުރެ ފެށިގެން އަޅުގަނޑުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އަދި އަޅުގަނޑުގެ ޢިލްމީ މަދަރުސާއެއްގެ ގޮތުގައިވެސް ވަރަށް ބޮޑު ދައުރެއް އަދާކުރޭ، ދިވެހިރާއްޖޭގެ އަޑު. އެހެންވީމާ، އަޅުގަނޑު މިއީ ފުޓްބޯޅައިގެ ކޮމެންޓްރީ ގެނެސްދިނުމުގައި ކޮންމެވެސްވަރަކަށް މަސައްކަތްކުރާ މީހަކަށްވެފައި، އަޅުގަނޑު ހަމަ ކޮންމެ ޓީމަކާ ބައްދަލުވެ، އެހެން އެކިއެކި މީހުންނާ ބައްދަލުވާއިރުވެސް، ރޭޑިއޯ އަޑުއައްސަވަންތޯ އަޅުގަނޑު ސުވާލުކޮށް ހަދަން. ދާދި މިދާކަށްދުވަހުވެސް ބަނޑިދުއާއި ދަރަވަންދުއާ ކުޅުނު މެޗެއްގެ ތެރޭގައިވެސް، އެކުދިންނާއި، ކިޔަވާކުދިންނަށް އަޅުގަނޑު ދެންނެވިން. ތިޔަކުދިންގެ މަޢުލޫމާތުގެ ޚަޒާނާ އަދި ދިރިއުޅުމުގައި ވަށާޖެހޭ ތަޢުލީމަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބޭ ވަސީލަތެކޭ ދިވެހިރާއްޖޭގެ އަޑު އެއީ. އެހެންވީމާ، ދިވެހިރާއްޖޭގެ އަޑު އެހުން ވަރަށް ބޮޑަށް ކުރިޔަށް ގެންދާށޭ. އޭރުން ވަރަށް ރަނގަޅުވާނޭ.

ދެން ރައީސަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ، ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް، ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ބައެއްފަހަރު ތަންކޮޅެއް ދަށްކޮށް ލިބި، މެދުކެނޑި، އެކަހަލަ ގޮތްގޮތް ވާކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ، އެކިއެކި އެހުންތެރިންގެ ފަރާތުން. އެހެންވީމާ، މަނިކުފާނުގެ ސަރުކާރުގައި މިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި ކޮބައިތޯއޭ ވިސްނުންފުޅަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތިޔަ ފާހަގަކުރެއްވި ފަދައިން، ދިވެހިރާއްޖޭގެ އަޑަކީ ހަމަ ވަރަށް މުހިންމު ވަސީލަތެއް. ޢިލްމީ ގޮތުން، ޢިލްމު ފޯރުކޮށްދިނުމުގައިވެސް، މަޢުލޫމާތު ފޯރުކޮށްދިނުމުގައިވެސް، އެންޓަރޓެއިންމަންޓްގައިވެސް. އެހެންވީމާ، ދިވެހިރާއްޖޭގެ އަޑު މިހާރަށްވުރެ ހަރުދަނާކޮށް ތަރައްޤީ ކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުގައި އޮތްގޮތް އިނގޭތޯ. އެހެންވީމާ، އެ މަސައްކަތް ކުރިޔަށް ދާނެ އިނގޭތޯ. އާދެ، އިރާދަކުރެއްވިއްޔާ، ރަނގަޅު ގޮތްގޮތް ފަހިވެގެންދާނެ.

ނަޞްރުﷲ އިދުރީސް:
ވަރަށް ބޮޑަށް ޝުކުރިއްޔާ މަޙްމޫދު.

މަޙްމޫދު:
އާދެ، އަޅުގަނޑުގެ ފަރާތުން އަދިވެސް އެއްފަހަރު 61 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އިނގޭތޯ.

ނަޞްރުﷲ އިދުރީސް:
އާދެ.

މުޙައްމަދު ރަމީޒު:
ވަކިވެލާނަން އިނގޭތޯ.

ނަޞްރުﷲ އިދުރީސް:
އަޅުގަނޑުމެންގެ އެހުންތެރިންގެ ކަންބޮޑުވުމެއްގެ ވާހަކަކަންނޭނގެ އެ ވިދާޅުވީ. އަޅުގަނޑުމެންވެސް އުންމީދުކުރަނީ އެކަމަށް ހައްލެއް ލިބިގެންދިޔުމަށް.

މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށް ދާއިރާއެއް އިޚްތިޔާރު ކުރެއްވިއިރުގައި، ކޮންކަހަލަ ކަންތައްތަކަކަށްތޯ ވިސްނެވީ؟ ރާއްޖޭގައި ހުރި އޭރު އެހާ އާންމު ދާއިރާއަކުން ނޫންކަންނޭނގެ ކުރިޔަށް ވަޑައިގެންނެވީ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިއީ ވަރަށް ރަނގަޅު ސުވާލެއް ޙަޤީޤަތުގައި. އޭ.ލެވެލް ނިންމާފައި ދެން އަޅުގަނޑުވެސް އޮފީހަކަށް ވަންނަންވެގެން ދެން، ވަކި ކޮންސްޓްރަކްޝަން ދާއިރާއަށް ޝައުޤުވެރިކަން އެހާބޮޑަށް ހުރެގެނެއް ނޫން. އެކަމަކު އަޅުގަނޑު ބެލީ އޭރުގައި އެންމެ ގިނަ މީހުން ބޭރުން ކިޔަވައިގެން އައިސް، އެންމެ ކިޔަވައިގެން ތިބި ޑިގްރީ ހޯލްޑަރުން، ނޫނީވިއްޔާ ބޭރު ތަޢުލީމު ހާސިލުކޮށްފައި ތިބި ބޭފުޅުން ތިއްބެވީ ކޮން އޮފީހެއްގައިތޯ. މިއީ، އަޅުގަނޑު ބެލިގޮތަކީ އޮފީހަށް ވަންނަމުން. ބެލިއިރުގައި އެވަގުތު އެންމެ ގިނަ މީހުން ތިބީ ކޮންސްޓްރަކްޝަން މިނިސްޓްރީގައި. އާރކިޓެކްޓުންނާއި އިންޖިނިއަރުން ވަރަށް ގިނަ. ހަމަ މިހާރު ޕްރައިވެޓް ސެކްޓަރގައި އެ ދާއިރާގައި ތިބި އެންމެން ތިބީ އެ އޮފީހުގައި.

އެހެންވީމާ، އެތަނަށް ވަންނަހިތުން އޭރު ވަނީ. ދެން ޢުމަރު ޒާހިރު މިނިސްޓަރަކަށް ހުންނެވީ. ދެން އެތަނުގައި، އޭރު ނުވެސް އެނގޭ ޙަޤީޤަތުގައި އެ ދާއިރާއަކީ ކޮންކަހަލަ ކަންތައްތަކެއް ކުރަން އޮންނަ ދާއިރާއެއް ކަމެއްވެސް އެހާ ބޮޑަކަށް. ދެން ކޮންސްޓްރަކްޝަންކަން އެނގޭ. ދެން އެހެންވެ، އެ ދާއިރާގައި އެގޮތުން މަސައްކަތް ފެށިގެން ވަރަށް ޝައުޤުވެރިކަން އުފެދިގެން، ދެން އޭރު އަޅުގަނޑާ ހަވަލުވާނެ މިހާރު އަޅުގަނޑުމެންގެ ހައުސިންގ އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރ ހައިދަރު، އަޅުގަނޑުގެ އިމީޑިއަޓް ބޮސްއަކަށް ހުންނާނީ. ކުރީގެ މިނިސްޓަރ ރަފީޤް ސެކްޝަން ޑިޕާޓްމަންޓް ހެޑަކަށް ހުންނާނީ. އެ ބޭފުޅުން އަޅުގަނޑާ ހަވާލުކުރާނެ އެކިކަހަލަ މަސައްކަތް.

އެހެންވީމާ، އެކަންކަމުގެ ތެރޭގައި އުޅެމުންގޮސް، ވަރަށް ގިނަ ކަންކަން ދަސްވެ، ދެން ސްކޮލަރޝިޕްތަކަކަށް ހުޅުވައިލިއިރުގައި، އިނގިރޭސިވިލާތަށް ދާން އޮތް ސްކޮލަރޝިޕެއް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، އެއީ، ސިވިލް އިންޖިނިއަރިންގގެ ހަމަ މައިގަނޑު ފީލްޑް. ދެން ފުލީ ފަންޑަޑް ސްކޮލަރޝިޕެއްވީމާ، އަޅުގަނޑު ހުށަހެޅީ. އެޕްލައި ކުރީމަ ލިބުނީ. އެއީ، ފެށުނުގޮތަކީ. އެހެންވީމާ، ވަކި ކުރީ ބައިގައި ކިޔެވިއިރުގައި، ސްކޫލް ދައުރުގައި ކޮންސްޓްރަކްޝަން ދާއިރާއަށް، ނޫނީވިއްޔާ ސިވިލް އިންޖިނިއަރިންގ ދާއިރާއަށް ޝައުޤުވެރިކަން ހުރެގެން ޗޫސްކޮށްގެން، ޚިޔާރުކޮށްގެން އައި އައުމެއް ނޫނޭ. މި ދެންނެވި ގޮތަށް އޮފީސްވެސް ޗޫސްކުރީ. އެއީ، ދެން އަޅުގަނޑު ބޭނުންވީ، ކިޔަވައިގެން ތިބި އެންމެ ގިނަ މީހުންނާ އެކީގައި އުޅެން. ދެން އެންމެ ގިނަ މީހުން އުޅުނު އޮފީސްވީމާ، ޑިގްރީ ހަދައިގެން ކިޔަވައިގެން ތިބި މީސްމީހުން އެ ވަގުތު އެއް އޮފީހެއްގައި އެންމެ ގިނައިން ތިބީ އެ އޮފީހުގައިވީމާ. އެތަނުގައި ގާތްގަނޑަކަށް އޭރުވެސް އުޅޭނެކަންނޭނގެ، ފަނަރަވަރަކަށް ބޭފުޅުން މަތީ ތަޢުލީމު ހާސިލުކޮށްފައި ތިބި. ދެން އެއީ، ވީގޮތަކީ. ދެން ހަމަ އެ ވަންގޮތަށް، އެ ކޯސް ލިބުނުގޮތަށް އެ ދާއިރާއިން އިރާދަކުރެއްވީތީ ޕީ.އެޗް.ޑީ.އާ ހަމައަށްވެސް ދެވުނީ.

މުޙައްމަދު ރަމީޒު:
ރައީސް ވިދާޅުވެދެއްވަފާނަންތޯ. މިސާލަކަށް، ތި ވިދާޅުވީ އޭރުގައި ނެތޭ ޚިޔާލުފުޅެއްވެސް. އެކަމަކު މިހާރު އަޅުގަނޑުމެންގެ ދިރިއުޅުން، އަޅުގަނޑުމެންގެ ރާއްޖޭގެ ކިޔެވުމުގެ މިއޮތީ ވަރަށް ބޮޑަށް ތަފާތުވެފައި. ކޮންމެ މީހަކުވެސް، އެ މީހެއްގެ ކުއްޖަކު އެހެން ދިމަދިމާއަށް ގެންދަން ވަރަށް ބާރުއަޅާ. ރައީސް ކިހިނެއްތޯ ކުދިންނާ ދޭތެރޭގައި ދެކެވަޑައިގަންނަވަނީ؟ ވަކި ގޮތަކަށް ކުދިން ކުރިޔަށްދާން ބާރު އަޅުއްވާނަންތޯ. ކޮން ދިމާއަކަށްތޯ ދާނީ. ނޫނީ މިކަހަލަ ކަންތައް ކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެވަޑައިގަންނަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުމެން އެކަހަލަ ބާރެއް ނާޅަންކަންނޭނގެ. މިހާރު އަޅުގަނޑުމެންގެ އެންމެ ދޮށީ ކުއްޖާ އެހެރީ އޭ.ލެވެލް ނިމިފައި. ދެން ޔަސްމިން އެ އުޅެނީ ޚިޔާރު ކުރާނެ ދާއިރާއެއްވެސް ނޭނގިގެން. ދެން އަބަދު ހަމަ ބަލަނީ އެ ކޮން ދާއިރާއެއްތޯ ޚިޔާރުކުރާނީ. ދެން އަޅުގަނޑުމެންނެއް ފޯސްއެއް ނުކުރަން، ބާރެއްނާޅަން ވަކި ދިމާއަކަށް ދާކަށެއް. އަމިއްލައަކަށް ރިސަރޗް ކޮށްގެން، ވެބްސައިޓްތަކާއި، ޔުނިވަރސިޓީތަކުގެ ޕްރޮސްޕެކްޓްތަކާއި އެއްޗެހި ބަލައިގެން މިހާރު އެ މަރުޙަލާގައި ޔަސްމިން އެހެރީ. އަޅުގަނޑުމެން ބާރެއްނާޅަމޭ ވަކި ދިމާއަކަށް ދާކަށް. ދެން އެންމެ ކިޔަވާހިތްވާ، އެންމެ ދާން ބޭނުންވާ، އަދި އާމްދަނީގެ ގޮތުންވިޔަސް، އަދި ދިރިއުޅުމަށް ބަލާއިރުވެސް، އެންމެ ރަނގަޅު ދިމާއެއް ޚިޔާރުކުރަން ހަމަ ޔަސްމިން ކައިރީގައިވެސް ބުނެފައި އޮންނާނީ. އެހެންވީމާ، އެގޮތަކަށް ނޫން. ދެން ހުރީ ޢުމައިރު. ޢުމައިރުވެސް މިވަގުތު ސްކޫލްގައި އެހުރީ. ގްރޭޑް 9ގައި. ވަރަށް ބޮޑަށް މިހާރު ޓީ.ޓީ.ގައި، އެ ކުޅިވަރުގައި އެ އުޅެނީ ދެން. ބައެއްފަހަރު ހަމަ ކުޅިވަރުގެ ތެރެއަށް އެއްކޮށް ދާ ކަހަލަ ވާހަކައެއްވެސް ދައްކާ. އެހެންވީމާ، އަޅުގަނޑުމެން ބާރެއްނާޅަން ވަކިދިމާއަކަށް. ވަކިދިމާއަކަށް ސްޓްރިކްޓްވުން އެހާ ރަނގަޅު ކަމަކަށްނުވެދާނެ ޕޭރަންޓުން، ބެލެނިވެރިން ބޭނުންވާ، ނޫނީވިއްޔާ މައިންބަފައިން ބޭނުންވާ ގޮތަށް ދަރިން އެއްކޮށް ފީލްޑް، ނޫނީވިއްޔާ މުސްތަޤްބަލްގައި މަސައްކަތް ކުރާނެ ދާއިރާ ޑިކްޓޭޓް ކުރުމަކީ. އެހާ ރަނގަޅު ކަމަކަށް ނުވެދާނެ.

ނަޞްރުﷲ އިދުރީސް:
ބޭރުގައި ކިޔަވާވިދާޅުވާން އުޅުއްވިއިރު، ސާޖިދާވެސް އަރިހުގައި ހުންނެވީ. ސާޖިދާ، ފިރިކަލުން ކެއްކުމާއި، އެއްޗެހި ދޮވުމާއި، މިކަހަލަ ކަންކަމުގައި ކިހާވަރަކަށް ބައިވެރިވެވަޑައިގަންނަވާތޯ؟ ކޯޗެއްތޯ އެންމެ މީރުކޮށް ތައްޔާރު ކުރައްވަނީ؟

ސާޖިދާ މުޙައްމަދު:
އަޅުގަނޑު ދެން މި އުޅުނީ އަސްލު ރައީސްގެ ޕީ.އެޗް.ޑީ. ހެއްދެވިއިރުގައި. ދެން އޭގެ ކުރިން އުޅުނުއިރުގައި ދެން ވަރަށް ކައްކާ ވާހަކަ، އޭރުގައި އެކީގައި އުޅުއްވި ބޭފުޅުން ވިދާޅުވޭ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއީ، ހަމަ ޙަޤީޤަތެކޭ.

