އަޙްމަދު ޝިޔާމް - މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

43 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން، މި ހޯލުގައި މަސްވެރިންނާއި، އަދި މަސްވެރި ޞިނާޢަތުގައި މަސައްކަތް ކުރައްވާ ޕްރައިވެޓް ކުންފުނިތަކާއި އަދި "ގުންޒަރު"ގެ ނަން ދެވިފައިމިވާ ފޯރަމަށް، މި ގުންޒަރަށް މަޢުލޫމާތު ދެއްވަން ވަޑައިގެންނެވި ހުރިހާ ބޭފުޅުންނާ އެކީގައި މިއަދު 9 ން ފެށިގެން 6 ޖަހަންދެން މި ބޭފުޅުން މިއަދު މިތާނގައި ތިއްބެވި. ރައީސް މި ބޭފުޅުންނާ އެކީގައި ވަގުތުކޮޅެއް ހޭދަކުރައްވަން ވަޑައިގެން ދެއްވިކަމަށްޓަކައި އަޅުގަނޑުމެން ހުރިހާ އެންމެންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ރައީސަށް ޝުކުރު ދަންނަވަން.

ރައީސްގެ މި ވަޑައިގަތުމުން އަޅުގަނޑުމެންނަށް ދޭހަކޮށްދޭ އެއްޗަކީ، ރައީސްގެ މެނިފެސްޓޯގެ އެންމެ ކުރީގައި ހަމަ މަސްވެރިން އޮތް އޮތުން. އެއީ ހަމަ، ކަމަކަށް އެކަން ކުރައްވާފައި އޮތީކީ ނޫންކަން. އަދި މަސްވެރިންނާއި މަސްވެރި ޢާއިލާތަކަށް އޮތް ލޯބި. އަދި މަސްވެރި ޞިނާޢަތުގައި ހުރި ކަންކަން ރަނގަޅު ކުރެއްވުމަށް ރައީސްގެ ޝައުޤުވެރިކަން ހުރި މިންވަރު އަޅުގަނޑުމެންނަށް ދައްކައިދޭ ކަމެއް. އެކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާ އެކީގައި އަޅުގަނޑުމެން ހުރިހާ އެންމެންގެ ފަރާތުން ރައީސަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިއަދު މިދިޔަ މި ފޯރަމް ނުވަތަ ގުންޒަރުގައި މިއަދު ވަރަށް ގިނަ މައުޟޫޢުތަކުގައި މަޢުލޫމާތު ހިއްސާކުރެވުނު. އަދި ހަމަ އެއާއެކީގައި، މަސްވެރިންގެ ފަރާތުން ހުރި މުހިންމު ވާހަކަތަކަށް ޖަވާބުވެސް އެރުވިގެންދިޔަ. އަޅުގަނޑު ހަމަ ކުރުކޮށް ޚުލާޞާކޮށްލާނަން.

މިއަދު މި ހޯލުގައި މަސްވެރިންނަށް ދެވުނު މަޢުލޫމާތުތަކުގެ ތެރޭގައި، ކަޅުބިލަމަހުގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މަސްވެރިންނާ މަޢުލޫމާތު ހިއްސާކުރެވުނު. އަދި ހަމަ އެއާއެކީގައި، ކަންނެލި މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ހިނގަމުންދާ ފިޝަރީޒް އިމްޕްރޫވްމަންޓް ޕްރޮޖެކްޓާ ގުޅޭގޮތުން މަސްވެރިން ހޭލުންތެރި ކުރުވުމަށާއި، މަސްވެރިންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހިއްސާކުރެވިގެންދިޔަ.

އޭގެ އިތުރުން، ރައީސްގެ ވަރަށް މުހިންމު ވައުދުފުޅެއް އެއީ، މަސްވެރިންގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވުން. ވަރަށް ގިނަ އެކްސިޑެންޓްތައް މިހާރު އެބަ ހިނގާ. މަސްވެރިކަމުގައި، ވަކިން ޚާއްޞަކޮށް، އެންވެރިކަމުގައި މިހާރު ޑައިވިންގ ފުޅި އަޅައިގެން، ޑައިވިންގ ކޮށްގެން މި ދިމާވާ ހާދިސާތައް ކުޑަކުރުމަށްޓަކައި އަދި މަސްވެރި އުޅަނދުފަހަރުގައި މި ދިމާވާ އެކިކަހަލަ ޞިއްޙީ ކަންތައްތަކަށް އެޓެންޑް ކުރުމަށްޓަކައި މަދުވެގެން ރެސްކިއު ޑައިވަރެއް، ކޮންމެ ދޯންޏެއްގައި ބެހެއްޓެވުމަށް ރައީސްގެ ވިސްނުންފުޅުގައި، އަދި ސާދަ ހަފްތާގެ މި ވަޢުދުފުޅުތަކުގެ ތެރޭގައި، މިކަންތައް ފެށްޓެވުމަށްޓަކައި ވިސްނުންފުޅު ގެންގުޅުއްވާފައިވާތީއާ އެކީގައި، އެކަމުގެ މަޢުލޫމާތުގެ ސެޝަނެއްވެސް ރައީސްގެ އިރުޝާދާ އެކީގައި ދެވިގެންދިޔަ. އެކަން ކޮށްދެއްވީ، ދިވެހިރާއްޖޭގައި ޑައިވިންގ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތެއް ކަމުގައިވާ ޑައިވަރސް ލޮޖް މޯލްޑިވްސްގެ ފަރާތުން. އެއަށްފަހު ކަނދުފަތި ޤާއިމުކުރުމުގައި ބަލަންޖެހޭ ފަންނީ ބައެއް ކަންތައްތަކާ ގުޅިގެން، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން ޑޮކްޓަރ އަޙްމަދު ރިޔާޒް ޖައުހަރީ އެ މަޢުލޫމާތު ހިއްސާކުރެއްވި.

އަދި ހަމަ މަސްވެރިޔާގެ ކާޑު. މިއީ ދެން އަސްލު މަސްވެރި ދަފްތަރެއް، ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެއްދެވުމުގެ ވިސްނުންފުޅަކީ މިއީ. ހަމަ ރައީސްގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާތީއާ އެކީގައި، މި ވަޢުދުފުޅު ފުރިހަމަވެގެންދާއިރުގައި، އެންމެ ބޮޑު މަސައްކަތެއް، ނޫނީ މަސްވެރިންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ޔަޤީނުންވެސް އަންނާނީ ބޭންކިންގ ނިޒާމުގެ ތެރެއިން މަސްވެރިންނަށް އަޅައިލެވޭ އަޅައިލެވުން. ބޭންކިންގ ނިޒާމުގެ ތެރޭގައި ހުރި ފުރުޞަތުތަކަށް މަސްވެރިންނަށް ފަހިވެގެންދިޔުން.

އެހެންކަމުން، މީގެކުރިން މަސްވެރިންނާ އެކީގައި ނުވަތަ އޮޑިވެރިންނާ އެކީގައި ޤައުމީ ބޭންކުން މުޢާމަލާތް ކުރެވިފައި ހުރިއިރުގައި ހުރި ގޮންޖެހުންތަކަށް، އަދި އިތުރަށް އެކަމުގައި ކުރަން ހުރި ކަންތައްތަކާއި، މަސްވެރިން މިކަމުގައި ހޭލުންތެރިކުރުވުމަށްޓަކައި، މަސްވެރިންނާ ކޮންމެހެން ހިއްސާކުރަންޖެހޭ މަޢުލޫމާތުތައް ހިއްސާކުރެވިގެން، މަސްވެރިންގެ ސުވާލުތަކަށް ޖަވާބުދެވިގެންދިޔަ ސެޝަނެއްވެސް ގެންދެވުނު. ބޭންކް އޮފް މޯލްޑިވްސްގެ ބޭފުޅުން ވަޑައިގެން އެކަން ކޮށްދެއްވީ.

އޭގެ ފަހުން މަހުގެ އަގު، ޕްރައިވެޓް ސެކްޓަރުން ކަނޑައެޅުމުގައި ގެންގުޅުއްވާ އުޞޫލުތަކުގެ މަޢުލޫމާތު ހިއްސާކުރެއްވީ އެންސިސްގެ ފަރާތުން. ދެން ހަމަ އެއަށްފަހު، އެންމެ ހަވީރު ދަންފަޅީގައި މި ދިޔައީ މަސްވެރިންގެ ހުރި ވާހަކަތައް އަޑުއަހައި، މި އިންޑަސްޓްރީގެ އެހެން ކުންފުނިތަކާ އެކީގައިދިޔަ މަޝްވަރާ. އަދި ހަމަ ސުވާލަށް ޖަވާބު ދެވިގެންދިޔަ. މި ކޮންމެ ސެޝަނަކާވެސް ގުޅިގެންވެސް ސުވާލަށް ޖަވާބު އެރުވިގެންދިޔަ. ދެން ހަމަ ޞިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުން މިކަމުގައި ވަރަށް އެހީތެރިކަން ފޯރުކޮށްދެއްވި. އަދި ހަމަ އެއާ އެކީގައި، އެންމެ ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބިގެންދިޔައީ، މަސްވެރި ކޮމިޔުނިޓީން. ރާއްޖޭގެ އެކި ސަރަޙައްދުތަކުން މިކޮޅަށް ވަޑައިގެން ތިއްބެވި މަސްވެރިން، މަސްވެރި ޞިނާޢަތް ރަނގަޅު ކުރުމަށްޓަކައި ވަރަށް މުއްސަނދި ޚިޔާލުފުޅު، އެބޭފުޅުން މިއަދު މި ފްލޯރއަށް ޔަޤީނުންވެސް ހުށަހަޅުއްވާފައި އެބަހުރި.

އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އެހެންނަމަވެސް، 43 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް އިއްޔެ ފެށިއްޖެ އިނގޭތޯ ރައީސް. ކުޑަކުދިންގެ ހަވީރެއް އިއްޔެ ބޭވިގެންދިޔައީ. މިފްކޯއިން އިސްނަގައިގެން މި ހަރަކާތް ކުރިއަށް މި ގެންދިޔައީ ހުޅުމާލޭގައި، ސެންޓްރަލް ޕާރކްގައި.

އަދި ދެން ހަމަ މިއަދު މި ފޯރަމް ކުރިޔަށްދިޔައިރު، ނުވަތަ މި ގުންޒަރު ކުރިޔަށްދިޔައިރުގައި، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން މަނިޔަފުށީގައިވެސް ޕްރޮގްރާމެއް ކުރިއަށް ގެންދެވުނު. ތިން ސްކޫލެއްގެ މެރިން ސައިންސް ކިޔަވާ ދަރިވަރުންނާ އެކީގައި ކުރިއަށް ގެންދެވުނު ސެޝަނެއް. އަދި ދެން ހަމަ މި ގުންޒަރު، ފޯރަމް އަދި މާދަމާ ދެން މިއޮތީ އިރާދަކުރެއްވިއްޔާ ދެން މިކަމުގެ ޚާއްޞަ ޖަލްސާ.

އަދިވެސް އެއްފަހަރު، ހުރިހާ ބޭފުޅުން މިކަމުގައި މިއަދު ވެދެއްވި އެހީތެރިކަން ފާހަގަކޮށް، ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. މިނިސްޓްރީގެ ހީވާގި ޓީމަށް އަދި ވަރަށް އަވަދިނެތި މަސައްކަތްތައް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން.

އަޅުގަނޑުމެން އެއްގަޑިއިރަށް ކުރިއަށް ގެންދާ ވަގުތުކޮޅެއް މިއީ ރައީސާ އެކީގައި. މިއަދު ދެން ދެކެވިއްޖެ ވަރަށް ގިނަ ވާހަކަ. އަޅުގަނޑަށް ހަމަ ޔަޤީން، ވަރަށް ގިނަ ޖަވާބުތައްވެސް ލިބިފައި މިހުރީ. އެހެންވީމާ، ކޮންމެހެން ހިއްސާކޮށްލައްވަން ބޭނުންފުޅުވާ ވާހަކައެއް އޮވެއްޖިއްޔާ ހަމަ ހިއްސާކޮށްލައްވަން އަޅުގަނޑު ފްލޯރ މިވަގުތު ހުޅުވާލާނަން. އަޅުގަނޑުމެންނަށްވެސް ދެވެން ހުންނަ ޖަވާބު ހުންނާނެ. މިތާނގައި އަޅުގަނޑާ އެކީގައި މި ތިއްބެވީ މިފްކޯގެ ސީ.އީ.އޯ. އަދި ހަމަ އެއާއެކީގައި، މިނިސްޓްރީގެ ޕީ.އެސް. ޑޮކްޓަރ އާމިނަތު ޝާފިޔާ. އަދި އޭގެ އިތުރުން، ފިޝަރީޒް މިނިސްޓްރީގެ އޭ.ޑީ.ޖީ. ޝިފާޒް އަޅުގަނޑާ އެކީގައި މިވަގުތު މި އިންނެވީ.

ދެން ހަމަ ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑުމެންވެސް ހަމަ އިރާދަކުރެއްވިއްޔާ ސާފު ޖަވާބު އެރުވޭތޯ ބަލާނަން.

އަދިވެސް އެއްފަހަރު، ރައީސް ވަޑައިގެން ދެއްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ހުޅުވައިލާނަން. ދެން ހަމަ އަޅުގަނޑުމެންގެ ބޭފުޅުން މައިކްތައް ހަމަ ތިޔަބޭފުޅުންނާ ހިސާބަށް ގެންގޮސްދެއްވާނެ އިނގޭތޯ.
 

އަންވަރު ޢަބްދުﷲ (މަސްވެރިއެއް):

السَّلَامُ عَلَيْكُمْ.

އާދެ، އަޅުގަނޑު ފުރަތަމައިނުންވެސް މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ ރައީސަށް އަރިސްކުރަން. އަޅުގަނޑުމެން، ހުރިހާ މަސްވެރިންގެ ނަމުގައި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚްލާޞްތެރި ޝުކުރާއި މުބާރިކުބާދީ ރައްދުކުރަން.

އާދެ، އަޅުގަނޑުމެންނަށް ތިދެއްވި އަހަންމިއްޔަތުކަމާއި، މި ބައްދަލުވުމަށް ވަޑައިގެން، އަޅުގަނޑުމެންގެ އަޑުއައްސަވަން ވަޑައިގެންނެވީތީ، އެއީ މިދިޔަ ކެމްޕެއިން ތެރޭގައި ރައީސް ދެއްކެވި ވާހަކައަށް ވަރަށް ބޮޑަށް ބައްލަވައި، އަޅުގަނޑުމެންނަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވަން ހިތްޕުޅުގައި އެ ޝައުޤުވެރިކަން އޮތް ކަމުގެ އަލިގަދަ ދަލީލެއް. އަޅުގަނޑު އުންމީދު ކުރަނީ، އިންތިޚާބުގެ ތެރޭގައި ވަޢުދުވެވަޑައިގެންނެވި، ވަޢުދުވެވަޑައިގެންނެވުމަކީ، މީގެ ކުރިންދިޔަ ސަރުކާރުތަކުން ވީ ވަޢުދުތަކަށްވުރެ ސާފު ވަޢުދެކޭ. 20 ރުފިޔާއަށްވުރެ ދަށްނޫން އަގެއްގައި މަސް ނަގައިދެވޭތޯ ބަލައިދިނުމާއި، ކަންނެލީގެ އަގު އަށްޑިހައާއި ސަތޭކައިގައި ބަހައްޓައިދޭނެކަމުގެ ފޮނި އުންމީދު. އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް އަވަސް މުސްތަޤްބަލެއްގައި އެ ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމަށް ހުރި އެކިއެކި ގޮންޖެހުންތައް ހުރަސްކޮށް، ވީހާ އަވަހަކަށް އަޅުގަނޑުމެންގެ މަސްވެރިންނަށް އެކަން ޙައްލު ކޮށްދެއްވުން. އަގު ދަށްވެގެން އަޅުގަނޑުމެންނަށް ނުކުރެވި ހުރި ކަންތައްތައް، މިދަނީ ދިރިއުޅުމުގައި ޚަރަދުބަރަދު ނުބެލޭހާ ދަށަށްދަމުން. އަޅުގަނޑުމެންގެ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ވަޅުޖެހިފައި. އަޅުގަނޑުމެން ދަނީ ހުއްޓެމުން. ގިނަ ދޯނިތައް މިހިރީ ނުފުރިފައި. ފަޅުވެރިންގެ ދަތިކަން އިންތިހާއަށް ކެޔޮޅުންނަށް އެބައޮތް. މިކަން އަޅުގަނޑު އުންމީދުކުރަނީ، ސަރުކާރުން ރަނގަޅު ފެންވަރެއްގެ ދިރާސާއެއް ކުރެވިގެން، މި އިންޑަސްޓްރީއަށް މި ވަމުންދާގޮތް ރަނގަޅު ފެންވަރެއްގައި ބައްލަވައި، އަޅުގަނޑުމެންނަށް ރަނގަޅު ހައްލެއް ހޯދައިދެއްވާނެ ކަމަށް.

އާދެ، އަޅުގަނޑުމެން ބޭނުންވަނީ ހަމައަގޭ ބުނެ، ވަކި އަގަކަށް ދިޔުމުގެ ބަދަލުގައި، އެންމެ ރަނގަޅު އަގު. އެއްގޮތަކަށްވެސް 20 ރުފިޔާއަށް މަސް ހަދާށެކޭ ނޫން އަޅުގަނޑު މި ދަންނަވަނީ. 20 ރުފިޔާއަށްވުރެ ދަށްނުވެއްޖެ ކަމަށްވާނަމަ، 25 ރުފިޔާވެސް، މިހާރު އޮތް އަގުވެސް ހަމަ ރަނގަޅު. ހަމަ އެ އަގުގައި ހިފެހެއްޓޭތޯ ބެލުމަކީ، އަޅުގަނޑުމެން ކުރާ އުންމީދު. އަދި 100 އަށް މާދަމާ ހައްދަވައިދެއްވާނެ ކަމަށް އަޅުގަނޑުމެން ކުރާ އުންމީދު، މާދަމާއަށް ނުވިކަމުގައިވިޔަސް، ފެކްޓްރީތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެން، އަދި ސަރުކާރުގެ ކުންފުނިން، އަޅުގަނޑުމެން އަތުނަނުގެ މަސްވެރިންވެސް ބާކީނުކޮށް، މިއަދު މިވަނީ މިފްކޯއިން ބޮޑުކަންނެލި ނުނަގާތީ، ހަމައެކަނި އަމިއްލަ ކުންފުނިތަކުން އެކަނި ބޮޑުކަންނެލި ނަގައި ވިއްކެން އޮތް އޮތުމަކަށްވެފައި. އަޅުގަނޑުމެން އުންމީދު ކުރަނީ، އެންމެ ރަނގަޅު ގޮތަކީ މިފްކޯއިން ނެގުން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ހަމަ ބުރަ ބޮޑުވެއްޖެއޭ ބުނާ މަންޒަރު، ނުވަތަ އެ ވާހަކައިގެ އަޑު. މިއަދުގެ ބައްދަލުވުންތަކުންވެސް އަޑުއިވިގެންދިޔައީ، ގާތްގަނޑަކަށް މިހާރަށް ސަތޭކަ ފަންސާސް އެއް މިލިއަން ރުފިޔާވަރު މިފްކޯއަށް ސަބްސިޑީ ކުރެވިއްޖެ. ނަމަވެސް އަދިވެސް ޒީރޯއަކަށް ނާދޭ.

