بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލުވުމުގެ މަތިވެރި ނަސީބު މިންވަރު ކުރެއްވި ކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވައި، މި މާތް މައްސަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ އުޚުއްވަތްތެރި ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، މި ބަރަކާތްތެރި މުނާސަބަތުގެ ތަހުނިޔާ ދަންނަވަމެވެ.

ރަމަޟާން މަހަކީ اللهُ سُبْحَانَهُ وَتَعَالَى މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ، ނިޢުމަތްތަކުން ފުރިގެންވާ މޫސުމެކެވެ. ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ އުފާވެރި ދުވަސްތަކަކާއި ރޭތަކެކެވެ. ހަމައެފަދައިން، މި މައްސަރަކީ އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުކުރުމަށް ދެއްވާފައިވާ ވަރަށް ތަނަވަސް ފުރުޞަތެކެވެ. މި ފެށުނު ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށެވެ. ހަމައެފަދައިން، ރޯދައިގެ އަޅުކަމުގެ ތެރެއިން އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމަށް، ކީރިތި މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވާފައިވާ ނަބަވީ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރާ ބަޔަކަށް ވުމަށެވެ.

މި އަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީވެސް، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވެވި، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް، ދީނީގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުތަނަވަސްވެފައިވުމެވެ. އެހެންކަމުން، މި މަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި، ތަރާވީޙް ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމެވެ.

ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ މައްސަރަކަށް ވީހިނދު، އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާތެރިކަން އިސްކޮށް، އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މި މައްސަރަކީ ފުއްސެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެންވެސް އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު، އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެކެވެ. ހަމައެފަދައިން، މިއީ ދިންނެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެންވެސް އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ، އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންކަމެވެ.

ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވީތީ، މި ބަރަކާތްތެރި ދުވަސްތަކުގައި ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހެއެވެ. ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގައި ހީވާގިވުމަކީ އެހާމެ ބޭނުންތެރި ކަމެކެވެ. މި މާތް މައްސަރުގެ އެންމެހައި ނިޢުމަތްތަކާއި ދަރުމައާއި ޘަވާބު، މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މި ފެށުނު ރަމަޟާން މަހުގެ ރޯދަ ފުރިހަމައަށް ހިފުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވައި، މި މައްސަރުގައި ލައްވަވާފައިވާ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުގެ ނަސީބުވެރިން ކަމުގައި އަޅަމެން އެންމެން ލައްވާށިއެވެ. އާމީން.