ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި ފުލިދޫގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީގެ ޕްލޭނަށް ބަދަލުތަކެއް ގެންނަންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލްގެ ބްލޮކް ގްރާންޓުގެ 7 މަސް ދުވަހުގެ ލާރި ނުލިބުމުގެ މައްސަލައާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ލަފާ ފުރުމުގެ ދަތިކަން ހުރިކަން ފާހަގަކުރައްވައި ބަނދަރު މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ބޭނުންވާކަމަށާއި ބަނދަރު މަޝްރޫޢުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަޞީލަތް މަދުކަމާއި، ޑޮލަރު އަދި ދިވެހި ރުފިޔާ އޭ.ޓީ.އެމް އެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފުލިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެކޮމިޓީއިން މަސައްކަތްކުރާނެ ވަކި އިދާރާއެއް ނެތުމުގެ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީއަށް މުސާރައެއް ހަމަޖައްސައިދެއްވުމަށް އެކޮމިޓީއިން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ބައްލަވައި ރަށަށް އެންމެ ފައިދާވާނެ ގޮތަކަށް އެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވިދާނެ ގޮތް ކައުންސިލާއި ހިއްސާކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.