بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، މިއަދު ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ބިންގާ އެޅިގެން މިދިޔަ ސްކޫލަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށަން ގަސްތުކޮށްފައި މިވާ އަޅުގަނޑުމެންގެ ދަރިންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫޢުގެ ފެށުން. އެކަމަށްޓަކައި ތަޢުލީމީ ވަޒީރަށާއި، ކެބިނެޓުގެ ހުރިހާ ބޭފުޅުންނަށާއި އަދި ސަރުކާރުގައި، އަދި ސިވިލް ސަރވިސްގައި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަދި ޖުމުލަކޮށް ހުރިހާ ބެލެނިވެރިންނަށާއި، ކިޔަވާ ކުދިންނަށް މަރުޙަބާ ދަންނަވަން. ޝުކުރު ދަންނަވަން.

އާދެ، ސިކުނޑިތައް ބިނާކުރުމަކީ، އަޅުގަނޑުމެންގެ އެންމެބޮޑު އެއް މަޝްރޫޢު. އިމާރާތްތައް ވަރަށް އުސްކޮށް ހެދިދާނެ. ކިތަންމެ އުސްކޮށްވެސް އިމާރާތް ހެދިދާނެ. އެހެން ނަމަވެސް، އެ އިމާރާތް، އެ ހެދޭ އުސްމިނާ އެއްވަރަށް ސިކުނޑިތައް ތަރައްޤީ ނުކުރެވޭނަމަ، ޤައުމަކަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ. ތަޢުލީމު، ހެޔޮގޮތުގައި ނުދެވިއްޖެނަމަ، އޭގެ ހިތާމަ މުޅި ޤައުމަށް، މުސްތަޤްބަލަށް ކުރާނެ.

އަޅުގަނޑުމެންގެ މި ސަރުކާރަށް މަހެއްހާ ދުވަސް، ހައެއްކަ ހަފްތާ މި ވީއިރުގައި، އެންމެ ފުރަތަމަ ބިނާކުރާ އިމާރާތް އަޅުގަނޑުމެން ގަސްތުކުރީ، ތަޢުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހަދަން. އެގޮތުން، ވަރަށް އުފާކުރަން، މިއަދު މިތަނުގައި ސަތާރަ ސަތޭކައެއްހާ ކުދިންނަށް ކިޔަވައިދެވޭ ގޮތަށް މި ބައްޓަން ކުރެވޭ އިމާރާތް އެޅުމުގެ މަސައްކަތް ފެށޭތީ.

އަޅުގަނޑު ޔަޤީންކުރަނީ، ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާގައި ފައުންޑޭޝަންގެ މަސައްކަތް ފެށިގެން ގޮސް، ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި، މި އިމާރާތުގެ މަސައްކަތް ނިންމައި، މި ތަނުގައި މި ފެންނަ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ޢާއިލާތަކުގެ ހިތަށް ތަސައްލީއެއް ލިބިގެންދާނެ ތަނަކަށް މި ސްކޫލް ވެގެންދާނެ ކަމަށް. އެކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އާރު.ސީ.ސީ.ގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން މި މަސައްކަތް މި ކުރިއަށް ގެންދަނީ. އެކަމަށްޓަކައި އާރު.ސީ.ސީ.ގެ ވެރިންނަށް އަދި ހުރިހާ ބޭފުޅުންނަށްވެސް ހަމަ ޝުކުރު ދަންނަވަން.

އާދެ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ، މާބޮޑު އަޅައިލުމެއް އަދި މިހާތަނަށް އަޅައިނުލެވި އޮތް ހިސާބެއް. އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވިގޮތަށް މިއަދު މި އެޅިގެން މިދިޔަ ބިންގަލަކީ، އޭގެ ހުރިހާ މާނައެއްގައިވެސް އިރާދަކުރެއްވިއްޔާ މި ސަރަޙައްދު، ދެވަނަ ފިޔަވަހީގެ މި ސަރަޙައްދު ތަރައްޤީ ކުރުމުގެ ބިންގާ. ޕާކުތަކާއި، މައިދާންތަކާއި، އިޖުތިމާޢީ އެކިއެކި ބޭނުންތަކަށް ބިނާކުރެވޭ އިމާރާތްތަކާއި، އަދި އިޤްތިޞާދީ އެކިއެކި ބޭނުންތަކަށް ތަރައްޤީ ކުރެވޭ ތަންތަނާ، މި ހުރިހާ ކަމެއް ހިމެނިގެންދާ ގޮތަށް، އިރާދަކުރެއްވިއްޔާ މިތަނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފުރިހަމަކަން ގެނެސްދިނުމަކީ، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. އެޗް.ޑީ.ސީ.ގެ ފަރާތުން ކުރިއަށްގެންދާ މަސައްކަތްތަކުގައިވެސް އަޅުގަނޑުމެންގެ ސިޔާސަތު އެޗް.ޑީ.ސީ. އިން އެގޮތުން ތަންފީޒު ކުރާނެ.

އާދެ، މިތަނުގައި މިހިރަ ޓަވަރުތަކާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، ދެވަނަ ފިޔަވަހީގައި މިހިރަ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަކީ، އަޅުގަނޑު ވީ ވަޢުދެކޭ. އަދި ވަޢުދުވީ ގޮތަށް، ކޮންމެ ޓަވަރެއްގައި ހަރުކުރަން ނިންމާފައިވާ ގޮތަށް، ދެ ލިފްޓް ހަރުކުރުމަށް ބޭނުންވާ ނިންމުންތައް ނިންމައި، އެގްރީމަންޓް ހެދުމުގެ މަސައްކަތް ކުރިއަށް އެދަނީ. ހަފްތާ 14ގެ ތެރޭގައި، ހަމަ އެ ތާވަލު ކުރެވުނު ގޮތަށް އެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

ދެން އެއާ އެކީގައި، ތާވަލް ކުރެވިފައިވާ ގޮތަށް، މި ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ އެހެން މަސައްކަތްތައްވެސް ދާނީ ކުރިއަށް. ގެދޮރުގެ ގޮތުން ބަލާއިރުގައިވެސް އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަން، ހައުސިންގއަށް ގެންނަންޖެހޭ ޙައްލުތައްވެސް ރައްޔިތުންނަށް ބޭނުންވެފައިވާ ގޮތަށް، އެކަންކަން ތާވަލް ކުރެވިގެން ކުރިއަށް އެދަނީ.

އާދެ، ތަޢުލީމީ ނިޒާމަށް ބަލާއިރުގައި، މުޅި ރާއްޖޭގައި އެއްކޮޅުން އަނެއްކޮޅަށް އަޅުގަނޑުމެން ބަލައިލިއިރުގައި، ފަށާފައި ނުނިމިފައި ހުރި ވަރަށް ގިނަ ސްކޫލް އިމާރާތްތައް ހުރި. މަލްޓި ޕަރޕަސް ހޯލްތަކާއި މިފަދަ ތަންތަން އެބަހުރި. ބަޖެޓް މިހާރު ވަނީ ފާސްވެފައި. އަދި ތަންފީޒު ކުރުމުގެ މަރުޙަލާގެ ތެރެއަށް އަޅުގަނޑުމެންނަށް މި ދެވެނީ. މިގޮތަށް ހުއްޓިފައި ހުރި ގިނަ އިމާރާތްތަކެއްގެ މަސައްކަތް، މި އަންނަ އަހަރު ފެށިގެން ދާއިރުގައި، ބާރުމިނުގައި އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.

އަދި އޭގެ އިތުރަށް، އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނާފައިވާ ކެމްޕެއިންގައި ވީ ވަޢުދުތަކާ އެއްގޮތަށް، އަދި އޭގެ އިތުރަށްވެސް، ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ އެކި ކަހަލަ ސްކޫލް އިމާރާތްތަކާއި، އެކި ކަހަލަ މަލްޓި ޕަރޕަސް ހޯލުތަކާއި، އެކިއެކި ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް، ވަރަށްބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނަން. ފެސިލިޓީގެ ގޮތުން މިހާތަނަށް ޢަމަލީގޮތުން ޤާއިމު ކުރެވިފައިވާ އެންމެ ރަނގަޅު ފެންވަރުގެ، ތަޢުލީމީ ނިޒާމަށް ބޭނުންވާ ފެންވަރުގެ ކަންކަން، އަޅުގަނޑުމެންގެ މި ބަޖެޓުގެ ތެރެއިން އަދި ކުރިއަށް ހުރި އަހަރުތަކުގެ ބަޖެޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.

އަދި ހަމަ އެއާއެކީގައި، އިއްޔެ ބޭއްވުނު ކެބިނެޓް ބައްދަލުވުމުން އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ، ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ބިނާކުރުމަށްޓަކައި ފަސް އަހަރު ދުވަހަށް، ރޭވިގެން މިހާރުން ފެށިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން، ޕްރައިމަރީ އަދި ސެކަންޑަރީ ލެވެލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ފެންވަރު ރަނގަޅު، ދިވެހި ޓީޗަރުންނަށް ހެދުމަށް. އެ މަސައްކަތް އިރާދަކުރެއްވީތީ ފެށިގެން މިދަނީ. އޭގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންގެ ތުއްތު ދިވެހި ކުދިންގެ ދިވެހި ސިކުނޑިތައް، ދިވެހި ޤައުމިއްޔަތުގެ މަތީގައި ބިނާކުރަން ތިބޭނީ ދިވެހި ޓީޗަރުންނޭ. އެއީ، ވަރަށްވެސް މުހިންމު ކަމެއް. އިރާދަކުރެއްވިއްޔާ، އޭގެ ފޮނިމީރުކަން އަޅުގަނޑުމެންގެ ޢާއިލާތަކަށް، އަޅުގަނޑުމެންގެ ޅަދަރިންނަށް، އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބިގެންދާނެ.

އާދެ، އަޅުގަނޑު ހަމަ ކުރުކޮށްލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް އެންމެ މުހިންމީ، އަޅުގަނޑުމެންގެ މުސްތަޤްބަލަކީ މިހާރު މި ކުރެވޭ އިޚްލާޞްތެރި ބުރަ މަސައްކަތުން، އުޖާލާ ކުރެވިފައިވާ މުސްތަޤްބަލަކަށް ހެދިގެންދިޔުން. ހުރިހާ މާނައެއްގައި، ދިވެހި ޤައުމު ދެކެ ލޯބިވާ، ހިތުގެ ތެރޭގައި ޤައުމިއްޔަތު ފުންކޮށް ބިންވަޅު ނެގިފައިވާ ޖީލެއް ބިނާވެގެން ދިޔުން. އުސްކޮށް އިމާރާތް ކުރެވޭ އިމާރާތްތަކާ އެއްވަރަށް، އަޅުގަނޑުމެންގެ ޤައުމު ދެކެ ލޯބިވާ، ޤައުމީ ޖޯޝުން ފުރިފައިވާ ހިތްތަކެއް ލިބިފައިވާ ޖީލެއް ބިނާވެގެން ދިޔުން. އިރާދަކުރެއްވިއްޔާ، އެކަން އެގޮތުގައި ހާސިލުވެގެންދާނެ.

އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާށި! އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.