بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް މުޙައްމަދު އަސްލަމް، އެންމެހައި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ޢިއްޒަތްތެރި މެންބަރުން، ބޭރުގެ ޤައުމުތަކުގެ ސަފީރުން، ވަޑައިގެން ތިއްބެވި އެންމެހައި ކިޔަވާ ކުދިންނާއި، އެންމެހައި އަޚުންނާއި އުޚުތުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ! މިރޭ އަޅުގަނޑުމެން އެއްވެ މިތިބީ ވަރަށް ތަފާތު ހަނދާންތަކަކާއެކު. ތަފާތު އިޙްސާސްތަކަކާއެކު. ހަމަ އެހެންމެ، ތަފާތު ފިލާވަޅުތަކަކާއެކު. 2004ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި ބިންހެލުމަކީ، އެ ސަރަޙައްދުގެ ރައްޔިތުންނަށް އައި ބިންހެލުމެއްގެ އިތުރަށް، ދިވެހީންގެ މުޅި ދިރިއުޅުމަށް ލޮޅުންއަރުވާލި ބިންހެލުމެއް. އަޅުގަނޑުމެންގެ ގެދޮރަށް ވީގޮތް. އޮޑިދޯނިފަހަރަށް ވީގޮތް. އަޅުގަނޑުމެންގެ ދިރިއުޅުމަށް ވީގޮތް. އެތައް ފުރާނައެއް އަޅުގަނޑުމެންނާ ވަކިވެދިޔުން. ހަމަ އެހެންމެ، އެހީތެރިކަމާއި، އެކަކު އަނެކަކަށް ދިން އެއްބާރުލުމުގެ ތެރެއިން އަޅުގަނޑުމެން ދިވެހީންގެ ދިރިއުޅުން އަލުން ބިނާވެ ކަންކަން، ހަމަޖެހިގެން އައިގޮތް.

ކޮންމެއަކަސް، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ގޮތުގައި ދެކެނީ، ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ 82 ދިވެހީންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުން. އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ 26 މީހުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ދެންނެވުން. ހަމަ އެހެންމެ، ގެދޮރާއި ދިރިއުޅުން ސުންނާފަތިވުމުގެ ސަބަބުން ބޮޑެތި ހިތާމަތައް ލިބުނު ފަރާތްތަކަށް ހިތުގެ އިޚްލާޞްތެރި ހަމްދަރުދީ ރައްދުކުރަން.

އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން!
ވަޑައިގެން ތިއްބެވި އެންމެހައި ހާޒިރީން!

އަޅުގަނޑުމެން ސުނާމީ ކާރިސާ ތަޖުރިބާކުރިފަހުން މިހާރު 19 އަހަރުވީ. މިހާރު އުމުރުން 30 އަހަރު ފުރިފައިވާ ހަމަ ކޮންމެ މީހަކުވެސް އެ ދުވަހުގެ ހަނދާންތައް ވަރަށް ރަނގަޅަށް ހުންނާނެ. ކޮން ހަނދާންތަކެއްތޯ؟ ހިތްޕުޅަށް ގެންނަވާ! އަނެކުންގެ ސަލާމަތަށްޓަކައި އޮޔާއި ރާޅާ ދެކޮޅަށް ކުރެވުނު ހިތްވަރުގަދަ މިންނެތް މަސައްކަތް. ފަތަމުން ފީނަމުން ކަރުތާފެނުގައި އަނެކުންގެ ދިފާޢުގައި ކުރި އިންސާނީ މާތް ޚިދުމަތް. ތިމާގެ މީހެއްތޯ، ހިލޭ މީހެއްތޯ، ރައްޓެއްސެއްތޯ، ބީރައްޓެއްސެއްތޯ ބެލުމެއް ނެތި، އަނެކާގެ ޙައްޤުގައި އެވީ ޤުރްބާނީ. ޖެހިގެންހުރި ގޭގައި އޮތް އުމުރުން ދުވަސްވީ ކާފަ، އޮޔާ ގެންގޮސްފާނެތީ، އެ ކާފަ އަތުލަފިކޮށްގެން އުފުލައިގެން ގެންދިޔުން. އެއްވެސް އުޖޫރަޔަކާ ނުލައި ހަމައެކަނި ލިއްލާހިއަށްޓަކައި އެތައް ރަށަކަށް ދަތުރުކޮށް، ވެދިން ބޮޑެތި އެހީތެރިކަން. އަދި ކީއްތޯ؟ ހާލުގައި ޖެހުނު ފަރާތްތައް، ތިމާގެ އަމިއްލަ ރަށަށް ހިޖުރަ ކުރި ދުވަހު އެކަމާ އުފަލުން ރަށުގެ އެންމެން ނުކުމެ، ކީ ހޫނު މަރުޙަބާ. މި ހުރިހާ ކަމެއް ބުނެދެނީ ހަމަ އެންމެ ކަމެއް. އެއީ އަޅުގަނޑުމެން ދިވެހީންނަކީ އެއް ބަޔެއްކަން. އެއްބައިވަންތަކަމަކީ އަޅުގަނޑުމެން ދިވެހީންގެ ރަމްޒެއްކަން. އަޅުގަނޑުމެން ކުރިޔަށް ފިޔަވަޅު އަޅާނީ އެއްބައިވަންތަކަމުގެ ރޫޙުގައިކަން.

