ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ރަކީދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި ކައުންސިލްގެ އެދުމުގެ މަތީން ރަކީދޫ އެއްފަސް ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ޚާއްސަކޮށް މާލެ އަތޮޅުގެ ރަށަކަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބުމަށް ބޭނުންވާކަމަށާއި، ދަތުރުފަތުރު ކުރުމަށް ލުއި ފަސޭހަ ގޮތްތަކެއް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް އިތުރު ވަޞީލަތްތައް ބޭނުންވާކަމަށާއި، ކައުންސިލް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަކީދޫ ރައްޔިތުން މާލެ އަތޮޅުން ބަދަލުވުމަށް ބޭނުންވާ ތަނަކާ ގުޅޭގޮތުން ކައުންސިލުން ބޭނުންވާ ގޮތް އައްސަވާ އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރަކީދޫ ރައްޔިތުންނާއި ރަކީދޫ ކައުންސިލުން އެދޭގޮތަށް އެއްފަސްވުމުގެ ކަންކަން ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް އަސާސީ ގޮތުން ބޭނުންވާ ޚިދުމަތްތައް މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވައި އެކަންކަމުގެ ތެރެއިން ކައުންސިލުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.