بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ގައްދޫގެ ލޮބުވެތި ރައްޔިތުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ރަށަށް މިއަދު އާދެވުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އާދެ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުން ދެއްވި ތާއީދަށްޓަކައި، އެ ކަމަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ގިނަގުނަ މަސައްކަތްތަކެއް އެބަހުރި. އެކަންކަން ކުރުމުގައި ދިމާވެފައި ހުރި ގޮންޖެހުންތައް، ހުރިހާ ރަށެއްގެ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމުގައިވެސް މިއޮތީ ކުރިމަތިވެފައި. އެއީ، އެކިކަހަލަ މަސައްކަތްތައް މީހުން ލައްވައި ކުރުވައި، ފައިސާ ނުދީ ހުރުމާއި، އިޤްތިޞާދުގެ އޮތް ބޮޑު ދަރަނި، އެ ދަރަނި ދެއްކުމުގައި ހުރި ގޮންޖެހުންތަކާ، މިކަހަލަ ކަންތައްތައް. އެކަންކަން އަޅުގަނޑުމެން މިދަނީ ރަނގަޅު ކުރަމުން. އިރާދަކުރެއްވީތީ ވަރަށް ބޮޑެތި ކުރިއެރުންތައް މިހާރުވެސް ހޯދިފައި މިވަނީ.

އެހެންވީމާ، ގައްދޫގެ ލޮބުވެތި ރައްޔިތުންނަށް ދޭން އޮތް ޔަޤީންކަމަކީ، މި އަހަރުގެ ތެރޭގައި މިކަހަލަ މުހިންމު މަސައްކަތްތަކަށް ޢަމަލީ ސިފަ އައިސް، ޙަޤީޤަތަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނެ ވާހަކަ.

އާދެ، އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، ބިން ހިއްކުމުގެ ވާހަކަ، ބިން ބޮޑުކުރުމުގެ ވާހަކަ އަދި ހޮސްޕިޓަލް އިމާރާތް ކުރުމުގެ ވާހަކަވެސް އެބައޮތް. އަދި މިކަހަލަ ވަރަށްގިނަ ކަންތައްތައް އެބަހުރި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހޮސްޕިޓަލް މަޝްރޫޢުގެ ކަންތަކުގައި، އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވީހާވެސް އަވަހަކަށް ކޮށްދޭނެ ވާހަކަ.

އާދެ، ބިން ހިއްކުމުގެ މަޝްރޫޢު، ބަޖެޓުގައި މި އަހަރު ހިމެނިފައި ނެތީމާ، އެކަން ފެށުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ. ކޮންމެ ގޮތެއްވިޔަސް އަޅުގަނޑު ދަންނަވަން ބޭނުންވާ، ތިޔަބޭފުޅުންނަށް އެންމެ މުހިންމު ވާހަކައަކީ، ބިން ހިއްކުމަކީ، މި ރަށުގެ ތަރައްޤީއަށްޓަކައި، ގެދޮރު ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީ، އެކަމަށް ޙަޤީޤީ ސިފަ އަޅުގަނޑުމެން ގެނެސްދޭނަމޭ. އެހެންވީމާ، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން. އެކަން ކުރެވޭނީ، ބަޖެޓުގެ ތެރެއިން ޖާގަ ހޯދައިގެން ކަމުގައިވާތީ، ވީހާވެސް އަވަހަކަށް ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދޭނެ ވާހަކަ ދަންނަވަން.

އާދެ، މި ރަށުގެ ކައިރީގައި އޮތް އެއަރޕޯޓް، އެބަހުރި އެ އެއަރޕޯޓަށް ވަރަށްގިނަ ކަންކަން ކުރަން ޖެހިފައި. އެއަރޕޯޓުގެ ތަރައްޤީއަށް ކުރަންހުރި ވަރަށްގިނަ މަސައްކަތް އެބަހުރި. އެއީ، ގައްދޫގެ އަދި މި ސަރަޙައްދުގެ ތަރައްޤީއަށްވެސް މުހިންމު ކަމެއް. އެހެންވީމާ، ކެމްޕެއިން ތެރޭގައިވެސް އަޅުގަނޑު އެކަމަށް ވަޢުދުވިން. އެ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދީ، އަދި އެ އެއަރޕޯޓާ މި ރަށާ އެއްގަމުން ގުޅާލަދޭނެ ވާހަކަ ދަންނަވަން. އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަންޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ. އެހެން ނަމަވެސް، އެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނަން.

