بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ތ. ގުރައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި މި ރަށާއި މި އަތޮޅުގެ އެންމެހައި ވެރިން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ދިވެހި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިގެން މި ދިޔައީ، އިންތިޚާބު ކާމިޔާބުވުމަށްފަހު، އެންމެ ފުރަތަމަ މި ރަށަށް އާދެވުމުން. ފުރަތަމަވެސް އަޅުގަނޑަށް މުޅި ރާއްޖެއިންވެސް އެންމެބޮޑު އިންސައްތައަކުން އެންމެބޮޑު ތާއީދެއް ދެއްވީ ތިޔަބޭފުޅުން ކަމުގައިވާތީ، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ތަކުރާރުކޮށް އެންމެ ގިނައިން ވީ ވަޢުދަކަށްވާނީ، އަޅުގަނޑު ޕޯޑިއަމްގައި ހުރެ ދެންނެވި ކޮންމެ ވާހަކައަކީ، ކުރާނެ ކަމަށް ދެންނެވި ކޮންމެ ކަމަކީ، އިރާދަކުރެއްވިއްޔާ ތެދުވެރިކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި، ޙަޤީޤަތަކަށް ހަދައިދޭނެ ކަންކަމޭ. ބަހާއި ޢަމަލާ އަޅުގަނޑު ދިމާކުރާނެ ކަމަށް ވީ ވަޢުދު. އެގޮތުން، ވަރަށް އުފާކުރަން. ﷲ އަށް ޙަމްދުކުރަން. ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް، މިއަދު ތިޔަބޭފުޅުން ގާތަށް އާދެވުނީމަ.

އަދި އަޅުގަނޑާއި އަޅުގަނޑުމެންނާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، މި ހޫނުގަދަ ވަގުތު ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ފަށްފަށުން ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، އަޅުގަނޑު ކެމްޕެއިންގައި ވީ ވަޢުދުތައް ފުއްދުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ތަރުތީބުކޮށް ޕްލޭނެއް އެކުލަވައިލައިގެން މަސައްކަތް ފަށާފައި މިވަނީ. އިއްޔެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައިވެސް އަޅުގަނޑު ތަފްޞީލްކުރި ފަދައިން، 14 ހަފްތާއަށް ފުރަތަމަ އަޅުގަނޑުމެން ޕްލޭން ހެދީ. އެ ޕްލޭންގެ ދަށުން މިހާތަނަށް ކަނޑައެޅި ހުރިހާ ކަމެއް، 9 ހަފްތާއާ ހަމަޔަށް ކާމިޔާބު ކުރަން، ނޫނީވިއްޔާ ފުއްދަން ކަނޑައެޅި ހުރިހާ ކަމެއް، އަޅުގަނޑުމެންގެ ޓީމުގެ ބުރަ މަސައްކަތާ އެކީގައި، އަދި އަޅުގަނޑުމެންނަށް ހުރިހާ ފަރާތްތަކުން ދެއްވި އެއްބާރުލުމާ އެކީގައި ވަނީ ފުއްދިފައި. އަދި 14 ހަފްތާ ހަމަވާންވާއިރަށް ކަނޑައަޅާފައި ހުރި ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ، ހަމަ އެ މަގުން އެބަ ކުރިއަށްދޭ.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން މި އަހަރަށް ބަޖެޓް ހުށަހެޅިއިރުގައި، މި ނިމިގެންދިޔަ ސަރުކާރުން އިންތިޤާލީ މަރުޙަލާގައި އަޅުގަނޑުމެންނަށް ދިނީ ކުޑަކުޑަ ވަގުތުކޮޅެއް. އެހެން ނަމަވެސް، އެ ވަގުތު އަޅުގަނޑުމެން ވާނީ އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް ވީވަރަކުން ހިމަނަން ފޮނުވާފައި. ހަނދުމަފުޅު ހުންނާނެ، އެއްކަމަކަށް، އަޅުގަނޑުމެން ހިމެނި އެއް މަޝްރޫޢު އެއީ، މާލޭ ސަރަޙައްދުން އެންމެބޮޑު ބިން ހިއްކުމުގެ މަޝްރޫޢު ހިންގުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކަންވެގެން ހިމެނި ބޮޑު މަޝްރޫޢު. އެ ބޭފުޅުން އުނިކޮށްލެއްވީ. ރައްޔިތުންނަށް ފައިދާވާ ކަމެއްވިއްޔާ، ކުރާނެ ފުރުޞަތެއް ދޭކަށް ބޭނުމެއްނުވާކަން އެއިން އެނގިގެންދިޔަ. ނަމަވެސް، އަޅުގަނޑުމެން އެހެން ގޮތްގޮތް ހޯދައިގެން އަދި ބަޖެޓުން އުނިކުރިޔަސް، ޤާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތްގޮތް ހުންނާނެކަން އިރާދަކުރެއްވީތީ، އެ މަޝްރޫޢުންވެސް ފެނިގެންދިޔަ. އަޅުގަނޑުމެން ވާނީ އެކަން ފަށާފައި.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު ވަޢުދު ވީގޮތަށް އަދި އެ ބޭފުޅުން މި ރަށުގެ އެއަރޕޯޓް ހެދުމަށް ބަޖެޓުން ޖާގަ ދީފައި ނެތް ނަމަވެސް، އިރާދަކުރެއްވިއްޔާ މި އަހަރު އެއަރޕޯޓުގެ މަސައްކަތް ފަށާނަމޭ. އަޅުގަނޑުމެންނަށް ޤާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެގޮތް ހޯދޭނެ، ހޯދާނަން. ހޯދައި، އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން. ތިޔަބޭފުޅުންނަށް އެންމެ މުހިންމު ކަމަށް، އަޅުގަނޑު ގާތު ވިދާޅުވި ކަމަކީ އެއީ. އެކަން ކުރާނެ ކަމަށް އަޅުގަނޑު ދެންނެވިން. އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އަދިވެސް މުހިންމު ކަންތައްތައް ކުރަން އެބަހުރި. ހޮސްޕިޓަލްގެ މަސައްކަތް، މަގުހެދުން، ކުޅިވަރާ ގުޅޭ އެކިކަހަލަ ފެސިލިޓީޒްތައް ޤާއިމުކުރުން. މިހެންގޮސް ގިނަ ކަންތައްތަކެއް އެބަހުރި ކުރަން.