އެހެންވީމާ، އެކަންކަން ރަނގަޅަށް ހިންގޭނޭ ގޮތަކަށް، ވަރަށް ބޮޑު ޚަރަދެއް އެއީ ސަރުކާރުން އެ ފޫބެއްދުމަށްޓަކައި މި އިންޑަސްޓްރީއަށް އެ ކުރަނީ. އެކަމަކު އެ ދޭ ފައިސާ އަޅުގަނޑުމެން މަސްވެރި މުޅި ޢާއިލާއަށް ނިސްބަތްވާ ގޮތުގައި ދެވުން އެއީ، އަޅުގަނޑުމެން ކުރާ ވަރަށް ބޮޑު އުންމީދެއް. ސަބްސިޑީ ލިބެނީ ކޮން ފަރާތަކަށްތޯ ރަނގަޅަށް ބައްލަވާ. މީގެކުރީގައި ސަރުކާރުތަކުން މި ކުރާ ބޮޑު ގިނަގުނަ ޚަރަދު މިދަނީ ހަމައެކަނި މަސްވެރިންގެ ކޮން ޢާއިލާއަކަށްތޯ ރަނގަޅަށް ވިސްނަވައި އެކަން ބައްލަވައިގެން، އަޅުގަނޑުމެންނާ ދޭތެރޭގައި ރަނގަޅު ގޮތްތަކެއްވުން އެއީ، އަޅުގަނޑުމެން އެދޭގޮތް.

ފެކްޓްރީތަކުން ވަނީ މީގެ ކުރީގައި ވަރަށް ފޮނި އުންމީދުތަކެއް ކޮށް، ވަރަށް ރަނގަޅު އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ވެފައި މިވަނީ. އަޅުގަނޑު އުންމީދު ކުރަނީ، ސަރުކާރާއި ފެކްޓްރީތަކާ ގުޅިގެން އަދި މިފްކޯއަށްވެސް އެކަން އެގޮތުގައި ދެމިހެއްޓިއްޖެ ކަމަށްވާނަމަ، ފަޅުވެރިންގެ ދަތިކަން ފިލައިގޮސް، އަޅުގަނޑުމެންނަށް ރަނގަޅު ފެށުމަކަށް އަނެއްކާވެސް ފެށިގެން ހިނގައިދާނެ ކަމަށް. އަޅައިނުލެވި ހިނގައްޖެ ކަމަށްވާނަމަ، މި އިންޑަސްޓްރީ މިދާގޮތަށް ގޮސް ހުއްޓިދިޔުމުގެ ބިރު އަޅުގަނޑުމެންނަށް އެބައޮތޭ. ކެޔޮޅެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ، މިއަދު ދޯނި ފުރުވުންވަނީ ވަރަށް ބޮޑަށް ދަތިކަމަކަށް ވެފައޭ.

ދެން މިހެން ހަމަ ކުރެވޭ އާދޭހުގައި ބައެއްފަހަރު ވަރަށް ދެރަ ގޮތްގޮތްވެސް އެބަހުރި ވެފައި. އަޅުގަނޑުމެން މިދިޔަ ސަރުކާރުގައި، ދެން ޢާލަމީ ވަބާގައި، އަޅުގަނޑުމެންގެ މިނިސްޓަރު އަރިހުގައި އޭރުގައި 2021 ގައި އެދުނިން، އަޅުގަނޑުމެންނަށް ނުފުރޭވަރު ވެއްޖެއޭ. ފެކްޓްރީތަކުން ސަތޭކައަށް ނަގަމުން އަންނަ ކަންނެލި، މިހާރު ސާޅީސް ފަހަކަށް، ސާޅީހަށް ތިރިވެއްޖެއޭ. އެހެންވީމާ، ވަރަށް ބޮޑު އާދޭހެކޭ، މިފަދަ ދަތި ހާލަތެއްގައި، އަޅުގަނޑުމެން މިތިބީ ރަށަށްވެސް ދާން ނުކެރިފައޭ. ސާދަ ދުވަހުގެ ކަރަންޓީނަކަށް، ނޫނީ އަނބިދަރިންނާ ހަމައަށް ގޮސް، ގެއިންވެސް ނުނިކުމެވެއޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް، މި ފުރާއުޅޭއިރުގައި، ފަންސާސް ރުފިޔާ ހަމަކޮށްލަދޭށޭ، ސަރުކާރުން ކޮންމެވެސްވަރެއްގެ ސަބްސިޑީއެއް ލައިގެން. ފެކްޓްރީތަކުން ދެނީ ސާޅީހޭ، ސާޅީސް ފަހެކޭ. އެހެންވީމާ، ދިހަ ރުފިޔާ، ނޫނީ ފަސް ރުފިޔާގެ ސަބްސިޑީއެއް ދީގެން، އަޅުގަނޑުމެންނަށް ފަންސާހަށް ހަމަކޮށްލަދޭށޭ. އަޅުގަނޑުމެންނަށް މިހާރަށް ވަރަށް ދައްޗޭ، މިހާ ދަށް އަގެއްގައި ފުރަން. އެކަމަކު ނުފުރާ ވާކަށްވެސް ނެތޭ. އެއީ، އަނގަޔާ އަތާވެސް ދިމާވާކަށް ނެތޭ. އަޅުގަނޑުމެންނަށް އެކަން ކޮށްދޭނެކަމުގެ ޔަޤީންކަމެއް ދީފައި، ދެވަނަ ދުވަހު އަޑުއިވިގެންދިޔައީ، ފެކްޓްރީތަކަށް ސަތޭކަ މިލިއަން ރުފިޔާ ދެއްވައިފި ވާހަކަ.

އަދި ދެއްވާފައި، މީޑިއާތަކުން އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔައީ، 25 ރުފިޔާއަށްވުރެ ދަށްނޫން އަގެއްގައި، މަސް ނަގައިދޭށޭ. އަޅުގަނޑު އުންމީދު ކުރަނީ މި ފެށިގެން އައި ސަރުކާރު ވަރަށް ޅަފަތުގައި އަދި މިއޮތީ. އެކަހަލަ ދެރަގޮތެއް އަޅުގަނޑުމެންނަށް ނަހައްދަވައްޗޭ. އަޅުގަނޑުމެންގެ އުންމީދާ އެއްގޮތަށް، އަޅުގަނޑުމެންގެ މަސްވެރިންނަށް އުންމީދު ކުރެވޭ، އުންމީދުން ފުރިގެންވާ ސަރުކާރަކަށް މި ސަރުކާރު ހައްދަވައިދެއްވައްޗޭ. އަޅުގަނޑުމެން އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ މިއަދަށްވުރެ ފަހި މާދަމައެއް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް.

وَالسَّلَامُ عَلَيْكُمْ.

އަޙްމަދު ޚަލީލު (މަސްވެރިއެއް):

السَّلَامُ عَلَيْكُمْ.

އަޅުގަނޑަކީ މ. އަތޮޅު ދިއްގަރަށް ނިސްބަތްވާ މީހެއް. ދެން އަޅުގަނޑު ރައީސަށް އާދޭހާއެކު ދަންނަވާލަން އޮތީ، އެއްވެސް ސަރުކާރަކުން އަޅުގަނޑުމެން އަތޮޅަށް، މެދު ރާއްޖެތެރެ، އަދި މ. އަތޮޅަކަށް މަސްވެރިކަމުގެ ޞިނާޢަތުގައި އަޅައިލެވިފައެއް ނެތޭ. ދެން އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެކޭ، މި ސަރުކާރުގައިވެސް މަސްވެރިކަމުގެ ޞިނާޢަތުގައި އަޅުގަނޑުމެންގެ އަތޮޅާއި ރަށަށް، މި ޞިނާޢަތުގައި ކުރިއެރުމެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުމަކީ.

އެގޮތުން، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމެއް، މިހާރު މުލަކުގައި އަޅަން ފަށާފައި އޮތް މަސް ފެކްޓްރީއަށް އަވަސް ޙައްލެއް ހޯދައިދީ، އެކަމުގެ މަސައްކަތް ފަށައިދިނުމަކީ، އަޅުގަނޑާއި، އަދި އަޅުގަނޑަށް ހެޔޮއެދޭ ވަރަށް ގިނަ މަސްވެރިންގެ ވަރަށް ބޮޑު އާދޭހެކޭ. ވީހާ އަވަސް ގޮތަކަށް އެކަން ކުރުމަކީ، އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކޭ.

