بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް އަދި މަސީގެ އެންމެހައި އިސްވެރިން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޑައިގެން ތިއްބެވި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅިވަޑައިގެންފައިވާ ހުރިހާ ބޭފުޅުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، ވަރަށްބޮޑު އުފަލެއް އަޅުގަނޑަށް ލިބިގެން މިދަނީ، ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީގެ ބުރަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ މިފަދަ މުހިންމު މަސައްކަތްތަކެއްގައި ބައިވެރިވާ ބޭފުޅުންނާ އެކީގައި މިހާ ގިނަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށްޓަކައި ބޭއްވޭ މި ޙަފްލާގައި ބައިވެރިވެވޭތީ. އަދި މިތަނުގައި ދެންމެ ފާހަގަކުރެއްވި ގޮތަށް، މަސީގެ ތާރީޚުގައި އުފެދިގެން އައިސް މިއަދު މި ޙަފްލާ ފުރަތަމަ މި ބޭއްވިގެންވެސް މިދަނީ. ފުރަތަމަވެސް މިތަނުގައި އެކިއެކި ވަނަތައް ހޯއްދެވި ހުރިހާ ޚިދުމަތްތެރިންނަށް، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް މި ވޭތުވެދިޔަ ދިގު މާޒީގައި ގިނަގުނަ ޚިދުމަތްތައް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވައި މަރުޙަބާ ދަންނަވަން.

ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތް މިވީހާ ތަނަށް ކުރިއިރުގައި، ދިވެހި ފަންނުވެރިން، ދިވެހި ކުންފުނިތަކުން މިވަނީ މި މަސައްކަތުގައި އެންމެގިނަ ކަންތައްތައް ކޮށްފައި. ބޭރުގެ ކުންފުނިތައް މިހާރު ވަރަށްގިނަވެއްޖެ. މިއީ، މިހާރު އެޑްރެސް ކުރަން ޖެހިފައިވާ މުހިންމު ކަމެއް. އަޅުގަނޑުގެ ހަނދާނަށް އަންނަނީ ކުރީގައި އަޅުގަނޑު މި ދާއިރާގެ މަސައްކަތްތައް ބެލެހެއްޓުމުގައި މިނިސްޓްރީއާ ހަވާލުވެހުރިއިރުގައި މަސީއާ ގުޅިގެން ކުރެވުނު ކަންތައްތައް. އޭރުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި. ޚާއްޞަކޮށް، ކުދި އަދި މެދުފަންތީގެ ކުންފުނިތައް އޮތީ ގާތްގަނޑަކަށް ނެތުމަކާ ހަމަޔަށް ގޮސްފައި. އެކަން ހައްލުކޮށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިރުން ގެނެސް، ކަމާބެހޭ ޤާނޫނެއް މަޖިލީހުން ފާސްކުރެވި، އެތައް ކަމެއް ކުރެވިގެންދިޔައީ މަސީގެ ވަރަށްބޮޑު ބައިވެރިވުމެއް ލިބިގެން.