އަޅުގަނޑު އިއްޔެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި، ވަރަށް ތަފްޞީލުކޮށް، ވަރަށް ތަފްޞީލުކޮށް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތް ހާމަކުރިން، ނަންބަރުތަކާ އެކީގައި. ސްޓެޓިސްޓިކްސްއާ އެކީގައި. އެއީ، އަޅުގަނޑުމެން އެންމެންނަކީ އަޅުގަނޑުމެންގެ ޤައުމުދެކެ ލޯބިވާ މީހުން ކަމުގައިވާއިރުގައި، ޙަޤީޤަތް ގަބޫލުކުރަންޖެހޭނެތީ. އަޅުގަނޑުމެން ބޭނުންވޭ، މި ޤައުމު ކުރިއަށް ގެންދަން. ރަށްރަށުގައި ފެށިފައި ހުރި، ފަށަންވެފައި ހުރި، ފަށަންޖެހޭ ހުރިހާ މަސައްކަތްތަކެއް، މަޝްރޫޢުތަކެއް ފަށަން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މި ނިމިދިޔަ ސަރުކާރުން ވާރުތަވި އިޤްތިޞާދީ ޙާލަތު އޮތްގޮތް އެއީ، ޙަޤީޤަތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ދުވަހަކުވެސް ރާއްޖޭގެ އިޤްތިޞާދު ވައްޓާނުލާވަރުގެ އަނދަވަޅަކަށް ވައްޓާލާފައި އޮތްކަން އެއީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތް. އެކަން ވަރަށް ތަފްޞީލުކޮށް އިއްޔެ އަޅުގަނޑު ހާމަކުރިން. އަދި އެއިން އަރައިގަތުމަށްޓަކައި ޤައުމު ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ ޖީބަށް އެއިން އިޤްތިޞާދީ ގޮތުން ފައިދާވާގޮތަށް، ރައްޔިތުން ފުދުންތެރިވާގޮތަށް، ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަން އަމިއްލައަށް ކުރިއަށްދާނެ ގޮތް ހޯދައިދެވޭނެ މަގަށް ގެންދިޔުމަށް ކުރާނެ ކަންކަން އަޅުގަނޑު ދެންނެވިން. އެހެންވީމާ، އެގޮތަށް ކަންކަން ކުރަން އަޅުގަނޑުމެން މަސައްކަތް ފަށާފައި މިހާރު މިވަނީ.

