بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ރައީސް އަލްފާޟިލާ މިންހާ ފާއިޒް ރަޝާދު، ފައުންޑަރ އަދި ޗެއަރޕަރސަން ޑޮކްޓަރ ސުލޯޗަނާ ސެގެރާ، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިފަދަ ޙަފްލާއެއްގައި އެއްޗެއް ދަންނަވާއިރު، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ޙަފްލާގެ ޙަޤީޤީ ޝަރަފުވެރިންނަށް ޙައްޤުވާ ތަހުނިޔާ ދެންނެވުން. އެހެންކަމުން، މިރޭ އެވޯޑް ޙާޞިލްކުރައްވާ ހުރިހާ އަންހެން ބޭފުޅުންނަށް، ދިވެހި ސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.

އަދި އަންހެނުންގެ ކުރިއެރުމާއި އިސްނެގުމުގައި، ތިޔަބޭފުޅުން ތިޔަ ދައްކަވަމުން ގެންދަވާ ނަމޫނާއަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުވެސް ދަންނަވަން. ޙަޤީޤަތުގައިވެސް ތިޔަބޭފުޅުން ކުރައްވަމުން ތިޔަ ގެންދަވަނީ، ވަރަށް އަގުހުރި ޚިދުމަތްތަކެއް. ދިވެހި އަންހެނުން ތިޔަބޭފުޅުންގެ ފަރާތުން ނަމޫނާ ލިބިގަންނަންޖެހޭވަރުގެ މަސައްކަތްތަކެއް.

އާދެ، ވިމެން އިން މެނޭޖްމަންޓަކީ އަވަށްޓެރި ސްރީލަންކާގެ އަމިއްލަ ޖަމުޢިއްޔާއެއް. އެ ޖަމުޢިއްޔާގެ ގޮތްޕެއް ރާއްޖޭގައި ހުޅުވައި، މި އެވޯޑް ތަޢާރަފްކުރެއްވި ކަމަށްޓަކައި، އެޖަމުޢިއްޔާގެ އިސްވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިއެވޯޑްގެ ކަންތައްތައް އިންތިޒާމުކޮށް ކުރިއަށްގެންދަވާ ކަމަށްޓަކައި، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ އިސް ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އަންހެނުން ބާރުވެރި ކުރުމާއި، އަންހެނުންނަށް ފުރުޞަތުތައް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. މިންތީ ތަފާތުތައް ނައްތާލައި، ސިޔާސީ އަދި އިޖުތިމާޢީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ، ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަޢުދެއް.

އެނގިވަޑައިގަންނަވާނެ، ކޯވިޑް-19ގެ ވަބާ ކުރިމަތިވެ، އިޤްތިޞާދު އަޑިއަޅާލައިގެން ދިޔައީ، 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަން ފެށިތަނާ. އޭގެ ސަބަބުން އެ ޕްލޭން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި. އެހެންކަމުން، އެ ޕްލޭންގެ ތެރެއިން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް، ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި، ވަކި ލިސްޓެއް މިހާރު އެކުލަވާލާފައި ވާނެ.

މިދެންނެވި ލިސްޓުގައި ކުރުމަށް ކަނޑައަޅާފައިވާ އެއްކަމަކީ، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުން. މިއީ ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީ ހަމަހަމަކަން ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭނެއް. ޤައުމީ ފެންވަރުގައި ހިންގާ ކޮންމެ ޙަރަކާތެއްގައި މިންތީ ހަމަހަމަކަން ކަށަވަރުކުރުމަކީވެސް މި ޕްލޭންގެ ވަރަށް މުހިންމު ބައެއް.

ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި، ޒަމާނުއްސުރެ އަންހެނުން އަދާކުރަމުން އަންނަނީ، ވަރަށް ކުލަގަދަކޮށް ފާހަގަކުރެވޭވަރުގެ މުހިންމު ދައުރެއް. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު، އިޤްތިޞާދީ ގޮތުން މިހާރަށްވުރެ މާބޮޑަށް އަންހެނުން ބާރުވެރިކުރެވޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި އަންހެނުންނަށް ލިބޭ ގެވެށި އަނިޔާތަކުން އެކަށީގެންވާ ރައްކާތެރިކަމެއް ލިބޭނެކަމަށްވެސް އަޅުގަނޑު ދެކެން.

