بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާލޭސިޓީގެ އެންމެހައި ލޮބުވެތި ރައްޔިތުން، މާލޭސިޓީ ކައުންސިލްގެ އެކްޓިންގ މޭޔަރ، ކައުންސިލަރުން، ޕައިނިއަރ މޯލްޑިވްސްގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި، މާލޭގައި ދިރިއުޅުއްވާ އެންމެހައި ލޮބުވެތި ރައްޔިތުން، ދުރާއި ގާތުން މި ޙަފްލާ ބައްލަވާ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިގެންދަނީ މި ޙަފްލާ މިއަދު މިގޮތަށް ބޭއްވިގެންދާތީ. އެއީ، ދެންމެ ނަރީޝް ފާހަގަކުރެއްވި ފަދައިން، ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އަޅުގަނޑުމެން ފާސްކުރިއިރުގައި ކުރަން ނިންމި ކަމެއް، މި ކަންތައް މިގޮތަށް ފުރިހަމަވެގެން ގޮސް މިއަދު ހުޅުވިގެންދާތީ އެކަމުގެ އުފާ ވަރަށް ބޮޑަށް ލިބޭ. އެހެންކަމުން، ޑޮކްޓަރ އިކްލީލަށާއި، ކޮމްޕެނީގެ ވެރިން އަދި މާލޭސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި، ވެރިންނާއި، ހީވާގި މުވައްޒަފުން އަދި މިކަމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ!

އަޅުގަނޑު ދެންނެވީ، ކުރީގައި މިތާނގައި ހުރި ގަޑި ހުރި ކޮންސެޕްޓްގައި، އެ ޑިޒައިނާ އެއްގޮތްވާ ގޮތަށް އަދި އެހެން ނަމަވެސް، ޒަމާނީ ގޮތެއްވެސް އެއަށް ގެނެސް، ޑިޖިޓަލައިޒް ކުރުމުގެ ވިސްނުން އެއަށް ގެނެސްގެން ގަޑިބުރު ހައްދަވައިދެއްވާށޭ. ސީ.އެސް.އާރު. މަޝްރޫޢެއްގެ ގޮތުގައި، ކޮމްޕެނީއާއި ސިޓީ ކައުންސިލާ ދޭތެރޭގައި ވެވުނު އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދެވުނު. މީގެ ބޭނުމަކީ ޒުވާނުންނަށްވެސް އަދި ޅަފުރައިގެ ކުޑަކުދިންނަށްވެސް، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށްވެސް މަޤްބޫލު ވިސްނުންތަކެއްވެސް މިއަށް ގެނައުން. އަދި ދެންމެގައި އިޢުލާނު ކުރެވުނު ގޮތަށް، ފާހަގަކުރެވުނު ގޮތަށް ބަންގިގޮވާ އަޑު، ފަސްވަގުތު ބަންގިވެސް ގޮވޭގޮތަށް. އެގޮތަށް ހަމަޖެހިފައި މިއޮތީ.

ދެން މުހިންމު މެސެޖުތައްވެސް މި ޑިޖިޓަލް ސްކްރީނަށް، ކައުންސިލުން ބޭނުންވާ މެސެޖުތައް އެރުވޭގޮތަށް. އަދި މި ސީ.އެސް.އާރު ޕްރޮޖެކްޓް ހިންގެވި ފަރާތުން ހަމަ އެކަމާ ގުޅިގެން ހަމަ އެކި ފަރާތްތަކަށް އެކިކަހަލަ އިޝްތިހާރުތައް، ވިޔަފާރިތަކަށްވެސް އެއިން ފައިދާއާއި ނަފާވާގޮތަށް. ވީހާވެސް ގިނަ ފަރާތްތަކަށް އޭގެ ފައިދާވާގޮތަށް ފަރުމާކޮށްގެން، އެހެން ނަމަވެސް، ހަމަ އެއާއެކީގައި އަޅުގަނޑުމެންގެ މާޒީ އިޢާދަކޮށްދިނުން.

އަޅުގަނޑުމެންގެ ތާރީޚާއި ޘަޤާފަތު އިޢާދަކުރަން ބަލާއިރުގައި، ކުރީގައި ކުރެވިފައި ހުރި މިފަދަ ކަންތައްތައް އަނބުރާ ގެނައުމަކީ، ދުނިޔޭގެ ތަހުޒީބު އެހެން ޤައުމުތަކުގައިވެސް އެކަން ކުރާ ގޮތެއް. އެހެންވީމާ، އެ ވިސްނުމުގައި މިކަން ކުރެވިގެންދިޔައީ. މީގެ ސަބަބުން އާރޯކަމެއް އާދޭ. ދިރުމެއް އާދޭ. މާލޭގެ މިގޮތަށް ހުރި އެހެން ދިމާދިމާތައްވެސް، އެހެން ސަރަޙައްދުތައްވެސް ރީވައިޓަލައިޒްކޮށް، އާރޯކަން ގެނެސް، ހިތްފަސޭހަކަން ގެނައުމަކީ ހަމަ ސަރުކާރުގެވެސް ވިސްނުން. އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް މިކަން ކުރުމަކީ ސަރުކާރުގެވެސް ވިސްނުން.

އަޅުގަނޑު ކެމްޕެއިންގައި ރަށްރަށަށް ދިޔައިރުގައި، ސަލާން ކުރަމުންދާއިރުގައި، ތުއްތުކުދިން އަޅުގަނޑު ގާތުގައި ސިއްރުން އެންމެ ގިނައިން ބުނި ވާހަކައަކީ، ކުރަހާފައި ދިން ގަނޑުތަކުގައިވެސް އޮތީ ތިމަންނާމެންގެ ރަށުގައި ކުޑަކުދިންގެ ޕާކްތައް ހަދައިދެއްޗޭ. އަޅުގަނޑު އެ ވަޢުދުވިން. ކޮންމެ ރަށެއްގައިވެސް ކުޑަކުދިންނަށް ބޭނުންކުރެވޭކަހަލަ، ޢާއިލާތަކަށް ބޭނުންކުރެވޭފަދަ ހިތްގައިމު ކުޑަކުދިންގެ ޕާކެއް ހަދައިދޭނެ ވާހަކަ ވަޢުދުވިން. އިރާދަކުރެއްވިއްޔާ، އެ ވަޢުދު، ވަޢުދުވީގޮތަށް އަޅުގަނޑުމެން ސަރުކާރުން ފުއްދާނަން.

މާލޭގައިވެސް މިގޮތަށް ހުރި ތަންތަނަށް އާރޯކަން ގެނެސް، ފެހިކަން ގެނެސް، ހިތްގައިމުކަން ގެނައުމަކީ، ކައުންސިލާ ގުޅިގެން ކުރިއަށް ހަމަ ގެންދާނެ ކަންތައްތައް. ރަށްރަށުގައިވެސް އެކަން ކުރިއަށް ގެންދާނީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މެދުވެރިކޮށްގެން.

ކައުންސިލްތައް ބާރުވެރިކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ މައިގަނޑު އެއް ވިސްނުން. ކަންދިމާކުރި ގޮތުން، ލާމަރުކަޒީ ނިޒާމުގެ ދެފަރާތުގައި އަޅުގަނޑަށް މަސައްކަތް ކުރަން ޖެހުނީމަ، ކައުންސިލްތައް ނުހިނގަނީ ކިހިނެއްވެގެންކަން ސާފުވާގޮތް ވެފައި އޮތީމަ، އަޅުގަނޑުމެން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ޚާއްޞަ ވުޒާރާއެއް އުފެއްދީ މި. ދެން ފެނިގެންދާނީ އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭގޮތަށް ބާރު ސްޕީޑްގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ކައުންސިލްތައް ހިނގަމުންދާތަން.