އަޅުގަނޑުމެންގެ މި ވާރުތަވި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކުރަން ނިންމާފައި ހުރި ކަންކަން އެގޮތަށް ގެންދަންޖެހޭ. ގެންދާއިރުގައި މިގޮތަށް ފަށަންހުރި އަޅުގަނޑުމެންގެ ގިނަ މަޝްރޫޢުތައް، ތިޔަ ލޮބުވެތި ރައްޔިތުންނާއި، ރަށްރަށުގެ ރައްޔިތުންނާ އަޅުގަނޑުމެން މަޝްވަރާކޮށްގެން ތަރުތީބުކުރާނަން. އެއީ، އަޅުގަނޑުވެސް ބޭނުންވޭ، ތިޔަބޭފުޅުންވެސް ބޭނުންވާނޭ ފަދައިން، އެއްފަހަރާ ހަމަ ހުރިހާ ކަމެއްވެސް ފަށަން. އެހެން ނަމަވެސް، އެބަޖެހޭ ތަރުތީބު ކުރަން.

މިހެން ކުރަން ލިސްޓްގައި ހުރި ކަންކަން، 10 ކަންތައް، 12 ކަންތައް، މިހެންގޮސް ރަށްރަށުގައި ނުކޮށް އެބަހުރި، މިދިޔަ ސަރުކާރު ނިމުނުއިރުގައި، އެކިއެކި ސަބަބުތަކާ ހެދި ނުހިނގާ ހުރި އެތައް ކަމެއް. ކުރަންވެފައި ހުރި އެތައް ކަމެއް. އެހެންވީމާ، އެބަޖެހޭ މި ދެންނެވި އިޤްތިޞާދީ ޙާލަތު އޮތްގޮތް ބަލައިގަނެ، އަޅުގަނޑުމެން ކުރިއަށްދިޔުމުގައި މިކަންކަން ތަރުތީބު ކުރަން.

މި ދަންނަވާ ވާހަކައަކީ، މިގޮތަށް މި ރަށުގައި ދެން ކުރަންހުރި ހުރިހާ ކަމެއްވެސް އަޅުގަނޑު ވަޢުދުވީ ފަދައިން ކުރާނަން އިރާދަކުރެއްވިއްޔާ. އެކަމަކު އެބަޖެހޭ، ރައްޔިތުންނާ ސަރުކާރާ އެކީގައި މަޝްވަރާ ކުރެވިގެން، ކައުންސިލް މެދުވެރިކޮށް، މަޖިލިސް މެންބަރުން މެދުވެރިކޮށް، މި އޮންނަ އުޞޫލުގެ ތެރެއިން މަޝްވަރާ ކުރެވިގެން، އަޅުގަނޑުމެންގެ ލޯކަލް ގަވަރންމަންޓް މިނިސްޓްރީ އެބަހުރި. ކަމާގުޅޭ މިނިސްޓްރީތައް އެބަހުރި، ތަރުތީބުކޮށްލަން. ތަރުތީބުކޮށްދެއްވީމާ، ކޮން ކަމެއްތޯ އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ. އެގޮތަށް ތަރުތީބުކޮށްގެން އަޅުގަނޑު ދޭ ޔަޤީންކަމަކީ، ހަމަ އެއަރޕޯޓް ވަޢުދުގޮތަށް، މި ރަށުގައި ދެން ކުރަންހުރި ހުރިހާ ކަމެއްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދީ ފުރިހަމަކޮށްދޭނެކަން. މި ޔަޤީންކަންދެން.

