ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ފެށިފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންގޮސްދެއްވައި ނިންމަވާދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކައުންސިލުން ވަނީ މީހުން ދިރިއުޅެމުންދާ ރަށްތައް ހިއްކުމުގެ ބަދަލުގައި ދުރު މުސްތަޤްބަލަށްޓަކައި އަތޮޅުގައި މީހުން ދިރިއުޅޭނެ 6 ވަނަ މަންޒިލެއް ނުވަތަ އައު ރަށެއް ހިއްކާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ މަސައްކަތް ފެށުމަށް ބޭނުންވާ ކަމަށާއި، ވ. އަތޮޅުގައި 'ޕިކްނިކް އައިލެންޑެއް' ތަރައްޤީކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ސިވިލް ސަރވިސް އިން ކައުންސިލް އިދާރާތައް ވަކިކޮށް މިނިވަން ކުރުމަށް ބޭނުންވާކަމަށާއި ފަސޭހަ ކަމާއެކު ކައުންސިލްތަކަށް މުވައްޒަފުން ނެގޭނެ ގޮތެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްޤީ ކުރުމަށް ބޭނުން ނުވާކަމަށާއި އެއީ ރިސޯޓެއް ތަރައްޤީކުރުމުން ވ އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެތީ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.