އެގޮތުން، މާލޭގައިވެސް، އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި ހުއްދަ ނުދިން، ރައްޔިތުން އެދިފައި ހުރި ހުރިހާ މަޝްރޫޢެއްވެސް ދެން ބާރު ސްޕީޑްގައި ހިނގަމުންދާނެ. ޚާއްޞަ ގޮތެއްގައި، ޕާކިންގ ބިލްޑިންގތައް އެޅުމަށްޓަކައި މާލޭސިޓީ ކައުންސިލުން ނިންމާފައި ހުރި މަޝްރޫޢުތައް، އެއްބަސްވުންތަކާ އެއްގޮތަށް އެކަން ކުރުމުގެ ފުރުޞަތު ސަރުކާރުން ދޭނަން. އޭގެ ސަބަބުން މާލޭގެ އެކި ސަރަޙައްދުތަކުގައި މަލްޓި ސްޓޯރީ، މަލްޓި ޔޫސް، ނޫނީ އެކިކަހަލަ ބޭނުންތައް ހިފޭފަދަ އުސް ޕާކިންގ އިމާރާތްތައް އެޅިގެންދާނެ. އޭރުން މިހާރު މަގުތަކުގައި މި ޖެހިފައި އޮންނަ ތޮއްޖެހުމަށް ލުއިތަކެއް އަންނާނެ.

އަދި ހަމަ އެއާއެކީގައި މަގު ހެދުމުގެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ދެން ފެށިގެންދާނެ. އެކަން ކުރުމަށްޓަކައި ބަޖެޓުގައިވެސް މަސައްކަތް ކުރުމަށް ޖާގަ އުފައްދާފައި ވާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ މިއީ ބޮޑު މަޝްރޫޢަކަށްވާތީ، ބޭރުގެ އެހީތެރިކަންވެސް މިކަމުގައި ހޯދުން. ކޮންމެއަކަސް މާލޭގެ މަގު ހެދުމުގެ މަޝްރޫޢާއި، މާލޭގައި މިގޮތަށް ހުރި މުހިންމު ބޮޑެތި މައްސަލަތައް ޙައްލުކުރުން އެއީ ހަމަ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައް.

އެންމެ މުހިންމު ކަންތައް އަޅުގަނޑު ދަންނަވާނުލާ، ގަސްތުގައި މި ލަސްކޮށްލީ. އެއީ، ގެދޮރުވެރިކަން. ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަޢުދުވީ ގޮތަށް، ހަފްތާ 14 ގައި އިޢުލާނުކުރި ގޮތަށް ފެށިގެންދާނެ. މާނަޔަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި. ޢަޒުމަކީ އެއީ. ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން، ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭނެ. އެ މަސައްކަތް ފަށާގޮތަށް ގޮސް ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ނިމޭނީ. އެއީ، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ޖާގައިގެ ތިންގުނަ ބޮޑު ޖާގައެއްވީމާ، ވަރަށް ބިޔަވާނެ. ގާތްގަނޑަކަށް 1200 ހެކްޓަރު ހުންނާނެ. އެހެންވީމާ، އެވަރު ބޮޑު ފަޅެއް މި ހިއްކަނީ، ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ޙައްލުކޮށްދިނުމަށްޓަކައި.

އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި، ނޫނީވިއްޔާ ޙައްލުކުރަން ބޭނުންވާ އެންމެބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ތަކުރާރުކޮށް ކެމްޕެއިންގައި ދަންނަވަމުން އައި ވާހަކައަކީ، ޤައުމީ މައްސަލަތައް ނަގާފައި، ގެދޮރުވެރިކަން ކަމަށް. އަދި އެންމެ ގިނަ ރައްޔިތުން އުޅެނީ މި ސަރަޙައްދުގައި ކަމަށްވާތީ، އެންމެބޮޑު މަޝްރޫޢު މިއޮތީ މި ސަރަޙައްދަށް ކަނޑައެޅިފައި. އެހެންވީމާ، ގްރޭޓަރ މާލެ، ނޫނީ މާލެ ސަރަޙައްދުގައި މި ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢާއި، އަދި މިހާރު ހިނގަމުންދާ ގުޅިފަޅާއި ގިރާވަރު ފަޅުގެ މަޝްރޫޢު އިތުރަށް ފުޅާކޮށް، އޭގެ ތަނަވަސްކަން އިތުރުކޮށް، އަދި ގިރާވަރު ފަޅާ ހަމަޔަށް ބްރިޖުގެ މަސައްކަތްވެސް، މިހާރު އެ މަޑުޖެހިފައި އޮތް އޮތުން، ނޫނީވިއްޔާ ދާ ސްޕީޑް، ތަންކޮޅެއް ލަސްކޮށްދާ ދިޔުން ރަނގަޅުކޮށް، އެ މަޝްރޫޢުވެސް ބާރަށް ގެންދިޔުމަށް، މިފަދަ ކަންތައްތައް ކުރުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ފެށިގެންދާނެ. އެކަމުގައި އިންތިޤާލީ މަރުޙަލާގައި ލިބުނު މަޢުލޫމާތުގެ އަލީގައި، މިހާރު ވަޒީރުކަމާ ހަވާލުވެވަޑައިގެން ތިއްބެވި ކަމާބެހޭ ހުރިހާ ބޭފުޅުން މަސައްކަތްތައް ފަށްޓަވާނެ. ނަތީޖާއަކަށްވާނީ އަޅުގަނޑުމެން ހަމަ ކަނޑައެޅިގޮތަށް، އަޅުގަނޑުމެން ކަނޑައަޅާފައި އޮތްގޮތަށް، ވަޢުދުވީ ގޮތަށް، މި ދައުރުގެ ތެރޭގައި ރާއްޖޭގައި އެއްވެސް ކަންކޮޅެއްގައި ގެދޮރުވެރިކަމަށް ބޭނުންޖެހިފައި ހުރި، އެކަން ޙައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނަ މިންވަރަށް އިރާދަކުރެއްވިއްޔާއެ މައްސަލަ ޙައްލުކޮށްދިނުން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން.

ރާއްޖޭގެ އެންމެ ދެކުނުގަޔާއި، އެންމެ އުތުރުގައި އިންޓަރގްރޭޓަޑް އަރބަން ސެންޓަރތައް ޤާއިމުކުރުމާ އެކީގައި، 7 ސަރަޙައްދެއްގައި 7 އަރބަން ސެންޓަރ ޤާއިމުކުރުމާ އެކީގައި، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ. އޭގެ މާނައެއް ނޫން، އެއްވެސް ރަށެއް ބާކީކުރުން. އެއްވެސް ރަށެއް ބާކީއެއް ނުވާނެ. ކޮންމެ ރަށަކަށްވެސް ހަމަ ފުރިހަމަ އަޅައިލުން ލިބޭނެ. ނަމަވެސް، ހަމަ އެއާއެކީގައި، ޕެރަލަލީ، އެކުއެކީގައި ހިނގަމުންދާނެއޭ، މި ދެންނެވި ސަރަޙައްދުތައް ތަރައްޤީ ކުރުމުގެ މަސައްކަތް. އޭގެ ނަތީޖާއަކަށްވާނީ، މެދު އަދި ދުރު ރާސްތާގައި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީވެގެންދިޔުން.

އަޅުގަނޑުމެންގެ ތިމާވެށްޓަށްވެސް އަޅުގަނޑުމެން ވިސްނަންޖެހޭ. ކްލައިމެޓް އެޑަޕްޓޭޝަނަށް ވިސްނަންޖެހޭ. މި ހުރިހާ ވިސްނުމެއްގައި އަޅުގަނޑުމެން ރާއްޖެ ކުރިއަށް ގެންދަން ބޭނުންވާއިރުގައި، މިއީ އަޅުގަނޑުމެން މިކަން ކުރަންޖެހޭނެގޮތް ކަމަށްވާތީ، އެކަން އެގޮތަށް ކުރަން ރާވާފައި އެއޮތީ.

އަޅުގަނޑުމެންގެ މަސައްކަތް ޙަޤީޤަތުގައި މިއަދު ފެށިއްޖެ. ހެނދުނު ހެނދުނާ އަޅުގަނޑުމެން، ހޮނިހިރު ދުވަހެއްވިޔަސް އަޅުގަނޑު އޮފީހަށްދިޔަގޮތަށް ގެޔަށް އާދެވުނުއިރުގައި ހަގަޑިބައި ވެއްޖެ. ބޭރުގެ ވަރަށްގިނަ ވަޒީރުންނާއި، އެކިއެކި އެމްބެސެޑަރުންނާއި، ސްޕެޝަލް އެންވޯއިންނާ، މިފަދަ ބޭފުޅުންނާ ބައްދަލުކުރެވުނު. އެ ހުރިހާ ބޭފުޅުންވެސް ދެއްވި ޔަޤީންކަމަކީ، ތިމަންނާމެން މިތިބީ އަޅުގަނޑުމެންނާ އެކީގައި، ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރިއަށްދާން ތައްޔާރަށް ކަމަށް. އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށް. އެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު އޮންނާނީ، ގުޅިގެން އެކުވެރިކަމާ އެކީގައި، އެކުއެކީގައި ކުރިއަށްދިޔުމުގެ، މަޝްވަރާކޮށްގެން ކުރިއަށް ދިޔުމުގެ ސިޔާސަތު.

އެހެންވީމާ، އަޅުގަނޑުމެންނަށް ވާހަކަ ނުދެއްކޭނެ ފަރާތެއް ނޯންނާނެ. ދިވެހިރާއްޖޭގެ މަޞްލަޙަތު އިސްކޮށްގެން، ރާއްޖެ އިސްކޮށްގެން، ރާއްޖެއަށްޓަކައި ރާއްޖޭގެ މަޞްލަޙަތު އިސްކޮށްގެން އަޅުގަނޑުމެން ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ. އެ ވިސްނުމުގައި ޤައުމު ޙިމާޔަތް ކުރުމުގެ ޔަޤީންކަން ހާސިލުކުރަމުން، ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އެކިއެކި ފަރާތްތަކާ އަޅުގަނޑުމެން މަޝްވަރާކޮށް، ކާމިޔާބީ ހޯދަމުންދާނަން އިރާދަކުރެއްވިއްޔާ.

އާދެ، މާދަމާ އެކިއެކި ވުޒާރާތަކުގެ މަސައްކަތްތައް ފެށިގެންދާއިރުގައި، އަޅުގަނޑުމެންގެ ޢަޒުމަކީ، ލަހުންދިޔަ ސްޕީޑް، ބާރު ސްޕީޑަށް ބަދަލުކޮށް، ވަރަށް ހަލުވި މިނެއްގައި ކަންތައްތައް ކުރިއަށް ގެންދިޔުން. ހުރިހާ ވަޒީރުން އެ ތިއްބެވީ ކެތްމަދުވެފައި. ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރުމަށް ތައްޔާރަށް. ރެޔާއިދުވާލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެގޮތުގައި މަސައްކަތް ކުރަމުން ދާނަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުން އެއްކައިރިކޮށްފައި އަޅުގަނޑުމެންނެއް މަސައްކަތެއް ނުކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންކަން، ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންގެ ކިބައިން އޮޅުންފިލުވަމުން، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ. ގުޅިލާމެހިގެން ހިނގަމުންދާނީ. އިރާދަކުރެއްވިއްޔާ އެގޮތުގައި ކުރިއަށްދާ ތަން ފެންނާނެ.

އާދެ، އަދިވެސް އެއްފަހަރު، މި އުފާވެރި މުނާސަބަތުގައި، މި ސަރަޙައްދަށް ނިސްބަތްވާ ބޭފުޅުންނަށް ޚާއްޞަގޮތެއްގައި މަރުޙަބާ ދަންނަވަމުން، ޖުމްލަކޮށް މާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށްވެސް މަރުޙަބާ ދަންނަވަން. އަދި ހަމަ ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ދިވެހިރާއްޖެއަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.