ދެން އަޅުގަނޑުމެންނަށް އަދި މިވީހާ ތަނަށް، ވަރަށް ދެރަކޮށް ދިމާވަނީ. ބޮޑު ޚަރަދު ކޮށްގެން، އިންވެސްޓް ކޮށްގެން، އައިސް އަޅައިގެން، މަސްކިރަން ގޮސްގެން، އޭގެން ދެބައިކޮށްފައި އެއްބައި، އަޅުގަނޑުމެން ގިނަފަހަރަށް ޖެހެނީ އުކާލަން. އަޅުގަނޑުމެން އެކަން ކުރަނީ ހަމަ ގެއްލުމުގައި. ދެން އެގޮތުން، އަޅުގަނޑުމެން ވަރަށް ބޮޑު އާދޭހެކޭ، އަޅުގަނޑުމެންގެ އަތޮޅުގައި، މ.އަތޮޅުގައި ކޮންމެވެސް އެއް ސަރަޙައްދެއްގައި، މ. މުލައް، ނޫނީ ދިއްގަރު ބޭރުގައި، ކޮންމެވެސް އެއް ތަނެއްގައި، މަސްކިރާނެ ބޯޓެއް، ދާއިމީ ގޮތެއްގައި ބާއްވައިދިނުމަކީ. އަދި މަސްކިރާ ފެކްޓްރީ އެޅުމާ ހަމައަށް ދާންދެން، ބާއްވައިދިނުމަކީ، އަޅުގަނޑުމެންގެ މަސްވެރިންގެ ވަރަށް ބޮޑު އާދޭހެއް ކަމުގައި ދަންނަވަން. އެއީ، އަޅުގަނޑުމެންނަށް މި ލިބޭ އެއްޗަކުން، ލިބޭ އާމްދަނީއަކުން، ފުއްދައިގެނެއް ދިރިއެއްނޫޅެވެއޭ. ލިބެނީ ވަރަށް ކުޑަކުޑަ އެއްޗެއް. އަޅުގަނޑުގެވެސް ތިބޭ ތިން ދަރިން. އެ ތިން ދަރިންނާއި އަޅުގަނޑު ކިހިނެއްހޭ ކައިގެން ބޮއިގެން އުޅޭނީ. އެފަދަ ހަރުދަނާ ނިޒާމެއް އަޅުގަނޑުމެންގެ އަތޮޅުގައި ޤާއިމުނުކުރެވި އޮތީމާ. އަޅުގަނޑަކީ ކެޔޮޅެއް. އެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެންގެ އަތޮޅުގައިވެސް މިހާރު މަސްވެރިކަމުގެ ޞިނާޢަތުގައި، ފަޅުވެރިންގެ ދަތިކަން ވަރަށް ބޮޑޭ. ދޯންޏަށް އަރާނެ މީހަކުވެސް ނުވޭ. އަޅުގަނޑުމެން ރަށަށް މަސްކިރަނީ އަށް ރުފިޔާއަށް. އެ ބޭފުޅުން ވިދާޅުވާ އެއްޗެއް އަޅުގަނޑުމެންނަށް އަޑުއިވޭނީ. އެކަމަކު އެ ބޭފުޅުން އެ މަސް އެ ބޭރުކުރަނީ، ރިޒޯޓުތަކާއި އަދި މަސް ގަނެވިއްކާ ފަރާތްތަކަށް އަގު ބޮޑުކޮށް. އެކަމަކު އަޅުގަނޑުމެން އަތުން މި ގަންނަނީ، އަޅުގަނޑު ވަރަށް ހަމަ ދެރަވެ ހިތާމައާއެކު މި ދަންނަވަނީ، އިހަކަށް ދުވަހު ވީކަމެއްގެ ވާހަކަ.

އަޅުގަނޑު ކައިރީގައި މަސް ގަންނަ ފަރާތެއް ބުނީ، ނެތޭ ދިވެހިރާއްޖެއަކު މިވަގުތަކު، މަސް ގަންނާނެ މީހެއް. ވެކިއުމް މަސް ގަންނާނެ މީހެއް ނެތޭ. އަޅުގަނޑު ކައިރީގައި ބުނެފައި އޮއްވައި، އޭގެ އަނެއް ހަފްތާގައި، ހުރިހާ މަހެއް ބޭރުކުރީ ވެކިއުމް މަހުގެ ގޮތުގައި. އަތޮޅުގެ ރަށްތަކަށް ވިއްކީ 85 ރުފިޔާއަށް ކިލޯ. އަޅުގަނޑުމެންގެ އަތުން އެ މަސް ގަންނަނީ 8 ރުފިޔާއަށް. ފައިދާނުވޭ. ގެއްލުމުގައި ކުރަނީ. ހަމައެކަނި ރިހާކުރުންވެސް އެ މީހުންނަށްވެސް ވަނީ ފައިދާއޭ. ހަމައެކަނި ރިހާކުރުންވެސް. ހުސްއެކަނި މަހަކުންނެއް ނޫން. މިހާރު އެ ބޭފުޅުން އެ ގަންނަ މަހުން، އެންމެ އެއްޗެއްވެސް ބޭކާރުކޮށްނުލާ.

އެކަމަކު އަޅުގަނޑުމެންގެ މަސްވެރިންގެ ޙައްޤު ކޮބައިތޯ؟ އަޅުގަނޑުމެންނަށް މަހަށް އަގުވެސް ނުކިޔޭ. މަހަށް އަގު ކިޔާނީ މަސް ގަންނަ ފަރާތުން. ދެން ކިހިނެއްތޯ އަޅުގަނޑުމެން އުޅޭނީ އަޅުގަނޑުމެން އަތޮޅުގައި މިހާރު މަސްކިރާފައި. ތެލުގެ އަގަކީ އަށާރަ ރުފިޔާ ބައި. މިސާލަކަށް، ތިންހާސް ކޮންމެވެސްވަރެއް އެއީ. ހަތަރުހާސް ރުފިޔާ ކަމަށް ބަލާ. ޚަރަދު ކަނޑާފައި، އަޅުގަނޑުމެން ފަޅުވެރިންނަށް ކޯއްޗެއްތޯ ދޭނީ. ނޯންނާނެ ދޭނެ އެއްޗެއް. ހަފްތާއަކަށް މި ޖެހެނީ، އެންމެ ބޮޑުވެގެން ދެހާސް ރުފިޔާ. އެހެންވީމާ، އަޅުގަނޑުމެން، އަޅުގަނޑުވެސް ކުރާ ވަރަށް ބޮޑު އުންމީދެކޭ، އަޅުގަނޑުވެސް ހަމަ ކުރަމުން އަންނަ ވަރަށް ފޮނި އުންމީދެކޭ، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން، އަޅުގަނޑުމެންގެ އަތޮޅަށާއި، މެދުރާއްޖެތެރެއަށްވެސް، ހަމަ އިސްކަމެއް ދީގެން، މި ޞިނާޢަތު ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުމަކީ، އަޅުގަނޑުމެންގެ ވަރަށް ބޮޑު އާދޭހެކޭ.

އަދި އަޅުގަނޑު ދަންނަވާލަން، ބޮޑުކަންނެލި މަސްވެރިކަން ކުރާ މީހުން، ރޭގަނޑު ދިއްލައިގެން، ބޮއި ކައިރީގައި މަސްވެރިކަން ކުރުމާއި، ޖިގިންގއަށް ދާ މީހުންވެސް އަޅުގަނޑުމެންނަށް އުނދަގޫވާގޮތަށް އެބަހަދާ. އަޅުގަނޑު މިދިޔަ ހަފްތާގައިވެސް މަހަށް ދިޔައިން. އަޅުގަނޑުމެންގެ ކައިރީގައި އޮވެ، އެމީހުން ޖިގިންގ ކުރަނީ. އަޅުގަނޑުމެން ރިޕޯޓް ކުރީމާ މި ބުނަނީ، އެކަމަކަށް އެއްވެސް ޙައްލެއް ނާދެއޭ. އަޅުގަނޑުމެންނަކަށް ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނޯވޭ. ބޮޑުކަންނެލި މަސްވެރިކަން ކުރާ މީހުންނަށްވެސް، އަޅުގަނޑުމެން ދޮށީގެ މަސްވެރިކަން ކުރާ މީހުންނަށްވެސް ހަމަ ވަނީ އުނދަގޫ. އެކަމަކު ރާއްޖޭގައި އޮވޭ، ޤާނޫނުތަކާއި ގަވާއިދުތަކެއް ހަދާފައި. އަޅުގަނޑުމެންނަށްވެސް އުނދަގޫ ނުވާނޭ ފަދައިން މިކަމަށްވެސް ޙައްލު ބޭނުންވޭ. އެމް.އެން.ޑީ.އެފް.އާ ގުޅިގެން ބެލޭނެ ނިޒާމެއް ޤާއިމުކުރުމަކީ، އަޅުގަނޑުމެންގެ ހަމަ ވަރަށް ބޮޑު އާދޭހެއް. އެހެންވީމާ، ދެއްވި ފުރުޞަތަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޙްމަދު ޝިޔާމް - މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް:

ވަރަށް ރަނގަޅު ވާހަކަފުޅުތަކެއް. އެކަމަކު ގިނަ ބޭފުޅުންނަށް އަޅުގަނޑަށް ހީވަނީ، މި ވަގުތު ފުރުޞަތު ލިބިގެންދާނީ، ކުޑަކުޑަކޮށް ވާހަކަ ކުރުކޮށްލައްވާފައި، ދެއްވަން ބޭނުންފުޅުވާ މެސެޖެއް ނުވަތަ ކުރައްވަން ބޭނުންފުޅުވާ ސުވާލެއް ކުރެއްވީމާ އިނގޭތޯ.

މަސްވެރިއެއް:

السَّلَامُ عَلَيْكُمْ.

