ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު މުލަކަތޮޅު މުލަކު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ތަރައްޤީކޮށްދެއްވައި، ޕިކްނިކް އައިލެންޑެއް އަތޮޅުގައި ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އޭ.ޓީ.އެމް ގެ ޚިދުމަތް އަތޮޅުގެ އާބާދީ ބޮޑު ރަށްރަށުން ލިބުމަށް އެދޭކަމަށާއި، މާލެ ދަތުރުކުރެވޭނެ ރަނގަޅު ލުއިފަސޭހަ ގޮތެއް އެދޭކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަތޮޅުގައި ހަދަން ފަށާފައިވާ ރިސޯޓްތައް އަވަހަށް ނިންމަވައިދެއްވުމަށާ، މަސް ބަނދަރުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.