އެހެންވީމާ، ހުރިހާ ރަށެއްގެ ރައްޔިތުންވެސް މިވަގުތު ގަބޫލުކުރަންވީ މި ޙަޤީޤަތް. ކުރިއަށް މިއޮތް ދެ މަހެއްހާ ދުވަސް، ދެތިން މަސްދުވަސް އެންމެ އުނދަގުލީ، ކަންދިމާކުރި ގޮތުން. އަޅުގަނޑުމެންގެ އާމްދަނީ ހޯދުމުގެ ކަންތައްތައް ވަރުގަދަކުރަން ޖެހިފައި އޮތް މި ދަނޑިވަޅުގައި، އެންމެ ޙައްޞާޞް ވަގުތު މިއީ.

އެހެންވީމާ، ކުރަން މި ނިންމާފައި ހުރި ކަންކަން ކުރުމުގައި ކުރިއަށްދާއިރުގައި، މި ދެންނެވި ބީދައިން އަޅުގަނޑުމެން މަސައްކަތް ކޮށްފިއްޔާ، މި އަހަރުގެ ބާކީއޮތް ބައި، ދެވަނަ ކުއަރޓަރުން ފެށިގެން ގޮސް ތިންވަނަ ކުއަރޓަރަށް، ނޫނީވިއްޔާ މި ދަންނަވާހެން މޭ، ޖޫން، ޖުލައި ހިސާބު އަދި އެއަށްވުރެ ފަހަށް، ޖުލައިގެ ފަހަށް އިރާދަކުރެއްވިއްޔާ މާބޮޑަށް ފަސޭހަވެގެންދާނެ. އެކަމަކު މިހާރުން ފެށިގެންވެސް ފެށެންހުރި ކަންކަން ތަރުތީބުކޮށްލައިގެން، ހިންގަވާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ، އެ ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ކުރެވޭތޯ ބަލާނަން.

ކުންފުނިތައް އޮތީ އިންތިހާއަށް ދަރަނިވެރިކޮށްލާފައި ކަން އެބަ އެނގޭ. އިއްޔެ އެކަންވެސް އަޅުގަނޑު ފާހަގަކުރިން. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދެތިން ކުންފުންޏެއް އެކަނި ކިރިޔަ ކިރިޔާވެސް ސަލާމަތުން އޮތީ. ރައްޔިތުންގެ ކުންފުނިތައް އެއީ. ސަރުކާރުން ސަތޭކަ ޕަސެންޓް ޙިއްޞާވާގޮތަށް މި ހުންނަނީ ރައްޔިތުންގެ ކުންފުނިތައް. އެހެންވީމާ، އެ ކުންފުނިތައްވެސް ހަމަޔަކަށް، ހަމަމަގަށް އަޅުވަންޖެހޭ. އެތައް ސަތޭކަ މިލިއަން ރުފިޔާގެ ޕެންޑިންގ ބިލްސް އެބަހުރި. މި ރަށުގައިވެސް ޔަޤީން މަސައްކަތްތައް ކޮށްފައި، ސަރުކާރު ކުންފުނިތަކުން ލާރި ލިބެންޖެހޭ އެތައް ބަޔަކު ތިބޭނެ. މިހެން ގޮސް އެބަހުއްޓޭ، ކުންފުނިތައް ވަރަށް ބޮޑަށް، ވަރަށް ބޮޑަށް ދަރަނިވެފައި ހުރި. ހަމަ މިސް މެނޭޖްމަންޓް އިންތިހާއަށް ގޮސްފައި ހުރި ކުންފުނިތައް. މި ކަންކަމަކީވެސް ހަމަޔަކަށް އަޅުވަންޖެހޭ ކަންކަމޭ.

އެހެންވީމާ، އަޅުގަނޑު މި މަސައްކަތް ކުރަނީ އިޚްލާޞްތެރިކަމާ އެކީގައި، ރައްޔިތުންނަށް ޙަޤީޤީ މާނައިގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެންނަން ކަމަށްވާތީ، މި ޙަޤީޤަތްތައް ގަބޫލުކޮށްގެން ކުރިއަށްދާ ކަމަށްވަންޏާ، ނުކުންނާނީ ރަނގަޅު ނަތީޖާ. އިންތިޚާބެއް ކުރިއަށް އޮތީމާ، މި ދެންނެވި ޙަޤީޤަތްތައް އެއީ، ޙަޤީޤަތް ނޫން ކަމަށް ބަލާފައި، ކުރީގައި ޢާންމުކޮށް ފެންނަ ބީދައިން ކަޑަ ޖަހައިފީވިއްޔާ، އެ ނުވާނެ ނަތީޖާ ނުކުންނާނެ ކަމަކަށް. ޙަޤީޤީ މާނައިގައި ތަރައްޤީ ގެނެސްދޭން އަޅުގަނޑު ބޭނުންވަނީ.

