بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެލް.ޖީ.އޭ.ގެ ސީ.އީ.އޯ. ފާޠިމަތު އަފްޝަން ލަޠީފް، ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒް، އެމެރިކާ އެމްބަސީގެ ޝާޒޭ ދެފެއަރ މިޒް އެންޑްރިއާ އަޕެލް، އަދި އައި.އާރު.އައި.ގެ އިސްވެރިން، މި ކޮންފަރެންސް، އެބަޔަކަށް ޚާއްޞަވާ ރާއްޖޭގެ ކައުންސިލްތަކުގެ ރައީސުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުން، ލާމަރުކަޒީ ނިޒާމުން އިންތިޚާބުވި ހުރިހާ ބޭފުޅުން، އަދި އެބޭފުޅުން އިންތިޚާބުކޮށްދެއްވި، ދުރާއި ގާތުގައިވާ ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ސަރުކާރުގެ ހުރިހާ ސިޔާސަތުތަކަކާއި އަމާޒު ގޮސް ނިމޭ ވަކި ޚާއްޞަ ދިމާއެއްވޭ. އެއީ، މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު. އެ ބަނދަރު ހިފުމަށްޓަކައި ދާންޖެހޭ މަގަކާއި، ވާންޖެހޭ ކަންތައްތަކެއްވެސް ހުރޭ. އެކަމަށްޓަކައި މިއީ އޮތްދިގަށް ސަރާސަރު މަގުން ހިނގާ، ވިއަވަތި ރާއްޖެ ކަމުގައި ވާންޖެހޭ. އެ ރާއްޖޭގައި ކުޑައެއް، ބޮޑެއް، އުތުރެއް، ދެކުނެއް އަދި މެދުރާއްޖެއެއް ނެތި، ހަމަހަމަކަން އޮންނަންޖެހޭ.

މީސްކޮޅު މަދުވެ، ވަސީލަތްތައް އުނިވެ، ދުރުގައި އެކަހެރިވެ އޮތް ގާމަތީ ފެންލޮނު ރަށެއް، އެ ރާއްޖެއަކު ނޯންނާނެ. ތަފާތެއްނެތި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރަން ވަޢުދުވީ ބޭނުމަކު. އެއްވެސް ހާލެއްގައި އެއީ މާފަސޭހަ އަދި ކުޑަ ޚަރަދަކުން ކުރެވޭ ކަމެއް ނޫން. ބޭނުމަކީ، ތަރައްޤީގެ ވާހަކަ ދައްކަން ފެށުން. މި ބޮޑު ބަދަލުގެ ސިއްރަކީ، އަދި
މި ދަތުރުގެ އިންޖީނަކީ ލާމަރުކަޒީ ނިޒާމް. މި މަގުން ގޮސް ވަދެވެނީ، ފަށަމުންވެސް ދެންނެވި ޖަޒީރާ ރާއްޖެއަށް.

މިއަދު އިފްތިތާޙުވެގެން މިދަނީ ވިއަވަތި ރާއްޖޭގެ ދެވަނަ ކޮންފަރެންސް. މި ކޮންފަރެންސް އިފްތިތާޙު ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ޝަރަފެއް. އަދި ވަކިން ޚާއްޞަކޮށް ވިއަވަތި، ޖަޒީރާ އުކުޅަހުގެ ފަސްގަނޑުގައި މި ވާހަކަ ދެއްކުމަކީ، މާބޮޑު ހިތްހަމަޖެހުމެއް.

ޢަމަލުކުރަމުންމިދާ ލާމަރުކަޒީގެ ޤާނޫނަށް ގެނައި މުހިންމު ބަދަލުތައް އަޅުގަނޑު ތަޞްދީޤުކުރީ 2019 ވަނަ އަހަރު ބޭއްވުނު މީގެ ފުރަތަމަ ކޮންފަރެންސްގައި. ގެނެވުނު އެންމެބޮޑު ޤާނޫނީ ބަދަލަކީ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުން. އަދި ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުން. ހަމައެއާއެކު، ކައުންސިލްތަކުގެ 33 އިންސައްތަ ޙިއްޞާ އަންހެނުންނަށް ޚާއްޞަކުރުން.

ސިޔާސީ މައިދާނުގައި ވަކިން ޚާއްޞަކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވިއްޖެ. ނަތީޖާއަށް ބަލާނަމަ، ޖުމްލަ 388 އިންތިޚާބީ އަންހެން ކައުންސިލަރުން މިހާރު ރާއްޖޭގައި އެބަ ތިއްބެވި. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ، ހުރިހާ ރައްޔިތުންގެ ވޯޓާއެކު އިންތިޚާބު ކުރެވޭ ބަޔަކަށް ހެދިއްޖެ. އާބާދީގައި އަންހެނުންގެ ނިސްބަތް އޮންނަވަރާއި، ޤައުމުގެ ކަންކަމުގައި އަންހެނުން ޙިއްޞާވާ މިންވަރުގެ ފަރަޤު ބޮޑުވެއްޖެނަމަ، ތަރައްޤީގެ ދުވެއްޔަށް އުޅާސް އަރާނެ.

ނިމިދިޔަ ކައުންސިލް އިންތިޚާބަކީ، ޤާނޫނު ތަޞްދީޤުކުރި ފަހުން ބޭއްވުނު ފުރަތަމަ އިންތިޚާބު. މިއަދު މި ކޮންފަރެންސްގައި ތިޔަ ތިއްބެވީ، އޭގެފަހުން އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ މަންދޫބުން. މިވޭތުވި އެއް އަހަރުގެ ތެރޭގައި ގެނައި ބަދަލުތައް، އޭގެ ޙަޤީޤީ މާނައިގައި ތަންފީޒު ކުރުމަށް، ތިޔަބޭފުޅުން ސަރުކާރާއެކު މަސައްކަތްތަކެއް ކުރެއްވި. އެކަމަށްޓަކައި ޝުކުރު ދަންނަވަން.

ނިމިދިޔަ އެއް އަހަރުގެ ތަޖުރިބާ ވަރަށް ތަފާތު. ކައުންސިލްތަކަށްވެސް އަދި ސަރުކާރަށްވެސް ފާހަގަވި އާ ކަންކަމާއި، ކުރެވުނު އިތުރު ތަޖުރިބާ އެބަހުރި. ތިޔަބޭފުޅުން އުކުޅަހަށް ވަޑައިގެން ތިޔަ ތިއްބެވީ، ފޮށިތަންމައްޗަށްވުރެ މާބަރު އެހެން އެއްޗެއް ހިއްޕަވައިގެން. އެއީ އެއް އަހަރުން ފެންމަތިވި ހުރިހާ މައްސަލަތަކާއި، ފާހަގަވި ގޮންޖެހުންތަކުގެ ތަޖުރިބާ.

ފާއިތުވި އެއް އަހަރުގެ ތެރޭގައި، 77 ކައުންސިލް ބައްދަލުވުން އަޅުގަނޑު ބޭއްވިން. ކައުންސިލްތަކުގެ ގޮންޖެހުންތައް އަޑުއަހާ، މަޝްވަރާއާއި ޚިޔާލު ބަދަލުކުރިން. އެ ބައްދަލުވުންތަކުން އަޅުގަނޑަށް ފާހަގަވަނީ، ގިނަ ކައުންސިލްތަކުގެ ހަމަ ހުރީ ދާދި އެއް ގޮންޖެހުންތަކެއްކަން. ކައުންސިލަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ނެތުން. މަސައްކަތް ކުރުމަށް އެކަށޭނަ ޢުމްރާނީ ވަސީލަތް ނެތުން. ލޭންޑްޔޫޒް ޕްލޭން ފާސްކުރުމަށް އޮތް ޤާނޫނީ، އިދާރީ އަދި ފަންނީ ދަތިކަން. އިޚްތިޞާޞްގައި ހިމެނޭ ވަސީލަތްތަކުގެ އިޤްތިޞާދީ މަންފާ ހޯދުމަށް އެޅިފައިވާ ހުރަސްތައް. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެކަށީގެންވާ ވަސީލަތާއި، މަސައްކަތް ކުރާނެ މާޙައުލު ނެތުން. ކައުންސިލަށް އާމްދަނީ ލިބޭނެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނުކުރެވުން. ރަށުގެ އަމަންއަމާންކަން ބެލެހެއްޓުމުގައި ހުރި ދަތިތައް. އަދި ވުޒާރާތަކާއި ކައުންސިލްތަކާ އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރަން ޖެހިފައިވާކަން. މިއީ އަޅުގަނޑަށް ފާހަގަވާ މައިގަނޑު ބައެއް ކަންތައްތައް.