އާދެ! މިރޭ އަޅުގަނޑުގެ ވާހަކަކޮޅު ބިނާކުރަން ގަސްތުކުރަނީ ދިވެހީންގެ ކިބައިގައިވާ މި ޚާއްޞަ ސިފައިގެ މައްޗަށް. ހަމަ އެންމެ ސިފައެއްގެ މައްޗަށް. އެއީ ކޮން ސިފައެއްތޯ؟ އެއްބައިވަންތަކަމުގެ ސިފަ. ޒަމާނުއްސުރެ ދިވެހީންނަކީ އެއްބައިވަންތަ ބައެއް.

އެއްބައިވަންތަކަމަކީ ކޮބައިތޯ؟ އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކުރުން. އެކަކު އަނެކަކާ ގުޅިގެން އުޅުން. އެކެއްގެ ހިތާމައިގައި އަނެކަކު ބައިވެރިވުން. އެކަކަށް ނުއުފުލޭ ބުރަ، ދެން ތިބި އެންމެން ވެގެން އުފުލައިދިނުން. އެންމެން ވެގެން އެކަމުގައި އުޅުން. އެންމެންގެ ސަލާމަތަށްޓަކައި، އެންމެން އެކުވެގެން މަސައްކަތްކުރުން. ދެބަސްވުމެއްގެ ހިޔަނި ފެނިލާ ވަގުތުވެސް، އަވަހަށް އޮމާންކަމާއެކު އެކަން ހައްލުކުރަން ބުއްދިވެރީން އިސްނެގުން. މި ގޮތަށް ބައެއްގެ ގުޅުންތަކާއި އުޅުންތައް އޮންނައިރު، އެ ޖަމާޢަތެއް ވާނީ އެއްބައިވަންތަ ޖަމާޢަތަކަށް. ދިވެހީންނަކީ މި ސިފަވަންތަ، މި ސިފަ ހުރި ބައެއް.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމަކީ، ވަރަށް މުހިންމު ސަބަބެއް އެކަމުގައި ހިމެނިފައިވާ ކަމެއް. އެއީ، ތަފާތު އެކި ގޮތްގޮތުން ދިވެހީންނަށް ލިބިފައިވާ އެއްގޮތްވަންތަކަން. އެއްގޮތްވަންތަކަމޭ އަޅުގަނޑު މި ދަންނަވާލި އިބާރާތުގެ ތަފުސީލެއް އަޅުގަނޑު ދަންނަވާލާނަން.