އެހެންވީމާ، މި އިންޑަސްޓްރީ މިއަދާ ހަމަޔަށް ގެނައުމުގައި ތިޔަބޭފުޅުން ތިޔަކުރެއްވި މަސައްކަތަކީ، ހަމަ ޙަޤީޤަތުގައިވެސް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަންތައްތައް. އެކަމަށްޓަކައި އަދިވެސް އެއްފަހަރު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށާއި، އެގްޒެކެޓިވް ބޯޑުގެ މެންބަރުކަން މިހާތަނަށް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަދި މުޅި އިންޑަސްޓްރީއަށް އަޅުގަނޑު ހަމަ ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، އަޅުގަނޑުމެން ބޭނުންވަނީ، މި އިންޑަސްޓްރީ މިއަށްވުރެ މާ މަތީ ހަރުފަތަކަށް ގެންދަން. ވަރަށް އިންކްލޫސިވް އިންޑަސްޓްރީއަކަށްވާން. އަންހެން ބޭފުޅުން ވަރަށްމަތީ އިންސައްތައެއްގައި މަސައްކަތް ކުރައްވާ އިންޑަސްޓްރީއަކަށް، ޞިނާޢަތަކަށް، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބަދަލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. ރާއްޖޭގައި ކިޔަވައިގެން ތިބި މީހުންނަށް ބަލާއިރުގައި ގިނައީ ފިރިހެން ބޭފުޅުންނަށްވުރެ އަންހެން ބޭފުޅުން. އެކިއެކި ފަންނުތަކުގައި. މަސައްކަތްތެރިންގެ ތެރޭގައިވެސް ހަމަ އެގޮތަށް. އަޅުގަނޑުމެން ކީއްވެތޯ، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އެކިއެކި ފަންނުތަކުގައި، އެކިއެކި ގިންތިތަކުގައި މަސައްކަތް ކުރުމުގައި އެކަމުގެ މަގުފަހިކަން އަންހެން ބޭފުޅުންނަށް ހޯދައިނުދޭންވީ. ހޯދައިދޭން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތަކަށްވާނީ މަސީއާ ގުޅިގެން އަދިވެސް މި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން، ކުރިއަށް އޮތް އަހަރުތަކަކީ، ދިވެހި ކަނބަލުންނަށް މި ދާއިރާގައި މިހާރަށްވުރެ އެތައް ގުނައެއް ބޮޑަށް، ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ސިޔާސަތުތައް ބައްޓަންކޮށް، އެކަމަށް މަސައްކަތްކުރާ ބަޔަކަށްވާން. އިރާދަކުރެއްވިއްޔާ، އެކަން ތިޔަބޭފުޅުންގެ އެހީތެރިކަމާ އެކީގައި ހާސިލުކުރެވޭނެ. އަޅުގަނޑު އެދެނީ އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް. އަދި އެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަދި ހަމަ އެއާއެކީގައި، ނުކުޅެދުންތެރިކަން ހުންނަ އެކިއެކި ފަރާތްތައް އެބަތިބި. އެ ބޭފުޅުންގެ ތެރޭގައިވެސް މި އިންޑަސްޓްރީގައި މަސައްކަތް ކުރަން ބޭނުންވާ އެތައް ބަޔަކު ތިބޭނެ. އަޅުގަނޑުމެން އެބަޖެހޭ ރީޗްއައުޓްވާން. އެފަރާތްތަކާ ހަމަޔަށް ވާސިލްވާން. އެސްޕިރޭޝަންސް ހުރި ޒުވާން ކުދިން، އެކިކަހަލަ ޑިސްއެބިލިޓީޒް ހުރި ކުދިން އެބަތިބި. މި ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ކުދިން އެބަތިބި. އަޅުގަނޑުމެން ކީއްވެތޯ ފުޅާނުވާންވީ، ރީޗްއައުޓް ނުވާންވީ، ވާސިލްނުވާންވީ. ވާސިލްވާން އެބަޖެހޭ.

އެހެންވީމާ، އިންކްލޫސިވް އިންޑަސްޓްރީއަކަށް ހެދުމުގައި އަންހެން ބޭފުޅުންނާއި، އެކިއެކި ޑިސްއެބިލިޓީޒްތައް ހުންނަ ފަރާތްތަކަށް ދެވެންހުރި އެންމެ ފަހި ފުރުޞަތުތައް ދޭނެ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އެކަމުގައި ސަރުކާރާ އެކީގައި ވަރަށް އިސް ދައުރެއް "މަސީ"އިން އަދާކުރުމަކީ، އަދި މުޅި އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުން އަދާކުރުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް. އަދި އެކަމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސް ކުރަން. އަދި އެކަމުގެ ޔަޤީންކަން އަޅުގަނޑަށް އޮތް ވާހަކަވެސް ދަންނަވަން. އަޅުގަނޑު ދެކެން ބޭނުންވަނީ، އަޅުގަނޑުމެންގެ މި އިންޑަސްޓްރީއަކީ، ދެން އޮތް ހަރުފަތަށްދާއިރުގައި މިފަދަ އިންކްލޫސިވް ހުރިހާ ފަރާތްތަކެއް ބައިވެރިވާ އިންޑަސްޓްރީއަކަށް ވާން. އަދި ސަރުކާރުގެ މަޝްރޫޢުތައް ކާމިޔާބު ކުރުމުގައި ކޮންމެވެސް ގޮތަކުން ބޭރު ކުންފުނިތަކުން މިހާރު މި ފެންނަ މި ޑޮމިނޭޓް ކުރާ ކުރުން ނިމުމަކަށް ގެނައުމުގައިވެސް ބުރަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ގަވާއިދުތަކާއި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލެއްވިއްޔާ، އެކަން އަޅުގަނޑުމެން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ގެންނާނަން. އެވޯޑް ކުރުމުގައި، ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަންވެސް ކުރާނަން. ދިވެހި މަސައްކަތްތެރިންނަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް މި ފަހިކަން އެބަޖެހޭ ދޭން.

އަޅުގަނޑުމެން ދިވެހިންގެ ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ޙިމާޔަތްކުރާ ވާހަކަ ދައްކާއިރުގައި އެއީ، ހުރިހާ މާނައެއްގައި މިނިވަންކަން ދިފާޢު ކުރުމުގެ ވާހަކަ. އަޅުގަނޑުމެންގެ ޤައުމިއްޔަތު ކުރިއަރުވައި ދިރުވާ ވާހަކަ ދެއްކުމަކީ، ފަންނުވެރިކަމާއި ޞިނާޢަތްތައްވެސް އޭގައި ދިވެހިންގެ އަތްމައްޗަށް ފުރޮޅާލައި، ދިވެހިން އެކަމުގައި ބަސްކިޔާގޮތަށް ކަންކަން ބަދަލުވެގެން ދިޔުމުން ނޫނީވިއްޔާ ހާސިލުވާނެ ކަމެއް ނޫން.

އެހެންވީމާ، ބޭރު ކުންފުނިތަކުން މަސައްކަތް ކުރެވިދާނެ. ޚާއްޞަކޮށް، އެކިކަހަލަ ސްޕެޝަލައިޒްޑް މަސައްކަތްތަކުގައި ބޭރު ކުންފުނިތައް އުޅޭނެ. އުޅެންވެސްޖެހޭނެ. އެހެން ނަމަވެސް، ދިވެހި ކުންފުނިތަކަކީ އެކަމުގައި ނަގާކިޔައި، ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަކީ، އެކަމުގައި ލީޑް ރޯލް އަދާކުރާ ފަރާތްތަކަށް އަނެއްކާވެސް ބަދަލުވާން އެބަޖެހޭ، ސަރުކާރުގެ މަޝްރޫޢުތައް ލިބޭ ލިބުމަށް ބަލާއިރުގައި. އެހެންވީމާ، މިގޮތަށް މިކަން ކުރުމަކީވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރަން ގަސްތުކުރާގޮތް.

އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރާ ވާހަކަ ދައްކާއިރު، ފަންނުވެރިކަމުގެ ދާއިރާއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީން މުހިންމު ދައުރެއް އަދާކުރަން އަޅުގަނޑު އެދޭ ވަރަށް މުހިންމު ދާއިރާއެއް އެއީ، ސަގާފަތާއި ތާރީޚު ޙިމާޔަތް ކުރުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރުން. އަޅުގަނޑުމެންގެ އެބަހުރި ވަރަށް ޒަމާންވީ އެކިކަހަލަ ބިނާތައް. އެ ތަންތަން އެބަޖެހޭ ރީ-ސްޓޯރ ކުރަން. އެ މަސައްކަތް ކުރުމުގައި ދިވެހި ފަންނުވެރިން، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން އެކަމުގައި އިސް ދައުރެއް އަދާކޮށްދެއްވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް. ކުރިއަށް އޮތް، އަންނާން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ މި މިސްކިތްތަކާއި، މިހެންހުރި އެކިކަހަލަ ވަޅުތަކާ، މިހެންގޮސް ގެއްލިފައި ހުރި ތަންތަން ގެނެސް، ފެންނަ ހިސާބަށް ގެނެސް، ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކޮށްދިނުމަކީ ހަމަ ވަރަށް މުހިންމު ކަމެއް، އިންޑަސްޓްރީއަށް އެކަމުގައި ފުރިހަމަ ދައުރެއް އަދާކުރެވިދާނެ ކަމެއް.

އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަށް އެހީތެރިކަމުގެ އަތެއް، ވަރަށް ފުރިހަމަ މާނައެއްގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން ދެއްވުމަށް. އެކަމުގައި އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން ހަމަ ތިޔަބޭފުޅުންނަށް އެބައޮތް.

އަޅުގަނޑުމެން ގަސްތުކޮށްފައި މިއޮތީ އަދި މިއަދު ކެބިނެޓުގައި މަޝްވަރާކޮށް ނިންމި މުހިންމު ނިންމުންތަކުގެ ތެރެއިން އެއްކަމަކީ، ދިވެހި މޯލްޑިވިއަން އޮންލީ، އާދެ، ދިވެހިންނަށް ޚާއްޞަ ދާއިރާތަކެއް ކަނޑައެޅުން. ފޭސްއައުޓް ކުރެވިގެން، ކުރިއަށް އޮތް އަހަރުތަކަށް ބަހާލެވިގެން، އެގޮތަށް ގޮސް އެހެން ކަނޑައެޅޭ ދާއިރާތަކެއް ކަނޑައަޅަން. ދެ އަހަރުން ގޮސް ފަސްއަހަރާ ހަމަޔަށް. އެކި ދާއިރާތަކަކީ ކަމާބެހޭ ސްޓޭކް ހޯލްޑަރުންނާވެސް އެކީގައި މަސައްކަތް ކުރެވި އަދި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދީ، އަދި މަސައްކަތް ލިބޭނެގޮތަށް ކަންކަން ބައްޓަންކުރެވި، މި ހުރިހާ ކަމެއް ކޮށްގެން، ދެ އަހަރާއި ފަސް އަހަރުގެ ތެރޭގައި ދިވެހިންނަށް ޚާއްޞަ ދާއިރާތަކުގެ ގޮތުގައި މިއަދު ވާނެ ވަރަށްގިނަ ދާއިރާތައް ކަނޑައަޅާފައި. އޭގެތެރެއިން މިރެޔަށް ޚާއްޞަކޮށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއްވެސް އަޅުގަނޑުމެން ވާނީ ކަނޑައަޅާފައި. ކުރިއަށް އޮތް ދެ އަހަރު ދުވަހު މަސައްކަތްކޮށް، ދެ އަހަރު ފަހުން މި ތިން ފީލްޑަކީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއެއްގެ ގޮތުގައި ކަނޑައެޅީ. އެއީ ބިލްޑިންގ އިންސްޕެކްޓަރުންގެ ދާއިރާއާއި، ސައިޓް ސުޕަވައިޒަރުންގެ ދާއިރާއާއި، ސާރވޭޔަރުންގެ ދާއިރާ. މި ތިން ދާއިރާއަކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއަށް ވެގެންދާނެ.

ބޭނުމަކީ ކޮބައިތޯ؟ ދެންމެ މި ދެއްކި ވާހަކަ. ދިވެހިވަންތަކަން އަޅުގަނޑުމެންގެ ހުރިހާ ކަމެއްގެ ތެރެއަށް ގެނައުން. ދިވެހިންގެ އަތްމައްޗަށް ހުރިހާ ކަމެއް ގެނައުން. ގެންނައިރުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ، ދެވަނައަށް އެންމެބޮޑު އިންޑަސްޓްރީއަށްވާއިރުގައި، އެބަޖެހޭ މިކަހަލަ ކަންތައްތައް ކުރަން ފަށަން. އަދި ކުރިއަށް އޮތް ތާނގައި ސިވިލް އިންޖިނިއަރުންނާއި، އާކިޓެކްޓުންނާއި، ދެން ތިބި ބަޔަކުވެސް މޯލްޑިވިއަން އޮންލީ، ދިވެހިންނަށް ޚާއްޞަ، ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކަށް އިރާދަކުރެއްވިއްޔާ ވާނެ. އަޅުގަނޑުމެންގެ 20 އަހަރުގެ މާސްޓަރ ޕްލޭން ތެރޭގައި، އަޅުގަނޑުމެންގެ ވިސްނުމަކީ، މުޅި އިންޑަސްޓްރީއަކީވެސް ހަމަ ދިވެހިން އެކަނި މަސައްކަތްކުރާ އިންޑަސްޓްރީއަކަށް ބަދަލުވެގެންދިޔުން. އެހެން ނަމަވެސް، ފުރަތަމަ މި ދެންނެވި ތިން ދާއިރާއަކީ، ދިވެހިން އެކަނި މަސައްކަތްކުރާ ދާއިރާތަކަށް ހެދުމަކީ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. އެކަން މަސީގެ ފުރިހަމަ އެއްބާރުލުމާއި، މުޅި އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުމާ އެކީގައި އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ.

ދިވެހިންނަށް ވަޒީފާ ހޯދައިދިނުން، ވަޒީފާ އެންމެންނަށް، މި ސިޔާސަތު އެއީ، އަޅުގަނޑު ކެމްޕެއިންގައި އިޢުލާނުކުރި، އަޅުގަނޑުމެން ތަންފީޒު ކުރާނެ މުހިންމު އެއް ސިޔާސަތު. އެ ސިޔާސަތުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު މި އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަކީ، ދިވެހިންނަށް ޚާއްޞަ ފީލްޑްތަކެއް ދެވިގެން މަސައްކަތްކުރާ މީހުންނަށް ހެދިއްޖިއްޔާ، މި ދެންނެވި ވަޒީފާ ލިބޭ މަގު ހުޅުވި، ފުރުޞަތު އެބަ ލިބޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެއީ، އަޅުގަނޑުމެންނަށް ހާސިލުކުރެވިގެންދާނެ ކަމެއް ކަމަށް އަޅުގަނޑަށް ޔަގީން.

އަޅުގަނޑުމެން ތަރައްޤީގެ މަސައްކަތްތައް މި ކުރަނީ، ވަރަށްވެސް ފޮނި އުންމީދެއްގައި. އަޅުގަނޑުމެންގެ ދަރިންނަށް. ދަރިންގެ ދަރިންގެ މުސްތަޤްބަލަށް އުޖާލާކަން ހޯދައިދޭން. މިކަމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް، ރާއްޖޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ މުހިންމު އެއް ދައުރު އަދާކުރެވޭނެ. އެއީ، އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން ވަރަށް މުހިންމު.

އަޅުގަނޑު އިޢުލާނު ކުރިން އަޅުގަނޑުމެންގެ އޮތީ އިމާރާތްތައް ބިނާކޮށް، ތަރައްޤީގެ މިފަދަ ބިނާތައް ގެނައުމާއި، އިންސާނުންގެ ސިކުނޑި ބިނާކުރުމާ، ދެ ބިނާކުރުމެކޭ. އެހެންވީމާ، އިމާރާތްތައް ބިނާކޮށް، އިންފްރާސްޓްރަކްޗަރ ޤާއިމުކޮށް، މި ބިނާކުރުމަކީ ތިޔަބޭފުޅުންގެ ހިތްވަރާ އެކީގައި އަޅުގަނޑުމެން އެންމެން ގުޅިގެން ޤައުމަށްޓަކައި ކުރެވޭނެ ކަމެއް.

