ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުލަކަތޮޅު ދިއްގަރު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މުލަކަތޮޅު ދިއްގަރު ހެލްތް ސެންޓަރުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވިދާޅުވީ ރައްޔިތުން މި ވަގުތު އެންމެ ބޭނުންވަނީ ބޭންކިންގގެ ޚިދުމަތް ލިބުންކަމުގައެވެ. އަދި ދިއްގަރުގެ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާކަމަށާއި، ޞިއްޙީ މަރުކަޒަށް އިތުރު މުވައްޒަފުން ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ރަށުގެ ރައްޔިތުންނަށްޓަކައި ހައުސިންގ ޔުނިޓް ހަދައިދެއްވުމަށާއި، ކަރަންޓުގެ ހާލަތު ރަނގަޅުކޮށްދީ، ފެނާ ނަރުދަމާ އަދި ކަރަންޓު ޚިދުމަތް އަލަށް އާބާދުވާ ސަރަހައްދަށް ފޯރުކޮށްދިނުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހުށަހަޅުއްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މ. ދިއްގަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ރޯދަ އެލަވަންސް ލިބުމަށް ބޭނުންވާ ކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ގެނެވެން އޮތް ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ވީހާވެސް ރަނގަޅަކަށް ކައުންސިލުން ވިދާޅުވި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.