ދުނިޔޭގައި ބޮޑެތި ލޭ އޮހޮރުވުންތައް ހިނގައިފައިވާ ސަބަބުތަކަށް ބަލާއިރު، ތަފާތު ބަސްބަހުން ވާހަކަދައްކާ، ތަފާތު ދަރިކޮޅުތަކުގެ މީހުން އެއްތަނެއްގައި އުޅެންޖެހުން ހިމެނޭ. މިހެން އުޅޭ އުޅުމުގައި އެ ތަނެއްގެ މައްޗަށް ދަޢުވާކުރެވި، އަނެއް ބަޔަކަށްވުރެ ތިމާމެން މާ މޮޅުކަމަށް ގަބޫލުކުރެވި އުފެދޭ އިޙްސާސްތަކެއްގައި ހަނގުރާމަ ހިނގައިފައި އެބަހުރި. ދިވެހީންނަށް ބަލާއިރު
މި ތަފާތެއް ނެތް. ދިވެހީން ވާހަކަދައްކަނީ އެއް ބަހަކުން. ލިޔަނީ އެއް އަކުރަކުން. އެހެންވީމާ، ބަހުގެ މައްޗަށް ބޮޑާވެ ދެބަސްވެގަތުމެއް ދިވެހީންގެ ކިބަޔަކު އެއްވެސްއިރަކު ނެތް.

ދެން އޮތީ ނަސްލު. ތަފާތު އެކި ނަސްލުތަކަށް ބެހިފައި އޮތުމަކީވެސް ބޮޑެތި ހަމަނުޖެހުން އުފެދޭ ކަމެއް. ދިވެހިރާއްޖެއަށް ބަލާއިރު ނަސްލީ ތަފާތުވުމެއްވެސް ނެތް. ދޮނާއި ކަޅުގެ ހަނގުރާމައެއް ރާއްޖެއަކު ދުވަހަކުވެސް ހިނގާފައެއް ނެތް. އެފަދަ ކަމެއް ހިނގާނެ އެއްވެސް ސަބަބެއްވެސް، އެއްވެސް ޒަމާނަކު މި ރާއްޖެއަކު ނެތް. ދިވެހީންގެ ނަސްލަކީ ދިވެހި ނަސްލު. ދިވެހިބަހުން ވާހަކަދައްކާ ދިވެހީންގެ ނަސްލު. އެހެންވީމާ، ނަސްލުގެ ގޮތުންވެސް ދިވެހީން މި ވަނީ އެއްގޮތްވަންތަ ބަޔަކަށް.

ދެން އޮތީ ދިވެހީންގެ ސަގާފަތް. ސަގާފަތަކީ ބަޔަކު އުޅޭގޮތް. ދިރިއުޅުމުގައި ކަންކަން ކުރާގޮތް. ތަޢުލީމު އުނގެނުމުގައި ޢަމަލުކުރާގޮތް. މަސައްކަތާއި ސިޔާސީ ގޮތުންވެސް ދަމަހައްޓާގޮތް. ވަރަށް ފަހަކާ ޖެހެންދެން މި ކަންކަންވެސް އޮތީ ހަމަ އެއްގޮތަކަށް. ދިރިއުޅެން ގެދޮރު އަޅައި އުޅުނީ ހުރިހާ ރަށެއްގައިވެސް ދާދި އެއްގޮތަކަށް. އޮޑިދޯނި ފަހަރު ބަނދެ ފެނަށް ބާލަނީ އެއް ސިފައެއްގައި. ތަޢުލީމުވެސް އެފަދަ. ބޮޑުތަރުތީބުން ކިޔެވިއިރު އެންމެންވެސް ކިޔެވީ ބޮޑުތަރުތީބުން. ތަޢުލީމުއްދިޔާނާއިން ކިޔެވިއިރު އެ ފޮތުން. ފަހުން އިނގިރޭސި ބަހަށް ބަދަލުވެގެން، ޖީ.ސީ.އީ. ނަގަން ފެށުމުން، ދެން އެންމެންވެސް މިސްރާބު ޖެހީ ޖީ.ސީ.އީ.އާ ދިމާއަށް. އެއަށްފަހު އެންމެން މަތީ ތަޢުލީމަށް ދާންފެށި. ހަމަ އެހެންމެ، ސިޔާސީ ސަގާފަތަށް ބަލާއިރު، އެ ދުވަސްވަރު ހަމަ ކޮންމެ ރަށެއްގައިވެސް ކަތީބަކާއި، ކުޑަކަތީބަކާއި، އަދި އަތޮޅުތަކުގައި ނައިބަކާއި، އަތޮޅުވެރިން ތިބޭ. އެއީ، ރަށްފުށުގެ ސިޔާސީ ބާރުވެރިކަން ތަރުތީބުވެފައި އޭރުގައި އޮތްގޮތް. ހުރިހާ ރަށެއްގައިވެސް މިހެން. އެހެންވީމާ، ސަގާފީ ގޮތުންވެސް ދިވެހީންގެ ކިބައިން ފެންނަން އޮތީ އެއްގޮތްވަންތަކަން. އެއްބައެއްކަން.

