بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާލޭސިޓީގެ މޭޔަރ، މާލޭސިޓީގެ ކައުންސިލަރުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަދި މިތަނަށް ވަޑައިގެން ތިއްބެވި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިން، އަދި އެކިއެކި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި، ވެރިންނާއި، މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ދިވެހި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް މިރޭގެ އެންމެ ޚާއްޞަ ބޭފުޅުން ކަމަށްވާ، މިރޭގެ މި ދަރުބާރު އެ ބަޔަކަށްޓަކައި ޚާއްޞަ ކުރެވިފައިވާ މި މާލޭސިޓީގެ މޭޔަރ އާދަމް ޢާޒިމް އަދި އަލަށް ހުވާކުރެއްވި ތިން ކައުންސިލަރުންނަށާއި، ޖުމްލަކޮށް، މުޅި މާލޭސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ އަރިސްކުރަން.

އާދެ، އަޅުގަނޑު ހަނދާންވަނީ، 2021 ވަނަ އަހަރުގެ މި މަހު، އަޅުގަނޑު ހިމެނޭގޮތަށް ކައުންސިލަރުންގެ ވަރަށް ތަފާތު މާޙައުލެއް އޭރު އޮތީ. އޭރުގައި ބޭއްވުނު ހުވާކުރުމާ ބެހޭގޮތުން. ކޯވިޑުގެ އެންމެދަތި ދުވަސްކޮޅު، އޮންލައިންކޮށް ގިނަ ކައުންސިލަރުން ތިބެންޖެހުނީ. އަޅުގަނޑު ވަކިން ކައުންސިލްގައި އިނދެ، އެހެން ހުރިހާ ކައުންސިލަރުން ގޭގައި ތިބެގެން. އޭރުގެ ޙާލަތު. އެކަންދިޔައީ. އެހެން ނަމަވެސް، ﷲ އަށް ޙަމްދުކުރަން. މިއަދު މިކަހަލަ ފުރިހަމަ ދަރުބާރެއް ބޭއްވި، މި މާލެއަށް އެންމެ އެކަށީގެންވާ ހައިސިއްޔަތު ދެވޭ ފެންވަރުގައި މިކަން ބޭއްވިގެންދާތީ. މާލޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

އާދެ، މި މާލެއަކީ މި ރާއްޖޭގެ ވެރިކަން ކުރާ ރަށް. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ގުޅިފައިވާ އެތައް ކަމެއް އައިސް، މި ގުޅިގެން ދަނީ މި މާލެސިޓީއާ. ރާއްޖޭގެ ހުރިހާ ރަށަކުން ރައްޔިތުން މި މާލޭގައި ދިރިއުޅުއްވާ. މާލޭގެ ރަށްވެހިންގެ އިތުރަށް، މާލޭގައި، މި ގްރޭޓަރ މާލޭ ރީޖަންގައި ރާއްޖޭގެ ދެބައިކުޅަ އެއްބައި އާބާދީ އެބަ ދިރިއުޅޭ.

އެހެންވީމާ، މިހާރުގެ މި ކައުންސިލް މި ޚިދުމަތް ކުރަންޖެހެނީ ހަމައެކަނި މި ކޮންސްޓިޓުއެންސީގެ، ނޫނީވިއްޔާ މި ދާއިރާގެ ރައްޔިތުންނަށް އެކަންޏެއް ނޫން. މި ދެންނެވި ގާތްގަނޑަކަށް ދެ ލައްކައެއްހާ ރައްޔިތުންނަށް އެބަ ޚިދުމަތް ދޭންޖެހޭ. ހަވާލު މިވަނީ ވަރަށްބޮޑު ޒިންމާއަކާ. ހުރިހާ ކައުންސިލަރުންވެސް، މުޅި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށްވެސް މި ހަވާލުވަނީ ވަރަށްބޮޑު ޒިންމާއަކާ. އެއީ، ރައްޔިތުންނާ އެންމެގާތުން ޚިދުމަތްދޭންޖެހޭ ފަރާތްތަކަކީ، ކައުންސިލަރުން ކަމުގައިވާތީ، އެ ރައްޔިތުން، މާލޭގެ ކައުންސިލަރުން މި ހަވާލުވާން މި ޖެހެނީ، މި ދެންނެވި ބޮޑު ޒިންމާއާ. ދެ ލައްކައެއްހާ ރައްޔިތުންނަށް ވަރަށް އަމާނާތްތެރިކަމާއި، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާ އެކުގައި، ތަފާތުކުރުމެއްނެތި ޚިދުމަތް ދިނުމުގެ ޒިންމާ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ވާންޖެހޭނީ، މި ދެންނެވި ގޮތަށް، އިންތިޚާބު ކޮށްފައި ތިބި މީހުންވީމާ، އެ އިންތިޚާބުކުރި ކުރުން އެއީ، އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓާ ބަޔަކަށޭ. އަޅުގަނޑުމެންނާ ރައްޔިތުން މި ހަވާލު މިކުރަނީ، ވަރަށްބޮޑު އަމާނާތެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް. އެ އަމާނާތާއި، އެ ޒިންމާއާއި، އެ މަސްއޫލިއްޔަތު އަދާކުރުމުގައި، އެންމެ ހިނދުކޮޅެއްވެސް ހަނދާންނެތިގެން ނުވާނެ. ފަހަތަށްޖެހިގެން ނުވާނެ. ފަރުވާކުޑަކޮށްގެން ނުވާނެ. ކޮންމެ ރައްޔިތަކީ، ތިމަންނާގެ ކުރިމަތީގައި މުހިންމު ރައްޔިތަކަށް ވާންޖެހޭނެ. ހިތުގެ އެންމެ ފުންމިނުން އެ ރައްޔިތާ މެދުގައި ލޯތްބާއި، ކުލުނާއި، އަޅައިލުމާ އެކީގައި ޚިދުމަތް ދޭންޖެހޭނެ.

އެގޮތަށް އެކަން ކޮށްފިއްޔާ ރައްޔިތުން ބަލައިގަންނާނެ. ރައްޔިތުން ފެންނަންޖެހޭނީކީ، ވޯޓުލާއިރު އެކަންޏެއް ނޫން. ރައްޔިތުން ގާތަށް ދާންޖެހޭނެ އަބަދު. އަޅުގަނޑު މަސައްކަތް ކުރިން، އެގޮތަށް މަސައްކަތް ކުރެވޭތޯ. ރަސްމީ މަސައްކަތުގެ ތެރެއިން. މިތާ އެބަ ތިއްބެވި ހަމަ ވަރަށްގިނަ ކައުންސިލަރުން، އަޅުގަނޑުމެންނާ އެކީގައި. ޓައިމްޓޭބަލެއް ހަދައިގެން، އަޅުގަނޑުމެން ގޭގެޔަށް ދިޔައީ. އެކަން ކުރީމާ އެ ރައްޔިތުން އުފާވޭ. އެއީ ކީއްވެތޯ؟ އެ ރައްޔިތުންގެ ހާލު ބަލަން، ރައްޔިތުން އުޅޭ ހިސާބަށް ގޮސް، އެ ރައްޔިތުންނާ ހަމަޔަށް ވާސިލްވެގެން، ރައްޔިތުންގެ ކަންކަމަށް ޙައްލުތައް ގެނެސްދޭން މަސައްކަތް ކުރާތީވެ. ބައެއް ކަންކަން ނުވެދާނެ. ބައެއް ކަންކަމަކީ ޒަމާންތަކެއް ވެފައި ހުރި ކަންކަމަށް ވެދާނެ. އެހެން ނަމަވެސް، ކައިރިއަށް ދިޔައިމާ، ގާތަށް ދިޔައިމާ، އެ ލިބޭ އުފާވެރިކަން އެ ރައްޔިތަށްވެސް، އަދި އެ ކައުންސިލަރަށްވެސް، މޭޔަރަށްވެސް އެބަ ލިބޭ.

