بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އާދެ، އަޅުގަނޑުމެން މިއަދު މި ޕްރެސް މި ބާއްވާލަނީ، މިއަދުގެ ކެބިނެޓް ނިންމުންތައް ހިއްސާކޮށްލަންވެގެން. ދެން މި ގަޑިއަށް މި ދިމާވީ، އަޅުގަނޑުމެންގެ ކެބިނެޓް ނިމުނީ 4 ޖެހިއިރު. ހެނދުނުން ފެށިގެން. ދެން، ގާތްގަނޑަކަށް ދިހަވަރަކަށް ކަންތައް މިއަދު ވަނީ ނިންމާލެވިފައި. އެހެންވީމާ، އަޅުގަނޑުމެން ގަސްތުކުރީ ކެބިނެޓުގައި މަޝްވަރާކޮށްފައި، ޕްރެސްއެއްގައި މަޢުލޫމާތު ހިއްސާކުރާގޮތަށް.

ދެން އެގޮތުން ބަލާއިރު، ފުރަތަމަ ކަމަކަށް، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް އިންޑަސްޓްރީ، މަސްވެރިކަމުގެ ދާއިރާއަކީ. މަސްވެރިކަން ކުރިއެރުވުމަށްޓަކައި، ކުރިއަށް ގެންދަން މެނިފެސްޓޯގައި ނިންމާފައި ހުރި ކަންތަކުގެ ތެރެއިން، އެންމެ މުހިންމު އެއްކަމަކީ، މިފްކޯއަކީ ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުން. އެސް.ޓީ.އޯ.ގެ ސަބްސިޑީ ދޭގޮތުގައި އޮތް އޮތުން ބަދަލުކޮށް، ނިމުމަކަށް ގެނައުން. އެހެންވީމާ، އެކަމާ ބެހޭގޮތުން ހުށަހެޅުނު ޕޭޕަރަށް މަޝްވަރާކޮށްފައި މިއަދު ކެބިނެޓުން މި ފާސްކުރީ، އެސް.ޓީ.އޯ.ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މިހާރު ހިނގަމުންދާ މިފްކޯ، އެސް.ޓީ.އޯ. ގްރޫޕްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް.

އެހެންވީމާ، އެ މަސައްކަތް، އެކަމުގެ ހުރިހާ އިޖްރާޢަތްތައް ދެން ކުރިއަށް ގެންދެވޭނެ. އެ ނިންމުން މިއަދު މި ނިމުނީ. އޭގެ ބޭނުމަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި މަސްވެރިންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ހާސިލުކުރުމުގައި، މަގުފަހިކުރުން. އެހެންވީމާ، އެކަމުގެ ހުރިހާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ، ބާރު ސްޕީޑްގައި ކުރިއަށްދާނެ.

އަޅުގަނޑުމެން ނިންމާފައި ވާނެ، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމުކޮށް، އެ ކޯޕަރޭޓިވަކީ މިފްކޯގެ ހިއްސާދާރަކަށް ހަދަންވެސް. އެހެންވީމާ، އެ ނިންމުންވެސް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނީ، މިކަންތައް މިގޮތަށް ކުރިއަށް ގެންދިއުމާ އެކީގައި. އެނގިވަޑައިގަންނަވާނޭ ފަދައިން، މަސްވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި ހުރި ގިނަ ކަންތައްތަކެއް ގުޅިފައި މިވަނީ މިފްކޯ ހަރުދަނާކޮށްގެން.

ދެން، ނިންމުނު އެއް ކަމަކީ، ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ނިންމުނު ވަރަށް މުހިންމު ނިންމުމެއް. މިހާރުވެސް ޤާނޫނުގައި އޮވޭ ބުނެފައި، 700 މީޓަރާ ހަމައަށް ކައުންސިލްތަކަށް އިޚްތިޞާޞް ކަނޑައެޅޭ ކަމަށް، ކަނޑައެޅިފައި އޮންނަ ކަމަށް، ރާޅުޖަހާ ފަށަލައިން ފެށިގެން. ދެން އެހެންނަމަވެސް، އެ އިޚްތިޞާޞް ތެރޭގައި، ނޫނީވިއްޔާ އެ ބައުންޑަރީ ތެރެއަށް ވަންނަ ބައެއް ރަށްތައް މިހާރުވެސް ހުރޭ، އެކި ބޭނުންތަކަށް ދޫކޮށްފައި. އެހެންނަމަވެސް، އެ ދޫކޮށްފައި ހުންނަ ހުރުމަކަށް، އެ ބޭނުމަކަށް އެ ރަށެއް ބޭނުމެއް ނުއެއްކުރެވޭ. އޭގެ ސަބަބުން ވަރަށް ގިނަ ދަތިތައް، ރައްޔިތުންނަށްވެސް ކުރޭ. ދެން މިހެން ހުރި ރަށްތައްވެސް އެބަ ހުރޭ. އަދި އެގޮތަށް ދޫނުކޮށްހުރި ރަށްތައްވެސް އެބަހުރޭ. އަދި އެ ބައުންޑަރީއަށްވުރެ ދުރުގައި ހުންނަ އެނޫން ފަޅުފަޅާއި ރަށްރަށްވެސް އެބަހުރޭ، އެކިކަހަލަ މަޝްރޫޢުތައް ހިންގިއްޖިއްޔާ، އެ ރަށްރަށުގެ ކައުންސިލްތަކަށް އެއިން ފައިދާ ލިބިދާނެ ކަހަލަ.

އެހެންވީމާ، މިގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށްޓަކައި، އުސޫލެއްގެ ގޮތުން އެކަން ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މިއަދުގެ ކެބިނެޓުން މި ފާސްކުރީ، ޤައުމީ ތަރައްޤީގައި އަޅުގަނޑުމެން ކުރިއަށްގެންދަން މި ނިންމާފައިވާ ގޮތަށް، 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށްދާއިރުގައިވެސް، މި މެނިފެސްޓޯއާއި، ޤައުމީ ތަރައްޤީއަށް ކުރިއަށްގެންދަން ރާވައިފައި ހުރި ކަންކަމަށް އެލައިންވާ ގޮތަށް، މިގޮތަށް ހުރި ރަށްރަށުގެ ކައުންސިލްތަކުން އެދޭ ފަޅުފަޅާއި ރަށްރަށް، ކައުންސިލްތަކަށް ހަވާލުކުރެވޭނެ އުސޫލެއް. އެ އުސޫލަކީ ޕްރޮޕޯޒަލް ހުށަހަޅައިގެން، އަދި އެ ފަޅު، ނޫނީ އެ ރަށް ހިމެނޭ އަތޮޅުގައި ހިމެނޭ، މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެވެސް ތާއީދު އޮތްތޯ ބަލައި، ރުހުން ލިބޭ ކަމަށްވަންޏާ، މި ދެންނެވި ގޮތަށް، އެ ފަޅު، ނޫނީ އެ ރަށް ބޭނުންވާ ރަށަށް ވަކި އެގްރިމެންޓެއް ހަދައި، އެ ފަޅެއް ނޫނީވިއްޔާ ރަށެއް ރާއްޖޭގެ ތަރައްޤީއަށް ބޭނުންހިފޭގޮތަށް، އަދި ރާއްޖޭގައި ހިނގާ މައިގަނޑު އިންޑަސްޓްރީތަކަށް އެއިން ގެއްލުމެއްނުވާ ގޮތަށް ފުރުޞަތު ދިނުމަށް. އެހެންވީމާ، އެގޮތަށް ފުރުޞަތު ދިނީމާ، ރަށްރަށަށް އެއިން އިޤްތިޞާދީ ނަފާ ލިބި، ވަޒީފާ ލިބި، އެކަހަލަ ފުރުޞަތުތައް ލިބޭނެ. ދެން އޭގެ އިތުރަށް، އޭގެ ސަބަބުން އާމްދަނީ އިތުރުކުރެވި، ރައްޔިތުން ބާރުވެރިކުރެވިގެންދާނެ. ކައުންސިލްތައް އިތުރަށް ކުރިއަރައިގެންދާނެ.

އެހެންވީމާ، އެކަން ކުރިއަށް ގެންދިޔުމަށްޓަކައި، ރަށްރަށަށް ތަރައްޤީއަށް ބޭނުންކުރުމަށްޓަކައި، މި ދެންނެވި ގޮތަށް ފުރުޞަތުތައް ހުޅުވާލަން މި ނިންމީ މައިގަނޑު ދެ ހަމައެއްގެ މަތިން. އެއް ހަމަޔަކީ ޤައުމީ ތަރައްޤީއަށް އެލައިންވުން. ދެވަނަ ހަމައަކީ، އެ ރަށެއް، ނޫނީވިއްޔާ އެ ފަޅެއް، ފަޅުރަށެއް، ނޫނީވިއްޔާ އެ ފަޅެއް ނިސްބަތްވާ އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެވެސް ރުހުން އެކަމަށް އޮތްތޯ ބެލުން. ބަލާފައި ހަވާލުކުރާ ގޮތަށް. އޭރުން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި، ތަރައްޤީގެ ވަރަށް ގިނަ ފުރުޞަތުތައް ރަށްރަށަށް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ.

ދެން، ނިންމުނު މުހިންމު ތިންވަނަ ނިންމުމަކީ، ގެދޮރުވެރިކަމާ ގުޅޭގޮތުން އަޅުގަނޑުމެން ވެފައިވާ ވަޢުދުތަކާ ގުޅޭ ނިންމުމެއް. އެއް ވަޢުދަކީ، ރަށްރަށުގައި އަޅާފައި ހުރި ރޯހައުސްތަކާއި، ފްލެޓްތަކާ، މިހެންހުރި ގެދޮރުވެރި ހައުސިންގ ޔުނިޓްތައް ހުރީ، ފަސްހާސް ރުފިޔާއަށް، ނޫނީވިއްޔާ އެކަހަލަ ބޮޑެތި އަގުތަކުގައި ދީފައި. ދެން އަޅުގަނޑުމެން ވަޢުދުވިން، އެ އަގުތައް ކުޑަކޮށްދޭނެ ކަމަށް. ރަށްރަށުގައި އަޅާފައި ހުރި ހައުސިންގ ޔުނިޓްތަކުގެ އަގު ކުޑަކުރާނެ ކަމަށް. އެހެންވެ، އެގޮތުން ހުށަހެޅުނު ޕޭޕަރަށް މަޝްވަރާކޮށްފައި އަޅުގަނޑުމެން މި ނިންމީ، ހުރިހާ ރަށެއްގައިވެސް އަޅާފައި ހުރި ގެދޮރުވެރިކަމުގެ ހައުސިންގ ޔުނިޓްތައް، މި ދެންނެވި ގޮތަށް ފަސްހާސް ރުފިޔާ، ނޫނީވިއްޔާ އެކި އަގުތަކަށް ބޮޑުކޮށްފައި ހުރި ޔުނިޓްތަކުގެ އަގު، ތިންހާސް ތިންސަތޭކަ ތިރީސް ރުފިޔާއަށް ކުޑަކުރާގޮތަށް. ތިންހާސް ތިންސަތޭކަ ތިރީސް ރުފިޔާއަށް ކުޑަކުރާގޮތަށް، މިހާރުވެސް ހަމަ އެ އޮންނަ މުއްދަތު، 20 އަހަރުގެ ތެރޭގައި. މާނައަކީ ހަމަ ވަރަށް ބޮޑުތަނުން ޑިސްކައުންޓް ވެގެން އެދަނީ. އެހެންވީމާ، މިހާރު ފަސްހާހަށް، ނޫނީ ހަތަރުހާސް ފައްސަތޭކައަށް، ހަތަރުހާހަށް ހުރި އަގުތައް ކުޑަވެގެންދާނެ، ތިންހާސް ތިންސަތޭކަ ތިރީސް ރުފިޔާއަށް، މިހާރު ރަށްރަށުގައި ދީފައި ހުރި ހުރިހާ ހައުސިންގ ޔުނިޓްތަކެއް. ދެން ހުންނާނެ ތަންކޮޅެއް ކުރީގައި، ދެހާސް ފައްސަތޭކައަށް ހުރި ތަންތަން. އެ ތަންތަން ހަމަ ހުރި އަގުގައި ހުންނާނީ. މި އަގަށްވުރެ ދެން ބޮޑެއް ނުވާނެއޭ، ރަށްރަށުގައި ހުރި އެއްވެސް ހައުސިންގ ޔުނިޓެއް. ދެހާސް ފައްސަތޭކައަށް ހުރި ތަންތަން ހުންނާނެ ބައެއް ރަށްރަށުގައި ކުރީގައި ދީފައި. އެހެންވީމާ، އެ ތަންތަން ހުންނާނީ ހަމަ އެ އަގުގައި.

ދެން އަނެއް ނިންމުމަކީ، ހިޔާ ފްލެޓްތަކުގެ އަގު، ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ދިޔަ ޚަރަދުގެ ތެރެއިން، އެވްރެޖް އަގެއްގެ ގޮތުގައި، ދެ ލައްކަ ރުފިޔާ ކަނޑައަޅައި، އެ އަގު ފްލެޓްތަކުން، ފްލެޓްތަކުގެ ރައްޔިތުންނަށް، ފްލެޓްތައް ލިބުނު ފަރާތްތަކަށް، އެ އަގުން ފައިދާވާ ގޮތަށް، އެ ޑިސްކައުންޓްވާ ގޮތަށް ހަދައިދޭނެ ކަމަށް އަޅުގަނޑުމެން ވަޢުދުވެފައި އޮންނާނެ. އަޅުގަނޑު ވަޢުދުވެފައި އޮންނާނެ. ދެން އެކަންތައް އަޅުގަނޑުމެން ހުށަހަޅައި މިއަދު މި ނިންމީ، ދެ ލައްކަ ރުފިޔާއަށް ވާވަރަށް، ފްލެޓްތަކުގެ އަގުން އުނިކުރާ ގޮތަށް. މިހާރު މަހަކު މި ދައްކަނީ، ފަސްހާސް ތިންސަތޭކަ ރުފިޔާ.

އެހެންވީމާ، ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް، މިހާރު އޮންނަގޮތުންވިއްޔާ، ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ދައްކަން މިއޮތީ ފަސްހާސް ތިންސަތޭކަ. މިހާރު އެގްރިމެންޓް ހެދިފައި ހުރި ގޮތުން. އެހެންވީމާ، އެ ހަތް އަހަރު ދުވަހަށް ދެން ދައްކަންޖެހޭނީ، މަހަކު ތިންހާސް ނުވަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ އެކާވީސް ލާރި. ތިންހާސް ނުވަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާއަށް ކުޑަވަނީ، ހިޔާ ފްލެޓްތަކުގެ އަގު، ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް. މިހާރު އޮތް އެގްރިމެންޓަށް ބަދަލެއް އައިސް، މުއްދަތަށް ބަދަލެއް ނައިސް އެފެކްޓިވްލީ ދެ ލައްކަ ރުފިޔާ، ކޮންމެ ފުލެޓަކުން އަޅުގަނޑު މި އުނިކޮށްދެނީ. އެހެންވީމާ، އެ ލުއި ލިބިގެންދާނެ.

ދެން ވިނަރެސް ފުލެޓްތަކަށްވެސް އަޅުގަނޑުމެން ވަޢުދުވިން، ޑައުން ޕޭމަންޓާއި، މަހުން މަހުން ދައްކަންޖެހޭ އަދަދު މިހާރަށްވުރެ ކުޑަކޮށްދޭނެ ކަމަށް. އެގޮތުން މި ނިންމީ، މިހާރު ޑައުންޕޭމަންޓަށް ދައްކާ އަދަދުން ފަންސާސް ޕަސެންޓް ކުޑަކޮށްދިނުމަށާއި، މަހުން މަހަށް ދައްކާ އަދަދު، އެވްރެޖްކޮށް ހަތަރުހާސް ދުއިސައްތަ ރުފިޔާ އުނިވާ ގޮތަށް. މިހާރު ދައްކާވަރުން ހަތަރުހާސް ދުއިސައްތަ ރުފިޔާ އުނިވެގެންދާނެ. އެހެންވީމާ، ޑައުން ޕޭމަންޓް ފަންސާސް ޕަސެންޓް ކުޑަވެ، މަހުން މަހަށް ދައްކާ އަދަދު އެކި ފަރާތްތަކުން އެކިވަރަށް ދައްކަމުން ދަނީ، ޑައުން ޕޭމަންޓަށް ޑިޕެންޑްވާ ގޮތަށް. އެ ދައްކާ އެއްޗަކުން ހަތަރުހާސް ދުއިސައްތަ އެވްރެޖްކޮށް. އެ ފޯރމިއުލާއެއް ހެދިފައި އޮންނާނެ. އެ ފޯރމިއުލާއަށް ފިޓްވާގޮތަށް، އެވްރެޖްކޮށް ހަތަރުހާސް ދުއިސައްތަ ވަރަކަށް ރުފިޔާ އުނިވެގެންދާނެ. އެހެންވީމާ، އެ ނިންމުންވެސް މިއަދު ވާނެ ނިންމާފައި.

ދެން ނިންމުނު އެހެން ނިންމުމަކީ، ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ފަސް އަހަރުގެ ތެރޭގައި، އެއްހާސް ފަޤީރުންނަށް ހިލޭ ދެވޭގޮތަށް ނިންމި ނިންމުން. އެއީ، މެނިފެސްޓޯގައި ވީ ވަޢުދެއް. އެކަން ރަސްމީކޮށް މިއަދު ކެބިނެޓުގައި މި ފާސްކުރީ. ފާސްކޮށް، މި އަހަރު ދެން އެންމެ ފުރަތަމަ ޙައްޖަށްދާ މީހުންގެ ތެރޭގައި، ފަންސާސް މީހުން މިގޮތަށް ހިލޭ ޙައްޖަށް ފޮނުވޭނީ. ދެން އެކި އަހަރު އެކި އަދަދުތައް. ކުރިއަށް އޮތް އަހަރަށް އެއަށްވުރެ މާގިނަކުރެވޭނެ އިރާދަކުރެއްވިއްޔާ. ޖުމްލަކޮށް ފަސް އަހަރަށް އެއްހާސް މީހުން ހަމަކުރާނެ. އެހެންވީމާ، ފުރަތަމަ ފަށާނީ ފަންސާސް މީހުން ފޮނުވައިގެން.

ދެން ކޮންބައެއްތޯ ފޮނުވަނީ؟ ނޭޝަނަލީ، ޤައުމީ ގޮތުން މި ކަނޑައެޅިފައި އޮންނަ ދަފްތަރު، ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، އެ ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން. އެ ހާމަކުރާނެ. ގެޒެޓްކުރެވޭ، އިޢުލާނުކުރެވޭ އުސޫލުގެ ތެރޭގައި ހިމެނޭނެ. އޭގެ ތެރެއިން ނެގޭ ފަރާތްތައް، މި ފަންސާސް މީހުންނާއި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދެވޭ އެއްހާސް މީހުންގެ ތެރޭގައި ހިމެނިގެންދާނެ. ދެން އަޅުގަނޑުމެންގެ އުންމީދަކީ، މިއީ ހަމައެކަނި ފަސް އަހަރަށް ކުރާ ކަމަކަށް ނަހަދައި، އަޅުގަނޑުމެން އެކިއެކި އެހެން ފުރުޞަތުތައް ހޯދައިގެން، މިކަމަކީ ދާއިމީ ގޮތެއްގައިވެސް ރައްޔިތުންނަށް ލިބޭނޭކަހަލަ، ފަޤީރުންނަށް ލިބޭނޭކަހަލަ ކަމަކަށް ބަދަލުކުރުން. އެހެންވީމާ، މި އަހަރު ފަންސާސް މީހުން އިރާދަކުރެއްވިއްޔާ ފޮނުވިގެންދާނެ.

ދެން ނިންމީ، އާސަންދައާ ގުޅޭ ތިން ވަޢުދެއް އަޅުގަނޑުމެން ވި. އެއް ވަޢުދަކީ މެޑިކަލް ޗެކްއަޕް، އާސަންދައިގެ ތެރޭގައި ޚިދުމަތެއްގެ ގޮތުގައި ހިމަނައިގެން، މެޑިކަލް ޗެކްއަޕް ފްރީކޮށް އާސަންދައިގެ ތެރެއިން ހެދޭނެ ނިންމުން. އެކަން މިއަދު ފާސްކުރީ. އެއީ، މިހާތަނަށް އޮންނަ ކަމެއް ނޫން، ސީދާ އެގޮތަށް ކަނޑައެޅިގެނެއް. އެހެނެއްނޫން، މިހާރުވެސް ހަމަ ބައެއް ކަންކަމުގައި ހުރޭ ޓެސްޓްތައް ހެދެން. އެހެންނަމަވެސް، އެކި އުމުރުފުރާތަކަށް ބަހާލައިގެން، އެކިކަހަލަ ޕެކޭޖްތައް މީގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާނަން. އަދި އޭގެ ތެރޭގައި، ޑޮކްޓަރުން އެގޮތަށް ލަފާދީފިނަމަ، ދޭ ލަފާގެ މައްޗަށް ހަމަ އަހަރަކު ދެފަހަރު، އާސަންދައިގެ ތެރެއިން، އެކިކަހަލަ ޕްރޮފައިލްތައް ހަދައިދޭނެ. ދެން ސަރުކާރު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް، މިކަން ކުރެވޭގޮތަށް ރާވައި، އަދި އެ ޚިދުމަތް ނެތް ކަމަށްވަންޏާ، އާސަންދަ ސްކީމްގައި ރަޖިސްޓްރީ ކޮށްފައި ހުންނަ އަމިއްލަ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުންވެސް މިކަން ކުރެވޭގޮތަށް ހަމަޖެހިގެންދާނެ.

އަޅުގަނޑުމެންގެ މައިގަނޑު އެއް ސިޔާސަތު މިއީ، ބަލިޖެހުމުގެ ކުރީގައި ބަލިން ރައްކާތެރި ކުރުން. ޕްރިވެންޓިވް ހެލްތު ކެއަރ، އެއަށް ވަރަށް ބޮޑު އިސްކަމެއް ދޭން ނިންމާފައި މިއޮތީ. އެހެންވީމާ، އެންމެންނަށްވެސް އަޅުގަނޑުމެން އެވެއަރނަސް ޕްރޮގްރާމްތައްވެސް ހިންގާނެ، ޗެކްއަޕް ހެދުމަށް ބާރުއަޅާނެ. އެހެންވީމާ، ރެގިއުލަރ ގޮތެއްގައި ދެން އެކި އުމުރުފުރައަށް ހުންނާނީ، އެކި ރޭންޖް އޮފް ޓެސްޓްސް. ދެން އެ ހުރިހާ އެއްޗެއް އިޢުލާނު ކުރެވިގެންދާނެ.

އެހެންވީމާ، ހިލޭ ޓެސްޓް ހެދިގެންދާނެ ގޮތް، ޚާއްޞަކޮށް، ގައިންގަޔަށް ނާރާ، ވަރަށް ނުރައްކާތެރި ބަލިތައް އަޅުގަނޑުމެންގެ ތެރޭގައި އެބަ ފެތުރޭ. އެކަންކަމަށް ދުރާލާ ރައްކާތެރިވުމުގެ މަގުފަހިވެގެންދާނެ. ލައިފްސްޓައިލަށް ގެންނަންޖެހޭ ބަދަލުތަކާއެކު، މިކަންކަމަށް ބަރާބަރަށް ޓެސްޓުތައް ހެދޭނެ. މި ފުރުޞަތު ލިބިގެންދާނެ.

ދެން ވީ އަނެއް ވަޢުދެއް އެއީ، އާސަންދައިގެ ތެރޭގައި މިހާރު ބޭރު ޤައުމުތަކުގެ ހޮސްޕިޓަލުން އެއަށްވުރެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުވަންޏާ، ދައްކަންޖެހޭ ޑިފަރެންސް، އަތުން ދައްކަންޖެހެނީ. އަޅުގަނޑު ވަޢުދުވިން، އެކަން އާސަންދައިގެ ތެރެއިން ހިމަނާނަމޭ. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެކަމަށް ދިރާސާތައްކޮށް، ޕޭޕަރު ހުށަހަޅައި މި ނިންމީ، އެ ކަން އެގޮތަށް ކުރަން. އާސަންދަ ސްކީމްގައި އިންޕެނަލް ކުރެވިފައިވާ ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑް ކުރާނަން. ގްރޭޑްތަކަކަށް ބަހާލައި، ބަލިމީހާ ބޭނުންވާ ހާލަތުގައި، އެއް ގްރޭޑެއްގައި ހިމެނޭ ހޮސްޕިޓަލް މެދުވެރިކޮށް، ހޮސްޕިޓަލް ބަދަލުކުރާ ކަމަށްވަންޏާ، އެ ގްރޭޑް ބަދަލުވެގެން އެދާ ތަފާތު، އަޅުގަނޑުމެން އެ ސްކީމްގެ ތެރެއިން ޚަރަދު ހަމަޖައްސާގޮތަށް.

ދެން އަނެއް ވަޢުދަކީ، އައި.ވީ.އެފް. ޓްރީޓްމަންޓް ހިމެނޭހެން، ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތައް، އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދޭން ނިންމުން. މިއީ ކުރީގައި އޮންނަ ކަމެއް ނޫން. އެކަމަކު އެއީ އަޅުގަނޑުމެން ވީ ވަޢުދެއް. ދެން އެކަންވެސް ދިރާސާކޮށް، އަޅުގަނޑުމެން މި ނިންމީ، އައި.ވީ.އެފް. ޓްރީޓްމަންޓް ހިމެނޭހެން، ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. ދެން އެކަމާ ބެހޭގޮތަށް، އެކަން ހިމެނޭގޮތަށް، އާސަންދަ ސްކީމްގެ ގަވާއިދު އަޅުގަނޑުމެން އިސްލާހުކޮށް ގެޒެޓް ކުރާނަން. އަދި އެކަމަށް އުސޫލެއް އެކުލަވައިލާ، އެކަންވެސް އިޢުލާނު ކުރާނަން. އައި.ވީ.އެފް.، އައި.ޔޫ.އައި.، ޚިދުމަތް ދެވޭގޮތް އިޢުލާނު ކުރެވިގެންދާނެ. ދެން ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުންވެސް މި ޚިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދެވިގެންދާނެ، ސަރުކާރުގެ ހޮސްޕިޓަލްތަކުގެ އިތުރުން. އަދި ބޭރުގައި މިކަމަށް އަޅުގަނޑުމެން އާސަންދަ ކަވަރކުރާނެ ހޮސްޕިޓަލްތައް ކަނޑައެޅިގެންދާނެ. އަދި އޭގެ އިތުރަށް، ފަރޓިލިޓީ ކެއަރ އަށް ޚާއްޞަ ސެންޓަރެއް މިހާރުވެސް އައި.ޖީ.އެމް.އެޗް. ގައި އެބަހުރި. އެތަން އިތުރަށް އެކްސްޕޭންޑްކޮށް، އަދި އެކަމަށް ޚާއްޞަކުރެވިގެން ސެންޓަރެއް ޤާއިމުކުރެވިގެންދާނެ. އަދި އެކަމަށް ޚާއްޞަ ފަންޑެއް އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ބަޖެޓުން މި އަންނަ އަހަރަށް، ދެން މި ބަލަނީ ގާތްގަނޑަކަށް ތިރީސް މިލިއަން ރުފިޔާގެ ފަންޑެއް، ފަރޓިލިޓީ ކެއަރ ފަންޑެއް ޤާއިމުކުރެވޭނެ ކަމަށް. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ.

ދެން ނިންމުނު ނިންމުމަކީ، ދިވެހިރާއްޖޭގެ ސްކޫލްތަކުގައި، ސެޝަން ފަށާ ގަޑީގައި ޤައުމީ ސަލާމުން ސެޝަން ފަށަން. މި ޑިސެންބަރު މަހު ސްކޫލް ބަންދުވެފައި، އަންނަ އަހަރު ޖަނަވަރީގައި ސްކޫލް ހުޅުވޭ ޓާރމުން ފެށިގެން، ދެން ކޮންމެ ސްކޫލެއްގައި، ކިޔަވާ ކުދިން ސެޝަން ފަށާނީ، ޤައުމީ ސަލާން ކިޔާފައި. އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވަޢުދަކީ ޤައުމިއްޔަތު ދިރުވައި އާލާކުރުން. އެހެންވީމާ، އެގޮތުން ތުއްތު ކުދިން، ސްކޫލް ކުދިންގެ ހިތްތަކުގައި، ޤައުމީ ލަވަ ދެކެ، ޤައުމީ ސަލާން ދެކެ ލޯބި ޖައްސައި، އެ ކިޔޭ އެއްޗެއްގެ މާނަ ވިސްނި، އެއަށް ލޯބި ކުރުމަށް ހިތްޖެއްސުމަށްޓަކައި، ކޮންމެ ދުވަހަކު، ކޮންމެ ސްކޫލެއްގައި، ސްކޫލް ފަށާނީ، ޤައުމީ ސަލާން ކިޔައިގެން. ޤައުމީ ސަލާން ކިޔާނީ، އެސެމްބްލީގައި، ސެޝަން ފެށޭ ގަޑީގައި. އެހެންވީމާ، އެގޮތަށް އިރާދަކުރެއްވިއްޔާ، ޖަނަވަރީގައި ސްކޫލްތައް ހުޅުވޭ ދުވަހުން ފެށިގެން ދެން ކުރިއަށް ދާނީ.

މި ނިންމުންތައް މިއަދުވަނީ ނިންމިފައި. ދެން އެހެންވީމާ، އަޅުގަނޑުމެން ގަސްތުކުރީ، މި ހުރިހާ މަޢުލޫމާތެއް ތިޔަބޭފުޅުންނަށް ހަމަ ވަގުތުން ހިއްސާކޮށްލަން. ވަރަށް ކުޑަ ވަގުތުކޮޅެއް، ބަންގި ގޮވުމާ ދޭތެރޭގައި. އާދެ.

މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

އާދެ، ޝުކުރިއްޔާ ރައީސް. އަޅުގަނޑުގެ އެބައޮތް ފަސް ވަރަކަށް ސުވާލު. އެންމެ ފުރަތަމަ ސުވާލަކަށް، މި ސަރުކާރުން، ރައީސް މުޢިއްޒުގެ ސަރުކާރުން މިތަނުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ހާމަކުރެއްވި، 77 އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިކަމަށް. ރައީސް މުޢިއްޒު ރާއްޖެ ވަޑައިގެން، މީގެ ދެ ދުވަސް ކުރިން އެއަރޕޯޓުގައި ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި، އަދި އެ ނަންބަރުތައް ޖެހޭނީ ބަލަން ކަމަށް. އެ ހިސާބުން އެ ވާހަކަ ނިންމަވައިލެއްވީ. އެހެންކަމަށްވާނަމަ ތިޔަ ވިދާޅުވަނީ، 77 އަށްވުރެވެސް ގިނަ ސިފައިން ތިބިކަމަށްތޯ ބެލެވެނީ؟ ކިހާވަރެއްގެ ޖުމްލަ ސިފައިން ރާއްޖޭގައި އެބަތިބިތޯ؟

ދެވަނަ ސުވާލަކަށް އަހާލަން ބޭނުންވޭ، ރައީސް ޑޮކްޓަރ މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ރައީސް ޔާމީންގެ ތާއީދާ އެކީގައި. ރައީސް ޔާމީންގެ ފޮޓޯފުޅު ހުރީ. އެ މަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރައްވާ ގޮތުގައި، އެއީ ރައީސް ޔާމީން މިނިވަންކުރަން ދިން ވޯޓެއް. ރައީސް ޔާމީނަށްޓަކައި ދިން ވޯޓެއް. އެހެންނަމަވެސް، މުޢިއްޒަށް، ރައީސް މުޢިއްޒަށް ވޯޓުދެއްވި އެއްލައްކަ ނަވާވީސް ހާސް ރައްޔިތުން އެ ވިސްނުމެއް ނުހުރެދާނެ. އެގޮތަށް ނުދެކެފާނެ. ކޮބައިތޯ ރައީސް މުޢިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، ރައީސް މުޢިއްޒަށް ރައްޔިތުން ވޯޓު ދެއްވީ، ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައިތޯ؟ ރައީސް ޔާމީނަށްޓަކައިތޯ؟

އަދި މިއާއެކީގައި އަހާލަން ބޭނުންވޭ، ރައީސް ޔާމީންގެ ފަރާތުން އެ މަނިކުފާނުގެ ވަކީލުން އެބަ ވިދާޅުވޭ، ރައީސް މުޢިއްޒު އިންތިޚާބުވީ ހިސާބުން، ރައީސް މުޢިއްޒާއި ރައީސް ޔާމީނާ އެއްވެސްކަހަލަ ގުޅުމެއް ނެތް ކަމަށް. ފޯނެއް ނުނަންގަވާ ކަމަށް. ސީން ޒޯން ކުރެއްވީ ކަމަށް. އެކަހަލަ ކަމެއް އުޅޭތޯ؟ އެކަހަލަ މައްސަލައެއް ޖެހުނުތޯ؟

ތިންވަނަ ސުވާލަކަށް އަހާލަން ބޭނުންވޭ މިހާރު މި ސަރުކާރަށް ގާތްގަނޑަކަށް ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެއްޖެ. ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، ފިރުޒުލް ހާމަކުރެއްވި، މިހާރު ސަތޭކައަށްވުރެ ގިނަ އެއްބަސްވުން އިންޑިއާއާ އެކީގައި ހަދާފައިވާ ކަމަށް. އެ އެއްބަސްވުންތައް ދިރާސާކުރަމުންދާ ކަމަށް. މިހާތަނަށް ބެލި ބެލުމުން، ރާއްޖޭގެ ސަލާމަތަށް، އިސްތިޤްލާލަށް އުނިކަން އަންނަ އެއްވެސް ކަމެއް އެއްވެސް ވަރަކަށް ތިޔަބޭފުޅުންނަށް ފާހަގަކުރެވިފައިވޭތޯ؟

ފަހު ސުވާލަކަށް އަހާލަން ބޭނުންވޭ، ރައީސް މުޢިއްޒު ވިދާޅުވެފައިވޭ، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަކުރައްވާނެ ކަމަށް. އަދި މިހާތަނަށް އައިއިރު އެ ސިޓީއެއް ހާމައެއް ނުކުރައްވާ. މީގެ ކުރިން ލީކްވި ސިޓީއެއް. ކުރީ ސަރުކާރުން ބުނި އެއީ އެ ސިޓީ ކަމަށް. ހަމަ އެ ސިޓީތޯ އެއީ؟ އަދި ޗާގޯސް، ރާއްޖެއިން ގެއްލުނު ބައި، ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަޙައްދު ހޯދުމަށް ކޮބައިތޯ މިހާރު ކުރަމުންދާ މަސައްކަތަކީ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑުމެން ތިޔަ ހުރިހާ ސުވާލަކަށްވެސް ޖަވާބުދޭނަން. މިއަދު އަޅުގަނޑު ގަސްތުކުރަނީ، މި މައުޟޫޢުގައި މިއަދު ނިންމުނު ނިންމުންތަކާ ބެހޭގޮތުން ޖަވާބުދޭން. ތިކަންކަމަށް އަޅުގަނޑު ހަމަ މަޢުލޫމާތުތައް ހިއްސާކުރާނަން. ހަމަ ތިއިން ކޮންމެ ސުވާލަކަށްވެސް އަޅުގަނޑު ޖަވާބުދޭނަން އިނގޭތޯ. މިއަދު އަޅުގަނޑު އެދެނީ މި މައުޟޫޢުތަކަށް، މި ނިންމި ނިންމުންތަކާ ބެހޭ ސުވާލުތައް ކުރުމަށް. ހަމަ ހުރިހާ އެއްޗަކަށް އަޅުގަނޑު ޖަވާބުދޭނަން އިނގޭތޯ. މިއަދުގެ ނިންމުންތަކަށް، ސުވާލުކުރެއްވުން މިއަދު އެދެން. ހަމަ ތިޔަށް ޖަވާބުދޭނަން އަޅުގަނޑު.

އަޙްމަދު ޢާއިދު - އަދަދު:

މިއަދުގެ ނިންމުންތަކުގެ ވާހަކަ ތިޔަ ވިދާޅުވީ. އޭގެ ކުރިން އަޅުގަނޑު ޖެހިލަން ބޭނުންވޭ، މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރެއްގެ ގޮތުން، ސަޢުދީ ޢަރަބިއްޔާއަށް ދަތުރެއް ކުރައްވަން ނިންމެވި ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވޭ. އެ ދަތުރު ކެންސަލްކުރެއްވީ ކީއްވެތޯ؟

ދެވަނަ ސުވާލަކަށް ވަރަށް ގިނަ ކެބިނެޓް ނިންމުންތަކެއް ތިޔަ ނިންމެވީ، ވަރަށް މުހިންމު ނިންމުންތަކެއް. ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އެދެމުންދާކަމެއް އެބައޮތް، އިޒްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން، އިޒްރާއީލުގެ ޕާސްޕޯޓް ބެއިން ކުރުން. އެ ނިންމުން ނިންމުމުގެ އެއްވެސްކަހަލަ ވިސްނުމެއް އެބަހުރިތޯ؟

އާދެ، ތިންވަނަ ސުވާލަކަށް، ދެ ސްޓޭޓް މިނިސްޓަރުން ވަރަށް ކުއްލިގޮތަކަށް ތިން ދުވަސް ތެރޭގައި، މަނިކުފާނު މަގާމުން ވަކިކުރެއްވީ. މަނިކުފާނު އެ ނިންމެވުން ނިންމެވީ ކީއްވެގެންތޯ؟ ވެޓިންގ ޕްރޮސެސްއެއް ކުރިއަށް ނުގެންގޮސްތޯ، އެ ބޭފުޅުން ޢައްޔަން ކުރެއްވީ؟ ކެބިނެޓަށް ވަރަށް ބޮޑު ފާޑުކިޔުންތަކެއް އެބަ ދިމާވޭ. ވަރަށް ގިނަ ރައްޔިތުންގެ އަދި ސިޔާސީ ފަރާތްތަކުގެވެސް އެބަ އަމާޒުވޭ. މަނިކުފާނު އެއަށް ދެއްވާނެ ޖަވާބަކީ ކޮބައިތޯ؟

ދެން، ކުރިން ދުވަހު އެއަރޕޯޓުގައި މަނިކުފާނު ވިދާޅުވި، އެސް.އީ.ޒެޑް.ގެ މަޝްރޫޢުތަކަށް ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށް. އޭގެ އެއްވެސް ކަހަލަ ޕްލޭނެއް އެބައޮތްތޯ؟ އޮވެއްޖެނަމަ ހާމަކުރެވިދާނެތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ހަމަ މިއަދުގެ ނިންމުމަކާ ބެހޭ އެއްވެސް ސުވާލެއް ނެތް. އެހެން ނަމަވެސް، ތިޔަށްވެސް އަޅުގަނޑު ޖަވާބުދޭނަން. ނަމާދަށް ގޮވާތީ، ނަމާދުގެ ބްރޭކަށްފަހު، ހަމަ ވަގުތު ވެއްޖިއްޔާ، ތިޔަ ހުރިހާ ސުވާލަކަށް ޖަވާބު ދޭނަން. އެހެން ބޭފުޅެއްގެ ސުވާލެއް އެބައޮތްތޯ؟

މުޙައްމަދު ނަޢުރީފް - ޕީ.އެސް.އެމް ނިއުސް:

ފަޅު ރަށްރަށް ކުއްޔަށް ދޫކުރުމުގެ އުސޫލެއް ކަނޑައެޅިފައި އެބައޮތްތޯ؟ ނުވަތަ ކަނޑައަޅާނަންތޯ؟ އެއީ ކޮން ގޮތަކަށްތޯ ބަލައިލަން ބޭނުން.

ދެން އޭގެ އިތުރުން، ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރިއިރުގައި، މީގެ ސަބަބުން އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ފުލެޓްތަކުގެ އަގު ކުޑަވެގެންދާނެ ކަމަށް ފާހަގަކޮށްފައި އެބައޮތް އިނގޭތޯ. އަދި އޭގެ އިތުރުން، ވިނަރެސް ފްލެޓްގެ ފަންސާސް އިންސައްތަ ކުޑަކުރުމަށް، އަގު ކުޑަކުރުމަށް ކަނޑައަޅާފައި އެބައޮތް. ދެން ކުރީގެ ސަރުކާރުން ފާހަގަކުރަމުންދިޔަ، މިއީ ނުވާނެ ކަމެއްގެ ގޮތުގައި އިނގޭތޯ، ވަރަށް ބޮޑަށް ސިފަ ކުރައްވަމުން ގެންދެވި. ދެން މީގެ ސަބަބުން ބަޖެޓަށް ކިހާވަރެއްގެ ބުރަ ބޮޑު ކަމެއް އަތުވެދާނެ ކަމަށް ލަފާފުޅު ކުރައްވަންތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ފަޅު ރަށްތަކާ ބެހޭ، މިއަދު މި ނިންމި ނިންމުމަކީ، މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކާއި، އެ ކައުންސިލެއް، އެ ރަށެއްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ތަންތަނާއި، އަދި ނުހިމެނުނަސް ކައިރީގައި އޮންނަ އެހެން ފަޅެއް، ނޫނީ ރަށެއް، އެ އަތޮޅުގައި ހިމެނޭ އެހެން ރަށްރަށުގެ ރައްޔިތުން އެއްބަސްވާނަމަ، އަދި ޤައުމީ ތަރައްޤީގެ މިންގަނޑަށް، ޕްލޭނަށް ފިޓްވާނަމަ، ހަވާލުކުރާ ގޮތަށް ނިންމި ނިންމުން.

ދެން ބަންގިއަށް މެދުކަނޑާލާފައި ކުރިއަށް ގެންދާނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އާދެ، އަޅުގަނޑު އޭރުގައި ދަންނަވަމުންދިޔަ ވާހަކައަކީ، ފަޅުރަށްރަށާ ބެހޭ އުސޫލު. ދެން އަޅުގަނޑު ދެންނެވީ، ޤައުމީ ތަރައްޤީގެ ޕްލޭނަށް ފިޓްވާގޮތަށް، މަސައްކަތެއް ކުރަން ބޭނުންވަންޏާ، އަދި އެ ރަށެއްގެ، އެ ބޭނުންވާ ރަށެއް ނޫނީ ފަޅެއް، ނިސްބަތްވާ އަތޮޅުގެ އެހެން މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންގެ ސަޕޯޓް ލިބޭ ކަމަށްވަންޏާ، އެ ފަޅެއް ހަވާލުކުރާނަމޭ. ނޫނީވިއްޔާ، އެ ރަށެއް ހަވާލުކުރާނަމޭ، ބޭނުންވާ ކައުންސިލަކަށް އެ މަސައްކަތެއް ކުރަން. އެގްރިމެންޓެއް ހަދައިގެން. ދެން އެކަމަކީ މައިގަނޑު އަޅުގަނޑުމެންގެ މުޅި އިޤްތިޞާދުތަކަށް އެލައިންވާ ގޮތަށް އަދި ހެދިފައި ހުރި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދެވޭ ފަޅަކަށްވާނެ.

ދެން ހިޔާ ފްލެޓްތަކުގައާއި އަދި ދެންހުރި ފްލެޓްތަކުގެ، ހައުސިންގ ޔުނިޓުތަކުގެ އަގު މި ކަނޑައެޅި ގޮތުން، ބަޖެޓަށް އެއްވެސްކަހަލަ މާލީ ބުރައެއް އަންނާނެތޯ؟ މި ހުރިހާ ދިރާސާއެއް ހަދާފައި ހަމަ ފިނޭންސް މިނިސްޓްރީވެސް ބައިވެރިވެގެން، މި މަސައްކަތް ކުރެވިފައި މިއޮތީ. މިކަން ހަމަ އަޅުގަނޑުމެންގެ ކެޕޭސިޓީގައި ކުރެވޭނެކަން، މެނޭޖް ކުރެވޭނެ ކަމަށް ހަމަ ޓެކްނިކަލީ އަޅުގަނޑުމެންނަށް ޑިޒިޝަންސް މޭކް ކުރެވޭވަރަށް އަޅުގަނޑުމެންނަށް ވަނީ މަޢުލޫމާތު ލިބިފައި. އެހެންވީމާ، އެއަކު އަޅުގަނޑުމެންނަކަށް ނެތް ގެއްލުމެއް. ދެން އިރާދަކުރެއްވިއްޔާ، އެއިން ރައްޔިތުންނަށް ފައިދާވާނީ. ރައްޔިތުންނަށް ފައިދާކޮށްދިނުން، ސޯޝަލް ހައުސިންގ، ގެދޮރުވެރިކަން، އެއީ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްވީމަ، އެކަމަށް އަޅުގަނޑުމެން އިސްކަންދޭން ބޭނުންވީ.

ނާޒިމް ޙަސަން - މިހާރު ނޫސް:

ރައީސް ވިދާޅުވި، ބްރޭކަށްފަހު އެހެން ސުވާލުތަކަކަށް ޖަވާބުދެއްވާނެ ކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ދެންނެވީ މިއަދު އަޅުގަނޑު އިސްކަންދޭނީ، މި މައުޟޫޢަށް، މި 10 ކަންތަކަށް ކަމަށް. 10 ކަންތައް ނިމިއްޖެ. މިއިން އެއްވެސް ކަމެއް ތިޔަބޭފުޅުންނަށް މާ މުހިންމު ނޫނީވިއްޔާ، އެހެން ސުވާލެއް ކުރެއްވިދާނެ. އަޅުގަނޑު އިސްކަންދޭނީ މިކަމަށް އިނގޭތޯ ފުރަތަމަ.