ލޮބުވެތި ދިވެހި ރައްޔިތުން!

އިންސާނާގެ އެންމެ ފުނުގައިވާ އެއް އިޙްސާސަކީ ދީނުގެ އިޙްސާސް. އިންސާނާއާއި އޭނާ ހެއްދެވި ފަރާތާ ދެމެދުގައި ގުޅުވައިދޭ ރޫޙާނީ އިޙްސާސް. މި ނަޒަރުން ބެލީމާވެސް، ދިވެހީން ފެންނާނީ އެއްގޮތަކަށް. މިސާލަކަށް، މީލާދީން 1153ގައި ރާއްޖެ އިސްލާމީ ހިދާޔަތަށް އެނބުރުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރާއްޖެ އިސްލާމްވި. ހުރިހާ ދިވެހީންނަކީ އިސްލާމުން ކަމުގައި ވެއްޖެ. އެއަށްފަހު މީލާދީން 1573ގައި އުތީމު މަހާރަދުން ޕޯޗުގީޒުން ބަލިކުރައްވައި ދިވެހި ދައުލަތާ ހަވާލުވެވަޑައިގެންނެވި. އެ ދުވަސްވަރު، ވާދޫ ދަންނަކަލޭގެފާނު، ބޭރުން ތަޢުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގެންނެވި. އޭނާގެ ތަޢުލީމު އައްޑުއަތޮޅާއި، ފުވައްމުލަކާއި، މުޅި ރާއްޖެއަށް ފެތުރުނު. އެއީ އޭނާގެ ދަރިވަރުންގެ ބުރަ މަސައްކަތާވެސް އެކީގައި. އޭގެ ތެރޭގައި، ނައިބު ބޭކަލުންނާއި، މުދައްރިސުންނާއި، ޤުރްއާން ހިތުދަސް ޙާފިޡުންވެސް ހިމެނޭ. މި އެޅުނު ހަރުދަނާ ދީނީ ބިންގަލުގެ ނަތީޖާއަކަށްވީ މާތް އަޚްލާޤެއްގެ ވެރި ޖީލެއް އުފެދިގެން ދިޔުން. ހަރުދަނާކަން ހުރި މުޖުތަމަޢެއް އުފެދުން. ޤައުމުގައި ޒިންމާދާރުކަން އުފެދިގެން ދިޔުން. މި ދެންނެވި އުފެދުމަކީ، އަޚްލާޤީ ގޮތުންނާއި، ދީނީ ގޮތުން އުފެދުނު އިސްލާމީ އަޚްވަންތަކަމުގެ ބަދަހި މާތް ގުޅުމެއް. އެހެންވީމާ، ދީނީގޮތުންވެސް، ދިވެހީންނަށް ލިބިފައި މި އޮތީ އާދަޔާ ޚިލާފު ބޮޑު އެއްގޮތްވަންތަކަމެއް.

ދިވެހި ލޮބުވެތި ރައްޔިތުން!
ވަޑައިގެން ތިއްބެވި އެންމެހައި ހާޒިރީން!

މިހާ ހިސާބުން ދެން އަޅުގަނޑު ބަލައިލާނީ، ދިވެހީން ދިރިއުޅޭ ތަނަށް. ބިމަށް. ދިވެހީންގެ ޖައްވާއި ރާއްޖެއަށް. ދިވެހިރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބަލާއިރު، ރަށްތައް އުފެދިފައި ހުންނަނީ ދާދި އެއްގޮތަކަށް. އެތުރިފައި އޮންނަނީވެސް ދާދި އެއް ސިފައެއްގައި. ކަނޑުތަކުގެ އޮޔާއި ވަޔާއި، މޫސުމާއި އަދި ކަނޑުފަޅުގެ ކުލައިގައިވެސް ތަފާތެއް ނުހުރޭ. ރާއްޖޭގެ އެންމެ އުތުރުން އޮތް ރަށުގައި ހެދޭ ގަސް، ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ރަށުގައިވެސް ހެދޭ. ހެދިފައިވެސް އެބަހުރިމެ. ފަރަޤެއް ތަފާތެއް ނެތް. މިއީ ޤުދުރަތީ ވަރަށް މަތިވެރި ނަސީބެއް. ވަރަށް މާނަހުރި ފިލާވަޅެއް. މި އެއްގޮތްވަންތަ ކަމުގެ ސިފަތަކަކީ، ދިވެހިރާއްޖެއަށް ޚާއްޞަ ސިފަތަކެއް. ނަމަވެސް، ދުނިޔޭގެ ބައެއް ރާއްޖެތަކަށް ނުވަތަ ބައްރުތަކަށް ބަލައިލާއިރުގައި، އެއް ދިމާއިން އަތިރިމަތީގައި ހުދު ދޮންވެލި އޮވެފައި، އަނެއް ދިމައިގައި އޮންނަނީ މުށިފަސްގަނޑެއް. އެއް ފަރާތެއްގައި އުސް ފަރުބަދަތައް ހުރިއިރުގައި، މެދުތެރޭގައި ހަނަފަސްކަން އޮވެދާނެ. ނޫނީވިއްޔާ އަލިފާން ފަރުބަދައެއް ހުރެދާނެ. އަނެއް ފަރާތެއްގައި ތިރިތިރި ކޯރުތައްވެސް އޮވެދާނެ. މޫސުންވެސް އެފަދަ. އެހާ ތަފާތު ބޮޑު. މިއާ ޚިލާފަށް، ރާއްޖޭގެ ސިފަޔަށް ބަލައިލިޔަސް، މި ފެންނަނީ، އެއްގޮތްވަންތަކަން. ރީތިކަން.

މި ހުރިހާ ކަމަކަށް ބައްލަވައި، ޢަރަބީންގެ ތާރީޚު ލިޔުންތެރިޔަކު ވިދާޅުވެފައި އޮވޭ. ދިވެހިރާއްޖެއަކީ މި ބިންމަތީގެ ސުވަރުގެޔޭ. މިއަދުވެސް މަޣުރިބުކަރައިގެ މީހުން ރާއްޖޭގެ ނަން ކިޔައި އުޅޭ ގޮތަކީ އެއީ. އެ މީހުން ރާއްޖެއަށް ކިޔައި އުޅެނީ ޖަންނަތު. ނުވަތަ ސުވަރުގެ.

ދިވެހި ލޮބުވެތި ރައްޔިތުން!
ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން!

މިފަދަ ޙަޤީޤަތްތައް އަޅުގަނޑުމެން ދިވެހީންގެ ޙަޔާތާ ގުޅިފައިވަނިކޮށް މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިވަނީ ކިހާ ހިސާބަކަށްތޯ؟ އަޅުގަނޑު ހިތުން ވިސްނާލަން ރަނގަޅު. ޝައްކެއްނެތް، މިއަދު އަޅުގަނޑުމެންގެ ޢާއިލީ ގުޅުންތަކަށް ފަރުވާ އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމަށް އެހީ އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ދިވެހީން އެކަކު އަނެކަކުގެ އަބުރަށް، ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް، މަގުދައްކައިދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ހިތްތަކަށް ރަޙުމާއި، ކުލުނާއި، އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަޖެހޭ.

އަޅުގަނޑު ދެކެން ބޭނުންވަނީ އެ ދުވަސް. މާޒީން އަޅުގަނޑުމެން ދެކެފައިވި، އެކުވެރިކަމުގެ ދުވަސް. ގުޅުންތެރިކަމުގެ ދުވަސް. މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް އަޅުގަނޑުމެންނަށް ދޭ ފިލާވަޅަކީ އެއީ. އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިނީމު. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިނީމު. އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިނީމު.

ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތަޢުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ހުރިހާ ދިވެހީން ގުޅިގެން ދިވެހިވަންތަ އިސްލާމީ ޤައުމީ ރޫޙުގައި ހަރަކާތްތެރިވެގެން.

ލޮބުވެތި ދިވެހި ރައްޔިތުން!