މި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރާއިރު، ސަރުކާރުން އިޞްލާޙު ކުރަންޖެހޭ ކަންކަން އެބަހުރި. އަދި ހަމަ އެގޮތަށް ކައުންސިލްތަކުން އިޞްލާޙު ކުރަންޖެހޭ ކަންކަންވެސް އެބަހުރި. މި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ، ސަރުކާރާއި ކައުންސިލްތައް އެއްމޭޒުވެގެން މަޝްވަރާކޮށް، ޙައްލު ހޯދޭނެގޮތެއް ހޯދުން.

ޙަޤީޤަތުގައި އަޅުގަނޑުމެންގެ ސިޔާސަތުތަކުގައި ތަރައްޤީގެ އެންމެހައި ކަންކަން ގޮސް ގުޅެނީ މި ލާމަރުކަޒީ ނިޒާމާ. ފެންވަރު ރަނގަޅު ތަޢުލީމާއި، މަލްޓި-ޕަރޕަސް ހޯލާއި، ސެޓެލައިޓް ސްކޫލާއި، ޓަރޝަރީ ފެންވަރުގެ ޞިއްޙީ ފަރުވާއާއި، ރަށުގެ ބަނދަރާއި، އަޑީގައި ވަޅުލާ ފެނާއި ނަރުދަމާއާއި، ކަރަންޓް ކޭބަލް ކަމުގައިވިޔަސް، އެ ގުޅެނީ ލާމަރުކަޒީ ނިޒާމާ. ރާއްޖެ ޓްރާންސްޕޯޓް ލިންކުން ގުޅައިދޭ ހުރިހާ ގުޅުމެއްވެސް އާޚިރުގައި އެ ގުޅެނީ ހަމަ މި ލާމަރުކަޒީ ނިޒާމާ.

ހިންގޭ މަޝްރޫޢުތަކާއެކު، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން ރަށްރަށުގައި ވީހާ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި ފަހިވުމަކީ މުހިންމު އަމާޒެއް. ކުދި ވިޔަފާރިތައް ގިނަވެ، ކުރާނެ މަސައްކަތް އުފެދޭނެ މާޙައުލެއް ހޯދުމަކީ ލާމަރުކަޒުވުމުގެ ސަބަބެއް.

ކުރިއަށްދާ ހިލޭ ޑިގްރީ ޕްރޮގްރާމާއެކު، އަލަށް އުފެދޭ ވަޒީފާތަކަށް ޤާބިލް ދިވެހިން ހޯދޭނެ. ދުރުގައި ހުރި މާމޮޅު އެހެން މީހަކު ގެންނަން ނުޖެހި، ޤާބިލް އެމީހާ ރަށުން ލިބޭނެ. އާމްދަނީއަށްޓަކައި އެއްދިމާއަކަށް އެންމެން ބަލަން ނުތިބެ، ޢާއިލާއާ ގާތުގައި، އަމިއްލަ ރަށުން ތިމާގެ ފައިތިލައިގެ ދަށުން ހޯދޭ އާމްދަނީގެ އުފަލާއި ނަފާ މާބޮޑުވާނެ.

ދަތުރުފަތުރުގެ އަވަސް ޚިދުމަތުގެ ސަބަބުން ކޮންމެ ރަށަކީވެސް އަމިއްލަ ރަށްކަމުގެ އިޙްސާސް މަޑުމަޑުން އަންނަން ފަށާނެ. މި ދެންނެވި ބަދަލުން ހަކަތަ ލިބިގެން އުފެދޭނީ، އެތެރޭގެ އިޤްތިޞާދީ އިތުރު ޙަރަކާތް. އިއްޔެގެ އުކުޅަހާއި މިއަދުގެ އުކުޅަހުން ފެންނަނީ މާދަމާގެ ވިއަވަތި، ޖަޒީރާ، ބާއްޖަވެރި، ފުދުންތެރި އުކުޅަސް. އުކުޅަހަށް މި ދެންނެވި ރަނގަޅު ހޯދޭނަމަ، އޭގެ މާނަ ފުން. މާނައަކީ ރާއްޖޭގެ ކޮންމެ ރަށެއްމެ، އެ އަންނަނީ ލާމަރުކަޒީ، ވިއަވަތި، ޖަޒީރާ، ފުދުންތެރި ރާއްޖެއަކަށް ފައްކާވަމުންކަން.

ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއް، ލާމަރުކަޒީ ނިޒާމާ ގުޅުވާލާފައި އެވަނީ ދެ ބޭނުމަކު. ފުރަތަމަ ބޭނުމަކީ، ދެންމެ މި ދެންނެވި ގޮތަށް، އުކުޅަހާއި ރަސްދޫ އަދި ތޮއްޑުއާއި މުޅި ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރައި ތަނަވަސްވާނެ ގޮތެއް ހޯދުން. ދެވަނަ ބޭނުމަކީ، މާލެއަށް އޮތް ހުރިހާ ބުރައަކަށް، ދެވެން އޮތް އެންމެބޮޑު ލުޔެއްދީ، ހަމަނޭވާލެވޭ، ހިތްފަސޭހަ ތަނަކަށް މާލެ ހެދުން. މާލެއަށް ގޮތްހުސްވެ، ތޮއްޖެހި، ބޮއްސުންލީ އަޅުގަނޑުމެން ހަމަ ބަލަބަލައި ތިއްބާ. މާލޭގެ ރަށްވެހިންނާއި، އެ ރަށުގައި ދިރިއުޅޭ އެންމެންގެ ދިރިއުޅުން އަރަތަކަށްވީ، ގޯސްތައް ރަމަތަ ނުވެގެން. އަމާޒެއް ނެތި، ޚަރާބުގެ މަގަށް ޒަމާން އުފެއްދި ގަދަ އޮއިވަރުގެ ސަބަބުން. ދެން އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެން.

ބުނެފާނެ، އެހެންވިއްޔާ މާލޭގައި ތިޔަ އަޅަނީ، ކޮންފަދަ ބިޔަ ބްރިޖެއްތޯ؟ ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ؟ ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވުމުން، ދޫޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތޭ. ރާއްޖޭގެ މައި ބަނދަރު ފުރަމާލެއިން ބޭރުކޮށް، ގުޅީފަޅާ ހަމަޔަށް ފެޔަށް ނުޖައްސައި، ދައުލަތުގެ ބަޖެޓަށް އާމްދަނީ ކައިރިކުރެވޭކަށް ނެތް. މާލޭގެ ރަށްވެހިންނަށް ޙައްޤުވާ ގޯތި ނުދީ ވާކަށްވެސް ނެތް. މުޅި ރާއްޖެ ލާމަރުކަޒުވާއިރު، މާލެއަށް މިގެނެވެނީ، އެއާ ގުޅޭ އިޖުތިމާޢީ ދުޅަހެޔޮކަމާއި، އިޤްތިޞާދީ ވެށި ތަނަވަސް ކުރުމުގެ ބަދަލު.

މި ދައްކަނީ ރޭވެ އަލިވިލޭއިރު، ވެ ނިމިފައި އޮންނާނެ ބާވަތުގެ ކުޑަ ކަމެއްގެ ވާހަކައެއް ނޫން. މިއީ އުނދަގޫ، ބުރަ އަދި ބޮޑު ބަދަލެއް. މިކަމަށްޓަކައި ހިތްވަރާއި، ޢަޒުމާއި، ކެތްތެރިކަން އިސްކުރަންޖެހޭނެ. ބަދަލުހިފުމާއި، ޖަދަލުކުރުމާއި، ހާސްކަމުގެ ތެރެއަށް ނުގެނބި، އަޅާ ކޮންމެ ފިޔަވަޅެއް، އެ މަގުން އަޅާނަމަ، ހެޔޮ ނަތީޖާ ފެނުން އަވަސްވާނެ.

ވަރަށް ރަނގަޅަށް، ނުހަނު ބާރަށް ހިންގައިގެން ފުދުންތެރިކަން އިތުރުކުރާ ކައުންސިލްތައް އެބަހުރި. ފެށިއިރު އޭގެ އެންމެ ރަށެއް ނުވަތަ ކައުންސިލެއްވެސް މި ރާއްޖެއަކު ނެތް. ނަމަވެސް، އިއްޔެއަށްވުރެ މިއަދު ތަފާތު. ފެންނަން އޮތީ، މާ އުޖާލާ މާދަމާއެއް. އެއްހާސް ފިޔަވަޅުގެ ރާސްތާއަކަށްވެސް ފުރަތަމަ އަޅާނީ ފުރަތަމަ ފިޔަވަޅު. ކުރިއަށްދިޔަވަރަކަށް މަންޒިލް އަންނާނީ ގާތްވަމުން. އިޞްލާޙުކޮށް، ރަނގަޅުކޮށް، ފުރިހަމަކޮށް، ޙައްލުކުރަންޖެހޭ ކަންކަން އަބަދުވެސް ހުންނާނެ. އެއްވެސް މައްސަލައެއް ނެތުމަކީ މާބޮޑު މައްސަލައެއް. އެހެންވެއްޖެނަމަ، އެހިސާބުން އެތިބީ ކުރިއެރުން ހުއްޓި، ދިރުން ނެތިފައި. ސަބަބަކީ ދުނިޔަވީ ޙަޔާތަކީ އެތައް މަގެއްގެ ތެރެއިން ރަނގަޅު މަގު ހޯދަން އޮތް ކަމެއް. މާގިނަ ނުބައިގެ ތެރެއިން ރަނގަޅު ހޯދަންޖެހޭ ތަނެއް.