ނާޒިމް ޙަސަން - މިހާރު ނޫސް:

އާދެ، އަޅުގަނޑު ހަމަ އެހެން މައުޟޫޢެއްގެ ސުވާލެއް ކޮށްލަންބޭނުން. ކުރިންވެސް އެ ސުވާލު ކޮންމެވެސްވަރަކަށް ކުރެވިއްޖެ. އެއީ ޗާގޯސް މައްސަލައިގައި. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ޔޫ.ކޭ.އިން ޗާގޯސް އަލުން މޮރިޝަސްއަށް ދިނުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަހަލަ ޚަބަރުތަކެއް، އެ ޤައުމުގެ ނޫސްތަކުން ފެނުނު. އެހެންކަމުން، އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ، މިހާރު އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކިހާހިސާބަކަށް ގޮސްފިތޯ؟ އަދި އިސްތިއުނާފު ކުރުމުގެ ފުރުޞަތު އޮތްކަން ކިހާވަރަކަށް ދެނެގަނެވިއްޖެތޯ؟

ދެން އޭގެ އިތުރަށް، އިންޑިޔާ ސިފައިންގެ މައްސަލައިގައި، ރައީސް ވިދާޅުވި، އެނބުރި ވަޑައިގަތުމަށްފަހު، އިންޑިޔާ ސަރުކާރުން އެކަމަށް އެއްބަސްވެފައިވާ ކަމަށް. އެކަމަކު އެކަމާ ގުޅޭގޮތުން އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، އެ ޤައުމުގެ އޮފިޝަލުންނާ ހަވާލާދީ މި ބަޔާންކުރަނީ، އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް، އެ ޤައުމުގެ ސަރުކާރުން ހާމައެއް ނުކުރެއޭ. އަދި އެ ޤައުމުގެ ސަރުކާރުން މި މަޝްވަރާތަކުގައި ވަކާލާތު ކުރަނީ، ނޫނީ ހުށަހަޅާ ހުށަހެޅުމަކީ، އިންޑިޔާ ސިފައިން އަދި ހެލިކޮޕްޓަރާއި ޑޯނިޔާވެސް މިކޮޅުގައި ބާއްވައިގެން ކުރިއަށްދެވޭނެ ގޮތެއް ހޯދުމަށް ކަމަށް، މިއަދުވެސް ރިޕޯޓްކޮށްފައި އެބައޮތް. އެހެންކަމުން، އެކަމުގައި އެކަން ހާމަކުރެވިދާނެތޯ؟ ކިހިނެއްތޯ އެ މަޝްވަރާތައް ދިޔައީ؟ އެ ޤައުމުގެ ސަރުކާރުން ރަސްމީކޮށް އެއްބަސްވެފައިވޭތޯ، އިންޑިޔާ ސިފައިން ގެންދިޔުމާމެދު؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެހެން އެއްވެސް ސުވާލެއް އެބައޮތްތޯ، އެއްވެސް ބޭފުޅެއްގެ؟

ދާއިސް – ސަން އޮންލައިން:

ޝުކުރިއްޔާ ރައީސް. ވަރަށް މުހިންމު ނިންމެވުންތަކެއް ތިޔަ ނިންމެވީ. ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމާއި، މިފަދަ ކަންތައްތަކާ އެކީ. ދެން އަޅުގަނޑަށް ލިބުނު ޢާންމުންގެ ބައެއް ކަންބޮޑުވުންތަކެއް، ޝަކުވާތަކެއް އެބަހުރި. އެ ރައްޔިތުންވެސް ކޯވިޑުގެ ތެރޭގައި ވަރަށް ބޮޑު ދަރަންޏަކާއި، މިފަދަ އެތައް ކަންތައްތަކެއްގައި އުޅުނުއިރު، އެމީހުންގެ އެބަހުއްޓޭ، ވަރަށް ބޮޑު އަދަދެއްގެ ކުލި ނުދެއްކި. ދަރަނީގެ ގޮތުގައި ވަރަށް ބޮޑު ބައެއް އެބައޮތޭ. އޭގެ ސަބަބުން އެ މީހުންނަށް ލޯނު ނެގުމާއި، މިފަދަ އެތައް ކަންތައްތަކެއްގެވެސް ދަތި ކުރިމަތިވެގެން އަންނަކަމުގެ ޝަކުވާއާއި ކަންބޮޑުވުން އަޅުގަނޑަށް އެބަހުރި ލިބިފައި. ސަރުކާރުގެ އެއްވެސްކަހަލަ ވިސްނުމެއް އެބައޮތްތޯ، ފޭސް 1 ގައި ހުރި ފްލެޓްތަކުގައި، ކުލި ނުދެއްކި، އެދަތީގައި އުޅުނު ރައްޔިތުންނަށް، އެކަމުގައި ހައްލެއް ހޯދައިދިނުމަށް.

ދެން ފާހަގަކުރައްވައިފި، އާސަންދައިގެ ތެރެއިން އައި.ވީ.އެފް. އާއި، މިފަދަ ޑެއިލީ ޗެކްއަޕްތަކާއި، މިފަދަ މުހިންމު އެތައް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ވާހަކަ. އަޅުގަނޑުމެން ކުރީގެ ހިސާބުތަކަށް ބަލައިލާނަމަ، މި ފެންނަނީ ވަރަށްބޮޑު ގެއްލުމެއްގެ ތެރޭގައި އާސަންދަ އޮތްތަން. މިސާލަކަށް، ކެމްޕެއިންތަކާ ދިމާކޮށް ކުރެވޭ ޚަރަދުތަކާއި، އެހެނިހެން ނޭދެވޭ ގޮތްގޮތުން ކުރެވިފައި ހުރި ޚަރަދުތަކުގެ ސަބަބުން އާސަންދައަކީ ސިޔާސީ ޓޫލެއްގެ ގޮތުގައި ވަރަށް ބޮޑަށް ބޭނުންކުރެވޭ ތަން އެބަ ފެނޭ. ކިހާވަރަކަށް ވިސްނަވާފައިތޯ، ސަރުކާރުން އައި.ވީ.އެފް. ޓްރީޓްމަންޓާއި، ޑެއިލީ ޗެކްއަޕް ފަދަ، މިފަދަ މުހިންމު ޚިދުމަތެއް، އާސަންދައިގެ ތެރެއިން ފޯރުކޮށްދޭ ގޮތަށް މި ނިންމެވީ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، ސޯޝަލް ހައުސިންގގެ އެއްވެސް ޔުނިޓެއް ލިބިފައިވާ ފަރާތަކަށް، ކުލި ނުދެއްކިގެން ޖޫރިމަނާ އަރާފައިވާނަމަ، އެ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދޭނެ ކަމަށް. އެކަން ތަންފީޒު ކުރާނަން. އެހެންވީމާ، އެއީ ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ރާއްޖޭގެ އެއްވެސް ތަނެއްގައި، ހެދިފައި އޮތް އެގްރިމެންޓެއްގެ ތެރެއިން ލިބިފައިވާ އެއްވެސް ސޯޝަލް ހައުސިންގ ޔުނިޓެއްގެ ކުލި ނުދެއްކިގެން ޖޫރިމަނާއެއް އެއްޗެއް އަރާފައިވާނަމަ، ޖޫރިމަނާ މާފުކޮށްދޭނަން. ދެން ހުރި ބާކީ އަދަދުތައް، އެ އެގްރިމެންޓް ހެދިފައި އޮތް ފަރާތަކާއި، އެ ބޭފުޅަކާ މަޝްވަރާ ކުރެވިގެން، މަހުން މަހަށް ދައްކާގޮތަށް، ބަހާލައިގެން ދެއްކޭކަހަލަ ލުއި ނިޒާމެއް ޤާއިމުކޮށްދޭނަން.

އެހެންވީމާ، އެއީކަންނޭނގެ އަސްލުގައި ދެވޭނެ އެންމެ ބޮޑު ލުޔަކަށްވާނީ. ޖޫރިމަނާއެއް ނޯންނާނެ. އެއީ، ދެން އަޅުގަނޑު ހިތުން އެންމެ ބޮޑު ލުޔަކަށް ދެވޭނެ ކަމަކީ. އަދި ވަރަށް ބޮޑު އެމައުންޓެއް، ބެކް ލޮގެއް އޮވެއްޖިއްޔާ، ޕެންޑިންގއެއް އޮވެއްޖިއްޔާ، އެވެސް މަހުން މަހަށް ދެއްކޭ ކަހަލަ، އާ އެގްރިމެންޓެއް ހެދޭގޮތް ހަދައިދޭނަން. އެހެންވީމާ، އެއީ އެކަމުގައި ކުރެވޭނެ އެންމެ ބޮޑު ދެކަމަކީ.

ތިޔަ ވިދާޅުވި ގޮތަށް ހަމަ ސިޔާސީގޮތުން އާސަންދަ ބޭނުންކޮށްފައި އޮތް ކަމަށް، އަޅުގަނޑުމެންނަށްވެސް ފެނިފައި އޮތް، މިދިޔަ ކެމްޕެއިން ތެރޭގައި، ލިބުނު މަޢުލޫމާތުތަކުގެ އަލީގައި. އާސަންދަ ހަރުދަނާ ކުރެވި، ރަނގަޅަށް ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ އާސަންދަ ބޭނުންކުރެވޭނެ ގޮތް ހަދާނެ. އެހެންވީމާ، ތަނުގެ ހިންގުން ރަނގަޅު ކުރެވި، ހަރުދަނާ ކުރެވޭނެ.

މާހަތު ޙުސައިން ރަޝީދު - ސަންގު:

ޝުކުރިއްޔާ ރައީސް. މިއަދު ކެބިނެޓުގައި މި ނިންމުނު ނިންމުންތަކާ ގުޅޭގޮތުން ދެ ސުވާލެއް އޮތީ. ފުރަތަމަ ސުވާލަކީ، ޙައްޖަށް މީހުން ގެންދިޔުމާ ގުޅޭގޮތުން. އޭރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދިޔައިރުވެސް، ރައީސްގެ ވާހަކައެއްގައި ވާނެ، އެކަންކަން ފާހަގަކުރައްވާފައި. އެހެންނަމަވެސް، މިކަން ހިނގައިދާ ގޮތް ބަލާކަމަށްވާނަމަ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ޙައްޖަށް ދާ މީހުންގެ ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި ތިބުމާއި، އަދި އެ ކިޔޫ މިސް ޕްލޭސް ކުރުމާއި، މިކަހަލަ ވަރަށް ގިނަ ޝަކުވާތަކެއް، ވަރަށް ގިނަ ފަހަރަށް އެބަ އާދޭ. އެހެންވީމާ، ޙައްޖަށް މިގޮތަށް މީހުން ހިލޭ ފޮނުވާއިރު ކޮބައިތޯއޭ ބައްލަވާނެ ކަންތައްތަކަކީ؟

ދެން މި ސުވާލު މިވަގުތަށް މުހިންމުކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ، މި އަހަރުވެސް، ފަންސާސް މީހަކަށް އެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވީމައާ އެކީގައި. ކޮންކޮން ކަންތަކަށްތޯ ބައްލަވާނީ؟ އެކަމުގެ ކްރައިޓީރިއާތަކަކީ ކޮބައިތޯ؟

ދެން ދެވަނަ ސުވާލަކަށް، ފްލެޓުގެ ކަންތައްތަކާ ގުޅޭގޮތުން. ރިޔާސީ އިންތިޚާބުގައި އަނެއްކާވެސް ވެވަޑައިގެންފައިވާ ވަޢުދެއް އެއީ، ފުލެޓް ލިބިފައިވާ ފަރާތްތަކަށް ނުވަތަ އެ ސްކީމްގެ ދަށުން ފުލެޓް ލިބުމުގެ ލިޔެކިޔުން ހަވާލުކޮށްފައިވާ އެއްވެސް ފަރާތެއްގެ އަތުން އެ ފުލެޓް އަތުނުލާނެ ކަމަށް. އެހެން ނަމަވެސް، މިހާރު ވަރަށް ކޮމްޕްލިކޭޓެޑް ޕްރޮސެސްއެއްގެ ތެރޭގައި މިކަންކަން މިއޮތީ. ބައެއް މީހުންނަށް އެގްރީމެންޓް ހަވާލުކުރެވި، މި ކަންތައްތައްވެސް އެބައޮތް. އެހެންވީމާ، މީގެ ސާފު ޖަވާބަކީ ކޮބައިތޯ؟ މިކަންކަން ހިނގަމުންދަނީ މިވަގުތު ކިހިނެއްތޯ؟ އެ މީހުންގެ ފުލެޓަށް ވެގެންދާނެ ގޮތުގެ ކްލިއަރ ޖަވާބެއް ލިބިދާނެތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޝުކުރިއްޔާ. އާދެ، އަޅުގަނޑުމެން ހިލޭ ޙައްޖަށް ފޮނުވާ މީހުން މި ކަނޑައަޅަނީ، ނަގަނީ، ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީއަށް ރިޒަރވް ކޮށްފައިވޭ ކޯޓާއެއް، އެއްހާސް ޖާގައިގެ ތެރެއިން. މިފަހަރު ކަނޑައެޅިފައި އޮތް ފަންސާސް ޖާގަ، އެ ފަންސާސް ޖާގަ އަޅުގަނޑުމެން މި ދެނީ، ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، އިޢުލާނު ކުރާ އުސޫލުގެ ތެރެއިން، އެ އުސޫލަށް ފިޓްވާ މީހުން ހޮވައިގެން. ހަމަ ލައިވްކޮށް، މީހުންގެ ކުރިމަތީގައި، ގުރުއަތު ނަގައިގެން، ހަމަ އޭގެ އެއްވެސްކަހަލަ ސުވާލެއް ނުއުފެދޭ ގޮތަށް، ހަމަ އެއްވެސްކަހަލަ އިލެކްޓްރޯނިކް ނިޒާމެއް ބޭނުންނުކޮށް، ފިޒިކަލް ގުރުއަތު ލުމަކުން ހޮވާ މީހުން ލައިވްކޮށް ނަގާނީ. ދެން އުސޫލު އިޢުލާނު ކުރާނަން. އޭގައި މިސާލަކަށް، އުމުރު، ނޫނީވިއްޔާ، ގައިމުވެސް ފުރަތަމަ ޙައްޖަށްވާނެ. ދެން ބަލަންޖެހޭ މިކަހަލަ މިންގަނޑުތަކެއް ހުންނާނެ. އެހެންވީމާ، އެކަންކަން ހިމެނޭގޮތަށް އަޅުގަނޑުމެން އުސޫލެއް އިޢުލާނު ކުރާނަން.

އާދެ، ފްލެޓް، ނޫނީވިއްޔާ ގޯތި ދިނުން. އަޅުގަނޑު ވަޢުދުވި ގޮތަށް، އެކަން ކުރިއަށްދާނީ. އަޅުގަނޑު ދެންނެވިން، އެއްވެސް މީހަކަށް ފުލެޓެއް، ގޯއްޗެއް، ލިބުނު ތަނަކުން، އެ ލިބުނު ގޯއްޗެއް، ނޫނީ ފުލެޓެއް، އެ މީހަކު އަތަކުން އަތެއްނުލާނަމޭ. ދެން ރަސްމީކޮށް ގެޒެޓް ކުރެވިފައި އޮވެއްޖިއްޔާ އެ އޮތީ އެ މީހާއަށް ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް. ރަޖިސްޓަރީ ނެހެދިވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް. އެހެންވީމާ، ފައިނަލް ލިސްޓެއް ގެޒެޓް ކުރެވިފައި އޮވެއްޖިއްޔާ، އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖިއްޔާ ލިބޭނެ. އެއީ ޖުމްލަކޮށް އެކަން އޮންނާނެ ގޮތަކީ. އެއަކަށް ބަދަލެއް ނާންނާނެ.

ދެން ޕްރޮސެސިންގގައި އަދި ގެޒެޓް ނުކުރެވި އޮވެއްޖިއްޔާ އެއީ ދެވަނަ ކަމެއް. އަޅުގަނޑަކަށް އަދި އެކަމާ ބެހޭގޮތުން އެޗް.ޑީ.ސީ. އަކުން މަޢުލޫމާތެއް ލިބިފައެއް ނެތް. އެ ޕްރޮސެސްގައި ހިމެނޭ ތަނެއް ހުރި ކަމެއް. ދެން ރަޖިސްޓަރީ ހަދައިދިނުން. ރަޖިސްޓަރީ ހަދައިދިނުމާ ބެހޭގޮތުން ފަހުން ގެޒެޓް ކޮށްފައި އެބައޮތް، ގަވާއިދަށް ބަދަލެއް ގެނެސް. އެއީ ދެން ޤާނޫނީގޮތުން ކިހާވަރެއްގެ ބުރަދަނެއް ހުރި އެއްޗެއްތޯ، ޤާނޫނީ ބޭފުޅުން އޭ.ޖީ.އިން އަޅުގަނޑުމެންނަށް ލަފާ ދެއްވާނީ. ކޮންމެ ގޮތެއްވިޔަސް، އެއްވެސް މީހެއްގެ ޙައްޤެއް އަތެއްނުލާނަން. ލިބިފައި އޮތް އެއްޗެއް. ފްލެޓްވިޔަސް، ގޯތިވިޔަސް. އެމީހާއަށް ފުލެޓް، ގޯތި ލިބޭނެކަމަށް ދިވެހި ސަރުކާރުން ގެޒެޓްކޮށްފައި އޮވެއްޖިއްޔާ އެމީހާއަށް ލިބޭނެ. އެއަކު ނެތް ސުވާލެއް. ވަރަށް ސާފު. ދެން ރަޖިސްޓަރީ އޮތްތޯ، ނޫންތޯ، އެމީހާ އަތަށް ލިޔުން ލިބުނުތޯ، ނޫންތޯ، އެއީ އިދާރީ ކަމެއް. އެހެންވީމާ، އެކަން ވާނެ އިނގޭތޯ. ނުލިބޭގޮތަކަށް ނުވާނެ.