ސާޖިދާ މުޙައްމަދު:
ދެން ޙަޤީޤަތަކަށްވެސް ވެދާނެ. ދެން ހަމަ ވިދާޅުވާނެ، އިސްތިރިވެސް ކޮށްދޭނެއޭ. ރައީސް އިސްތިރި ކޮށްދެއްވާނެއޭ. އަދި ހަމަ އެގޮތުން، ވަރަށް މީރުވާނެއޭ ކައްކާލެއް. އެކަމު ހެދިކާ ހެދީމާ ހުރިހާ ހެދިކާއަކުން ލަނީ އެއް ރަހައެކޭ. އެއީ، ބަޖިޔާއެއްވިޔަސް، ގުޅައެއްވިޔަސް. ދެން އަޅުގަނޑާ އެކީގައި އުޅުނުއިރުގައި ތަންކޮޅެއް މަދު އެކަހަލަ ކަންތައް. އެ ދެން ކިހިނެއް ކަމެއް ނޭނގެ. އެހެންނަމަވެސް، ދެން އަޅުގަނޑުގެ ދެވަނަ ދަރިފުޅު ލިބުނީ އެކޮޅުގައި ހުއްޓާ. ދެން ލިބިގެން ހަމަ އެކަނި އޭރުގައިވެސް މި އުޅުނީ. އުޅުނުއިރުގައި އެއްދުވަހު ހަދައިދިން ކުކުޅު. ވަރަށް މީރު ހަމަ.

ނަޞްރުﷲ އިދުރީސް:
އެހެންތޯ. ކޮން ނަމެއް ކިޔާ ކުކުޅެއްތޯ އެއީ؟ އެހެން ނަންނަން ކިޔައެއްނޫންތޯ އެހެން ހަދާ އެއްޗިއްސަށް.

ސާޖިދާ މުޙައްމަދު:
ދެން ހިކިކޮށް ހަދާފައި ހުރި ކުކުޅު.

ނަޞްރުﷲ އިދުރީސް:
ހިކި ކުކުޅު ދޮގެއްތޯ އެއީ؟

ސާޖިދާ މުޙައްމަދު:
އާދެ، ދެން އަޅުގަނޑަކަށް ނޭނގެ، އޭގެ ނަމެއް ކިޔާކަށެއް. ދެން ކުޅިކޮށް ހަދާފައި ހުންނަނީ.

ނަޞްރުﷲ އިދުރީސް:
ރައީސް ކޮން ނަމެއް ކިޔާ ކުކުޅެއްތޯ އެއީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު އެހެން ނަންނަން ކިޔައިގެނެއް ނޫން. ދެން ހަމަ ހުރިހާ އެއްޗެއް އެއްކޮށްލައިގެން ރޯފިލުވައިލެވޭތޯ ބަލަނީ.

މުޙައްމަދު ރަމީޒު:
އާދެ، ދެން ކެއުމުގެ ދާއިރާގެ ވާހަކަ ދައްކައިލީމާ އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވެނީ އިނގޭތޯ، މެޑަމް ސާޖިދާވިޔަސް، އަޅުގަނޑުމެން ރާއްޖޭގައި ކުރައްވާ މަސައްކަތުގައި ވަރަށް މަދު ބޭފުޅުން އުޅުއްވާ ދިމާއަކަށް ތި ވަޑައިގެންނެވުނީ. ކީއްވެގެންތޯ ޚިޔާރުކުރެއްވީ؟

ސާޖިދާ މުޙައްމަދު:
އަޅުގަނޑަށްވެސް ދިމާވިގޮތަކީ ޙަޤީޤަތުގައި މި ކިޔަވައިގެން ދެން އޭރުގައި އަޅުގަނޑުމެންނަށް ފުރުޞަތު ވަރަށް ކުޑަ ދޮގެއްތޯ، މިހެން ރާއްޖެއިން ބޭރަށް ގޮސް މަތީ ތަޢުލީމު ހާސިލުކުރުން. ދެން އެހެންވީމާ، އަޅުގަނޑުވެސް ހަމަ ބެލީ ސްކޮލަރޝިޕަކަށް. ދެން އެގޮތުން، ސްކޮލަރޝިޕެއް ހޯދަން އޭރުގައި ވިސްނިއިރުގައިވެސް ހަމަ ބޮޑަށް، އަބަދުވެސް އޮންނަނީ ޞިއްޙީ ދާއިރާގެ ކޮންމެވެސް ދިމާއެއް. ދެން އެގޮތުން، އޭރު ޕަބްލިކް ހެލްތު ލެބޯރެޓަރީ އެއީ، އޭރު ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ދަށުން، އަސްލު މިނިސްޓްރީ އޮފް ހެލްތުގެ ދަށުން އަޅުގަނޑު ވަންއިރު ހަމަ ވަކިން. އަދި މިތާ ކައިރީގައި އޭރު ލެބޯރެޓަރީ ހުންނާނީވެސް. ކްލޮރިން ދޫކުރާ ތަނުގެ މަތީގައި އިނގޭތޯ. ދެން އެތަނުން ހަމަ އިޢުލާނު ކުރީމާ، ސްކޫލުން ނިމުނު ގޮތަށް ހަމަ ގާތްގަނޑަކަށް އެއްމަސް ތެރޭގައި އަޅުގަނޑަށް ލިބިއްޖެ ޖޮބް. ދެން އެތަނަށް ވަދެ ހުރެ، ދެން ފުރަތަމަ މި ވަދެވުނީ އެތަނަށް. އެތަނުގައި ކާބޯތަކެތީގެ ޓެސްޓް ހަދާ. ފެނުގެ ޓެސްޓް އޭރު ބޮޑަށް މި ހަދަނީ. ފެނުގެ އޭރު، އިސްކުރުބަރިން ފެން ދޫކުރިއިރުގައި ދެން ޓެސްޓް ހެދިއިރުގައި އަޅުގަނޑުމެން، ދެން ފެނުގެ ޓެސްޓުތައް ހަދަމުން ދިޔައިރުގައި. އެތާނގެ މައިކްރޯ ބައޮލޮޖީ ލެބްގައި މަސައްކަތްކުރީ.

ދެން މިހާރު ފައިލޭރިއާގެ ވާހަކަ އެބަ ދެކެވޭ ވަރަށް ގިނައިން. އޭރުގައި ސަރވައިލަންސްގެ މަސައްކަތްވެސް ކުރީ އެތާ ލެބްގައި. ދެން އަޅުގަނޑު ހަމަ ހެޑް ކުރީ ފުރަތަމަވެސް އޭރުގައި. ވަރަށް މީހުންވެސް މަދުއިރެއް. ދެން، ފައިލޭރިޔާއާއި، މެލޭރިޔާއާއި، ޓީ.ބީ.އާއި، ލެޕްރެސީއާ، އޭރު ސަރވައިލަންސް މަސައްކަތް ކުރަމުން ގެންދިޔައީ އެ ލެބް ތެރޭގައި. ދެން އަޅުގަނޑުމެންވެސް ހަމަ މައިކްރޮސްކޯޕީގެ މަސައްކަތްވެސް އޭރުވެސް ކުރިން. ދެން އެތަނުން ފެށިގެން އައިސްފައި އަޅުގަނޑު މައިކްރޯ ބައޮލޮޖީ ކިޔަވާހިތްވީ. ދެން އެތަނުގެ މަސައްކަތް ތެރެއިން. ދެން އަޅުގަނޑަށް ހަމަ އަހަރުވީތަނާހެން މައިކްރޯ ބައޮލޮޖީން ޑިގްރީއަށް ކުރި އިޢުލާނެއްގައި އަޅުގަނޑު ލައިގެން ހޮވުނީ. ހޮވިގެން ދެން ދިޔައީ. ދެން އެގޮތުން، އަސްލު ފުރަތަމަ، ފުރަތަމަ ޑިގްރީ މައިކްރޯ ބައޮލޮޖީއިން ހެދުނީ. ހަދައިގެން ދެން އަޅުގަނޑު އޭރުގައި މަސައްކަތް ކުރިއިރު ވީގޮތަކީ، ވަރަށް ބޮޑަށް، އެމް.އެފް.ޑީ.އޭ. އުފެދިގެން، އޭގެ ތެރެއިން އެމް.އެފް.ޑީ.އޭ. އުފެދިގެން އައިއިރު ބޮޑަށް މި ދިޔައީ ކާބޯތަކެއްޗާއި ބޭހުގެ ކަންކަމަށް. ދިޔައީމާ ދެން އަޅުގަނޑު ކާބޯތަކެތީގެ ދާއިރާގައި މަސައްކަތް ކޮށްފައި ހުރީމާ ހިތަށްއެރީ، ދެން އަޅުގަނޑު މާސްޓަރޒް ހަދާނީ ބޮޑަށް ކާބޯތަކެތީގެ ދާއިރާއިންނޭ. އެހެންވީމާ، އެގޮތުން ފުޑް ސައިންސްގެ ދާއިރާއިން އަޅުގަނޑު މާސްޓަރޒް ހަދަން ނިންމީ.

ނަޞްރުﷲ އިދުރީސް:
އަޅުގަނޑުމެންނަށް ރައީސް ބޮޑަށް ދެން މި ހައުސިންގ މިނިސްޓްރީ ތެރެއިން މި ފެންނަމުން އައީ. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިނިސްޓަރުކަމާ ހަމައަށް ވަޑައިގެން، މިނިސްޓަރު ކަމުގައި ވަރަށް ގިނަދުވަސް ހޭދަކުރެއްވި. މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރެއްވުނު މަސައްކަތުގެ ތެރެއިން ކޮބައިތޯ އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ މަސައްކަތަކީ؟ ވަރަށް ބޮޑެތި މަސައްކަތްތައް ކުރެވިފައި އެބަހުރި. އެ މަސައްކަތްތަކުގެ ތެރެއިންވެސް ޚާއްޞަ ކަމެއް އޮވެދާނެކަންނޭނގެ. ކޮން ކަމެއްތޯ އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، 2012 ގައި ފެބުރުވަރީ މަހުގައި ވެރިކަން ބަދަލުވެގެން، އަޅުގަނޑަށް ރައީސް ވަޙީދު ހަވާލުކުރެއްވީ، އޭރުގެ އިންފްރާސްޓްރަކްޗަރ އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ. ދެން އޭގެ ދެތިންމަސް ފަހުން އެންވަޔަރަންމަންޓް ވަކިކުރައްވާފައި، ހައުސިންގ އިންފްރާސްޓްރަކްޗަރ މިނިސްޓްރީ ގޮތުގައި ހަވާލުކުރެއްވީ. ދެން ހަމަ ރައީސް ޔާމީން ވަޑައިގެން، ސޭމް މިނިސްޓްރީ. އެ މިނިސްޓްރީ އަޅުގަނޑާ އަނެއްކާވެސް ހަވާލުކުރެއްވީ. އެހެންވީމާ، ގާތްގަނޑަކަށް ހަތް އަހަރުދުވަސް، ކުޑަ ތަންކޮޅެއް ހަމަނުވެ މަދުވާނީ ހަތް އަހަރެއްހާ ދުވަސް. އެ ދާއިރާ ހިންގުމުގައި އަޅުގަނޑަށް މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު، ދެ ރައީސުން ދެއްވި. އެކަމަށްޓަކައި ހަމަ މިހާރުވެސް އެ ދެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އެ ލެވެލްގައި ޤައުމަށް ޚިދުމަތް ކުރަން ފުރުޞަތު ދެއްވީތީ. އެއީ، ވަރަށް ބޮޑު ތަޖުރިބާއެއް. ވަރަށް ގިނަ މަސައްކަތް ކުރެވުނު ހަމަ ދެ ދައުރުގައިވެސް. ދެން އަމުދުން ފަސް އަހަރު ލިބުމުން އަދި އެހާ ގިނަ މަސައްކަތް ކުރަން ލިބުނު ދާއިރާއެއް. ފަސް އަހަރަށްވީމާ، ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑާ ހަވާލުކޮށްގެން ކުރެވިގެންދިޔަ. ވަރަށް ގިނަ މަސައްކަތް.

އެހެންވީމާ، ވަކި އެއްކަމެއް ފާހަގަކުރަންޏާ އަޅުގަނޑު ހަމަ ފާހަގަކުރާހިތްވަނީ ބުރިޖުގެ މަސައްކަތް. އެއީ، ވަރަށް ބޮޑު ބަދަލެއް، އަމުދުން މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އައި ކަމެއް އެއީ. ކަނޑުމަގުން ދުއްވާލާފައި ދެވޭގޮތް، ލޮނުގަނޑުގައި ނުޖެހި، ބުރިޖަކުން ހުޅުލެއަށް، ހުޅުމާލެއާ ހަމައަށް މާލެއިން ދެވި، އާދެވޭ ގޮތްވުން. އޭގެ ސަބަބުން، ވަރަށް ބޮޑު ކުރިއެރުން އައިތަން އެބަ ފެނޭ ހުޅުމާލޭގައިވެސް، ކުރީގައި އެއީ، ހަމައެކަނި ނިދާލަން އެކަނި މީހުން ހުޅުމާލެއަށް ދާނީ. އެއްވެސް ކަހަލަ ދިރުމެއް، އަނެއްހެން އިޤްތިޞާދީ ގޮތުން، އިޖުތިމާޢީ ގޮތުންނެއް ނޯންނާނެ ހުޅުމާލެއަކު. ދެން އެއާ އެކީގައި އެ އައި ބަދަލާއި، ފޭސް 2އާ އެކީގައި އުފެދިގެން މި އައި ކުރިއެރުމާއި، މިހުރިހާ ކަމަކަށް، ބަލާއިރު، ބުރިޖު ފާހަގަކުރެވެނީ، އެ އިމްޕެކްޓަށް ބަލާއިރުގައި، އޭގެ ސަބަބުން އައި އަސަރަށް ބަލާއިރުގައި، ނަތީޖާއަށް ބަލާއިރުގައި އެންމެ ބޮޑު މަޝްރޫޢަކަށް ފެންނަނީ އެ މަޝްރޫޢު.

އެކަމަކު އޭގެ އިތުރަށްވެސް އެބަހުރި، ވަރަށް ކުދިކުދިވެސް، ވަރަށް މުހިންމު ކަންކަން ކުރެވިފައިވެސް ހަމަ. ދެން މާލެ އެކަނި ބަލައިލަންޏާ، މާލޭގައި ހެދިފައި ހުންނާނެ ކުދިކުދި ޕާކުތައް. އަދި ވަރަށް ބޮޑެތި ޕާކުތައްވެސް. އެއިން ކޮންމެ ކަމަކީވެސް ފާހަގަކުރެވޭ ކަންކަން. އެއީ، އޭގެ ސަބަބުން ކުޑަކުޑަ ޕާކެއް ތަރައްޤީ ކޮށްލީމާވެސް ކުދިންނަށް، ކުޑަކުދިންނަށް، ނޫނީވިއްޔާ ޢާއިލާތަކަށް ވަރަށް ބޮޑު އުފަލެއް އެބަ ހާސިލުކޮށްދެވޭ. ބޮޑެތި އިންފްރާސްޓްރަކްޗަރ ގާއިމުކުރީމާ ލިބޭ ވަރަށްވުރެވެސް ބޮޑެތި އުފާ އެބަ ލިބޭ. ޢާއިލާތަކަށް ހިތްހަމަޖެހިލައިގެން ނުކުމެ ވަގުތުކޮޅެއް ހޭދަކުރަން ލިބުނީމަ. އެހެންވީމާ، އެގޮތަށް އެބަހުރި ވަރަށް ގިނަ ކަންކަން ކުރެވިފައި. އަދި ރާއްޖޭގެ އެންމެ ދެކުނުން އެންމެ އުތުރަށްވެސް އެބަހުރި ހަމަ އޭރުގައި ބަނދަރުތަކާއި، އެކިކަހަލަ، އެކިކަހަލަ މަސައްކަތް ކުރެވިފައި.

