بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފުވައްމުލައް ސިޓީގެ މޭޔަރ އަދި ކައުންސިލަރުން، ފުވައްމުލައް ސިޓީގެ ލޮބުވެތި ރައްޔިތުން، ވަޒީރުން، ދައުލަތުގެ އިސްވެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑު އެންމެ ފުރަތަމަވެސް މިއަދު ހަވީރު އަޅުގަނޑުމެން މި ސިޓީއަށް އައުމުން، ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑަށް އަބަދުވެސް ފެންނަނީ މި ހޫނު މަރުޙަބާއާއި މި އިސްތިޤްބާލު ތިޔަބޭފުޅުން ދެއްވަމުންދާ ތަން. އާދެ، މި ސިޓީގެ ލޮބުވެތި ރައްޔިތުންނަކީ، ތަރައްޤީއަށް ވަރަށް ބޮޑަށް ބޭނުންވެފައި ތިއްބެވި ބޭފުޅުން. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ތިއްބެވީ އެފަދަ ރައްޔިތުން. އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންވެސް ހަމަހަމަ. އެންމެ ކުޑަ ރަށުގެ ރައްޔިތުންނަށްވެސް ބޭނުންވާ ކަންކަން ކޮށްދިނުމުގައި، ހަމަ އެންމެ ބޮޑެތި ސިޓީތަކުގެ ރައްޔިތުންނަށްވެސް ކަންކަން ކޮށްދިނުމުގައި ދޭ ސަމާލުކަން އަޅުގަނޑުމެން ދޭނަން. މިއަދާ ހަމަޔަށް 13 ހަފްތާވީއިރުގައި، އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން ވާނީ އެގޮތަށް ކޮށްފައި. ކުރަމުން މިދަނީ. އަދި އިރާދަކުރެއްވިއްޔާ ކުރާނީވެސް އެހެން.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް، މި ސަރުކާރުގެ ކިބައިން ފެނިވަޑައިގަންނަވާނީ، މި ދެންނެވި ހަމަހަމަކަމާއި އިންޞާފު. އެނޫން އެއްވެސް މަންޒަރެއް، އެއްވެސް ދިމާއަކުން ނުފެންނާނެ. އެ ރައްޔިތަކު ނިސްބަތްވަނީ ކޮން ސިޔާސީ ފިކުރަކަށްތޯ ބެލުމަކީ، އަޅުގަނޑުމެންނަކަށް މުހިންމު ކަމެއް ނޫން. އިންތިޚާބުގައި، ކެމްޕެއިންގައި އެކަން ހިނގާނީ. ވާދަވެރިކަމާއި، ސިޔާސީ އެކިކަހަލަ ބަހުގެ ޙަމަލާތަކާއި، އެކިކަހަލަ ބަޙުޘްތައް ހިނގާނެ. އެ ހިސާބުން އިންތިޚާބުގައި ރައްޔިތުން ނިންމާގޮތް ނިމުނީމާ، ދެން އެ ރައްޔިތުން ޚިޔާރުކުރާ މީހުން ކުރަންޖެހޭނެ ކަމަކީ، އެ މީހުންނަށް ވޯޓުދިން މީހުންނާއި، ވޯޓު ނުދިން މީހުން، ހަމަހަމަގޮތުގައި ދެކިގެން ޚިދުމަތް ކުރުން. އެގޮތުގައި ކުރިއަށްދިޔުމަކީ، އަޅުގަނޑު ގަބޫލުކުރާ ހަމަ. އެގޮތުގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ވެރިންވެސް، ކައުންސިލަރުންވެސް މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މި ސިޓީންވެސް ފެންނަނީ އެކަން. އައްޑޫ ސިޓީންވެސް ފެންނަނީ އެކަން. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް، ހުރިހާ ރަށަކުންވެސް ކައުންސިލަރުންގެ ކިބައިން އަޅުގަނޑު ދެކެން ބޭނުންވަނީ އެކަން.

އަޅުގަނޑު ތ. އަތޮޅަށްވެސް ހިނގައްޖައިން. އެ އަތޮޅުގެ ރަށްތަކުންވެސް، ކައުންސިލްތަކުންވެސް ފެންނަނީ އެކަން. ޚިދުމަތް ކުރަން ރައްޔިތުން ހޮވާ މީހުންނަކީ ޚާދިމުން. އެ ރައްޔިތުންގެ ޚާދިމުން. އެހެންވީމާ، ޚިދުމަތް ކުރުމުގައި އަޅުގަނޑުމެން ވާންޖެހޭނީ، މި ދެންނެވި ގޮތަށް، ހަމަހަމަކަން އިޚްތިޔާރުކުރާ ބަޔަކަށް. ކައުންސިލްތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން، އެގޮތުގައި އަޅުގަނޑުމެން ދޭނަން. އަޅުގަނޑަށް މިކަން ވަރަށް ގާތުން ތަޖުރިބާ ކުރެވިފައި ވަނީ. އެހެން ނޫންތޯ. މާލެސިޓީގެ ރައްޔިތުން އަޅުގަނޑާ މޭޔަރުކަން ހަވާލުކުރީމަ، ގާތްގަނޑަކަށް ދެ އަހަރާއި ބައި މާލޭގެ މޭޔަރު ކަމުގައި އަޅުގަނޑު ހޭދަކުރިއިރުގައި، އެކަން ވަނީ ތަޖުރިބާ ކުރެވިފައި. ސަރުކާރުން އެއްބާރުލުން ނުދިނީމަ ވާގޮތް ވަރަށް ގާތުން ވަނީ ވަރަށް ހިތި ތަޖުރިބާއެއްގެ ގޮތުގައި ކުރެވިފައި. އަޅުގަނޑު ކުރަން ބޭނުންވި އެތައް ކަމެއް ނުކުރެވިދިޔަ ތަން، މާލޭގެ ހުރިހާ ރައްޔިތުންނަށް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިހާރު އެއީ، އާ ވާހަކައެއް ނޫން. އަޅުގަނޑު ބޭނުމެއްނޫން، އެކަން އަޅުގަނޑުމެންގެ ސަރުކާރަކުން ކައުންސިލްތަކަށް މަތިވާކަށް، ކުރިމަތިވެގެންދާކަށް.

އެހެންވީމާ، އަޅުގަނޑު ކެމްޕެއިންގައިވެސް ވަޢުދުވީ އެގޮތަށް ކަން ކުރަން. ކައުންސިލްތަކަށް ޚާއްޞަ ވުޒާރާއެއް އުފެއްދީ އެ ބޭނުމުގައި. ހުރިހާ ވުޒާރާއަކުންވެސް ސީދާސީދަލަށް ކޮންމެ ކަމަކަށް، ކަމާ ގުޅޭ ލައިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރެވޭނެ. އެހެން ނަމަވެސް، ރެޔާއިދުވާލު 24 ގަޑިއިރު، ކައުންސިލްތަކަށް ބޭނުންވާ ކަންކަމުގައި، ސަރުކާރުގެ އެހީތެރިކަން ދޭނެ ވުޒާރާއެއް، ވަޒީރެއް ކަނޑައެޅުމަކީ، އެ ވިސްނުމުގައި އަޅުގަނޑު ކުރަން ނިންމި ކަމެއް. އެ ވަޢުދު އެގޮތުގައި ފުއްދައި، އަޅުގަނޑުމެން ވުޒާރާއެއް އުފައްދައި، ވަޒީރަކު ޢައްޔަންކުރީ. އެ މަސައްކަތް އެދަނީ އެގޮތުގައި. މި ކައުންސިލަށްވެސް، މި ސިޓީގެ ކައުންސިލަށްވެސް އެކަމުގެ ހިތްހަމަޖެހުން ލިބެމުންދާ ކަމަށް އަޅުގަނޑު ޔަޤީންކުރަން. ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް، ހުރިހާ ކައުންސިލްތަކަށްވެސް އަޅުގަނޑު ޔަޤީންކުރަން މިހާރު މިކަމުގެ ނަފާ އެބަ ލިބޭކަން. އެއިން ރައްޔިތުންނަށް ވާނީ ފައިދާ.

ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންނަށް ސީދާ ސަރުކާރުގެ ހުރިހާ ކަމަކަށް ދުވަހުން ދުވަހަށް، ގަޑިންގަޑިޔަށް ކަންކަމުގައި އެޓެންޑްވާ، ކަންކަން ކޮށްދޭ ނިޒާމެއް އޮތުމަކީ، އެއީ، ރައްޔިތުންނަށް އަޅުގަނޑުމެން އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކުރުމުގައި އިސްކުރި ގޮތް. އެގޮތުގައި އިރާދަކުރެއްވިއްޔާ މި ސިޓީގެ ކައުންސިލަށްވެސް، ރައްޔިތުންނަށް އެކަންކަން ކޮށްދޭނަން.

މިއަދު ބޭއްވުނު ބައްދަލުވުމުގައިވެސް މޭޔަރ އަދި ހުރިހާ ކައުންސިލަރުން ހުށަހެޅުއްވި ކަންކަން އަޅުގަނޑުމެން ވަރަށް ސަމާލުކަންދީގެން ނޯޓުކުރިން. ހަމަ އެގޮތަށް، އެހެން ރަށްރަށުގެ މީޓިންގތައްވެސް މި ބާއްވަނީ. މި ސިޓީއަށް ބޭނުންވާ ކަންކަންވެސް އިރާދަކުރެއްވިއްޔާ ހަމަ ކުރާނަން. ވަރަށް ސާބިތުކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި، އެކަންކަމަށް ސީރިއަސް ގޮތެއްގައި އަޅުގަނޑުމެން ސަމާލުކަން ދޭނަން.

އާދެ، މިއަދު އަޅުގަނޑުމެން އެގޮތުން ތިޔަބޭފުޅުންނަށް އެންމެދަތިވާ ކަންކަމުގެ ތެރެއިން އެއް މަސައްކަތް މި ފެށީ. ކުރިން ފެށުމުގައި ވަރަށްގިނަ ކަންކަން ނިމިފައި އޮތް މަސައްކަތެއް. އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވިން، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެންނެއް، ކުރިން ފަށާފައި ހުރި ކަމެއް ހުއްޓައެއްނުލާނެ ކަމާއި، ފެށެން ވެފައި އޮތް ކަމެއް ނުފަށައި ދޫކޮށްނުލާނެ ކަމާއި، އެއްވެސް ތަފާތެއް ނުކުރާނެ ކަމަށް. އެއީ، ރައްޔިތުންނަށް ތެދުވެރިކަމާ އެކީގައި މިކުރާ މަސައްކަތް ކުރާ ގޮތަކީ.

އެހެންވީމާ، މި ރަށުގެ މަގުތައް ހެދުމަށްޓަކައި ދެވަނަ ފިޔަވައްސެއްގެ މަސައްކަތް ފަށަން ޖެހިފައި އޮތީ. އެ މަސައްކަތް، ފަންސާހަކަށް މަގުގެ މަސައްކަތް ކުރުމަށްޓަކައި ބާރަވަރަކަށް ކިލޯ މީޓަރުގެ މަސައްކަތް އޭގައި ހިމެނޭގޮތަށް މިއަދު އެވަނީ އިރާދަކުރެއްވީތީ ޢަމަލީ މަސައްކަތް ފެށިފައި. އަޅުގަނޑު ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ، ކެމްޕެއިންގައި އަޅުގަނޑު ވަޢުދުވީ ގޮތަށް، އެ ވަޢުދަކީ ރާއްޖޭގައި ހުރި، ރާއްޖޭގައިވާ ހުރިހާ ސިޓީތަކެއް، ކޮންމެ ސިޓީއެއްގައިވިއްޔާ، އެ ސިޓީއެއްގެ ހުރިހާ މަގެއް ހަދައިދޭނެ ކަމަށް އަޅުގަނޑުވީ ވަޢުދުގެ ދަށުން މި ރަށުގައި މިއަދު ފެށުނު މަސައްކަތް ނިންމާލާނީ އިރާދަކުރެއްވިއްޔާ ހުރިހާ މަގެއް ހަދާފައި.

އެހެންވީމާ، ދެވަނަ ފިޔަވައްސަކުން ނުފުދޭނެ. ދެވަނަ ފިޔަވައްސަކަށްފަހު، ތިންވަނަ ފިޔަވައްސެއް. ގޮސް ބާކީހުރި މަގުތައް ހަދައި ނިންމާނީ. ދެން އެކަމަށްޓަކައި ސަރުކާރު ބަޖެޓް ތެރެއިންނާއި، އަދި އެހެނިހެން ހަމަޖެހޭ އުޞޫލުތަކުގެ ތެރެއިން ފަންޑް ހަމަޖައްސައިގެން މަސައްކަތް ކޮށް ނިންމާނަން. އެހެންވީމާ، އެގޮތުގައި އިރާދަކުރެއްވިއްޔާ މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. މި ދެންނެވި ވަޢުދުގެ ޕްރޮގްރާމް، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް، މާލޭސިޓީ، އައްޑޫސިޓީ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި، މި ހުރިހާ ސިޓީތަކެއްގެ މަގުތައް ހެދުމުގެ ޕްރޮގްރާމް މިއަދު މި ފެށުނީ. މިކަން މި ފަސް އަހަރުގެ ތެރޭގައި ނިމިގެންދާއިރުގައި، ރާއްޖޭގެ ހުރިހާ ސިޓީއެއް، މާލެވެސް ހިމެނޭގޮތަށް، ހުރިހާ ސިޓީއެއްގެ ހުރިހާ މަގެއް އިރާދަކުރެއްވިއްޔާ ހެދޭނެ. އެއީ، ވީ ވަޢުދު.

މަގު ހެދުމާ ބެހޭގޮތުން އަޅުގަނޑު ވީ ވަޢުދަކީ، ދެން ހުރި ހުރިހާ ރަށްރަށުގެ މައި މަގުތައް ހަދާނެކަމުގެ ވަޢުދު. އެކަމުގެ ތާވަލު ހަދަމުން މިދަނީ. ޕްރޮގްރާމް ތައްޔާރުކުރަމުން މިދަނީ. ފަސް އަހަރަށް ބަހާލައިގެން، އެކަން ކުރެވޭނެގޮތް، ވަޢުދުވެފައިވާ ގޮތަށް ކުރިއަށް ގެންދާނެގޮތް ރާވަމުން މިދަނީ. އެކަންވެސް ދާނެ. މަގުތަކަށް އެހާ އިސްކަން މި ދޭންޖެހެނީ ކީއްވެތޯ؟ އެއީ، ތުއްތުކުދިން ގޮވައިގެން ސްކޫލަށް ދިޔުމުގައިވެސް، ވަޒީފާއަށް ދާންވިޔަސް، ވިޔަފާރިއެއް ކުރަން ދާންވިޔަސް، ނޫނީވިއްޔާ ކޮންމެ ކަމަކަށް ނުކުންނަންވެސް މިއޮތީ މަގުތަކަށް. އެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުނީމާ އެ ލިބެނީ ފަރުދީ ދިރިއުޅުމަށް ލިބޭ ކުރިއެރުމާއި، މުޅި ޖަމާޢަތަށް ލިބޭ ކުރިއެރުން. އޭގެ ސަބަބުން އިޤްތިޞާދީ ނަފާ އެ ސިޓީއަކަށް، އެ ރަށަކަށް ލިބިގެން އެދަނީ. އެހެންވީމާ، އެހާބޮޑަށް އެކަމަށް އަޅުގަނޑު އިސްކަންދޭން ނިންމީ.

އެހެންވީމާ، މި ސިޓީގެ މަސައްކަތް، މިއަދު މި ފެށުނު ދެވަނަ ފިޔަވަހި ވެގެންދާނީ، އިރާދަކުރެއްވިއްޔާ އެ ސްކޯޕްގައި އެއޮތް ވަރަށްވުރެ މާ ފުޅާވެގެންކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ދެން ހަމަ އެއާއެކީގައި، ފެށިފައި އޮތް ރިވެޓްމަންޓް، ޝޯ ޕްރޮޓެކްޝަން މަސައްކަތްވެސް، ދުވަސްތަކަކަށް މެދުކެނޑުމަށްފަހު، ވެލީގެ އިޝޫ ޙައްލުނުވެގެން މެދުކެނޑިފައި އޮވެފައި، އިހަކަށްދުވަހު އެކަން ޙައްލުވެ މިހާރު އެވަނީ ފެށިފައި. އެކަން ކުރިއަށްދާއިރުގައިވެސް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، ތިން ސަރަޙައްދެއްގައި މޫދަށް އެރެވޭގޮތަށް ބަދަލުތައް ގެނެވޭނެ. އެކަން ކުރުމުގެ އިންސްޓްރަކްޝަންވެސް ކޮންޓްރެކްޓަރއަށް މިހާރު ދެވިފައި ވާނީ. ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް އެކަންވެސް ހިމެނިގެން އެ މަސައްކަތް ކުރިއަށްދާނެ ވާހަކަ ދަންނަވަން.

އާދެ، އަޅުގަނޑު ވީން ވަރަށް މުހިންމު ވަޢުދެއް ބަނދަރަށް. ބަނދަރުގެ ވާހަކަ. މި ރަށުގެ ބަނދަރަކީ އާދައިގެ ގޮތެއްގައި ހެދޭނެ ބަނދަރެއް ނޫން. މި ރަށުގެ ބަނދަރު މިހާރު ހަދާފައި އޮތީކީވެސް އާދައިގެ ގޮތަކަށް ނޫން. އެހެން ނަމަވެސް، އިންޖިނިއަރިންގ ގޮތުން ބަލަންޖެހޭ ކަންކަން ބަލައިގެން، ކުރަންޖެހޭ ހުރިހާ ދިރާސާތަކެއް އިރާދަކުރެއްވިއްޔާ ކުރާނަން. ކޮށްގެން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މި ސިޓީގެ ޑައިވިންގ އިންޑަސްޓްރީއާއި، ޢާންމުކޮށް ހުރިހާ ވިޔަފާރިތައް ކުރާ ފަރާތްތަކުގެ ހުރިހާ ބޭނުންތަކަށްވެސް ފުދޭގޮތަށް މިހާރުގެ ޙައްލާއި، މެދު ރާސްތާގެ ޙައްލު އަދި ދުރު ރާސްތާގެ ޙައްލަށްވެސް ފުދޭ މިންވަރަށް މި ދެންނެވި ތަފްޞީލީ އިންޖިނިއަރިންގ ޑީޓެއިލް ޑިޒައިން މަސައްކަތާ އެކީގައި އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހެން ދެންނެވީމަ، މި ރަށްރަށުގެ ބަނދަރު ބޮޑުކުރަންޏާ، އޭގައި ހުންނާނެ ކަންކަން. އެކަންކަމަށް އެޑްރެސްކޮށްގެން ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ފެންވަރަށް، އަޅުގަނޑު ވަޢުދުވީ ގޮތަށް، ތިޔަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރާނެ ވާހަކަ ތަކުރާރުކޮށްލަން ހަމަ މިރޭ އަނެއްކާވެސް އެކަމުގެ ޔަޤީންކަން ދެން.

އެހެންވީމާ، އެކަމަށް އަޅުގަނޑު ކުރަންޖެހޭ މަސައްކަތް، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ވަރަށްބޮޑު. އެކަމަށްދާނެ ޚަރަދުވެސް އެހާމެ ބޮޑުވާނެ. އެހެން ނަމަވެސް، އެހާމެ މުހިންމު ކަމެއް އެއީ. މި ސިޓީއަށް އެއީ، އަސާސީ ކަމެއް. މި ސިޓީގެ ތަރައްޤީއަށް، އިޤްތިޞާދީ ކުރިއެރުމަށް ބަލާނަމަ، އެއީ، އަސާސީ ކަމެއް. އެ އަސާސީ ކަންތަކަށް ދޭންޖެހޭނީ އެންމެ ޓޮޕް ޕްރިއޯރިޓީ، އިސްކަން. އެހެންވީމާ، އެ އިސްކަން އަޅުގަނޑު ދޭނަން.

ހަމަ އެފަދައިން، އިސްކަންދޭންޖެހޭ ޞިއްޙީ ނިޒާމަށްވެސް. ޞިއްޙީގޮތުން މި ސިޓީގައި ކަންކަން އަދި ހުރީކީއެއް ހުންނަންވާ ފެންވަރެއްގައެއް ނޫން. ސީޓީ ސްކޭންގެ ވާހަކަ ދެކެވޭ. އެމް.އާރު.އައި. މެޝިންގެ ވާހަކަ ދެކެވޭ. އެއަށްވުރެވެސް ފުޅާކޮށް ކަންކަން ވާންޖެހޭ. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުގެ ސިޔާސަތަކީ، އިރާދަކުރެއްވިއްޔާ މި ސިޓީގައި ހުންނާނީ ފުރިހަމަ ޓަރޝަރީ ހޮސްޕިޓަލެއްކަން. އެގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނެ ވާހަކަ ދަންނަވަން.

އެ މަގަށް، އެހިސާބަށް ދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނަން. މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަމުން ގޮސް، އެމް.އާރު.އައި.، ސީޓީ، ދެން ހުރިހާ ކަމެއް ހިމެނޭގޮތަށް، އެ ފެންވަރަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ފުރިހަމަ އިސްކަންދީގެން އިރާދަކުރެއްވިއްޔާ ކުރާނަން. ރަނގަޅު ފެންވަރުގެ ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރާނެ ވާހަކަ ދަންނަވަން.

އާދެ، ހަމަ އެއާއެކީގައި، ދެން ހަމަ މުހިންމު ގިނަ ކަންތައްތައް މިއަދު ކައުންސިލް މީޓިންގގައިވެސް ފާހަގަކުރެއްވި. ހަމަ އަސާސީ ގޮތުން ދަތިވާ އެތައް ކަމެއް ފާހަގަކުރެއްވި. ވޭސްޓް މެނޭޖްމަންޓާ ގުޅޭ ވާހަކަތައް ފާހަގަކުރެއްވި. ކަރަންޓުގެ ވާހަކަ ފާހަގަކުރެއްވި. މިހިރީ ޙަޤީޤަތުގައި އެތައް އަހަރެއް ވަންދެން ރަނގަޅަށް އެޓެންޑް ނުވެވުނީމަ، ނޫނީވިއްޔާ ސަމާލުކަން ނުދެވުނީމަ، ގޯސްވެފައި ހުރި ކަންކަން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ދެން ކޮންމެއަކަސް ކަންއޮތީ މިހާރު އޮތް ޙާލަތުގައި.

އެހެންވީމާ، ދެން ކުރީގެ ވާހަކައެއް ނޫން ދައްކަންވީ. ރައްޔިތުން އަޅުގަނޑާ އަޅުގަނޑުމެންގެ ސަރުކާރާ މިއޮތީ ޒިންމާ ހަވާލުކޮށްފައި. އެހެންވީމާ، އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، ކައުންސިލާ ވާހަކަ ދައްކައިގެން، ކައުންސިލުންވެސް އެދިވަޑައިގެންނެވި ގޮތަށް އަދި އަޅުގަނޑުމެންވެސް މިކުރާ މަސައްކަތުގައި، ދެފަރާތުން ގުޅިގެން މަސައްކަތްތައް ދާނެކަމުގެ ޔަޤީންކަން.

ވޭސްޓް މެނޭޖްމަންޓް، އާދެ، ކުނީގެ މައްސަލައަކީ ބޮޑު މައްސަލައެއް މުޅި ރާއްޖޭގައިވެސް. އަދި މި ސިޓީގައި، އައްޑޫ ސިޓީގައި، ބޮޑެތި ތަންތާނގައި ބޮޑު މައްސަލައެއް. އެހެންވީމާ، އެކަމަށާއި އަދި އަމުދުން ކަރަންޓުގެ ކަންތައް، ކުރިއަށް އޮތް ރޯދަމަސް އޮތީމަ، ފެނަކައާ އަޅުގަނޑުމެން އިތުރަށް މިކަމުގައި މަޝްވަރާކޮށްގެން ސަރުކާރުގެ ތެރެއިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން.

ދެން ހުރި ކަންކަމަށް ބަލާއިރުގައި، މި ދެންނެވީ އެއީ، އަސާސީގޮތުން ކުރަންހުރި ކަންކަން. ބޮޑެތި ކަންކަމަށް ބަލާއިރު، މިސާލަކަށް، އިޤްތިޞާދީ ކުރިއެރުން. އިޤްތިޞާދީ ގޮތުން ޑައިވިންގ ޓޫރިޒަމްގައި ވަރަށް މުހިންމު ކުރިއެރުންތައް އިރާދަކުރެއްވީތީ، އެކި އުމުރުފުރައިގެ ޒުވާނުން އެބަ ހޯދާ. އަޅުގަނޑު ދެންނެވިން، ޑިކޯ ޗެމްބަރގެ ވާހަކަ. އެކަންވެސް އިރާދަކުރެއްވިއްޔާ އެބައޮތް ޕްރޮގްރާމްގައި. އެކަންވެސް ކުރާނަން. އަދި އެއާއެކީގައި، ވަރަށްބޮޑު ސަރަޙައްދެއް ޙިމާޔަތް ކުރެވިފައި އޮތީމަ، އިކޯ ޓޫރިޒަމަކީ މި ސިޓީއަށް ހަމަ ވައިބަލް ކަމަކަށް، ފީޒިބަލްވާނެ ކަމެއް ކަމަށް އަޅުގަނޑަށް ހަމަ ގަބޫލުކުރެވޭ. ކައުންސިލުން ގެންގުޅުއްވާ ތަޞައްވުރުވެސް އެބައޮތް.

އަޅުގަނޑު މިއަދު މީޓިންގގައިވެސް ދެންނެވި ފަދައިން، ރައްޔިތުންނަށްވެސް ދަންނަވާލާނީ، އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުން ބޭނުންވެވަޑައިގަންނަވާ ގޮތަށް އިކޯ ޓޫރިޒަމަށް މަގުފަހިކޮށްދީ، އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުން ދޭގޮތަށޭ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެކަމުގައި ފުރިހަމަ ނަފާ ހޯދައިދޭނަން. އެހެންވީމާ، ކައުންސިލުން ކުރައްވަންވީ ކަމަކީ، އަޅުގަނޑުމެންނާ ގުޅިގެން، ރައްޔިތުންގެ ކިބައިން ހުށަހަޅަން ހުރި، މި ދެންނެވީ ޕްރޮޕޯޒަލްތައް، ނޫނީވިއްޔާ ކޮންސެޕްޓްތައް ހުށަހަޅުއްވައިގެން ޓޫރިޒަމް މިނިސްޓްރީއާއި، ކަމާގުޅޭ އިދާރާތަކާ އެކީގައި، އެ މަސައްކަތް ކައުންސިލުން ފެށްޓެވުން. އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލް ތެރެއިންވެސް ދޭންޖެހޭ އެއްބާރުލުން ދޭނަން. ދީގެން އިކޯ ޓޫރިޒަމަށް ތިޔަބޭފުޅުން ދާން ބޭނުންވާ ފުޅާމިނެއްގައި ދާން އަޅުގަނޑު ފުރުޞަތު ދޭނެ ވާހަކަ ދަންނަވަން.

އާދެ، ހަމަ އެއާއެކީގައި، އަޅުގަނޑުމެން ކައުންސިލްތަކަށް ނަފާ ހޯދައިދޭން ކުރަން ފެށި އަނެއް މަސައްކަތަކީ، ގަވާއިދެއް ތަޢާރުފް ކުރުން. އެއީ، ކައުންސިލްތަކުން ފަޅުރަށެއް ހޯދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތު. ދެން މި ސިޓީގެ ކައިރިއަކު ނެތް ފަޅުރަށެއް. އެ ގަވާއިދުގައި އޮންނާނީ، އެހެން އޮންނަ ޙާލަތްތަކުގައިވެސް ރާއްޖޭގެ ކޮންމެ ދިމާއަކުން ރަށެއް ހޯދިޔަސް، އެ އޮންނަ އުޞޫލުން ހޯދައިގެން އެކަން ކުރުމުގެ ފުރުޞަތު ދޭނެ ކަމަށް. މިވަގުތަށް ގެޒެޓްގައި އޮންނާނީ ވަރަށްމަދު އަދަދެއްގެ ރަށްތަކެއްގެ ނަންތައް. އެހެން ނަމަވެސް، އެއީ، އިތުރުކުރެވޭނެ ލިސްޓެއް. އިތުރުކުރެވި، އިރާދަކުރެއްވިއްޔާ ހަމަ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިގޮތަށް އަޅުގަނޑުމެން ފުރުޞަތުދީ ރަށްތައް ހުޅުވައިލާނަން. އޭރުން ކައުންސިލްތަކަށް އެ ދެވެނީ އަމިއްލައަށް އާމްދަނީ ހޯދުމަށް ފުރުޞަތު.

އެ އާމްދަނީ ހޯދާއިރުގައި، ކަން ކުރަންޖެހޭ ގޮތަކީ، ކައުންސިލް ޖެހޭނީ، އެ ރަށެއްގެ ރައްޔިތުންނާ ބައިވެރިވާން. ރަށްރަށުގެ ރައްޔިތުންގެ ކުދި ކުންފުނިތަކާއި، ކުދި، މެދުފަންތީގެ ކުންފުނިތަކާއި ކައުންސިލާ ގުޅެން. ގުޅިގެން އުފައްދާ، ނޫނީވިއްޔާ އެ ގުޅިގެން އަންނަ ޕްރޮޕޯޒަލްތަކުގެ ތެރެއިން، މި ދަންނަވާ ގޮތުގައި ހޯދާ ރަށުގައި އިންވެސްޓް ކުރަންވާނީ. އޭރުން ކައުންސިލަށް އާމްދަނީ ވަދެފައި، މި ދެންނެވި ރައްޔިތުންގެ އެކިއެކި ކުންފުނިތަކަށްވެސް އާމްދަނީ ލިބޭނީ. ބޭރުން ބަޔަކު ގެނެސް އިންވެސްޓް ކުރުމުގެ ފުރުޞަތެއް އެއަކު ނުއެއް އޮންނާނެ. ބޭރު ބަޔަކުވެސް އަންނަންވާނީ، އޭގެ މޭޖަރ ހޯލްޑިންގ ޕަވަރ، ރައްޔިތުންނަށް، ކައުންސިލަށް އޮންނަގޮތަށް. މި ފޯރމިއުލާގެ ދަށުން ރަށްރަށް މި ހުޅުވައިލީ. އެހެންވީމާ، ފުވައްމުލައް ސިޓީއަށްވެސް، ކައިރި އަތޮޅަކުންވިޔަސް، އެ ފުރުޞަތު ހޯދުމަކީ، އަޅުގަނޑު ހަމަ މަރުޙަބާ ކިޔާ ކަމެއް. އަދި އެކަން ކުރަންވެސް އަޅުގަނޑު އެދެން. އިރާދަކުރެއްވިއްޔާ ހުވަދުއަތޮޅުން އަދި އެހެން ސަރަޙައްދަކުންވިޔަސް ތިޔަބޭފުޅުންނަށް އެކަން ކުރުމުގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އަޅުގަނޑުމެން ދޭނަން. ދީގެން ތިޔަބޭފުޅުންނަށް މި ސިޓީއަށް ފަޅުރަށެއް ވީހާވެސް އަވަހަކަށް ހޯދައި، އިރާދަކުރެއްވިއްޔާ އެކަމުގައި މަގުފަހިކޮށްދޭނަން. ކޮށްދީގެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް ގެންދެވޭނެ. މަދުވެގެން އެއްރަށުގެ ވާހަކަ މި ދަންނަވަނީ. އެއަށްވުރެ ގިނަ ރަށްތައްވެސް ހޯދޭނެ. ހޯދުމަށްޓަކައި ވަރަށްބޮޑު އެހީތެރިކަމެއް ދޭނަން. އިރާދަކުރެއްވިއްޔާ އެކަން ހާސިލުކޮށްދޭނަން. ހާސިލުކޮށްދެވުނީމާ ރަށުގެ ވިޔަފާރިތަކާއި ކައުންސިލާ ގުޅިގެން މި ދެންނެވި ގޮތަށް ހޯދާ ރަށުގައި ތިޔަބޭފުޅުން އިންވެސްޓް ކުރައްވަންވީ. ކޮށްގެން އިރާދަކުރެއްވިއްޔާ ރަށަށް، ކައުންސިލަށް ފައިދާވާނީ. އެކަމަށް މަސައްކަތް ފެށްޓެވުމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަން އެކަމުގައި.

އެހެންވީމާ، ކަން ކުރަން މިއޮތީ ތިޔަބޭފުޅުންގެ އަތްޕުޅުގައި. އަޅުގަނޑުމެން މަގުފަހިކޮށްދޭނަން. މި ސިޓީއަށް ވިއްޔާ ޚާއްޞަ ފުރުޞަތެއް ދޭންޖެހޭ މިކަމުގައި. ސީދާ ސަރުކާރުން އެހީތެރިކަމެއް އަޅުގަނޑުމެން ދޭނަން. އެހެންވީމާ، ކައުންސިލާއި އަޅުގަނޑުމެންގެ ކަމާބެހޭ ވުޒާރާއާ އެކީގައި މަސައްކަތް ފެށުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އިންތިޒާރު ކުރާނެ ކަމެއް ކަމުގައި ދަންނަވަން.

އާދެ، ހަމަ އެއާއެކީގައި، އެއަރޕޯޓުގެ ރަންވޭއަށް އިތުރުކުރަންޖެހޭ ޖާގައަކީވެސް ފަސޭހަ ކަމެއްނޫން. އެހެން ނަމަވެސް، އަޅުގަނޑު ވަޢުދުވީ ގޮތަށް، އެކަމުގައިވެސް ދިރާސާތައް ކުރެވިގެން، ކުރެވެން އޮތް އެންމެ ރަނގަޅަކަށް އެކަމަށްވެސް ޙައްލު ގެނައުމުގެ މަސައްކަތް ކުރާނެ ވާހަކަ މީޓިންގގައިވެސް ދެންނެވިން.

އާދެ، މިހެންހުރި ހުރިހާ ކަމެއް ކުރުމަކީ، ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ކުރަން ގަސްތުކުރާ ކަންތައްތައް. އެއީ، ރައްޔިތުން ބޭނުންވާ ގޮތް. އެހެންވީމާ، އެކަންކަން ކުރުމުގައި އަޅުގަނޑުމެން ދާނީ ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށް. މިކަމުގައި އަޅުގަނޑުމެން ހަމަ އެންމެ ތަންފުކެއްވެސް ފަހަތަކަށް ނުޖެހޭނަން. ރައްޔިތުން އެދޭގޮތަށް އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށްދާނަން.

އާދެ، އަދި ހަމަ އެއާއެކީގައި، މި ސިޓީގައި އެކި ކަހަލަ ޚިދުމަތްތައް ހޯދުމަށް ކޯލް ސެންޓަރތައްވެސް އެބަހުރި. އަދި އެހެނިހެން އެކި ކަހަލަ ޚިދުމަތްތަކަށްވެސް ޖާގަ ބޭނުންވޭ. އަދި އެއީ، ކައުންސިލަށްވެސް، ރައްޔިތުންނަށްވެސް އިޤްތިޞާދީ ގޮތުންވެސް ނަފާ ހޯދޭނެ ކަމެއް.

އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ފަށާނަން މިއަދުން ފެށިގެން. މިހާރުވެސް ކޮންމެވެސްވަރަކަށް ކުރަން ފެށިފައި އޮތް ކަމެއް. މި ސިޓީގައި ރަނގަޅު ފެންވަރުގެ އޮފީސް ކޮމްޕްލެކްސް ބިލްޑިންގއެއް އަޅަން. އަޅަން ފަންޑު ހޯދައިދީ، ކައުންސިލާ ގުޅިގެން އެކަން ކުރުން. ކައުންސިލުންވެސް އެކަން ހުށަހަޅުއްވާފައި އެބައޮތް. އެގޮތަށް އެކަން ކުރުމަށް މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. އޭރުން އެއް ފުރާޅެއްގެ ދަށުގައި، މި ދެންނެވި ކޯލް ސެންޓަރ ބިޒްނަސްވެސް ކުރިއަށް ގެންދެވި، އަދި އޭގެއިތުރަށް، އެހެނިހެން ސަރވިސްތަކަށްވެސް އެތަނުން ޖާގަ ކުއްޔަށް ނެގޭގޮތް ހެދުނީމަ، ކައުންސިލަށްވެސް، ރައްޔިތުންނަށްވެސް އެއިން އާމްދަނީ އިތުރުވެގެންދާނެ. އެހެންވީމާ، އެފަދަ ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑުމެން ކުރަން ގަސްތުކުރާ ކަމެއްކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

އާދެ، މިކަހަލަ ގިނަ ކަންތައްތަކެއް މިހިރީ ކުރަން. މިކަންކަން ކުރެވޭނީ، ރައްޔިތުންގެވެސް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެން. ފުރަތަމަ 100 ދުވަސް، ނޫނީ ހަފްތާ 14ގެ މަސައްކަތް މިދިޔައީ، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށްވެސް ފެނިވަޑައިގަންނަވާނެ، އެންމެ ފަސޭހަ ގޮތަކަށް ނޫން. އަޅުގަނޑު އެކްސްޕެކްޓެއްވެސް ނުކުރަން ފަސޭހަވާނެ ކަމަކަށް މަޖިލިސް ތެރެއިން. އެހެން ނަމަވެސް، ދުނިޔޭގެ އެއްވެސްތާކު ދާކަހަލަ ގޮތަކަށް ނޫން ދަނީކީ. މައްސަލައެއް ނެތް. އެހެންވިޔަސްވެސް، ރައްޔިތުންނަށް މިއޮތީ ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގެ ބާރު. އެ ބާރު އިންތިޚާބުތަކުން މި ލިބެނީ. މިއީ، މި ދެންނެވީ ސީރިއަސް ގިނަ މަސައްކަތްތައް ކުރުމުގައި، ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމުގައި ކުރަންހުރި މަސައްކަތްތަކުގައި ވިސްނަންޖެހޭ ވިސްނުމެއްވީމަ، މި ވާހަކަ މި ދަންނަވަނީ. އެއީ، ރައްޔިތުންނަށްޓަކައި، ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި ކުރާ މަސައްކަތް ކުރުމަށްޓަކައި އިތުރަށް ބޭނުންވާ ކަމެއްގެ ވާހަކަ މިއީ. އެއްގޮތަކަށްވެސް އެއީކީ ސިޔާސީ ވާހަކައެއް ކަމަކަށް އަޅުގަނޑު އެއްވެސް ނަޒަރިއްޔާތަކުން ގަބޫލެއްނުކުރަން.

އެހެންވީމާ، މި މަސައްކަތް ކުރުމަށްޓަކައި މިދިޔަ 14 ހަފްތާ ތެރޭގައި، ރައްޔިތުންގެ މަޖިލިސް ތެރެއިން އެއްވެސް އަސާސެއް ނެތި އެ ކުރިމަތިކުރަމުންދިޔަ ކަންކަމުގެ ސަބަބުން އެބަ ވިސްނާވަޑައިގަންނަވަންޖެހޭ އަޅުގަނޑުމެން ކަންކަން ކުރަންޖެހޭގޮތް. އަޅުގަނޑުމެން އެއްވެސް ކަމެއް ނުކޮށް، ފަރުވާކުޑަކޮށް، އެއްވެސްކަހަލަ ޕަރފޯމެންސެއް ނެތި ދިޔަނަމަ މައްސަލައެއް ނެތް. އެހެނެއް ނޫން، ކަންކަން އިރާދަކުރެއްވީތީ ކުރެވޭތޯ ބަލައި، ކުރަމުން މިދަނީ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައިވެސް ރަނގަޅުކުރާނަން.

އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ ބާރު އެއީ، ޤާނޫނުއަސާސީ އޮތް ގޮތުން، ސަރުކާރު ކުރިއަށް ގެންދިޔުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ އެއްޗެއް. އެހެންވީމާ، ސަރުކާރު ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ މަޖިލީހުގެ ބާރު އެއީ، ރައްޔިތުން ނިންމާ ގޮތަކަށް އޮންނަ ކަމެއް. އެހެންވީމާ، އެކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ. އެކަން ރައްޔިތުން ނިންމަވާ ގޮތަކުން، ސަރުކާރަށް ރައްޔިތުން އެދޭގޮތުގައި ބާރު ސްޕީޑްގައި ފުޅާކޮށް، ރަނގަޅަށް ކުރިއަށް ގެންދެވެން މި އޮންނަނީ. ނިޒާމު ބައްޓަންކޮށްފައި އޮތް ގޮތުން.

އަޅުގަނޑު މި ވާހަކަ ހަމަ ފާހަގަކޮށްލަން ބޭނުންވަނީ އެ ވިސްނުމުގައި. އެ ބޭނުމުގައި. އެހެންވީމާ، އެކަމުގައި ތިޔަބޭފުޅުން ވިސްނާވަޑައިގަތުމަކީ، އަޅުގަނޑު ވަރަށް އުންމީދުކުރާ ކަމެއް. ވިސްނާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިދިޔަ 14 ހަފްތާގައި، މި ދެންނެވީ ކަންކަން ކުރުމުގައި އަޅުގަނޑުމެން ވަރަށްގިނަ ކަންކަން ހާސިލުކުރެވޭތޯ މަސައްކަތް ކޮށްފިން. އަދި އިރާދަކުރެއްވީތީ ވަނީ ހާސިލުވެފައި. އެންމެ ބޮޑެތި ވަޢުދުތައް ފުއްދުމުގައި، މި ދެންނެވި ގޮތަށް މަސައްކަތް ކުރެވިފައިވޭ.

މި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމަށްޓަކައި ވީ ވަޢުދާ އެއްގޮތަށް އެކަން އެވަނީ ކުރަން ފަށައި، ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައި. އެކަން އިރާދަކުރެއްވިއްޔާ ހާސިލުވާނެ. ތާރީޚުތައްވެސް އެވަނީ ކަނޑައެޅި، ލިޔުމަށް ތިރިކުރެވި ސޮއިކުރެވިފައި.

ޤާނޫނުއަސާސީއާ ޚިލާފަށް މި ރާއްޖެއިން ގެއްލުވައިލި ކަނޑުގެ ބޮޑު ސަރަޙައްދު ހޯދުމުގެ މަސައްކަތްވެސް އެވަނީ ފެށިފައި. އެކަންވެސް އެދަނީ ވަރަށް ބާރު ސްޕީޑްގައި.

އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ފެށި އިޤްތިޞާދީ ރިފޯމް އެޖެންޑާގެ މަސައްކަތް އެދަނީ ވަރަށް ބާރު ސްޕީޑްގައި. ފައިސާ ޗާޕްކުރުން ހުއްޓާލިން. އެއީ، ފަސޭހަ ކަމެއް ނޫން. އެކަން އަޅުގަނޑުމެން ހުއްޓާލިން. އަޅުގަނޑުމެންގެ ކުންފުނިތައް ހަރުދަނާ ކުރުމުގެ މަސައްކަތް އެއޮތީ ފަށާފައި. އަޅުގަނޑުމެންގެ ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ޑޮލަރު ޖަމާކުރުމުގެ މަސައްކަތް އެވަނީ ފަށާފައި. އަޅުގަނޑުމެންގެ އިޤްތިޞާދީ އެތައް އާ މަޝްރޫޢުތަކެއް އެވަނީ ފެށިގެން ގޮސްފައި. އިންވެސްޓް ކުރުމަށްޓަކައި ބޮޑެތި ފުރުޞަތުތަކެއް ހުޅުވައިލެވިފައި. އާމްދަނީ އިތުރުކުރެވޭނެ އެތައް މަގެއް މިހާރު އެވަނީ ފަހިކުރެވިފައި.

އެހެންވީމާ، މިފަދަ ބޮޑު އިޤްތިޞާދީ އެޖެންޑާއެއްގެ މަސައްކަތްވެސް އެވަނީ ފެށިފައި. މިގޮތުގައި މި މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާއިރުގައި، މިކަންކަން ހާސިލުކުރެވޭނީ، ފުރިހަމަކުރެވޭނީ، އެކަމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުމެއް އަޅުގަނޑުމެންނަށް ދެއްވީމަ. އަޅުގަނޑަށް އެންމެ ގިނައިން މި މީޓިންގތަކުން އަންނަނީ، ކޮމަންކޮށް ހުރިހާ މީޓިންގއަކުންވެސް އަންނަ އެއްކަމަކީ، ޑަބްލިޔޫ.ޑީ.ސީ.ގެ ވާހަކަ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އަންނަ ކަންބޮޑުވުމެއްގެ ވާހަކަ. އެއީ، އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައިވެސް އަޅުގަނޑަށް ހަމަ އައި ކަންބޮޑުވުމެއް. އަދި އެކަމަށް މަސައްކަތްވެސް ކުރި ކަމެއް. އެކަމަކު ހާސިލުނުވީ. އެއީ، ޑަބްލިޔޫ.ޑީ.ސީ.ތަކުން މި ފާހަގަކުރައްވަނީ، ތިމަންނާމެންވެސް މިއީ، ހަމަ ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި ފަރާތްތަކެކޭ. އެހެން ނަމަވެސް، އެލަވަންސެއްގެ ގޮތުގައި ލިބޭ އެއްޗެއް ލިބޭތީވެ، ތިމަންނަމެންނަކަށް ނޯވެއޭ، މުވައްޒަފުންނަށް ލިބޭ އެއްވެސް ޢިނާޔަތެއް. ރޯދަ އެލަވަންސެއް ނުލިބެއޭ. ދެންވެސް މި ހުންނަ ވަޒީފާއާ ގުޅިފައި ހުރި އެއްވެސް ޢިނާޔަތެއް، ވިހެއުމުގެ ޗުއްޓީ ކަމުގައިވިޔަސް، އަދި ބޭންކަކަށް ގޮސް ލޯނެއް ނެގުން ކަމުގައިވިޔަސް، މިއިން އެއްވެސް ކަމަކަށް މަގުފަހިވެފައެއް ނެތޭ. އެއީ، ތެދެއް. އެކަމެއް ނުވޭ. އަޅުގަނޑުވެސް އެކަމަށް މަސައްކަތް ކުރިން، ކުރީގައި ހުރި މަގާމުގައި ހުރިއިރުގައި މާލޭގައި. އެކަމެއްނުވި. ނުވާ ސަބަބަކީ، ޤާނޫނު ބައްޓަންކޮށްފައި އޮތް ގޮތުން. ޤާނޫނުގައި މި އޮންނަނީ، މުވައްޒަފުން ގޮތަކަށް ނޫން. މުވައްޒަފުންނަށް ދޭންޖެހޭ ހައިސިއްޔަތެއް، ސްޓޭޓަސްއެއް ނޯވޭ، ޑަބްލިޔޫ.ޑީ.ސީ. މެންބަރުންނަކަށެއް.

އެހެންވީމާ، ދެންމެ މި ދެންނެވި އެއްވެސް ކަމެއް ނެތީ ވާން. ޤާނޫނު ބަދަލުކުރެވޭނީ ސަރުކާރަކަށް ނޫން. ރައްޔިތުންގެ މަޖިލިސް ތެރެއިން. އަޅުގަނޑު ވަރަށް ތާއީދުކުރަން، ޑަބްލިޔޫ.ޑީ.ސީ.ގެ އެ ކަންބޮޑުވުންތައް ޙައްލުކުރަން. އޭރުގައިވެސް މަސައްކަތް ކުރިން އެކަމަށް. ސަރުކާރުން މަސައްކަތް ކުރާނަން. މިހާރުވެސް މަސައްކަތް ކުރާނަން، އިރާދަކުރެއްވިއްޔާ މިކަމުގައި އިޞްލާޙެއް ހުށަހެޅޭތޯ. މަޖިލީހަށް ހުށަހަޅައިގެން، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އެކަމަށް އިޖާބައެއް ދީފިއްޔާ އެކަން ވާނެ. މިދިޔަ 14 ހަފްތާގައި ފެނިވަޑައިގަންނަވާނެ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން މި ސަރުކާރަށް އެއްވެސް ކަމެއްގައި އިޖާބަދޭތޯ، ނޫންތޯ. ދިންތޯ، ނޫންތޯ. އަޅުގަނޑުމެން ހުށަހަޅާނަން.

އެހެންވީމަވެސް އެބަ ފާހަގަވޭ ނޫންތޯ، ރައްޔިތުންގެ މަޖިލިސް އެއީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރާ ތަނަކަށް ވާންޖެހޭކަން. ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ ކަންކަން ކޮށްދޭ ތަނަކަށް، ކޮށްދޭން މަގުފަހިކޮށްދޭ ބަޔަކަށް ވާންޖެހޭ ތަނަކަށް ވާންޖެހޭކަން. އެހެންވީމާ، މި ޑަބްލިޔޫ.ޑީ.ސީ.އާ ބެހޭ މި މުހިންމު މައްސަލަވެސް ޙައްލުކުރުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނަން. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބުގައި ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންނަށް ރަނގަޅު ކާމިޔާބީއެއް ރައްޔިތުން ދެއްވައިފިއްޔާ، އެއީ، އަޅުގަނޑުމެން ކުރާނެ ކަމެއް. އެ ޤާނޫނު ބަދަލުކުރާނަން. ބަދަލުކޮށް، ޑަބްލިޔޫ.ޑީ.ސީ.ތަކަށް، މި ދެންނެވި ހުރިހާ އެލަވަންސްތަކާއި، ހުރިހާ ޢިނާޔަތެއް ލިބޭގޮތަށް ޤާނޫނު އިޞްލާޙުކޮށްދޭނަން. އެކަމަކު ރައްޔިތުންގެ މަޖިލިސް ތެރެއިން އެކަން ވާން އޮތީ. އެކަން ނިންމަވާނީ ރައްޔިތުން. އެހެން ނަމަވެސް، އެހާތަނަށް ދަންދެން މަޑުނުކޮށްވެސް މިހާރުވެސް އަޅުގަނޑުމެން ބަލާނަން މިކަމަށް އިޞްލާޙު ގެނެވޭތޯ. މަޖިލީހަށް ގޮސްގެން ވޭތޯ.

އެހެންވީމާ، މިކަހަލަ ގޮތަކަށް ކަންކަން ބައްޓަންވެފައި އޮތް ނިޒާމެއް މި ރާއްޖޭގައި މި އޮންނަނީ. މިކަންކަން ކުރެވޭނީ، ކުރެވޭނެ މަގުފަހިވީމަ. ފަހިކޮށްދެވުނީމަ. އާދެ، މިގޮތުގައި އަޅުގަނޑުމެން ކަންތައްތައް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.

އަޅުގަނޑު ހަމަ އަދިވެސް ބައެއް ކަންކަން ފާހަގަކޮށްލާއިރުގައި، ވީ އެއް ވަޢުދު، ޢީދު ދުވަސްތަކުގައި، މިދިޔަ ޢީދުގައި މާލޭގައި ބޮކިފަތި ދިއްލައި، ޒީނަތްތެރި ކުރިގޮތަށް، ދެން ރާއްޖޭގައި، އަންނަ ހުރިހާ ޢީދެއްގައި ސަރުކާރުން އިސްނަގައިގެން ކައުންސިލްތައް މެދުވެރިކޮށް ހުރިހާ ސިޓީތަކާއި، ވެރިކަން ކުރާ ރަށްތަކުގައި ޢީދު ލައިޓްސް ދިއްލައިދޭނަމޭ. ތަކުބީރުގެ އަޑު އިއްވޭނެއޭ. އެހެންވީމާ، އެ މަޝްރޫޢު އެދަނީ ހަމަ އެގޮތަށް ބާރަށް، ވަރަށް ބާރަށް ކުރިއަށް. ތަކެތި މިހާރު ރާއްޖެއަށް ވަންނަ ހިސާބުގައި، އޮން ދަ ވޭގައި. އެހެންވީމާ، މި ސިޓީއަށް އަންނާނެ ލައިޓްތައް. ކައުންސިލާ މަޝްވަރާ ކުރެވިގެން ބައެއް މަގުތައްވެސް ވަނީ ޗޫޒް ކުރެވިފައި. އައްޑޫ ސިޓީގައިވެސް، ދެންހުރި ސިޓީތަކުގައިވެސް. އަދި ވެރިކަންކުރާ ހުރިހާ ރަށެއްގައި. އެހެންވީމާ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އިރާދަކުރެއްވިއްޔާ ފިޠުރު ޢީދު ދުވަސް އަންނައިރުގައި މި ތަނުގެ، މި ސިޓީގެ ކައުންސިލާއި އަޅުގަނޑުމެންގެ ސިޓީސް މިނިސްޓްރީއާ ގުޅިގެން، ތިޔަބޭފުޅުން މި ސިޓީން، ކައުންސިލުން ކަނޑައެޅުއްވި މަގުތައް ރީތިކޮށް، ޢީދު ލައިޓްސްތަކުން ދިއްލިގެންދާ ތަން. އެއިން ލިބޭ އުފާ އިރާދަކުރެއްވިއްޔާ ފެނިވަޑައިގަންނަވާނެ. އަދި ތަކުބީރުގެ އަޑު، އެ މަގުތަކުން އިވިގެންދާނެ.

އަޅުގަނޑުމެން ވީ ވަޢުދުތައް، މިފަދަ ގޮތަކަށް ފުއްދަމުން ދާނަން. އެކަންކަން ކުރުމުގައި، ރައްޔިތުން ހަމަ ދެއްވަންވީ އެއްބާރުލުން. ދެއްވީމާ، ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ވަރަށް ބާރުމިނުގައި ކުރިއަށްދާނަން. އިރާދަކުރެއްވީތީ އަޅުގަނޑު ވީ ވަޢުދެއްވިއްޔާ ފުއްދާނަން. އިރާދަކުރެއްވީތީ މަގު ހޯދާނަން. އިޤްތިޞާދީ ގޮތުން އިރާދަކުރެއްވިއްޔާ މަގު ހޯދާނަން. އަދި ރާއްޖެއަށް އިންފްރާސްޓްރަކްޗަރ ގެނައުމަށްޓަކައި، އިންފްރާސްޓްރަކްޗަރ ތަރައްޤީ، އެ މަގުން ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ބާރު ސްޕީޑްގައި ކުރިއަށް ގެންދާނަން.

މިއަދު އެވަނީ އައްޑޫ ސިޓީގައި، އެންމެ ބޮޑު މަޝްރޫޢުގައި އަޅުގަނޑުމެން ސޮއިކޮށްފައި. ފީޒިބިލިޓީ ޑިޒައިން މަސައްކަތުގައި. ހަމަ އެގޮތަށް މި ސިޓީގައިވެސް ކުރަންހުރި ބޮޑެތި މަސައްކަތްތައް، ދެންމެ މި ދެންނެވި ފަދައިން، ހަމަ ކުރިއަށްދާނެ. އެހެންވީމާ، މިގޮތުގައި އަޅުގަނޑުމެން ކުރިއަށްދިޔުމުގައި، ތިޔަބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެން އޮތީ، ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް.

އާދެ، އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، ފުވައްމުލައް ސިޓީގެ ރައްޔިތުން އެދިވަޑައިގަންނަވާ ތަރައްޤީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެނެސްދޭނަމޭ. ކައުންސިލާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް، އަޅުގަނޑުމެން ތަފާތުކުރުމެއްނެތި މިދަނީ ކުރަމުން. ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ ހަމަހަމަކަމާ އެކީގައި ދެމުން.

އަޅުގަނޑުގެ ދުޢާއަކީ، މި ސިޓީއަށް އަދަށްވުރެ ފަހި މާދަމާއެއް ލިބުން. މުޅި ރާއްޖެއަށް އަދަށްވުރެ ފަހި މުސްތަޤްބަލެއް ލިބި، އަޅުގަނޑުމެންގެ މިނިވަންކަން އަބަދަށްމެ ޙިމާޔަތްވެގެންދިޔުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.