ހުވަދުއަތޮޅު ދެކުނުބުރިއަށް ނިސްބަތްވާ އޮޑިވެރިއެއްގެ ހައިސިއްޔަތުން، މި ސުވާލަށް ޖަވާބު މި ރެއިން މި ރެޔަށް ލިބެން ބޭނުން. ހުވަދުއަތޮޅު ދެކުނުބުރީ، ހުޅަނގު ބިތުން މަސް ބާނައިގެން މަސްކިރަން ދާން މިޖެހެނީ އިރުމަތީ ބިތަށް. އެއީ، 33 މޭލު ކަޑައްތުކޮށްފައި ދާންޖެހޭ ދަތުރެއް. އެ ދަތުރު ކުރު ކުރުމަށްޓަކައި، ހުޅަނގު ބިތުގައި، މަސް ގަންނަ ކާރުޚާނާއެއް އެޅޭނެ ތާރީޚެއް، އަޅަނީ ކޮން ރަށެއްގައިކަންވެސް ބަލާކަށް ބޭނުމެއް ނޫން. އެޅޭނެ ތާރީޚެއް ބަލަން ވަރަށް ބޭނުން. އަހަރުމެން ރަށާ ޖެހިގެން އޮންނާނެ ހޯނޑެއްދޫ. ޤާސިމްގެ ތަރިކަ މުދަލެއް، އެއީ ހޯނޑެއްދޫއަކީ. ހޯނޑެއްދޫގައި ފެކްޓްރީއެއް އަޅާފައި ޤާސިމް އޮތީތީވެ، ހުޅަނގު ބިތުގައި މަސައްކަތް ކުރާކަށް، އެއްވެސް ސަރުކާރަކުން ބޭނުމެއްނުވޭ އަދި މިއަދާ ހަމައަށްވެސް. މީގެ ވިއްސަކަށް އަހަރު ކުރިން، ޤާސިމަށް ދީފައި އޮތް ރަށެއް ހޯނޑެއްދޫއަކީ. އެތަނަކުން އެއްވެސްކަހަލަ މަންފާއެއް ނުކުރޭ. އެހެންވީމާ، މި ރެއިން މި ރެޔަށްވެސް ފެކްޓްރީއެއްގެ މަސައްކަތް އަދި ތިނަދޫގައިވިޔަސް، އަދި ފަރެސްމާތޮޑާގައި ވިޔަސް، އަދި ހޯނޑެއްދޫގައި ވިޔަސް، މަސް ގަންނާނެ ފެކްޓްރީއެއް ހެދުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އެއްވެސް ކުންފުންޏަކަށް ފައިދާއެއްނޫން ވަނީކީ. އެކަމަކު އިރާދަކުރެއްވީތީ، އަޅުގަނޑަށް ވަނީ ފައިދާ. ތިޔަބޭފުޅުންނަށް ވިއްކާ މަސްކިލޯއަކުން ލިބޭ ތިން ރުފިޔާއިން ފެށިގެން، އެއް ރުފިޔާ ފަންސަވީސް ލާރިން ފެށިގެން މަސް ކިރަމުން އައި މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑަށް ވަނީ ފައިދާ. އެއްވެސް ކުންފުންޏަކަށް ފައިދާއެއް ނުވޭ. މިއަދުވެސް މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް އެ ވާހަކަ ދެއްކެވި. އެކަމަކު އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވަނީ ފައިދާ.

އެހެންވީމާ، ހުޅަނގު ބިތުގައި މަސް ފެކްޓްރީއެއް ޤާއިމުވެގެން ދިޔުމަކީ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރުގައި، އަޅުގަނޑުމެންނަށް ކުރެވުނު އުންމީދަކާއި، ވަރަށް ފުން އުފަލެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ޔަޤީން، މި 100 ދުވަހުގެ ތެރޭގައި، މި މަސައްކަތް ފެށިގެންދާ ޚަބަރު އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ، ދެއްވި ފުރުޞަތަށް.

މަސްވެރިއެއް:

السَّلَامُ عَلَيْكُمْ.

އަޅުގަނޑަކީ ދ. މީދޫއަށް ނިސްބަތްވާ މީހެއް. ރައީސުލްޖުމްހޫރިއްޔާ ކެމްޕެއިންގައި، ދ. އަތޮޅަށް ވަޑައިގެން، ދ. އަތޮޅު ފަޅު ރަށެއް ކަމުގައިވާ މާދެލި، އަޅުގަނޑުމެން މަސްވެރިންނަށް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާތީވެ، އެ ވާހަކަ ހަނދުމަފުޅުކޮށްއަރުވަންވެގެން، އަޅުގަނޑު އެ ވާހަކަ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން ބޭނުންވާތީވެ، އަޅުގަނޑުމެން މަސްވެރިންގެ ފަރާތުން އަޅުގަނޑު، ރައީސުލްޖުމްހޫރިއްޔާއަށް އެކަން ހަނދުމަފުޅުކޮށް އަރުވައި، އެ ވާހަކަ ދަންނަވާލަން މި އައީ. އަޅުގަނޑަށް ފުރުޞަތު ދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.

މަސްވެރިއެއް:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ.

އަޅުގަނޑު ރައީސާ ކޮށްލަން ބޭނުންވާ ސުވާލަކީ، މިވަގުތު އަޅުގަނޑުމެންނަށް ދެމުންމިދާ އަގު، 25 ރުފިޔާގައި ކިހާ ދުވަހަކު ހިފަހައްޓައިލެވިދާނެތޯ؟ އަދި މި އަގު ކުޑަކުރާ ކަމަށްވަންޏާ، އެންމެ ދަށްވެގެން މަސްވެރިންނަށް ދޭން ވަޢުދުވި 20 ރުފިޔާގައި، މަސްވެރިންނަށް އަގު ދެވޭނެތޯ؟ އެއީ އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ.

އަދި، މަހުގެ އަގު ދަށްކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން އެންމެން، މިތާ މިތިބި ހުރިހާ މަސްވެރިންވެސް އުންމީދު ކުރަން. އޭގެ ކޮންމެވެސްވަރެއްގެ، އިޝާރާތެއް އަޅުގަނޑުމެންނަށް ލިބޭނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން.

އަދި، ދެން އަޅުގަނޑު ދައްކާލަން ބޭނުންވާ ވާހަކައަކީ، މިފްކޯއަށް ވާ ގެއްލުމުގެ ވާހަކަ. އަޅުގަނޑުމެންނަށް ފެށުނީއްސުރެ އަޑުއިވެމުން މިދަނީ، މިފްކޯއަށް ގެއްލުންވަނީއޭ. މިފްކޯ ކުރިއެއްނާރައޭ. ނުއަގުގައޭ މަސް ގަންނަމުންދަނީ. އަޅުގަނޑުމެން ހަނދާން ހުންނަން ފެށީއްސުރެ، ކޫއްޑޫ އެ އޮންނަނީ، އޮތް ޙާލަތުގައި. ކޫއްޑޫއަކަށް ކުރިއެރުމެއް ނުލިބޭ. މަސް ގަންނަ ކެޕޭސިޓީއެއް އިތުރެއްނުވޭ. ކޫއްޑޫގެ ޖެޓީގެ ޙާލަތު ވަރަށް ދެރަ. މަސްވެރިކަމުގެ ސީޒަނެއްގެ ތެރޭގައި، މިވަގުތު ކޫއްޑޫ ޖެޓީގެ ޙާލަތު އޮތް ގޮތުގެ ވާހަކަ ދައްކަން އަޅުގަނޑުމެންނަށް ވަރަށްދަތި. އެއީ، މިވަގުތު ދެކުނުގައި މި އޮތީ 120 ފޫޓް، 115 ފޫޓްގެ ދޯނިފަހަރު. 42 ފޫޓުގެ ދޯނިފަހަރަށް ހަދާފައި އޮތް ބަނދަރެއް، މިވަގުތު ކޫއްޑޫގައި އޮތް ބަނދަރަކީ. އެހެންނަމަވެސް، މިވަގުތު ހުރީ 120 ފޫޓުގެ ދޯނި ފަހަރު. އޭރު ދޯނިފަހަރުގެ ކެޕޭސިޓީއަކީ، 4 ޓަނު، ނޫނީ 5 ޓަނު މަސް. މިއަދުގެ ދޯނިފަހަރުގެ ކެޕޭސިޓީއަކީ، 70 ޓަނު، ނޫނީ 80 ޓަނު. ދުވާލެއްގެ މައްޗަށް. މިއަދުވެސް 39 ޓަނު، 30 ޓަނު، 25 ޓަނު ހަމަ އެވްރެޖްކޮށް ދޯނިފަހަރު މަސް ބާނައިގެން ކޫއްޑޫއަށް ދިޔައީ.

އެހެންވީމާ، އަޅުގަނޑުމެންނަށް ކޫއްޑޫއަށް މަސް ސަޕްލައި ކޮށްދެވޭއިރު، އަޅުގަނޑުމެން ސަޕްލައިކޮށް މިދޭ މަސް، އަޅުގަނޑުމެން މި ވިއްކާ މަސް، ކޫއްޑޫއިން ބަރުކޮށްގެން އެދާ ބޯޓުގޮސް، ތައިލެންޑުގެ އެބުނާ ޔޫނިއަންއަކަށް ވިއްކާއިރު، އޭގެން 70 ޓަނު، 600 ޓަނު، ރިޖެކްޓްވެއޭ، ނޫނީވިއްޔާ 500 ޓަނުން ރިޖެކްޓްވެއޭ. އެ ރިޖެކްޓްވަނީ ކިހިނެއްތޯ؟ ކީއްވެގެންތޯ ރިޖެކްޓްވާންވީ؟ ކޫއްޑޫގައި ޤާއިމުކޮށްފައި ހުރި ލެބޯޓްރީން ޓެސްޓްކޮށްފައި، ކޫއްޑޫގެ ކައްޓާއިން ކިރާފައި، ކޫއްޑޫގެ ފުރިހަމަ ބެލުމުގެ ދަށުން ގޮސް އެ ބޯޓަށް މި ލަނީ. ކޫއްޑޫ ބަނދަރުން ބޯޓު ފުރައިގެންގޮސް ބެންކޮކް ބަނދަރާ ހަމައަށްދާއިރު، އެ ޑެމަރޭޖްވާންވީ އެއްވެސް ސަބަބެއް އަޅުގަނޑުމެން މަސްވެރިންނަކަށް ނުވިސްނޭ. އަޅުގަނޑަށް ހީވަނީ، އިންޝުއަރ ނުކޮށް އޮތް އެއްވެސް ބޯޓެއް ނާންނާނެހެން، އެ މަސް ބަލައެއް.

އެހެންވީމާ، އެ ގެއްލުން އެއީ މިފްކޯއަށް ވާންޖެހޭ ގެއްލުމެއް ކަމަށް އަޅުގަނޑުމެން ގަބޫލެއްނުކުރަން. އެ ގެއްލުން މިފްކޯއަށް ވާކަމަށްވަންޏާ، ނޫނީވިއްޔާ ރިޖެކްޓްވާ މަސް، ރިޖްކްޓްވާ ކަމަށްވަންޏާ، ދެން އެމަހަށް، ރިޖެކްޓްވާ މަހަށް، މިފްކޯއިން ޢަމަލުކުރަނީ ކޮން ގޮތަކަށްތޯ؟ ކިހިނެއްތޯ އެ މަހަށް ވަނީ؟ ކަނޑަށް އުކާލަނީތޯ؟ ނޫނީވިއްޔާ ބެންކޮކްގެ ގޮނޑަކަށް ގޮސް އަޅައިލަނީތޯ؟ ކިހިނެއްތޯއޭ އެ މަހަށްވަނީ؟ އެމަސް ނުއަގުގައި އެހެން ބަޔަކަށް ވިއްކަނީތޯ؟ ނޫނީވިއްޔާ މިފްކޯއިން އެ ދާ ފަރާތެއްގެ ޖީބަށް، ބޮޑު ލާރިގަނޑެއް ވަންނަގޮތަށް، އެ މަސް ވިއްކާލަނީތޯ؟ އެއީ، އަޅުގަނޑުމެން މަސްވެރިންގެ ހިތުގައި މިވަގުތު އުފެދޭ ވަރަށް ގިނަ ސުވާލުތަކެއް.

އަޅުގަނޑުމެން މިތިބީ މިފްކޯއަށް އެއްބާރުލުން ދޭން. އަޅުގަނޑުމެންގެ އަމިއްލަ ޚަރަދުގައި އަޅުގަނޑުމެން ހިނގައިދާނަން ތި ބޯޓާ އެކީގައި މަސް ވިއްކަން. އަޅުގަނޑުމެން ކެޔޮޅުން މިތިބީ. އަޅުގަނޑުމެންގެ އަމިއްލަ ޖީބުން ޚަރަދުކޮށްފައި ހިނގައިދާނަން މަސް ވިއްކަން. ތިވާގޮތެއް އަޅުގަނޑުމެން އެބަޖެހޭ މިހާރު ބަލަން. އަބަދު އަބަދު، ގެއްލުމޭ ގެއްލުމޭ، ކިޔާއަޑު އަޅުގަނޑުމެންނަށް މި އިވެނީ.

އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ކެޔޮޅުންވެސް މިތިބީ، އަޅުގަނޑުމެން އަމިއްލަ ޖީބުން، އަޅުގަނޑުމެން އަމިއްލައަށް ޚަރަދުކޮށްގެން އެ ބޯޓާ އެކީގޮސް، އެ މަހަށް، އެ ޑެމަރޭޖްވާ ގޮތެއް ބަލަން ތައްޔާރަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ.

މަސްވެރިއެއް:

السَّلَامُ عَلَيْكُمْ.

އާދެ، އަޅުގަނޑަކީ ހއ. އިހަވަންދުއަށް ނިސްބަތްވާ މަސްވެރިއެއް. ރައީސުލްޖުމްހޫރިއްޔާ ކެމްޕެއިނަށް އިހަވަންދުއަށް ފުރަތަމަ ވަޑައިގެންނެވި ދަތުރުގައި، އެންމެ ފުރަތަމަވެސް ސަލާމްކޮށްލާފައިވެސް އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ރަށަކީ މަސްވެރި ރަށެކޭ. މި ރަށުން ނޫނަސް އަދި މުޅި ރާއްޖެއިންވެސް މަސްވެރިކަމުގެ ޞިނާޢަތު މިހާރު މިދަނީ ފަނޑުވެ ގެއްލެމުންނޭ. އަޅުގަނޑު މަނިކުފާނުގެ ކިބައިން އެދޭ އެދުމަކީ، މިކަން ނަގާ ކޮޅަށްޖަހައިދިނުމޭ. އެހެންވީމާ، ވަރަށް ފޮނި އުންމީދީ ޖަވާބެއް އެރޭ އަޅުގަނޑަށް މަނިކުފާނު ދެއްވި. އެއީ، ރޭގަނޑެއްގެ ވަގުތު މަނިކުފާނު އަޅުގަނޑުމެންގެ ރަށަށް ވަޑައިގަތީ.

އެހެންވީމާ، އަޅުގަނޑު މަނިކުފާނަށް ހަނދާންކޮށްލަދެން، އަޅުގަނޑުމެން ކައިރީގައި އެވީ ވަޢުދާ އެއްގޮތަށް، އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ ރަށަށްވީ ވަޢުދުތައް ފުއްދައިދީ، އަދި މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު ނަގާ ކޮޅަށްޖަހައިދިނުމަށް.

އަޅުގަނޑުގެ ޚިޔާލަކީ މިފްކޯއަށް އެކަނި ދިވެހި މަސްވެރިންގެ އުންމީދުތަކެއް ފުރިހަމައެއް ނުކޮށްދެވޭނޭ. އަޅުގަނޑުމެންގެ މަސް ގަންނަ ޕްރައިވެޓް ފަރާތްތަކަށް ކުރިއެރުން ހޯދައިދެވޭ ކަހަލަ ގޮތަކަށް، އަޅުގަނޑުމެން މަސްވެރިންނަށްވެސް އެ މަންފާ ވާގޮތަށް، ކޮށްގެން ނޫނީ، އެކަންވާނެކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. އެހެންވީމާ، ޕްރައިވެޓް ސެކްޓަރގެ ބޭފުޅުން މިތަނުން ބޭރުވެގެންދިޔުމަކީ، މަސްވެރިންނަށް ގެއްލުންހުރި ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމާ، އެބޭފުޅުންނާ އެކީގައި އަދި ސަރުކާރު ކުންފުނިންވެސް އަޅުގަނޑުމެން ކުރިއަށް ގެންދިޔުމަށް މަސައްކަތްކޮށްދޭ ގޮތަށް، މަސްވެރިކަމުގެ ޞިނާޢަތު ރާވައިދިނުމަށް އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަރަށް އާދޭހާއެކު އެދެން.

އަޙްމަދު ޝިޔާމް - މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް:

މާދަމާރޭ ޖަލްސާގައި، ރައީސްގެ ވަރަށް ގިނަ މެސެޖްތަކެއް ޔަޤީނުންވެސް މަސްވެރިންނަށްޓަކައި އޮންނާނެ. ބައެއް ވާހަކަތަކަކީ، އާ ވާހަކަތަކަށްވާތީއާ އެކީގައި، ބައެއް ބޭފުޅުން ކުރެއްވި ސުވާލުތަކުގެ ޖަވާބުވެސް، އާ ޖަވާބުތަކަކަށް ވެދާނެ ފަހަރުގައި. ތިޔައިން ކޮންމެ ބޭފުޅަކީ ހަމަ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އިންވިޓޭޝަން ލިބިވަޑައިގެން މިކޮޅަށް ވަޑައިގެން ތިއްބެވި ބޭފުޅުންނަށްވާތީއާ އެކީގައި، މި ދެންނެވިހެން، މާދަމާރެޔަށް ޔަޤީނުންވެސް ރައީސް ބައެއް ވާހަކަތައް ބަހައްޓަވާނެ.

އަޅުގަނޑު ރައީސް އަރިހުން އެދެން، ތިޔަބޭފުޅުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ވަރަށް އުފާކުރަން، މިކަހަލަ ގުންޒަރެއް، ފޯރަމެއް މިގޮތަށް ރޭވިގެން ކުރިއަށްދާ ކަމަށްޓަކައި. މިއަދު ހެނދުނުން ފެށިގެން އެކިކަހަލަ ބައްދަލުވުންތައް، އެކި މައުޟޫޢުގައި ކުރިއަށް މިދަނީ. އަޅުގަނޑު ހަމަ ދޭން އޮތް ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ، މަސްވެރިންގެ ތިހިރަ އުދާސްތަކާއި ކަންބޮޑުވުން އަދި މި މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ތިހުރި ހުރިހާ ކަންބޮޑުވުންތަކަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަމަށް ޙައްލު ގެނެސްދޭނެ ކަންކަމޭ.