އެހެންވީމާ، ޖުމްލަކޮށް ދަންނަވަންޏާ ބުރިޖު މަސައްކަތް އެއީ، އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ މަސައްކަތެއް. އެހެންނަމަވެސް، ވަރަށް ގިނަ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދިޔަ. ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން، ސުޕަރވިޝަން ކަންތައްތައް އަޅުގަނޑުގެ ބެލުމުގެ ދަށުން ދިޔައީ. ހުޅުމާލޭ ފޭސް 2 ހިއްކައި، އެތަނުގެ ހުރިހާ މަސައްކަތްތަކެއް، އެ ދައުރު ނިމެންދެން ހިންގި ހުރިހާ ކަމެއް. ރައީސް ޔާމީންގެ ދައުރު ނިމެންދެން ހިންގި ހުރިހާ ކަމެއްގެ އޯވަރސީ ކުރި މީހެއްގެ ގޮތުން އަޅުގަނޑަށް މަސައްކަތް ކުރެވިފައި ވަނީ. އެހެންގޮސް ވަރަށް ގިނަ ކަންތައް ހުރީ ކުރެވިފައި. އެހެންވީމާ، އެއީ ދެން ދެންނެވޭނެ އެއްޗަކީ އިނގޭތޯ.

މުޙައްމަދު ރަމީޒު:
އަޅުގަނޑު ހިތަށްއަރަނީ ރައީސް އަދި ބުރިޖުގެ ވާހަކަ ވިދާޅުވީމާ، އަޅުގަނޑުމެންނަށް ދެން މިހާރު ހުރިހާ އެންމެންވެސް ހަމަ ނުކުމެ ބަލައިލާއިރު، ވިލިނގިއްޔާ ދިމާއަށް ދާން އޮންނަ ބުރިޖުގެ ވާހަކަ މި ދެކެވެނީ. އެހެންވީމާ، މިހާރު ދެން ކޮބައިތޯ މިހާހިސާބުން ފެށިގެން ވިލިނގިއްޔާ ހިސާބަށް ގޮސްލުމާ، މި ކަންތައްތަކުގައި ކިހާ ދުވަހެއް ނަގާފާނެ ކަމަށް ލަފާކުރެވޭތޯ؟ ދެން ހަމަ މިއީ ވަރަށް ޓެކްނިކަލް ސުވާލެއް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަދި، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ސަރުކާރަށް އާދެވިގެން އެކަމުގައި އެ އަވަސްކުރާކަށް ކަމެއް ކުރުމުގައި އަދި މާބޮޑު ފުރުޞަތެއް ނެތް. ދެން އަޅުގަނޑު ދިޔައިން ބަލައިލަން އިނގޭތޯ. ހަމަ އެންމެ ފުރަތަމަކޮޅުގައި، އެންމެ ފުރަތަމަ ހަފްތާގައި ދިޔައިން ބަލައިލަން. ހުރިހާ މަޢުލޫމާތެއް ހޯދިން. އެކަމުގައި އެއޮތީ ވަރަށް ބޮޑު އިތުރު ވަގުތު ދީފައި އެ ބޭފުޅުންނަށް. ދެން އެ ތަފްސީލަށް ނުގޮސް، ކޮންމެ ގޮތެއްވިޔަސް، 2026ގެ ފަހުކޮޅު، 2027ގެ ތެރޭގައި ނިމޭގޮތަށް މިހާރު އެއޮތީ 2026، 2027. 2026ގެ ފަހުކޮޅު ނޫނީ 2027ގައި އެގޮތަށް. އެ ހިސާބަށް މިހާރު މަޝްރޫޢު އެއޮތީ. ދެން އަޅުގަނޑު ދަންނަވައިގެން މިއުޅެނީ އިންޑިޔާ ސަރުކާރުގައިވެސް. އަޅުގަނޑު އިހަށްދުވަހު މި ކޮޕް-28 އަށް ގޮސްފައި، ސައިޑްލައިންގައި ބޮޑުވަޒީރާ ބައްދަލުވި ބައްދަލުވުމުގައި، ރަސްމީކޮށް އެ ބައްދަލުވުމުގައި އަޅުގަނޑު ދެންނެވިން، މި ބުރިޖު މަޝްރޫޢު އަވަސްކުރަން ބޭނުންވެއޭ. ދެ ޤައުމަށްވެސް އެންމެ ފައިދާ ހުރި ކަމަކަށް ވާނީ އެގޮތޭ. އެންމެ ޓެކްނިކަލް ކަންކަމުގައި މަޝްވަރާ ކުރުމަށާއި އަދި ބޮޑެތި ކަންކަމުގައި މަޝްވަރާ ކުރަން ހައި ލެވެލް ކޮމިޓީއެއް ނަގައިގެން، އޭރުން ވަގުތުން ޑިޒިޝަންސް މޭކް ކުރެވޭނެއޭ ބްރިޖް މަޝްރޫޢު އަވަސްކުރަންވެސް. އެހެންވީމާ، މިހާރު އެ އޮތީ 2026ގެ ފަހުކޮޅު، 2027ގެ ކުރީކޮޅު، އެ ހިސާބުގައޭ. އަދި ދެ އަހަރު އެބަ ނަގާ. ވަރަށް ދުވަސް އެއީ. އެހެންވީމާ، އަޅުގަނޑު ގަބޫލެއް ނުކުރަން، އެހާ ދުވަސް ނަގާވަރު ކަމެއް ކަމަކަށް އެއީ. އެއީ، ދެން ތިލަފުށްޓާ ހަމައަށް. ދެން އެންމެ ކުޑަމިނުން ވިލިނގިއްޔާ ހަމައަށް، މި އަންނަ އަހަރު ތެރޭގައި، 2024 ނިމެންވާއިރަށް ނުވަތަ 2025ގެ ކުރީކޮޅު ނިންމުނަސް ވަރަށް ބޮޑުވަރުވީ. ވަރަށް ސްލޯކޮށް.

ދެން، އަޅުގަނޑު މި ބަލަނީ އޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް، ނޫނީ ސިނަމާލެ ބުރިޖުގެ މަސައްކަތް އެ ގެންދެވުނު ގޮތަށް ބަދަލުކޮށްލެވޭ ގޮތެއްވޭތޯ. ދެން އޭގައި އެބަހުރި، ޓެކްނިކަލް ވަރަށް ގިނަ ކަންތައްތަކެއް، އަޅުގަނޑުމެންނަށް އަވަސްކުރަން ދެ ޤައުމުގެ އިސް ލެވެލުން ގޮތް ނިންމައިފިއްޔާ ކުރެވޭނެ. އަޅުގަނޑުމެން މިތިބީ ކުރަން ބޭނުންވެގެން. ދެން ކުރުގޮތަކަށް، އެންމެ ކުރުކޮށް ދަންނަވަންޏާ މައި ތަނބުތައް ޖެހުމުގައި ހަނދުމަފުޅު ހުންނާނެ، ކެރޭނެއް ވެއްޓުނު ހަނދާންވެސް އެ ތަނބެއް ޖަހަން އުޅެނިކޮށް. އޭގެ މަސައްކަތެއްގައި އުޅެނިކޮށް. އެ ތަނބުތައް ޖެހުމުގައި ދިޔަ، ދޮޅު އަހަރެއްހާ ދުވަސް. އެކަމުގައި އެ ބޭފުޅުންނަށް ރަނގަޅަށް ސްޓާޓް ނުކުރެވިދިޔަ ކަމުގައި އަޅުގަނޑު ކައިރީގައި ވިދާޅުވި. ދޮޅު އަހަރެއްހާ ދުވަސް ތަނބުތައް ޖަހަން. ދެން އެ ވީގޮތް، ދެން އެއީ މާޒީ. ދެން ކޮންމެގޮތެއްވިޔަސް މިހާރު އެއޮތީ ފެށިފައި. މިހާރު އެބަދޭ އެކަން ވަރަށް ބަރާބަރަށް. ވަރަށް ހަމަ ރަނގަޅު. މިހާރު ރަނގަޅު ޓީމެއް ގެނެސްގެން އެކަން އެބަ ހިނގާ. އެހެންނަމަވެސް، އެ ދޮޅު އަހަރެއްހާ ދުވަސް އެ ދިޔައީތާއޭ. އޭގައި ދެން އަޅުގަނޑު ނުދަންނަވާނަން، ވަކި ބައެއްގެ ސަބަބުންނޭ. ކޮންމެގޮތެއްވިޔަސް އެއީ، ދެން މާޒީގައި އޮތް ކަމެއް. އެހެންވީމާ، މިހާރު އެ އޮތީ ފެށިފައޭ. އިރާދަކުރެއްވިއްޔާ، ދެން އޮތީ ހަމަ ބާރު ސްޕީޑްގައި ދާގޮތަށޭ. އެކަމަކު މިއަށްވުރެ ބާރު ކުރެވޭނޭ. ކުރެވޭނެ. އޭގައި އެބައޮތޭ ގޮތްގޮތް.

އެހެންވީމާ، އަޅުގަނޑު ހުށަހަޅައިގެން މި އުޅެނީ. 2026 ކަމަށް ބޮޑަށް މި ފެންނަނީ. އެކަމަކު 2025ގެ ކުރިޔަށް، ކުރީކޮޅަށް ނިންމުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ކަމެއް. އެކަމަކު އަދި އަޅުގަނޑުމެންނަކަށް ދިވެހި ސަރުކާރުގެ ބާރެއް އެގޮތަކަށް އެހާ ބޮޑަކަށް، މިދެންނެވީ އެ އަވަސްކުރުމުގައެއް ދެކޮޅުން އެކީގައި ވާރކް ކޮށްގެން ނޫނީ ނުވާނެ ކަމަކަށްވާތީ، ދެ ސަރުކާރު އެކީގައި އަޅުގަނޑު ހުށަހަޅައިގެން މިއުޅެނީ. އިރާދަކުރެއްވިއްޔާ ވާނެ އެކަންތައް.

ނަޞްރުﷲ އިދުރީސް:
އަޅުގަނޑުމެން މިވަގުތުކޮޅު މި ޚާއްޞަކޮށްލަނީ ހަމަ މެޑަމް ސާޖިދާއަށް ޚާއްޞަ ފޯންކޯލަކަށް އިނގޭތޯ. އަޅުގަނޑު ފުރަތަމަ ނަމެއް ނުދަންނަވާނަން. السَّلَامُ عَلَيْكُمْ.

ސަލްވާ ޢަލީ:
وَعَلَيْكُم ٱلسَّلَامُ.

ނަޞްރުﷲ އިދުރީސް:
ބާއްޖަވެރި ހެނދުނަކަށް އެދެން. އަދި ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައްވެސް އަރިސްކުރަން އިނގޭތޯ.

ސަލްވާ ޢަލީ:
އާދެ، ޝުކުރިއްޔާ.

ނަޞްރުﷲ އިދުރީސް:
މެޑަމް ސާޖިދާ އެބަ އިންނެވި އިނގޭތޯ. ސާޖިދާ ކޮން ބޭފުޅެއްތޯ މިއީ؟

ސާޖިދާ މުޙައްމަދު:
އަދި ވާހަކަ ދައްކާލީމާ.

ނަޞްރުﷲ އިދުރީސް:
އިނާމެއް ލިބޭނެ އިނގޭތޯ.

ސާޖިދާ މުޙައްމަދު:
އެއްޗެއް ވިދާޅުވީމަ ދޮގެއްތޯ.

ސަލްވާ ޢަލީ:
ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވަން އިނގޭތޯ.

ސާޖިދާ މުޙައްމަދު:
ސަލްވާ ދޮގެއްތޯ.

ނަޞްރުﷲ އިދުރީސް:
އެނގިވަޑައިގެންފި ދޮގެއްތޯ؟

ސާޖިދާ މުޙައްމަދު:
ސަލްވާ ދޮގެއްތޯ؟

ނަޞްރުﷲ އިދުރީސް:
އާދެ، އަޑު ދިމާކުރެއްވީއޭ. އެހެންވީމާ، އިނާމެއް ތި ލިބިވަޑައިގަތީ އިނގޭތޯ. މިވަގުތު އަޅުގަނޑުމެންނާ ގުޅިފައި މިވަނީ މެޑަމް ސާޖިދާގެ ކޮއްކޯފުޅު ސަލްވާ ޢަލީއާ. ސަލްވާ.

ސަލްވާ ޢަލީ:
އާދެ.

ނަޞްރުﷲ އިދުރީސް:
މިކަހަލަ ގޮތަކަށް ދެން މިއީ ދައްތައާ ބައްދަލުވި ފުރަތަމަ ފަހަރު ކަންނޭނގެ. ދެން އަބަދުވެސް ބައްދަލުވާނެ ދޮގެއްތޯ؟

ސަލްވާ ޢަލީ:
އާދެ، އަބަދުވެސް ބައްދަލުވޭ. މިގޮތަށް ހަމަ ފުރަތަމަ ފަހަރަށް މި ވާހަކަ ދައްކައިލަނީ.

މުޙައްމަދު ރަމީޒު:
މިއީ ދޮންތަތޯ؟ ތުއްތަތޯ؟

ސަލްވާ ޢަލީ:
ދައްތަ އަޅުގަނޑު ކިޔަނީ.

މުޙައްމަދު ރަމީޒު:
ދައްތަ؟

ސަލްވާ ޢަލީ:
އާދެ.

ނަޞްރުﷲ އިދުރީސް:
ދައްތައާ ކިހާވަރެއްގެ ގާތްކަމެއް އޮވޭތޯ ސަލްވާ؟

ސަލްވާ ޢަލީ:
ދެވަނަ ހަމަ މަންމައެއް ފަދަ. މިވަގުތު އަޅުގަނޑުގެ މަންމަ ދުނިޔޭގައެއް ނެތް. މިވަގުތު މަންމައެއްގެ މަގާމު ފިލްކުރާ ބޭފުޅެއް ދައްތައަކީ.

މުޙައްމަދު ރަމީޒު:
ބައެއް ފަހަރު ބާރަށް އެއްޗެހި ބުނަންޖެހޭ ހިސާބަށްވެސް ދޭތޯ؟

ސަލްވާ ޢަލީ:
އާދެ.

މުޙައްމަދު ރަމީޒު:
ކިހިނެއްތޯ ސާޖިދާ، ސަލްވާ މިއީ ކޮންކަހަލަ ކުއްޖެއްތޯ؟ ކިހާވަރެއްގެ ގުޅުމެއްތޯ، ދެ ބޭފުޅުންގެ މެދުގައި އޮންނަނީ؟

ސާޖިދާ މުޙައްމަދު:
ދެން އަޅުގަނޑުގެ މަންމަގެ ކުދިންނާ ވަރަށް ގާތްވާނެ. ދެން އަސްލު އަޅުގަނޑު ބޮޑުވީ އެ ކުދިންގެ ބައްޕައާ އެކީގައި ޙަޤީޤަތުގައި. އަޅުގަނޑުގެ ބައްޕައާ ވަކިން. ދެން އެހެން ނަމަވެސް، ފަސް އަހަރުން ފެށިގެން އަސްލު ސަލްވާގެ ބައްޕަ އަޅުގަނޑު ގެންގުޅުއްވީ. އެބަ ހުންނެވި ދުނިޔޭގައިވެސް. ދެން، އަޅުގަނޑަށް ވަރަށް މުހިންމު ބޭފުޅެއް އަސްލު ސަލްވާގެ ބައްޕައަކީ. ދެން، އަޅުގަނޑުމެން ހަމަ ބޮޑުވެގެން އައިއިރުގައިވެސް އެ ކުދިންނަށްވެސް ނޭނގޭނެ، އަޅުގަނޑުމެން އެއްބަނޑު އެއްބަފާ ނޫންކަމެއް. ދެން ވަރަށް ގާތް. ހަމަ މަންމައާ އެކީގައި، އަނެއްހެން ބުނަންޏާ، އަޅުގަނޑު މިހިސާބަށް އައުމުގައި އެ ކުދިންގެ ރޯލު ވަރަށް ބޮޑު.