އަޅުގަނޑުމެން ވަނީ މިފަދަ ކަންތައްތައް ކުރަން މެނިފެސްޓޯގައި ހިމަނާފައި. އެ މަސައްކަތްތައް އަޅުގަނޑުމެން ތާވަލްކޮށްފައި އޮތްގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް މި ގެންދަނީ. ހަފްތާ 14ގައި ކަނޑައެޅި ކަންކަން، ހަމަ އެ ކަނޑައެޅި ގޮތަށް އިރާދަކުރެއްވިއްޔާ ކުރެވޭތޯ މި ބަލަނީ. އެގޮތުން، މާލޭގައި އެންމެބޮޑު އަދި ރާއްޖޭގައިވެސް އެންމެބޮޑު އެއް މައްސަލަ ކަމުގައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު ހިއްކާފައިވާ އަދި ހިއްކަމުންދާ ސަރަޙައްދުތަކުން ނުފުދޭނެތީ، އެއީ، ހުޅުމާލޭގައި ހިއްކާފައި އޮތް ތަނާއި، ގިރާވަރު ފަޅުން ހިއްކަމުންދާ ބިމާއި އަދި ގުޅީފަޅުން ހިއްކާ ބިމާއި، އަދި އެތަންތަނަށް އަޅުގަނޑުމެން އިތުރުކުރަން ނިންމާފައިވާ ބިމުގެ އިތުރަށް، މި ދެންނެވީ ގިރާވަރު ފަޅަށް ފަންސާހަކަށް ހެކްޓަރު އަޅުގަނޑުމެން އިތުރުކުރާނަން. ގުޅިފަޅަށް އަށްޑިހަ ފަސްވަރަކަށް ހެކްޓަރު އިތުރުކުރާނަން އިރާދަކުރެއްވިއްޔާ. މި އިތުރުކުރުމާއި ހުޅުމާލޭގެ ބިމާ، މި ތަންތަނުން އެކަންޏެއް ނެތޭ މާލޭގައި މިއޮތް ގެދޮރުގެ މައްސަލަ ހައްލުވާކަށް. ގާތްވެސްނުވޭ. އެހެންވީމާ، އަޅުގަނޑުމެން ނިންމީ ރަސްމާލެ ހިއްކަން. ރަސްމާލެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ތާވަލް ކުރެވިފައިވާ ގޮތަށް އެވަނީ ފެށިފައި.

މި ހުރިހާ ބިމަކުން ހާސިލުވެގެން މިދަނީ މާލޭގައި ގެދޮރުގެ މައްސަލައަށް ހައްލު ލިބުން. އަދި ޖުމްލަކޮށް އިރާދަކުރެއްވިއްޔާ، ރާއްޖޭގައި ގެދޮރުގެ މައްސަލައާއި، މި ސަރަޙައްދުން ގެދޮރު ބޭނުންވާ އެންމެންނަށް އެ ހައްލު ލިބިގެންދިޔުން. އަޅުގަނޑުމެންގެ ސިޔާސަތަކީ ސަރަޙައްދީ ތަރައްޤީގެ ސިޔާސަތު. އުތުރާއި ދެކުނަށް، މެދުރާއްޖެތެރެއާއި އެކި ސަރަޙައްދުތަކުގައި އާރބަން ސެންޓަރތައް ޤާއިމުކުރުން. ހަމައެކަނި މާލެ ކައިރި ތަރައްޤީކޮށްގެން، މާލެ ކައިރި ތޮއްޖެއްސުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެހެން ނަމަވެސް، މި ސަރަޙައްދުން ގެދޮރު ބޭނުންވާ އެންމެންނަށް ބޭނުންވާ ބިން، ދައުރުގެ ފަހުކޮޅު ވޯޓުކޮޅެއް ހޯދަންވީމާ، އެ ވޯޓުގެ ދަހިވެތިކަމުގައި ހިއްކާ ބިމަކަށް ނަހަދައި، އެންމެ ފުރަތަމަ، އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި، ޙަޤީޤީ މާނައިގައިވެސް އަޅުގަނޑު ދެންނެވިން، ޤައުމީ މައްސަލަތައް ނަގާފައި އަޅުގަނޑަށް އެންމެ އިސްކަމަކަށް އޮތީ ގެދޮރުގެ މައްސަލައޭ.

އެހެންވީމާ، ޤައުމީ މައްސަލަތަކުގައި، ފުރަތަމަ ދުވަހު، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބާލަން އިންޑިއާގައި އަޅުގަނޑުމެން ދަންނަވާފައި، އެކަމާ ގުޅޭ މަސައްކަތް ފަށާފައި، ދެން މި ކުރާ ކަމަކީ، ގެދޮރުގެ މައްސަލަ ހައްލުކުރުން. އެކަމަށްޓަކައި ބިން އުފެއްދުން. އެ މަސައްކަތް މިވަނީ ފަށާފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަކީ ޢަމަލާއި ބަހާ ފުރިހަމައަށް ދިމާވާނެ ބައެއް.

އެހެންވީމާ، ގެދޮރުގެ މައްސަލަ ހައްލުކުރަން މި ފެށި މަސައްކަތަކީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީން ފުރިހަމަ ދައުރެއް އަދާކުރަންޖެހޭނެ މަސައްކަތެއް. މި ރަސްމާލެއަކީ އިކޯސިޓީއެއް. އެތަނުގައި ހުރިހާ ކަމެއް ޤާއިމުވެގެންދާނީ، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި. ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް ހުރިހާ މިންގަނޑަކުން ކަނޑައެޅޭ ގޮތަށް ބިން ހިއްކިގެން ދަނީ. އުސްމިނަށާއި، ދެންހުރި ހުރިހާ ކަމަކަށް ބަލައިގެން. އެތަނުގައި ބޭނުންކުރާ އެނަރޖީއަކީ ދެމެހެއްޓެނިވި އެނަރޖީ، ރިނިއުބަލް އެނަރޖީ. އެހެންވީމާ، ޒީރޯ ކާރބަން ހާސިލުވާ ސިޓީއެއް، މޮޑަން ޑިޖިޓަލް ސިޓީއެއް. ގެދޮރުގެ މައްސަލަ ހައްލުވާ، ވިޔަފާރީގެ ފުރުޞަތު ލިބޭ، ހުރިހާ ކަމެއް އެތަނުގައި އިރާދަކުރެއްވިއްޔާ ފުރިހަމަ މާސްޓަރ ޕްލޭނެއްގެ ތެރެއިން ހާސިލުވާ ތަނެއް.

މި މަސައްކަތަކީ ޒަމާނީ ކޮންސްޓްރަކްޝަންގެ މަސައްކަތަށް، ޒަމާނީ ކޮންސްޓްރަކްޝަންގެ ވައްޓަފާޅިއަށް އަޅުގަނޑުމެންނަށް ހުޅުވައިލެވޭ ވަރަށްބޮޑު ދޮރެއް. ފަސްދޮޅަސް ފަސްހާސް ގެދޮރު ގާއިމު ކުރުމަކީ، ދުލުން ބުނެލަން ފަސޭހަވިޔަސް، ވަރަށް ބޮޑު ކަމެއް. މިކަމުގައި ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް ފުރިހަމައަށް ބައިވެރިވުމަކީ، އަޅުގަނޑު ވަރަށް އުންމީދުކުރާ އަދި ޔަގީންކުރާ ކަމެއް.

އިމާރާތްކުރުމުގެ އިތުރަށް، އިންފްރާސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް، ދެން މިހެންގޮސް މުޅި ސިޓީ ގާއިމު ކުރުމުގައި އެ ހިނގާ ހުރިހާ ކަމެއްގައި ބައިވެރިވުން އެއީ، ވަރަށް މުހިންމު ކަމެއް. ފްލީ އެކްސެސިބަލް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް، ހުރިހާ ސަރަޙައްދަކަށް ދެވޭ، ފްލީ އިންކްލޫސިވް ސިޓީއެއް އެއީ. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން ދިވެހިން ފަޚުރުވެރިވާ ފަދަ ކަމަކަށް ވެގެންދިޔުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް. އަދި ހަމަ އެއާއެކީގައި، މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް މައުޟޫޢު، ކްލައިމެޓް އެޑަޕްޓޭޝަން، ކްލައިމެޓް ޗޭންޖަށް މަސައްކަތްކުރުން، އެކަމުގައި ރާއްޖޭގެ ފަރާތުން ކުރެވެން އޮތް ކަމެއްވިއްޔާ ކުރަން މި މަސައްކަތް މި ކުރަނީ.

އަޅުގަނޑުމެން ވާނީ އެސް.އީ.ޒެޑް. ޤާނޫނުގެ ދަށުން، އެސް.އީ.ޒެޑް. އިންވެސްޓްމަންޓްތަކަށް މިހާރު ފުރުޞަތު ހުޅުވައިލާފައި. އޭގެ ތެރެއިންވެސް މިހާރު އަޅުގަނޑު އުފަލާއެކީގައި ދަންނަވާލަން. ފުރަތަމަ ޕްރޮޕޯޒަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެ ޕްރޮޕޯޒަލްއަކީވެސް ރިނިއުބަލް އެނަރޖީގެ ދާއިރާއިން ސަތޭކަ ދިހަ މެގަވޮޓް ހާސިލުވެގެންދާ އެސް.އީ.ޒެޑް. ޕްރޮޕޯޒަލެއް. އެ ޕްރޮޕޯޒަލް އަޅުގަނޑުމެންނަށް ލިބިފައިވާކަން އުފަލާއެކީގައި އަޅުގަނޑު އިޢުލާނު ކުރަން

މިއީ، ކޮޕް-28 އަށްފަހު އަޅުގަނޑު ހިތުން، އަޅުގަނޑުގެ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، އެއްވެސް ޤައުމަކުން ފުރަތަމަ އެ މަގުސަދު ހާސިލުކުރުމަށްޓަކައި ފަށާ މަސައްކަތް، އިންވެސްޓްމަންޓް. މިކަމަކީވެސް މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެކިއެކި ދައުރުތައް އަދާކުރަންޖެހޭ މަސައްކަތެއް.

ރިނިއުބަލް އެނަރޖީގެ ދާއިރާގައި ދެމެހެއްޓެނިވި އެނަރޖީ، ދެމެހެއްޓެނިވި ތަރައްޤީ ރާއްޖެއަށް ހާސިލުކުރުމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެބަޖެހޭ މުހިންމު ދައުރެއް އަދާކުރަން. ބޭރު ފަރާތްތަކުން އައިސް ހުރިހާ ކަމެއް އަތްމައްޗަށް ނަގައި، އެ ކަންކަން ހާސިލުކުރަން ދޫކޮށްލީމާ، އެއެއް ނޫން އަޅުގަނޑުމެންގެ ޤައުމިއްޔަތު އަޅުގަނޑުމެން ސަލާމަތްކުރުމަކީ، ޔަޤީންކުރުމަކީ. އެހެންވީމާ، އެކަމުގައި ބައިވެރިވެ އަދި އިތުރު އިންވެސްޓްމަންޓްތައްވެސް ގެނައުމުގައި ތިޔަބޭފުޅުންގެ ކުންފުނިތަކުންވެސް މަސައްކަތް ކުރަންޖެހޭ. ރާއްޖެއަށް އެސް.އީ.ޒެޑް. ގެ ފުރުޞަތު އެއޮތީ އަޅުގަނޑުމެން ތަންމިނަށް ހުޅުވައިލާފައި. އެހެންވީމާ، އަޅުގަނޑު އެދެނީ ވަރުގަދަ މަސައްކަތްތަކެއް ކުރަން.

ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މެޓީރިއަލްތައް، ބަލްކުކޮށް ގެނެސް، ރާއްޖޭގައި އެސް.އީ.ޒެޑް. ސްޓޭޓަސް އަޅުގަނޑުމެން ދޭން މިތިބީ ތައްޔާރަށް. ބަލްކް ސްޓޯރޭޖް ބިޒްނަސްއެއް ފަށައި، ރާއްޖޭގައި ސްޓޯރކޮށްގެން ރީ-އެކްސްޕޯޓްވެސް ކުރަންވީ. ރާއްޖެއަށް ބޭނުންވާވަރުވެސް ގެނައިމާ، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އޭރުން އެ ލިބުނީ، ޖުމްލަކޮށް މުޅި ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް. އެހެން ޤައުމުތަކަށްވެސް ރީ-އެކްސްޕޯޓް ކުރަންވީ. މިކަހަލަ އެތައް ފުރުޞަތެއް އަޅުގަނޑުމެން މިހާރު މިވަނީ ހުޅުވައިލާފައި. އެހެންވީމާ، އަޅުގަނޑު އެދެނީ ތިޔަބޭފުޅުން އަވަހަށް މަސައްކަތް ފަށްޓަވަން.

ޤައުމު ތަރައްޤީ ކުރުމުގައި ތިމަންނާމެންނަށް ކުރެވެން އޮތީ ކޮންކަމެއްތޯ ބަލައި، އަވަހަށް އެ މަސައްކަތްތަކައިގެން ކުރިޔަށް ވަޑައިގަންނަވާ. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާ އެކީގައި، އެ މަސައްކަތުގައި ދާން ތިބިހާ ހިސާބަކަށް، ދާން ބޭނުންވާ ހިސާބަކަށް ދިއުމުގައި ފުރިހަމަ އެއްބާރުލުން ދޭގޮތަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޤައުމު އުޖާލާކުރާނީ އަޅުގަނޑުމެން އަމިއްލައަށް.