ކެމްޕެއިންގައި ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ވަޢުދުވާގޮތަށް ވަޢުދުވާ މީހެއް ނޫން އަޅުގަނޑަކީ. ދައްކާ ވާހަކަ ޢަމަލީގޮތުން ޙަޤީޤަތަކަށް ހަދައިދިނުމުގެ ނިޔަތުގައި ވަޢުދުވެފައި ހުންނާނީ. އެހެންވީމާ، އެގޮތުގައި މި ކުރިއަށް ދަނީ. ވަރަށް ހާލުގައި އިންޑަސްޓްރީ އޮތީމަ ކުރަންޖެހޭ މަސައްކަތްތައް ވަރަށްގިނަ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ފިޝަރީޒް މިނިސްޓަރ އަދި މިނިސްޓަރުގެ ދަށުން އޮތް މިފްކޯގެ ޓީމާއި މިނިސްޓްރީގެ ޓީމު އެކުގައި، މިހާރު މަސައްކަތް ފަށައިގެން މި ކުރިއަށް މިދަނީ. ވެފައިހުރި ވަޢުދުތައް ބަހާލައިގެން، ފުރަތަމަ ސާދަ ހަފްތާގައި ކާމިޔާބު ކުރެވޭނެ، ހާސިލު ކުރެވޭނެ ކަންތައްތައް ކަނޑައަޅައި، އެކަންކަން ކުރިއަށް ގެންދިޔުމަށް، އަދި އެއާ އެކީގައި ހަމަ ދެންހުރި ކަންކަންވެސް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ. އެހެންވީމާ، ދޭންއޮތް ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ އެގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން.

ދެން މި އިންޑަސްޓްރީ ކުރިއެރުވުމުގައި، އަޅުގަނޑު ދެކޭގޮތަކީ، އަޅުގަނޑު ހިތުން ހަމަ މި މާލަމުގައި އަޅުގަނޑުމެން ކެމްޕެއިން ތެރޭގައި ބޭއްވި ބައްދަލުވުން، އެއީ އިކޮނޮމިކް މެނިފެސްޓޯ އިޢުލާނު ކުރުމުގެ ބައްދަލުވުމުގައި އަޅުގަނޑު ދެންނެވި ވާހަކަ. އެއީ އަޅުގަނޑުގެ ވިސްނުން ހުރި ގޮތަކީ. ޙަޤީޤަތުގައި މި އިންޑަސްޓްރީގެ ޕޮޓެންޝަލް މާބޮޑު، ޓޫރިޒަމް އިންޑަސްޓްރީއަށްވުރެ، އަޅުގަނޑުމެންނަށް އެ ވަރަށް އެ ހިސާބަށް ކުރިއަށް ގެންދެވިއްޖިއްޔާ. އަޅުގަނޑުމެން ބޭނުންވަނީ އެ މަގުން ކުރިއަށްދާން. އެހެންވީމާ، އަޅުގަނޑުގެ ވިސްނުން މިކަމުގައި ހުރީ ތިޔަބޭފުޅުންނާ އެކީގައި.

އަޅުގަނޑުމެންގެ އިޤްތިޞާދީ ޒޯން، އިކޮނޮމިކް ޒޯން، އީ.އީ.ޒެޑްގެ އެންމެ ފުޅާމިނަށް އަޅުގަނޑުމެންނަށް މަސްވެރިކަން ފުޅާކުރެވެންވާނެ. އެހެންވީމާ، އެހިސާބަށް ދިޔުމަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި.

އެހެންވީމާ، އަޅުގަނޑުމެން ވެފައި ހުރި ވަޢުދުތައް، އެއީ ކޯލްޑް ސްޓޯރޭޖްތައް، މަސް ގަންނަ ތަންތަން، މަސްކިރާ ތަންތަން، ރައްކާ ކުރާ ތަންތަން އިތުރުކުރުން. ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ ދެގުނަކުރުމާއި، މިހާރުހުރި ފެކްޓްރީތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ތަންތަން ރަނގަޅު ފެންވަރަކަށް ގެނައުމާއި، އިތުރު ތަންތަން ހެދުން. މިހިރީ އަޅުގަނޑުމެން ވެފައި ހުރި ވަޢުދުތައް. އެ ވަޢުދުތައް ވެފައި އެހެރީ އެކަން ކުރުމުގެ ބޭނުމުގައި. އެހެންވީމާ، އެކަންކަން އެގޮތުގައި، ދެންމެގައި ހަމަ ތިޔަ ފާހަގަކުރެއްވި ކަންކަން ހަމަ އެއީ އޭގެތެރޭގައި ހިމެނޭނެ. ހުވަދުއަތޮޅު ދެކުނުބުރީގެ ވާހަކަ، ދ. އަތޮޅުގެ ވާހަކަ. ދެން ހަމަ އެކި ދިމަދިމާއިން ހަމަ މަސްވެރިން މިތާ އެބަ ތިއްބެވި.

އެންމެ އުތުރުން އެންމެ ދެކުނަށް، އައްޑޫ ސިޓީއާ ހަމަޔަށް، ހއ. އިން ފެށިގެން އަޅުގަނޑުމެން ހުންނާނެ އެކިކަހަލަ ވަޢުދުތައް ވެފައި. އެކަންކަން އެގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. މިރެއިން މިރެޔަށް ތާރީޚުތައް ދެންނެވުމަކީ، އަޅުގަނޑުމެންނަށް ފަސޭހަކަމަކަށް ނުވިޔަސް، އެހެން ނަމަވެސް، ހަމަ އަޅުގަނޑުމެންގެ ޕްލޭނަކީ، އެގޮތުގައި އެކަންކަން ވީހާވެސް އަވަސްމިނެއްގައި ކުރިއަށް ގެންދިޔުން.

އަޅުގަނޑުމެންނަށް ލިބޭ، ބޭރުގެ އެކިކަހަލަ ފައިނޭންޝަލް އެހީތެރިކަންވެސް. އަޅުގަނޑު ވިސްނާފައި މިއޮތީ ބޮޑަށް ކުރިއަށް އޮތް ތަނުގައި އިންފްރާސްޓްރަކްޗަރގެ ދާއިރާއަށް ހަމައެކަނި އިންވެސްޓް ކުރުމުގެ ބަދަލުގައި، އިންފްރާސްޓްރަކްޗަރއަށް އިންވެސްޓް ކުރުން. ނޫނީވިއްޔާ ޚަރަދުކުރުން. މިހާތަނަށް އެކަން ކުރެވިފައި އޮތް ގޮތުގެ ބަދަލުގައި، ނޫނީ އޭގެއިތުރަށް، މި އިންޑަސްޓްރީއަށް، މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި ބޭރުގެ ޤައުމުތަކުންނާއި، މަލްޓި ލެޓަރަލް އެކިކަހަލަ އޯގަނައިޒޭޝަންތަކުން، ބޭންކްތަކާއި އެކި ތަންތަނުން އަޅުގަނޑުމެން ހޯދާ އެކިކަހަލަ އެހީތަކުގެ ބޭނުން މި އިންޑަސްޓްރީ ކުރިއެރުވުމުގައި ހިފުން. އަދި ދެންހުރި ބައެއް އިންޑަސްޓްރީތައް ކުރިއެރުމުގައި އެހެން ނަހަދައެއް ނުއެއްވާނެ. އެގޮތަށް އެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން. އޭރުން އަޅުގަނޑުމެންގެ އިކޮނޮމީ، އިޤްތިޞާދު ފުޅާވެގެންދާނީ. ޑައިވައިސިފައި ވާނީ. އަދި ކުރިއެރުން ލިބޭނެ. އަޅުގަނޑުމެންގެ ޖީބުތަކަށް އެއިން އަސަރުކުރާނެ. ބޭނުންވާގޮތަށް އަޅުގަނޑުމެންނަށް މުއްސަނދިކަން ލިބިގެންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް ކުރިއަށް ގެންދާނަން.

ދެން އަޅުގަނޑުމެންނާ ހަވާލުވިއިރުގައި މަސްވެރިންނަށް ވަރަށް ބައިވަރު ފައިސާ ދޭން އެބަހުރި. އޭގެތެރެއިންވެސް މިހާތަނަށް މިދިޔަ ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް މިވަގުތަށް ދެވެންހުރި އެންމެ މެކްސިމަމް، ފައިސާ ވާނީ ދީފައި. މަސްވެރިންގެ ދޭންހުރި ޕެންޑިންގ ބިލްސްތައް އިރާދަކުރެއްވީތީ ދެވިފައި. އަދިވެސް އެބައޮތް، ސަތޭކަ ސާޅީހަކަށް މިލިއަން ރުފިޔާ ދައްކަން. އެ މަސައްކަތްވެސް އެބަ ކުރިއަށްދޭ، ފިނޭންސާއި މިފްކޯއާ ގުޅިގެން.

އެހެންވީމާ، އަޅުގަނޑުމެން ވަރަށް ބާރަށް ކުރިއަށް ގެންދާނަން މަސައްކަތްތައް. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ތިޔަހުރި ހުރިހާ ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދޭނަން. ދެން ބޭންކިންގ ނިޒާމުގެ ތެރެއިން، ތިޔަބޭފުޅުންނަށް އެކިކަހަލަ ކަންކަން ފަހިކޮށްދިނުމަށްޓަކައި ވެފައި ހުރި ވަޢުދުތައްވެސް އިރާދަކުރެއްވިއްޔާ ހަމަ އެގޮތުގައި އެބަ ކުރިއަށް ގެންދަން.

އަޅުގަނޑު ދޭންއޮތް ޔަޤީންކަމަކީ، އަޅުގަނޑުމެންގެ ހުރިހާ އަމާޒަކީވެސް ވެފައި ހުރި ވަޢުދުތައް ފުއްދުމާއި، އޭގެއިތުރަށްވެސް، މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މަސްވެރިންނަށާއި ހުރިހާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދިނުން. 25 ރުފިޔާއަށް ހުރި އަގު، ކުޑަކުރުމެއް ނޫން ވިސްނުމަކީ. އަޅުގަނޑުމެން މަސައްކަތް ކުރާނީ އެގޮތަށް. އެހެން ނަމަވެސް، ތިޔަބޭފުޅުންނާވެސް މަޝްވަރާ ކުރެވި، ހަމަ މުޅި އިންޑަސްޓްރީއާ މަޝްވަރާ ކުރެވިގެން އަޅުގަނޑުމެންގެ ކަންތައްތައް ނިމެމުންދާނީ. އަޅުގަނޑު ވީ ވަޢުދެއް، އިރާދަކުރެއްވިއްޔާ ބަދަލެއްނުކުރާނަން. ވަޢުދާ އެއްގޮތަށް އަދި އެއަށްވުރެވެސް ރަނގަޅު ކުރަން މަސައްކަތް ކުރާނީ. ޝުކުރިއްޔާ!

އަޅުގަނޑު އެދެން، ހަމަ މިނިސްޓަރވެސް އަދި އެމް.ޑީ.ވެސް އެއްޗެއް ވިދާޅުވުމަށް.

އަޙްމަދު ޝިޔާމް - މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް.

އަޅުގަނޑު ފަށަމުންވެސް ދެންނެވިހެން، މި ޙަފްލާއަށް ނުވަތަ މި ފޯރަމްގެ ބައިވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް، ފުރަތަމަ ކަމަކަށް ވަޑައިގެންނެވުމަކީވެސް ހަމަ މަސްވެރިންގެ ހުރި އަދި ޞިނާޢަތުގައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމުގެ ޝައުޤުވެރިކަން އަދި ދެއްވާ އަހަންމިއްޔަތުކަން އަޅުގަނޑުމެންނަށް ފެނިގެންދާ ކަމެއް.

އަޅުގަނޑު ދަންނަވާލާނަން، ރައީސްގެ އިޒުނަފުޅާ އެކީގައި. ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި އެންމެ ފުރަތަމަ ކެބިނެޓްގައި، އެންމެ ފުރަތަމަ ކަރުދާހެއް ގޮތަށް އެޖެންޑާ ކުރެވުނީ މަސްވެރިންގެ ކަރުދާހެއް. އެއީ، މުޅި ރައީސްގެ ކެމްޕެއިންގައިވެސް މަސްވެރިންގެ ފަރާތުން ރައީސާ ހިސާބަށް ޔަޤީނުންވެސް އައިސްފައި އޮތް ވާހަކައެއް އެއީ. މިފްކޯ ނޭޝަނަލައިޒް ކުރުމުގެ ވާހަކަ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކެބިނެޓުގައި އެންމެ ފުރަތަމަ ވާހަކަ ދެކެވުނު އަދި ފާސްވީވެސް މަސްވެރިންނާ ގުޅުންހުރި ކަރުދާހެއް. އަދި ހަމަ އެއާއެކީގައި، މި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، މަސްވެރިންނާ ގުޅުންހުރި ކަންތައްތައް ޙައްލުކުރުމަށްޓަކައި ހަމަ ކެބިނެޓުން ކުރަންޖެހޭ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން އެ ކަންތައްތައް ޙަޤީޤަތުގައި ކުރައްވަމުން އެ ގެންދަވަނީ.

ރައީސް ވަރަށް ބޮޑަށް ޝުކުރިއްޔާ، މަސްވެރި ޞިނާޢަތު ކުރިއަށް ގެންދެވުމަށްޓަކައި ތިޔަ ބަހައްޓަވާ ވިސްނުންފުޅަށް.

އަޅުގަނޑު އަދިވެސް އެއްފަހަރު، ހަމަ ހުރިހާ ބޭފުޅުންނަށް މިއަދު ހެނދުނު 9 ން ފެށިގެން ކުރިއަށް މިދިޔަ ފޯރަމް ނުވަތަ ގުންޒަރު ކާމިޔާބު ފޯރަމަކަށް ހައްދަވައި ދެއްވުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޑައިގެންނެވި ލޮބުވެތި ހުރިހާ މަސްވެރިންނަށާއި އަދި ހަމަ އެއާއެކީގައި،
މި ގުންޒަރުގައި މަޢުލޫމާތު ދެއްވަން ވަޑައިގެންނެވި އެކި ކުންފުނިތަކުގެ ބޭފުޅުންނަށާއި އަދި ހަމަ އެއާއެކީ، މިކަމުގައި އުޅުއްވި މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޙްމަދު ޝަމާހު ރަޝީދު - ސީ.އީ.އޯ. މިފްކޯ:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޝުކުރިއްޔާ ވަރަށް ބޮޑަށް އަޅުގަނޑަށް ދެއްވި ފުރުޞަތަށް. މިއަދު މިތަނުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މަހުގެ އަގު އެ އޮންނަ 25 ރުފިޔާގެ ވާހަކަ. އަޅުގަނޑު ހަމަ މަސައްކަތް ކުރާނީ، އެ އަގު އެންމެ ބޮޑަކަށް ދެވޭތޯ. އަޅުގަނޑުމެން މިހާރު މަސް މި ވިއްކާ މާކެޓްތަކުގެ އިތުރުން، އެހެން މާކެޓްތައް، ކޮމްޕަރެޓިވް މާކެޓްތައް ހޯދައިގެން، އެ އަގު އަދި އެއަށްވުރެވެސް ރަނގަޅު ކުރެވޭތޯ ބެލުން އެއީ އަޅުގަނޑުގެ މިއަދުގެ އަޞްލު މަސައްކަތަކީ.

ދެން ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ރިޖެކްޓް މަހުގެ ވާހަކަ. އަޅުގަނޑު މިފްކޯއާ ހަވާލުވި އެންމެ ފުރަތަމަ ދުވަހު އަޅުގަނޑު ކުރި ކަމަކީ، ރިޖެކްޓްވާން، އެ އިންސްޕެކްޓް ކުރަން ބެންކޮކަށް މިދާ ޓީމުގެ ކަންތައް ނިމުމަކަށް ގެނައުން. މިހާރު އެ ކަންތައް އަޅުގަނޑު އޮންނާނީ ނިންމާލާފައި އިނގޭތޯ.

ދެން ހަމަ އެއާއެކު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުވެސް ގަބޫލުކުރާ އެއްޗެއް ނޫން އިނގޭތޯ މިއީކީ އެއްވެސް ހާލެއްގައި މަސް ރިޖެކްޓް ވާންޖެހޭ ކަމަކަށް. އެއީ، ކިރައިގެން މި ގަންނަނީ. ދެން ސްޓޯރ ކޮށްފައި، އޭގައި ހަމަ ތިޔަ ވިދާޅުވިހެން، މި ތަނުގައި ކޮންމެވެސް ބޭފުޅަކު ފާހަގަކުރެއްވި ފަދައިން، ކޮލިޓީއާ އެއްޗެތި ޗެކް ކުރެވިގެން މި ބޭރުކުރެވެނީ. އޭރުވެސް ހަމަ އޭގައި އެއްވެސް މައްސަލައެއް ނެތް. ދެން އެކޮޅަށް ދިޔައިމާ، އެކޮޅުން މި ބުނަނީ، މިހާރު މިވެނި އަދަދަކަށް ކިލޯ ރިޖެކްޓްވީއޭ. މިހެން އެކޮޅުން އެންގީމާ، އަޅުގަނޑުމެންގެ ފަރާތުން ދާ ޓީމު ގޮސް ބަލާފައި، އެއީ ރިޖެކްޓް މަސް ކަމަށްވުން އެއީ އަޅުގަނޑުވެސް ގަބޫލުކުރާ ކަމެއް ނޫން އިނގޭތޯ.

ދެން އަޅުގަނޑު މި މުއައްސަސާއާ ހަވާލުވެގެން އަދި މާކަގިނަ ދުވަހެއް ނުވޭ. ހަފްތާއެއްހާ ދުވަސް މިވީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، ތިޔަބޭފުޅުން އަޅުގަނޑަށް ފުރުޞަތު ދެއްވާނެ ކަމަށް. އިރާދަކުރެއްވިއްޔާ، އެކަން ނިމުމަކަށް ގެނެސްފައި، މިފްކޯ ކޮޅަށްޖަހާނަން. ފައިދާވާ ކުންފުންޏަކަށް އަޅުގަނޑު ހަދާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޙްމަދު ޝިޔާމް - މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް:

އާދެ، އަޅުގަނޑުމެންގެ މި ބައްދަލުވުން، ރައީސުލްޖުމްހޫރިއްޔާ ތިޔަބޭފުޅުންނާ ބައްދަލުކުރައްވާ މި ބައްދަލުކުރެއްވުން މިހާހިސާބުން ނިންމާލަނީ.

މިރޭ މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންގެ ޝަރަފުގައި އެބައޮތް ފަރިއްކޮޅެއް. އަޅުގަނޑުމެން ހުރިހާ އެންމެންގެ ފަރާތުން ރައީސްގެ އަރިހުގައި އެދެން، އަޅުގަނޑުމެންނާ އެކީގައި، މަސްވެރިންނާ އެކީގައި މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް.