بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ނަޡީފް، ޗީފް ކޮމިޝަނަރ އަޙްމަދު ޙަނީފް، ނޭޝަނަލް ސްކައުޓް ކައުންސިލްގެ މެންބަރުން، ސްކައުޓްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން، ދިވެހިރާއްޖޭގެ ހުރިހާ ސްކައުޓުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު ރާއްޖޭގައި ފާހަގަކުރާ ރާއްޖޭގެ 66 ވަނަ ޤައުމީ ސްކައުޓް ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ސްކައުޓުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން. އަދި މިރޭ ސްކައުޓްގެ އެކި އެވޯޑްތައް ޙާޞިލްކުރެއްވި ހުރިހާ ސްކައުޓުންނަށް ވެސް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުވަން.

ރާއްޖޭގައި އެންމެ ފުރަތަމަ ސްކައުޓް ޙަރަކާތްތައް ފެށުނީ، މިތަނުގައި ކުރިން ވެސް ހާމަވެގެން ދިޔަ ފަދައިން، 1956 ވަނަ އަހަރު މާލޭގެ މަޖީދިއްޔާ ސްކޫލްގައި. ރާއްޖެއަށް އޭރު އަދި ފުރިހަމަ މިނިވަންކަން ވެސް ނުލިބޭ. ރާއްޖޭގެ ސްކައުޓް ޙަރަކާތަކީ އެހާވެސް ދޮށީ ޙަރަކާތެއް.

އޭގެ ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްކައުޓް ޙަރަކާތްތައް ތަޢާރަފްވެގެން ދިޔަ ގޮތް އަދި އަންހެން ކުދިންނަށް ސްކައުޓް ޙަރަކާތް ފެށުނު ގޮތް، މިރޭގެ ވީޑިއޯ ރިޕޯޓުގައި ވަރަށް ތަފްޞީލުކޮށް ކިޔައިދީފި. ރާއްޖޭގައި ސްކައުޓް ޙަރަކާތް މިހާރު މިއޮތީ ހުރިހާ އަތޮޅުތަކަށް ތަޢާރަފްކުރެވި، އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވެސް ހަމަހަމަ ގޮތެއްގައި ބައިވެރިވެވޭ ގޮތަށް ފުޅާ ކުރެވިފައި.

ސްކައުޓް ޙަރަކާތަކީ ހެދިބޮޑުވަމުން އަންނަ ކޮންމެ ކުއްޖަކަށް ވެސް ވަރަށް ބޭނުންތެރި ޙަރަކާތެއް. ސްކައުޓުގެ މޮޓޯގައިވާ ފަދައިން، އަބަދުވެސް ތައްޔާރަށް ތިބުމުގެ ސިފަ، ކުދިންގެ ކިބައިގައި ހަރުލައްވައިދޭ ޙަރަކާތެއް. ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި ކުރިމަތިވެދާނެ ކޮންމެ ކަމަކަށް ވެސް ކުދިން ތައްޔާރުވެ ތިބުމަށް ހާނުވައިދޭ ޙަރަކާތެއް.

ކުރު ގޮތަކަށް ދަންނަވާ ނަމަ، މިއީ ދިރިއުޅުމުގެ މައިދާނަށް ކުދިން ތައްޔާރުކޮށްދޭ ޙަރަކާތެއް. ވަކިވަކި ފަރުދުންތަކެއްގެ ގޮތުގައި ބޮޑުވަމުން އަންނައިރު، މުޖްތަމަޢުގެ ތެރޭގައި ޒިންމާ އަދާކުރުމަށް އެކުދިން ތައްޔާރުކޮށްދޭ ޙަރަކާތެއްވެސްމެ. ސްކައުޓް ޙަރަކާތްތައް ރޭވިފައި އޮންނަ ގޮތުން، ފަރުދީ މަސްއޫލިއްޔަތުތަކުގެ އިތުރުން، ޢާއިލީ ޒިންމާތަކާއި، އިޖްތިމާއީ ޒިންމާތަކަށް ކުދިންގެ ސިކުނޑިތައް ވަރަށް ބޮޑަށް ހުޅުވިގެންދޭ.