އެހެންވީމާ، އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑުމެން ކުރިއަށްދާ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ކަންކަން ދާނީ އުޖާލާކޮށް. މި ރަށުގައިވެސް ހަމަ އެގޮތަށް ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނަމޭ. އެހެންވީމާ، އަޅުގަނޑު އެދެނީ، މިގޮތަށް ކުރިއަށްދާން. އެއަރޕޯޓުގެ މަސައްކަތަށް އަޅުގަނޑު މި ދެންނެވީ، ވަކިން ދިން ފުރިހަމަ ޔަޤީންކަމެއް، މި އަހަރު އިރާދަކުރެއްވިއްޔާ ފަށާނެކަން. ދެން ހުރި މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ފަށާނަން. ހަމަ ތަރުތީބުކޮށްލަދީގެން ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކީގައި ކުރާ މަސައްކަތުން ތަރުތީބު ކުރައްވައިގެން، ހަމަ މި އަހަރު ފެށެންހުރި ހުރިހާ ކަމެއް ފަށައި، ހުރިހާ ކަމެއް ކުރިއަށް ގެންގޮސްދޭނަން. އަދި އިތުރު ކަންކަންވެސް ހަމަ ޔަޤީނުންވެސް ހުންނާނެ ކުރަންޖެހޭ.

އެހެންވީމާ، އެގޮތުގެ މަތިން ކުރިއަށްދިޔުމަކީ، އަޅުގަނޑު މި ޖަލްސާގައި މިހެން ދެންނެވިޔަސް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ހަމަ އަޅުގަނޑު ދަންނަވާ ވާހަކައެއް. އެއީ، އެގޮތަށް އަޅުގަނޑުމެން ކުރިއަށްދިޔުން ނޫން ގޮތެއް ޚިޔާރުކޮށްފީވިއްޔާ، އަމިއްލައަށް އަމިއްލަ ނަފްސަށް ކަންކަން އޮޅުވާލާ ބީދައިން ކުރެވޭ ކަމަކަށްވާނީ. މި ދެންނެވި ގޮތަށް، މިދިޔަ ސަރުކާރުން މި ވާރުތަވި މުޅިން ހަލާކުކޮށްލާފައި އޮތް އިޤްތިޞާދު، މުޅިން ދަރަނިވެރިކޮށްލާފައި އޮތް މި އިޤްތިޞާދު، އެއީ، ޙަޤީޤަތް ނޫން ކަމަށް ގަބޫލުކޮށްގެން ދާން އުޅެފީވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ މޮޅެއް ނޯންނާނެ. އެހެންވީމާ، އެ މަގުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްދާން އަޅުގަނޑުމެން މަސައްކަތް ކުރާނީ.

އާދެ، އަދިވެސް އެއްފަހަރު ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަރަށް އުފާކުރަން މި ރަށަށް އާދެވުނީމަ. މި ދަތުރުގައި ކުރިއަށް މިއޮތް، މިއަދާ އެކީގައި ތިން ދުވަސް، މި އަތޮޅުގައި އަޅުގަނޑުމެންގެ ޓީމުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޭދަކުރާއިރުގައި، 10 ރަށަށް ދަތުރުކުރަން މިއޮތީ ކަނޑައެޅިފައި.