އެހެންވީމާ، އަޅުގަނޑު އެދެނީ، މިއަދު މި ހުވާކުރެއްވި މޭޔަރ އަދި ކައުންސިލަރުންވެސް އަދި ޖުމްލަކޮށް މުޅި މާލޭ ސިޓީގެ ހުރިހާ ކައުންސިލަރުންވެސް، އަދި ހަމައެއާއެކީގައި، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލަރުންވެސް މިގޮތަށް މަސައްކަތް ކުރެއްވުމަށް. އެ ކައުންސިލަރަކު، އެ ރަށު ކައުންސިލްގެ ރައީސަކު، އެ އަތޮޅު ކައުންސިލެއްގެ ރައީސަކު، ސިޓީތަކުގެ މޭޔަރަކު ކުރައްވަންވާނެ ކަމަކީ، އަޅުގަނޑު މި ދެންނެވި ގޮތަށް، ރައްޔިތުން ގާތަށް ވަޑައިގަތުމޭ. ރައްޔިތުން ގާތަށް ވަޑައިނުގެން، ހަމައެކަނި އޮފީހުގައި އިދާރާތެރޭގައި ކުރާ މަސައްކަތަކުންނެއް، މުޅިއަކުންނެއް ރައްޔިތުން އެދޭ ފެންވަރަކަށް، އެ ހިތްހަމަޖެހުމާ އެކީގައި ކަމެއް ކޮށްދެވޭ ކަމަކަށް ނުވާނެ.

އެހެންވީމާ، އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެއް، މިގޮތަށް ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވުން، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލަރުންވެސް. އޭރުން ޙަޤީޤީ މާނައިގައި ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ ވެރިކަމުގެ ނިޒާމެއްގެ އިޙްސާސް ރައްޔިތުންނަށް ވެގެންދާނީ. ކައުންސިލަރުން ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެ ކައުންސިލަރުން، ރައްޔިތުންގެ އިޙްސާސްތައް، ސަރުކާރާ ހަމަޔަށް ގެނެސްދީ، އަދި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ކަމެއްގައިވިއްޔާ، ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ އިޙްސާސް އޮޅުންފިލުވައިގެން ގޮސް، މިގޮތަށް ގުޅިލާމެހިގެން މަސައްކަތް ކުރެވުނީމަ، އޭރުން އެ ހާސިލުކުރެވިގެންދަނީ އުފާވެރި، ހިތްހަމަޖެހޭ މުޖުތަމަޢެއްގެ ކާމިޔާބީ. އެހެންވީމާ، އަޅުގަނޑު އެދެނީ، އެގޮތަށް ހުރިހާ ރަށެއްގެ ކައުންސިލަރުންވެސް މަސައްކަތް ކުރެއްވުން. ހުރިހާ ސިޓީތަކެއްގެ ކައުންސިލަރުންވެސް މަސައްކަތް ކުރެއްވުން.

އާދެ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ސަރުކާރުން ކައުންސިލްތައް، ފުރިހަމަ މާނައިގައި ބާރުވެރިކޮށްދޭނަން. މިދިޔަ ދެމަހެއްހާ ދުވަހުވެސް މަސައްކަތްކުރީ އެ މަގުން. ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަކީ، އަޅުގަނޑުމެން އެންމެ އިސްކަންދޭނެ އެއް ކަންތައް. އަޅުގަނޑުމެން ބަލައިލިއިރުގައި، މާލޭގައި ހުރޭ އަތޮޅުފިހާރަތަކެއް. އެހެން ނަމަވެސް، އެ އަތޮޅުފިހާރަތަކަށް ލިބެމުންދިޔަ ފައިސާ އަތޮޅުތަކާ ހަވާލުކޮށްފައެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެން ނިންމާފައި މިހާރު ވާނީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، އެ އަތޮޅުފިހާރަތަކުން ލިބޭ ފައިސާ، އެ އަތޮޅުތަކާ އަޅުގަނޑުމެން ހަވާލުކުރާގޮތަށް. އޭރުން އަތޮޅު ކައުންސިލްތަކަށް، ރަށު ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ. މިހާރުވެސް އެބަހުރި އެގޮތަށް ހަވާލުކުރަން ޖެހިފައި ހުރި، އެހެން ނަމަވެސް، ހަވާލުނުކޮށް ހުރި ފައިސާ. ކުރިއަށް އޮތް ތާނގައި އެކަން އިރާދަކުރެއްވިއްޔާ، ދެ ފުށް ފެންނަ ނިޒާމުގެ ތެރެއިން، އެ އަތޮޅަކަށް ނިސްބަތްވާ، ފައިސާގެ އަދަދުން އެ އަތޮޅަކަށް އެ ރޭޝިއޯއިން ހަވާލުކުރަމުންދާނަން.

ދެން ދެވަނަ ކަމަކަށް، އިންވެސްޓް ކުރުމުގެ ފުރުޞަތު. ނޫނީވިއްޔާ، ވިޔަފާރިއެއް ފެށުމުގެ ފުރުޞަތު ދިނުމަށްޓަކައި، ދެންމެ މިނިސްޓަރ އެ ފާހަގަކުރެއްވި ގޮތަށް، މިހާރު ކެބިނެޓުން ނިންމާފައި ވާނީ، ކޮންމެ ކައުންސިލަކަށްވެސް، އެ ކައުންސިލެއްގެ އިޚްތިޞާޞްތެރޭގައި ހިމެނުނަސް، އަދި ނުހިމެނުނަސް، ރަށެއް، ނޫނީވިއްޔާ ފަޅެއްވިޔަސް، ކެބިނެޓުން ފާސްކޮށް، އެ ޢާންމު ކުރެވޭ، ގެޒެޓް ކުރެވިފައިވާ އުޞޫލުގައިވާ ގޮތަށް، އާމްދަނީ ހޯދުމަށްޓަކައި ފުރުޞަތު ދޭނެ ގޮތެއް ހޯދަން. އެގޮތުން، ފަޅު ހޯދުން، ނޫނީވިއްޔާ ރަށެއް ހޯދައިގެން، އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ގިނަ، އިޤްތިޞާދީ ތަފާތު މަސައްކަތްތައް ކުރުމުގެ ފުރުޞަތު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. މިކަން ކުރުމުގައި މިސާލަކަށް، އެ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ދާއިރާތެރޭގައި، ފަޅުރަށެއް ނެތީ. އެ އުޞޫލުގައި އެބަ ބުނޭ، އެހެން ދާއިރާއެއްގައި އޮތް ފަޅު ރަށެއް، އެ ދާއިރާގެ ރައްޔިތުން އެކަމަށް އެއްބަސްވާނަމަ، އެ ދާއިރާއެއްގެ ރައްޔިތުންގެ ކިބައިން އޮޅުންފިލުވުމަށްފަހު، އެއްބަސްވާނަމަ، އެގްރީމަންޓް ހަދައިގެން، އެ އޮންނަ އުޞޫލުގެ ތެރެއިން އެ ރަށް ލިބޭނޭ. އެހެންވީމާ، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް، އާމްދަނީ ހޯދޭނެ މަގުވެސް އިރާދަކުރެއްވީތީ އަޅުގަނޑުމެން މިވަނީ ފަހިކޮށްދީފައި. އެކަމުގެ ނަފާ އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ.

ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ މެދު އަދި ދުރު ރާސްތާ މާސްޓަރ ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ މަސައްކަތަށް މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ މަޝްވަރާއާ އެކީގައި، 20 އަހަރު ދުވަހަށް ޕްލޭން ކުރެވޭ މާސްޓަރ ޕްލޭނެއްގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އެއީ، މެނިފެސްޓޯގައި ކަނޑައަޅައި، އަޅުގަނޑު ވަޢުދުވެފައިވާ ކަމެއް. އަޅުގަނޑު އިންތިޚާބުގައި ވޯޓު ކަންތަކުގައި ދިޔައިރުގައި، ރައްޔިތުންގެ އަރިހުގައި އެންމެ ބޮޑަށް ދެންނެވުނު އެއްކަމަކަށް އޮންނާނީ އެ ވާހަކަ. 20 އަހަރު ދުވަހަށް، ދުރު ރާސްތާއަށް ރާއްޖޭގައި ތަރައްޤީގެ ކަންތައްތައް ބައްޓަން ކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކެއްގެ ފުރިހަމަ ބައިވެރިވުމާއި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާ އެކީގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފަށާނަން.

އޭގެތެރޭގައި، އެންމެ އުތުރާއި، އެންމެ ދެކުނުގައި އަރބަން ރީޖަންތަކެއް ޤާއިމުކުރުމާއި، މެދު ރާއްޖެތެރޭގެ އެކި ސަރަޙައްދުތަކުގައި، އަރބަން ސެންޓަރތައް، މި ދެންނެވި މަޝްވަރާގެ އަލީގައި ލިބޭ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އަދި އެކްސްޕަރޓުންގެ ލަފަޔާވެސް އެކީގައި، އަޅުގަނޑުމެން އެކަންކަން ކަނޑައަޅާނީ. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާސަތު ބައްޓަން ކުރުމަށް ކެބިނެޓްގައި ނިންމާފައިވާނީ.

އެހެންވީމާ، މި މަސައްކަތް ކުރުމަކީވެސް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަރުން އަދި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކުރެވިގެންދާނެ ކަމަކަށްވާނެ. އެހެންވީމާ، އެ މަގުން އެކަންކަން ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމު ކަމަކަށްވާނީ. އެއީ ކީއްވެތޯ؟ ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށްޓަކައި. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް. އަޅުގަނޑުމެން އަބަދުއަބަދު އެއްގޮތަކަށް އެއްކަމެއް އަބަދު ކޮށްކޮށް ތިބުމުން، އެ ސަސްޓެއިން ނުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ހާސިލް ނުކުރެވި ދިޔައިމާ، ރައްޔިތުންނަށް އެންމެ އެދެވޭ ފެންވަރުގައި ޚިދުމަތް ނުދެވި އެބަދޭ.

އެހެންވީމާ، އަދި އިރުކޮޅުކޮޅާ ރާއްޖޭގެ ތަރައްޤީގެ މިޞްރާބު އެކިގޮތްގޮތަށް ބަދަލުކުރުމަކީވެސް ރައްޔިތުންނަށް އެންމެ ރަނގަޅު ކަމަކަށްނުވޭ. އެހެންވީމާ، މި ދެންނެވި ގޮތަށް، 20 އަހަރު ދުވަހަށް ހެދޭ މާސްޓަރ ޕްލޭނެއް، ރައްޔިތުން އެންޑޯޒް ކުރާ، ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ މާސްޓަރ ޕްލޭނެއް. އަދި އެ މާސްޓަރ ޕްލޭނަށް ޤާނޫނެއް ފަރުމާކޮށް، ރައްޔިތުންގެ މަޖިލީހުން އެ މާސްޓަރ ޕްލޭނާ ބެހޭގޮތުން ޤާނޫނު ފާސްކޮށް، އެ ޤާނޫނުގައި އޮންނާނެ، އެ މާސްޓަރ ޕްލޭނަށް، ދެން ބަދަލު ގެނެވޭނެ ގޮތާއި، ކުރެވޭނެ ކަންކަންވެސް. އެ ހިމާޔަތް ލިބިގެންދާ މާސްޓަރ ޕްލޭނެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނަން ރައްޔިތުންނަށް.

އާދެ، މާލޭގައި މިގޮތުން ކުރަންހުރި ކަންކަމަށް ބަލާއިރުގައިވެސް، އަދި މުޅި ރާއްޖޭގައިވެސް އެންމެ މުހިންމު ކަމަކަށް އޮންނާނީ، ގެދޮރުގެ މައްސަލައަށް ޙައްލު ގެނައުން. އާދެ، އަޅުގަނޑަށް އެންމެ ގިނަފަހަރު ދެވިފައި ހުންނާނީ، މާލޭގައި ހުރި ގޭގެޔަށް. ކެމްޕެއިން ތެރޭގައި ރަށްރަށަށްވެސް ދެވިފައިވޭ. އެހެން ނަމަވެސް، މޭޔަރު ކަމުގައި ހުރިއިރުގައި، މާލޭގައި ވަރަށް ގިނަ ގޭގެޔަށް ދެވިފައިވަނީ. އަދި އޭގެ ކުރިންވެސް ދެވުނު. އެންމެ ގިނަ މީހުންނަށް، އެންމެ ގިނަ ރައްޔިތުންނަށް ބޮޑުވެފައިވާ މައްސަލައަކީ، ގެދޮރުގެ މައްސަލަ. އެކަން ޙައްލުކުރުމަކީ، އަޅުގަނޑު ކެމްޕެއިންގައިވީ އެންމެ މުހިންމު ވަޢުދުކަން ހަނދުމަފުޅު ހުންނާނެ. އަޅުގަނޑު ދަންނަވަމުން އައީ، ޤައުމީ ބޮޑެތި މައްސަލަތަކާ ބެހޭ ކަންކަން ފިޔަވައި، މި ދެންނެވީ، މިނިވަންކަމާއި، އިސްތިޤްލާލާއި، ސިޔާދަތާ ގުޅޭ މުހިންމު މައްސަލަތައް ފިޔަވައި، އެންމެ އިސްކަމެއް ދޭނީ، ގެދޮރުގެ މައްސަލަ ޙައްލުކުރުމަށޭ. އެ ސިޔާސަތެއް ބަދަލެއްނުވާނެ. އިރާދަކުރެއްވިއްޔާ، އެކަން އެގޮތުގައި ކުރުމަށް، ފުރަތަމަ ދުވަހުއްސުރެ މަސައްކަތް ފަށައިގެން މި އަންނަނީ.