ސުނާމީ ކާރިސާއަށްފަހު، އަލުން ބައެއް ރަށްތައް ބިނާކުރުމުގައި ސޭފް އައިލެންޑް ކޮންސެޕްޓް ބޭނުންކުރަން ފެށުނު. އިހަށް ދުވަހު މި ސަރުކާރުން އަޅުގަނޑުމެން ފެށި ރަސްމާލެ މަޝްރޫޢަކީވެސް ސޭފް އައިލެންޑް ކޮންސެޕްޓަށް ފަރުމާކުރެވިފައިވާ މަޝްރޫޢެއް. ކިތަންމެ ފެންވަރު މަތިކޮށް ނަމަވެސް، މި ގޮތަށް ސިޓީތައް ބިނާކުރުމުގެ އަސާސީ ބޭނުމަކީ، ރައްޔިތުންގެ މުދަލާއި ގެދޮރާއި ފުރާނަތައް ސަލާމަތް ކޮށްދިނުން. ރަށުގެ ފަސްގަނޑު ވަކިވަރަކަށް އުސްކޮށް، އޮޔާއި ވައިގެ ދައުރުވުމަށް ބަލައި، ބަނދަރުތަކާއި ތޮށިތައް ލެވެނީ އެހެންވެގެން. ސަލާމަތާއި ރައްކާތެރިކަމަށްޓަކައި. އެކަމަކު ދަންނަވަންތޯ؟ އަޅުގަނޑުމެންގެ ޙަޤީޤީ ސަލާމަތްތެރިކަން އޮތީ އަދި މުޅިން އެހެން ކަމެއްގައި. އެހެން ގޮތެއްގައި.
އެއީ ކޮން ގޮތެއްތޯ؟

އެއީ މި ޖަލްސާ ފެށުމުގައި ކިޔެވިދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން آل عمران‎ ސޫރަތުގެ 103ވަނަ އާޔަތުގައި މާތް ބަޔާންކުރައްވައިފައިވާ ޙަޤީޤަތް. އެ އާޔަތުގެ މާނައިގައި އެކުލެވިގެންވަނީ، "ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށޭ. އަދި، ވަކިވަކިވެ ނުގަންނާށޭ. އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށޭ. އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއޭ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއޭ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއޭ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއޭ. اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނޭ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައޭ."

ލޮބުވެތި ދިވެހި ރައްޔިތުން!
ވަޑައިގެން ތިއްބެވި އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުން!

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅަކީ މިއީ. ކީރިތި ގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅު. އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅު. އެކި ނަންނަމުގައި، އެކި ކަންކަމުގައި، ބައިބައިވެ އިސްލާމީ އަޚްވަންތަކަމުގެ ކިއްލާ ފުނޑުފުނޑުކޮށްނުލުމުގެ ފިލާވަޅު. އެކަމަށްޓަކައި އަޅުގަނޑުމެންނަށް މާތް ދެއްވައިފައިވާ ނިޢުމަތްތައް ހަނދާންކުރުން މުހިންމު.

އަޅުގަނޑުގެ ވާހަކަކޮޅު ފެށުމުގައި ދަންނަވާލި ފަދައިން، އެއްބައިވަންތަ ވެވޭނެ ހުރިހާ ސިފަތަކެއް، އޯގާވަންތަ އަޅުގަނޑުމެން ދިވެހީންނަށް ވަދީޢަތްކުރައްވާފައިވޭ. އެއްދީނަކުން ހިދާޔަތް ލިބިފައިވުމުގެ ނަސީބު. އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު. އެއް އަކުރަކުން ލިޔެކިޔެ އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއް ސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން.

ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަން. މީ އެއް ޤައުމެއް. އެއް ބައެއް. އެހެންކަމުން، މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭ. އެހެނީ، ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން. އެކުވެރިވުމުން އަމާންކަން ލިބިދޭ. އިތުބާރު ލިބިދޭ. އޭގެ މައްޗަށް ވިޔަފާރިއާއި އެހެނިހެން ކަންކަމުގެ ގުޅުންތައްވެސް ހަރުދަނާވެ، އުންމަތްތައް ކުރިއަރައިގެންދޭ. މިއަދު ދިވެހިރައްޔިތުން އެދެނީ އެކުވެރިކަމާއި ތަރައްޤީއަށް. އަވަސް ކުރިއެރުންތަކަށް.

ލޮބުވެތި ރައްޔިތުން!