ދެން އޭގެ ތެރެއިން އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން މިސާލަކަށް، އަނެއްހެން އޭޖުގެ ތަފާތެއް އުޅޭނެ. ގާތްގަނޑަކަށް ސަލްވާއާވެސް އަޅުގަނޑާ އުޅޭނެ 12 އަހަރުގެ ތަފާތު. އެހެންނަމަވެސް، އަޅުގަނޑު ކައިވެނިކޮށްގެން ދިޔައިރުގައި، އެ ކުދިން އަނެއްހެން އެހާބޮޑެތި ކުދިންނެއްވެސް ނޫން. ދެން އެކަމަކުވެސް އޭރުގައިވެސް ހަމަ މަންމައެއްގެ ގޮތަށް. މަންމަ ވަރަށް ބޭރަށް ނުކުމެ ނޫޅުއްވާނެ. ދެން އެހެންވީމާ، ޕޭރަންޓް މީޓިންގއަށްވެސް ދާނީ އަޅުގަނޑު އެ ކުދިންނާ އެކީގައި.

ދެން އޭގެ އިތުރުން، އަޅުގަނޑު މާސްޓަރޒް ހަދަން ހުރިއިރުގައި، ދެން މީހަކު ނެތީމާ 16 އަހަރުވީ ދުވަހު އައީ. 6 މަހުން 6 މަހުން ޔޫ.ކޭ.ގައި ތިބެވޭނީ. އަޅުގަނޑުގެ ދެން އޭރު ގަރލްއެއް ހުންނާނެ. އެ ކުއްޖާ ކައިރީގައި މަޑުކުރަން ހަމަ ދޭ ވާރ ސިކްސްޓީން އިޔަރޒްގައިވެސް އަޅުގަނޑަށް އެހާ އެހީތެރިކަމާ އެކީގައި. ދެން ސަލްވާ އެންމެ ފުރަތަމަ އައިސް އަޅުގަނޑާ އެކީގައި މަޑުކުރީ އަޅުގަނޑު ދަރިފުޅު ކައިރީގައި، އަޅުގަނޑު ކިޔަވަން ދިޔައިރުގައި. ދެން އަޅުގަނޑުވެސް އަދި ރައީސްވެސް ވަރަށް ބިޒީވާނެ ކިޔެވި ދުވަސްވަރު. ދެން އެކަމަކު ހަމަ އެގޮތަށް. އެހެންވީމާ، އަނެއްހެން ބުނަންޏާ ވަރަށް ވަރަށް ގާތް. އަޅުގަނޑަކަށް ދެން އެ ބަޔާންކޮށްދޭންވެސް މި ބުނީ ދަތި. މިހާރު އަޅުގަނޑުގެ ފިރިމީހާގެ އިތުރުން، ދެން އަޅުގަނޑާ ޢާއިލީ ގޮތުން، އަޅުގަނޑުގެ މަންމަ ބައްޕަވެސް މިވަގުތު ނެތް ދުނިޔޭގައި. ނެތީމާ އަޅުގަނޑާ އެންމެ ގާތްވާނީ ޢާއިލީގޮތުން އެކުދިން.

ނަޞްރުﷲ އިދުރީސް:
ސަލްވާ، މިގޮތަށް ދެން ދައްތައާ ބައްދަލުވީމާ، ދެން ކީކޭ ބުނުއްވާނީ؟ ކޮން ވާހަކައެއް ވިދާޅުވާން އޮތީ؟

ސަލްވާ ޢަލީ:
ވަރަށް އުފާވޭ މިއަދު އެކަހަލަ މަގާމެއްގައި މިއަދު ރާއްޖެ ތަމްސީލު ކުރައްވަން އެގޮތަށް ހުންނެވީތީ. ވަރަށް ވަރަށް އުފާވޭ.

މުޙައްމަދު ރަމީޒު:
ދެން އުފަލުން އެންމެ ގާތްކޮށް ވިދާޅުވާނީ ކީކޭ؟

ސަލްވާ ޢަލީ:
ގާތްކޮށް ދަންނަވާނީ އައި އޭމް ސޯ ޕްރައުޑޭ އަސްލު.

ނަޞްރުﷲ އިދުރީސް:
ފަހަރެއްގައި ހަމަ ވިދާޅުވެދާނެތާ ވަރަށް ލޯބިވެއޭވެސް.

މުޙައްމަދު ރަމީޒު:
އެހެންވެގެން އެހެން ވިދާޅުވޭތޯ އަޅުގަނޑު މިއުޅެނީ އަސްލު.

ސަލްވާ ޢަލީ:
ވަރަށް ވަރަށް ލޯބިވޭ. އަސްލު ޙަޤީޤަތުގައި، މިވަގުތު އަޅުގަނޑުގެ މަންމައެއްގެ ހައިސިއްޔަތުން ހުންނެވި ބޭފުޅާ އެއީ. ވަރަށް ލޯބިވޭ. ދައްތައަކީ ނަމޫނާ ދައްތައެއް ހަމަ އަޅުގަނޑުމެންނަށް ލިބިފައި ހުރި. ހަމަ ރަންގަނޑެކޭ ބުނެވޭނީ.

ނަޞްރުﷲ އިދުރީސް:
ރައީސްވެސް އެއްޗެއް ވިދާޅުވަން ބޭނުންފުޅު ވެދާނެ ކަންނޭނގެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ހަމަ އެކަމަށް ތާއީދު.

މުޙައްމަދު ރަމީޒު:
އަތް އުފުލާލައްވާނީ ދޮގެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ.

ނަޞްރުﷲ އިދުރީސް:
ސަލްވާ ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. މިހާ ހެނދުނުގެ ވަގުތެއްގައިވެސް އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވީތީވެ.

ސަލްވާ ޢަލީ:
އާދެ، ޝުކުރިއްޔާ. ވަރަށް މަރުޙަބާ އިނގޭތޯ.

މުޙައްމަދު ރަމީޒު:
އަޅުގަނޑު ހިތަށްއަރަނީ، ރައީސް ކުޅިވަރަށް ކިހާވަރަކަށް ލޯބި ކުރައްވަންތޯ؟ އެއްވެސް ކުޅިވަރެއް ކުޅުއްވައި ހެއްދެވިންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ކުޅިވަރު ނުއެއް ކުޅެން އެގޮތަކަށް. ކުޅިވަރު ބަލާހިތްވޭ، ޚާއްޞަކޮށް، ފުޓްބޯޅަ ވަރަށް ބަލަން. ދެން ކުޅެވޭވަރެއްނުވޭ ދުވަހަކުވެސް. ސްކޫލްގައި ކުޅެން އުޅެނިކޮށް އެކަންވެސް ވާގޮތް ނުވި.

ސާޖިދާ މުޙައްމަދު:
މަންމަ ލަނޑެއް ދިނީ.

މުޙައްމަދު ރަމީޒު:
ކިހިނެއްތޯވީ އަނެއްކާ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެ ދެން ރަނގަޅަކަށް ކުރި ކަމެއް ކަމަށް މި ބަލަނީ. ނޫނޭ އަސްލުގައިވެސް. އޭރުގައި އަޅުގަނޑުގެ އިނގިލި، ފައިގެ ބޮޑުވާ އިނގިލި ކޮންމެވެސް ކަހަލަ ގޮތެއްވެގެން ވަރަށް ބޮޑަށް ހަލާކުވާނެ ވަރަށް ފަސޭހައިން. ދެން އަބަދުވެސް ކޮންމެވެސް ކްރީމެއް ހާކައިގެން އެގޮތަށް ބަލަހައްޓާނީ މަންމަ. ދެން ފުޓްބޯޅަ ކުޅެން އިސްކަންދަރު ސްކޫލުގައި، އޭރުގައި ދެން ޓީމު ނަގަންވެގެން، ދެން އަޅުގަނޑު ގޮސްފައި މިބަލަނީ ހޮވޭތޯ. ދެން ފަހުން ޓީޗަރު ބުނަނީ ނުހޮވުނޭ. ދެން މާފަހުން، މާފަހުންނޭވެސް މި ދެންނެވީ ދެން އެ ހިސާބުން އެ ސްކޫލް ދައުރުގައި ފުޓްބޯޅަ ހުއްޓުނީމާ އެ ހުއްޓުނީ. ދެން ވަރަށް ފަހުން މި އެނގުނީ އެއީ، މަންމަ ގުޅާފައި ބުނީކަން ނަގައިގެން ނުވާނެއޭ، ނުނަގާށޭ. އެއީ، އިނގިލި ހަލާކުވާތީ.

މުޙައްމަދު ރަމީޒު:
އެހެންވަނީ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެހެން ނޫންނަމަ ކިހިނެއް އެނގެނީ، މިހާރު ހުރެދާނެތާ ވަރަށް މައްޗަށް ގޮސްފައިވެސް.

ސާޖިދާ މުޙައްމަދު:
އަސްލު އޭގައި، އެނގުނު ގޮތް އަސްލު މީގައި މަޖަލީ.

މުޙައްމަދު ރަމީޒު:
ކިހިނެއްތޯ މި އެނގުނީ؟

ސާޖިދާ މުޙައްމަދު:
ވީގޮތަކީ އެއްދުވަހަކު އަޅުގަނޑަށް ކިޔައިދީފައި އޮތީ. ތިމަންނަ ވަރަށް ވެފައި ދިޔައިއްޔޭ ބައްޕަ އަތުން ވަރަށް އަގުބޮޑުކޮށް ބޫޓެއް ގަނެގެން. ގޮސްފައި އަރައިގެން ނުހޮވުނޭ. އެ ވާހަކަ ވިދާޅުވެފައި އޮއްވައި، އެއްދުވަހަކު މަންމަ ވަރަށް ފަހުން އަޅުގަނޑަށް، ހަމަ މީގެ ދެ އަހަރެއް، ތިން އަހަރެއް ކުރިން އެއީ. ވިދާޅުވި، އެނގޭހެއްޔޯ ތިމަންނަ ކުރި ކަމެއް އެދުވަހު. އަބަދުވެސް އިނގިލި، ބޮޑުވައި އިނގިލި ހުންނާނީ ފޮޅިފައޭ. އެހެންވީމާ، ކުރިއަށް ދާހިތްވާތީވެ ތިމަންނަ ދެން ފޮނުވިއްޔޭ. ކުރިން ޓީޗަރަށް ގުޅާލާފައި ބުނެފީމޭ މުޢިއްޒު ނުހޮވައްޗޭ. އެކަމަކު ދާހިތްވާތީ މި ފޮނުވިއްޔޭ. އެކަމަކު ނުހޮވުނު ކަމަށް ހަދާށޭ. ދެން އެދުވަހު އަޅުގަނޑަށް މީތި ޕަޒުލް ކުރެވޭނެތާ. ދެން އަޅުގަނޑު އައިސްފައި ދެންނެވީ އެނގޭހޭ އަސްލު ނުހޮވުނީ ކީއްވެގެންކަން. އެ ހިސާބުން ދެން މި އެނގުނީ އަސްލު.

ނަޞްރުﷲ އިދުރީސް:
އަނެއްކާވެސް ހަމަ ޚާއްޞަ ފޯންކޯލެއް. މިފަހަރު ރައީސަށް ޚާއްޞަ ކޯލެއް މިއީ. މިފަހަރުވެސް އަޅުގަނޑުމެން، ނަން ފުރަތަމަ ނުދަންނަވައި ރައީސަށް އެނގިވަޑައިގަންނަވާވަރެއް ބަލައިލާނަން.
السَّلَامُ عَلَيْكُمْ

އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން:
وَعَلَيْكُمْ السَّلَامُ

ނަޞްރުﷲ އިދުރީސް:
ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑުމެންގެ ފަރާތުން.

އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން:
އަޅުގަނޑުވެސް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަން އިނގޭތޯ.

ނަޞްރުﷲ އިދުރީސް:
މިވަގުތު އަޅުގަނޑުމެންނާ އެކީގައި ދިވެހިރާއްޖޭގެ އަޑުގެ ސްޓޫޑިއޯގައި، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން އެބަ އިންނެވި. ކޮބައިތޯ ރައީސަށް ވިދާޅުވާން އޮތް ވާހަކަފުޅަކީ؟

އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން:
އަޅުގަނޑު ދެން ރައީސަށް، ރައީސެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. ވަރަށް އުފާކުރަން އިނގޭތޯ. ދެން ވާހަކަތައް އަޑުއަހާފައި، ކަންތައްތައް ކުރިއަށް ގެންދާ ގޮތުގެ ވާހަކަ އަޑުއަހާފައި ވަރަށް އުފާކުރަން.

ނަޞްރުﷲ އިދުރީސް:
ކޮން ބޭފުޅެއްކަން އެނގިވަޑައިގެންފިތޯ ރައީސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ފެމިލިއަރ.

ނަޞްރުﷲ އިދުރީސް:
ރަމީޒު ހިންޓެއް ލިބިދާނެތޯ؟

މުޙައްމަދު ރަމީޒު:
ކޮންމެވެސްވަރެއްގެ ހިންޓެއް ލިބިދާނެ. ވިދާޅުވެދެއްވަފާނަންތޯ، ރައީސަކީ ކިޔަވައި ވިދާޅުވި ދުވަސްވަރު ކޮންކަހަލަ ބޭފުޅެއްކަން.

އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން:

އާދެ، އަޅުގަނޑު ފާހަގަކޮށްލި ގޮތަށް، ވަރަށް މަޑުމައިތިރި، ހިތްހެޔޮ މިޒާޖެއްގެ، އަޚްލާޤު ރަނގަޅު ބޭފުޅެއް މުޢިއްޒަކީ.

ނަޞްރުﷲ އިދުރީސް:
ރައީސްގެ މުދައްރިސުންގެ ތެރެއިން ބޭފުޅެއް މިއީ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑަށް ހަމަ ވަރަށް ފެމިލިއަރ އިނގޭތޯ.

ނަޞްރުﷲ އިދުރީސް:
މިހާރު އެނގިވަޑައިގެންފިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ.

އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން:
ވަރަށް ދުވަސްވެއްޖެ، ފަހަރެއްގައި އެނގިވަޑައިނުގެންފާނެ ކަންނޭނގެ.

މުޙައްމަދު ރަމީޒު:
ނޫން. އެނގިވަޑައިގެންފި ކަމަށްވަނީ ދޮގެއްތޯ؟

ނަޞްރުﷲ އިދުރީސް:
މިއީ ޝުޢައިބް ޢަބްދުއްރަޙްމާން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އާދެ. އެހެން ދަންނަވަން މިއުޅެނީ.

މުޙައްމަދު ރަމީޒު:
ރައީސަށް އެނގިވަޑައިގެންފި އިނގޭތޯ.

އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން:
ވަރަށް މަރުޙަބާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ.

ނަޞްރުﷲ އިދުރީސް:
ރައީސް، މުދައްރިސެއްގެ ގޮތުގައި ޝުޢައިބުގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވެފައިކަންނޭނގެ ހުންނާނީ. އެބައޮތްތޯ އެހެން ޚާއްޞަ ކަމެއް ފާހަގަކޮށްލައްވާނެ؟

އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން:
އަޅުގަނޑު ދެން ކުލާސް ޓީޗަރެއް ނޫންވީމަކާ، އެގޮތަކަށް ނެތް. އެހެންނަމަވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން. އެ ދުވަސްވަރަކީ ކުދިން ވަރަށް ބޮޑަށް ކުލާސްތަކުގައި ސަކަރާތްޖެހި ދުވަސްވަރެއް. އެހެންނަމަވެސް، މުޢިއްޒު އަޅުގަނޑަށް ފާހަގަކުރެވުނީ ވަރަށް މަޑުމައިތިރި، އަޚްލާޤު ރަނގަޅު، ދެން މިކަން އަޅުގަނޑު ފާހަގަކުރަނީ އެހެން އެވީ އެ ބޭފުޅާގެ ބައްޕަ ދަންނަން. ވަރަށް ހިތްހެޔޮ ބޭފުޅެއް. މަންމަ ފަރާތުގެ ކާފައާ އެކީގައި އެޓޮލްސްގައި އުޅެވުނު. ވަރަށް ހިތްހެޔޮ ބޭފުޅެއް. އެހެންވީމާ، ޢާއިލީ ގޮތުންވެސް އެ އަސަރު ކޮށްފައި ހުރީމާ އަޅުގަނޑަށް ފާހަގަކުރެވެނީ.

