بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އެމް.ޓީ.ސީ.ސީ.ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމް، އެމް.ޓީ.ސީ.ސީ.ގެ ޗެއަރމަން މުޙައްމަދު ފަހީމް، އެޗް.ޑީ.ސީ.ގެ މެނެޖިންގ ޑައިރެކްޓަރ އަދި އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި ހުޅުމާލޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ މިތަނުގައި މި އިފްތިތާޙު ކުރެވިގެންމިދާ ބަހުގެ ޚިދުމަތަކީ، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންޖެހިފައި އޮތް ޒަރޫރީ ބޭނުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބޭނުން. މިރޭ މި އިފްތިތާޙު ކުރެވިގެންދާ ބަހުގެ ޚިދުމަތާއެކު، ދެންމެ އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ އެ ވިދާޅުވިފަދައިން، ފޭސް 2 ގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް ވަރަށްބޮޑު ލުއިތަކެއް ލިބިގެންދާނެ.

އެނގިވަޑައިގަންނަވާނެ، ހުޅުމާލެ ފޭސް 2 ހިއްކާ، މިކަމުގައި ދިވެހިންނަށް ޚާއްޞަކޮށް، މާލޭގެ ރައްޔިތުން ދިރިއުޅެން އަމާޒުކޮށްގެން މަސައްކަތް ފެށިއިރުގައި، މިތަނަށް ބޭނުންވާ، ވަރަށްގިނަ ޢާންމު ޚިދުމަތްތަކެއް ނުފެށި އޮތް. އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމާ އެކީގައި، މަސައްކަތް ކުރަން ފެށްޓީ، އޭރު ކުރަން ފަށާފައި ހުރި މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމަން. އަދި އެއްބަސްވެފައި ހުރި ޕްރޮޖެކްޓްތައްވެސް އެއީ ރައްޔިތުންނަށް ފައިދާހުރި ޕްރޮޖެކްޓްތަކެއް ކަމުގައިވާނަމަ، ލަސްނުކޮށް އަވަހަށް އެ ކަންތައްތައް ކުރިއަށް ގެންދަން.

އަދި ހަމަ އެއާއެކުގައި، ހުޅުމާލޭ ފޭސް 2 އާއި، އަދި އެނޫންވެސް ތަންތަނުގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުނު. ހުޅުމާލޭ ފޭސް 2ގައި ޚާއްޞަކޮށް، ހިޔާ ފްލެޓްތަކުގައި ދިރިއުޅެން މީހުން ފެށިއިރުގައި، މިތަނަށް ބޭނުންވާ ވަރަށްގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭން ޖެހިފައި އެބަހުރި. އެއީ، މިތަނުގައި ދިރިއުޅޭ ރައްޔިތުންގެ ދަރިންނަށް ތަޢުލީމު ދިނުން ކަމަށްވިޔަސް، އަދި ޞިއްޙީ ޚިދުމަތް ދިނުން ކަމަށްވިޔަސް، އަދި އެހެނިހެން ޚިދުމަތްތައް ހޯދަންޖެހުނު ކަމުގައިވިޔަސް، އުފުލަން ޖެހިފައި އޮތް ބުރަ އިންތިހާއަށް ބޮޑު. އަސާސީ ޚިދުމަތްތަކާއި، ޒަރޫރީ ބޭނުންތައް ވީހާވެސް އަވަހަކަށް މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ސަރުކާރާއި އަދި ހުޅުމާލެ ހިންގުމާ ހަވާލުވެ އޮތް އެޗް.ޑީ.ސީ.އާއި އަދިވެސް ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތަކުން ބުރަ މަސައްކަތްތަކެއް އަޅުގަނޑުމެން ފެށިން.

ހުޅުމާލޭ ފޭސް 2 އަށް، ކުރިންވެސް ދެންނެވި ފަދައިން، ބޭނުންވެފައި ހުރި ޚިދުމަތްތަކުގެ ތެރޭގައި، ސްކޫލާއި، މިސްކިތާއި، ޞިއްޙީ ޚިދުމަތާއި އަދި މަގުތައް ހެދުމާއި، ދަތުރުފަތުރުގެ ނިޒާމު އޮތީ ނުހަނު ބޭނުންޖެހިފައި.

މިރޭ ފެށިގެން މިދާ ޚިދުމަތަކީ، އާދަމް ޢާޒިމް އެ ވިދާޅުވި ފަދައިން، ދެން މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކާއި ލުއިތަކެއް ލިބިގެންދާނެ ޚިދުމަތެއް.

ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން، މި ސަރަޙައްދުގައި ދިރިއުޅޭ ޢާއިލާތަކުގެ ދަރިންނަށް ތަޢުލީމު ޙާޞިލުކޮށްދިނުމަށްޓަކައި ބޭނުންވާ ސްކޫލްތައް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. ހުޅުމާލޭ ފޭސް 2 ގައި 8 ސްކޫލަކާއި، އިތުރު 2 ޕްރީސްކޫލް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި. އަދި މިހާރު ކުރިއަށްދާ ޞަލާޙުއްދީން ސްކޫލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، 2023ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވި، ކުދިންނަށް ސްކޫލަށް ދެވޭވަރު އިރާދަކުރެއްވިއްޔާ ކުރެވޭނެ. އަދި އިތުރަށް ކުރިއަށްދާ ޕްރީސްކޫލްގެ 2 ސްކޫލް، އޮގަސްޓު މަހުގެ ތެރޭގައި ނިންމައި ޚިދުމަތް ދެވޭވަރުވާނެ.

މިހާރުވެސް މި ސަރަޙައްދުގައި ސަރުކާރުން އަޅާފައިވާ ވަގުތީ 2 މިސްކިތާއި، އަދި އަމިއްލަ ފަރާތަކުން އަޅައިފައިވާ 1 މިސްކިތް އެބަ ބޭނުންކުރަމުންދޭ. ސަރުކާރުން މިހާރުވެސް 3000 މީހުންގެ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އަމިއްލަ ފަރާތަކުން އިތުރު މިސްކިތެއް ހުޅުމާލެ ފޭސް 2ގައި އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ.

ހުޅުމާލޭ ފޭސް 2ގެ ހިޔާ ފްލެޓްތަކަށް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި 3 ކްލިނިކަކާއި 3 ފާމަސީއެއްގެ ޚިދުމަތް ދިނުމަށް ނިންމާފައިވޭ. އަދި އޭގެއިތުރުން، ހުޅުމާލޭ ފޭސް 2 ގައި އިތުރު ޞިއްޙީ ޚިދުމަތްތައް ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމަށް، މިހާރުވެސް އެޗް.ޑީ.ސީ.ގެ ފަރާތުން އެގެންދަނީ ބީލަމަށްލައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން.

މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، މަގުތައް ހެދުމުގެ ގާތްގަނޑަކަށް 85 ޕަސެންޓް ވަނީ ނިމިފައި. އަޅުގަނޑަށް ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަދިވެސް ކަންބޮޑުވުންތައް ޙިއްޞާކުރަމުންދޭ. ރައީސް އޮފީހަށް އޭގެ ޝަކުވާތައް އާދޭ. އެންމެ ފުރަތަމަ ކަމަކަށް ހުށަހަޅާފައިވަނީ، ހިޔާ ފްލެޓްގެ ކުލީގެ އަގުބޮޑު ވާހަކަ. އަދި އޭގެއިތުރުންވެސް، ބައެއް ކަންތައްތައް އެބަހުރި. ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، ދޭން ބޭނުންވެފައިވާ ޚިދުމަތްތަކާ ގުޅިގެން މި އަންނަ ޝަކުވާތައް ވަރަށް ކައިރިން އަޅުގަނޑުމެން މިގެންދަނީ ބަލަމުން. އަދި އެކަމަށް މިހާރުން މިހާރަށް ގެނެވެން އޮތް ޙައްލެއް ގެނެސް އަދި ކުރެވެން އޮތް ހުރިހާ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން ގެންދާނަން.

މިގޮތުން، ރައީސް އޮފީހަށް އަންނަ އެކިއެކި ޝަކުވާތައް ވީހާވެސް ކައިރިން ބެލުމަށްޓަކައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިސްވެ ހުންނަވައި، އަދި މިނިސްޓަރ ސަމީރު އެކުލެވޭގޮތަށް މި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ދުވަހުން ދުވަހަށް ބަލައި، އެއަށް ޙައްލު ހޯދުމަށްޓަކައި އަޅުގަނޑާ މަޝްވަރާ ކުރަމުން ގެންދޭ.

މިގޮތުން މި ދެންނެވިހެން މި ސަރަޙައްދުގައި، މި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން މި އަންނަ ހުރިހާ ޝަކުވާތަކެއް އަޅުގަނޑުމެން ބަލައި، އެއަށް ޙައްލު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން، ހިޔާ ފްލެޓްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު މިރޭ އަރުވަން.

ހުޅުމާލޭ ފޭސް 2 އަކީ ގާތްގަނޑަކަށް ފަނަރަހާހާއި ދިހަހާހާ ދެމެދުގެ ރައްޔިތުން މިހާރުވެސް ދިރިއުޅެމުންދާ ތަނެއް. އަދި ހިޔާ ފްލެޓްތަކުގައި އެކީގައި މީހުން އާބާދުވެ ދިރިއުޅެން ފަށާއިރުގައި މިތަނުގައި ގާތްގަނޑަކަށް ސާޅީހަކަށްހާސް މީހުން ދިރިއުޅެމުންދާނެ. އަދި އޭގެއިތުރުން، މި ސަރުކާރުން ހުޅުމާލޭ ފޭސް 2 ގައި އަޅަން ނިންމާފައި އޮތް ފްލެޓްތަކުގެ ތެރެއިން މިހާރު ކުރިއަށްގެންދާ ހަތަރުހާސް ފްލެޓާއި، އޭގެއިތުރުން ދެހާސް ފްލެޓާއެކު، ހަހާސް ފްލެޓާއި، އެއްހާސް ގޯތި މިތަނުންދޭއިރުގައި، ހުޅުމާލޭ ފޭސް 2 ގައި ހަތްދިހަހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭނެ. ދޭންވާ ޚިދުމަތްތައް ވަރަށް ބޮޑުތަނުން ފުޅާވެގެންދާނެ.

ދަތުރުފަތުރުގެ ނިޒާމު މިއަށްވުރެވެސް ހަރުދަނާ ކުރަންޖެހޭނެ. ޞިއްޙީ ޚިދުމަތް މިއަށްވުރެ ފަސޭހައިން ލިބޭނެގޮތް ވާންޖެހޭނެ. ސްކޫލްތައް ގިނަކުރަންޖެހޭނެ. އަދި މި ފްލެޓްތައް ހެދިގެންދިޔައިރުގައި، ކުރިމަތިވެފައި އޮތް އެންމެ އުނދަގޫ އެއް މައްސަލައަކީ، މިތާ ދިރިއުޅޭ ރައްޔިތުންގެ ދުއްވާތަކެތި، ކާރާއި ސައިކަލާއި އަދި އެނޫންވެސް ތަކެތި ޕާކްކުރާނެ ތަނެއް ޕްލޭން ކުރެވިފައި ނެތްކަން. އަޅުގަނޑު ހިތުން އެޗް.ޑީ.ސީ.އިން މިކަމަށް ޙައްލެއް އެބަ ހޯދައިދޭންޖެހޭ. ޕްލޭންގައި ނެތް ކަމަށްވަންޏާ، ޕްލޭންގެ ތެރޭގައި އެބައި އިތުރުކޮށް، އެ ފަސޭހަވެސް މިތާ ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދޭން އެބަޖެހޭ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރުގައި، ހުޅުމާލޭގެ ޓްރާންސްޕޯޓް ޚިދުމަތް އޭރު ހަވާލުކޮށްފައި އޮތީ އެމް.ޕީ.އެލް.އާ. އަޅުގަނޑުމެންނަކަށެއް ގަބޫލެއް ނުކުރެވުނު، އޭރުގައި މި ޚިދުމަތް އެންމެ ރަނގަޅަށް ދެވޭނީ އެމް.ޕީ.އެލް.އަށް ކަމަކަށެއް. އެކަމަށް އެކަށީގެންވާ ކުންފުންޏެއް އޭރުވެސް ސަރުކާރުގައި އޮތް. އެމް.ޓީ.ސީ.ސީ. ޓްރާންސްޕޯޓް މިނިސްޓަރު އެކަމަށް އިސްނަންގަވައި، ވަޒީރުންގެ މަޖިލީހުގައި މިކަމާ މަޝްވަރާ ކުރުމަށްފަހުގައި، ހުޅުމާލޭގެ ޓްރާންސްޕޯޓުގެ ހުރިހާ ކަމެއް އެމް.ޓީ.ސީ.ސީ.އާ އަޅުގަނޑުމެން ހަވާލުކުރީ. އަދި މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކޮށް، އަވަސްކޮށް، ހަލުވިކޮށް، ފަސޭހައިން އެކަން ލިބޭނެގޮތް އިންތިޒާމު ކުރުމަށްޓަކައި އެމް.ޓީ.ސީ.ސީ.އާ އަޅުގަނޑުމެން ހަވާލުކުރީ.

އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މިއަދު އެމް.ޓީ.ސީ.ސީ.ގެ ހުރިހާ މުވައްޒަފުންނަށް. ޚާއްޞަކޮށް، ސީ.އީ.އޯ. އާދަމް ޢާޒިމަށް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުން މިގެންދާ ދަތުރުފަތުރުގެ ނިޒާމަކީ، މިވަގުތު ރައްޔިތުން ހިތްހަމަޖެހޭ އިތުބާރުހިފޭގޮތަށް ދެވޭ ޚިދުމަތަކަށް އެމް.ޓީ.ސީ.ސީ ބަދަލުކޮށްފައިވަނީ. "ޓީމް އެމް.ޓީ.ސީ.ސީ." އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

އެމް.ޓީ.ސީ.ސީ.އަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް. ހަވާލުކުރެވޭ މަސައްކަތްތައް ވަގުތުން ވަގުތަށް ނިންމައި، އޭގެ ކޮލިޓީއާ އެކީގައި ރައްޔިތުން ބޭނުންވާގޮތަށް އަދި ސަރުކާރުން ބޭނުންވާ ދުވަހަށް، އެ މަސައްކަތް ނިންމަމުން އެދަނީ، ޙަޤީޤަތުގައިވެސް އެމް.ޓީ.ސީ.ސީ.އަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ކުންފުންޏަކަށްވާތީ.

އާދަމް ޢާޒިމް އެމް.ޓީ.ސީ.ސީ.އާ ހަވާލުވިއިރުގައި އެތަނުގައި ތިބީ 1400 މުވައްޒަފުން. އެކަށީގެންވާ ޕްރޮޖެކްޓްތަކެއް ނުހިނގާ. އެކަމަކު މިއަދު އެމް.ޓީ.ސީ.ސީ.ގައި ރާއްޖޭގައި މިހާރު މިހިނގާ 300 އަށްވުރެ ގިނަ ޕްރޮޖެކްޓްތައް ހިނގަމުންދާއިރު، އޭގެ ބޮޑުބައި އެމް.ޓީ.ސީ.ސީ.އިން ހިންގަމުންދާއިރުގައި 3700 އަށްވުރެ ގިނަ މުވައްޒަފުން އެމް.ޓީ.ސީ.ސީ.ގައި މިއަދު އެބަ މަސައްކަތް ކުރޭ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުންވިއްޔާ، މި އަހަރު ނިމޭއިރުގައި، ހަތަރުހާހަށްވުރެ ގިނަ މުވައްޒަފުން، އެމް.ޓީ.ސީ.ސީ.ގައި އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވާނެ. މިއީވެސް ރާއްޖެއަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި އަޅުގަނޑު ދެކެން.

ވަޒީފާ ބޭނުންވެފައި ތިބި އެތައް ޒުވާނުންނަކަށް އެކި ތަފާތު ވަޒީފާތައް އަދި ޓްރޭނިންގއާ އެކުގައި ދިނުމަށްފަހުގައި، އެމް.ޓީ.ސީ.ސީ. އިން ޚިދުމަތަށް ނެރެމުންދާކަމީ، އަޅުގަނޑު ހިތުން ހުރިހާ ރައްޔިތުންގެ އިތުބާރު އެމް.ޓީ.ސީ.ސީ.އަށް ލިބިގެންދާ ކަމެއް.

މިރޭ މި ފަށާ އެމް.ޓީ.ސީ.ސީ.ގެ ހުޅުމާލޭ ފޭސް 2ގެ ބަހުގެ ޚިދުމަތުގައިވެސް މުޅިން ދިވެހިން ބައިވެރިކުރާކަމީ، ޓްރޭނިންގ ލިބިފައި ތިބި އަދި އޭގެތެރޭގައި އަންހެނުންވެސް ހިމެނޭގޮތަށް، ވަޒީފާ އަދާކުރަމުންދާކަން އެއީ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ކަމެއް. އެކަމަށްޓަކައި އެމް.ޓީ.ސީ.ސީ. އަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު އަދާކުރަން.

ހުޅުމާލެ ފޭސް 2 ތަރައްޤީ ކުރުމުގައި އަދިވެސް ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރިކަން އެބަ އެނގޭ. މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް، މި ސަރަޙައްދުގެ ބީޗް ހިތްފަސޭހަކަމާ އެކީގައި ބޭނުންކުރެވޭނެ ގޮތަކަށް އެބަ ބަދަލުކުރަންޖެހޭ. އެމް.ޓީ.ސީ.ސީ.ގެ ފަރާތުން މިހާރު އެތަން ތައްޔާރުކުރުމުގައި ޕްލޭނެއް އެކުލަވައިލައި، އަގުތައް ހޯދައި، ޢަމަލީގޮތުން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން އަޅުގަނޑަށް އެނގޭ.

އެގޮތުން، ސްވިމިންގ ޓްރެކަކާއި، ހަޓްތަކާއި، އަދި ޕަބްލިކް ޓޮއިލެޓާއި، ޢާއިލާއާ އެކީގައި ގޮސް، ގޮނޑުދޮށުގައި ހަމަޖެހިލައިގެން ތިބެ ޗުއްޓީ ހޭދަކޮށްލެވޭ އިންތިޒާމުތަކެއް ރާވަމުންގެންދާކަން އަޅުގަނޑަށް އެނގޭ. މިއީ ހުޅުމާލޭ ފޭސް 2 ގައި މިހާރު ދިރިއުޅެމުންދާ ރައްޔިތުންނަށް އަދި އަންނަން ތިބި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައަކާއި އުފަލެއް ކަމަށް ވެގެންދާނެ.

އާދެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މާލޭގެ ޓްރާންސްޕޯޓަށާއި، މާލޭގެ ޓްރެފިކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި، ޓްރާންސްޕޯޓް މިނިސްޓްރީން ވަރަށް މުހިންމު ދައުރެއް އަދާކުރަމުންގެންދޭ. މާލޭގެ މިނީ ބަސް ކަމަށްވިޔަސް، ހުޅުމާލޭގައި މި ދަތުރުކުރާ ބަސް ކަމަށްވިޔަސް، އަދި ޕާކިންގ ޒޯންތައް ކަނޑައެޅުން ކަމުގައިވިޔަސް، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާ ހަލުވި ސްޕީޑް ފެރީ ކަމުގައިވިޔަސް، މި ކަންތައްތައް ކުރިއަށް ގެންދިޔުމުގައި، ޓްރާންސްޕޯޓް މިނިސްޓަރުގެ ރޭވުންތެރިކަމާއި، ދެއްވާ އެއްބާރުލުމާއި ޚިދުމަތް އަޅުގަނޑު ފާހަގަކޮށް، ޓްރާންސްޕޯޓް މިނިސްޓަރަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި މިރޭ ޝުކުރު ދަންނަވަން.

އެމް.ޓީ.ސީ.ސީ. އިން ރާއްޖޭގެ ތަރައްޤީއަށްޓަކައި މިހާރުވެސް ކުރަމުންގެންދާ ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް އެއީ މަގުހެދުން ކަމަށްވިޔަސް، ބަނދަރު ހެދުން ކަމަށްވިޔަސް، އެއަރޕޯޓުތައް ތަރައްޤީ ކުރުން ކަމުގައިވިޔަސް، ގޮނޑުދޮށްތައް ޙިމާޔަތް ކުރުން ކަމުގައިވިޔަސް، މިއިން ކޮންމެ ޕްރޮޖެކްޓެއް ހަލުވި ސްޕީޑްގައި ކުރިއަށް ގެންގޮސް، އަޅުގަނޑުމެން ބޭނުންވާގޮތަށް ނިންމުމަށް ތިޔަބޭފުޅުން ޓީމެއްގެ ގޮތުގައި ތިޔަ ކުރައްވާ މަސައްކަތަށް ހުރިހާ މުވައްޒަފުންނަށް ޚާއްޞަކޮށް، ސީ.އީ.އޯ. އާއި ޗެއަރމަން އަދި ހުރިހާ ބޭފުޅުންނަށާއި، ހުރިހާ މުވައްޒަފުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.