بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ތިނަދޫ ސިޓީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ސިޓީގެ މޭޔަރ ސަޢުދު ޢަލީ، ސިޓީގެ ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.، ތިނަދޫ ސިޓީގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، މިޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ފަޚުރުވެރި ތިނަދޫ ސިޓީއަށް އަޅުގަނޑަށް މިއަދު އާދެވުމުން، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ހަމަ އެއާއެކު، އިންތިޚާބަށްފަހު ތިޔަބޭފުޅުންނާ ބައްދަލުވާ ފުރަތަމަ ފަހަރު ކަމަށްވާތީ، ވަރަށްވެސް ބޮޑު ތަރުޙީބެއް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، ތިޔަބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރެއްވި ކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެކަމަށްޓަކައިވެސް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، ތިޔަބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރު އަޅުގަނޑު ދަމަހައްޓާނަމޭ. ތިނަދޫގެ މި ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، މެނިފެސްޓޯ އިޢުލާނުކުރި ދުވަހު އިޢުލާނުކުރި ޕޮލިސީ ސިޔާސަތު އެގޮތުގައި ދަމަހައްޓަމުން މިދަނީ. އަދި އިރާދަކުރެއްވިއްޔާ ދާނީވެސް އެގޮތުގައި.

ރާއްޖެ ތަރައްޤީ ކުރުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި މި ރާއްޖެ ތަރައްޤީ ކުރަންޏާ، ސަރަޙައްދީ ތަރައްޤީގެ ސިޔާސަތު ތަންފީޒު ކުރުމަކީ، މިހާރު ދެން ކުރަން ޖެހިފައި އޮތް ކަމެއްކަން އަޅުގަނޑު އެ ދުވަހު އިޢުލާނު ކުރިން. އަބަދު ދައްކާ ވާހަކައެއްގެ ގޮތުގައި، ފޮތްތަކުގައި އެ ވާހަކަ ލިޔެފައި އޮންނަ ވާހަކައެއްގެ ގޮތުގައި އެ ވާހަކަ ނުބާއްވައި، ޙަޤީޤީ މާނައިގައި އަދި އެއީ، ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާއާވެސް އެކީގައި، 20 އަހަރު ދުވަހަށް އެކުލަވައިލެވޭ ތަރައްޤީގެ މާސްޓަރ ޕްލޭނެއްގެ ތެރެއިން ސަރަޙައްދީ ތަރައްޤީ ގެނައުމަކީ ކުރަންޖެހޭ ކަމެއްކަން އަޅުގަނޑު އެ ދުވަހު އިޢުލާނުކުރީ. އަދި އެ ސިޔާސަތު ރައްޔިތުން ބަލައިގަތީ. ބަލައިގަނެ، އަޅުގަނޑާ ޒިންމާ ތިޔައޮތީ ތިޔަބޭފުޅުން ހަވާލުކުރައްވާފައި.

އެގޮތުން ބަލާއިރުގައި، މި ސަރަޙައްދީ ތަރައްޤީ ހާސިލު ކުރުމުގައި އަޅުގަނޑު ހުށަހެޅީ، ރާއްޖޭގައި އެންމެ އުތުރުން ސަރަޙައްދީ ތަރައްޤީގެ ޑިވެލޮޕްމަންޓް ޒޯނެއް ކަނޑައަޅައި، އެންމެ ދެކުނުންވެސް އެގޮތަށް 4 އަތޮޅު، ކޮންމެ ކޮޅަކުން ހިމެނޭގޮތަށް، ތަރައްޤީގެ ޑިވެލޮޕްމަންޓް ޒޯނެއް ކަނޑައަޅައި، އޭގެއިތުރަށް، މުހިންމު އެކިއެކި ސަރަޙައްދުތަކަކަށް ބަހާލައި، 7 ސަރަޙައްދެއްގައި އަރބަން ސެންޓަރުތަކެއް ހަދައި، އަދި ދެންހުރި ރަށްތަކަށްވެސް ބޭނުންވާ ހުރިހާ ފެސިލިޓީޒެއް، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ފޯރުކޮށްދެވޭ ނިޒާމެއް. އެގޮތުން ބަލާއިރުގައި، މި ސަރަޙައްދުގެ ތަރައްޤީގެ ޑިވެލޮޕްމަންޓް ޒޯނުގައި، މި ސިޓީއަކީ އެ ނާރެސް، އެ ސަރަޙައްދީ ތަރައްޤީގެ މި ޑިވެލޮޕްމަންޓް ޒޯނުގެ ވަރަށް މުހިންމު އެއް ނާރެހެއް.

އެހެންވީމާ، މި ސިޓީ ތަރައްޤީ ކުރުމުގައި ދޭންޖެހޭ ފުރިހަމަ އިސްކަން އެގޮތުގައި ދޭނެކަން އަޅުގަނޑު މިރޭ ވަރަށް ޔަޤީންކަމާ އެކީގައި ތިޔަބޭފުޅުންނަށް ދަންނަވަން. އޭގެ ސަބަބުން ތަރައްޤީ ލިބިގެންދަނީ ހަމައެކަނި ތިޔަ ލޮބުވެތި ރައްޔިތުންނަށް އެކަންޏެއް ނޫން. މި އަތޮޅަށްވެސް އަދި މުޅި މި ސަރަޙައްދަށްވެސް އޭގެ ތަރައްޤީ އާދޭ.