އާދެ، ފްލައިޓް ފްރިކުއެންސީ، މިހާރަށްވުރެ ގިނައިން ފްލައިޓް އެޅޭނެގޮތް ހެދުން. އެއާ ގުޅިފައި މިއޮތީ ޓޫރިޒަމް. ޓޫރިޒަމާ ގުޅިގެން ނޫނީވިއްޔާ ދަތުރުތައް އިތުރެއް ނުއެއް ކުރެވޭނެ. އެހެންވީމާ، މުޅި އަތޮޅުގެ ތަރައްޤީއާ ގުޅިލާމެހިފައި އެއަރޕޯޓުތައް ފަންކްޝަން ކުރުން، ނޫނީވިއްޔާ ފީޒިބަލްވުން ގުޅިފައި މިއޮތީ. އެހެންވީމާ، މުޅި އަތޮޅަށް ޓޫރިޒަމް ފުޅާވާންޖެހޭ.

އެހެންވީމާ، ޖުމްލަ ގޮތެއްގައި އަތޮޅަށް އަންނަންޖެހޭ ތަރައްޤީ އައިމަ، މި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ، މި ދެންނެވީ ޓޫރިޒަމް ތަރައްޤީ ކުރުމަށް ބޭނުންވާ އިތުރު ރިޒޯޓުތައް ހުޅުވުމަށް އަޅުގަނޑުމެން މަސައްކަތްތައް ކުރާނަން. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ އިތުރު ފްލައިޓުތައްވެސް ގިނަކުރެވި، ރައްޔިތުންނަށް ބޭނުންވާގޮތަށް، ވީހާވެސް ގިނަ ފްލައިޓުތަކެއް އެޅުމުގެ މަސައްކަތް ކޮށްދީ، އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ރަނގަޅު އެއަރޕޯޓަކަށް، ވީހާވެސް ގިނަ ދަތުރުތައް ކުރެވޭ، ފެންވަރު ރަނގަޅު، އެއްގަމުން ގުޅިފައިވާ އެއަރޕޯޓަކަށް މާވާރުލު އެއަރޕޯޓް ހަދައިދޭނަން.

އާދެ، އެހެންވީމާ، އެއަރޕޯޓުގެ ކަންކަން ރަނގަޅު ކުރުމާއި، ހޮސްޕިޓަލް ޤާއިމުކުރުމާއި، ބިން ހިއްކުމާއި، މިހިރަ ކަންކަން އަޅުގަނޑު މި ދެންނެވީ ކޮށްދޭނެ ވާހަކަ. އަދި އެކަމުގައި ހުރި ދަތިތަކާއި، އެކަންކަން ކުރުމުގައި ޓައިމްލައިނެއް ގާތްގަނޑަކަށް މި ދެންނެވީ. ބިން ހިއްކުން، މި އަންނަ އަހަރަށް، ބަޖެޓުގައި އަދި ނެތް އެ އެއަރޕޯޓް ގުޅާލުމުގެ މަސައްކަތް. އަޅުގަނޑަށް ލިބުނު ލިޔުމެއްގައި އެބައޮތް، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބިން ހިއްކަން ފަށަން. ބަޖެޓުގައި އެބައޮތް. އަޅުގަނޑަށް ކައުންސިލް މީޓިންގގައި ލިބުނު މަޢުލޫމާތަކީ، ބަޖެޓުގައި ނެތް ކަމަށް. މާފު ކުރައްވާތި. ކޮންމެގޮތެއްވިޔަސް، ބަޖެޓުން ޖާގަ ލިބެންޏާ، އެކަމަކީ މި އަހަރުގެ ތެރޭގައިވެސް އަޅުގަނޑު ކުރަން ފަށާނެ މަސައްކަތަކަށް ވާނެކަން. ދެން އަޅުގަނޑު ކުރިން ދެންނެވި ވާހަކައަށް ބަދަލެއް ގެނެސްފައި އެ ވާހަކަ ދަންނަވާލަން.