އެހެންވީމާ، އަޅުގަނޑު ދޭ ޔަޤީންކަމަކީ، ހަމަ ތަކުރާރުކޮށްވެސް އެ ޔަޤީންކަން. އެއީ، މާލެއަށް، މުޅި ރާއްޖޭގައި މި ފަސް އަހަރު ނިމޭއިރު، ގެދޮރުގެ ދަތިކަން ދިމާވެފައިވާ، ގެދޮރު ނުލިބޭ އެއްވެސް ދިވެހި ރައްޔިތަކު އިރާދަކުރެއްވިއްޔާ ނުހުންނާނެ. އެ ޔަޤީންކަން މިދެނީ ވަރަށް ސާބިތުކަމާ އެކީގައި. ހުރިހާ ކައުންސިލްތަކެއްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، އެ މަސައްކަތް ކުރާނީ. މިއީކީ ސިޔާސީ ކަމެއްނޫން. މިއީ ޤައުމީ ކަމެއް. މިކަމުގައި ސިޔާސީ ވިސްނުން އިސްކޮށްފިއްޔާ، ރައްޔިތުންނަށް ލިބޭނީ ގެއްލުން. އަޅުގަނޑުމެން ކަނޑައަޅާ ސިޔާސަތަކީ، ފޭރާން ހެޔޮ ސިޔާސަތަކަށް ވާންޖެހޭނެ. މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި، މިންވަރެއްގައި ގެދޮރުގެ މައްސަލަ ޙައްލުކޮށްދޭވަރުގެ ސިޔާސަތެއް، އަޅުގަނޑުމެންގެ ސަރުކާރުން ކަނޑައަޅާފައި ވާނީ. ހަމައެކަނި މިތާ ކައިރީގައި، ހުޅުމާލެއާއި، ގުޅިފަޅާއި، ގިރާވަރުފަޅާ، މިތަންތަނުން އެކަނި ޙައްލެއް ނުވޭ. އަދި އުތުރުތިލަފަޅުވިޔަސް، ހައްލެއް ނުވޭ، މާލޭގައި މިއޮތް ގެދޮރުގެ މައްސަލައެއް.

އަޅުގަނޑުމެން ބަލައިލިއިރުގައި، އަދި ކިރިޔާ މި ދެންނެވި ގިރާވަރުފަޅާއި، ގުޅިފަޅުގެ ޕްލޭން ހެދުމުގެ މަސައްކަތް ފުރިހަމަކުރެވިގެން އެދަނީ. ގިރާވަރުފަޅުގައި ނެތް، ފުރިހަމަ ލޭންޑް ޔޫސް ޕްލޭނެއް. އަޅުގަނޑުމެން މަސައްކަތް ފެށިއިރު ހަދާފައި އެބައޮތް. އެހެންވީމާ، އެތަނުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އަދި އިތުރު ބިންވެސް އެތަނުން އިރާދަކުރެއްވިއްޔާ، ފަންސާހަކަށް ހެކްޓަރު ހިއްކާނަން. އަދި ގުޅިފަޅުގައިވެސް އިރާދަކުރެއްވިއްޔާ، އެންމެ ފުންކޮށް އޮތް ބައިވެސް ހިމެނޭގޮތަށް ބިން އިތުރުކުރާނަން. އަދި ގުޅިފަޅުގައި ޕޯޓު އެޅުމަކީ، ފަންނީ އެއްވެސް މިންގަނޑަކުން ދުރު ރާސްތާއަށް ބަލާއިރުގައި، މި ދަންނަވާ 20 އަހަރުގެ މާސްޓަރ ޕްލޭނަށް ބަލާއިރުގައި، ރަނގަޅު ކަމަކަށް ނުވާތީ، ތިލަފުށްޓަށް އެ ޕޯޓް ބަދަލުކޮށް، ގުޅިފަޅުން ލިބެން އޮތް އެންމެބޮޑު ޖާގައެއް، ގެދޮރަށް ޚާއްޞަ ކުރެވިގެންދާނެ، މިހާރަށްވުރެ ބޮޑަށް. ތިލަފުށްޓަކީ، މާލޭގައި މިއޮތް ޕޯޓްވެސް ބަދަލުކުރެވޭ އަދި އިންޓަރނޭޝަނަލް ފެންވަރަށް ރަނގަޅު ޕޯޓަކަށް އިރާދަކުރެއްވިއްޔާ ހެދިގެންދާނެ.

އާދެ، އިރާދަކުރެއްވިއްޔާ މި ދެންނެވި ހުރިހާ ބިމެއް ގުޅިގެންދާނީ، ބުރިޖް އެޅިގެން. މިހާރު ފެށިގެން ކުރިއަށް އެދާ ބުރިޖް އަދި ދަނީ ތިލަފުށްޓާ ހަމަޔަށް. އޭގެއިތުރަށް، އެބަ ބޭނުންވޭ، ދެ ބުރިޖެއް، އުތުރު ތިލަފަޅާ ހަމަޔަށް ދާން. އެހެންވީމާ، އެ ދެ ބުރިޖުގެ މަސައްކަތަށް ބޭނުންވާ މަޝްވަރާތައްވެސް، އަދި ކުރެހުމާއި، ތަފްޞީލުތަކުގެ މަސައްކަތްވެސް ފެށިފައި ވަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ ބުރިޖްތައްވެސް އަޅާނަން. އަދި މާލެއަށް ދިމާވެފައިވާ މި ގެދޮރުގެ މައްސަލައާއި، އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ހިންގަންޖެހޭ. ބޮޑެތި ރަށްތަކުގައި ތަރައްޤީ ގެންނަންޖެހޭ. މި ސަރަޙައްދަށް ބަލައިފިއްޔާ، އިތުރު ބިން ނުހިއްކައެއް މި މައްސަލަ ޙައްލެއްނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ރަސްމާލޭގެ މަޝްރޫޢު ފަށާފައި މިވަނީ. އެހެންވީމާ، ފޭރާން ހެޔޮނޫން ސިޔާސަތަކުން ޙައްލުވާން ނެތް މައްސަލަ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް މި ފޭރާން ހެޔޮ ސިޔާސަތުން ގެދޮރުގެ މައްސަލަ މާލެއަށް ޙައްލުކޮށްދޭނަން.

ރަސްމާލެއާ ގުޅުވައިލުމަށްޓަކައި އަޅުގަނޑުމެން މިހާރު ފަންނީ ވަރަށްގިނަ މަސައްކަތްތަކެއް، އިނޮވޭޓިވް މަސައްކަތްތަކެއް ވާނީ ފަށާފައި. ވަރަށް ޤާބިލް ކުންފުނިތަކާއެކު އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި. މުޅި ދުނިޔޭގައިވެސް ފުރަތަމަފަހަރަށް ޤާއިމުކުރެވޭ އަންޑަރ ވޯޓަރ ޓަނަލް، މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް.

