بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ނިޢުމަތްތަކުގެވެރި ގަދަކީރިތިވަންތަ اللهُ تـبـارك وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ސާހިބާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ސަރުކާރުގެ އެކި އިދާރާތަކާއި ހޮސްޕިޓަލްތަކުގެ އިސްވެރިން، ޞިއްޙީ ޚިދުމަތްތެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ޢާންމު ޞިއްޙީ ޚިދުމަތްތައް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރަމުން އަންނަ ކަމެއް. އެގޮތުން، ދިވެހިރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ލެބޯރެޓަރީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢެއް އެކުލަވައިލައި، ތަންފީޒުކުރަން ފެށުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ އެޖެންޑާގައި ހިމެނޭ މުހިންމު ވަޢުދެއް.

ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤަކަށްވާއިރު، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކުން އެ ޙައްޤު ރައްޔިތުންނަށް ހޯދައިދޭންޖެހޭނެކަން، ދައުލަތުން ހޯދައިދޭންޖެހޭނެވަރަށް ދައުލަތުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށްލަން ބޭނުން. ދިވެހިރާއްޖެއަކީ ނިސްބަތުން އާބާދީ ކުޑަ ޤައުމަކަށް ވީނަމަވެސް، ދިވެހިރާއްޖޭގެ އާބާދީ، ގިނަ ރަށްތަކަކަށް ބެހިފައިވާ ގޮތުގެ ސަބަބުން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެންމެ ފުރިހަމަ ޞިއްޙީ ޚިދުމަތް ޤާއިމުކޮށްދިނުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުން ފަސޭހައިން ވާޞިލްވެވޭނެ، ފެންވަރު ރަނގަޅު އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް، އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަމުންދާއިރު، ޞިއްޙީ ނިޒާމުގެ ތެރެއިން، ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތައް ދެނެގަނެ، އެ ޚިދުމަތްތައް، ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ.

ލެބޯރެޓަރީގެ ޚިދުމަތަކީ، ދިވެހިރާއްޖޭގައި އެކިއެކި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންގެ ތެރެއިން، ވަކީން ޚާއްޞަކޮށް، އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ވާޞިލްވުމަށް އުނދަގޫ ޚިދުމަތެއް. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ، ދެންމެ ފާހަގަކުރެއްވި ފަދައިން، 76 ރަށެއްގައި މީހުންނަށް ލެބޯރެޓަރީގެ ޚިދުމަތެއް ނުލިބޭ.

ބަލި ޙާލަތުގެ ސަބަބުން ބުރަތަކެއް އުފުލަން ޖެހިފައިވާ ރައްޔިތުން، އެ ބައްޔަށް ފަރުވާ ހޯދުމަށްޓަކައި ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މާލޭ ސަރަހައްދަށް ނުވަތަ ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކޮށްފައިވާ ރަށްތަކަށް ދަތުރުކުރަންޖެހުމަކީ، އެ ރަށްރަށުގެ ރައްޔިތުން އުފުލަންޖެހޭ އިތުރު ބުރައެއް. އަދި އިތުރު ޚަރަދެއްވެސްމެ.

ލެބޯރެޓަރީގެ ޚިދުމަތަކީ ރައްޔިތުންނަށް ލިބޭ އަސާސީ ޚިދުމަތަކަށްވެފައި، މި ޚިދުމަތް އެމީހަކު ދިރިއުޅޭ ރަށެއްގައި ހުރެގެން ނުވަތަ ރަށާ ކައިރިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މުހިއްމުކަން އަޅުގަނޑުމެން އެންމެންނަށްވެސް އެބަ ގަބޫލުކުރެވޭ. މާތް ﷲ ގެ ވާގިފުޅާއެކު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ލެބޯރެޓަރީގެ ޚިދުމަތް ދިވެހިރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، މިހާތަނަށް ލެބޯރެޓަރީއެއް ނެތް 4 ރަށެއްގައި މިއަދު އެ ޚިދުމަތް ފެށުމަކީ، އެ ރަށްރަށާއި، އެ ރަށްތައް ކައިރީގައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ތަސައްލީއެއްކަން ކަށަވަރު.

އިރާދަކުރެއްވިއްޔާ، މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯރެޓަރީ ނެތް ބާކީ 72 ރަށުގެ ލެބޯރެޓަރީގެ ޚިދުމަތް ދޭން ފެށޭނެ. މި މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވައިލައި، ކަމާބެހޭ އިދާރާތަކުން މި މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދާނެކަން، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އިމަރޖެންސީ ޙާލަތްތަކުގައި، ކޮންމެހެން ބޭނުންވާ ޓެސްޓުތައް ހެދުމަށް ފަސޭހަވުމުގެ އިތުރުން، ބައެއް ޢާންމު ބަލިތައް އަވަހަށް ދެނެގަނެވި، ޞިއްޙީ ފަރުވާ އަވަސްމިނެއްގައި ލިބިދިނުމަށް މަގުފަހިވެގެންދާނެ.

މި ފުރުޞަތުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައްޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ރެޔާއި ދުވާލު ވަރުބަލިކަމެއްނެތި، ޞިއްޙީ ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ އަގުހުރި މިންނެތް މަސައްކަަތްޕުޅަށް، އެ ފަރާތްތަކަށް ޝުކުރު ދެންެނެވުމުގެ އިތުރުން، ޞިއްޙީ ނިޒާމު އުސްމިންތަކަކަށް ގެންދިއުމަށް ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ލެހެއްޓެވުން މިންވަރުކުރެއްވުން. ބަލިތަކުން ދުރުކުރައްވައި، އުފާވެރި ދިރިއުޅުމެއް މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ.