بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޚަބަރު ފެތުރުމުގެ އެންމެ މާތް، އެންމެ ރިވެތި މިންގަނޑު ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވި ގަދަކީރިތިވަންތަ الله تـبـارك وتـعـالـى އަށް ޙަމްދާއި ޝުކުރުކުރަން. އެންމެ ފުރިހަމަ ބަސްމަގުން ކަންކަން އޮޅުންފިލުއްވައިދެއްވި މާތް ނަބިއްޔާ مُحَمَّدٌ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް، އެ ކައުންސިލްގެ އެންމެހައި މެންބަރުން، އިސްވެރީން، މުވައްޒަފުން، ހީވާގި ފަޚުރުވެރި ދިވެހި ނޫސްވެރީން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި އުޚްތުންނާއި އަޚުން،

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، ނޫސްވެރީންގެ ކަންކަން ބަލަހައްޓަން އިންތިޚާބުވެފައިވާ ޤައުމީ މަޖިލީސް ކަމަށްވާ، މޯލްޑިވްސް މީޑިއާ ކައުންސިލުން ދެއްވާ ނޫސްވެރިކަމުގެ ޝަރަފުވެރި އިނާމު، އެކި ދާއިރާތަކުން ޙާޞިލްކުރެއްވި ނޫސްވެރީންނަށް ތަހުނިޔާއާއި މުބާރަކްބާދު ރައްދުކުރުން.

އަދި މި ފަހަރުގެ ނޫސްވެރިކަމުގެ އިނާމަށް އެކި ދާއިރާތަކުން ވާދަކުރެއްވި ހުރިހާ ހުނަރުވެރީންނަށް، އަދި ޖުމްލަކޮށް ނޫސްވެރިކަމުގައި ޚިދުމަތްކުރައްވާ ނޫސްވެރި މުޅި ޢާއިލާތަކަށް ހިތްވަރުދީ ސާބަސް ދަންނަވައި ޝުކުރު އަދާކުރުން.

ނޫސްވެރީންގެ މުޅި ދިރިއުޅުން، މުޅި ޝައުޤު މި ބިނާވަނީ، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މައްޗަށް. ކަންކަން ބަލައި ހޯދައި، ދިރާސާކޮށް، ވީހާ ގިނަ ބަޔަކަށް ކިޔައިދިނުމުގެ މައްޗަށް. މިއީ ވަކި ގަޑިއެއް، ވަކި ވަގުތެއް އޮތް ކަމެއް ނޫން. 24 ގަޑިއިރު ހުއްޓުމެއްނެތި ކުރާ މަސައްކަތެއް. ކޮންމެ ދަންވަރަކު، ކޮންމެ ފަތިހަކު، އަދި އެނޫން ކޮންމެ ވަގުތަކުވެސް ހިނގާ ކޮންމެ ހާދިސާއެއް، ދިމާވާ ކޮންމެ ކަމެއް، ރައްޔިތުންނަށް ކިޔައިދެނީ ތިޔަ ނޫސްވެރީން. ޚަބަރު ފަތުރައި، ރައްޔިތުން ހޭލުންތެރިކޮށްދެނީ ވެސް ތިޔަ ނޫސްވެރީން. މިއީ ވަރަށް ބުރަ މަސައްކަތެއް. ވަރަށް ބޮޑު ޒިންމާއެއް.

21 ވަނަ ޤަރުނާ އެކީގައި، ނޫސްވެރިކަމުގެ ބާރު މިހާރު ގަދަވެއްޖެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަށް ވިސްނައިލި ކަމުގައިވީނަމަވެސް، ޚަބަރު ފެތުރުމާއި، ނޫސްވެރިކަން ޢާންމުވެގެން ގޮސް، މުޅި ދުނިޔެ މިއޮތީ މޯބައިލް ފޯނެއްގެ ތެރޭގައި. އަޅުގަނޑުމެންގެ އަތުތެރޭގައި. ބޭނުން މަޢުލޫމާތެއް އަޅުގަނޑުމެންނަށް ހޯދައިލެވޭ. ބޭނުން ވާހަކައެއް މުޅި ދުނިޔެއާ އަޅުގަނޑުމެންނަށް އެބަ ޙިއްޞާ ކޮށްލެވޭ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއަދު ނޫސްވެރިކަމަކީ އެންމެންނަށްވެސް ބޭނުންކުރެވެން އޮތް އެންމެ ގަދަފަދަ ބާރު. ޤައުމުގެ އެންމެ ގަދަފަދަ ބާރުވެސްމެ. ޤައުމުގެ ހަމަޖެހުން، ޤައުމުގެ ކަންކަން ވަކި ގޮތަކަށް ނިންމުން، ރައްޔިތުންގެ ވިސްނުން ވަކި ގޮތަކަށް ބަށްޓަންކުރުން، މި ހުރިހާ ކަމެއްގެ ކޮންޓްރޯލްވެސް އޮތީ މިއަދު ނޫސްވެރިކަމާ ގުޅިފައި.

އެހެންވީމާ، ނޫސްވެރީންގެ ޤައުމީ ޒިންމާ، އެހެން އެއް ޒަމާނަކަށްވުރެ މިއަދު ބޮޑު. ތެދު ޚަބަރު ރައްޔިތުންނަށް ފޯރުކޮށްދިނުން. ކޮންމެ ކަމެއްގެވެސް ހުރިހާ ފަރާތެއް ހާމަކޮށްދިނުން. ދޮގާއި ފިތުނަ ފެތުރުނަ ނުދިނުން. ޤައުމުގެ އަގު ހިފެހެއްޓުން. މިހުރިހާ ކަމެއްގައިވެސް، ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް މުހިންމު ވާޖިބު ބޮޑު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގައި، މީޑިއާއާއި ނޫސްވެރިކަން ކުރިއެރުވުމަށް ވަނީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައި. ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދެއްވުން. އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު، ނޫސް މީޑިއާތަކަށް ފަހިކޮށްދެއްވުން. އޮފީސް ޚަރަދުކުޑަކޮށް، މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ޤާއިމުކޮށްދެއްވުން، އެކި ދާއިރާތަކުން ނޫސްވެރީން ތަމްރީނުކޮށް، ތަޢުލީމުދީ، ޤާބިލް ނޫސްވެރީން ބިނާކުރުމަށް ދައުލަތުން ހޭދަކުރެއްވުން. ސަރުކާރުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި، ނޫސްތަކުގެ މެދުގައި ތަފާތު ނުކުރެއްވުން. ނޫސްވެރީންނަށް ޖަވާބުދާރީވެ، ޒިންމާދާރުކަމާއެކު ކަންކަން ހާމަކުރެއްވުން. މިއީ މި ހިނގަމުންދާ 5 އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒު ހިފައި، ރަނގަޅު ނަތީޖާތަކެއް ނެރެދޭނެ ކަންކަން.

އިރާދަކުރެއްވިއްޔާ ދިވެހި މީޑިއާތަކަށް، ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާއި ކާމިޔާބީ ރަން ޒަމާނެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ގެނެސްދެއްވާނެ.

އާދެ، މި އުފާވެރި ޙަފްލާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީވެ، މީޑިއާ ކައުންސިލްގެ ރައީސާއި އަދި އެންމެހައި މެންބަރުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އަޅުގަނޑު އެދެނީ، ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށް، ދިވެހި އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަނެ، ފާގަތި މުސްތަޤްބަލެއް ދިވެހީންނަށް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ މަސައްކަތްޕުޅުގައި، މާތްﷲ ކާމިޔާބު މިންވަރުކުރެއްވުން. ދިވެހި ނޫސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ފަހިކަމާއި ފާގަތިކަން މިންވަރުކުރެއްވުން. އަދި ތިޔަ އެންމެހައި ބޭފުޅުން ތިޔަ ކުރައްވާ ބުރަ މަސައްކަތް، ކާމިޔާބު މަސައްކަތެއް ކަމުގައި މިންވަރު ކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ.