ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޕް28 ކޮންފަރެންސްގައި ޕާކިސްތާނުން ބައިވެރިވި މަތީ ފަންތީގެ ވަފުދުގެ އިސްވެރިޔާ، ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު އަންވާރުލް ޙައްޤު ކަކަރް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދާ ކޮޕް28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ވަނީ، ދެޤައުމަށް ފައިދާހުރި ކަންކަމާ ބެހޭގޮތުންނާއި، ދެ ޤައުމުގެ މަސްލަހަތާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވުމާ ގުޅިގެން، އެ ވަޢުދުފުޅު ޙާޞިލްކުރުމަށް ދިވެހިރާއްޖެއާއި ޕާކިސްތާނާ ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.