بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް، ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން، އަދި އަޅުގަނޑުމެންގެ އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން އަޙްމަދު، ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންނާއި އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ދައުލަތުގެ އިސްވެރިން، ވަކިން ޚާއްޞަކޮށް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށްވާ، ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅުތައް، ރަށްތައް ހިންގުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ތެރެއިން އެންމެ މުހިންމުވާ، އާދެ، ޞިއްޙީ ޚިދުމަތްތައް ވީހާވެސް ރައްޔިތުންނާ ކައިރިން، ރަށުން ލިބޭނެގޮތް ހަމަޖައްސައިދެއްވުމުގެ ގޮތުން ކުރަމުން ގެންދެވޭ މަސައްކަތުގެ ތެރެއިން މިއަދު މި ފެށޭ މުހިންމު ކަންތައްތަކުގެ ފެށުމުގައި އަޅުގަނޑަށް ބައިވެރިވެވޭ ކަމަށްޓަކައި އަޅުގަނޑު އެކަމާ އުފާކޮށް اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދުކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ވީހާވެސް ފަސޭހަ، އަވަސް، ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން. އާދެ، އެއީކީ ހަމައެކަނި ކައުންސިލްތައް ހިންގޭނެގޮތް ހަމަޖައްސައި، ޤާނޫނެއްގެ ދަށުން އެ ފުރުޞަތުތައް ހަމައެކަނި ފަހިކުރުމެއް ނޫން. އެއާއެކު، އެ ކަންތައްތައް ކުރުމަށްޓަކައި އެންމެ މުހިންމު މިވަނީ ޞިއްޙީ ދާއިރާ. އާދެ، މިއަދު މި ފެށިގެންދާ ޚިދުމަތްތަކާއި އަދި މުޅި ދިވެހިރާއްޖޭގައިވެސް މިފަދަ ޚިދުމަތްތައް ގާތުން ލިބޭނެގޮތް ޤާއިމުކުރުން. ހަމައެއާއެކު، ތަޢުލީމީ ނިޒާމް ހަމަ އެގޮތަށް ވަރުގަދަކޮށް، ރަށުން ތަޢުލީމު ލިބޭނެގޮތް މެދުވެރިކުރުން.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރެވި، އެ މަސައްކަތް ބާރަށް މިދަނީ ކުރިއަށް. މި ސަރުކާރުގެ އަމާޒަކަށް މިވަނީ މި ދެންނެވި ގޮތަށް، އެބަޔަކު އަތޮޅުގައި، ރަށުގައި ތިބެގެން ޢާއިލާއާއެކު އުޅެވޭނެ މަގު ތަނަވަސްކުރުން. އާދެ، މަޖުބޫރުކޮށްގެން ނުވަތަ މަޖުބޫރުވާފަދަ ގޮތަކަށް ކަންތައްތައް ކޮށްގެން، ވަކި ދިމާއަކަށް ރައްޔިތުން ގެންދިޔުމަކީ އެއީ މި ސަރުކާރުން ކުރަން ބޭނުންވާ ކަމެއްނޫން. އާދެ، ރައްޔިތުންނާ އެކުގައި، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެންމެ ބޭނުންވާގޮތަށް ކަންތައްތައް ކޮށްދިނުމަކީ އެއީ މިއަދުގެ ސަރުކާރުން އެންމެ ސަމާލުކަންދޭ ކަންތައްތަކަކީ.

އާދެ، އެނގިވަޑައިގަންނަވާނެ، ދެންމެ މެނޭޖަރުގެ ވާހަކައިގައިވެސް ފާހަގަކުރެއްވިގޮތަށް، ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މި ކުރެވޭ މަސައްކަތާއެކު އަޅުގަނޑު ދަންނަވާނީ، ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި އަދި މާބޮޑަށް ފަސޭހަތަކެއް ވެގެންދާނެއޭ.

އާދެ، އަޅުގަނޑުމެން އެއް ކަމަކަށް ބަލައިފި ކަމަށްވަންޏާ، މިއަދު މި ރަށުގައި، އުނގޫފާރުގައި އާދެ، އަލަށް މި އިފްތިތާޙު ކުރެވޭ މި ޚިދުމަތާއެކު، ހަމައެކަނި ސީޓީ ސްކޭންގެ ޚިދުމަތަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، މުޅި ދިވެހިރާއްޖޭގައި، މާލެ ފިޔަވައި އަތޮޅުތަކުގައި ޤާއިމުކުރެވިފައި ހުރި ސީޓީ ސްކޭންގެ ޚިދުމަތްތަކުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ގާތްގަނޑަކަށް ތިންހާސް މީހުންނަށް، ތިންހާސް މީހުންނަށް ސީޓީ ސްކޭންގެ ޚިދުމަތް ވަނީ ލިބިފައި. އާދެ، މި ކަންތައްތަކަކީ ޒަޔާންވެސް ފާހަގަކުރެއްވި ގޮތަށް، އެހެންނޫންނަމަ ވަރަށް ބޮޑު ޚަރަދުކޮށްފައި، ވަރަށް ތަކުލީފާއެކު މާލެ ދާންޖެހޭ ކަމެއް. އާދެ، އެއީ މި ސަރުކާރުން މި ކުރާ ކަންތައްތަކަކީ.

އަޅުގަނޑު މި އުނގޫފާރުގެ އެންމެހައި ރައްޔިތުންނާއި އަދި މި ސަރަޙައްދުގެ ރައްޔިތުންނަށްވެސް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މުސްތަޤްބަލް ފެންނަނީ ވަރަށް އުޖާލާކޮށޭ. ރައްޔިތަކަށް އެންމެ ބޭނުންވާނެ ކަންތައްތަކަކީ އާދެ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުން. އެކަންތައްތައް އެގޮތަށް އެ މަގުފަހިކުރުމަށްޓަކައި މި ކުރެވޭ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތްތައް ކުރިއަށްގޮސް، އެތަނުން ޚިދުމަތް ލިބިގެންދާއިރު، އަދި މިއަށްވުރެ މާ ފުރިހަމަކަން މުޅި ސަރަޙައްދަށް ލިބިގެންދާނެ.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ވޭތުވެދިޔަތާނގައި ކުރިމަތިވެފައި މިވަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. އާދެ، މުޅި ދުނިޔެ، މުޅި ރާއްޖެ ބަންދުވެ، ދަތުރުފަތުރު ކުރުން އެއްކޮށްވަނީ ހުއްޓިފައި. އެ ދަތިވެގެންދިޔަހިނދު، އެންމެ ބޮޑަށް ރައްޔިތުންނަށް ދަތިވެގެންދިޔަ އެއްކަމަކީ ޞިއްޙީ ފަރުވާ ހޯދުން. އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އެދުވަސްވަރު އަދި މިހާރުވެސް ޚާއްޞަކޮށް، ހޮސްޕިޓަލްތަކުން ވަރަށް ރަނގަޅު ޚިދުމަތްތަކެއް، އާ ކަންތައްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިޔަ. ކޯވިޑް އަޅުގަނޑުމެންނާ އަރާހަމަވި ހިސާބުން، އަޅުގަނޑުމެންނަށް ފެނިގެންދިޔަ ޚާއްޞަކޮށް، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ މުވައްޒަފުން އެކުރި މަސައްކަތް.  އިތުބާރު ހިފޭފަދަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދެވިއްޖެ. އަޅުގަނޑުގެ އުންމީދަކީ މިކަންތައްތަކާއެކު އަދި ކުރިއަށް ހުރި ޚިދުމަތްތަކާއެކު، މި މަސައްކަތް، މި ޚިދުމަތް ފުޅާވެ، ރައްޔިތުންނަށް އިތުރު ފަސޭހަކަން އިރާދަކުރެއްވިއްޔާ ލިބިގެންދިޔުން.

އާދެ، ކޯވިޑުގެ ދުވަސްވަރު، މިދެންނެވި ގޮތަށް މުޅި ޤައުމު، މުޅި ދުނިޔެ ބަންދުވެފައި އޮތްއިރުވެސް، ދިވެހިރާއްޖޭގައި ސަރުކާރުން ހިންގަމުން ގެންދިޔަ އެތައް މަޝްރޫޢުތަކެއް ހިނގަމުންދިޔަ. އާދެ، އަޅުގަނޑުމެން މި ރަށަށް އެރީމާވެސް އެބަ ފެނޭ. ހަމަ އެ ކޯވިޑުގެ ދަތި އުނދަގޫ ދުވަސްވަރު ކުރަމުން ގެންދިޔަ މަސައްކަތްތައް.

އާދެ، އަޅުގަނޑު ދަންނަވާލަން މި އުޅެނީ ސަރުކާރު، މި ސަރުކާރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު އުފެދިފައި އޮތީ ރައްޔިތުންނަށްޓަކައޭ. ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. ރައްޔިތުންނަށް ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި. ގާތުން ޚިދުމަތް ދިނުމަށް. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ މިކަމާ ފުންކޮށް ވިސްނައި، އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތްތައް ކުރަން. އަޅުގަނޑުމެންގެ ތެރޭގައި ނަފުރަތު އުފެއްދުމާއި، ދެކޮޅުވެރިކަމާއި، އަރައިރުން އުފެއްދުމަށްޓަކައި މަސައްކަތް ކުރާ ފަރާތްތަކަށް އަޅުގަނޑުމެން އެއްގޮތަކަށްވެސް ޖާގަދީގެން ނުވާނެ. އަޅުގަނޑުމެން މިއަދު ބަލަންވީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރަށަށް، އަޅުގަނޑުމެންގެ އަތޮޅަށް ކޮންކަމެއްތޯ އަޅުގަނޑުމެން ބޭނުންވަނީ. އެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބެންވީ.

އާދެ، އަޅުގަނޑު ހަމަ އެންމެފަހު ބަހެއްގެ ގޮތުންވެސް ޚާއްޞަކޮށް، ހޮސްޕިޓަލްގެ ކަމަކަށްވާތީ، ހޮސްޕިޓަލްގެ މުވައްޒަފުންނަށް ދަންނަވާލަން އޮތީ، ޚާއްޞަކޮށް، ހޮސްޕިޓަލުން ޚިދުމަތްދޭއިރު، ވީހާވެސް އޯގާތެރިކަމާއި، އަޅައިލުމާއި، ކުލުނާއެކު، އެ ޚިދުމަތް ތިޔަބޭފުޅުން ދެއްވާށޭ. އެކުއެކީގައި ރަނގަޅަށް ގުޅިގެން މަސައްކަތް ކުރައްވާށޭ. ރަނގަޅު ޚިދުމަތްތަކެއް ތަޢާރުފް ވެގެންދިޔަ ނަމަވެސް، މިދެންނެވި ގޮތަށް މަސައްކަތް ނުކުރާހާ ހިނދަކު، އޭގެ އެންމެ ފަސޭހަ ކަމެއް ރައްޔިތުންނަށް ލިބިގެނެއް ނުދާނެ.

އާދެ، ކޯވިޑުގެ ދުވަސްވަރަށް އަދިވެސްވީތީވެ، އަޅުގަނޑުމެންގެ މަސައްކަތްތަކާއި ކަންތައްތައް މިހިރީ ވަރަށް ބޮޑަށް، ތަންކޮޅެއް ކޮންޓްރޯލް ގޮތަކަށް. ކުރުކޮށް، އަޅުގަނޑުމެން ގެންދަންވެސް މި ޖެހެނީ. އެހެންވެ އަޅުގަނޑުގެވެސް ވާހަކަކޮޅު އެހާ ދިގުނުކޮށް އަޅުގަނޑު ނިންމާލާނީ. އެހެންނަމަވެސް، ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، މި ފެށުނު މި ޚިދުމަތާއެކު، މުޅި ހޮސްޕިޓަލާއި އަދި މުޅި ރަށުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަޅުގަނޑުގެ އެދުމަކީ، ތިޔަ ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވައި، ރައްޔިތުންނަށް ވީހާވެސް ފަސޭހަކަން، ހިތްހަމަޖެހުން، އުފާ ހޯދައިދިނުން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެން ހެޔޮ ޞިއްޙަތެއްގައި ލެއްވުން. އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވައި، ކާމިޔާބަށް ވާސިލުވުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.