ސްކައުޓް ޙަރަކާތް ރޭވިފައި މި އޮންނަނީ، ޤައުމުގެ ކޮންމެ ދަރިއަކީ، ޖިސްމާނީ ޤާބިލްކަމާއި، ބުއްދީގެ ވިސްނުންތެރިކަމާއި، ހިތްވަރާއި ކެރުން ލިބިގެންވާ ދަރިއެއް ކަމުގައި ހަދައިދިނުމަށް. އޭގެ ބޭނުމަކީ މުޖްތަމަޢުގައި ހިމެނޭ ފަރުދެއްގެ ހައިސިއްޔަތުން، މުޖްތަމަޢުގެ ހެވާއި ލާބަޔަށްޓަކައި ބިނާކުރަނިވި ދައުރެއް އަދާކުރެވޭ ޙާލަތަށް ކުދިން ތައްޔާރުކޮށްދިނުން.

އެފަދަ ކުދިންތަކެއް ތައްޔާރުކޮށްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖްތަމަޢުގެ ބަދަހިކަމާއި ހަމަޖެހުމާއި ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން. އަޅުގަނޑުމެންގެ ރާއްޖޭގެ މިހާރުގެ އިޖްތިމާޢީ ޙާލަތަށް ބަލާއިރު، ރާއްޖޭގައި ސްކައުޓް ޙަރަކާތްތައް ވަރަށް ބޮޑަށް ފުޅާކޮށް، މިހާރަށްވުރެ ބޮޑަށް ނަތީޖާ ޙާޞިލްކުރެވޭ ޙަރަކާތަކަށް ހެދުމުގެ ވަގުތު ޖެހިއްޖެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ.

ރާއްޖޭގައި ޢާންމު ގޮތެއްގައި ސްކައުޓް ޙަރަކާތްތައް މި ހިންގަނީ، ހަމައެކަނި ސްކޫލް ކުދިންގެ މެދުގައި. ސްކައުޓެއްގެ ގޮތުގައި ކުދިން މިއުޅެނީ ޢުމުރުން 15 އަހަރު ވަންދެން، ނޫނީ ގްރޭޑް 10 ނިމެންދެން. އަދި ބައެއް ކުދިން އެބައުޅޭ 18 އަހަރު ފުރެންދެން، ނޫނީ ގްރޭޑް 12 ނިމެންދެން. އެއަށްފަހު އެ ކުދިންނަށް ސްކައުޓްގެ އެއްވެސް ޙަރަކާތެއް އާންމުކޮށް ނޯވޭ.

މިއީ އަޅުގަނޑުމެން ކުދިންނާމެދު އެންމެ ސަމާލުވާންޖެހޭ ޢުމުރުފުރާ. ޙަޤީޤަތުގައި އެ ޢުމުރަކީ އެކުދިންގެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބިންގާ އަޅައިދޭންޖެހޭވެސް ޢުމުރު. ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ސްކޫލް ނިންމުމަށްފަހު، ހުސްކަމެއްގެ ތެރެއަށް ބައެއް ކުދިން ދަމައިގަންނަ މަންޒަރު. އަޅުގަނޑުމެން މި ކިޔާ ގޯޅިއެޅުމުގެ ކަންތައް ފެށެނީ، ޙަޔާތުގެ އެންމެ މުހިންމު ދުވަސްވަރު ކުރިމަތިވާ ހުސްކަމުގެ ތެރެއިން.