ނަޞްރުﷲ އިދުރީސް:
ކޮބައިތޯ ރައީސް ފާހަގަކުރައްވާނެ ކަމަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑުގެ އިސްލާމް ޓީޗަރެއްގެ ގޮތުގައި ޝުޢައިބް ކިޔަވައިދެއްވީ ގްރޭޑް 10 ގައި. އަޅުގަނޑު އަބަދުވެސް ހަނދާން ހުންނާނެ، އަޅުގަނޑަށް ނަންގަވައިދެއްވި ފިލާވަޅުތައް، ދެއްވި އިރުޝާދުތައް. ހަމަ މިއަދުވެސް ޝުކުރު ދަންނަވަން އެކަމަށް.

އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން:
އަޅުގަނޑު ދެން ކުޑަކުޑަ އެއްޗެއް ދަންނަވާލާނަން.

ނަޞްރުﷲ އިދުރީސް:
އާދެ، ވިދާޅުވޭ.

އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން:
ކުޑަ ނަސޭހަތެއްގެ ގޮތުގައި އިނގޭތޯ. ވެރިކަމަކީ އުފަލެއް ކަމުގައި ދެކެވަޑައިނުގަންނަވައްޗޭ. ޙަދީޘް ކުރައްވާފައިވޭ، ރަސޫލާ ކުޑަ ކުއްޖަކާ ގުޅުވާފައި. ކިރުބޯ ކުއްޖަކާ ވެރިކަން ކުރާ މީހާ ގުޅުވާފައި އޮންނަނީ. ކިރުބޯ ދުވަސްކޮޅު ވަރަށް އުފާކުރާނެއޭ. ކިރުމައިން ދޫކޮށްލީމާ ވަރަށް ހިތާމަކުރާނެއޭ. އެހެންވީމާ، އެ ހިސާބަށް ދިޔަ ނުދެއްވައްޗޭ. ރައްޔިތުންގެ ޙައްޤުތަކުގެ ކަންތައްތައް ނިންމަވާއިރު ހާސްފަހަރު ވިސްނަވާފައި ނޫނީ ރައްޔިތުންގެ ޙައްޤުތަކާ ގުޅޭ ކަންތައްތައް ނުނިންމަވައްޗޭ. އަޅުގަނޑު ހަމަ މުދައްރިސެއްގެ ހައިސިއްޔަތުން ހަމަ ހެޔޮއެދޭތީ ދަންނަވާލީ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ ހަމަ. ތިކަން އަޅުގަނޑު ވަރަށް ބަލައިގަންނަން. ވަރަށް އުފާކުރަން. އަޅުގަނޑުގެ ވިސްނުންވެސް އަދި ގަބޫލުވެސް ކުރާގޮތް. އުފަލެއް ނޫން. ޒިންމާއެއް، އަމާނާތެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަ ދެއްވި އިރުޝާދާ އެއްގޮތަށް އަޅުގަނޑު މަސައްކަތް ކުރާނަން.

އައްޝައިޚު ޝުޢައިބު ޢަބްދުއްރަޙްމާން:
އާދެ، ވަރަށް އުފާކޮށްފިން.

ނަޞްރުﷲ އިދުރީސް:
އާދެ، ވަރަށް ބޮޑަށް އުފާވެއްޖެ އިނގޭތޯ ބައްދަލުވީމަ. ކޮންމެ އުމުރެއްގައި ކޮންމެ ތާކުން ދިމާވިޔަސް މުދައްރިސުންގެ މި އޮންނަނީ ނަސޭހަތް ދެއްވުން ދޮގެއްތޯ؟ އިރުޝާދު ދެއްވުން. އެގޮތުން، ޝުޢައިބުވެސް އަނެއްކާވެސް ވަރަށް ބޮޑު ނަސޭހަތެއް މި ދެއްވީ ދޮގެއްތޯ. ޝުޢައިބް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އައްޝައިޚު ޝުޢައިބް ޢަބްދުއްރަޙްމާން:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ހުރިހާ ބޭފުޅުންނަށްވެސް.

މުޙައްމަދު ރަމީޒު:
އާދެ، ވަކިވެލާނަން އިނގޭތޯ. ދެން އަޅުގަނޑުމެންނަށް ޝުޢައިބާ ބައްދަލުވުމުގެ، ވާހަކަ ދައްކާލުމުގެ ކުރިން ދަންނަވަމުން ގެންދެވުނީ ކުޅިވަރުގެ ވާހަކަ. އަޅުގަނޑު ހިތަށްއަރަނީ، މި ފުޓްބޯޅައަށް ވަރަށް ލޯބިކުރައްވާ ވާހަކަ ވިދާޅުވެއްޖެ. އޭރު ކުޅެވުނު ނަމަ ކޮން މަގާމަކަށްތޯ ކުޅުއްވާނީ؟ ފަހަތަށްތޯ ކުރިއަށްތޯ؟ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ކުރިއަށް. ކުރިއަށް ކުޅޭނީ.

ނަޞްރުﷲ އިދުރީސް:
ލަނޑުޖަހާ މީހަކަށް ވާންޖެހޭނެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އާދެ. ކުރިއަށް ކުޅޭނީ.

ނަޞްރުﷲ އިދުރީސް:
ދެ ބޭފުޅުންގެ ޒަވާޖީ ޙަޔާތް، ދެން އަޅުގަނޑުމެންނަށް އެ ވާހަކަ އަޑުއިވިފައި އޮތީ. ދެން ވަރަށް ތަފާތު ގޮތަކަށް ދެ ބޭފުޅުން ބައްދަލުވެ، ޒަވާޖީ ޙަޔާތެއް ފަށްޓަވައި، އެހާ ގިނަ ދުވަހު ބައްދަލުވެ އެކަހަލަ ގޮތަކަށް ނޫން ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތީ. ކައިވެންޏަށް ފަހުގައި ކޮންތާކަށްތޯ ހަނީމޫނަށް ވަޑައިގެންނެވީ؟

މުޙައްމަދު ރަމީޒު:
ދެ ބޭފުޅުން އެކައްޗެއް ވިދާޅުވަންވާނެ.

ސާޖިދާ މުޙައްމަދު:
އަޅުގަނޑުމެންނަށް އޭރުގައި ވީގޮތަކީ ކިޔަވައިގެން، އަޅުގަނޑު އޮފީހުގައި އުޅެފައި ލިބުނު ކޯހުގައި ގޮސްފައި މިއައީ. ދެން އެހެންވީމާ، އައިގޮތަށް ޖެހުނީ އޮފީހާ ޖޮއިން ކުރަން. ދެން ޗުއްޓީއެއް ނޯންނާނެތާ. ދެން ޗުއްޓީއެއް ނުވެސް ލިބުނު. ދެ ތިން ދުވަސް މި ލިބުނީ. އެހެންވީމާ، އަޅުގަނޑުމެންނަކަށް ފުރުޞަތެއް ނުލިބުނު. ޗުއްޓީ ނުލިބިގެން ދާކަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެހެންވީމާ ނުދަން. ނުދެވުނީ އަސްލު.

ސާޖިދާ މުޙައްމަދު:
އޮފީހަށް ޖެހިގެން އައި ދުވަހު ނުކުންނަން ފަށައިފިން.

ނަޞްރުﷲ އިދުރީސް:
ފުރުޞަތެއް ލިބުނުނަމަ، ކޮންތާކަށްތޯ ވަޑައިގަންނަވަން ގަސްތު ކުރެއްވީ؟

ސާޖިދާ މުޙައްމަދު:
އަބަދުވެސް އޭރު ބޭނުންވަނީ ހަމަ ބޮޑަށް ރާއްޖޭގެ ރިޒޯޓެއް. މިބުނީ ރާއްޖޭގެ ތަނަކަށް ދާން. ބޭރަށް ދާކަށެއް ޚިޔާލެއް ނުކުރަން.

ނަޞްރުﷲ އިދުރީސް:
ވަރަށް ތަފާތު ދިރިއުޅުއްވުމެއް މިހާރު ދެން އުޅުއްވަންޖެހޭނީ ޔަޤީނުންވެސް. ދަތިތައްވެސް ހުންނާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ. ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުމުން، ކޮބައިތޯ ދިރިއުޅުމުގައި ދިމާވާ އެންމެދަތި ކަމަކީ؟

ސާޖިދާ މުޙައްމަދު:
ޕްރައިވެސީ ގެއްލުން. ވަރަށް އުނދަގޫ. ދެން މިހާރު މި ވާގޮތަކީ، ވަށައިގެން މީހުން ތިބޭނެ ދޮގެއްތޯ، އަޅުގަނޑު ކޮންމެ ތަނަކަށް ފިޔަވަޅެއް އެޅިކަމުގައިވިޔަސް. ދެން އަޅުގަނޑަކީ އަމިއްލައަށް އުޅުނު މީހަކަށްވީމާ ކުޑަކޮށް އުނދަގޫވޭ އެގޮތަށް. އެއީ، ހަމައެކަނި އަސްލު އަޅުގަނޑަށް ދިމާވާ އުނދަގުލަކީ އަނެއްހެން ބަލާއިރު.

ނަޞްރުﷲ އިދުރީސް:
ކުރީގެ ރަޙުމަތްތެރިން، އެކީގައި އުޅުއްވި ބޭފުޅުންނާ ކިހާވަރެއްގެ ގުޅުމެއް މިހާރު ބޭއްވޭތޯ؟

ސާޖިދާ މުޙައްމަދު:
ނޫން. އެ ގުޅުމަކަށް ބަދަލެއް ނާދޭ. ދެން މިހާރު އަސްލު އަޅުގަނޑުގެ ސްކޫލް ދައުރުގެ ރައްޓެހިންނާވެސް އަޅުގަނޑާ ގުޅުން އޮވޭ. އެހެންނަމަވެސް، ދެން ކުރީގައިވެސް ދިރިއުޅުމެއް ފެށުމަށް ފަހުގައި އަޅުގަނޑުމެންގެވެސް ކޮންމެވެސްވަރެއްގެ ބަދަލެއް އައި. ދެން ހަމަ އެހެން މިހާރު މިހެން ތިބެފައި ހަމަ ގުރޫޕްކޮށް ބައްދަލުކުރާނެ އަޅުގަނޑުމެން. އެހެންނަމަވެސް، ދެން އަޅުގަނޑު އޮފީހުގައި އެހާ ގިނަ ދުވަހު ހުރީމާ އޮފީހުގެ ގާތްކޮށް އުޅޭ ކުދިން މިހާރުވެސް ގިނަ ކުދިން އުޅޭނެ ކޮންމެ ދުވަހަކުހެން ބައްދަލުވާ ކުދިންވެސް. އަންނާނެ އަޅުގަނޑު ކައިރިއަށް، އައިސް ގޭގައި ވަރަށް ގިނަ ވަގުތު ހޭދަކުރާނެ. އެހެންވީމާ، ރައްޓެހިންނާ އޮތް ގުޅުމަކަށް އަސްލު ބަދަލެއް އަނެއްހެން އަދި ނާދޭ.

ނަޞްރުﷲ އިދުރީސް:
އަނެއްކާވެސް އެހުންތެރިޔަކާ ގުޅިފައި.

މުޙައްމަދު ރަމީޒު:
އާދެ، އަޅުގަނޑުމެންނަށް މިފަހަރު އ.އ.އާ ދިމާއަށް މި ދާން މިޖެހެނީ ދޮގެއްތޯ؟

ނަޞްރުﷲ އިދުރީސް:
އާދެ. ދިޔާނާ ކިޔާ ބޭފުޅެއް. السَّلَامُ عَلَيْكُمْ

ދިޔާނާ:
وَعَلَيْكُمُ ٱلسَّلَامُ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ.

މުޙައްމަދު ރަމީޒު:
ދިޔާނާ.

ދިޔާނާ:
ލައްބަ.

މުޙައްމަދު ރަމީޒު:
ކޮބާ އަޅުގަނޑުމެން ވާހަކަ ދައްކާލަން އުޅެއުޅެފައި ނުދެއްކުނީމާ، ދެން ފަހުން މިއޮތީ އަނެއްކާ ފުރުޞަތު.

ނަޞްރުﷲ އިދުރީސް:
މާ ރަނގަޅު ފުރުޞަތެއް ނޫންތޯ މިހާރު ދޮގެއްތޯ؟

މުޙައްމަދު ރަމީޒު:
ފަހުން ކިޔާ މައުލޫދު މޮޅޭ ބުނޭ ނޫންތޯ. އެކަހަލަ ކަމެއް މި ފަހަރު މި ދިމާވީ.

ދިޔާނާ:
އެހެން ބުނޭ. ފަހުން ނަގާ ރާޅު ބޮޑުވާނެއޭ.

މުޙައްމަދު ރަމީޒު:
ރާޅެއްނޫން ބޮޑުވީކީ. އަޅުގަނޑުމެން ކިޔަން މިއުޅެނީ، ފަހުން ކިޔާ މައުލޫދު މޮޅުވާނެއޭ، މީހުން ބުނާތީ އެ ވާހަކަ މި ދަންނަވާލީ. އަޅުގަނޑު މި ދެންނެވީ، މިފަހަރު ވާހަކަ ދައްކާލައްވާތީ، އަޅުގަނޑުމެންނާއެކީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަޑައިގެން އެބަ ތިއްބެވި. އެހެންވީމާ، ދިޔާނާ ބޭނުންފުޅުވާ ސުވާލެއްވެސް ކޮށްލެއްވުމުގެ ފުރުޞަތު އޮންނާނެ. ކިހިނެއްތޯ މިވަގުތު މޫސުމް ތިހިސާބަށް.

ދިޔާނާ:
މޫސުމް، ވަރަށް ވިއްސާރަ. މިހާރުވެސް އެބަ ވާރޭވެހޭ. ވަރަށް ވައިގަދަ.

މުޙައްމަދު ރަމީޒު:
އެހެންތޯ؟

ދިޔާނާ:
ލައްބަ. މިހާރުވެސް އެބަ ވެހޭ. ވަރަށް ބޮޑަށް ވިއްސާރަ.

ނަޞްރުﷲ އިދުރީސް:
ދިޔާނާ ކޮން ރަށެއްގައިތޯ ތިޔަ ހުންނެވީ މިހާރު؟

ދިޔާނާ:
އުކުޅަހުގައި.

ނަޞްރުﷲ އިދުރީސް:
އުކުޅަހުގައި ތިޔަ ހުންނެވީ ދޮގެއްތޯ؟

ދިޔާނާ:
އާދެ.

ނަޞްރުﷲ އިދުރީސް:
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެބަ ތިއްބެވި. ވާހަކަ ދައްކައިލެއްވޭނެ މިހާރު އިނގޭތޯ.

ދިޔާނާ:
އާދެ، މިއަދު އަޅުގަނޑު ފުރަތަމަ ބުނެލަން އޮތް އެއްޗަކީ، މިއަދު ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށާއި، ދިވެހިރާއްޖޭގެ އަޑުގެ އެންމެހައި މުވައްޒަފުންނަށް، ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ދަންނަވަން.

މުޙައްމަދު ރަމީޒު:
އާދެ.