ދެން މިސާލަކަށް، ވަކިން އެހެން ފަރާތަކުން މައްސަލަ ޖައްސަނީ، އޭ.ސީ.ސީ.ގައި، ނޫނީވިއްޔާ އެހެން މުއައްސަސާއަކުން ބަލަނީ މީހަކު ނުގަވާއިދުން ހޯދާފައިވޭތޯ ބަލަން. އެއީކީއެއް މިކަމާ ގުޅޭ ކަމެއް ނޫން. މިސާލަކަށް، މީހަކު އޮތީ މަކަރު ހަދައިގެން، އޮޅުވާލައިގެން، ނުބައި މަޢުލޫމާތުތަކެއް ފޯޖުކޮށްގެން ލައިގެން، ޕޮއިންޓް ހަމަކޮށްގެން ލިބިފައި. އެއީ ވަކި ކޭހެއް. އޭ.ސީ.ސީ.އިން ބަލާނެ އޭތި ވަކިން. ނޫނީ އެހެން ތާކުން ބަލާނެ. އެ މީހަކަށް ޙުކުމެއްވެސް ކޮށްފާނެ. އަޅުގަނޑަކަށް ނޭނގެ. އެއެއް އެޕްލައިއެއް ނުވާނެ ނޫންތޯ އެންމެންނަކަށެއް. ދެންމެ މި ދެންނެވި އުސޫލުން އެންމެންނަށް އެޕްލައި ވާނީ. ފައިނަލް ލިސްޓް ގެޒެޓް ކުރެވިފައި އޮތް އެއްވެސް މީހަކު އަތުން ފްލެޓްވިޔަސް، ގޯތިވިޔަސް އަތެއްނުލާނަން. ވަރަށް ސާފު.

އާދެ، އެހެން ސުވާލެއް އެބައޮތްތޯ؟

އިދުހާމް ނަޢީމް - ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެ އެބަހުރި ސުވާލުތަކެއް. އެގޮތުން، އެއަރޕޯޓުގައި ދެއްވި ޕްރެސްގައި، ރައީސް ސާފުކޮށް ވިދާޅެއްނުވޭ، އިންޑިޔާގެ ބޮޑުވަޒީރާ އެކީގައި ބޭއްވެވި ބައްދަލުވުމުގެ މަޝްވަރާތަކާ ގުޅޭގޮތުން އިނގޭތޯ. ސިފައިން ގެންދަންވެގެން، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ގެންދަންވެގެން، ވިދާޅުވިންތޯ؟ މީގެ އިތުރުން، ހަމަ ކުރިންވެސް، އެހެން ނޫސްވެރިޔަކުވެސް ފާހަގަކުރި ގޮތަށް، ކުރިން ރައީސް އޮފީހުން އެބަވޭ، 77 ސިފައިން ތިބި ކަމަށް ބުނެފައި. ދެން އޭގެ ކުރިން، އިންތިޚާބުގެ ކުރިން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި އެބަވޭ، ދެ ހާހަށްވުރެ ގިނަ ސިފައިންވެސް ތިބި ކަމަށް. ދެން ރައީސް ވިދާޅުވަނީ ރައީސަށް އަދިވެސް ކިހާ ސިފައިންނެއް ކަމެއް، ރާއްޖޭގައި ތިބީ އެނގިވަޑައިނުގަންނަވާ ކަމަށް. އެހެންވީމާ، ކީއްވެގެންތޯ މިހާރު 20 ދުވަސްވެފައިވާއިރުގައި ސަރުކާރަށް، ރައީސަށް މީގެ ތަފްޞީލުތައް އެނގިވަޑައިނުގަންނަވަނީ؟

ދެން މަނިކުފާނު ތުރުކީއަށް ވަޑައިގެންނެވި ވަފުދަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި. ދެން އެކޮމަޑޭޝަންގެ ޚަރަދު ކުރެއްވީ ތުރުކީ ސަރުކާރުންތޯ؟ ނުވަތަ ތުރުކީގެ ވިޔަފާރިވެރިއެއްތޯ؟

ދެން އުތުރު ތިލަފަޅު އެއްބަސްވުން، މަނިކުފާނު ވިދާޅުވި ޢާންމު ކުރައްވާނެ ކަމަށް. ދެން ކުރިންވެސް ހަމަ ނޫސްވެރިޔަކު ސުވާލުކުރިގޮތަށް، ލީކްވި އެއްބަސްވުން އެއީ، އެ އެއްބަސްވުން ކަމަށް ބުނެފައި. ދެން ކީއްވެގެންތޯ މި ސަރުކާރުން އެ އެއްބަސްވުން ހާމަނުކުރަނީ މަނިކުފާނު ކެމްޕެއިންގައި ކުރިން ވިދާޅުވިގޮތަށް. ޤައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް އެބަހުރިތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އެހެން އެއްވެސް ބޭފުޅެއްގެ ނެތްތޯ މިއަދާ ގުޅޭ ސުވާލެއް. ނެތިއްޔާ ހަމަ އަޅުގަނޑު މި ސުވާލުތަކަށް ދާނަން އިނގޭތޯ. އެއީ، މިއަށް ދިޔުމަށްފަހު، ދެން އަނެއްކާ މި 10 ކަންތަކާ ގުޅޭ ސުވާލަށް ދިޔުމަށްވުރެ ފޯކަސްކޮށްގެން ދިޔުން. އެބައޮތްތޯ މިކަންތަކާ ބެހޭ އެއްވެސް ސުވާލެއް.

އަޙްމަދު ޢާއިދު – އަދަދު:

އާދެ، ޝުކުރިއްޔާ. އަޅުގަނޑަށް ކުރިން ފެނިގެންދިޔައީ މިފްކޯ ސަބްސިޑަރީ ކުންފުންޏެއް ގޮތަށް ބަދަލުކުރަން ނިންމި އެންމެ މައިގަނޑު އެއް ސަބަބަކީ، އެ ކުންފުނީގެ ގެއްލުން ބޮޑުވުން. މި ސަރުކާރުން މިހާރު އެ ނިންމުން ރިވައިޒް ކުރިއިރު، އެ ކުންފުނި އަދިވެސް ގެއްލުމުގައި އޮތީ. އެ ގެއްލުމުން އަރައިގަތުމުގެ މައިގަނޑު ޕްލޭނެއް އެބައޮތްތޯ؟ އެ ޕްލޭނަކީ ކޮބައިތޯ؟

ދެން ޤައުމީ ތަރައްޤީގެ ޕްލޭން ރާވަން ފަށަނީ، އެ މަސައްކަތް ފަށަނީ ކޮން ދުވަހަކުތޯ؟ އެ މަސައްކަތް ނިމޭނެކަމަށް ބެލެވެނީ ކޮން ދުވަހަކުންތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، މިހާރު ފިނޭންސް މިނިސްޓްރީއާއި އެސް.ޓީ.އޯ.އާ އެކީގައި މަސައްކަތްތަކެއް ކުރެވިފައި ހުރީ. ދެން އިކޮނޮމިކް ކައުންސިލުން މިހާރު އެ ބޭފުޅުންގެ، މިފްކޯގެ ދަރަނިތައް ރީސްޓްރަކްޗަރ ކުރާނެ ގޮތެއް ރާވައި، އެ އެބްޒޯބް ކުރާނެ މިފްކޯއިން. ކޮށްގެން މިފްކޯ ފުޅާކުރެވޭނެ ގޮތްތަކާއި، އިނޮވޭޓިވް ފުރުޞަތުތަކަށް މިފްކޯ ހުޅުވައިލާނެ. އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ އިޤްތިޞާދީ އިކޮނޮމިކް ޒޯން އީ.އީ.ޒެޑް. ވަރަށް ބޮޑު. އަޅުގަނޑުމެން މެނިފެސްޓޯގައި، އިކޮނޮމިކް މެނިފެސްޓޯ ހުށަހެޅިއިރުވެސް ދެންނެވިން، އެއްގޮތަކަށްވެސް ޓެޕް ނުކުރެވޭ އަޅުގަނޑުމެންގެ މުޅި ސަރަޙައްދަކަށް. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން ވަރަށް ފުޅާ. އަޅުގަނޑުމެން ބޭނުން، މިފްކޯ ފުޅާކޮށް، ބޮޑެތި އޮޑި ދޯނިފަހަރުތައް ބަނދެގެން ނުކުމެ، މި ބޮޑު ކަނޑުން މަސްބާނަން، އެންވަޔަރަންމަންޓްލީ ފްރެންޑްލީ ގޮތަށް. މަސްބާނައި، ވެލިޔު އެޑްކޮށްގެން ބޭރުކުރަން. މިފަދަ ބައިވަރު ކަންކަމަށް އިންވެސްޓަރުން ހޯދުމާއި، މިފަދަ އެތައް ކަމަކަށް އަޅުގަނޑުމެން މަސައްކަތް ފަށާފައި މިވަނީ. އެހެންވީމާ، ރީސްޓްރަކްޗަރ ކުރުމާއި، ފުރުޞަތުތަކަށް މަގުފަހިކުރުމާ، މިކަންކަން އެކުލެވިގެން މިފްކޯ ކުރިއަށްދާނެ.

ދެން ޤައުމީ ތަރައްޤީގެ ޕްލޭން. އަޅުގަނޑުމެންގެ މެނިފެސްޓޯގައި މައިގަނޑު ހުރި ކަންކަން، ޤައުމީ ތަރައްޤީގެ ޕްލޭން ތެރެއަށް ވަންނާނެ. އެއީ، ކޮންމެގޮތެއްވިޔަސް، އަޅުގަނޑު ކެމްޕެއިންގައި ހުށަހެޅީ ރައްޔިތުންނަށް. މެނިފެސްޓޯގައި މި ހިމެނެނީ ދެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން، އުތުރާއި ދެކުނުގައި. އަދި ހަތް އަރބަން ސެންޓަރެއް އަންނާނެ ވާހަކައާއި، މިހެން ހުރި ބައިވަރު ވާހަކަތަކެއް. މިކަންކަން ރައްޔިތުން ބަލައިގަނެ ވޯޓު ދިނީ. އެއޮތީ ސޯޝަލް ކޮންޓްރެކްޓެއް. ދެން އެކަންކަން ދާނެ މެނިފެސްޓޯގައި ހުރިގޮތަށް ޤައުމީ ތަރައްޤީގެ ޕްލޭނަށް.

ދެން އޭގެ އިތުރަށް، އެ ޑީޓެއިލް ކުރެވިގެން، އަރބަން ޑިވެލޮޕްމަންޓް ޕްލޭނެއް ހެދިގެންދާނީ. ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދިގެންދާނީ، ރައްޔިތުންގެ ކޮންމެ ކައުންސިލެއްގެ ލަފާ ހޯދިގެން. ވަރަށް ޑީޓެއިލްކޮށް ދާނެ. އެ މަސައްކަތް މިހާރު އިދާރީ ފަންނީ މަސައްކަތް، ހައުސިންގ އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީގައި ފެށިއްޖެ. ދެން ހަމަ އަޅުގަނޑުމެން ދެއްކި ވާހަކަ ހަމަ އެގޮތަށް އެކަން އެދަނީ. ކުރިއަށްދާނެ. ދެން ހަމަ ކޮންމެ ކައުންސިލެއް މެދުވެރިކޮށް، އެ ކައުންސިލަކާ ގުޅޭ، މަސައްކަތް އޭގެ ތެރެއިން އެންޑޯޒް ކުރެވިގެން އަންނާނީ. އައިސް މުޅި އެތި ރައްޔިތުންނަށް ހިއްސާ ކުރެވޭނެ. އެހެންވީމާ، އެއަށް ސީދާ ޓައިމްލައިނެއްވެސް ހަދައި އަދި އިޢުލާނު ކުރާނަން އިނގޭތޯ. އެހެން ސުވާލެއް؟

އިސްމާޢީލް ޝާކިރު - މި ނޫސް:

މަނިކުފާނު ވިދާޅުވެއްޖެ، އަންނަ އަހަރުގެ ޖަނަވަރީން ފެށިގެން، ކޮންމެވެސް އެއް ސްކޫލެއްގައި ޤައުމީ ސަލާމުން ފަށާގޮތަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ހުރިހާ ސްކޫލެއްގައި.

އިސްމާޢީލް ޝާކިރު - މިނޫސް:

ހުރިހާ ސްކޫލެއްގައި ދޮގެއްތޯ. އޭގެ ތެރެއިން ކޮންމެވެސް އެއް ސްކޫލެކޭ ދޮގެއްތޯ. އެހެން ވިދާޅުވީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ހުރިހާ ސްކޫލެއްގެ ކޮންމެ ސެޝަނެއްގައި ކިޔަވަން ފަށާނީ ޤައުމީ ސަލާމުން.

އިސްމާޢީލް ޝާކިރު - މިނޫސް:

އާދެ، އަޅުގަނޑުގެ ސުވާލަކީ، މިހާރު މިސާލަކަށް، މޯލްޑިވްސް ގޭސްގައިވެސް މިހާރު ހަމަޖައްސައިފި، ދުވަހުގެ މަސައްކަތްތައް ޤައުމީ ސަލާމުން ފަށަން. އަޅުގަނޑުގެ ސުވާލަކީ، ކިހިނެއްތޯ ކުރިއަށް އޮތް ތާނގައި، މިނިސްޓްރީތައްވެސް ނުވަތަ ސަރުކާރުގެ އޮފީސްތައްވެސް މިގޮތަށް ޤައުމީ ސަލާމުން ފަށާކަހަލަ ވިސްނުމެއް އެބަ ގެންގުޅުއްވަންތޯއޭ؟ ނުވަތަ މަނިކުފާނު ވަރަށް ބޮޑަށް ޤައުމީ ކަންކަމަށް ލޯބިކުރައްވާ ބޭފުޅަކަށްވާތީވެ، އެ ވިސްނުން، ކުޑަކުދިންގެ ހިތްތަކުގައިވެސް ޤައުމީ ރޫޙު އުފައްދަން މަނިކުފާނުގެ ވިސްނުންފުޅުގައި ވަރަށް ބޮޑަށް އެބަހުރި. އެހެންވީމާ، އެކަން ފުޅާކުރައްވަން ވިސްނުން އެބަހުރިތޯ؟ އާދެ، ތެންކިޔޫ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަދި އަޅުގަނޑުމެންގެ ތެރޭގައި އެ މަޝްވަރާއެއް ނުކުރެވޭ އެގޮތަށް އެކްސްޕޭންޑް ކުރާކަށް. ފުރަތަމަ ވިސްނީ ތަޢުލީމީ ނިޒާމުގެ ތެރެއިން. އެއީ ވަރަށް އޯގަނައިޒްޑް، ވަރަށް ޑިސިޕްލިން ނިޒާމެއް. އެ ނިޒާމުގެ ތެރޭގައި، މިކަމަށް ކުދިން އަށަގަންނުވައިގެން، މިއީ ޙަޤީޤީ މާނައިގައި މިއުޅެނީ ރައްޔިތުންނަށް، ކުދިންނަށް، ތުއްތު ކުދިންނަށް ދަސްކޮށްދޭން، ވިސްނައިދޭން ޤައުމިއްޔަތު. އެހެންވީމާ، އެ ނިޒާމުގެ ތެރެއިން ދިޔައިމާކަންނޭނގެ ރަނގަޅުވާނީ ފުރަތަމަ.

އެހެން ސުވާލެއް ނެތް ދޮގެއްތޯ. ނެތިއްޔާ އަޅުގަނޑާ ކުރިން ކުރެއްވި ސުވާލުތަކަށް ދާނަން. އާދެ، އަޅުގަނޑު ދެންނެވީ، ޖުމްލަކޮށް އެބަހުރި ކޮމަން ސުވާލުތަކެއް.

