بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ނިޢުމަތްތަކުގެވެރި މާތް اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތަށް ކައު ކުރެއްވި މާތް ސާހިބާ مُحَمَّدٌ نَبِيَّا صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި، ސަލާމާއި، ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީގެ އިސްވެރިން، ޞިއްޙަތާ ބެހޭ ވުޒާރާގެ އިސްވެރިން، ޞިއްޙީ ޚިދުމަތްތެރީން، ތެލަސީމިއާ ސޮސައިޓީގެ މެންބަރުން، މި ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެހައި ހާޒިރީން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދު މި މާހައުލުން، އަޅުގަނޑަށް ކުރެވެނީ ހިތަށް ފިނިކަން ލިބިދޭ އިހުސާސްތަކެއް. ފެށިގެންމިދާ މަހާސިންތާއަކީ، ތެލަސީމިއާ ކުދިންނާއި، އެ ކުދީންގެ ބެލެނިވެރިންގެ އުންމީދުތަކުގައި ކުލަޖެހިގެންދާނެ މަހާސިންތާއަކަށް ވެގެންދާނެ.

ހަމަ ޔަގީނުންވެސް ތިޔަ ކުދީންނާއި، ބެލެނިވެރިންގެ، އަދި ކަމާބެހޭ މާހިރުން، އެއް ހިޔާވެއްސެއްގެ ދަށުން ބައްދަލުވެ، ހިއްސާކުރެވިގެންދާ މަޢުލޫމާތުގެ ފައިދާ، ދިގުދެމިގެންދާނެކަން ޔަގީން.

ތެލަސީމިއާ ކުދިންނާއި، އެ ކުދިންގެ ޢާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި، އެ ކުދީންގެ ފަރުވާގެ ކަންކަން ފުރިހަމަކުރެއްވުމަކީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް. އެގޮތުގެމަތިން، ސަރުކާރުން އެކުލަވައިލެވުނު ފުރަތަމަ ހަފްތާ 14ގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ޚާއްސަ އިސްކަމެއް ދެއްވައިގެން، ވަރަށް ގިނަގުނަ ކަންތައްތަކެއް އެކުލެވި، މިހާރު ފެށިގެންދާކަން، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

އެގޮތުން، ތެލަސީމިއާ ކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް، މާލެ ސަރަޙައްދުގައި ހަމަޖައްސަވައި، ކެބިނެޓުން އެކަން ނިންމުމަށްފަހުގައި، ހުޅުމާލެ، ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ހަމަޖައްސަވައި ދެއްވާފައި.

އަދި އެ ހޮސްޕިޓަލް އެޅުމަށްޓަކައި ބޭނުންވާނެ ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަން، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އޭގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެ.

މީގެ އިތުރުން، ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ، ސަރުކާރުގެ ޚަރަދުގައި ހިލޭ ކުރެވޭގޮތް ހެދުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ރިޔާސީ ވަޢުދު. އެކަން އިރާރަކުރެއްވިއްޔާ، އެގޮތަށް މިހާރު ފެށްޓިފައި ވާކަން އުފަލާއެކީ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

ތެލަސީމިއާ އަށް ފަރުވާ ހޯދާ ވީހާވެސް ގިނަ ކުދިންނާއި މީހުންނަށް މި ފުރުޞަތު ފަހިކޮށްދިނުމަކީ، ސަރުކާރު އަމާޒު ހިފާފައިވާ ކަމަކަށް ވާއިރު، މީގެއިތުރުން، ތެލަސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް، ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

މި ފުރުޞަތުގައި، ތެލަސީމިއާ ކުދިން ކުރާ ހިތްވަރު ފާހަގަކޮށް، އެ ކުދިންނަށް ހިތްވަރުދެން. އެ ކުދިންގެ ޢާއިލާތަކުން އެކުދިންނަށް ދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ތަރުޙީބުދެން. އަދި ތެލަސީމިއާ އަށް ހޭލުންތެރިކުރުމާއި، ފަރުވާގެ ކަންކަމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަކުގެ މިންނެތް ބުރަ މަސައްކަތް ފާހަގަކޮށް، އެ ބުރަ މަސައްކަތް އަގު ވަޒަންކުރަން.

އުފާވެރި ޙަޔާތެއް ވޭތުކުރަމުންދާ ތެލަސީމިއާ ބަލިމީހުން، މި ދިވެހި މުޖުތަމަޢުގައިވެސް މަދެއް ނޫން. އެ ފަރާތްތަކުގެ ހިތްވަރަށް އަޅުގަނޑު ސާބަސްދެން. ގެ އިރާދަފުޅުން، އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުގެ ވުޒާރާތަކުން އެކި ގޮތްގޮތުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން، މި ފުރުޞަތުގައި އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް ދެން.

އަޅުގަނޑުގެ އިލްތިމާސަކީ، ތިޔައިގެ ތެރެއިން ކޮންމެ ކުއްޖަކީވެސް، ކޮންމެ ބޭފުޅަކީވެސް އެފަދަ ޢަޒުމެއްގެ ވަރުގަދަ ލީޑަރަކަށްވުން. ކެރިގެން ކަންކަމާ ކުރިމަތިލައި، ދިރިއުޅުމުގައި ކުރިއަރައި ދިއުމަށް ސާބިތުކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން. މި ސެމިނާރއަކީވެސް ތިޔަބޭފުޅުންނަށް ގިނަ ފައިދާތަކެއް ހާސިލުކުރެވޭ ކާމިޔާބު ސެމިނަރއެއް ކަމުގައި ވެގެންދިޔުން.

އަދަށްވުރެ ފަހި، މާދަމާއެއް އަޅުގަނޑުމެން އެންމެންނަށް މިންވަރުކުރެއްވުން. މާތް ތިޔަ ކުދީންނާއި ޢާއިލާތަކަށް، ތަކުލީފުތަކަށް ލުއިކަން ދެއްވައި، އުފާވެރި ދުވަސްތަކެއް މިންވަރުކުރައްވާށި!

وَالسَّلَامُ عَلَيْكُمْ.