ދިޔާނާ:
ދެން އަޅުގަނޑު ރައީސާ ކޮށްލަން ބޭނުންވާ ސުވާލަކީ، ތަރައްޤީއާ ބެހޭ ސުވާލެއް. މިހާރު އާރު.ޓީ.އެލް. ފެރީގެ ޚިދުމަތް ވަރަށް ގިނަ، ވަރަށްގިނައެއް ނޫން. ބައެއް އަތޮޅުތަކުގައި ފެށިފައި މިއޮތީ. އެކަމަކު އަދި ނުފެށި އަތޮޅުތަކެއްވެސް އެބަހުރި. އެހެންވީމާ، އެ ނުފެށި ހުރި އަތޮޅުތަކުގައި، އެ ޚިދުމަތް ފެށޭނީ، މަނިކުފާނުގެ ދައުރުގެ ކިހާ ހިސާބެއްގައިތޯ؟ ދެން ކުރީގެ ސަރުކާރުން އެބައޮތް ވިދާޅުވެފައި، 2024 ވަނަ އަހަރު ނިމުމުގެ ކުރިން، އާރު.ޓީ.އެލް.ގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް. ދެން މަނިކުފާނުގެ މި ދައުރުގައި ކިހާ ހިސާބެއްގައިތޯ އާރު.ޓީ.އެލް. ގެ ޚިދުމަތް ފެށޭނީ؟ މިހާރު ނުފެށި ހުރި ރަށްތަކުގައި.

މުޙައްމަދު ރަމީޒު:
އާދެ. ހިންގަވާ އަޑު އައްސަވައިލަމާ ދޮގެއްތޯ. ރައީސް ވިދާޅުވާ އެއްޗެއްވެސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ.ގެ މަގާމަށް ބޭފުޅަކު ލާފައި، އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ތިޔަ ވާހަކަ އޮންނާނީ ދައްކާފައި. ރަށް ރަށަށް މި އޮންނަ ނިޒާމު، ޓްރާންސްޕޯޓުގެ ނިޒާމު، އާރު.ޓީ.އެލް. ވަރުގަދަކޮށް، މިހާރަށްވުރެ ފުޅާކުރަން. އެހެންވީމާ، އެ މަސައްކަތް އެ ބޭފުޅުން ފަށްޓަވައިގެން މިހާރު ކުރިއަށް ގޮސްފައި އޮތް ހިސާބުން އިތުރަށް ފުޅާކުރުމުގެ މަސައްކަތް އެބަ ހިންގަވާ. އެހެންވީމާ، ސީދާ ތާރީޚެއް މިވަގުތު އަޅުގަނޑު ނުދަންނަވާނަން. އެހެންނަމަވެސް، އަޅުގަނޑު ބޭނުންވަނީ ހަމަ ގިނަވެގެން އަހަރެއްހާ ދުވަސް ތެރޭގައި އެކީގައި މުޅި ރާއްޖެ ކަވަރު ކުރަން.

އެހެންވީމާ، އިންވެސްޓް ކުރަން އިތުރު ފުރުޞަތުތައް ހޯދައިދީ، މިހާރަށްވުރެ ރަނގަޅު އުޅަނދުތަކާއި، އަދި ގިނަ އުޅަނދުތައް ހޯދައިދީ، މުވައްޒަފުންވެސް އިތުރަށް ނަގައި، އިންވެސްޓްމެންޓުގެ ކަންތައް ދާނެ ކުރިއަށް އިރާދަކުރެއްވިއްޔާ. ދެން އެއަރޕޯޓުތައްވެސް ހެދިގެން އެދަނީ. އެއަރޕޯޓުތައް ހެދިގެންދާއިރު، އެއާއެކީގައިވެސް ސީ ޓްރާންސްޕޯޓުވެސް އެހާ މުހިންމު. އެހެންވީމާ، މި ބަލަނީ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް.

ދިޔާނާ:
އަދި އެބައޮތް އަޅުގަނޑުގެ އެއް ސުވާލު.

މުޙައްމަދު ރަމީޒު:

އާދެ.

ދިޔާނާ:

މިހާރު އަޅުގަނޑު އަދި މަނިކުފާނު ކުރެން އަހާލަން ބޭނުންވޭ، މިހާރު މަނިކުފާނުގެ ވަރަށް ބޮޑު ތަޞައްވުރެއް، ގެދޮރު ނެތް މީހުންނަށް ގެދޮރު ހޯދައިދިނުން. ބޯހިޔާވަހިކަން ހޯދައިދިނުން. ދެން މިހާރު ބިމުގެ ދަތިކަން ވަރަށް ބޮޑު. ބިން ހުސްވެ، ދެން ގެދޮރު ނެތް މީހުންނާއި، ދަތި ހާލުގައި އުޅޭ މީހުން މިދަނީ ދުވަހެއް ދުވަހަކަށް އެކި ރަށްރަށުގައި ގިނަވަމުން. އެހެންވީމާ، މިހާރު އެބަހުރި ބައެއް ރަށްރަށުގައި ވޭތުވެދިޔަ އަހަރު ތަކުގައި، ބިން ހިއްކާފައި. ބިން ނެތް ރަށްރަށުގައި. ދެން އެ ހިއްކި ބިމުގައި، މަނިކުފާނުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފަށަން ގަސްތު ކުރައްވަންތޯ؟ ގަސްތު ކުރައްވާނަމަ، އެ ކަންކަން ފެށިގެންދާނީ ކިހާ ހިސާބެއްގައިތޯ؟ އަދި ނިންމާލެވޭނެތޯ، މި ދައުރު ނިމުމުގެ ކުރިން އެ ކަންކަން ފަށައިފިއްޔާ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ފަހު ސުވާލަށް ފުރަތަމަ ޖަވާބު ދޭނަން. ނިންމާލެވޭނެ އިރާދަކުރެއްވިއްޔާ އިނގޭތޯ. މި ފަސް އަހަރުގެ ދައުރު ނިމޭއިރު، ރާއްޖޭގައި ގެދޮރުގެ ބޭނުން އޮތް، ގެދޮރުގެ، ހައުސިންގ ނީޑް އޮތް އެއްވެސް ރައްޔިތަކު ނުހުންނާނެ، ހައުސިންގ ނީޑް ހަމަނުޖެހި އިރާދަކުރެއްވިއްޔާ. އެ ޔަޤީންކަން ދެން. އެއީ، ވަރަށް ބޮޑު ޓާގެޓެއް އިނގޭތޯ. މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި. އެހެންވީމާ، ބިން ހިއްކާފައި ހުރި ތަންތަނުގައި، ގެދޮރު ބިނާކުރުމާ، އެހުރިހާ ކަމެއް ހިނގާނެ. ދެން އަޅުގަނޑުގެ އަމާޒަކީ އެއްހާހުން، ދެ ހާހުން ފުލެޓް އެޅުން. ނޫނީވިއްޔާ ހައުސިންގ ޔުނިޓެއް ނޫނޭ. ދިހަހާހުން، ވިހިހާހުން، ތިރީސްހާހުން. އެގޮތަށް އިނގޭތޯ. އެހެންވީމާ، ވީހާވެސް ފުޅާކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަފާތެއް ނުކޮށް ކުރިއަށް ގެންދާނަން އެކަންތައް. އަދި ހަމައެކަނި ގެދޮރު އެޅުމެއްނޫން. ގެދޮރު އަމިއްލައަށް އަޅަން ލުއި ލޯނުތައް ދިނުމާއި، ދެ ކަންތައް އެކީގައި.

ނަޞްރުﷲ އިދުރީސް:
ދިޔާނާ. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ދިޔާނާ:
އާދެ. އަދި އަޅުގަނޑު ސާޖިދާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިހާރު، މުޢިއްޒަށް ވެރިކަން ލިބުމުން ސާޖިދާ އެންމެ ފުރަތަމަ ވަޑައިގެންނެވި ރަށަކަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ މި ރަށް ކަމަށްވާތީ، އެކަމަށްޓަކައި ސާޖިދާއަށް ވަރަށް ބޮޑަށް، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ނަޞްރުﷲ އިދުރީސް:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ދިޔާނާ:
އާދެ، މި ކޮޅުންވެސް ޝުކުރިއްޔާ.

ނަޞްރުﷲ އިދުރީސް:
އަޅުގަނޑުމެން ދެން ދިވެހިރާއްޖޭގެ އަޑުގެ އުމުރުން 61 އަހަރު މިހާރު މި ފުރުނީ. ދެން ރާއްޖޭގެ ތަރައްޤީގައި ރާއްޖެ ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް ދިވެހިރާއްޖޭގެ އަޑުވެސް އަދާކޮށްފައި ވާނެ. ރައީސްގެ ހަނދުމަފުޅު އިނގޭތޯ ދެން، ހުންނަން ފެށީއްސުރެ ކޮބައިތޯ، ދިވެހިރާއްޖޭގެ އަޑުން މިހާތަނަށް އަޑުއެއްސެވި ޕްރޮގްރާމަކީ؟ އެއްވެސް ޕްރޮގްރާމެއް އަޑުއެއްސެވިންތޯ އެއްވެސްވަރަކަށް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިހާރު ދެން ޙަޤީޤަތުގައި ތެދަށް ދަންނަވަންޏާ، ވަރަށް އަޑުނޭހޭ ފަހަކަށްއައިސް. ދެން ވަގުތު ނުވާތީއާވެސް އެކީގައި. އެކަމަކު، ހެނދުނު ހެނދުނާ، ބާއްޖަވެރި ހެނދުނެއް، އެންމެ ހެނދުނު، ފަތިހު، ހޭލައިގެން ސްކޫލަށް ދާއިރު، އޭރުގައި ދެން ގިނައިން ހެނދުނު ސްކޫލް އޮންނާނީވެސް ދޮގެއްތޯ؟ މި ކޮމަން އެންމެ ގިނައިން އަޑުއަހާނީ އެ ގަޑީގައި. ދެން ބައެއްފަހަރު، ދެން އެންމެ ގިނައިން ކޮމަން ވަގުތަކަށް އަންނާނީ ރޯދަމަހު. ރޯދަމަހު ވަރަށް ގިނައިން އަޑުއަހަން. ދެން އަދިވެސް ހުންނާނެ އެގޮތަށް. ދެން އެހެންވީމާ، ކުރީގައި ދެން ވަރަށް ބޮޑަށް އަޑުއަހާނެ އެކި ގަޑީގަޑީގައި. އޭރު ޓީ.ވީ.އަށްވުރެވެސް ބޮޑަށް ރޭޑިޔޯ އަޑުއެހޭނީ.

އެހެންވީމާ، ދިވެހިރާއްޖޭގެ އަޑު އޭރުގައި، ކުޑައިރުގައި ސްކޫލް ދައުރުގައި ވަރަށް ބޮޑު ދައުރެއް އަޅުގަނޑުގެވެސް އަދާކޮށްފައި އެބައޮތް. އަދި ދެން ފަހުން ތަންކޮޅެއް މަދުވިޔަސް.

އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ، 61 އަހަރު ވެގެން ދިޔައިރުގައި، ރައްޔިތުންނަށް، ޤައުމަށް ވަރަށް ބޮޑު ޚިދުމަތެއް ދިވެހިރާއްޖޭގެ އަޑުން ވަނީ އަދާކޮށްދީފައޭ. ވަރަށް ފާހަގަކުރަން އެ ކަންތައް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ޚިދުމަތް ދިނުމުގައި ހުރިހާ ކަމެއް ފަހިކޮށްދޭނަން އަޅުގަނޑު. ވަރަށް ބޮޑަށް މަސައްކަތްކުރާނަން.

މުޙައްމަދު ރަމީޒު:
އަޅުގަނޑުމެން ދަންނަވާލިން ފެށުމުގައިވެސް، މެޑަމް ސާޖިދާއަކީ އަޅުގަނޑުމެންގެ ޕްރޮގްރާމްތަކުގައި ވަރަށް ވާހަކަފުޅު ދައްކަވައި، އެހެން ބައެއް ދުވަސްދުވަހު ވިދާޅުވާނެތާ، ތިމަންނަ ދިވެހިރާއްޖޭގެ އަޑުގެ އިންޓަރވިއުއަކަށޭ މިދަނީ. އަޑުއައްސަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ބައެއްފަހަރު އަޑުއަހަން އިނގޭތޯ. ދެން އަޅުގަނޑުމެންގެ ގެ ކައިރިވީމަ ދެން ވަރަށް ފަސޭހައިން އައިސް، ދެވޭގޮތަށް މި އޮންނަނީވެސް. އަޅުގަނޑަށް ފުރަތަމަ ފަހަރަށޭ ދޮގެއްތޯ މިކަހަލަ ޕްރޮގްރާމެއްގައި ބައިވެރިވެ މިތަނަށް މި އާދެވުނީވެސް. އެގޮތަށް. އެހެންވީމާ، އަޑުއިވިފައި ހުންނާނެ.

ނަޞްރުﷲ އިދުރީސް:
ރަމަޟާންމަސް ވަރަށް ކައިރިވެއްޖެ އިނގޭތޯ މިހާރު. ސާޖިދާ، ރައީސް ރަމަޟާން މަހުގެ ކަންކަން، ކޮން ގޮތަކަށްތޯ ގެންގުޅުއްވަނީ؟ ކެއިން ބުއިމުގެ ކަންތައްތައް ކޮން ގޮތަކަށްތޯ ބައްޓަން ކުރައްވަނީ؟

ސާޖިދާ މުޙައްމަދު:
ދެން ކެއުން ބުއިމުގައި މި އޮންނަނީ، އަޅުގަނޑު އާންމުކޮށް ދެން ރޯދަ ވީއްލުމަށް ކެއުމުގައި، ދިވެހި ކެއުމަށް ވަރަށް ބޮޑަށް އިސްކަންދެއްވަނީ. ވަރަށް މީރުވާނެ ދިވެހިކެއުން. ބޮޑަށް ދިވެހިކެއުން. ދެން ހަމަ އެގޮތަށް އަދި ވަކިން ޚާއްޞަކޮށް، ރަމަޟާން މަހުގައި ވެއްޖިއްޔާ، އަޅުގަނޑު ޖެހޭނީ ކައްކަން. އިތުރު މީހަކު ކައްކައިގެން ނުވާނެ ގޭގައި.

މުޙައްމަދު ރަމީޒު:
އެހެންވީމާ، ކައްކަންވެސް ހުންނަ މީހާއަށް ޗުއްޓީ ލިބުނީ؟

ސާޖިދާ މުޙައްމަދު:
ދެން އެގޮތަށް އަޅުގަނޑު ޖެހޭނީ. ދެން ހާރުދަމަށް މި އޮންނަނީ ހަމަ ނިދާފައި ތެދުވެ. ނަމާދުގެ ކުރިން ތިނެއް، ތިންގަޑި ބައިގައި ތެދުވެ އެގޮތަށް ކުރިއަށް ގެންދަނީ. އެއީ ދެން، އަޅުގަނޑުމެން އިރާކޮޅުގައި ރޯދަ ވީއްލުމަށްފަހުގައި ބައެއް ފަހަރު ތަރާވީހުން ވަޑައިގެން ޖޫސްތަށްޓެއް ބައްލަވައިފާނެ. ދެން އެއް ހެދިކާ، ދެ ހެދިކާވަރު. އަނެއްހެން އެ ގަޑީގައެއްނޫން. ހަމަ އިރުއޮއްސޭ ގަޑީގައި އަސްލު ބޮޑަށް ފަރިއްކުޅުއްވާނީ.