އާދެ، އަޅުގަނޑު މިއަދާ ހަމަޔަށް އައިއިރުގައި، މި ފެށި ދަތުރުތަކުގައި ވަރަށްގިނަ ކައުންސިލްތަކާ ބައްދަލުވެއްޖެ. އެހެން ނަމަވެސް، މި ރަށުގެ ކައުންސިލްގެ އެއްބާރުލުން ތަންކޮޅެއް ކުޑަކޮށް ލިބުނީ. ވަރަށް ހިތާމަކުރާ ކަމެއް. މިއަދުގެ ޖަލްސާގެ އެޖެންޑާގައިވެސް އެބައޮތް، ހަމަ އާދަކާދައިގެ މަތިން، ކޮންމެ ރަށެއްގައިވެސް ކައުންސިލްގެ ރައީސް، ސިޓީއެއްގައި ވިއްޔާ މޭޔަރު، މަރުޙަބާ ދަންނަވަން، ނޫނީވިއްޔާ އެންމެ ފުރަތަމަ ވާހަކަފުޅު ދައްކަވަން އެޖެންޑާ ހެދިފައި މި އޮންނަނީ. އަދި ކައުންސިލާ ވާހަކަ ދައްކައިގެން އެޖެންޑާ އެގޮތަށް ފައިނަލް ކުރަނީވެސް.

މިއަދާ ހަމަޔަށް އައިއިރުގައި، އަޅުގަނޑުމެންނާ ސިޔާސީގޮތުން މުޅިން ޚިޔާލު ތަފާތު ޕާޓީ، އެމް.ޑީ.ޕީ.ގެ ކައުންސިލްތަކުގެ ރައީސުން، މޭޔަރުން، ފެނިވަޑައިގަންނަވާނެ، ހުރިހާ ކައުންސިލްތައް، ހުރިހާ ރަށްރަށެއްގައި ވަރަށް ފުރިހަމަޔަށް ބައިވެރިވެވަޑައިގެންނެވި. ރޭގައި އެންމެފަހުން ތިނަދޫ ސިޓީގެ މޭޔަރ، ކުރިން ފުވައްމުލައް ސިޓީގެ މޭޔަރ، އޭގެކުރިން އައްޑޫ ސިޓީގެ މޭޔަރ، އަދި އެހެން ރަށްރަށުގެވެސް، އެމް.ޑީ.ޕީ.ގެ ކައުންސިލްތަކުގެ ރައީސުން ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާ. މީޓިންގްސްތަކުގައިވެސް ބައިވެރިވޭ. ރަށަށް ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކަވާ.

އެއީ، އެކަންކަން ވާންޖެހޭނެ ގޮތަކީ. އިންތިޚާބުގެ ތެރޭގައި އޮންނަންޖެހޭ ވާދަވެރިކަމެއް، ސިޔާސީގޮތުން އޮންނާނެ. އޮވެގެން، ވާދަކޮށްގެން އިންތިޚާބެއް ކާމިޔާބުވަނީ. ކޮށްގެން އެ ހިސާބުން ދެން މި ހަވާލުވަނީ، އިންތިޚާބުގައި ވޯޓުދިން މީހުންނަށާއި، ވޯޓު ނުދޭ މީހުންނަށާއި އެންމެންނަށް ޚިދުމަތް ކުރުމުގެ ޒިންމާއާ. އެ މީހަކު އެ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި، ހަމަހަމަކަމާ އެކީގައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޒިންމާޔާ، ހުވައެއް ކޮށްގެން މި ހަވާލުވަނީ. އަޅުގަނޑުވެސް އެ ހުވާކުރީ. ކައުންސިލަރުންވެސް އެ ހުވާކުރަނީ.

އެހެން ނަމަވެސް، މި ރަށުން މި ފެންނަ މަންޒަރާ ދޭތެރޭގައި ހިތާމަކުރަން. ލާމަރުކަޒީ ނިޒާމެއް ހިންގަންޖެހޭ އުޞޫލެއް ނޫން. އެއަށްވުރެ އަޅުގަނޑުމެން ވާންޖެހޭނެ ޒިންމާދާރު ބަޔަކަށް. ރައްޔިތުން އިންތިޚާބެއްގައި މީހަކު ހޮވާއިރުގައި، އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކޮށް، ހަމަހަމަކަން އިސްކުރަންޖެހޭނެ. ސިޔާސީ ފިކުރާއި، ސިޔާސީ ވިސްނުމަކީ، ދޭތެރެ މެދުން ހުރަހަކަށްވާންޖެހޭ ކަމަކަށް ހަދައިގެން ނުވާނެ.

ދެން މި ވާހަކަ މި ދަންނަވާލީ، މިއަދުގެ ތަޖުރިބާއިން. މިއަދު އެޖެންޑާގައި، ކައުންސިލް މިތަނުގައި ރިޕްރެޒެންޓެއް ނުވި. ފަހު ވަގުތު ހާޒިރުވެވަޑައިނުގަތީމާ. ދެން ކައުންސިލްގެ ނައިބު ރައީސްވެސް ހާޒިރެއްނުވި. ސިޔާސީ ވިސްނުން އެއްފަރާތް ކޮށްފައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރައްޔިތުން އިސްކުރަންޖެހޭނީ. އަޅުގަނޑު މި ތަނަށް މި އަންނަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، ރައްޔިތުންގެ ގާތަށް.

އެހެންވީމާ، ރައްޔިތުންނާއި ސަރުކާރާ ދޭތެރޭ މެދުގައި ލާމަރުކަޒީ ނިޒާމުން މި އޮންނަނީ ކައުންސިލް. އެހެންވީމާ، ކައުންސިލް ވާންޖެހޭނީ، މިވަގުތާ ހަމަޔަށް، މި ތަނުގައި އަޅުގަނޑުމެން މި ތަޖުރިބާކުރާ ޙާލަތް ދިމާވުމާ ހަމަޔަށް، މިދިޔަ ހުރިހާ ރަށެއްގައި މިކަން ދިޔަގޮތަށް ފުރިހަމަކޮށް. ހުރިހާ ރަށެއްގައިވެސް ވަރަށް ރަނގަޅަށް އެކަން ދިޔައީ. ފެނިވަޑައިގަންނަވާނެ، ހުރިހާ ރަށެއްގައި ދިޔައީ ވަރަށް ރަނގަޅަށްކަން. ސަރުކާރާ ގުޅިގެން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، އެކަތިގަނޑަކަށް ވެގެން ކައުންސިލްތައް ކުރިއަށްދާ ތަން ފެނިފައި އޮތީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް އެކަން ފެންނާނެ.

އެހެންވީމާ، މި ވާހަކަ ހަމަ ފާހަގަކޮށްލަން ބޭނުންވީ. ކުރިއަށް އިންތިޚާބެއްވެސް އެބައޮތް، އަނެއްކާވެސް ރައްޔިތުންގެ އަތްމައްޗަށް ކަރުދާސްކޮޅެއް އަންނަ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. މިކަހަލަ އިންތިޚާބުތަކަކީ، މިކަހަލަ ކަންކަމުން ތަޖުރިބާ ހޯދައި، ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާނެ މީހުން، މަޖިލީހަށް ވިޔަސް، ކައުންސިލަށް ވިޔަސް، ސަރުކާރެއް ހިންގަން ވިޔަސް ހޮވަންޖެހޭ އިންތިޚާބުތައް. ރައްޔިތުންގެ ޒިންމާ އަދާކުރަންޖެހޭނީ. ތިމަންނަމެންގެ ޙައްޤުގައި، ތިމަންނަ ނިސްބަތްވަނީ ކޮން ޕާޓީއަކަށްތޯ ބެލުމެއްނެތި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކީގައި މަސައްކަތް ކޮށްދޭނެ މީހެއްތޯ ހޮވެނީ.