އާދެ، ދެންމެ އަޅުގަނޑުމެން މި ސޮއިކުރި ފަހުމުނާމާ، އެމް.އޯ.ޔޫ. އަށް ބަލާއިރުގައި، މިކަމުގައި އަޅުގަނޑުމެންގެ ތަޞައްވުރަކީ، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހަމަ ކައުންސިލާއި ރައްޔިތުންނާ އެކީގައި މަސައްކަތް ކުރުން. އަޅުގަނޑުމެން މި ގަސްތުކުރަނީ، ތިނަދޫގައި މިހާރު ހިއްކާފައި އޮތް ބިމާ ގުޅިގެން އަދި މި ރަށުގެ ތަރައްޤީއަށްޓަކައި އިތުރު ބިން، މަދުވެގެން 50 ހެކްޓަރުގެ ބިން އިތުރުކުރުމާވެސް އެކީގައި، އެ ބިމާ ގުޅިގެން، އެއްފަސްވެގެން 4 ކިލޯ މީޓަރުގެ ކޯޑެއް، ރަންވޭއެއް ހިމެނޭގޮތަށް، އިރާދަކުރެއްވިއްޔާ އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީ ކުރަން. އެއީ، ސަރުކާރުގެ ސިޔާސަތަކީ.

އެ އެއަރޕޯޓް ވެގެންދާނީ، ދެންމެ މިނިސްޓަރ މުއްޠަލިބް އެ ފާހަގަކުރެއްވި ގޮތަށް، މި ދުނިޔޭގައިވެސް އޭގެ ރީތިކަން ފާހަގަކުރެވޭ، ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަންގައިވެސް ފެނުނުގޮތަށް، ވަރަށް ލޭންޑްމާރކް ޑިޒައިނެއް އޭގައި ހިމެނޭ އެއަރޕޯޓަކަށް. އެ އެއަރޕޯޓުގެ ޓަރމިނަލްއަކީ ފެނުގެ މަތީގައި ޤާއިމުކުރެވޭ އޯވަރ ވޯޓަރ ޓަރމިނަލްއެއްގެ ގޮތަށް ޑިވެލޮޕަރ ހުށަހަޅުއްވާފައި އެއޮތީ. އެހެންވީމާ، އެކަންވެސް ވެގެންދާނީ، މި އަތޮޅުގައި ޓޫރިޒަމް ތަރައްޤީ ކުރުމުގައިވެސް ވަރަށްބޮޑު އެޓްރެކްޝަނަކަށް.

އެހެންވީމާ، މި ވިސްނުމުގައި މިކަން ކުރިއަށް ގެންދާއިރުގައި، ހަމަ އެއާއެކީގައި، މިހާރުގެ ޓްރެންޑަކީ، އެންވަޔަރަންމަންޓް ޙިމާޔަތް ކުރުން. އެހެންވީމާ، އިކޯ ފްރެންޑްލީ ކޮންސެޕްޓްތައް މި އެއަރޕޯޓް ތަރައްޤީ ކުރުމާއި، އަދި މިއާ ގުޅިގެން ދެން އަންނަ ތަރައްޤީގެ ވަރަށްގިނަ ކަންކަން މީގެތެރޭގައި އެބަހުރި. ދެންމެ މިނިސްޓަރވެސް ފާހަގަކުރެއްވި ފަދައިން، މިއާ އެކީގައި، ސީ ޕްލޭން ޓަރމިނަލް ހިމެނޭ. އަދި ހަމަ އެއާއެކީގައި، ފްލައިންގ ސްކޫލެއް މި އަތޮޅަށް ގެނައުމާއި، ހަމަ އެއާއެކީގައި، އެއަރ އެމްބިއުލެންސް ސަރވިސަސްއަށް ބޭނުންވާ ފެސިލިޓީތައް ޤާއިމުކުރުމާއި، އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވި ޑީ-ކޮމްޕްރެޝަންސްއެއް، ޗެމްބަރ ފެސިލިޓީތައް ގެނައުމާއި، ހަމަ މި ޕްރޮޖެކްޓްގެ ތެރެއިން މި އަތޮޅުގައި ހުރި ރަށްތަކުގެ ތެރެއިން 12 ރަށް ހިމެނޭގޮތަށް، 12 ޓޫރިސްޓް ރިޒޯޓް ތަރައްޤީ ކުރުން މީގައި އެބަ ހިމެނޭ. އެއީ، 2408 އެނދު. އެހެންވީމާ، މިކަމުގެ ސަބަބުން ޑިވެލޮޕަރއަށް މި ޕްރޮޖެކްޓް މި ފީޒިބަލް މިވަނީ. އެތައް ހާސް ވަޒީފާއެއް އެ އުފެދެނީ. ތިނަދުއާއި މުޅި އަތޮޅަށް. އެތައް ހާސް ވަޒީފާއެއް އުފެދިގެން މިދަނީ.

އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި މި މަޝްރޫޢުގެ ޑީޓެއިލްއަށް ގޮސް، ވީހާވެސް އަވަހަކަށް ޢަމަލީ މަސައްކަތަށް ސޮއިކުރަންޖެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް. މުޅި މަޝްރޫޢަށް މި އަންދާޒާ ކުރަނީ، ދެ އަހަރު ދުވަސް، މެކްސިމަމް. ގިނަވެގެން ދެ އަހަރު ތެރޭގައި މަޝްރޫޢު ނިންމަން. އެހެންވީމާ، މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދިޔުމަކީ، ތިޔަ ލޮބުވެތި ރައްޔިތުންގެ ތަރައްޤީގެ އުންމީދުތަކުގައި ދާއިމީ ކުލަޖެހުން.

މި ރަށަށް އިތުރު ބިން އިތުރުކުރެވި، އަދި އެއަރޕޯޓާއި، މި ދެންނެވި ހުރިހާ ފެސިލިޓީޒްތަކާ އެކީގައި، މި ދެންނެވީ ހުރިހާ ޓޫރިޒަމް ރިޒޯޓުތަކާއި، މި ހުރިހާ ކަމެއް އިތުރުވެގެން ދިޔައިމާ، ދެން ކުރިން އަޅުގަނޑު ދެންނެވި 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއް ނޫން، އެއަށްވުރެ މާދުރަށް، 30، 40 އަހަރު ދުވަހަށްވެސް އިރާދަކުރެއްވިއްޔާ އޮންނާނީ، ތަރައްޤީގެ ޕްލޭން ފުރިހަމަވެފައި މި ސިޓީއަށް، މި އަތޮޅަށް. އެހެންވީމާ، އެ ވިސްނުމުގައި މިކަން ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން. ފުރިހަމަ ތާއީދު.