ޚާއްޞަ ގޮތެއްގައި، ލާމަރުކަޒުވުމުން، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި، ކައުންސިލްތަކުގެ ދައުރު އިންތިހާއަށް މުހިންމު. އެއީ އިދާރީ ހިންގުން ކަމުގައިވިޔަސް، އަވަސް ޚިދުމަތް ދިނުން ކަމުގައިވިޔަސް، އިޖުތިމާޢީ ރައްކާތެރިކަމާއި، މުޖުތަމަޢުގެ ބަދަހިކަން ކަމުގައިވިޔަސް، އަދި ޤާނޫނުގެ ވެރިކަން ނެގެހެއްޓުން ކަމުގައިވިޔަސް، ކަން އޮތްގޮތް. ސަބަބަކީ ރައްޔިތުންނާ އެންމެ ގާތުގައި އެތުރި ތަރުތީބުވެފައިވާ އިދާރީ އަދި ތަންފީޒީ ފަށަލައަކީ ކައުންސިލްތައް ކަމުގައިވުން. އަންނަ ރަނގަޅެއް ނުވަތަ ފެންމަތިވާ މައްސަލައެއްވެސް އެންމެ ފުރަތަމަ އަންނާނެ، ފެންނާނެ ބަޔަކީ ކައުންސިލްތަކާއި ކައުންސިލަރުން.

ހެވަސް، ނުބަޔަސް، ކޮންމެ ކަމެއްވެސް ނިސްބަތްވަނީ ދޭދޭ ފަރުދީ ނުވަތަ ޢާއިލީ، ނޫނީ އިޖުތިމާޢީ އަދި ޤައުމީ ވެށީގެ ތެރޭގައި. މީގެތެރެއިން އެންމެ ފުޅާ ވެށްޓަކީ ޤައުމީ ވެށި. މައްސަލަތަކަށް ބަލާއިރު، ރާއްޖޭގައި ވަރަށްބޮޑު ޤައުމީ ދެ މައްސަލަ އެބައޮތް. އަދި އެއީ އެންމެ އިސްކަމެއްދީގެން ޙައްލުކުރަން ޖެހިފައިވާ މައްސަލަތައް.

ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު އިޖުތިމާޢީ އެއް މައްސަލައަކީ، އެއް ގަހެއްގެ ދެ ގޮފި. އެއީ މަސްތުވާ ތަކެއްޗާއި، ގޭންގް ކުށްތައް. މިކަމުގެ އެންމެ ފުންމިނުގައި ވަނީ، އިންތިޒާމުވެ ރޭވިގެން ހިންގާ ކަންކަން. އޭގެފަހަތުގައި ސިޔާސީ ނިޔަތާއި، މާލީ ނަފާގެ ސަބަބުތައް ޝާމިލުވޭ. މިއީ ގޮންޖެހުން ބޮޑު، ހުރަސްތައް ގިނަ، ބުރަ މަސައްކަތެއް. މި ކޮންފަރެންސްގައި، މިކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު. އެއީ މީގެ ޙައްލު ހޯދުމުގެ މަގު ކުރުވެ، ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ދެން އޮތް ބޮޑު އަނެއް މައްސަލައަކީ، މޫސުމީ ބަދަލުތައް. ރަށް ގިރުމާއި، ފެން ބޮޑުވުމާއި، އުދައެރުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކު ދިރިއުޅޭ ރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު. ތިމާވެށްޓަށް ލިބޭ ގެއްލުމާއި، ކުރާ ނޭދެވޭ އަސަރަކީ، ހިންގޭ ތަރައްޤީގެ ކޮންމެ މަޝްރޫޢަކާ ގުޅިފައިވާ ކަމެއް. ތަރައްޤީގެ ބޭނުމުގައި ކުރާ ކަމަކީ ތަރައްޤީއަށް ހުރަހަކަށްވިޔަދީގެން ނުވާނެ. ތިޔަބޭފުޅުންގެ ވިސްނުމާއި މަޝްވަރާތައް، އެ މަގުން ގެންގޮސްދެއްވުން އަޅުގަނޑު އެދެން. މިކަމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ކައުންސިލްތަކަށް.

މިއަދު މި ފެށޭ ކޮންފަރެންސަކީ، މި ދެންނެވި ގޮތުން ފާހަގަކުރެވިފައިވާ މައްސަލަތަކާމެދު މަޝްވަރާ ކުރުމުގެ މަޙައްލެއް. ޙައްލު ހޯދައި، ގޮތް ހޯދުމުގެ މަރުޙަލާ. މިވަގުތަށް ހޯދަންޖެހޭ ހުރިހާ ޖަވާބެއް، ތިޔަބޭފުޅުންގެ މަޝްވަރާތަކުން ހޯއްދަވާނެކަމާމެދު ކުޑަވެސް ޝައްކެއް އަޅުގަނޑުގެ ނެތް. ހަމަ ޔަޤީނުންވެސް ޚިޔާލު ބަދަލުކޮށް، މަޝްވަރާކޮށް، އަޑުއަހައިގެން މެނުވީ، ދެމެހެއްޓެވި ޙައްލެއް ހޯދޭނެ ކަމަކަށް އަޅުގަނޑު ނުދެކެން.

ތިޔަބޭފުޅުންގެ މަޝްވަރާއާއި ޚިޔާލުފުޅުތަކުގެ ތެރެއިން ފޭދިގެން އަޅުގަނޑާ ހަމަޔަށް އަންނާނީ ރައްޔިތުން އެދޭގޮތް. އަޅުގަނޑު މި މަގާމުގައި މިހުރީ، ރައްޔިތުންގެ އެދުމާއި އުންމީދާ އެއްގޮތަށް، އެ ރައްޔިތުންގެ ކަންކަން ނިންމުން ނޫން އެހެން އެއްވެސް ބޭނުމަކު ނޫން.

ނިންމާލުމުގެ ކުރިންވެސް، ތަކުރާރުކޮށް ދަންނަވަން އޮތީ އެއް ވާހަކަ. އެއީ ރައްޔިތުން މަތިކޮށްފައިވާ ޒިންމާތަކާއި، މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމުގެ ވާހަކަ. ލާމަރުކަޒީ ވިއަވަތި ދިވެހިރާއްޖެއަކަށް ރައްޔިތުން ކުރާ އުންމީދުގައި ކުލަޖައްސައިދިނުމުގެ ވާހަކަ. ތިޔަ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން މިކަމުގައި އަޅުގަނޑު ބޭނުން. އަޅުގަނޑު މިހުރީ ލާމަރުކަޒީ ސަމުގާއިން ރާއްޖެ ކުރާ ދަތުރު މިއޮތް ފައްސިޔަލުގައި ދުއްވުމަށް. އިރާދަކުރެއްވިއްޔާ، އެ ސަމުގާއިން ފަޅި ދަރަޖައެއްގެ މިންވަރުވިޔަސް، ކަސިޔާރުވިޔަކަ އަޅުގަނޑު ނުދޭނަން. އިތުރަށް ބޭނުންވަނީ، މި ނިޒާމު ތަންފީޒު ކުރުމުގައި، ރައްޔިތުން ބޭނުންވާގޮތަށް، އެއްވެސް ހުރަހެއްނޭޅި ކުރިއަށްދާނެ މަގު، ތިޔަބޭފުޅުންގެ ނިޔަތާއި، ޢަމަލާއި ބަހުން ކޮށައި އަލިކޮށްދިނުން.

އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ރަޙްމަތާއި، ބަރަކާތާއި، މަދަދާއި ތައުފީޤު އަޅުގަނޑުމެންގެ މައްޗަށް ވެއްސަވައި، ތަނަވަސްކުރެއްވުން. އަޅުގަނޑުމެން މިކުރާ މަސައްކަތަށް، ނަޞްރާއި، ނަޞީބާއި ކާމިޔާބު ދެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.