އިންޑިޔާ ސިފައިންގެ އަދަދު. މިހާތަނަށް އަޅުގަނޑުމެންނަށް ފޮރިން މިނިސްޓްރީއާއި، ޑިފެންސާއި މި ތަންތަނުން ލިބުނު ލިޔުންތަކުން އެކިފަހަރު ހުރީ އެކި އަދަދު އައިސްފައި. ހަތްދިހަ ހަތަކުން ގޮސް އަށްޑިހަ ނުވަޔަކާ ހަމައަށް އެބަދޭ. ދެން އެ ވެސް ސާފެއް ނުވޭ. ދެން އެއަށްވުރެ އިތުރުވެސް ވެދާނެ. އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މަޢުލޫމާތެއް އެއްކޮށް ސާފުވިކަމަކަށް ނުބެލެވޭ. އަޅުގަނޑު ދެންނެވީ އަޅުގަނޑު ޔަޤީންކުރަން ބޭނުންވެއޭ. އެހެންވީމާ، މިއީ މިހާތަނަށް ފެނުނު ރޭންޖް. އެކަމަކު އެއަށްވުރެ ގިނަވެސް ވެދާނެ އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެން އެ މަސައްކަތް އެބަ ކުރިއަށް ގެންދަން. ޓެކްނިކަލް ކޮމިޓީއެއް، ދަތުރުގެ ކުރިއާ ހަމައަށް މިއޮތީ ޓެކްނިކަލް ކޮމިޓީއެއް. ޑިފެންސް، ފޮރިން، އިންޑިޔާ އެމްބަސީ ހިމެނޭގޮތަށް ހެދިފައި އޮތް. ޓެކްނިކަލް ކޮމިޓީއެއްގައި، މި މަސައްކަތްތައް ހަމަ ވަރަށް ބާރަށް އެބަ ހިނގާ.

ދެން މި ދަތުރުގައި ކީއްވެތޯ، ކޮން ވާހަކައެއްތޯ ދެކެވުނީ؟ އަޅުގަނޑު ދެންނެވިން، އަޅުގަނޑު އެއަކު ނުފޮރުވަން އެއްވެސް އެއްޗެއް. އަޅުގަނޑު އެ ދަތުރުގައި، ދެންނެވި ގޮތަށް، ވާހަކަ ދެކެވުނުގޮތަށް އަޅުގަނޑު ދެންނެވީ. އިންޑިޔާއިން ރެސްޕެކްޓް ކުރެޔޭ، ރާއްޖޭގެ ޑިމޮކްރެޓިކް ނިންމުމަށް. ޑިމޮކްރެޓިކް ޤައުމެކޭ ތިމަންނަމެންގެ ޤައުމަކީ. ތިމަންނަމެންވެސް ޑިމޮކްރަސީއަށް ރެސްޕެކްޓް ކުރަމޭ. ރާއްޖޭގެ ހަމަޖެހުމަކީ، މި ސަރަޙައްދުގެވެސް ހަމަޖެހުމޭ.

އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންގެ ނިންމުމަކީ، އެއާ އެއްގޮތަށް ޤައުމު ހަމަޖެހިގެން ކުރިއަށް ދިއުމަކީ ރާއްޖެއަށްވެސް އަދި މި ސަރަޙައްދަށްވެސް އެންމެ ރަނގަޅު ގޮތޭ. ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުއްޓޭ. ސެންސިޓިވިޓީސްތަކެއް އެބަހުއްޓޭ، މިކަންކަމަށް އެޑްރެސް ކުރެވިގެން، މިކަންކަން ހައްލުވެގެން ދިޔުމަކީއޭ އަޅުގަނޑުމެންގެ ޤައުމުގެ އެންމެން އެދޭ ގޮތަކީ. އަޅުގަނޑުމެންނަކީ އެއްވެސް ޤައުމަކާ ދެކޮޅުވާ ބައެއް ނޫނޭ. ރަޙްމަތްތެރި ގާތް ގުޅުން އޮންނާނެއޭ. އަޅުގަނޑުމެންގެ މި މިނިވަންކަމާއި އިސްތިޤްލާލުގެ ހަމަތަކުގެ ތެރޭގައި.

ދެން އޭގެ ކުރީގައި ބޭއްވުނު ހަތަރު ފަސް ބައްދަލުވުމުގެ ވާހަކަ އަޅުގަނޑު ދެންނެވިން، އޭގެ ދަށު ލެވެލްގައި. ޕުރައިމް މިނިސްޓަރަށްވުރެ ދަށް ލެވެލްގައި. އެ ބައްދަލުވުންތަކުގައި މާ ތަފްޞީލުކޮށް އެ ވާހަކަ ދެކެވި، ވަނީ ހަމަ އެއްބަސްވެފައި، އިންޑިޔާ ސިފައިން ގެންދާ ގޮތަށް. އެހެންވީމާ، އަޅުގަނޑު އެވަރަށް، ހަމަ ދިޔައީ. އެއަށްވުރެ އިތުރު ތަފްޞީލަކަށް އެ މީޓިންގއަކު ނުދެކެވޭ އެ ވާހަކައެއް އެކަމާ ގުޅޭގޮތުން. އެއީ ދެން އެ ސުވާލު ދޮގެއްތޯ.

ދެން ސަޢުދީ ޓްރިޕް. ސަޢުދީއަށް ރަސްމީ ދަތުރެއް ފުރަތަމަ ކުރަން ނިންމާފައި އޮތް ކަމަކަށް ސަރުކާރުންނެއް ނޯންނާނެ އިޢުލާނު ކޮށްފައެއް އެއްވެސް އިރަކުއެއް އިނގޭތޯ. އެހެންވީމާ، އެއީ އަޅުގަނޑަކަށް ހީއެއްނުވޭ ރަނގަޅު މައުލޫމާތެއްހެނެއް.

ދެން ތުރުކީއަށް ކުރި ދަތުރު. އަޅުގަނޑު ދެންނެވިން، އެކޮމަޑޭޝަން ކޮސްޓޭ، ތުރުކީ ސަރުކާރުން ބެއަރ ކުރީ. އަޅުގަނޑުމެން ގޮސް ތިބީ، ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި. އެތަނުގެ ހަމަ ރަސްމީ ގެސްޓްހައުސް، ނޫނީވިއްޔާ، އެތަނުގެ ސްޓޭޓް ހައުސް އެއީ. ދެން އިސްތަންބޫލުން އަންކަރާއަށް، އަންކަރާއިން އިސްތަންބޫލަށް ފްލައިކުރީވެސް ހަމަ އެތާ ސަރުކާރުގެ ސްޕެޝަލް އެއަރ ކްރާފްޓެއްގައި. އެއަކަށް އިތުރު ކޮސްޓެއްވެސް ނުނަގާ. އަޅުގަނޑަށް އެނގޭ މިންވަރުން، މި ދެންނެވީ، އިތުރު ކޮސްޓެއް ހިނގި ކަމަކަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ. ކެއުމާއި ހުރިހާ ކަމެއްވެސް ހަމަޖެހިފައިހުރީ ސްޓޭޓް ގެސްޓްހައުސްގައި އަޅުގަނޑުމެން ތިބި. އަޅުގަނޑުމެންގެ ޑެލިގޭޝަނަށް.

ދެން އެހެން ހޮޓަލެއްގައި އަޅުގަނޑުމެންގެ ޓީމުގެ އެއްބަޔަކު ތިބިތޯ، އެއަށް ޚަރަދެއް ހިނގިތޯ. ތިބި އަޅުގަނޑުމެންގެ ފޮޓޯގްރާފަރސް، ބައެއް ބޭފުޅުން. ހަތަރު ފަސް ބޭފުޅުން ތިއްބެވި، ސަޕޯޓް ސަރވިސްގެ. އެ ސްޓާފުންނަށް އެ ހޮޓަލަށް ޚަރަދެއް ހިނގިތޯ ހަމަ އަޅުގަނޑުމެންގެ ޓެކްނިކަލް އިދާރީ ޓީމުން އެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެ. އެހެންވެގެން ދުވަސްކޮޅެއް ނަގާ ވާހަކަ މި ދެންނެވީ. ދެން ރާއްޖެއިން އިސްތަންބޫލަށް، އިސްތަންބޫލުން ރާއްޖެއަށް، އެމިރޭޓްސްގައި ފްލައި ކުރީ. އެއަށް ދެން ކޮންމެ ގޮތެއްވިޔަސް، ރައީސް އޮފީހުން ހަމަ ޚަރަދު ކުރި. އެ ހުރިހާ މަޢުލޫމާތެއް ހިއްސާ ކުރާނަން. އެހެންވީމާ، އަޅުގަނޑު ނުދަންނަވަން، ޚަރަދެއް ނުހިނގާ ވާހަކައެއް.

ދެން މޮރިޝަސް. އާދެ، ޗާގޯސް، މޮރިޝަސް. މި މައްސަލަ އަޅުގަނޑުމެން އަދި ކެބިނެޓަށް ގެންނާނަން. އަދި އެކަމާ ބެހޭ މަސައްކަތްތައް އިދާރީ ލެވެލެއްގައި، އޭ.ޖީ.ގައާއި ފޮރިން މިނިސްޓްރީގައި އެބަ ހިނގާ. އެބަ ކުރިއަށް ގެންދަން. އެހެންވީމާ، އެކަން ހަމަ ދިރާސާކޮށް، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ، މި މަޢުލޫމާތުތައް އެކުލަވައިލައި، ޕޭޕަރެއް ތައްޔާރުކޮށް އެ މަޢުލޫމާތު މީޑިޔާއަށްވެސް ގެންނާނަން.

ދެން އިންޑިޔާގެ ސަތޭކަވަރަކަށް އެގްރިމަންޓް އޮތް ކަމަށް ހަމަ ޓްރާންސިޝަން ޕީރިއަޑްގައި އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނީ. އޭގައި ހުރީ ގިނައިން ހަމަ، އެކިކަހަލަ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސް، އެކި ކަހަލަ ލޯނުތައް، ލައިން އޮފް ކްރެޑިޓްސް. މިކަހަލަ އެއްޗެތި ހުރީ. ދެން އެކަންކަން ހަމަ ރިލޭޓެޑް މިނިސްޓްރީތަކުން އަދި ޖުމްލަކޮށް، އޭ.ޖީ. އޮފީހުން ބަލަން ހަވާލުކޮށްފައި ވަނީ. އެބަ ކުރިއަށް ގެންދޭ އެ މަޢުލޫމާތުގެ މަސައްކަތް. އެއްވެސް ކަމެއްގައި ޤައުމީ ސަލާމަތަށް ނުރައްކާވާ، ނޫނީވިއްޔާ އަޅުގަނޑުމެންނަށް ހައްލުނުކުރެވޭވަރުގެ ކަމެއް އޮވެއްޖިއްޔާ، އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑު ޕްރައިމް މިނިސްޓަރ މޯދީއަށްވެސް ދެންނެވިން، އަޅުގަނޑުމެން ބޭނުންވަނީ، މިހެން ހުރި ކަމެއް ހުރެއްޖިއްޔާ ހައްލު ކުރާށޭ. ހައްލުނުވާ ކަމެއް އޮވެއްޖިއްޔާ، އޮވެގެންނުވާނެއޭ. ހައި ލެވެލްގެ ޓެކްނިކަލް، ޕޮލިޓިކަލް ހައި ލެވެލްގެ، އެގްޒެކްޓިވް ހައި ލެވެލްގެ ކޮމިޓީއެއް އުފެއްދިއްޖިއްޔާ ހައްލުވާނެއޭ. ވަގުތުން ޑިޒިޝަންސް ނެގޭނެއޭ. އަޅުގަނޑުމެން ބޭނުންވަނީ ރެޑް ޓޭޕްގައި ޖެހި، ނޫނީވިއްޔާ ބިއުރޮކްރަސީގައި ޖެހިފައި ހުއްޓޭކަހަލަ ހުއްޓުންތައް ނައިސް، ވަގުތުން ޑިޒިޝަންސް ނެގޭށޭ. އެއީ ތަރައްޤީގެ މަޝްރޫޢުތަކާއި، ލޯނުގެ މައްސަލަތަކާއި، މިހެން ހުރި ހުރިހާ ކަމެއް ހިމެނޭ ކޮމިޓީއެއް އެކުލަވައިލެވިގެން، އެކަން ކުރިއަށްދާން އަޅުގަނޑު ބޭނުންވާތީ، އެ ކަންތައް އެންޑޯޒްވެގެން ދިޔައީ އެ މީޓިންގައި. އެހެންވީމާ، އޭގެ ތެރެއިން އަޅުގަނޑަށް ޔަޤީން، ހައްލުވާނެ.

ދެން އަޅުގަނޑުމެންނަކަށް އަދި ހުރިހާ އެއްޗެއް ދިރާސާކޮށެއް ނުނިމޭ. އެހެންވީމާ، އުތުރު ތިލަފަޅުގެ އެގްރީމެންޓްވެސް އަޅުގަނޑުމެން ދިރާސާކޮށް ނިމުނީމާ، އޭގައި އެއްވެސް ކަހަލަ މައްސަލައެއް އޮތިއްޔާ ރައްޔިތުންނަށް ހާމަކުރަމުން ދާނަން. އެއްވެސް އެއްޗެއް ނުފޮރުވާނަން.

ދެން، އިޒްރޭލްގެ ޕާސްޕޯޓް. އެ މައްސަލަ އަޅުގަނޑުމެން ކެބިނެޓާ ހަމައަށް އަދި ގެންނާނަން. އަދި ނާދޭ އިނގޭތޯ. ދެން ރައްޔިތުންގެ މަޖިލީހުގެ ޤަރާރެއް، އަޅުގަނޑަށް މިއަދު، ދާދި ދެންމެއަކު މަޢުލޫމާތު ލިބުނީ، އޭ.ޖީ. އޮފީހަށް، ރައްޔިތުންގެ މަޖިލީހުން ނިންމަވާފައި އޮތް ޤަރާރެއް އެބައޮތޭ އައިސްފައި.

އެ މައްސަލައިގައި. އެހެންވީމާ، އެ ޤަރާރު ދިރާސާކޮށްފައި ދެން، ސަރުކާރުގެ އިލްތިމާސެއް، މަޖުބޫރުވާ ކަމެއް، ނޫނީ ކުރަންޖެހޭ ކަމެއް އޮވެއްޖިއްޔާ ހަމަ ވަގުތުން އިފެކްޓްކޮށް، ފިޔަވަޅުވެސް އަޅާނަން. އަދި އެކަން އަޅުގަނޑުމެން ކެބިނެޓާ ހަމައަށްވެސް ގެންނާނަން. އެހެންވީމާ، އަދި އެއެއް ނާދޭ. އެހެން ނަމަވެސް، ވަރަށް ސީރިޔަސްކޮށް ނަގާނަން އެ މައްސަލަ. އެއީ، އެ މައްސަލަތަކަކީ ދޮގެއްތޯ.

ދެން، ސިޔާސީ، ދެން ހުރީ ލޯކަލް ޕޮލިޓިކްސް އާ ގުޅޭ ކަންކަން. އަޅުގަނޑު ކުރީ ދުވަހުވެސް ދެންނެވިން، ޤައުމުގެ މަޞްލަޙަތު އިސްކުރާ ހުރިހާ ބޭފުޅުންނާ އެކީގައި އަޅުގަނޑު މަސައްކަތްކުރަން ތައްޔާރަށް ހުރި ވާހަކަ. އަޅުގަނޑު ގަބޫލެއް ނުކުރަން، އެއްވެސް ސިޔާސީ ލީޑަރަކީ، ޤައުމު އިސްނުކުރާނެ ބޭފުޅަކަށް ވާނެ ކަމަކަށް. އެހެންވީމާ، އަޅުގަނޑަކަށް ނެތް އެއްވެސް މައްސަލައެއް، އެއްވެސް ބޭފުޅަކާ އެކީ މަސައްކަތް ކުރުމުގެ. އަޅުގަނޑު ދެންނެވިން، އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންނަކީ އެކަތިގަނޑަކަށް ވެގެން، އެކުވެރިވެގެން، ރިވެތި އުސޫލުގައި، ވާހަކަ ދެކެވިގެން ކުރިއަށްދާ ބަޔަކަށްވާށޭ. އެހެންވީމާ، އަޅުގަނޑަކަށް ނުފެނޭ، އެއްވެސް މައްސަލައެއް ދިމާވާނެ ތަނެއް. އެއްވެސް ބޭފުޅަކާ އެކީގައެއް. އަޅުގަނޑު ބަލަނީ ކުރިއަށް. އަޅުގަނޑުގެ ހިތަކު ނޯންނާނެ، އެއްވެސް މީހަކާ ދޭތެރޭ ޒާތީ މައްސަލައެއް. ހިތްހަމަނުޖެހުމެއްވެސް. އަޅުގަނޑަށް ހަމަ ވަރަށް މުހިންމު، ހުރިހާ ސިޔާސީ ލީޑަރުންވެސް، ޤައުމު ކުރިއަށް ގެންދިޔުމުގައި. އެހެންވީމާ، އެއީ އެ ސުވާލުގެ ޖަވާބަކީ.

ދެން، ކެބިނެޓާ ބެހޭގޮތުން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކެބިނެޓް ޖަޖްކުރާނީ، އަދި އަޅުގަނޑުވެސް ޖަޖްކުރާނީ އަޅުގަނޑު ހޮވި ރައްޔިތުން. އަޅުގަނޑު ދެންނެވިން، އަޅުގަނޑަކީ ރައްޔިތުންގެ ޚާދިމެކޭ. ރައްޔިތުން ނިންމަވާނީ، އަޅުގަނޑުގެ ޕަރފޯމަންސްވެސް އަދި ކެބިނެޓުގެ ޕަރފޯރމަންސްވެސް. އަޅުގަނޑު ބޭނުންވީ، ރެޔާއި ދުވާލު ވަރަށް ހީވާގިކަމާއެކީގައި، އަޅުގަނޑާ އެކީގައި މަސައްކަތްކުރަން ކެރޭނެ، ކެރޭ ޓީމެއް ނަގަން. ވީހާވެސް ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި، ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުރެގެން މަސައްކަތް ކުރާނެ ހީވާގި ކެބިނެޓެއް ނަގަން. އަޅުގަނޑު ފަޚުރުވެރިވޭ، އަޅުގަނޑުގެ ކެބިނެޓާ ދޭތެރޭގައި.

އެހެންވީމާ، ރައްޔިތުން ބައްލަވަންވީ، ހަމަ މިދިޔަ ފަނަރަ ދުވަސް ތެރޭގައި، ކިހިނެއްތޯ މަސައްކަތް ކޮށްފައި އޮތީ. ދެން ކުރިއަށް އޮތް ތާނގައިވެސް. އަޅުގަނޑުމެން މަސައްކަތްކުރާނީ ރައްޔިތުންގެ ޙައްޤުގައި. މިއަދު ދިހަވަރަކަށް ކަންތައް މި ނިންމީ. ހަމަ އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ހުރިހާ ކަމެއްވެސް ނިމެމުންދާން. އަދި ރައްޔިތުންނާ ވީހާވެސް އެންގޭޖްވަމުން، މަޝްވަރާ ކުރަމުންދާން.

އެހެންވީމާ، އަޅުގަނޑުގެ ޓީމު، ކެބިނެޓް އަދި އެސް.އޯ.އީ.ތަކުގެ އެމް.ޑީސް، ދެންވެސް ތިއްބަވާ ވެރިން، އެ ބޭފުޅުން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ރައްޔިތުންގެ ޙައްޤުގައި. އެ ނޫންގޮތަކަށް މަސައްކަތެއް ނުކުރާނެ. އަޅުގަނޑަށް ހަމަ ޔަޤީން. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ، ދެ ފުށް ފެންނަ ގޮތަށް. އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މަޢުލޫމާތު ހިއްސާ ކުރާނެ. ތިޔަބޭފުޅުން މިސާލަކަށް، އެކަހަލަ ހާލަތެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށްވެސް އިޝާރާތެއް ކޮށްލަންވީ. އަޅުގަނޑަށް ޔަޤީން ދިމައެއްނުވާނެ. ކޮންމެ ބޭފުޅަކުވެސް މިހާރު އޮފީހުގައި މީޑިޔާ ކުޑަ ޔުނިޓެއްވެސް އުފައްދަވާނެ. މިހާރުވެސް އުފައްދަވައިފިކަންނޭގެ. ހަމަ ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްވެސް ހާމަކުރަމުންދާނެ. ތިޔަބޭފުޅުން އާރު.ޓީ.އައި.އަށް ލާންޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއްނުވޭ ދާންޖެހޭނެހެނެއް އިނގޭތޯ. ހުރިހާ މަޢުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ.

ދެން އަނެއްކާ ސިވިލް ރައިޓްސް، މަދަނީ ޙައްޤުތައް ޙިމާޔަތްކުރަން، ނޫނީވިއްޔާ ކޮމްޕްލެއިން ހުށަހެޅޭ ގޮތަށްވެސް މިހާރު އެހެރީ އޭ.ޖީ.ގެ އޮފީސްވެސް ހަދާފައި. ދެން މިކަހަލަ ހުރިހާ ކަމެއް އަޅުގަނޑު މިދަނީ އެސްޓެބްލިޝް ކުރަމުން. ރައްޔިތުންގެ ޓީމެއް އަޅުގަނޑުމެންގެ ޓީމަކީ. އެހެންވީމާ، ރައްޔިތުން ހަމަ ޖަޖް ކުރަމުން ގެންދަންވީ. ހަމަ އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ބާއްވާނެ ކަމެއް ނެތް. އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެކީގައި. ރައްޔިތުންގެ ގާތަށްވެސް ދާނެ.

އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަޢުދުވީ ގޮތަށް، ރައްޔިތުންގެ ގާތަށް ދާން ދަތުރުތައްވެސް ފަށާނަން ވަރަށް އަވަހަށް. މި ބަލަނީ ހަފްތާއެއްހާ ދުވަސް ފަހުން ދަތުރުތައް ފެށޭތޯ. ހަމަ ކޮންމެ ރަށަކަށް ދާނަން. އަދި ހަމަ މާލޭ ސިޓީގައިވެސް ހަމަ އެކި ދިމަދިމާއަށް، ހަމަ ރެގިއުލަރ މަސައްކަތުގެ ތެރެއިން ދާނަން. އަޅުގަނޑުމެންގެ ޓީމުތައްވެސް ދާނެ. ކެބިނެޓުގެ ބޭފުޅުންވެސް ވަޑައިގަންނަވާނެ. އެހެންވީމާ، ރައްޔިތުންނާ އެކީގައި މަސައްކަތް ކުރަން އަޅުގަނޑުމެން މިތިބީ. އެގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް ދާނަން. ހަމަ ތިޔަބޭފުޅުންނާ އެކީވެސް، އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން މީޑިޔާއާ އެކީގައި މަސައްކަތްކުރަން. ހަމަ އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނުބާއްވަވައި، ހަމަ ތިޔަ ގެންދަވާ ގޮތަށް ކުރިއަށް ގެންދަވަންވީ. ޝުކުރިއްޔާ.

އާދެ، ފަސް މިނިޓް ނިންމާލަން.

މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

އާދެ، ޝުކުރިއްޔާ. ދެވަނަ ފުރުޞަތެއް އަޅުގަނޑު މި ހޯދީ، އަދިވެސް އަޅުގަނޑު ކުރި ބައެއް ސުވާލުތަކަށް ޖަވާބު ނުލިބޭތީ ރައީސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫނޭ ދީފިން.

މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

ވަރަށް ޖުމްލަ ޖަވާބެއް. އެންމެ ފަހުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދެއްވި ހަމަ ޑިޕްލޮމެޓިކް ޖަވާބެއް ތިޔަ ދެއްވަނީ. އަޅުގަނޑުގެ ސުވާލަކީ، ރައީސް ޔާމީންގެ ސަޕޯޓަރުން އެބަ ވިދާޅުވެއޭ، ބައެއް ސަޕޯޓަރުން އެބަ ވިދާޅުވެއޭ، މަނިކުފާނަށް ދެއްވި ވޯޓަކީ ރައީސް ޔާމީނަށްޓަކައި ދެއްވި ވޯޓެކޭ. ރައީސް ޔާމީން މިނިވަންކުރުމަށް ދެއްވި ވޯޓެކޭ. އެހެން ނަމަވެސް، މަނިކުފާނަށް ވޯޓުލީ އެއްލައްކަ ނަވާވީސްހާސް މީހުން އެގޮތަށް ވިސްނުން ނުބަހައްޓަވާފާނެ. ކޮބައިތޯ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، އެ ނިޔަތުގައިތޯ ހުރިހާ ރައްޔިތުން މަނިކުފާނަށް ވޯޓު ދެއްވީ؟

އަދި ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ވަކީލުން އެބަ ވިދާޅުވޭ، އިންތިޚާބުވުމާ އެކީގައި، ގުޅުން ކަނޑާލެއްވި ކަމަށް. މެސެޖް ކުރެއްވީމާ، ސީން ކުރައްވާ ކަމަށް. ޖަވާބު ނުދެއްވާ ކަމަށް. ކީއްވެގެންތޯ އެ ގުޅުން ކެނޑިގެން ދިޔައީ؟ އެއްވެސްވަރަކަށް ގުޅެމެއް ނެތް ކަމަށް.

ދެން ދެންމެ ވިދާޅުވެއްޖެ، ކެބިނެޓާ ގުޅޭގޮތުން، ރައްޔިތުން ކަމަށް ވަޒަންކުރާނީ. ރައީސް މުޢިއްޒު އެބަވޭ، ހަފްތާ ސާދައިގެ އެޖެންޑާއެއް އެކުލަވައިލާފައި. އެ އެޖެންޑާއާ އެއްގޮތަށް ޕާރފޯމް ނުކުރާ މިނިސްޓަރުންގެ ޕޯޓްފޯލިޔޯއަށް ބަދަލު ގެންނަވާނަންތޯ؟ ފިޔަވަޅު އަޅުއްވާނަންތޯ؟

ދެން މިތަނުގައި އަޅުގަނޑުމެންނަށް ބައެއް މިނިސްޓަރުން ފެނިވަޑައިނުގަންނަވާ. ބައެއް ވަޒީރުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ ރާއްޖެއިން ބޭރުގައި ކަމަށް ތިއްބެވީ. އެހެން ނަމަވެސް، އަދިވެސް އެހެން ވަޒީރުން މިތާނގައި ނެތް. ކީއްވެގެންތޯ އެ ވަޒީރުން ނެތީ. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، މިއަދުގެ ފަހު ސުވާލު ފަށާނަން. މިއަދުގެ މި ޕްރެސްގައި އަޅުގަނޑު އެއްވެސް ވަޒީރަކަށް ނުދަންނަވަން މިތަނަށް ވަޑައިގަންނަވާކަށް. އަޅުގަނޑު ދެންނެވީ، މަޑުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުން، ހަމަ ތިއްބަވާށޭ. އަޅުގަނޑު ހަމަ އެއްވެސްވަރަކަށް ބޭނުމެއްނޫނޭ މީގައި، ހުރިހާ ބޭފުޅުން ތިއްބަވަން، މިހެން ދަންނަވާކަށެއް. އެއީ، މިގޮތަށް އަޅުގަނޑުމެން ރާވާފައި އޮތް ޕްރެސްއެއް ނޫން. މި ދެންނެވީ ކެބިނެޓް ހުރިހާ ބޭފުޅުން ތިއްބަވާ ގޮތަކަށެއް. ދެން ހަމަ ޝުކުރު ދަންނަވަން، ހުރިހާ ބޭފުޅުން ތިއްބެވީތީވެސް.

ދެން ބައެއް ބޭފުޅުން، މިނިސްޓަރ ސަޢީދު، ވީ.ޕީ. ރާއްޖެއިން ބޭރުގައިވީ. ދެން އަޅުގަނޑުމެންގެ އެގްރިކަލްޗަރ މިނިސްޓަރ، އެނގިވަޑައިގަންނަވާނެ، ހަމަ އާލާސްކަންފުޅެއްގައި ދުވަސްކޮޅަކަށް ވަޑައިގެންވީ ރާއްޖެއިން ބޭރުގައި. އެހެންވީމާ، ބައެއް ބޭފުޅުން ނެތް ރާއްޖޭގައި. ނެތީ އެހެންވެގެން.

ދެން ހަފްތާ ސާދައިގައި ހިމެނޭ ދިހަ ކަންތައް މިއޮތީވެސް ދޮގެއްތޯ. ވަރަށް ބާރަށް އެބަ ހިނގާ. އަދި ކޮންމެ ނިންމުމަކީ ކެބިނެޓް ލެވެލްގައި ނިންމާ ކަންކަމެއްވެސް ނޫން. ސޯޝަލް ކައުންސިލުންވެސް އެބަ ނިންމަވާ. އިކޮނޮމިކް ކައުންސިލުންވެސް ބައެއް ކަންކަން އެބަ ނިންމަވާ. ނިންމާފައި އެދަނީ ހިއްސާ ކުރަމުން. ދެން ހަމަ އޭގައި ހުންނާނެ، އެއް ހަފްތާއިން، ހަތަރު ހަފްތާއިން، ނުވަ ހަފްތާއިން، ސާދަ ހަފްތާއިން ނިންމާ ކަންކަން. އެގޮތަށް ހުންނާނީ ކަނޑައަޅާފައި ދޮގެއްތޯ. އެހެންވީމާ، އެއާ އެއްގޮތަށް ވީހާވެސް އެކިއުރޭޓްކޮށް ދާނެ އިރާދަކުރެއްވިއްޔާ އިނގޭތޯ.

ދެން ރައީސް ޔާމީނާ ބެހޭގޮތުން ތިޔަ ވިދާޅުވި ވާހަކަ. އަޅުގަނޑަކީ އެއްވެސްއިރަކު، މިއަދާ ހަމައަށް އައިއިރުވެސް، އެހެން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން އިނގޭތޯ. ނޯންނާނެ ދައްކާފައެއް މިހާތަނަކަށްވެސް.

މާހަތު ޙުސައިން ރަޝީދު - ސަންގު:

ޝުކުރިއްޔާ، ރައީސް ދެއްވި ދެވަނަ ފުރުޞަތަށް. އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވީ، ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން. ޕީ.ޕީ.އެމް.، ޕީ.އެން.ސީ. ގައި މި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން، ރައީސް ޔާމީން، ޕީ.އެން.އެފް.ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމާ އެކީގައި، އެ މަނިކުފާނުގެ ޕާޓީންވެސް ނުކުންނަވާނެ ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓުން. އެހެންވީމާ، މިވޯޓު ވަރަށް ބޮޑަށް ދެބައިވުމުގެ ފުރުޞަތުތަކެއް އެބައޮތް. ދެން އަސްލު މަންޒަރާ ގުޅޭގޮތުން ވާހަކަ ދައްކާ ކަމަށްވާނަމަ، އޭގެ ސަބަބުން އެމް.ޑީ.ޕީ.އަށްވެސް ފުރުޞަތުތަކެއް ބޮޑުވާނެ، މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބުކުރުމަށްޓަކައި. އަޅުގަނޑުމެންނަށް ދެއްވި އެކްސްކުލޫސިވްއެއްގައި މަނިކުފާނު ފާހަގަކުރައްވާފައި ވާނެ، މަޖިލީހުގެ ތްރީ ބައި ޓޫ ބޭނުންވާ ކަމަށް. އެ މެޖޯރިޓީ. އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ އަދިވެސް ހަމަ އެ ސްޓޭންޑުގައިތޯ ތިޔަ ހުންނެވީ؟ އަދި ހަމައެއާއެކީގައި، މަޖިލީހުގެ އެ ގޮނޑިތައް ހޯދުމުގައި އެއްވެސްކަހަލަ އުނދަގޫތަކެއް ދިމާވެދާނެ ކަމަށް ގަބޫލުކުރެވޭތޯ؟ ވޯޓު ބައިބައި ވެދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑަށް ގަބޫލުކުރެވެނީ، ރާއްޖޭގެ ރައްޔިތުން ތިއްބެވީ އަޅުގަނޑާ އެކީގައި ކަމަށް. އަޅުގަނޑުމެންގެ ޓީމް، ޕީ.ޕީ.އެމް.، ޕީ.އެން.ސީ.އާ އެކީގައި. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ހަމަ ރައްޔިތުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ތިންބައިކުޅަ ދެބައި ދެއްވާނެ.

ނާޒިމް ޙަސަން – މިހާރު ނޫސް:

ރައީސް ތުރުކީއަށް މި ކުރެއްވި ދަތުރުފުޅުގައި، އަދި އޭގެ ފަހުންވެސް ތުރުކީއާ އެކީގައި އެއްވެސްވަރަކަށް މަޝްވަރާ ކުރެވެމުން އެބަދޭތޯ، ކާޑުގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް؟

ދެން ދެވަނަ ސުވާލަކަށް، ފެނަކައިގެ މުވައްޒަފުންތަކެއް ވަކިކުރާ މައްސަލައިގައި، މިއަދު މަޖިލީހުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔުން އަމާޒުވި. މަނިކުފާނު ކެމްޕެއިންގައިވެސް ވިދާޅުވެފައިވާ ވާހަކައެއް އެއީ، އެއްވެސް މުވައްޒަފަކު ވަކިނުކުރާނެ ކަމަށް. ނަމަވެސް، ކޮންޓްރެކްޓް އާނުކުރާނެ ކަމަށް ފެނަކައިން މިހާރު ބުނެފައިވޭ ބައެއް މުވައްޒަފުންގެ. އެހެންވީމާ، މަޖިލީހުން އެމް.ޑީ.ޕީ.ން ބޮޑު ކޮންޓްރޯލެއް އޮންނައިރު، އެމް.ޑީ.ޕީ. މެންބަރުން މިއަދު ވަނީ، ކެބިނެޓަށް ރުހުން ނުދޭނެކަމުގެ އިންޒާރުވެސް ދީފައި. މިކަމުގައި ކޮބައިތޯ ރައީސްގެ ވިސްނުމަކީ؟ ފެނަކައިގެ ނިންމުން ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅުއްވަންތޯ؟

ދެން، އޭގެ އިތުރުން، ހިޔާ ފްލެޓްތަކާ ގުޅޭގޮތުން އަޅުގަނޑު ސުވާލެއް ކޮށްލަން ބޭނުމީ. މަނިކުފާނުގެ ހައުސިންގ މިނިސްޓަރ ކަމުގައި އެބަވޭ ޒުވާނުންނަށް އަދި އަލަތު ކައިވެނީގެ ކެޓަގަރީއަށް ފްލެޓްތަކެއް ދޭން ނިންމާފައި. ލިސްޓެއްވެސް ޢާންމުކޮށްފައި. އެ ބޭފުޅުން މިހާރުވެސް އެބަ އުންމީދުކުރޭ އަދިވެސް އެ ފުލެޓްތައް ލިބޭނެކަމުގެ. އެކަމުގައި އެއްވެސް ނިންމުމެއް ނިންމަވާފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ފަހު ސުވާލުން ފަށަންޏާ، އަލަތު ކައިވެނިކޮށްގެން ފުލެޓް ލިބޭނެކަމަށް ބުނި ފައިނަލް ލިސްޓް ނެރުނު އެންމެން މިހާރު ކުދިން ލިބި، ޢާއިލާ ބޮޑުވެ، މިހާރު ތިން ހަތަރު ކޮޓަރި ބޭނުންވާ ހިސާބަށް ހިނގައްޖެ އިނގޭތޯ. އަޅުގަނޑު ވަޢުދުވިން، ފުލެޓް ނުލިބުނު ހުރިހާ އެންމެންނަށް އަޅުގަނޑުމެންގެ ސަރުކާރުގައި ފުރަތަމަ އަޅާ ސޯޝަލް ހައުސިންގ ޕްރޮޖެކްޓަކުން އެ ފަރާތްތަކަށް ފުލެޓް ދޭން. އޭގެ ތެރޭގައި އަލަތު ކައިވެނިވެސް ހިމެނޭނެ. އޭގެ ތެރޭގައި، އެކި ކެޓަގަރީތަކުން އެ ކަޓުވާލީ. ދެން އެހެން ދެންނެވޭނީ ދޮގެއްތޯ؟ ފައިނަލް ލިސްޓަކަށް އަރާފައި އޮއްވައި، ދެވަނައަށް ނެރުނު ފައިނަލް ލިސްޓުގައި ނެތް މިދިޔަ ސަރުކާރުގައި. އެހެންވީމާ، އެންމެންނަށް ލިބޭނެއޭ. އެ ވަޢުދު އެގޮތަށް ފުއްދައިދޭނަން އިރާދަކުރެއްވިއްޔާ.

ދެން ފެނަކައަކީ ވަރަށް ބޮޑަށް ހަމަ ދަރަނި އޮތް ކުންފުންޏެއްވީމާ، ފެނަކައިގެ މެނޭޖްމަންޓުން އެ ބައްލަވަނީ ވީވަރަކުން މެނޭޖްކުރަން އެ މައްސަލަ. މުއްދަތު ހަމަވީ ތިރީސް ނޮވެންބަރަށް، ވަރަށް ގިނަ މުވައްޒަފުންތަކެއްގެ. މަސައްކަތެއް ނެތް ރަށްރަށަށްވެސް ނަގާފައި ތިބީ މުވައްޒަފުން. ދެން ފެނަކައިގެ މެނޭޖްމަންޓުން، އޭގެ ތެރެއިން ބައެއް މުވައްޒަފުން މުއްދަތު ހަމަވީމާ، އާ ކޮންޓްރެކްޓެއް ނެހެދީ. ދެން އަޅުގަނޑު ދަންނަވާފައި އޮންނާނެ، އެހެންނަމަވެސް، ހަމަ ވީވަރަކުން އެ ކޮންޓްރެކްޓް އާކުރެވެން އޮތް އެންމެންނަށް އާކޮށްލަދޭށޭ އަދިވެސް. ހަމަ ޓެމްޕަރަރީ އެގްރިމަންޓެއް ހަދާލައިގެން. އެހެންވީމާ، އެ މަސައްކަތް އެބަ ކުރިއަށް ގެންދޭ. ބައެއް ބޭފުޅުން އެ ބޭފުޅުން ދޫކޮށްލެއްވީ، އެއްވެސް މަސައްކަތެއް ނެތް ބައެއް ރަށްތަކުގައި. މި ދެންނެވީ ޕްރޮޖެކްޓެއްވެސް ނެތި ނަގާފައި ހުރީ. އެއީ، ކެމްޕެއިނަށް ނެގި މީހުން ކަމަށް ދެން ބެލެވެނީ. މަސައްކަތެއް ނެތް ތާކަށް، މުވައްޒަފުން ނަގާފައި ހުރީމާ. ދެން އެހެންވެގެން 30 ނޮވެންބަރަށް މުއްދަތު ހަމަވީމާ ދޫކޮށްލެއްވި ބައެއް ތަންތަނުން. ދެން އެއީކީއެއް، ޒިންމާދާރު ނުވުމެއްވެސް ނޫންކަންނޭނގެ. އެކަމަކު އަލުން ރީ-ކޮންޓްރެކްޓް ކުރަން، ކޮންޓްރެކްޓް އަލުން ހަދަންވެސް އަޅުގަނޑު ދަންނަވާފައި އޮންނާނީ ވީވަރަކުން ނަގާށޭ ހަމަ އަދިވެސް ދޫކޮށްނުލާ.

އެކަމަކު ކޮމްޕެނީއަށް އެއްގޮތަކަށްވެސް ނުކަތަންޏާ، ހަމަ އާނުކޮށް ބައެއް ތަންތަނުން އެބަ ދޫކޮށްލާ. ދެން އެކަމަކުވެސް ވީވަރަކުން ހަމަ ހިފަހައްޓަން ދަންނަވާފައި އޮންނާނީ. ދެން އެއީކީ ޒިންމާދާރު ނުވުމެއް ނޫން. އެއީ ސަރުކާރަށް ރުހުން، ކެބިނެޓަށް ރުހުން ނުދޭވަރުގެ ކަމެއްތޯ، ދެން ދުނިޔޭގެ އެހެން ޤައުމުތަކުގެ މިންގަނޑުތަކުންވެސް ވިސްނާލަންޖެހޭނެ. ރުހުން ނުދޭނީ، ރުހުން ނުދޭވަރުގެ ކަންތައްތައްވީމާ. ދެން އަޅުގަނޑު ހިތުން ވަރަށް ޒިންމާދާރުވާނެ ރާއްޖޭގެ ޕޮލިޓިކަލް ޕާޓީސް. އަޅުގަނޑަށް ޔަޤީން، ހަމަ ވަރަށް ރެސްޕޮންސިބަލް އޮޕޮޒިޝަނެއް ރާއްޖޭގައި އޮންނާނީ. ހަމަ ވަރަށް ވިސްނާވަޑައިގެން، ހަމަ ޤައުމީ މަޞްލަޙަތު އިސްކުރައްވައިގެން، މި ޚުޠޫރަތްތެރި ދަނޑިވަޅުގައި، ޤައުމައިގެން އެންމެން ކުރިއަށް ދިއުމުގެ ވިސްނުން މަޖިލީހުގެވެސް އޮންނާނީ. އަޅުގަނޑު ގަބޫލެއްނުކުރަން، އެނޫން ވިސްނުމެއްގައި އެއްވެސް ސިޔާސީ ޕާޓީއަކުން މަސައްކަތް ކުރާނެ ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ، ހަމަ އަޅުގަނޑުމެން އެންމެން އެކީގައި، ކުރިއަށް އޮތް ތަނުގައި، މި ދަނޑިވަޅުގައި، ކުރިއަށް ދިއުމުގައި ޑިމޮކްރަސީގެ ރީތި ހަމަ އިސްކުރައްވާނެ ކަމަށް. ހަމަ ހުރިހާ ބޭފުޅުންވެސް. އަދި އެއް ސުވާލު އަޅުގަނޑަށް މިސްވެއްޖެހެން ހީވަނީ.

ނާޒިމް ޙަސަން - މިހާރު ނޫސް:

ތުރުކީއާ ބެހޭގޮތުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތުރުކީއާ ބެހޭގޮތުން. ޓްރޭޑް، ވިޔަފާރި އިތުރުކުރުމަށް، ހަމަ އެކިއެކި ބާވަތްތައް، މިހާރަށްވުރެ ބޮޑަށް، ރާއްޖެއިން އެކްސްޕޯޓްކޮށް، ރާއްޖެއަށް ތުރުކީއިން އެކި ބާވަތްތައް އިމްޕޯޓްކޮށް ދެ ޤައުމުގެ ދޭތެރޭގައި ވިޔަފާރީގެ އެކިއެކި ބާވަތްތައް، މެޓީރިއަލްސް އިތުރުކުރުމަށް މަސައްކަތް ކުރުމަށް ހަމަ ނިންމާފައިވަނީ. ދެން އޭގެ ޑީޓެއިލްސްތައް ހަމަ ހިއްސާ ކުރަމުންދާނަން.

އެބައޮތްތޯ އެހެން ސުވާލެއް، އެހެން ބޭފުޅެއްގެ. ނެތިއްޔާ، އަޅުގަނޑު ހިތުން އަޅުގަނޑަށް ހުރިހާ ސުވާލަކަށް ޖަވާބު ދެވިއްޖެ. ޖަވާބު ނުދެވޭ ސުވާލެއް އޮވެއްޖިއްޔާ މިހާރު ވިދާޅުވެދެއްވާ. އެހެން ނޫނީވިއްޔާ އަޅުގަނޑު މި ނިންމާލަނީ. އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް ގާތުން މަސައްކަތްކުރާނަން. ޓްރާންސްޕޭރަންޓް ވާނަން. ދެން ބޭނުންވާ ޖުމްލަ އޮތް ގޮތަށް އަޅުގަނޑު ނުދަންނަވާފާނެ. އަޅުގަނޑުގެ ހަމައިން އަޅުގަނޑު ހިފަހައްޓާނީ އަބަދުވެސް. އެ ސުވާލުތޯ އަނެއްކާވެސް. ފަހު ސުވާލު އިނގޭތޯ.

މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

ސަރުކާރަށް އެއް ހަފްތާ ތެރޭގައި، އަޅުގަނޑުމެންނަށް ފެނުނު، ބައެއް ބޭފުޅުންނަށް މަގާމު ޢައްޔަންކުރައްވާފައި ވަކިކުރި ތަން. ކީއްވެގެންތޯ މަގާމުން ވަކިކުރީ؟ ދެން އޭގެ ކުރިން އަޅުގަނޑު ކުރި ސުވާލެއްގެ ފޮލޯއަޕެއް، ރައީސް ޔާމީނާ ގުޅޭގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެޔޭ. މާނައެއް އަޅުގަނޑަކަށް އަދިއެއް ނޭނގެ މާ ބޮޑަކަށް. ކޮބައިތޯ އޭގެ ވާހަކައަކީ؟ ވަކީލުން އެބަ ބުނޭ، ގުޅުމެއް ނެތޭ. ގުޅުން ކަނޑާލެއްވިއްޔޭ. ފޯނަށް ޖަވާބެއް ނުދެއްވައޭ. އެއީ ކީއްވެގެންތޯ؟ އެހެންތޯ އެކަން ހިނގީ؟ ރައްޔިތުންނަށް އެ މަޢުލޫމާތު ސާފުކޮށްދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ޢައްޔަންކުރި ދެތިން ބޭފުޅަކު، ވަޒީފާއިން ވަކިކުރިން. އާދެ، ދެން އެއީ އިދާރީގޮތުން، އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް. ޢައްޔަން ކުރިއިރުގައި، ބައެއް ކަންތައްތައް ޗެކް ނުކުރެވި، ޢައްޔަން ކުރެވުނު ކުރުން އެއީ، ރަނގަޅަށް ކުރެވުނު ކަމެއް ނޫން. އަޅުގަނޑު އެކަން، އަޅުގަނޑުމެންގެ މިސްޓޭކެއް ގޮތުގައި ބަލައިގަންނަން ހަމަ. އެއަށްވުރެ ރަނގަޅަށް އެކަން ބެލެންވާނެ. ދެން އެ ޢައްޔަން ކުރެވުނު ބޭފުޅުންގެ މައްސަލައެއް ނޫން އެއީކީއެއް. ދެން އެކަން އަޅުގަނޑުމެން ރަނގަޅު ކުރާނަން، ކުރިއަށް އޮތް ތާނގައި. މިހާރު ދެން ދިމައެއްނުވާނެ އެކަހަލަ ކަމެއް. ބައެއް މަޢުލޫމާތު ޗެކްނުކުރެވި ހުރީ.

ދެން، ތިޔަ ވިދާޅުވި ސުވާލުގައި، އަޅުގަނޑު ރައީސް ޔާމީންވެގެން ދެންނެވި ވާހަކައެއް ނޫން އެއީކީ. އަޅުގަނޑު ދެންނެވީ، އެހެން އެއްވެސް ބޭފުޅަކާ ބެހޭގޮތުން، ޕަރސަނަލް ލެވެލެއްގައި އަޅުގަނޑެއް މިހާތަނަކަށްވެސް ނުދައްކަމެއް ނޫންހޭ އެއްވެސް ވާހަކައެއް ދޮގެއްތޯ. ދުވަހަކުވެސް ނުދައްކަމޭ. މިވެނި ބޭފުޅަކު މިހެން ވިދާޅުވިއޭ، އަޅުގަނޑު އެ ބޭފުޅަކާ މިހެން ވާހަކަ ދެއްކީމޭ، އެހެން ވިދާޅުވިއޭ. މިހެން ގޮސް އެހެން އެއްވެސް މީހެއްގެ ވާހަކަ ދައްކާ މީހެއް ނޫނޭ މިއީކީއެއް. އެހެންވެގެން ނުދައްކާ ވާހަކަ، ނުދައްކާނަމޭ ދެންނެވީ.

މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

އެކަމަކު ރައީސް މުޢިއްޒާ ގުޅޭގޮތުން މިސާލަކަށް ދޮގު ވާހަކައެއް، ނޫނީ ޙަޤީޤަތާ ޚިލާފު ވާހަކައެއް އެގޮތަށް ދެކެވޭނަމަ، އޭގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވަންވާނެ ނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޙަޤީޤަތާ ޚިލާފު ކިހާ ވާހަކައެއް އަޅުގަނޑާ ކުރިމަތިވޭތޯ؟ ކެމްޕެއިން ތެރޭގައިވެސް މަދެއް ނޫން ދޮގެއްތޯ؟ ފޮޅި ފޮޅި ހަދައިގެންވެސް ބެހި.

ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް.

وَالسَّلَامُ عَلَيْكُمْ.