ޤައުމެއްގެ މިސާލަކީ ޢާއިލާއެއްގެ މިސާލު. ޢާއިލާއަކުން އަބަދުވެސް އެ މީހުންގެ ގޯތި ގެދޮރާއި މުދަލުގެ ސަލާމަތާ މެދު ވިސްނާ. ޤައުމެއް އެ ޤައުމެއްގެ ބިމާއި މީހުންގެ ސަލާމަތާ މެދު ވިސްނާނެ. ޢާއިލާއެއް އަބަދުވެސް ގޭތެރޭގެ ހަމަޖެހުމާއި ކުލުނާއި ލޯބި އިތުރުވާނެ ގޮތަށް ކަންކަން ކުރާނެ. ޤައުމެއްގައިވެސް އެ ސިފަ އޮންނަންޖެހޭނެ. ޢާއިލާއެއް އަބަދުވެސް ޢިލްމީ ގޮތުންނާއި، ފިކުރީ ގޮތުންނާއި، އަދި ޞިއްޙީ ގޮތުންނާއި، އިޤުތިޞާދީ ގޮތުން އެ އާއިލާއެއްގެ ކުދިން މޮޅުކުރަން ބޭނުންވާނެ. އެކަމަށްޓަކައި މަސައްކަތްވެސް ކުރޭ. ޤައުމެއްވެސް ދެމިއޮންނަނީ މިގޮތުން. ޤައުމެއް ފިކުރީ ގޮތުން ފުދުންތެރިވާންޖެހޭ. ޢިލްމީ ގޮތުން ހޭލުންތެރިވާންޖެހޭ. އިޤުތިޞާދީ ގޮތުން ފޯރުންތެރިވާންޖެހޭ. ހުނަރުގެ ގޮތުން އުފެއްދުންތެރިވާންޖެހޭ. މި ހުރިހާ ބަހާތަކަކާއެކު ޤައުމީ ގޮތުން އެއްބައިވަންތަ ވާންޖެހޭ. ކުލުނުވެރިކަމާއި، އިޙްސާންތެރިކަމާއި، އިޚްލާޞްތެރިކަމާއެކު، ރައްޔިތުންގެ ކިބައިގައި މި ހުރިހާ ސިފަތަކެއް ހަރުލާންޖެހޭ. ދިވެހީންގެ މާޒީ ދިވެހީންނަށް ދިނީ މި ފިލާވަޅު. 2004ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26ވަނަ ދުވަހު، އާދެ، އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ޢަމަލީ ގޮތުން ދަސްކުރީ އަދި އުނގެނުނީ މި ފިލާވަޅު. މީ އެއް ޤައުމެއްކަން. އެއްބައެއްކަން.

ދިވެހި ލޮބުވެތި ރައްޔިތުން!

ޒަމާންތަކަކަށް ދިވެހިންގެ ވުޖޫދު ކަށަވަރުކޮށްދެއްވާ! އެއް ރޫޙެއްގައި، އެއް ޢަޒުމެއްގައި ދެމިތިބުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަމާ! އެކަމަށްޓަކައި މިއީ އެއްބައިވަންތަ އެކުވެރި ޤައުމެއްކަން ހަމަ ކޮންމެ ދިވެއްސަކުމެ ބަހާއި ޢަމަލުން ސާބިތުކޮށްދެއްވާ! ދިވެހީންނަށް ޤުދުރަތުން ހަދިޔާކުރައްވާފައިވާ އެއްގޮތްވަންތަ ސިފަތައް އެގޮތުގައި ހިފަހައްޓަވައިދެއްވާ! އޭގެ ހިޔަލުގައި ހަމަޖެހުމާއި ކުރިއެރުމާއި ތަރައްޤީގެ މޭވާ ބިންނަން ހުރިހާ ދިވެހީން ތައްޔާރުވަމާ ހިންގަވާ!

އޯގާވަންތަ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި! އަޅުގަނޑުމެންނަކީ ހެޔޮ ބަސް އަހާ، ހެޔޮ ބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލައްވާށި! ދިވެހީންނަށް އަދަށްވުރެ ފެހި، ފާގަތި މާދަމާއެއް މިންވަރު ކުރައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ތާއަބަދަށް ދަމަހައްޓަވާށި! އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.