بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ބޯޑުގެ ޗެއަރމަން އިސްމާޢީލް އަދުހަމް، ކުރީގެ ޗެއަރޕަރސަން ޠާހާ، އެގްޒެކެޓިވް މެންބަރުން، ކެއަރ ސޮސައިޓީގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުން، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ވަގުތުވެސް އަޅުގަނޑުމެންނަކަށް ތަނެއް ނުދޭ. ޝުކުރު އަދާކޮށްލަން ބޭނުންވަނީ. ފަންސަވީސް އަހަރު ކުރިން، މި ކަންތައް ފެށިގެން އައިއިރު، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި މި ކަންތައް ބަލައިގަތުމާއި، މިކަމުގެ ހޭލުންތެރިކަން ހުރި މިންވަރު، އެކަން އަޅުގަނޑުމެން ވިސްނާލަން ޖެހެނީ. އެދުވަހު ވަރަށް ވިސްނުންތެރިކަމާއެކު މި ކަންތައް ފެށްޓެވި ފަރާތްތަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން އެބަޖެހޭ. ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ޢާފިޔާގެ ނަންފުޅު. ޢާފިޔާ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި، ފެށުނީއްސުރެ މިއަދާ ހަމައަށް. އަޅުގަނޑަށްވެސް ގިނަ ފުރުޞަތުތަކެއް ލިބުނު، ކެއަރ ސޮސައިޓީގެ ބޭފުޅުންނާއެކު، ވަރަށް ކުރިއްސުރެވެސް އެކިއެކި މަސައްކަތުގައި ބައިވެރިވެލުމުގައި. އަދި މި ސަރުކާރުގައިވެސް އަޅުގަނޑަށް ކޮންމެވެސްވަރަކަށް މި ފުރުޞަތުތައް ލިބިއްޖެ.

އަޅުގަނޑުމެންނަށް ކޮންމެ ކަމެއްވެސް ކާމިޔާބު މި ކުރެވެނީ، ވަރަށް ގިނަ ބައެއްގެ އެކުވެރިކަމާއެކު. އަމިއްލަ އެން.ޖީ.އޯސް.ތަކުން ކުރި މަސައްކަތްތަކާއި އަދި ޚާއްޞަކޮށް، ކެއަރ ސޮސައިޓީގެ ފަންސަވީސް އަހަރުގެ މި އިންކްލޫސިވް އެޑިޔުކޭޝަނާ ދިމާއަށް މިކުރި ދަތުރުގައި ސަރުކާރުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ކުރީގެ ސަރުކާރުތަކުންވެސް ކުރި. މި ފަސް އަހަރުގައި ޚާއްޞަކޮށް، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އުފައްދައި، ސްކޫލްތަކުގައިވެސް މި ކަންތައް ފުޅާކޮށް، ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް އެކި ދިމަދިމައިގައި، ހޮސްޕިޓަލްތަކުގައްޔާއި، އެކި ތަންތަނުގައި ތެރަޕީ ދިނުމާ، މި ކަންތައްވެސް ކުރެވިއްޖެ.

އަޅުގަނޑު މިއަދު ގަބޫލުކުރަނީ މި ކަމަކީ މި މުޖުތަމަޢުގެ ތެރޭގައި ކުލުނާއި ލޯބި އުފެދިގެން ކުރެވޭ ކަމެއް ކަމަށް. މިއީ ލޯބިން ކުރެވޭ ކަމެއް. މިއީ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ވަރަށް ހީވާގިކަމާއެކު، ކެއަރ ސޮސައިޓީގައި މި ކުދިންނަށް އެކިއެކި ތަމްރީނު ދެއްވައި، އެކިއެކި ފިލާވަޅުތައް ނަންގަވައިދެއްވައި، އެ ބޭނުންވާ ތެރަޕީ ވަކި ގޮތްތަކަކަށް ދިނުމަށްޓަކައި އެ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް.

އަޅުގަނޑުމެންނަށް ޔަޤީން، އަޅުގަނޑުމެން އެކުވެރިކަމާއެކީ، ގުޅިގެން ކުރާ ކޮންމެ މަސައްކަތެއް އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. އަޅުގަނޑުމެންނަށް ބޭނުންވަނީ، މިގޮތަށް މުޖުތަމަޢުގައި ކަންތައްތަކަށް ޖެހިފައި ތިބި، ބޭނުންޖެހިފައި ތިބި ފަރާތްތަކަށް އަޅައިލާނެ މީހުން. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރެއިން އެ ކަންތައް އެބަ ފެނިގެންދޭ.

މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ވަކިން ޚާއްޞަކޮށް، ކެއަރ ސޮސައިޓީގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކާއި އަދި ބެލެނިވެރިން އެ ކުރައްވާ މަސައްކަތަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހެޔޮ ބަރަކާތް ލައްވާށި. އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވާށި. އަޅުގަނޑުމެންގެ މި ތުއްތު ކުދިންނަށް ފާގަތި މުސްތަޤްބަލެއް ދެއްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.