މުޙައްމަދު ރަމީޒު:
ދެން އަޅުގަނޑު ހަމަ ދަންނަވާލަން އޮތް ވާހަކައަކީ ރައީސް ރޯދަމަހުގެ ވާހަކަ. ވަކި ޚާއްޞަ ބޭނުންފުޅުވާ ކެއުމެއް ހުރޭތޯ؟ ބައެއް ބޭފުޅުން ވިދާޅުވޭ، ތިމަންނާއަށް ހުންނަންޖެހޭނެއޭ މަސްކުރޮޅި. ބަތްޕެން. މިކަހަލަ ބައެއް ކަންތައްތަކުގައި ހުންނާނެއެއް ނޫންތޯ ޝަރުޠު؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެކަހަލަ ޝަރުޠެއް ނޯވޭ އިނގޭތޯ. ވީހާވެސް ދިވެހި އެއްޗެތި، ނޫނީވިއްޔާ އަޅުގަނޑުމެން އާންމުކޮށް ކުޑައިރު ކައިއުޅުނު އެއްޗެތި ލިބެންޏާ ރަނގަޅުވާނެ.

ނަޞްރުﷲ އިދުރީސް:
ކޯއްޗެއްތޯ ސާޖިދާ އެންމެ މީރުކޮށް ތައްޔާރުކޮށްދެއްވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ހުރިހާ އެއްޗެއްވެސް ވަރަށް މީރު ހަދާލެއް.

މުޙައްމަދު ރަމީޒު:
އަނެއްހެން ނެތް ދޮގެއްތޯ؟ މަޖުބޫރީ ހާލަތެއްގައި ނޫން ދޮގެއްތޯ ތިޔަ ވިދާޅުވީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އާދެ.

ނަޞްރުﷲ އިދުރީސް:
ދެން ވަރަށް ގިނަ ހަދިޔާވެސް މިހާރު ލިބިވަޑައިގެންފައި ކަންނޭނގެ ސާޖިދާއަށްވެސް ހުންނާނީ ރައީސްގެ ފަރާތްޕުޅުން އިނގޭތޯ. ޚާއްޞަ އެއްޗެއްގެ ގޮތުގައި ފާހަގަކުރައްވާނީ ކޯޗެއްތޯ؟ ރައީސްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި؟

ސާޖިދާ މުޙައްމަދު:
ކޮންމެ އެނިވަރސަރީއެއްގައި ދޭ މާބޮނޑި.

ނަޞްރުﷲ އިދުރީސް:
މާބޮނޑިއެއް ދެއްވާ؟

ސާޖިދާ މުޙައްމަދު:
އާދެ، ކޮންމެ އެނިވަރސަރީއެއްގައި.

ނަޞްރުﷲ އިދުރީސް:
ކޮންކަހަލަ މަލެއްތޯ ދެއްވަނީ؟

ސާޖިދާ މުޙައްމަދު:
ދެން ރޯސް ހުންނާނީ. ހަމަ އެކި ކުލަކުލައިގެ.

މުޙައްމަދު ރަމީޒު:
ދެން އެހެންވީމާ، އަޅުގަނޑު ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، ސާޖިދާއަށްވެސް ކުޅިވަރުގެ ވާހަކައެއް ދަންނަވާލާނަން އިނގޭތޯ؟ ކޮން ކުޅިވަރަކަށްތޯ އެންމެ ފޯރި ހުންނަނީ. ނޫނީވިއްޔާ ކޮބައިތޯ ކުޅުއްވި ކުޅިވަރަކީ. އޮންނާނެތޯ ސްކޫލް ދައުރުއްސުރެ؟

ސާޖިދާ މުޙައްމަދު:
އަޅުގަނޑަކީ ސްކޫލްގައި އުޅުނުއިރު ކުޅިވަރު ކުޅޭ ކުއްޖެއް ނޫން. ގަބޫލެއްވެސް ނުކުރައްވާނެ. އެކަމަކު އަޅުގަނޑަކީ ގޭތެރޭގައި ވަރަށް ކުޅޭ ކުއްޖެއް. ދެން ބައެއްފަހަރު ކުޅޭވަރުން، ކުޅޭ ދައިތައޭވެސް ކިޔާނެ ހިސާބުގަނޑު ކުދިން. ފައިގެތަޅާ ކުޅުމާއި، ގޭތެރޭގައި ފުޓްބޯޅަ ކުޅުމާއި، ދެން އެކަހަލަ ކުޅިވަރުތައް މިކުޅެނީ. ދެން އެހެންނަމަވެސް، ދެން ފަހުން އައިސް، އަޅުގަނޑު އަބަދުވެސް ވަރަށް ލޯބިކުރަން ފުޓްބޯޅައަށް. އެންމެ ފޯރި ހުންނަނީ ފުޓްބޯޅައަށް. ދެން އަޅުގަނޑަށް ހީވަނީ ކޮންމެ ދިވެއްސެއްގެވެސް އެންމެ ފޯރިގަދަ ކުޅިވަރަކީ ފުޓްބޯޅަކަންނޭނގެ. އެގޮތުން، އަޅުގަނޑުވެސް ފުޓްބޯޅައަށް ވަރަށް ލޯބިކުރަން. ފުޓްބޯޅަ ކުޅެން. ދެން އޮފީހުގައި މިހެން ބާއްވާ އިންޓަރނަލް މުބާރާތްތަކުގައި ފުޓްބޯޅަ ކުޅެނީ.

މުޙައްމަދު ރަމީޒު:
އެހެންތޯ؟

ސާޖިދާ މުޙައްމަދު:
އާދެ.

މުޙައްމަދު ރަމީޒު:
ނެޓްބޯޅައާ ދިމާއަކަށް ނުދަންތޯ؟

ސާޖިދާ މުޙައްމަދު:
ނެޓްބޯލްއެއް ނޫން. އަޅުގަނޑުގެ ދަރިފުޅު ނެޓްބޯލް ކުޅެން ދޭ. އެކަމަކު އަޅުގަނޑަށް ވަރަށް ރީތި ގޭމެއް ނެޓްބޯލްއަކީ. ވަރަށް ރީތި، ވަރަށް އަންހެން ގޭމެއްގެ ގޮތުގައި ފާހަގަކުރެވޭ.

ނަޞްރުﷲ އިދުރީސް:
ދެން، ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުމެން ބާއްޖަވެރި ހެނދުނެއް ކުރިއަށް ގެންދާއިރުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަކީ، އަޅުގަނޑުމެންނަށްވެސް އަދި އަޅުގަނޑުމެންގެ އެހުންތެރިންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑުމެންގެ އެހުންތެރިން ކޮންމެވެސް އުފާވެރި ވާހަކައެއް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިއަދު ބޭނުންވާނެއޭ. ކޮބައިތޯ މިއަދު ރައްޔިތުންނަށް ދެއްވާނެ އުފާވެރި ޚަބަރަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ދޭން ބޭނުންވަނީ އަބަދުވެސް ހަމަ އުފާވެރި ޚަބަރު އިނގޭތޯ. އެކަމަކު އެހެން މި ދެންނެވީ، އަޅުގަނޑު އައީ ވަރަށް ގިނަ ވަޢުދުތަކެއް ވެގެން. އެ ހުރިހާ ވަޢުދެއް ފުއްދުން އެއީ، އަޅުގަނޑުގެ އެންމެ ބޮޑު ވަޢުދަކީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ކޮށްދޭނަމޭ. ދެންނެވި ހުރިހާ ކަމެއް ކުރާނަން އިރާދަކުރެއްވިއްޔާ. އެ ޔަޤީންކަން ދެން.

ދެން ދިވެހިރާއްޖޭގެ އަޑުގެ މި އުފާވެރި އަހަރީ ދުވަހު، 61 އަހަރު، މިހާ ދުވަހު ރައްޔިތުންނަށް، މި ޤައުމަށް، ޚިދުމަތް ކުރުމުގައި މި މުއައްސަސާ ހޭދަކޮށްފައި މިވަނީ. އަޅުގަނޑު ދެކެން ބޭނުންވަނީ މި މުއައްސަސާއަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މިހާރު މި ކުރެވޭވަރަށްވުރެ އެތައް ގުނައަކުން ރަނގަޅު ކުރެވި، ރައްޔިތުންނާ ގާތަށް މިހާރަށްވުރެވެސް ބޮޑަށް ދެވި، މި ޒަމާނާ ގުޅޭ އިތުރު ފުރުޞަތުތައް، އިތުރު މަގުތައް ފަހިވެގެން ގޮސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޤާއިމުކުރެވިފައި ހުންނަ މުއައްސަސާއަކަށްވުން. އެފަދަ މުއައްސަސާއަކަށް ހެދުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން އިރާދަކުރެއްވިއްޔާ. މި ޤައުމަށް ތަރައްޤީ ގެނައުމުގައި ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމުގައި އަޅުގަނޑު ރައްޔިތުންނަށް ވަރަށް ބޮޑަށް، އެންމެ ބޮޑަށް ބޭނުންވެފައި ހުރި ކަންކަމަށް އިސްކަންދީގެން، ހުރިހާ ކަމެއް ކޮށްދިނުމުގައި ސާބިތުވެ ހުންނާނަމޭ. އެއީ، އަޅުގަނޑު ދޭނެ ޔަޤީން ކަމަކީ.

ނަޞްރުﷲ އިދުރީސް:
އާދެ، އަތޮޅުތެރޭގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާނެހެން އަޅުގަނޑަށް ހީވަނީ، ރައީސް އެ ބޭފުޅުންނާ ހަމައަށް ވަޑައިގަތުން. ދެންމެ ވިދާޅުވެއްޖެ، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ، ދަތުރެއް އެބަ ފަށްޓަވަމޭ. ކިހާހިސާބެއްގައި ވަޑައިގަންނަވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިހާރު މި ވެގެންއުޅޭ ގޮތަކީ، ކެމްޕެއިންގައި އަޅުގަނޑުވީ ވަޢުދެއް މިވެސް. ދެން ހުރިހާ ރަށަކުންވެސް އެދޭ ތިމަންނަމެންގެ ރަށަށޭ އެންމެ ފުރަތަމަ އަންނަންވާނީ. ދެން އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްލާފައި ދެން ރަށެއް ކަނޑައަޅަންވެގެން ނިންމީ، އެންމެ ގިނަ ވޯޓު، އެންމެ ގިނަ ޕަސެންޓޭޖުން ވޯޓު ދިން ރަށަށޭ އެންމެ ފުރަތަމަ ދާނީ. ދެން އެ ވަނަ ހޯދީ ތ. ގުރައިދޫ. ދެން ގުރައިދުއަށް އަޅުގަނޑުމެންގެ ފުރަތަމަ ދަތުރު އޮންނާނީ. އެއީ، ރަސްމީ ދަތުރު. އަޅުގަނޑު ނިންމާފައި މިއޮތީ، ރާއްޖޭގެ ހުރިހާ ރަށަކަށް ދާން، މަގާމުގެ ހައިސިއްޔަތުން ރައްޔިތުންނާ ބައްދަލުކުރަން. ކުރީގައި މޭޔަރަކަށް ހުރިއިރުވެސް އަބަދުވެސް މާލޭގެ ގޭގެއަށް ދަން. ރަސްމީ މަސައްކަތުގައި. އެހެންވީމާ، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑު ދާނަން، ފުރަތަމަ ރައުންޑެއްގެ ގޮތުގައި. ދާއިރު ގުރައިދުއަށް ގޮސްފައި ފަށާނީ.

ދެން އޭގެ ފަހުން، ދައުރު ތެރޭގައި، އެއްފަހަރު ނޫނީވިއްޔާ ދެފަހަރު، އަޅުގަނޑު އުންމީދު ކުރަނީ މަދުވެގެން ދެފަހަރު އަޅުގަނޑު ހުރިހާ ރަށަކަށް، ހުރިހާ ރައްޔިތުންނާ ބައްދަލުކުރަން ދިޔުމަށް. ދެން މާލެވެސް ހަމަ ކަވަރު ކުރާނަން.

އެހެންވީމާ، އެ ދަތުރުތައް ފެށޭނެއިރެއް. ދެން، ފުރަތަމަ މިދަނީ ބައެއް މުހިންމު ބޭރު ދަތުރުތައް. މިހާރު އެއްދަތުރު، ދެ ދަތުރު ނިމުނީ. ދެން ޖަނަވަރީ ކުރީކޮޅު އޮންނާނެ. އެހެންވީމާ، މި ބަލަނީ ކުރިއަށް އޮތް މި ދަތުރުތަކުގެ މެދުތެރެއިން ކޮންމެވެސް ހިސާބަކުން ފަށަން ރަށްރަށަށް ދިޔުން. ފަހަރެއްގައި ހަމަ މި އަންނަ ހަފްތާގައި އެއް ދަތުރު، މި ގުރައިދޫ ދަތުރު ކޮށްފާނެ. އެކަމަކު އަދި ޔަޤީނެއް ނޫން. ދެން އޭގެފަހުން މުޅި ރާއްޖެ ކަވަރު ކުރުމަށްޓަކައި ތާވަލެއް ހަދައިގެން، ހުރިހާ ރަށަކަށް އަޅުގަނޑު ދާނަން. އެހެންވީމާ، ރޯދައިގެ ކުރިން އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ، ރޯދަމަސް އައުމުގެ ކުރިން ގިނަ ރަށްތައް، މަދުވެގެން ދެބައިކުޅަ އެއްބައި، ރާއްޖެ ކަވަރު ކުރަން. އެހެންވީމާ، ސަތޭކައެއްހާ ރަށަށް ދާން ވަރަށް ބޮޑަށް އަޅުގަނޑު މަސައްކަތް ކުރާނަން ރޯދައިގެ ކުރިއަށް.

މުޙައްމަދު ރަމީޒު:
ދެން ދަންނަވާލަން އޮތް ވާހަކައަކީ، ހަމަ ކޮންމެ ބޭފުޅެއްވެސް އެހެންނޫންތޯ، ޒަވާޖީ ޙަޔާތަކަށް އަންނައިރުގައި، ބައެއްފަހަރު ހިތްހަމަނުޖެހޭ ކަންތަކާވެސް ދިމާވެދާނެ ކަންނޭނގެ. ރުޅި އަންނަ ބައެއް ކަހަލަ ކަންތައްތައް ހުންނާނެ ކަންނޭނގެ. ކޮން ބޭފުޅެއްތޯ މާފަށް އެދިވަޑައިގަންނަވަނީ؟ އެކަހަލަ ކަމެއް ދިމާވެފައި އެބަހުރިތޯ؟

ސާޖިދާ މުޙައްމަދު:
ރުޅި އާދޭ ދެން. ވާނެގޮތަކީ ހުންނާނެތާ ދޮގެއްތޯ، ހިތްހަމަނުޖެހުމާ އެކަހަލަ ކަންކަން ހުރޭ. އެހެންނަމަވެސް، ގިނަފަހަރަށް އެ ހިތްހަމަނުޖެހުން އެ ވަގުތުން ވަގުތަށް އެ ހަނދާނެއްވެސް ނުހުރޭ ފަހުން. ރުޅި އައި ކަމެއްވެސް. އެހެންވީމާ، ދެން އެކަން އެހާ ބޮޑުކަމަކަށް ނުވެ ދަނީ ގިނަފަހަރު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެދެން އެ ވަގުތުން އެ ދިޔައީ ދެން.

މުޙައްމަދު ރަމީޒު:
ބޭރަށް ނުކުމެލާފައި އަންނައިރު، އެ ހިސާބުން އެކަމެއް ހަނދާނެއް ނުހުރޭ ދޮގެއްތޯ؟

ސާޖިދާ މުޙައްމަދު:
ހަނދާނެއްވެސް ނުހުރޭ.