އެ ޓަނަލް ވެގެންދާނީ، އެ ޓަނަލްގައި ދުއްވާ ޓްރެއިންގެ ސަބަބުން، ޓްރެއިންގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެކަމުގެ ޤާބިލްކަން ހުރި ކުންފުނިތަކާ އެކީގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ،  ޓޫރިޒަމްގެ ބޮޑު މަޝްރޫޢެއް. މިއީ، ރާއްޖެއަށް ޓޫރިސްޓުން އެތައް ގުނަޔަކަށް އިތުރުވާނެ މަޝްރޫޢެއް. އަޅުގަނޑުމެން ކުރާނީ ދެކޮޅުޖެހޭ މަސައްކަތް. އިރާދަކުރެއްވިއްޔާ، ލިންކް އެޅިފައި އޮންނަ، ގުޅިފައިވާ ތަންތަނުގައި، މާލެ ސަރަޙައްދުގައިވެސް މީހުން ދިރިއުޅޭނެ. އާދެ، މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

ހަމަ އެއާއެކީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ބުރިޖްގެ މަސައްކަތް ހިނގާނެ. އައްޑޫ ސިޓީގައި، އަޅުގަނޑުމެން ހަމައެކަނި އަނގަބަހަކުން ނޫން ބުރިޖްއަޅާނީ. ޢަމަލީގޮތުން އިރާދަކުރެއްވިއްޔާ، ބުރިޖް އަޅާފައި ދައްކާނީ. މިހާރު އެކަމުގެ ފީޒިބިލިޓީ މަސައްކަތް އެވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ ފެންވަރަށް ހުރިހާ ތަފްޞީލެއް ނިންމޭނެ. ކުރެހުމާއި، އިންޖިނިއަރިންގ ޑިޒައިނެއް ނިންމާފައި، އެ ބުރިޖްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ނިންމާނަން. އަދި ހަމައެއާއެކީގައި، ދެންވެސް އަޅުގަނޑުމެން އަޅަން ނިންމާފައިވާ ލޭންޑް ލިންކްތައް، އެކިކަހަލަ ކޯޒްވޭތަކާއި، ބުރިޖްތައް ހުންނާނެ. ލޭންޑް ޔޫސް ޕްލޭން ހެދިގެންދާއިރުގައި، އެކި ރަށްތަކާ ގުޅިގެންދާ، އަދި ވަޢުދުވެވިފައި ހުރި ބުރިޖްތައް، ލޭންޑް ލިންކްތައް ހުންނާނެ. އެހެންވީމާ، އެ މަސައްކަތްތައް ކުރުމަށްޓަކައި އެކިއެކި ފަންނީ މަސައްކަތްތައް ވަނީ ފެށިފައި.

އާދެ، އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުންނަށް މުހިންމު މި ހުރިހާ ކަމެއް، އަޅުގަނޑުމެން ޙައްލުކޮށްދޭނީ ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްގެން. ކައުންސިލް ވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ ރައްޔިތުންނާ ދޭތެރޭގައި އެހީތެރިވާ، މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ، ރައްޔިތުންނާއި ސަރުކާރާ، ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ، ވަރަށް ޒިންމާދާރު ބޮޑީއަކަށް، މުއައްސަސާއަކަށް. އަޅުގަނޑު ޔަޤީންކުރަން، މާލޭސިޓީ ކައުންސިލުން އެ ޒިންމާ އަދާކޮށްދެއްވާނެ ކަމަށް. އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުންވެސް އަދާކޮށްދެއްވާނެ ކަމަށް.

މިއީ ވަރަށްބޮޑު އަމާނާތެއް. އަޅުގަނޑު ފަށަމުން ދެންނެވި ގޮތަށް، އަޅުގަނޑުމެންނާ ރައްޔިތުން ހަވާލުކުރީ އަމާނާތެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް. މިއަށް ސިޔާސީ ކުޅިސަމާސާ ވެއްދުމަކީ، ރައްޔިތުން މަގުމަތިވާނެ ކަމެއް. އެ ފުރުޞަތެއް އަޅުގަނޑެއް ނުދޭނަން. ރައްޔިތުންނަށް ބޭނުންވަނީ، އުފާފާގަތިކަން ގެނެސްދޭން. އަޅުގަނޑާ ރައްޔިތުން ހަވާލުކުރީ އެ ޒިންމާ. އެ ޒިންމާ އަދާކުރަން އަޅުގަނޑު މިހިރީ އިރާދަކުރެއްވިއްޔާ ތެދުވެ، ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންނާއި މަންދޫބުންނާ އެކީގައި، ރެޔާއި ދުވާލު ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރަން. އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާނީ އެގޮތުގައި. މިކަމުގައި އަޅުގަނޑުމެން އެންމެ ތަންކޮޅެއްވެސް އިރާދަކުރެއްވިއްޔާ ފަރުވާކުޑައެއް ނުކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނާ އެކީގައި، ކައުންސިލަރުން މަސައްކަތް ކުރަން ތިބިއްޔާ، އެ ކައުންސިލަރުންނާ އެކީގައި ރެޔާއި ދުވާލު މަސައްކަތް ކުރަން ތައްޔާރަށް. އިރާދަކުރެއްވިއްޔާ، އެކަން އެގޮތުގައި ކުރިއަށްދާނެ.

އެގޮތުން ބަލާއިރުގައި، މާލެއަށް ދެވަނައަށް އެންމެބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ، މަގުތަކާ ގުޅިފައި އޮތް އެކިއެކި މައްސަލަ. އޭގެތެރޭގައި މަގުތަކުގެ ފެންވަރު ދަށްވުން. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި، އަޅުގަނޑު ހުވާކުރިއިރުގައި، އޭގެ ކުރީގެ މޭޔަރު ޝިފާ ހުންނެވިއިރުގައި، ފެށިފައި އޮތް މަޝްރޫޢެއް އޮތް، މަގުހެދުމުގެ މަޝްރޫޢެއް. ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ބަޖެޓުގައިވެސް އޮތް. އަޅުގަނޑުމެން ބެލީ އެ މަސައްކަތް ކުރިއަށް ގެންދަން. އެހެން ނަމަވެސް، ކުރިއަށްދިޔުމުގެ ފުރުޞަތެއް އެއްގޮތަކަށްވެސް ނުލިބުނު. ވަކި ހިސާބަކުން ޕްރޮޖެކްޓް މަޝްރޫޢު އަތުލެއްވީ. އަތުލީމާ މަސައްކަތެއް ނުކުރެވުނު. އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ އަނެއްކާވެސް އެ މަސައްކަތް ކުރަން. ސަރުކާރުން ބޭނުންވަނީ، ކައުންސިލް މެދުވެރިކޮށް، އެކަން ކުރިއަށް ގެންދަން.

އެންމެފަހުން އަޅުގަނޑުމެން ޗައިނާއަށް ކުރި ދަތުރުގައި، ހަމަޖެހިގެންދިޔަ ގްރާންޓް އެއިޑްގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫޢަކީ، މާލޭގެ މަގުހެދުން.

ދެވަނަ މަޝްރޫޢަކީ، ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުން. މި ދެ މަޝްރޫޢު، އިރާދަކުރެއްވިއްޔާ، ޗައިނާއިން މި ހަމަޖައްސަވައި ދެއްވި ގްރާންޓް އެއިޑްގެ ތެރެއިން، ގާތްގަނޑަކަށް 900 އެތައް މިލިއަން RMB ގްރާންޓް އެއިޑްގެ ތެރެއިން އިރާދަކުރެއްވިއްޔާ، މި ދެ މަޝްރޫޢު ނިންމާނަން.

އެހެންވީމާ، މާލޭގެ ރައްޔިތުންނަށް، އެއީ، އެންމެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުވީމާ، މި ސަރަޙައްދަށް މީގެ އިމްޕެކްޓް އެންމެ ބޮޑަށް ބޭނުންވާނީ. އެހެންވީމާ، މިގޮތަށް ލިބުނު ހިލޭ އެހީ، އަޅުގަނޑުމެން މި އިސްކުރީ، އެންމެ ގިނަ ރައްޔިތުންނަށް ފައިދާވާގޮތަކަށް ކަންކަން ކުރަން. އޭގެއިތުރަށް، އެކި ރަށްތަކުގެ ލެބޯރެޓަރީތައް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި، ބައެއް ރަށްތަކުގެ، ބައެއް އެހެންކަހަލަ އެންވަޔަރަންމަންޓަލް ރިލޭޓަޑް ބައެއް މަސައްކަތް ކުރުންވެސް އޭގައި ހިމެނޭ.

އެހެންވީމާ، މަގު ހެދުމުގެ މަސައްކަތަކީ ވަރަށް އިސްކަންދީގެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ މަސައްކަތެއް. އޭގެތެރޭގައި، ފެންބޮޑުވުމުގެ މައްސަލައާއި، ޑީވޯޓަރިންގގެ މައްސަލަވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އާދެ، މި މަސައްކަތަށް އިރާދަކުރެއްވިއްޔާ، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަޤީންކުރަން. ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، މާލޭގެ މަގު ހެދުމުގެ މަސައްކަތަކީ، ވަރަށް އަވަހަށް ފެށިގެންދާނެ ކަމެއް.

ހަމައެއާއެކީގައި، މަގުތަކާ ދެން ގުޅިފައި މިއޮތީ، ޕާކިންގގެ މައްސަލަ. ވެހިކަލްތަކުގެ މައްސަލަ. މާލޭގެ ޕާކިންގގެ މައްސަލަ ޙައްލުކުރަން 6 ސަރަޙައްދެއްގައި، ޕާކިންގ ބިލްޑިންގ އަޅަން އޭރުގައި، މި ދެންނެވީ އަޅުގަނޑު މޭޔަރަކަށް ހުރިއިރު އުޅެއުޅެ މަގު ނުދެއްކެވި. ނުދެއްކީމާ ނުވެފައި އޮތް ކަމެއް، މިހާރު އިރާދަކުރެއްވިއްޔާ ކުރިއަށްދާ ގޮތަށް އެވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އުންމީދު ކުރަނީ، މާލަސްތަކެއްނުވެ، އެޕްރީލް މަސް ހިސާބުގައި، ޢަމަލީގޮތުން، ފިޒިކަލީ، މި އިމާރާތްތައް މާލޭގައި އަޅަން ފެށޭނެ ކަމަށް. އެހިސާބަށް ވަނީ ގޮސްފައި.

އަޅުގަނޑު ޔަޤީންކުރަނީ، މީގެ ދޭތެރެއަށް، މެދަށް ސިޔާސީ ކަންކަން ނުވަންނާނެ ކަމަށް. ބިން ހަވާލުކުރުން ލަސްކުރުން. މިވެނި ކުރެހުމެއް ފާސްކުރުން ލަސްކުރުން. މި ހުންނަނީކީއެއް، އަޅުގަނޑު ކުރިން ދެންނެވި ސިޔާސީ ކުޅިސަމާސާގެ ތެރޭގައި ރައްޔިތުން ތާށިކުރެވޭނެ ކަންކަމެއް ނޫން. އެ ފުރުޞަތެއް ނުލިބޭނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާލޭގެ ރައްޔިތުންނަށް މި މުހިންމު ކަންކަން ކުރުމުގައި އަޅުގަނޑުމެން ކުރިއަށްދާނީ ކައުންސިލާ އެކީގައޭ. ފުރިހަމަ އެއްބާރުލުމާ އެކީގައި ބާރަށް ގެންގޮސް މިކަންކަން ހައްލުކުރާނަމޭ. މަގުތަކާ ގުޅިފައިވާ މި ބޮޑެތި މައްސަލަތައް، މަގުތައް ހެދުމާއި، ޕާކިންގގެ މައްސަލަ، މާލޭގައި، މި ފަސް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙައްލުކުރާނަން.

ހަމައެއާއެކީގައި، އަޅުގަނޑު ކުރަންއުޅެ، ދެން ނުކުރެވުނު ކަންތައް އެއީ މަސް މާރުކޭޓް އެޅުން. ހަމަ ފުރުޞަތު ނުދެއްވި. ނުދިނީމާ އެކަންވެސް ނުވީ. އެ ފުރުޞަތު ނުދެއްވި ބޭފުޅުން، ކަން ދިމާކުރިގޮތުން، މިތާވެސް އެބަ ތިއްބެވި. އެ ފުރުޞަތު ނުލިބުނީމާ ނުވި ކަންތައް މިހާރު އެވަނީ ފަށަން ރެޑީވެފައި، ތައްޔާރުވެފައި. ރޯދަމަސް ހަމަ ނިމޭތަނުން، ލޯކަލް މާރުކޭޓް އެހުރި ތާނގައި ޢަމަލީގޮތުން އެ އިމާރާތް އަޅަން އިރާދަކުރެއްވިއްޔާ ފެށޭނެ. އަޅުގަނޑު ޔަޤީންކުރަނީ، ކައުންސިލުން މިކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް. ހަތަރު ބުރިއަށް ހަދާ އެންމެ ޒަމާނީ އިމާރާތެއް އެއީ. ބިމު އަޑީގައި ޕާކިންގ. އެ ތަނަށްދާ ކަސްޓަމަރުން އަދި މުވައްޒަފުންގެ ޕާކިންގ. ގްރައުންޑް ލެވެލްގައި، އެންމެ ޒަމާނީ ސްޓޭޓް އޮފް ދަ އާރޓް، މަސް މާރުކޭޓް. ފަސްޓް، ސެކަންޑް ފްލޯރ ލެވެލްގައި، ފްރެޝް ފުޑް، ދެން މި ކިޔާ އެކިކަހަލަ ކާބޯތަކެތި. ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓުގައި އެ ވިއްކާ ބާވަތްތަކުގެ ތަކެތި ވިއްކާގޮތަށް ހުންނާނެ. އަދި އެންމެ މަތީގައި އެކިކަހަލަ ވިޔަފާރިތައް. ރެސްޓޯރެންޓް ފަދަ ތަންތަން ހުންނަ ޑިޒައިނެއް އެއީ. އެހެންވީމާ، އެއީ ކައުންސިލުން ފާސްކޮށްފައި އޮތް އެއްޗެއް. އެހެންވީމާ، އެކަން ކުރިއަށް ގެންދިޔުމުގައި، އިރާދަކުރެއްވިއްޔާ ކާމިޔާބީ ހާސިލްވާނެ.

