بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކޮނޑޭގެ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު ވާރޭ ވެހެނިކޮށްވެސް މި ރަށަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށް، ވާރޭގައި ތެމެމުން ވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ބޯކޮށް ވާރޭ ވެހެމުންދާ މި ދަނޑިވަޅުގައިވެސް، ރަށުގެ އެތައް ރައްޔިތުންނެއް ވަޑައިގެން، މި ޖަލްސާގައި ތިއްބެވި ކަމަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ސަރުކާރުން މި ރަށުގެ ތަރައްޤީއަށް ވަރަށް އިސްކަންދޭނަމޭ. 2012 ވަނަ އަހަރު، 2013 ވަނަ އަހަރު، ބަނދަރުގެ މަސައްކަތް އޭރު ކުރެވިގެންދިޔައީ. އޭރަށް ދެން ހެދެން އޮތް ސައިޒުގެ ބަނދަރު ހެދީ.

އެހެން ނަމަވެސް، ތަރައްޤީ ގެނައުމަށްޓަކައި ދުރު ރާސްތާއަށް ވިސްނާއިރުގައި، ކޮންމެ ރަށެއްގައިވެސް މިހެން ހެދޭ އިންފްރާސްޓްރަކްޗަރތަކުގެ ޖާގަ، ނޫނީވިއްޔާ ކެޕޭސިޓީ ބޮޑުކުރުމަކީ ހަމަ މުހިންމު ކަމެއް. މި ރަށަކީ ދަނޑުވެރިކަމުގެ ޞިނާޢަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއް. އަޅުގަނޑުމެންގެ އެންމެ މުހިންމު އިޤްތިޞާދީ ސިޔާސަތަކަށް މިއޮތީ، އެނގިވަޑައިގަންނަވާނެ ފަދައިން، ކެމްޕެއިންގައިވެސް އަޅުގަނޑު ދެންނެވި ގޮތަށް، އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިންވެސް މިހާރު ކަނޑައަޅައިގެން ކުރިއަށް ގެންދާގޮތަށް، ދަނޑުވެރިކަމުގެ ޞިނާޢަތް ވަރުގަދަކުރުން.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެއީ، ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ވަރަށްބޮޑު، ވަރަށް އެމްބިޝަސް، ވަރަށް މުހިންމު ސިޔާސަތެއް.

ހަމަ އެއާއެކީގައި، ޓޫރިޒަމް އިންޑަސްޓްރީގައި އެތައް ރިޒޯޓަކަށް ބޭރުން މި ގެންނަނީ ކާބޯތަކެތި. އެހެންވީމާ، ޓޫރިޒަމް އިންޑަސްޓްރީއަށްވެސް ބޭނުންވާ ހުރިހާ ބާވަތެއްގެ، ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަކީވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނޭ ދެވަނަ އަމާޒު.

އެހެންވީމާ، މި މަސައްކަތް ރާއްޖޭގައި ކުރާ ކަމުގައިވަންޏާ، މި ރަށުގެ ބިމުގެ ބޭނުން ވަރަށް ބޮޑަށް ޖެހޭ. ރަށުގެ ރައްޔިތުންގެ މުސްތަޤްބަލަށްޓަކައި، އެތައް ރައްޔިތުންނެއްގެ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެއް މިއީ. އަދި މިގޮތަށް ދެންހުރި ބިން ބޮޑެތި އަދި މިހާތަނަށްވެސް އެގްރިކަލްޗަރ، ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށްތަކަށް، އަޅުގަނޑުމެން ގަސްތުކުރަނީ، މި ދެންނެވި ގޮތަށް މުހިންމު އިންވެސްޓްމަންޓް ގެންނަން. އެގްރިކަލްޗަރ ދާއިރާއިން.

އެހެންވީމާ، މި ރަށުގެ ތަރައްޤީއަށްޓަކައި އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުންނާއި ކައުންސިލާ ބައިވެރިވާ ގޮތަށް، ދަނޑުވެރިކަމުގެ މުހިންމު މަޝްރޫޢެއް ހިންގައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. އޭގެ ސަބަބުން އެތައް ރައްޔިތުންނަކަށް އާމްދަނީ އިތުރުވެގެންދާނެ.

އެއާ ގުޅިގެން އެކަން ކުރާ ކަމަށްވަންޏާ، ބަނދަރު ބޮޑުކުރަންވެސް ޖެހޭނެ. އެހެންވީމާ، މިހާރު ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ގޮތަށް، އެ ބަނދަރުވެސް، ކުރިއަށް އޮތް ތާނގައި، ވީހާވެސް އަވަހަކަށް، ވީހާވެސް ރަނގަޅަކަށް ބޮޑުކޮށް ހަދައިދޭނެ ކަމުގައި ދަންނަވަން.

އާދެ، ގެދޮރުގެ ދަތިކަން ބޮޑު، ގެދޮރު ބިނާކުރުމަށް ގޯތި ހުރި ނަމަވެސް، ލޯނު ލިބުން ދަތިވުމާއި، މިކަހަލަ ކަންތައްތައް މުޅި ރާއްޖޭގައި މިއޮތީ. މި ރަށުގައި ރޯހައުސް، ނޫނީވިއްޔާ ހައުސިންގ ޔުނިޓުތަކެއް ޤާއިމުކުރެވިއްޖެނަމަ، އެއީ، ރަށުގައި މިހާރު ގެދޮރު ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަ ކަމަކަށްވާނެ. ކައުންސިލްގެ ބައްދަލުވުމުގައި، ކައުންސިލްގެ ރައީސްވެސް އެކަން ފާހަގަކުރެއްވި. އަދި އެހެން ގިނަ ކަންތައްތައްވެސް ބައްދަލުވުމުގައި ފާހަގަކޮށްދެއްވި.

ގެދޮރު ބިނާކުރުމަކީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތު. އެހެންވީމާ، މިކަމަށްވެސް މި ރަށުގައި ހަމަ އަޅުގަނޑުމެން މަސައްކަތްތަކެއް ކުރާނެ ވާހަކަ ދަންނަވަން.

ދެން ހެލްތު ސެންޓަރ، ނޫނީވިއްޔާ ޞިއްޙީ ދާއިރާ، ހެލްތް ސެންޓަރ ވަރުގަދަކުރުމަށްޓަކައި ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަން ދޭނެ ވާހަކައާއި، އަދި ހަމަ އެއާއެކީގައި، މި ރަށުގައި އޮޅިފައި އޮތް ކަރަންޓް ނެޓްވާރކް ރަނގަޅު ކުރަންޖެހޭ. ކައުންސިލް ބައްދަލުވުމުން އެކަން އަޅުގަނޑަށް ސާފުވެގެންދިޔައީ. އަޅުގަނޑު ފެނަކައާ ވާހަކަ ދައްކައިގެން ބަލާނަން، އެކަމަށް ވީހާވެސް އަވަހަށް އެދެވޭ ޙައްލެއް ގެންނަން.

އާދެ، މިކަހަލަ ގިނަ ކަންތައްތައް މިހިރީ. ފުޓްސަލް ދަނޑުގެ ޓާރފް ހަލާކުވެގެން ގޮސްފައި އޮތް ވާހަކައާއި، ވޮލީ ކޯޓެއް އެޅުމަށް މަސައްކަތް ކުރަމުންދާ ވާހަކަ. އަދި ސްކޫލްގެ ޙާލަތު ވަރަށް ދަށް. ސްކޫލްގެ ކްލާސްރޫމްތައް ހަދަންޖެހި، ލައިބްރަރީ އަދި ލެބް ޤާއިމުކުރުމާއި، މިފަދަ ގިނަ ކަންތައްތަކެއް ހުރީ ކުރަން ޖެހިފައި.

އާދެ، އޭ.ޓީ.އެމް.ގެ ވާހަކަވެސް ހަމަ ފާހަގަކުރެއްވި. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިހިރަ ހުރިހާ ކަމެއް ކުރުމަށް އިރާދަކުރެއްވިއްޔާ ސަމާލުކަން ދޭނަމޭ. އެކަންކަމަށް ޙައްލު ގެނެސްދޭން އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ ނަތީޖާވެސް ނެރެދޭނަން.

އެހެންވީމާ، މިކަންކަން ކުރުމުގައި، ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެމުން، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ވިދާޅުވި ހޫނު މަރުޙަބާއާއި، ބަހައްޓަވާ ގާތްކަމަށް. ސަރުކާރުން އިރާދަކުރެއްވިއްޔާ ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތުކުރުމެއްނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި، އިންޞާފާ އެކީގައި، ޢަދުލުވެރިކަމާ އެކީގައި ތަރައްޤީ ގެނެސްދޭނެ ވާހަކަ ދަންނަވަން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.