ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ފެލިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރެއްވީ ބިމުގެ ޖާގައިގެ ދަތިކަމެވެ. އަދި ތަޢުލީމީ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު މިހާރު ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށްގެންގޮސް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ފެލިދޫ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ރަށެއް ކަނޑައަޅައިދެއްވުމަށާއި، ވ އަތޮޅުގައި ޑްރައިވިންގ ލައިސެންސް ދޫކުރުމުގެ ޚިދުމަތް ޤާއިމުވެފައި ނެތް ކަމުގައި ފާހަގަކުރައްވައި އެ ޚިދުމަތް ވ އަތޮޅުން ލިބޭނެ މަގު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވ. ފެލިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ޖާގައިގެ ދަތިކަން ހުރުމުން އެ ކަނބަލުންގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ލައިސެންސް ދޫކުރުމުގެ ޚިދުމަތް ދިނުމުގެ ކަންކަން ވިހާވެސް އަވަހަށް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން އަވަހަށް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.