ހަމަ އެގޮތަށް، ވިލިމާލޭގައި ކުރަންހުރި ގިނަ ކަންތައްތައްވެސް އެބަހުރި. މާލޭގައި ކުރަންހުރި ގިނަ ކަންތައްތައްވެސް އަދިވެސް ހުންނާނެ. މާލޭގެ ސިނަމާލެ ސަރަޙައްދުގައި ގެދޮރު ބިނާކުރުމަށްޓަކައި ފަށަން ނިންމާފައި އޮތް މަޝްރޫޢުވެސް އޮތީ ކުރިއަށް ގެންދަން ފުރުޞަތު ނުދީފައި. އެކަންވެސް މިހާރު އެވަނީ އިރާދަކުރެއްވީތީ ކުރިއަށް ދެވޭނެގޮތް ހަމަޖެހިފައި. ހަމަ ދެންމެ އަޅުގަނޑު މި ދެންނެވި މުއްދަތުގައި ގާތްގަނޑަކަށް، އެޕްރީލް މަސް ހިސާބުގައި، އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަޙައްދުގައި، މިހާރު އެތާ އެހެރަ 5 އިމާރާތް، ސިނަމާލެ 1، 2، 3، މާލޭހިޔާ 1، 2 މި 5 އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ. އެ އިމާރާތް އަޅައި ނިމުނީމާ، މި 5 އިމާރާތުގެ ރައްޔިތުންނަށް އެއަށްވުރެ ފުރިހަމަ، އެއަށްވުރެ ޖާގަ ބޮޑު ފްލެޓްތަކެއް އެ ތަނުން ލިބިގެންދާނެ. ލިބިގެން ދިޔައިމާ، ބާވެފައި ހުރި މި ދެންނެވި 5 އިމާރާތް ތަޅައިލެވި، އެތަންތާނގައި އާ އިމާރާތް އެޅިގެންދާނެ. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

ހަމަ އެގޮތަށް، ވިލިމާލޭގައި އެންމެ ބޮޑު މައްސަލައަކީވެސް ހައުސިންގއަށްވާތީ، ވިލިމާލޭގައި 500 ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތްވެސް، ހުއްދަ ނުދިނުމުން ނުފެށި އޮވެފައި، މިހާރު އެވަނީ ފެށޭގޮތަށް ހަމަޖެހިފައި. އެ މަސައްކަތްވެސް، އަޅުގަނޑު ދެންމެ ދެންނެވި މުއްދަތުގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

އާދެ، ހަމައެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެން މާލެތެރޭގައި އެންމެ އުނދަގޫވަނީ، ނޭވާލާ ނިޒާމަށް ދަތިވާކަހަލަ މަސައްކަތްތައް ހިންގާ އެކިކަހަލަ ވާރކްޝޮޕްތަކާއި، ގުދަންތަކާއި، މިކަހަލަ ތަންތަން ހުންނާތީ. މި ތަންތަން ބަދަލުކުރަން ނިންމާފައި އޮތް ތަން، އޭރުގައި ހަމަ އެއް ކަމެއްވެސް ކުރާނެ ފުރުޞަތު ކައުންސިލަށް ނުދިން ތަނެއް އެއީ، އިންޑަސްޓްރިއަލް ވިލެޖް. ދެން އެންމެ ރަނގަޅު، އެ ތަނުން އެއްބައި، ބުރިޖް އަޅަން ބޭނުންވާނެ. އެކަން އެވަނީ ހަމަޖެހިފައި. އެހެން ނަމަވެސް، ބާކީއޮތް ސަރަޙައްދަކީ، މި ދެންނެވި، މާލެތެރޭގައި ހުންނަން ނުޖެހޭ ގަރާޖު، ގުދަން، ވާރކްޝޮޕްތައް ބަދަލުކުރެވޭވަރުގެ ޖާގައަށްވާއިރުގައި، އަޅުގަނޑު އޭރު މޭޔަރަކަށް ހުރެގެން ހަމަ ކުރަން އުޅެއުޅެ، އެ ފުރުޞަތު ހިލާ ނުދެއްވީ. ނުދީ، ބިންވެސް އަތުލެއްވީ. އަތުލީމާ އެކަން ނުވެ އެއޮތީ. މިހާރު އަޅުގަނޑު މި ދަންނަވަނީ، އިރާދަކުރެއްވިއްޔާ ކައުންސިލުން އެކަން ކޮށްދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަމޭ.

ސަރުކާރުގެ ސިޔާސަތަކީ، މި ދެންނެވި ގަރާޖުތަކާއި، ގުދަންތަކާއި، ވާރކްޝޮޕްތައް އެ ތަނަށް ބަދަލުކުރުމޭ. އެ މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ މަގުތަކެއް ވާނީ މިހާރު ފަހިކޮށްދީފައި. މަލްޓި ސްޓޯރީ، އެންމެ ޒަމާނީ އިންޑަސްޓްރިއަލް ކޮލިޓީ، އިންޑަސްޓްރިއަލް ވެއަރހައުސްތައް، މި ދެންނެވި ބާކީހުރި ބިންތަކުގައި، ބުރިޖަށް ނަގާފައި ބާކީހުރި ބިންތަކުގައި އަޅައިގެން، މާލެތެރޭގައި މިހިރަ އުނދަގޫވާ ހުރިހާ ގުދަން، ގަރާޖް، ވާރކްޝޮޕްތައް މާލަސްތަކެއްނުވެ ބަދަލުކުރަންވީއޭ. ކުރީމާ އެތައް ފައިދާއެއް އެބަވޭ. ނޭވާލާން ފަސޭހަކަން ލިބި، ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ނުޖެހޭ ތަންތަން ދުރަށްލެވި، އަދި ޓްރެފިކަށްވެސް ލުއި އެބަ ލިބޭ. އަބަދު ބަރުގޮނު އަޅަން މިޖެހެނީ، ކޮންމެވެސް ޕިކަޕެއް މި އޮންނަނީ، ކޮންމެވެސް ގަރާޖެއް، ކޮންމެވެސް ވާރކްޝޮޕެއް ކައިރީގައި މަޑުކޮށްގެން، އެއްޗެއް އަރުވައި ބާލަން. އެއަށްވެސް ފަސޭހަތަކެއް އެބަ އާދޭ. އެހެންވީމާ، ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ދީގެން، އެކަން ކުރެވޭގޮތް މިވަނީ ފަހިވެފައި. އަޅުގަނޑު ޔަޤީންކުރަނީ، ކައުންސިލުން މި މަސައްކަތްވެސް ބާރުމިނުގައި ކުރިއަށް ގެންދާނެ ކަމަށް.