އަޅުގަނޑު މިދިޔަ ދެ މަހާއި ބައި، ގާތްގަނޑަކަށް ރަށަކަށް ނުގޮސް ބޮޑަށް މި މަސައްކަތްކުރީ، ބޭރުގެ އެކިއެކި ޤައުމުތަކާއި، އެކިއެކި ޖަމުޢިއްޔާތަކާއި، އެކިއެކި އިންސްޓިޓިއުޝަންސްތަކާ އެކީގައި މަސައްކަތްކޮށްގެން، މި ދެންނެވި އިޤްތިޞާދީ ޙާލަތުން އަރައިގަނެވޭނެ ކަންތައްތަކެއް ފަހިކުރަން. އިރާދަކުރެއްވިއްޔާ، އެކަމަށް އަޅުގަނޑުމެންނަށް ވަރަށް އީޖާބީ ކަންތައްތަކެއް، ތުރުކީ އަދި ޗައިނާ، ދެ ޤައުމުގެ ވެރިންގެ ފަރާތްޕުޅުން ހަމަޖެހިގެން ގޮސްފައި މިވަނީ. އިރާދަކުރެއްވިއްޔާ އަދި މި މަހު އެއް ދަތުރު އެހެން ޤައުމަކަށް އަޅުގަނޑުގެ އެބައޮތް. އެ ދަތުރުންވެސް އިރާދަކުރެއްވިއްޔާ އެކަން އިތުރަށް ފުރިހަމަވެގެންދާނެ.

އެއާއެކީގައި، ދެން އެ ދަތުރަށްފަހު، މި މަހުގެ މެދުތެރޭގައި ކުރަން އޮތް ދަތުރަށްފަހު، ދެން އަޅުގަނޑު ގަސްތުކުރަނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމަޔަށް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ދަތުރުކޮށް، ރައްޔިތުންނާ ބައްދަލުކުރުމުގެ ސިލްސިލާއެއް ކުރިއަށް ގެންދަން. އެއީ، އަޅުގަނޑު ވަޢުދުވިން، އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވަނީ، ރައްޔިތުންނާ ގާތުން ކަމަށް. އެއީ، އަޅުގަނޑު ކުރިންވެސް، ކުރިން ހުރި މަގާމުގައިވެސް މަސައްކަތްކުރި ގޮތް. ފިޒިކަލީ ރައްޔިތުން ގާތަށް ގޮސްގެން ރައްޔިތުންގެ އަޑުއަހައިގެން.

އެހެންވީމާ، މި މަހުގެ ފަހުކޮޅު، ތިންވަނަ ހަފްތާއިން ފެށިގެން ދެން މަހެއްހާ ދުވަސް ވަންދެން އަޅުގަނޑު ޕްލޭންކޮށްގެން މިއުޅެނީ، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް، ވީހާވެސް ގިނަ ރަށްތަކަށް ދަތުރުތަކެއް ކުރަން. ކޮށް، ވީހާވެސް ގިނަ ރައްޔިތުންނާ، ތިޔަބޭފުޅުންނާ އަޅުގަނޑު ހަމަ ބައްދަލުކުރަން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފަށާނަން.

އާދެ، އަޅުގަނޑު ވަރަށް ޔަޤީންކަން މިދެނީ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ކޮށްދޭނަންކަން. އަދި އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން މި ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑާ އެކީގައި، އަޅުގަނޑުމެންގެ ސަރުކާރާ އެކީގައި ކުރިއަށްދިޔުމުގައި، އެންމެން އެކަތިގަނޑަކަށް ވެގެން، ތިޔަބޭފުޅުންގެ ތެރޭގައި ހުރި އެއްވެސްކަހަލަ ވާދަވެރިކަމެއް އެއްކިބާ ކުރައްވާފައި، އެއީ، ޢާއިލީ ވާދަވެރިކަމެއްވިޔަސް، ޒާތީ ވާދަވެރިކަމެއްވިޔަސް، އަދި އެނޫން ޚިޔާލުތަފާތުވުމެއްވިޔަސް، އެއްކައިރި ކުރައްވާފައި، އެއްފަރާތް ކުރައްވާފައި، އެންމެން އެކަތިގަނޑަކަށް ވެގެން، އަޅުގަނޑުމެން އެކުއެކީގައި، އެއް މިޞްރާބަކަށް، ކުރިއަށް އޮތް ދުވަސްކޮޅުގައި ވަޑައިގެން ދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، އަދިވެސް އެއްފަހަރު، ގުރައިދޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު ތިޔަބޭފުޅުންނަށް އަދި މި ޤައުމަށް ﷲ ހެޔޮ ތައުފީޤު މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.