އާދެ، އެހެންވީމާ، މިފަދަ ގިނަ މަޝްރޫޢުތައް ހިންގުމުގައި، ބްރިޖުގެ މަޝްރޫޢުތަކަށް ބެލިނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައަޅާފައި މިހިރަ ގިނަ ބްރިޖް މަޝްރޫޢުތައް، މިސާލަކަށް، އައްޑޫގައި ގާތްގަނޑަކަށް ފަނަރަ ކިލޯ މީޓަރުގެ ބުރިޖެއް އެއީ. ކޯޒްވޭ، ބޮޑު ބައެއް އޮތަސް، ބްރިޖެއް އެއީ. ދެތިން ކަނޑުއޮޅި ހުރަސްކުރަންޖެހޭ. އެއީ، ބޮޑު ކޮންސްޓްރަކްޝަން މަސައްކަތެއް. ތިނަދުއާއި، ކާޑެއްދޫ އެއަރޕޯޓާ ބްރިޖަކުން ގުޅުވައިލުމަކީ، އަޅުގަނޑުމެންގެ ވަޢުދެއް. އެއީ ބޮޑު މަޝްރޫޢެއް. މިހާރު ތިލަފުށްޓާ ހަމައަށް އޮތް ބްރިޖް ގޮސް، އުތުރު ތިލަފަޅާ ހަމައަށް ގުޅުވައިލުމަކީ، ދެ ބްރިޖެއް އަޅައިގެން ވާންއޮތް ކަމެއް. އެއީ، ބޮޑު މަސައްކަތެއް. އަދި އެހެންގޮސް އަޅުގަނޑުމެން އެބަހުރި، ބްރިޖް އެޅުމުގެ ދާއިރާއަށް ބެލިޔަސް، ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކުން ފުޅާކޮށް ވަންނަން އަޅުގަނޑު އެދޭ ދާއިރާތައް. މަސައްކަތެއް މިއީ.

ހަމަ އެފަދައިން، އެބަހުރި މިގޮތަށް އަޅުގަނޑުމެން ފުޅާކުރަން، ތިޔަބޭފުޅުންގެ ފުރިހަމަ ބައިވެރިވުން ބޭނުންވާ އެތައް ކަމެއް. މި މަސައްކަތްތައް ކުރެވޭނީ އަޅުގަނޑުމެން އެންމެން ޤައުމީ ވިސްނުމެއްގައި، އެންމެން އެކައްޗެއް ކިޔައިގެން ނުކުމެގެން. އަޅުގަނޑުމެންނަށް މުހިންމީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ދިވެހި ޤައުމު. ދިވެހިވަންތަކަން، ދިވެހި މިނިވަންކަން ހިމާޔަތްކުރެވިގެން ދިޔުން. އެކަމަށް އެންމެން ފޯކަސްކޮށްގެން، އެންމެން ސަމާލުކަން ދީގެން، އެންމެން ނުކުމެ، އެކައްޗެއް ކިޔައި، މަސައްކަތް ފަށައިފިއްޔާ ޤައުމު އެބަ އުޖާލާވޭ. އެންމެން އެކަތިގަނޑަކަށްވާން އަޅުގަނޑު ތަކުރާރުކޮށް ކޮންމެ ޖަލްސާއެއްގައިހެން، މި ދަންނަވަނީ ޙަޤީޤީ މާނައިގައި އެކުވެރިވާން، އެކަތިގަނޑަކަށްވާން. ހަމައެކަނި ސިޔާސީ މީހުން އެކައްޗެއް ކިޔާކަށް ނޫން. އިމާރާތްކުރުމުގެ ދާއިރާ، ދެން އޮތް ދާއިރާއެއް، ހުރިހާ ޞިނާޢަތެއް، އިޖުތިމާޢީ ދާއިރާތައް، އެންމެންނަށް މި ޤައުމު މުހިންމުވާން އެބަޖެހޭ. އޭރުންނޭ ތިމަންނާމެންނަށްވެސް ޤައުމަށް ކަމެއް ކޮށްދެވުނުކަމުގެ ޔަޤީންކަން މި ހާސިލުވަނީ.

އެހެންވީމާ، މި މަސައްކަތްތައް މިގޮތަށް ކުރުމުގައި، މި ޤައުމު ބިނާކުރުމުގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވޭނެކަން އަޅުގަނޑު ހަމަ މި ވަގުތު މި ފާހަގަކުރަނީ، އެ ޔަޤީންކަން އަޅުގަނޑަށް އޮތީތީ. އެ މަސައްކަތުގައި ކުރިޔަށް ދާން ތިބި ބަޔަކަށްވާތީ.

އާދެ، އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަމުންވެސް، ހަމަ އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަމުން، ދަންނަވަން ބޭނުންވަނީ، އަދި މިތިބީ މިހާ ހިސާބުގައޭ. އެބަޖެހޭ މި ހިސާބުން ދަންޏާ ވަރަށް ގިނަ މަސައްކަތް ކުރަން. ޤައުމީ ވިސްނުމެއްގައި އެކަމަކު ދާންވާނީ. އެންމެ ފުރަތަމަ، ޤައުމު އިސްކުރާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަޤްބަލް އޮތީ ވަރަށް އުޖާލާކޮށޭ.

އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ހެޔޮ ބަރަކާތް ލައްވާށި. އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.