ދުނިޔަވީ ޙަޔާތުގެ ޞަފްޙާތައް އުކެމުންދާ ފިޠުރަތުގެ އުޞޫލުން، މާދަމާ ޤައުމުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވާން ތިބޭނީ، މިއަދުގެ ކުޑަކުދިންނާއި ޒުވާނުން. ނަމަވެސް، މި ދެންނެވި ހުސްކަމާ ބައްދަލުވުމުން، އެކުދިންގެ ޙަޔާތަށް ވަރަށް ނުރަނގަޅު އަސަރުތަކެއް އެބަ ފޯރާ. މަސްތުވާތަކެތީގެ ވަބާގައި ޖެހުމާއި، ގޭންގު ކުށްތަކަށް ދެވިހިފުންފަދަ، އިޖްތިމާޢީ މައްސަލަތަކުގެ ތެރެއަށް ކުދިން ދަމައިގަންނަނީ މިޢުމުރު ފުރާގައި.

މިކަންކަމަށް ވިސްނާއިރު، ދުނިޔޭގައި ސްކައުޓް ޙަރަކާތް އެންމެ ފުރަތަމަ އުފަންކުރުވީ، ކޮން ފިކުރެއްގެ ތެރެއިންތޯ އަޅުގަނޑުމެން ބަލައިލުން މުހިންމު. ސްކައުޓް ޙަރަކާތުގެ ބާނީ ލޯޑް ބޭޑްން ޕަވަލްގެ ސިކުނޑީގައި ސްކައުޓްގެ ވިސްނުން އުފަންކުރުވީ، އިނގިރޭސި ސިފައިންގެ ލަޝްކަރުގެ ތެރެއިން ފެނުނު، ޖިސްމާނީ ގޮތުންނާއި ބުއްދީގެ ގޮތުން ބަލިކަށި ޒުވާނުންތަކެއްގެ ސަބަބުން.

އޭނާގެ ބޭނުމަކަށްވީ، އިނގިރޭސި ސިފައިންގެ ތެރޭގައި ތިބި މި ދެންނެވި ކަހަލަ ޒުވާނުންތައް، ކުދިކުދި ގްރޫޕުތަކަކަށް ބަހާލައިގެން، އެމީހުންގެ ޖިސްމާނީ ޤާބިލްކަމާއި ވިސްނުންތެރިކަން އިތުރުކޮށްދީގެން، އިނގިރޭސި ލަޝްކަރުގެ ހީވާގިކަން އިތުރުކުރުން. އެ ވިސްނުން ވަރަށް ކާމިޔާބު، އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު.

އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައިވެސް، މި ދެންނެވި ފަދަ ހީވާގިކަމަށް ބޭނުންޖެހިފައި ތިބި ޒުވާނުންތަކެއް އެބަތިބި. އަޅުގަނޑުމެންގެ ތެރޭގައި ބާކީވެ ހާވިޔާވެގެން އުޅޭ ޒުވާނުންނަށް ސްކައުޓް ޙަރަކާތްތައް އަމާޒުކުރެވިއްޖިއްޔާ، ވަރަށް ގިނަ ޒުވާނުން ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ. ކަމެއް ނެތި ބާކީވެފައި ތިބޭ ކުދިންގެ އަދަދު މަދުވެސްކުރެވޭނެ. އެ އަދަދު މަދުވުމަކީ ކުށަށް އަރައިގަންނަ ކުދިންގެ އަދަދު މަދުކުރެވޭނެ ކަމެއް. އެއީ އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކަށް ލިބޭނެ ޙައްލަކަށް ވެސް ވާނެ.

ސްކައުޓް ޙަރަކާތުގެ ޙަޤީޤީ ބޭނުމަކީ، މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ހޯދައިދިނުން. ޤައުމު ބިނާކުރުމަށް އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ތައްޔާރުކޮށްދިނުން. ވަޠަނީ ލޯތްބާއެކު، ޤައުމީ ޖޯޝުގައި ޤައުމުގެ ދިފާޢުގައި މަސައްކަތްކުރާ ޒުވާނުންތަކެއް ބިނާކުރުން. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ޤާބިލް ދަރިންތަކެއް އުފެއްދުން. ލޯޑް ބޭޑްން ޕަވަލްވެސް ކުރެއްވި މަސައްކަތަކީ މިއީ.

ސްކައުޓް ޙަރަކާތް ބިނާވެފައި އޮންނަނީ، އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމުގެ މައްޗަށް. މުޅި މުޖުތަމަޢުގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމުގެ މައްޗަށް. ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ މައްޗަށް. ލޯތްބާއި އޯގާތެރިކަމާއެކު، އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގެ މައްޗަށް. މިއީ އަޅުގަނޑުމެންގެ މުޖްތަމަޢަށް މިއަދު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައް.

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ސްކައުޓް ޙަރަކާތް މިހާރަށްވުރެ ފުޅާ ކުރެވިއްޖިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތަކަށް ޙައްލުތަކެއް ހޯދޭނެ. މަސްތުވާތަކެތީގެ މައްސަލަތަކާއި، ގޭންގު ކުށްތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތަކަށްވެސް، އެދެވޭ ޙައްލެއް ފެންނާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ.

މި ދެންނެވި ކަންތައްތަކަށް ސްކައުޓް ޙަރަކާތުގެ އިސް ބޭފުޅުންނާއި، ސްކައުޓް ކައުންސިލްގެ ފަރާތުން ވިސްނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މި ދެންނެވި ކަންކަމަށް އަމާޒުކޮށްގެން ސްކައުޓް ޙަރަކާތްތައް ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް، ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ދޭނެކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

މިދިޔަ ހަފްތާގައި އަޅުގަނޑާ ތިޔަބޭފުޅުން ބައްދަލުކޮށް ދެކެވުނު ވާހަކަތަކަށް ޢަމަލީ ސިފަ ގެނައުމުގެ މަސައްކަތް މިހާރުވެސް އަޅުގަނޑުމެން ފަށައިގެން ކުރިއަށް އެބަ ގެންދަން. ދާއިމީ ގޮތެއްގައި އޮފީސް ހިންގާނެ ޢިމާރާތެއް ހޯދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އަޅުގަނޑުމެން ޙައްލުކޮށްދޭނަން. އަދި ތިޔަބޭފުޅުން ކޭމްޕް ގޮސް، ޖަމްބަރީ ބޭއްވުމަށް ކުރިން އޮތްފަދަ ދަތުރުދާނެ ރަށެއް، މާލެ ކައިރިން އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެޑިޔުކޭޝަން މިނިސްޓްރީއާ އަޅުގަނޑުމެން ހަވާލުކުރާނަން.

ދިވެހި ސްކައުޓުންނަށާއި ސްކައުޓް ޙަރަކާތްތަކަށް އަޅުގަނޑު އަބަދުވެސް އެދެނީ ކާމިޔާބާއި ކުރިއެރުން. ރާއްޖޭގެ ކޮންމެ ސްކައުޓަކީވެސް، އިސްލާމީ ޢަޤީދާގައި ސާބިވެ ހުންނަ، ވަފާތެރިކަމާއި ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކުރާ، އަދި އަޚްލާޤީ ގޮތުން ރަނގަޅު ނަމޫނާއަކަށް ވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ރާއްޖޭގެ ހުރިހާ ސްކައުޓުންނަށްވެސް، ތިޔަ ސްކައުޓުން ވެފައިވާ ވަޢުދަށާއި، ސްކައުޓް ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ނަމޫނާ ސްކައުޓެއްގެ ގޮތުގައި ދެމިހުރުމަށް، ރާއްޖޭގެ ޗީފް ސްކައުޓްގެ ހައިސިއްޔަތުން އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީ ވެސް، މުޅި މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަޔަށް މަސައްކަތްކުރާ އަދި އެކުވެރިކަމާއި އެއްބާރުލުން އުފައްދާ ބަޔަކު ކަމުގައި، اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. އަޅުގަނޑުމެންގެ ތެރޭގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުކޮށް، ފާގަތި ދިރިއުޅުމެއް ހޯދުމަށް މިކުރާ މަސައްކަތުގައި، އެކަލާނގެ މަދަދާއި ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.