އާދެ، އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވިއްޔާ އެބައޮތް، ގިނަވެގެން ދެ އަހަރު ތެރޭގައި، މި މަޝްރޫޢު ނިންމައިލެވޭނެ ކަމުގެ. ގިނަވެގެން ދެ އަހަރު ތެރޭގައި ނިންމައިލެވޭނެ.

އެހެންވީމާ، ކާޑެއްދުއާ ބުރިޖަކުން ކޮންމެހެން ގުޅައިނުލިޔަސް، އެއްފަސްވެގެން މި ފަސްގަނޑާ އެއްވެގެން އަދި ރެޒިޑެންޝަލް ބޭނުމަށް ރަށަށް އިތުރު ބިން އިތުރުކުރެވި، އަދި އެ ފަސްގަނޑާ އެއްވެގެން އެއަރޕޯޓެއް އެއްފަސްވެގެން ދިޔައިމާ، އެއޮތީ އިރާދަކުރެއްވީތީ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތް ޤާއިމުކުރެވިފައި.

އާދެ، ޓަރޝަރީ ހޮސްޕިޓަލްގެ ވާހަކަ. އަބަދު ވާހަކަ ދައްކާ ކަމަކަށް ކަންކަން ވެގެނެއް ނުވާނެ. ކަންކަން އޮވެގެން ނުވާނެ. މި ސިޓީއަށް ބޭނުންވާ ފުރިހަމަ ޓަރޝަރީ ހޮސްޕިޓަލެއް، ރީޖަނަލް ހޮސްޕިޓަލެއްގެ ބަދަލުގައި ފުރިހަމަ ޓަރޝަރީ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ޤާއިމުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ، އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތަކީ، ތަރައްޤީގެ މިންގަނޑުން ބަލާއިރުގައި ގެދޮރުވެރިކަން. ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ދެންމެ އަޅުގަނޑު މި ދެންނެވި ސަރަޙައްދީ ތަރައްޤީގެ ޒޯންތަކުގައި އެންމެ ގިނަ ހައުސިންގ ޕްރޮޖެކްޓްސްތައް ހިންގާނީ. އަދި ހުރިހާ ރަށަކަށްވެސް، މިހެން ދެންނެވިޔަސް ހައުސިންގ ލިބޭނެ.

އެހެންވީމާ، މި ސަރަޙައްދުގައި، އައްޑޫ ސިޓީ، ފުވައްމުލައް، ހުވަދުއަތޮޅު ދެކުނުބުރި، ހުވަދުއަތޮޅު އުތުރުބުރި، މި ޒޯނުގައި މި ދެންނެވި ގޮތުން ދެކުނުގައި އެންމެ ގިނަ ފްލެޓުތަކާއި ހައުސިންގ ޔުނިޓުތައް އެޅިގެންދާނީ، އަޅުގަނޑުމެންގެ މި ޕްލޭންގެ ދަށުން. ހަމަ އެއާއެކީގައި، ދެން އުތުރުގައްޔާއި މެދުރާއްޖެތެރޭގެ ކަނޑައެޅޭ ސަރަޙައްދުތަކުގައި.

އެހެންވީމާ، މި ޕްލޭންގެ ދަށުން އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަން، ޚާއްޞަ އިސްކަމެއް ދީގެން އެއީ، އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމެއް. ޗައިނާގެ ދަތުރުގައި، ސްޓޭޓް ވިޒިޓްގައި ސޮއިކުރެވުނު ހައުސިންގގެ އެމް.އޯ.ޔޫ.އާ އެކީގައި އަދި ކުރިއަށް އޮތް ދުވަސްތަކުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރު G2G ފައިނޭންސިންގ ލޯނުތަކުގައި، އެގްރީމަންޓްތަކުގައި ސޮއިކުރާނަން، އެކި ޤައުމުތަކާ އެކީގައި. އަދި އެކިކަހަލަ ލުއި ފައިނޭންޝަލް ފެސިލިޓީޒްތައް ހޯދައި، ޑިވެލޮޕްވާ ފައިނޭންސިންގއަށްވެސް ފުރުޞަތުތައްދީ، އަދި އެނޫންވެސް ޕްރައިވެޓް ސެކްޓަރ ލެޑް އިންވެސްޓްމަންޓްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މަގުފަހިވެގެންދާނެ ކަހަލަ ކަންތައްތައް ކުރިއަށް ގެންދާނަން.

ޖުމްލަ ގޮތެއްގައި، ހައުސިންގއަކީ، ގެދޮރުވެރިކަމަކީ ހަމަ އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަންތައްވީމަ، އެކަމުގައި ޝައްކު ނުކުރައްވާށޭ. ގެދޮރުވެރިކަމުގެ ގޮތުން މި ސިޓީ އަދި މުޅި ރާއްޖެވެސް، އަޅުގަނޑު އަބަދުވެސް މި ދަންނަވާހެން، އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރުގައި އިރާދަކުރެއްވިއްޔާ ނުހުންނާނެ، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުނުވާ އެއްވެސް ރައްޔިތެއް. އިރާދަކުރެއްވިއްޔާ އެވަރަށް އެކަން ކޮށްދޭނަން.