މިހާރު އޮންނަ ސިޔާސީ ނިޒާމުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ، ވަރަށްބޮޑު ދައުރެއް. ސަރުކާރުން ކިތަންމެ ކަމެއް ކުރަން ބޭނުންވިޔަސް، ކިތަންމެ ހުރަހެއްވެސް ކުރިމަތިކުރެވޭ ގޮތަށް، ދުސްތޫރީ ނިޒާމު މި އޮންނަނީ. އެނގިވަޑައިގަންނަވާނެ، ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މި ސަރުކާރުގައި ތިންމަސް ހަމަވިއިރުގައި، ސަރުކާރުން ކަންކަން ރަނގަޅަށް، ވީހާވެސް ފުރިހަމައަކަށް ކުރަމުންދާއިރުގައިވެސް އެއްވެސް އަސާސެއްނެތި، ހުރަސްތައް ކުރިމަތިކުރަން ކިހާ ކަންތައްތަކެއްތޯ ކުރަނީ. ކުރަމުން އެގެންދަނީ މަޖިލިސް ތެރެއިން. އެއީކީއެއް ރައްޔިތުންނަށް ފައިދާއެއް ވާނެ ގޮތެއް ނޫންކަން.

އެހެންވީމާ، ކުރިއަށް އޮތް އިންތިޚާބުގައި، އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި ކަންތައްތައް ކޮށްދިނުމުގައި، ކުރިއަށް ދެވޭނެ މަގުފަހިކޮށްދިނުމަކީ، އަޅުގަނޑު ހިތުން އެންމެ ބުއްދިވެރި ގޮތަކަށް ވާނީ.

އަޅުގަނޑު ވީ ވަޢުދެއް ވިއްޔާ ފުއްދާނެ ވާހަކަ ތަކުރާރުކޮށް ބުނަން. ފުއްދަމުން މިދަނީވެސް. އިރާދަކުރެއްވިއްޔާ ފުއްދާނަންމެ. އެހެންވީމާ، މިކަންކަން ކުރުމުގައި، ވަޢުދުތައް ފުއްދުމުގައި، ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑަށް ދެއްވުމަކީ އެއީ، އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާ އެކީގައި، ރައްޔިތުންގެ ކިބައިން އެދޭ ކަމެއް.

އާދެ، އެ ވާހަކަ ފާހަގަކޮށްލުމާ އެކީގައި، ދެން އަޅުގަނޑު ހަމަ ކުރުކޮށްލަމުންވެސް ދަންނަވަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި އެހެން ހުރިހާ ކަމެއްގައިވެސް ފުރިހަމަ އެއްބާރުލުން ދޭނަމޭ. ކައުންސިލްތަކާއި އަދި ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށްޓަކައި ފަޅުރަށްތައް ހަވާލުކުރުމާ، މިކަންކަމަކީވެސް އަޅުގަނޑުމެން މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި ހުޅުވާލާފައި އޮތް ކަމެއް. އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވިން، ގަން އެއީ، މި ރަށުގެ ތަރައްޤީއަށް ހަވާލުކުރާނެ ރަށެކޭ. އެގޮތުގައި އެކަން އޮންނާނީ.

އެހެންވީމާ، ދެން ކުރަންހުރި ކަންކަމުގައިވެސް، ކުޅިވަރު، ވޮލީކޯޓު އެޅުން ކަމަށްވިޔަސް، އަދި ކުޅިވަރު އެހެން ފެސިލިޓީޒްތައް ކަމަށްވިޔަސް، މި ހުރިހާ ކަމެއްގައި އަޅުގަނޑުމެން ދާނީ ރައްޔިތުންނަށް އެއްބާރުލުން ދެމުން. އާދެ، ރައްޔިތުންގެ ކުރިމަގަށް ކުރެވޭ ހުރިހާ ކަމެއްގައި، އުފަލާ އެކީގައި ސަރުކާރުން ކުރިއަށްދާނަން. ރައްޔިތުންގެ ކިބައިން، ރައްޔިތުންގެ ބައިވެރިވުން، އެއްބާރުލުން ހަމަ ދެއްވުމަށް އަޅުގަނޑު އެދެނީ.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެންނަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާވެރިކަން މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.