بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ސިޓީ ކައުންސިލްގެ މެންބަރުން، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން، އަދި މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އައްޑޫ ސިޓީއަށް ނިސްބަތްވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ޚާއްޞަކޮށް، މިނިވަން ދުވަހުގެ މި އުފަލުގައި އަޅުގަނޑުމެން ކަންތައްތަކެއް ފާހަގަކުރަމުންދާއިރު، މިއަދު މިހާ މަތިވެރި މާތް ކަމެއް ފެށުމުގައި ބައިވެރިވެވޭކަމީ. އެކަމަށްޓަކައި މޭޔަރ އަދި މިނިސްޓަރަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއްވާ ކަމެއް، ދީނީ ކަންތައްތަކަށް އިސްކަންދެއްވައި އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރޭގައި، ދަރިވަރުންގެ ތެރޭގައި ދީނީ ލޯބި އިތުރުކުރުން. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް މި ރޮނގުން ވޭތުވެދިޔަ އަހަރުތަކުގައި ފެށިގެން ހިނގައްޖެ. އޭގެ ތެރޭގައި ޚާއްޞަ ސަމާލު ކަމެއް ދެވިގެން، މީހުން ބިނާކުރުންވެސް، އިމާމުން ރަނގަޅު ފެންވަރަށް ބިނާކުރުމުގެ މަސައްކަތްތައްވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ކުރެވިއްޖެ. އަދި ދާއިރާގައި ހުރި އެހެނިހެން ކަންތައްތަކަށް އިސްކަންދީގެން އަޅުގަނޑުމެންނަށް ކަންތައްތަކެއް ކުރެވިއްޖެ. އެނގިވަޑައިގަންނަވާނެ، ޤުރްއާން މުބާރަތްތަކާއި، އަދި އިޙްޔާ ފޯރަމްތަކާއި، ދީނީ ނަސޭހަތް ދިނުމާއި، ހޭލުންތެރިކުރުމުގެ ވަރަށް ގިނަ ޕްރޮގްރާމްތައް، ކުރީގައި ދުވަހަކުވެސް ނުހިނގާ މިންވަރަށް ޚާއްޞަކޮށް، އަތޮޅުތަކަށް އިސްކަން ދެވިގެން، މި ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނަށް ކުރިޔަށް ގެންދެވިއްޖެ.

އާދެ، މިއަދު އަޅުގަނޑުމެންނަށް ޢަމަލީ މަސައްކަތް މި ފެށޭ އިސްލާމީ މަރުކަޒު، 1500 މީހުންގެ ޖާގައިގެ މި އިސްލާމީ މަރުކަޒާ އެކުގައި އައްޑޫގައި މި ދައުރުގައި ހަތަރު މިސްކިތެއްގެ މަސައްކަތް ކުރިޔަށް ދާނެ. އާދެ، މިއިން އެބަ ދައްކައިދޭ، މިއަދުގެ ސަރުކާރުން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ، އައްޑޫގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް.

އާދެ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު އައްޑޫގައި ހުރެގެން ކިޔައިދޭކަށް ނުޖެހޭ، ކުރެވޭ މަސައްކަތްތައް. އެހެންނަމަވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ޒަމާންތަކެއް ވަންދެން އައްޑޫގެ ރައްޔިތުން އިންތިޒާރުކުރި ކަންތައްތަކެއް، ޒަމާންތަކެއް ވަންދެން އެ ކަމެއް ނުވެ، އޭގެ ސަބަބުން އެތަކެއް ދަތި ކަންތައްތަކެއް، ކުރިއަރައި ދިއުމުގައި ހުރި ހުރަސްތަކެއް، މިއަދުގެ ރައީސް މިވަނީ އެ ކަންތައްތައް ނައްތާލައި، އައްޑޫގެ ބިން ބޮޑުކުރުމާއި، ޒަމާނީ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމާއި، މަގުތައް ހެދުމާއި އަދި ދެންމެ މޭޔަރ އެ ވިދާޅުވި ގޮތަށް، ސްކޫލްތަކުގައިވެސް، ހުރިހާ ސްކޫލެއްގައި ކެޕޭސިޓީ އިތުރުކޮށް، ކްލާސްރޫމްތަކާއި ބޭނުންވާ ކަންތައްތައް އެބަ ކުރެވޭ. އެއާއެކު ރަށްތައް، ރިޒޯޓުތައް ތަރައްޤީ ކުރުމާއި އިތުރުކުރުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ. އިރާދަކުރެއްވިއްޔާ، މީގެ ހެޔޮ ނަތީޖާ ފެނިގެންދާނެ.

ކުރިޔަށް އޮތް އަހަރުތަކަކީ އަޅުގަނޑު ދަންނަވާނީ، އައްޑޫގެ ތަރައްޤީގައި މުޅިން ތަފާތު އެހެން ޞަފްޙާތަކެއް އަޅުގަނޑުމެންނަށް ފެނިގެން ދާނެ އަހަރުތަކެކޭ. ތަޢުލީމީ ރޮނގުން، ޞިއްޙީ ރޮނގުން އިރާދަކުރެއްވިއްޔާ، ވަރަށް ބޮޑު ބަދަލެއް އަޅުގަނޑުމެންނަށް އައްޑޫއިން ފެނިގެން ދާނެ.

އާދެ، މިނިސްޓަރ ވަރަށް ގިނައިން ވިދާޅުވާނެ، ރީތި މިސްކިތެއް އެޅުމާއެކު، އެ މިސްކިތުގެ ޒީނަތްތެރި ކަމަކަށް މިވަނީ އަޅުގަނޑުމެން އަޅުކަން ކުރުމާއި، އަދި އެ މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިފުމޭ. މި މިސްކިތަކީ އަޅުކަން ކުރުމުގެ އިތުރުން، ތަފާތު އެކި ދީނީ ޕްރޮގްރާމްތައްވެސް ހިންގޭ ގޮތަށް، މުޖުތަމަޢުގެ އިޖުތިމާޢީ އެކިއެކި ކަންތައްތައް ހިންގޭ ގޮތަށް ތަރައްޤީކުރެވޭ މިސްކިތެއް.

އަޅުގަނޑުގެވެސް ހަމަ އެދުމަކީ، ނަސޭހަތަކީ ޚާއްޞަކޮށް، ޒުވާން ކުދިން އެބަޖެހޭ މި ކަންތައްތަކަށް ސަމާލުކަންދޭން. އަޅުގަނޑުމެންނަކީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ މުސްލިމު ރައްޔިތެއްގެ ގޮތުގައި ތިބެ، ދީނަށް އަބަދުވެސް ލޯބިކުރާ، ދިނީ ކަންތައްތަކަށް ލޯބިކުރާ، ޤުރްއާން ކިޔަވައި، ނަމާދުކުރާ، ހެޔޮބަސް ބުނާ ބައެއްގެ ގޮތުގައި އަބަދުވެސް ތިބެންވާނެ ބައެއް. އެނގިވަޑައިގަންނަވާނެ، އައްޑޫގެ ރައްޔިތުންނަކީ، ޒަމާނުއްސުރެ ފެށިގެން ވަރަށް ޢިލްމުވެރި، ދީނީ ރޮނގުން ވަރަށް ކުރިއަރާފައިވާ ބައެއް.

ދެން އަޅުގަނޑުގެ ވާހަކަކޮޅު ހަމަ ކުރުކޮށްލާނީ. އަޅުގަނޑުމެންގެ އުންމީދަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ، ނިމުން. އަދި ރަނގަޅު ފެންވަރަށް، ކަނޑައެޅިފައިވާ ގޮތަށް މިސްކިތުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރެވިގެން ދިއުމަކީ އެއީ، އައްޑޫގެ ރައްޔިތުން އެންމެ ބޭނުންވާނެ ގޮތް ކަމުގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން.

އަޅުގަނޑުގެ އުންމީދަކީ، މިހާރު ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގޮސް، އޭގެ ފަސޭހަކަން އައްޑޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ލިބިގެން ދިޔުން.

اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި، ބަރަކާތް ލައްވާށި. ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.