އާދެ، ދެންހުރީ މި ދެންނެވި ބޮޑެތި ކަންކަމަށް ބަލާއިރުގައި ކުދި ކަންތައްތައް. މި ދެންނެވި ހައުސިންގ މައްސަލަ އަދި އިޤްތިޞާދީ ތަރައްޤީގެ މައްސަލަ. މި ދެ ކަންތަކަށް އަޅުގަނޑު ޙައްލު މި ހުށަހެޅީ. ދެންހުރި ކަންކަން އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ފަސޭހަކަމާއެކު ކުރިއަށްދާނެ. މިހާރު ފެށިފައި ހުރި، މިސާލަކަށް، ކުރިއަށް އެހާބާރަށް ނުގޮސް އެހުރި އެކިކަހަލަ މަޝްރޫޢުތައް، ގޭސް ޑިސްޓްރިބިއުޝަން ޕްލާންޓް ޕްރޮޖެކްޓްގެ މަސައްކަތްވެސް ކުރިއަށްދާނެ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެއަށް ބޭނުންވާ ފައިސާގެ ކަންތައްތައް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފެށޭނެ. ދެން ހަމަ އެގޮތަށް ހުރި އެތައް ގިނަ މަސައްކަތްތަކެއް އެބަހުރި. ކުރީގައި ހަދާފައި ހުރި ބައެއް ތަންތަން ހަލާކުވެގެންވެސް އެބަދޭ. ފާހަގަކުރެއްވި ފްލެޓުތައް. ލީކޭޖް މައްސަލަ. ކުރީގައި ހެދުނު މިއުޒިއަމް ބިލްޑިންގގެ ވާހަކަވެސް މޭޔަރ ފާހަގަކުރެއްވި. މިހެންގޮސް އެބަހުރި، ދެންމެ މި ދެންނެވި މައިގަނޑު ބޮޑެތި ކަންކަމާ އަޅައިބަލާއިރުގައި، ކުދި، އެހެން ނަމަވެސް، މުހިންމު އެތައް ކަމެއް. މި ހުރިހާ ކަމަކަށްވެސް އަޅުގަނޑުމެން ސަމާލުކަންދޭނެ ވާހަކަ ދަންނަވާލަން ބޭނުންވަނީ. މި ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމަކަށް، ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ ސަމާލުކަންދީގެން، ކަންކަން ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން މި މަސައްކަތްތައް ރާއްޖޭގައި މި ރާވާގޮތަށް ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ ބައިވެރިވުން ދެއްވާށޭ. ރައްޔިތުންގެ ބައިވެރިވުން ދެއްވީމަ ފަސޭހަވާނީ. އުނދަގުލުންވެސް ކަންކަންވޭ. އެހެން ނަމަވެސް، އެންމެ ރަނގަޅު ގޮތަކަށް، އެންމެ ބާރުމިނުގައި، އެންމެ އެދެވޭ ގޮތަކަށް، އެންމެ ފުރިހަމަ މިނުގައެއް ކަންކަމެއް ނުކުރެވޭނެ.

އެހެންވީމާ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން، ކުރިއަށް އޮތް ދުވަސްތަކުގައި ލިބިއްޖެނަމަ، މި ތިންމަސް ތެރޭގައި، މި ދަތި އުނދަގުލުގެ ތެރޭގައި، މިދިޔަ ބާރުމިނަށްވުރެ މާ ބާރަށް، މާ ފުރިހަމައަށް އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނެ. އެއީ، އަޅުގަނޑު ހިތުން ފަސް އަހަރެއްގެ ތެރޭގައި، އަޅުގަނޑުމެން މި ކަނޑައަޅާފައި އޮތް މެނިފެސްޓޯ ކާމިޔާބު ކުރަންޏާ، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އަޅުގަނޑު ފުއްދަން ބޭނުން. އަޅުގަނޑު ވަޢުދުވީ ރައްޔިތުން އެދިވަޑައިގެންނެވި ކަންކަމުގެ މައްޗަށް. އެ ވަޢުދުތައް ފުއްދާ މީހަކަށް ވާން ބޭނުން. އެކަންކަން ކުރުމުގައި ފުރުޞަތު ދެވެން އޮތީ ރައްޔިތުންނަށް. އެހެންވީމާ، އެ ވާހަކަ މި ދަންނަވަނީ. ރައްޔިތުންގެ އަތްމައްޗަށް ވޯޓު ދިނުމުގެ ބާރު، ދޭތެރެ ދޭތެރެއިން މި އަންނަނީ. އެނޫން ނިޒާމެއް ނޫން ރާއްޖޭގައި މިއޮތީ.

އެހެންވީމާ، މިކަންކަން ކުރުމުގައި އަޅުގަނޑަށް އެހީތެރިކަމެއް ދެއްވެން އޮތީ ރައްޔިތުންނަށް. އެހެން މި ދަންނަވަނީ، މި ތިން މަހުގެ ތަޖުރިބާއިން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ހުރިހާ ރައްޔިތުންނަށް. އެނޫން ގޮތަކަށް ކަންކަން ހިނގައްޖިއްޔާ ކަންކަން ވާގޮތް. އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ މިއީ.

އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އިޤްތިޞާދު ހަރުދަނާ ކުރަން. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި އޮތް 120,000 މިލިއަން ރުފިޔާގެ ދަރަނި ދެއްކުމުގެ މަސައްކަތާއި، އިންޓަރނަލް، ޤައުމުތެރޭގައި، އެކިއެކި ކުންފުނިތަކާއި، ޢާންމު ފަރުދުންނާއި، ސަރުކާރު ތެރެއިން މަސައްކަތް ކުރުވާފައި ދޭންހުރި 9000 މިލިއަން ރުފިޔާގެ ދަރަންޏާއި، މި ހުރިހާ ދަރަންޏެއް ދައްކަމުން މިދަނީ. އެ ދަރަނި ދައްކަނީ ކޮން ގޮތަކަށްތޯ. ފައިސާ ޗާޕްނުކޮށް. އެ ފަސޭހަގޮތް ޚިޔާރުނުކޮށް. ފަސޭހައޭ މި ދެންނެވީ ޤައުމަށް ރަނގަޅު ގޮތެއް ނޫން. އެކަމަކު ކުރަން ފަސޭހަ ކަމެއް އެއީ. 8 ބިލިއަން، 8000 މިލިއަން ރުފިޔާގެ ފައިސާ ޕްރިންޓް ކުރެއްވި. އެކަމުގެ ސަބަބުން މި ޤައުމުގެ އިޤްތިޞާދު މިހާބޮޑު އަނދަވަޅަކަށް ވެއްޓުނީ. އެހާ ގިނަ ލޯނުތަކެއް ނަގައިގެން އެކަންޏެއް ނޫން. ފައިސާ ޗާޕް ކުރުމުގެ ސަބަބުން. އެހެންވީމާ، ވާރލްޑް ބޭންކުންވެސް، އައި.އެމް.އެފް. އިންވެސް އިހަކަށް ދުވަހު އަޅުގަނޑު ގާތުގައި ވިދާޅުވީ، ތިމަންނަމެން އެ ވާހަކަ އޭރުގައިވެސް ވަރަށް ތަކުރާރުކޮށް ދެއްކި ކަމާއި، އެހެން ނަމަވެސް، އެކަމަކަށް ސަމާލުކަމެއް ނުދީ، ހަމަ އެކަން ކުރިއަށް ގެންދެވީއޭ. ޚަރަދުތައް އިތުރުކުރަމުންދިޔައީ، އާމްދަނީ އިތުރުކުރުމުގެ ކަންކަމަށް ސަމާލުކަންނުދީ. ޖަމާކުރެވިފައި ހުރި ޑޮލަރުކޮޅުވެސް މާރުކޮށްލީ.

ދެން މިހެން ގޮސް އެތައް ކަމެއް ކުރިއަށް ގެންދިޔައީ. އިޤްތިޞާދު ފުޅަލެއްނުކުރޭ. ނިންމަން ހުރި މަޝްރޫޢުތަކަށް އިސްކަމެއް ނުދެވޭ. އެއަރޕޯޓެއް ނުނިމޭ. މި ހުރިހާ ކަމެއް ވެގެން ދިޔައިމަ، އިޤްތިޞާދު ވެއްޓުނު އަނދަވަޅަށް ވެއްޓުނީ. އެހެންވީމާ، މި އިޤްތިޞާދު ނަގައި ކޮޅަށްޖެހުމުގެ މަސައްކަތް މިކުރަނީ. މައިގަނޑު އިޤްތިޞާދީ ދާއިރާތައްވެސް ފުޅާކުރުމާ އެކީގައި، ޓޫރިޒަމް ދާއިރާ، ޓޫރިޒަމްގެ ދާއިރާގެ ތެރެއިން ނުހެދިހުރި ހުރިހާ ރިޒޯޓެއް ހެދުމަށް ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ ފެންނާނީ އެ ތަންތަން ނިމޭތަން. މި އަހަރުގެ ތެރޭގައި، އޭގެތެރެއިން އެތައް ރިޒޯޓެއް ހުޅުވުމަށް ފުރުޞަތު ދެމުން މިދަނީ.

މަސްވެރިކަމުގެ ދާއިރާއަކީ، ދެވަނަ އިންޑަސްޓްރީ. މަސްވެރިކަމުގެ ދާއިރާވެސް ވެއްޓިފައި އޮތީ ފުން އަނދަވަޅަކަށް. އަޅުގަނޑުމެން އެންމެ ބޮޑަށް ވަޢުދުވެފައި ހުންނާނީވެސް. މަސްވެރިކަމުގެ ދާއިރާއިން މިހާރުވެސް މި ހަފްތާ 14ގެ ތެރޭގައި، އަޅުގަނޑުމެން ކަނޑައެޅި އެތައް ކަމެއް އެވަނީ އިރާދަކުރެއްވީތީ ފެށިފައި. އެހެންވީމާ، މިކަންކަންވެސް މިދަނީ އެގޮތަށް. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، މަސްވެރިންނަށް ދޭންޖެހިފައި ހުރި އެތައް ސަތޭކަ މިލިއަން ރުފިޔާގެ ފައިސާ ނުދީ ހުރީ. އެ ފައިސާ، އަޅުގަނޑު ކުރިން މި ދެންނެވި 9000 މިލިއަން ރުފިޔާގެ ތެރެއިން ބައެއް އެއީ. އެ ފައިސާ ދީފިން. ހަމަ މަސްބާނާ ވަރަކަށް ދޭން ފައިސާ ހުންނާނެ. ޖުމްލަ 442 މިލިއަން ރުފިޔާ، މަސްވެރިންނަށް ދޭންހުރި ފައިސާއިން ދެވިއްޖެ. ހަމަ މަސް ބާނާވަރަކުން ފައިސާ ދައްކަންޖެހޭނެކަން އެނގޭ. މިހާރުވެސް ދޭން އެބައޮތް 298 މިލިއަން ރުފިޔާ. އޭގެތެރެއިންވެސް ހަމަ އަޅުގަނޑުމެންނަށް ފައިސާ ދެވެން އޮތް މިންވަރަކުން ދެމުން މިދަނީ.

އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ކުރަމުންދާކަން ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގެންޖެހޭ. އަޅުގަނޑަށް ޔަޤީން އެނގިވަޑައިގަންނަވާކަން. މިކަންކަން މި ކުރަނީ، ކުރިން މި ދެންނެވި ގޮތަށް އިޤްތިޞާދު، މި ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށްޖެހުމާ އެކީގައި. ޕެރަލަލީ. އެކީގައި ނުކޮށެއް ނުވާނެ. ފައިސާ ޗާޕްކުރުން ހުއްޓާލީ. ފައިސާ ޗާޕްކުރުން ހުއްޓާލާފައި، މި މަސައްކަތް ކުރާތީ، އަޅުގަނޑުމެންނަށް އައި.އެމް.އެފް. އިންވެސް އެ ތަރުޙީބު ދިނީ. އަޅުގަނޑުމެންގެ އަމިއްލަ އިޤްތިޞާދީ އެޖެންޑާ އެ ބޭފުޅުން ބަލައިގަތީ. ވާރލްޑް ބޭންކުންވެސް ފާހަގަކުރެއްވި، އަޅުގަނޑާ ބައްދަލުކޮށްފައި، ތިމަންނަމެން ވަރަށް ތަޢުރީފް ކުރަމޭ، އަޅުގަނޑުމެންގެ ސިޔާސަތަށް. ކޮންމެ ކޮންމެ ޤައުމަކުން މިހާ ހާލުގައި އޮއްވައެއް އެންމެ ރަނގަޅު ނިންމުންތަކެއް ނުނިންމައޭ. އެހެންވީމާ، ތިޔަ ނިންމި ނިންމުންތަކަށް ތިމަންނަމެން ވަރަށް ތަރުޙީބުދެމޭ. އޭގެ ސަބަބުން ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި ފެންނާނީ އުޖާލާކަމޭ. އެހެންވީމާ، އެ މަސައްކަތް މިކުރަނީ. ހާޑް ޑިޒިޝަންސް، ނަގަންޖެހޭ ޑިޒިޝަންސް، ނިންމުންތައް ނިންމަނީ މި. އެ ނިންމުންތައް ނިންމީމާ، ތިޔަބޭފުޅުންނަށް ކުރިއަށް އޮތް ތަނުގައި ފެންނާނީ އުޖާލާކަމެއް.

އެހެންވީމާ، އަޅުގަނޑު މި އެދެނީ މިކަންކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުމަށް. އިރާދަކުރެއްވިއްޔާ، މަސްވެރިންނަށް ދޭންހުރި ފައިސާވެސް ހަމަ ދެމުންދާނީ. މިކަމުގައި މަސްވެރިންގެ ކިބައިންވެސް އަޅުގަނޑު އެދެނީ، މިކަން ގަބޫލުކުރެއްވުމަށް. އެއްވެސްވަރަކަށް އަޅުގަނޑުމެން އަތުގައި ދެވެންހުރި ފައިސާ ހުރެ، ގަސްތުގައި ނުދީއެއް ނުތިބޭނަން. އެއީ، އަޅުގަނޑު ކަން ކުރާނެ ގޮތެއް ނޫން. އެހެންވީމާ، މިހާރު އެ ކުރިއަށްގެންދާ އިޙްތިޖާޖު އަޅުގަނޑަށް އަންޑަރސްޓޭންޑްވޭ. އެހެން ނަމަވެސް، އެކަން އެގޮތަށް ކުރައްވައިގެން، ވަކި އަޅުގަނޑުމެންނަށްވެސް، މުޅި ޤައުމަށްވެސް، މަސްވެރިންނަށްވެސް މާބޮޑު ކުރިއެރުމެއް ނުއެއް ލިބޭ.

އެހެންވީމާ، އަޅުގަނޑު އެދެނީ، ހަމަ އިތުރަށް އަނެއްކާވެސް މަޝްވަރާ ކުރައްވަން. އަޅުގަނޑުވެސް މިހިރީ ހަމަ ތައްޔާރަށް. އަޅުގަނޑާ ބައްދަލުކުރައްވަން ބޭނުންފުޅުވަންޏާ، އަޅުގަނޑުވެސް މިހިރީ ހަމަ މިރޭވިޔަސް، މާދަންވެސް މަޝްވަރާ ކުރަން ތައްޔާރަށް. އެހެންވީމާ، މަޝްވަރާގެ އުޞޫލުން ވާހަކަ ދެކެވިގެން، ރިވެތި އުޞޫލުން ކަންކަން ކުރީމަ ކަންކަން ވާނީ.

މި ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ، ކެމްޕެއިން ތެރޭގައި ރައްޔިތުން އަޅުގަނޑާ ހަވާލުކުރި އެންމެބޮޑު ޒިންމާ، އިންތިޚާބު ކުރިއިރުގައި، ބޭރުގެ ސިފައިން ބޭލުން. މިތާ ތިބި އިންޑިއާ ސިފައިން ބާލައިދޭށޭ. އެންމެބޮޑު މެންޑޭޓް، އެކަންވެސް އިރާދަކުރެއްވީތީ މިކުރަނީ މަޝްވަރާގެ އުޞޫލުން. ރުންކުރުކަމާއި ގަދަބަދަވިކަމުން މަގުމައްޗަށް ނުކުމެ، މުޒާހަރާކޮށްގެން ވާކަމެއް ނޫން އެއީކީއެއް. އަޅުގަނޑުމެންނަށް ކޮން ކަމެއްތޯ ހާސިލުވާނީ އެކަން ކޮށްގެން. ނުވާނެ އެއް ކަމެއްވެސް ހާސިލެއް. ރިވެތި އުޞޫލުން، ޑިޕްލޮމަސީގެ ރީތި މިންގަނޑުތައް ބޭނުންކޮށްގެން، މަޝްވަރާ ކޮށްގެން، ވާހަކަ ދެކެވިގެން ކަންކަން ހާސިލުވާނީ. މިހާރު އެއޮތީ އެ މައްސަލައިގައި އިރާދަކުރެއްވީތީ ލިޔެކިޔުމަށް ތިރިކުރެވި، ތާރީޚުތަކެއް އެއްބަސްވެ ސޮއިކުރެވިފައި. ސިފައިން ބާލާނެ ތާރީޚުތައް، އެއްބަސްވެފައި އެހެރީ. އެހެންވީމާ، ދެން އޮންނާނީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުން ނޫންތޯ.

އަޅުގަނޑަށް ޔަޤީން، އިންޑިއާ ސަރުކާރުން އެއްބަސްވެވަޑައިގެންނެވި ގޮތަށް، ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެއްވި ގޮތަށް، މާރިޗު މި އަންނަނީ. 10 މާރިޗުގެ ކުރިން، އަޅުގަނޑު ހަނދާންވަނީ، އައްޑޫގައި އޮތް ޕްލެޓްފޯމްގެ ސިފައިން ބާލަނީ. ދެން ދެމަސް ތެރޭގައި، އެޕްރީލްއާއި މޭ މަހުގެ ތެރޭގައި. މޭ 10ގެ ކުރިން އެއީ، ޑެޑްލައިން. މޭ 10ގެ ކުރިން، ދެން ހަނިމާދުއާއި ކައްދުއާ. ކައްދޫގަޔާއި ހަނިމާދޫގައި އެބައޮތް އަދި އިތުރު ދެ ޕްލެޓްފޯމް. އެ ތިނެތި އޮޕަރޭޓްކޮށް ދުއްވައި، މެއިންޓެއިން ކުރަން މިތިބީ ސިފައިން. 89 ސިފައިން. ނޫނީ 90 ސިފައިން. މި ސިފައިން ގެންދަން މިހާރު އެއޮތީ ލެޓަރ އޮފް އެކްސްޗޭންޖް، ފުރަތަމަ މިނިޓްސް އޮފް މީޓިންގްސްގައި ސޮއިކޮށްފައި، ދެން އޭގެ މައްޗަށް ދެ ޤައުމުގެ ދެމެދުގައި ލެޓަރ އޮފް އެކްސްޗޭންޖްގައި އެއޮތީ ސޮއިކޮށްފައި. އޭގައި އެހެރީ ތާރީޚުތަކަށް އެއްބަސްވެފައި، ސިފައިން ގެންދަން. އެއީ، ކާމިޔާބު ނޫންތޯ. އެކަން ނޫންތޯ އަޅުގަނޑުމެން ކުރަން އުޅުނީ. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، އެއާ އެއްގޮތަށް އިންޑިއާ ސިފައިން ކަންކަން ކުރައްވާނީ.

އެހެންވީމާ، މިގޮތަށް ކަންކަން ކާމިޔާބުވެގެންދާ ކަމަށްވަންޏާ، ރައްޔިތުންނަށް އޭގެ ސަބަބުން ލިބޭނެ ކުރިއެރުން، ހިތްހަމަޖެހުން. މި ޤައުމަށް އެންމެ ރަނގަޅު ކަންކަން ކޮށްދިނުމުގައި، އަޅުގަނޑުމެން އިސްކުރާނީ، ރިވެތި އުޞޫލު. އެ އޮންނަ ރީތި ހަމަ. ހަމަޔާއި އިންޞާފު. އެގޮތުގެ މަތިން ކުރިއަށް ދިޔައިމަ، އޭގެ ހެޔޮ ނަތީޖާ ނުކުންނާނީ.

އެހެންވީމާ، އަޅުގަނޑު އެދެނީ، މަސްވެރިންގެ ކިބައިންވެސް މަޝްވަރާ ކުރައްވަން އަޅުގަނޑުމެންނާ. މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިޔައިމަ ރަނގަޅުވާނީ. އެއްވެސް ހާލެއްގައި ރައްޔިތުންގެ ފައިސާއިން ހަދާފައި ހުންނަ އަގުބޮޑު ތަންތަނުގައި މުޒާހަރާކޮށް، އެ ތަންތަނުގައި ހުންނަ އިންޖީނުގެތަކަށް ވަދެ ކަންކަން ކުރުމަކީ، ހަމަ ޔަޤީނުންވެސް މަސްވެރިންވެސް ބޭނުންވާނެ ގޮތެއް ނޫން. އެ ތަންތަން ހުއްޓުނީމަ، ހަމަ ގެއްލުންވާނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް. އެހެންވީމާ، ޤައުމެއްގައި ވިއްޔާ ހަމަޔާއި ލަމައެއް އޮންނާނެ. ކަންކަމުގައި ރޫލް އޮފް ލޯ އޮވޭ. ޤާނޫނުއަސާސީއެއް މިއޮތީ. ޤާނޫނުތައް ހެދިފައި އެބަހުރި.

އެހެންވީމާ، ރިވެތި ގޮތް، ރީތި އުޞޫލު އެންމެންވެސް ޚިޔާރުކުރަން ޖެހޭނީ. އެގޮތުގައި ކުރިއަށް ދިޔައިމަ، އަޅުގަނޑުމެން ބޭނުންވާ ކަންކަން ހާސިލުވެގެންދާނީ. ހުރިހާ ރައްޔިތުންވެސް ކަންކަން ކުރަންވީ އެގޮތުގައި. އަޅުގަނޑުގެ ފަރާތުން ލިބޭނީ އެއްބާރުލުން. އަޅުގަނޑަށް މުހިންމީ ރައްޔިތުން އެދޭ ކަންކަން ކުރެވިގެން ދިޔުން. އަޅުގަނޑަކަށް މުހިންމެއް ނޫން، އެ ބޭފުޅެއްގެ ވިސްނުންފުޅު ހުރީ ކޮން ގޮތަކަށްތޯ ބަލާކަށް. ކޮން ޕާޓީއެއްގައިތޯ ހުރީ. އެއީކީ އަޅުގަނޑަކަށް މުހިންމު ކަމެއް ނޫން. އަޅުގަނޑަށް ކޮންމެ ރައްޔިތަކުވެސް ހަމަހަމަ. ކޮންމެ ރަށެއްގެ ރައްޔިތަކުވެސް އަޅުގަނޑަށް އެއީ، ދިވެހި ލޮބުވެތި ރައްޔިތެއް. ކޮންމެ ރައްޔިތަކާ މެދުވެސް އަޅުގަނޑު އެއް ވިސްނުމަކުން ވިސްނަނީ.

އެހެންވީމާ، އަޅުގަނޑު އެދެނީ، މިގޮތުގައި އަޅުގަނޑުމެންގެ ޤައުމުގެ ކަންކަމައިގެން އަޅުގަނޑުމެން ކުރިއަށްދާން. އޭރުން މި ޤައުމަށް ހަމަޖެހުން އަންނާނީ. މި ޤައުމަށް ހަމަޖެހުން ނުގެނެސް، އަޅުގަނޑުމެން އަބަދު ދާން ވެއްޖިއްޔާ، ކޮބައިތޯ އަޅުގަނޑުމެން ގޮސް ނިމޭނެ ހިސާބަކީ. އެހެންވެ، ކެމްޕެއިން ތެރޭގައިވެސް އަޅުގަނޑު ދެންނެވީ، ބަދަލު ހިފުމުގެ ރޫޙު ނިމެންޖެހެޔޭ އެބަ. ސިޔާސީ ވިސްނުމުގައި އަޅުގަނޑުމެން މީހުންނާ ދޭތެރޭގައި ބޭއިންޞާފުން ކަންކަން ކޮށްގެން ނުވާނެ. ނުފެންނާނެ އަޅުގަނޑުމެންގެ ސަރުކާރެއްގައި، އަދި މިދިޔަ ތިންމަސް ތެރޭގައި ފެނިއްޖެތޯ، ކުރީގައި އުފެދުނު ކޮންމެ ސަރުކާރެއްގައިހެން، ކޮންމެ ސަރުކާރެއްގައިހެން ފެނުނު ކަންތައްތައް، ހަމަ ސަރުކާރު އުފެދޭ ތަނުން ކޮމިޝަންތައް ހަދައި، ކުރީ ސަރުކާރުގެ ސިޔާސީ ވެރިން، ސިޔާސީވީމަ ހައްޔަރުކުރުމާ ކަންތަކަކީ. އަޅުގަނޑުމެން ނުކުރާނަން އެކަމެއް. އެހެން ނަމަވެސް، ޤާނޫނުގެ ވެރިކަން ކުރާނަން. ކޮރަޕްޝަން ހިންގައިފިއްޔާ، ވައްކަން ކޮށްފައި އޮވެއްޖިއްޔާ، ނޫނީވިއްޔާ ޤާނޫނާއި ގަވާއިދާ ޚިލާފު ކަމެއް ކޮށްފައި އޮވެއްޖިއްޔާ، އެކަމާބެހޭ މުއައްސަސާއިން ކުރާ ކަންކަން ކުރާނީ. ޓެކްނިކަލީ ބޭސްޑް، އެކަމުގެ ސަބަބުން އެހެން އެއްވެސް މީހަކަށް ސުވާލެއް ނުއުފެއްދޭނެ ގޮތަށް، އަދި ބަލައިފިއްޔާ ފެންނާނީ އެއް ޖަވާބެއްކަން ސާފުވާވަރަށް ނޫނީވިއްޔާ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން. ސިޔާސީ ގޮތުން ކުރާނެ އެއް ކަމެއްވެސް ނުކުރާނަން. އެހެންވީމާ، އެގޮތުގައި މަސައްކަތް ކުރަން އަޅުގަނޑު އައިސް މިހިރީ. ޤައުމަށް ހަމަޖެހުން ގެނެސްދިނުމަށްޓަކައި.

އެހެންވީމާ، މިގޮތުގައި އަޅުގަނޑުމެން ކުރިއަށްދާއިރުގައި، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށް ދިޔައިމަ، އިރާދަކުރެއްވިއްޔާ ޤައުމަށް ލިބޭނީ ކުރިއެރުން. މި ސިޓީއަށްވެސް މި ބޭނުންވާ ތަރައްޤީ އޭރުން ލިބިގެންދާނެ. މިހާރު ރައްޔިތުންގެ މަޖިލީހުން އެ ފެންނަ ކަންކަން ނިމުމަކަށް ގެންނަންވެސް ރައްޔިތުންގެ އަތުގައި މިއޮތީ ބާރު. މާގިނަ ދުވަހެއްވެސް ނެތް. މި އަންނަ މަހުގެ 17. މާރިޗު މަހުގެ 17. މަހެއްހާ ދުވަސް ނޫންތޯ މިއޮތީ. މަހެއްހާ ދުވަސްވެސް ނެތްކަންނޭނގެ.

އެހެންވީމާ، މާރިޗު މަހުގެ 17 ގައި އޮންނަ އިންތިޚާބުގައި ތިޔަބޭފުޅުން ޤައުމީ ވިސްނުމެއްގައި، ރައްޔިތުން އަޅުގަނޑާ ހަވާލުކުރެއްވި މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދިނީމަ، އިރާދަކުރެއްވީތީ ދެންމެ ސޮއިކުރެވުނު އެމް.އޯ.ޔޫ.އާއި އަދި އިރާދަކުރެއްވިއްޔާ މާދަމާރޭ އަޅުގަނޑުމެން ސޮއިކުރަން އޮތް އެމް.އޯ.ޔޫ. އާއި، އަދި ދެންވެސް އެގޮތަށް ކުރަންހުރި އެގްރީމަންޓްތަކާއި، މިހެންގޮސް ކުރަންހުރި ހުރިހާ މަސައްކަތެއް ބާރު ސްޕީޑްގައި ގެންދިޔުމުގައި، އަޅުގަނޑުމެންނަށް ކާމިޔާބީ ލިބޭނެ.

އާދެ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ވިސްނުން ހެޔޮގޮތުގައި ބޭނުންކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި އަޅުގަނޑުމެން ލައްވާށި! އަޅުގަނޑުމެންގެ ޤައުމަށް އަޅުގަނޑުމެން އެދޭ ކުރިއެރުން މިންވަރު ކުރައްވާށި! އަޅުގަނޑުމެންނަކީ ހެޔޮގޮތުގައި އަބަދުވެސް ކަންކަން ކުރާ ބައެއް ކަމުގައި މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.