ނަޞްރުﷲ އިދުރީސް:
ސާޖިދާ، ފަސްޓް ލޭޑީއެއްގެ ގޮތުގައި ދެން ރައްޔިތުންނަށް ކޮންކަހަލަ ޚިދުމަތްތަކަކާ އެކީގައިތޯ ފެންނާނީ؟

ސާޖިދާ މުޙައްމަދު:
ބޮޑަށް ފެންނާނީ އިޖުތިމާޢީ ކަންކަމުގެ ތެރޭގައި. ދެން އަޅުގަނޑުގެ ދާއިރާ ޞިއްޙީ ދާއިރާގެ ބައެއް ކަންކަމުގައިވެސް ފެންނާނެ. ދެން ބައެއް އެން.ޖީ.އޯ.ތަކާ އެކީގައި އަޅުގަނޑު މަސައްކަތްކުރާނަން. ދެން ވަރަށް ބޮޑަށް އިސްކަންދެން، ކުޑަކުދިންގެ ކަންކަމަށް. ދެން އަދި މިހާރު މުޖުތަމަޢުގައި ހުރި ބައެއް ކަންކަން. ދެން ޞިއްޙީ ދާއިރާއަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލީގެ ކަންކަން ރާއްޖޭގައި މިހާރު ވަރަށް ބޮޑު. އެހެންވީމާ، އެކަންކަމާ ގުޅިގެން އަޅުގަނޑު މަސައްކަތް ކުރަން ވަރަށް ބޮޑަށް ބޭނުންވޭ.

މުޙައްމަދު ރަމީޒު:
އާދެ، ދެން ރައީސަށް ދަންނަވާލަން އޮތް އަނެއް ވާހަކައަކީ އިނގޭތޯ، ރާއްޖޭގެ މީޑިއާގެ ކުރިމަގާމެދު މަނިކުފާނުގެ ތަޞައްވުރަކީ ކޮބައިތޯ؟ އަދި ސަރުކާރުން މީޑިޔާތަކަށް ކިހާވަރެއްގެ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މީޑިޔާއަކީ އަޅުގަނޑަށް އެންމެ މުހިންމު އެއް ދާއިރާ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައިވެސް އެންމެ ބޮޑަށް މަސައްކަތްކުރީ މީޑިޔާއާ އެކީގައި. ދެން މިހާރުވެސް އެގޮތަށް ކުރާނީ. މި މަސައްކަތް ފެށީވެސް މީޑިޔާއާ އެކީގައި. އެންމެން އެއްކޮށް ގެނެސް، ގުންޒަރެއް ބާއްވައިގެން ހުރިހާ އެންމެންގެ ޚިޔާލާ އެއްގޮތަށް. އެގޮތަށް ކުރިއަށް ދާނީ. އެއްވެސް ކަމެއްގައި ފޮރުވުމެއް ނޯންނާނެ ރައްޔިތުންނަކަށް. އެކަމަކު މީޑިޔާތަކުން ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބިގެންދާނެ.

މިހާރު ކޮންމެ މިނިސްޓްރީއެއްގައި ހުންނާނެ ޤާއިމުކުރެވިފައި މީޑިޔާ ސެލްއެއް އިނގޭތޯ. ހުރިހާ މަޢުލޫމާތެއް ހިއްސާ ކުރުމުގައި ކުރިއަށްވުރެ ރަނގަޅުވެގެންދާނެ. އެހެންވީމާ، މީޑިޔާތަކަށް ބޭނުންވާ ކަންކަން ފަހިކޮށްދީ، އެއީ، ހުރިހާ ވައްތަރެއްގެ ރިސޯސަސް. މިސާލަކަށް، ހުޅުމާލޭގައި އަޅުގަނޑުމެން މިހާރު މަސައްކަތް ފަށައިގެން މިއުޅެނީ. މީޑިޔާ ވިލެޖެއް ޤާއިމު ކުރުމަށްޓަކައި ބިމެއް ކަނޑައަޅައި، އެ ބިމުގައި މީޑިޔާ ވިލެޖުގެ ކަންތައްތައް ގެންދާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި، މީޑިޔާތަކަށް އެތަނުން ބިން، ޖާގަދޭނެ ގޮތެއް. އިންވެސްޓްކޮށްގެން އެ ފަރާތުން، ކޮންމެ މީޑިޔާއަކުންވެސް އަމިއްލައަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމަށްޓަކައި. އެހެންވީމާ، ވަރަށް ފުޅާވެގެންދާނެ އިރާދަކުރެއްވިއްޔާ އިނގޭތޯ. މީޑިޔާތަކާ އެކީގައި މަސައްކަތް ކުރާނީ. ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ވެގެންދާނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ހަރުދަނާ ކުރުމަށް ފުރުޞަތު ދީގެން.

މުޙައްމަދު ރަމީޒު:
ދެން ދަންނަވަލާނަން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ދެކެވޭ ވާހަކައެއް. އެކަމަށް ކީކޭތޯ ވިދާޅުވާނީ؟ ދެން ކިހާވަރެއްގެ އިސްކަމެއް ދެއްވާނެ ކަމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެ ވާހަކަ މި ދެންނެވީ، މީޑިޔާއަށް ފުރުޞަތުދީ ފަހިކުރާނަމޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، ޤާނޫނުއަސާސީގައި އޮތް އެންމެ ފުޅާމިނެއްގައި ހަމަ އޮންނަންވާނެ. އޮންނަންޖެހޭނެ. އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން އެ ގޮތަށް ފަހިވެގެންދާނެ. މިނިވަންކަމަކީ، ޙައްޤުތަކަކީ އޭގައި އެހެން މީހުންގެ ޙައްޤުތަކަށްވެސް ރިޢާޔަތްކޮށްގެން ބޭނުންކުރަން އޮންނަ އެއްޗެއްކަން އެންމެންވެސް ހަނދާން ބަހައްޓަންޖެހޭނެ. ރައިޓްސްއާ އެކީގައި ލިމިޓޭޝަންސް ހުންނާނެ. އެކަންކަމަކީ އެންމެ މުހިންމު ކަންކަން. އެންމެންވެސް ވަކި މީޑިޔާއަކު ނޫން. އާންމުކޮށްވެސް. އެއީ، އަޅުގަނޑަށް ބައެއްފަހަރު އަންނަ ސުވާލެއް އެ ވާހަކަ އެގޮތަށް ދައްކާއިރުގައި.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބައޮތް. މިސާލަކަށް، ކޮންމެ މީހަކަށްވެސް އެމީހަކު ބުނަން ބޭނުންވާ އެއްޗެއް، ދީނާ ޚިލާފު ނުވަންޏާ ބުނެވޭނެ. އެކަމަކު އެ ބުނާ އެއްޗެއް ބުނާއިރުގައި، އަނެއް މީހާގެ ޙައްޤަށް ކިހާވަރަކަށްތޯ މި އަރައިގަނެވެނީ. އެއަށް ވިސްނަންވާނެ. އެއަށް ވިސްނައިގެން ކުރިއަށް ގެންދިޔައިމާ ރަނގަޅުވާނެ. ދެން ފުލް، ފުރިހަމަ ފުޅާމިނުގައި އޮންނާނެ އެކަންތައް.

ނަޞްރުﷲ އިދުރީސް:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެން ބާއްޖަވެރި ހެނދުނެއް ކުރިއަށް ގެންދާއިރު، އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތުން. އެހެންނޫންތޯ؟


މުޙައްމަދު ރަމީޒު:
ނަޞްރު، އަޅުގަނޑު އެބައޮތޭ އަދި އެއް ސުވާލު ނިންމާލުމުގެ ކުރިން.

ނަޞްރުﷲ އިދުރީސް:
އާދެ.

މުޙައްމަދު ރަމީޒު:
ވަރަށް ގިނައިން އަޅުގަނޑުމެންގެ ޕްރޮގްރާމްތަކަށް ވަޑައިގެން، މެޑަމް ސާޖިދާ ވިދާޅުވާނެ، ތިމަންނަމެން ކުދިންނަށް ކާންދޭއިރު ވަރަށް ވިސްނަންޖެހޭ ކަންތައްތަކެއް ހުންނާނެއޭ. ޖަންކު ފުޑް ކާންދީގެނެއް ނުވާނެއޭ. ކޮބައިތޯ މިއަދު ދެއްވާނެ މެސެޖަކީ؟

ސާޖިދާ މުޙައްމަދު:
އެކަހަލަ މެސެޖެއްތޯ އަޅުގަނޑު ދޭންވީ؟

މުޙައްމަދު ރަމީޒު:
އާދެ.

ސާޖިދާ މުޙައްމަދު:
އާދެ ޞިއްޙަތަށް ކުރާ އިންވެސްޓްމެންޓަކީ އެންމެ މުހިންމު އިންވެސްޓްމެންޓް. އެހެންވީމާ، ޞިއްޙަތަށް ބެލުމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމަކީ އެންމެ މުހިންމު ކަންތައް. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް ކެއުމުގެ ރަނގަޅު އާދަތަކަށް ބަލާއިރުގައި، ޞިއްޙަތަށް ފައިދާހުރި، ރައްކާތެރި ކާނާ ބޭނުންކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް.

ނަޞްރުﷲ އިދުރީސް:
އާދެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ރައީސް، ވަރަށް ވަގުތު ތާށިކޮށް އުޅުއްވަމުން، ޢާއިލީ ދުވަހެއްގައި އަޅުގަނޑުމެންނަށް މި ވަގުތު މި ދެއްވީ. އަޅުގަނޑުމެންނަށް މިހާރުވެސް އެބައާދޭ، ރައީސުލްޖުމްހޫރިއްޔާ އެހެން ކަމެއްގައި ބައިވެރިވެވަޑައިގަންނަވަން އެބަ ވަޑައިގަންނަވަންޖެހެއޭ. އެހެންވީމާ، އަޅުގަނޑުމެން ބަލާނަން ކުރުކޮށްލެވޭތޯ އިނގޭތޯ.

އެހެންނަމަވެސް، އަޅުގަނޑުމެން ހުރިހާ މުވައްޒަފުން ވަރަށް ބޮޑަށް އުފާވެފައި މިތިބީ. އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން އުންމީދު ކުރަނީ އަދިވެސް ހަމަ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ޕްރޮގްރާމްތަކަށް ވަޑައިގެން، ޕްރޮގްރާމްތަކުގައި ބައިވެރިވެދެއްވާނެ ކަމަށް. ނިންމާލުމުގެ ކުރިން ކޮބައިތޯ ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުވެސް، އަޅުގަނޑުމެން ދެ މީހުންވެސް ވަރަށް އުފާވޭ މިތަނަށް އައިސް ވަގުތު ހޭދަކޮށްލަން ފުރުޞަތު ލިބުނީތީވެ. ޙަޤީޤަތުގައި އަޅުގަނޑަށްވެސް ލިބުނު ޝަރަފެއް މި ދުވަހު މި ތަނަށް އައިސް ހުރިހާ ބޭފުޅުންނާ ބައްދަލުކޮށް އަދި ރާއްޖޭގެ ރައްޔިތުންނާ ވާހަކަ ދައްކާލަން މިވަގުތު މިގޮތަށް ތިޔަބޭފުޅުން ފަހިކޮށްދެއްވި ކަމަށްޓަކައި ހަމަ ވަރަށް އުފާކުރަން. އެހެންވީމާ، ވަރަށް ހިތްހަމަޖެހޭ ވަގުތުކޮޅެއް މިއީ އިނގޭތޯ.

ނަޞްރުﷲ އިދުރީސް:
ރަމީޒް، އެހެންވީމާ، މިހާހިސާބުން ދެން އަޅުގަނޑުމެން މިއަދުގެ ޕްރޮގްރާމްވެސް ނިންމާލަން މިޖެހެނީ ދޮގެއްތޯ؟

މުޙައްމަދު ރަމީޒު:
ނިންމާލުމުގެ ކުރިން ނަޞްރު އެބައޮތޭ މުހިންމު ވާހަކައެއް ދަންނަވާލަން.

ނަޞްރުﷲ އިދުރީސް:
ކޮބައިތޯ؟

މުޙައްމަދު ރަމީޒު:
މިއަދުވެސް ރީނދޫ ސަމާލު ނެރެފައި އެބައޮތް އިނގޭތޯ؟ އަޅުގަނޑުމެންގެ ޕްރޮގްރާމްގައި، ވަރަށް ގިނައިން މޫސުމްގެ ވާހަކަ ދައްކާލަން. ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އެބައޮތް 7:50 ން ފެށިގެން 12 އާ ހަމައަށް އިނގޭތޯ ރީނދޫ ސަމާލު. ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރައްވާފައި.

ނަޞްރުﷲ އިދުރީސް:
ރައްކާވެ ތިބިއްޔާ ދަތުރު އިނގޭތޯ. ދަތުރުފަތުރު ކުރައްވާއިރު ވަރަށް ބޮޑަށް ސަމާލުކަން ދެއްވާތި. އަދި ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ދަންނަވާ ވާހަކައެއް މިއީ، އެއްގަމުގައި ތިއްބަސް ބޯކޮށް ވާރޭވެހޭ ކަމަށްވަންޏާ، ފެން ބޮޑުވެދާނެތީ ސަމާލުކަން ދެއްވާށޭ. ރަށްރަށުގައި އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެއޭ، މިރަށުގެ މިހާ ހިސާބުގައި ފެން ބޮޑުވެދާނެއޭ ފަސޭހަކޮށް. ވެލި ބަސްތާ ޖަހާލުން ކަހަލަ، ތިރީގައި ހުންނަ އެއްޗެހި މައްޗަށް އުފުއްލާލުން ކަހަލަ ކަންކަމަކީ، ރައްކާތެރިކަމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަން. އެހެންވީމާ، މިކަންކަމަށް ސަމާލުކަން ދެއްވާތި. ހުދަކުން މިހާރު ރީނދުލަށް މި ބަދަލުވީ ދޮގެއްތޯ؟

މުޙައްމަދު ރަމީޒު:
އާދެ.

ނަޞްރުﷲ އިދުރީސް:
މި ވާހަކަ ދަންނަވާލާފައި، އަޅުގަނޑުމެން މިއަދުގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމް މި ނިންމާލަނީ. ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑުމެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި އަޅުގަނޑުމެންގެ ލޮބުވެތި އެކުވެރި އެހުންތެރިންނަށްވެސް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. މިއަދުގެ ބާއްޖަވެރި ހެނދުނެއް އުފެއްދި ޓީމުގެ ވާހަކަ ދަންނަވާލާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ދެން ހަމަ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން ދޮގެއްތޯ؟

މުޙައްމަދު ރަމީޒު:
އާދެ. ޓީ.ވީ. މޯލްޑިވްސްގެ ވަރަށް ގިނަ ބޭފުޅުން، ކެމެރާމަނުން، ޓެކްނީޝަނުން، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮޑިއުސަރުން، ޓެކްނީޝަނުން، މިހެންގޮސް ބޭބޭފުޅުންގެ ނަން ދަންނަވާލާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް މިއަދު އެހާ ފަސޭހައެއްނޫން. އެހެންވީމާ، ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަމުން އަޅުގަނޑުމެން މިއަދު ނިންމާލާނީ.

ނަޞްރުﷲ އިދުރީސް:
އެއްވެސް ނަމެއް މިއަދު ނުދަންނަވާ ދޮގެއްތޯ؟

މުޙައްމަދު ރަމީޒު:
އާދެ، ހުރިހާ ބޭފުޅުން.

ނަޞްރުﷲ އިދުރީސް:
އާދެ، ހުރިހާ ބޭފުޅުން. މިކަމުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅުންވެސް އެބަ އުޅުއްވާ. އެއީ، އެކި ގޮތްގޮތުން އެހީތެރިވެދެއްވި ބޭފުޅުން. އެހެންވީމާ، ޖުމްލަކޮށް ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކޮށްލާފައި އަޅުގަނޑުމެން ވަކިވެލާނީ. އަޅުގަނޑާ ރަމީޒު މިތަނުގައި ތިއްބެއް ކަމަކު، ވަރަށް ބޮޑު ޓީމެއް އޮވެގެން ތިޔަބޭފުޅުންނާ ހަމައަށް މި ޕްރޮގްރާމް މި ގެނެސްދިނީ. ހުރިހާ ބޭފުޅުންނަށް ވަރަށް ބާއްޖަވެރި އުފާވެރި ދުވަހަކަށް އެދެން.

وَالسَّلَامُ عَلَيْكُمْ.