އާދެ، މާލެއާ ގުޅޭގޮތުން ފަހު ކަމަކަށް، މި ޖަލްސާގައި ފާހަގަކޮށްލަން އޮތީ، ހުޅުމާލޭގެ ވާހަކަ. ހުޅުމާލެއަކީ ޤާނޫނުއަސާސީ ބުނާގޮތުން މާލޭގެ އެއްބައި. އެހެން ނަމަވެސް، ކުންފުންޏަކާ ހަވާލުކޮށްފައި އޮތީ މި އޮއްހާ ދުވަހަށް. އަޅުގަނޑު އިންތިޚާބުގައި ވާދަކުރިއިރުގައި، ވަރަށް ބާރުމިނުގައި ދެއްކި، އެކަން ނިމުމަކަށް ގެންނާނެ ވާހަކަ. ނަތީޖާ ނުކުތް ގޮތަކުން އެ ވާހަކަ ހުއްޓުނީ. އަޅުގަނޑުމެން އޭގެ ތަފާތު މި ދެއްކީ. އިންތިޚާބަކަށް ބެލުމެއްނެތި، އަޅުގަނޑު ވަޢުދުވީ ގޮތަށް، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް އެވަނީ މާލޭސިޓީ ކައުންސިލާ ހަވާލުކޮށްފައި. އެއްލައްކައަށްވުރެ ގިނަ ރައްޔިތުންގެ ވާހަކަ މި ދަންނަވަނީ. އެ ރައްޔިތުންނަށް އެ ބޭނުންވާ މުނިސިޕަލް ޚިދުމަތް، ކައުންސިލުން ތަފާތުކުރުމެއްނެތި، ފޭސް 1، 2ގެ ހުރިހާ ރައްޔިތުންނަށް ވަރަށް ޒިންމާދާރުކަމާ އެކީގައި ދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަނީ. ހުރިހާ ވަސީލަތްތަކަކާ އެކީގައި ހަމަޖައްސައިދީފައި ވާނީ. މުވައްޒަފުންނަށް މުސާރަ ދޭކަށް ނުޖެހޭނެ. މުވައްޒަފުންނަށް އެޗް.ޑީ.ސީ. އިން މުސާރަ ހަމަޖައްސައިދީފައި ވާނީ. ވެހިކަލްތައް، ސައިޓް، ހުރހާ އާލާތްތަކެއް ހަމަޖައްސައިދީފައި ވާނީ. ކައުންސިލުން ކުރަންވީ ކަމަކީ، ޒިންމާދާރުކަމާ އެކީގައި ޚިދުމަތް ދިނުން. އަޅުގަނޑު ޔަޤީންކުރަން، އެކަން ކުރައްވާނެ ކަމަށް. ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެކަމުގައި ދޭނަން.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ފަށަމުންވެސް ދެންނެވި ގޮތަށް، އަޅުގަނޑުމެން، ރައްޔިތުންގެ އިތުބާރާއި ތާއީދާ އެކީގައި އިންތިޚާބުވެގެން މި އަންނަނީ، ރައްޔިތުންނަށް ލޯތްބާއި ކުލުނާ އެކީގައި ޚިދުމަތް ކުރުމަށޭ. ތަފާތުކުރުމެއްނެތި، ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމަށޭ. އަޅުގަނޑު ޔަޤީންކުރަނީ، އެގޮތުގައި ހުރިހާ ރަށެއްގެ ކައުންސިލްތަކުން މަސައްކަތް ކުރައްވާނެ ކަމަށް. އަދި އަޅުގަނޑުމެންވެސް، ސަރުކާރުންވެސް މަސައްކަތް ކުރަމުންދާނީ އެގޮތަށް. އަޅުގަނޑު ވަޢުދުވެސްވިން. އަދި ވަޢުދުނުވިނަމަވެސް، އަޅުގަނޑު ހަމަ ކަން ކުރާނެ ގޮތަކީވެސް ރައްޔިތުންނާ ގާތަށް ދިޔުން. ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރަން އަޅުގަނޑު ނިންމިން. އިރާދަކުރެއްވިއްޔާ، އެ ދަތުރުތައް މި އަންނަ ހަފްތާގައި އަޅުގަނޑު ފަށާނަން. ފަށައި، ވަގުތު ލިބޭވަރަކުން ހަމަ ވަރަށް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް ނިންމާނަން. އަދި އެކަން ތަކުރާރުކޮށް، އިރާދަކުރެއްވިއްޔާ ވަގުތުވީވަރަކުން ކުރިއަށް ގެންދާނަން. މާލޭގައިވެސް ވީވަރަކުން މާލޭގެ ރައްޔިތުންނާވެސް ބައްދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.

ސަރުކާރުން ކުރާ މަސައްކަތްތައް، އަޅުގަނޑުމެން ރައްޔިތުންނަށް، ގާތުން އޮޅުންފިލުވައިދިނުމަކީ، މީގެތެރޭގައި ހިމެނޭ އަނެއް ކަންތައް. ދެ މަހުން އެއްމަހު، ވަޒީރުން ރައްޔިތުންނަށް، ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި، ރައްޔިތުން ކުރަންހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުޞަތު ދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން. އޭގެ ފުރަތަމަ ފޯރަމް، މި އަންނަ ހަފްތާގެ ތެރޭގައި އޮންނާނެ. އެއީ، ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް، އެ ފޯރަމްގައި އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުޞަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެންބަރސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން، ފަސް ބޭފުޅުން ގޮތަށް، އަޅުގަނޑުމެން މި ދެންނެވި، ދެ މަހުން އެއްމަހު އޮންނަ ޕަބްލިކް ފޯރަމް ބާއްވާނަން. ރައްޔިތުން ކުރަންހުރި ހުރިހާ ސުވާލެއް، ލިބޭ ދެ ގަޑިއިރުގެ ތެރޭގައި ކުރެވޭނެ. ހަމަ އެގޮތަށް، ތިން މަހުން އެއްމަހު އަޅުގަނޑުވެސް ސީދާ ރައްޔިތުންނަށް ހަމަ އެފަދަ ފުރުޞަތު ދޭނަން. ޕަބްލިކް ފޯރަމެއް، މިފަދަ ދަރުބާރެއް ބާއްވައި، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކެއް ކުރުމަށް ފުރުޞަތު ދޭނަން. ތިން މަހުން އެއްމަހު. އޭގެ ފުރަތަމަ ފޯރަމް، މި އަންނަ މަހު އޮންނާނެ.

އެހެންވީމާ، މިގޮތަށް ރައްޔިތުންނާ ގާތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ. އަޅުގަނޑުމެންނަށް ޖަވާބު ނުދެވޭނެ ސުވާލެއް ނޯންނާނެ. އަޅުގަނޑުމެން ކުރަނީ، ރައްޔިތުން ހަވާލުކުރި މަސައްކަތް. ޤާނޫނުއަސާސީގައި އޮތް މަސައްކަތް. އެއަކުއެއް ނޯންނާނެ ޖަވާބު ނުދެވޭނެ ކަމެއް. ފޮރުވަންޖެހޭނެ ކަމެއް. ނޭނގޭނެ ކަމެއް. ޒިންމާ ނުނެގޭނެ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކުރިއަށް ގެންދާނަން.

އާދެ، އަދިވެސް އެއްފަހަރު، މާލޭ ސިޓީގެ މޭޔަރަށާއި، މިރޭ ހުވާކުރެއްވި ތިން ކައުންސިލަރުންނަށް މަރުޙަބާ ދަންނަވަން. އަދި ހުރިހާ ކައުންސިލަރުންނަށްވެސް، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ކައުންސިލަރުންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ސަރުކާރުން ރައްޔިތުންނަށްޓަކައި ފުރިހަމަކަމާއެކީގައި ޚިދުމަތް ދިނުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެމިތިބޭނެ ވާހަކަ ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ޤައުމަށް އަދަށްވުރެ ފެހި މާދަމާއެއް މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި ލައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.