2021 ވަނަ އަހަރުގެ ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްއަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މިންތީ ތަފާތުކުރުމެއް ނެތް. ޞިއްޙީ ދާއިރާގައި މިންތީ ތަފާތުތައް ވަރަށް ބޮޑަށް ކުޑަކުރެވިއްޖެ. ނަމަވެސް، ސިޔާސީ އަދި އިޤްތިޞާދީ ދާއިރާއިން ރާއްޖޭގައި މިންތީ ތަފާތުތައް އަދިވެސް ބޮޑުކަމަށް ފާހަގަކުރެވޭ. މި ތަފާތު ކުޑަކުރުމަށް، މި ސަރުކާރުގެ ފަރާތުން ފުރަތަމަ ދުވަހުން ފެށިގެން މުހިންމު މަސައްކަތްތަކެއް މިއަންނަނީ ކުރަމުން.

ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރެވޭ އަންހެނުންގެ ޢަދަދު މިހާރު އަންނަނީ އިތުރުވަމުން. ރާއްޖޭގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ޢައްޔަންކުރީ މި ސަރުކާރުން. ސުޕްރީމް ކޯޓުގައި މިހާރު ދެ އަންހެން ފަނޑިޔާރުން ތިއްބަވާނެ. ބޭރުގައި ހުންނަ ރާއްޖޭގެ ޚާރިޖީ އޮފީސްތަކުގައި ހަމަހަމަކޮށް ތަމްސީލް ކުރައްވާނީ ދިވެހި އަންހެނުންނާއި، ދިވެހި ފިރިހެނުން ތަފާތެއްނެތި.

އަޅުގަނޑުމެން މި ބޭނުންވާ ކުރިއެރުން ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ، ހިންގުމުގެ ދާއިރާގައާއި، ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން. ޙަޤީޤީ ތަރައްޤީ ފެށިގެން މިއަންނަނީ ރަށްރަށުގެ ކުދިކުދި މުޖުތަމަޢުން. އެންމެ މުހިންމީ، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ނިންމުމުގައި އަންހެނުން ބައިވެރިކުރުން.

ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން ގެނައި އެންމެ މުހިންމު އެއް ބަދަލަކީ، ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުން. މި ބަދަލާއެކު ކައުންސިލްތަކުގެ 33 އިންސައްތައަށްވުރެ މަތީ ނިސްބަތެއް މިހާރު ޙިއްޞާކުރަނީ އަންހެނުން. އޭގެ އިތުރުން، ރައްޔިތުން އިންތިޚާބުކުރާ އަންހެނުންގެ ކޮމިޓީތަކާއެކު، ރަށްރަށުގެ ތަރައްޤީގެ ކަންކަން މިހާރު ނިންމަންވާނީ، އަންހެނުންގެ ބައިވެރިވުމާއި ލަފަޔާއި މަޝްވަރާޔާއެކު.

ކަންކަމުގައި އަންހެނުން ބައިވެރިކުރާ ވާހަކައާއި، އަންހެނުންނަށް ފުރުޞަތުތައް ދޭ ވާހަކަ، މިވަރަށް މިދައްކަނީ ކީއްވެގެންބާއޭ ބައެއްފަހަރަށް ހިތަށްއަރާނެ. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، އަންހެނުންނަކީ މުޖުތަމަޢުގެ އެއްބައި ކަމަށްވާތީ، ހަމަހަމަކުރުމުގެ ގޮތުން ފުރުޞަތު ދޭންޖެހޭނެޔޭ. ނޫން މުޅިން އެހެންނެއް ނޫން އެކަންއޮތީކީ. އަޅުގަނޑުމެން އެކަން މިކުރަނީ، އެ ވިސްނުމަކުން ނޫން، އަދި އެ ބޭނުމަކުވެސް ނޫން.

ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ ކިތަންމެ ގޮތަކަށް، ކަންކަމާމެދު އަންހެނުންގެ ވިސްނުން ހުރެދާނެ. މުޖުތަމަޢުގެ ކަންކަން ފިރިހެނުން ތަޖުރިބާކުރާ ގޮތާ މުޅިން ޚިލާފަށް އަންހެނުން ތަޖުރިބާކުރުމަކީ ވެދާނެ ކަމެއް. އެހެންކަމަށްވަންޏާ، ކަންކަމާމެދު އަންހެނުން ސުވާލު އުފައްދާ ގޮތްވެސް، އަދި އެ ސުވާލުން ނެރެން ބޭނުންވާ ނަތީޖާވެސް ތަފާތުވާނެ.

ވިސްނުމާއި، ތަޖުރިބާކުރުމާއި، އިޙްސާސް ކުރުމުގައި ހުންނަ މިފަދަ ތަފާތުތަކަށް ބަލާއިރު، ކަންކަން އިޞްލާޙް ކުރުމަށް ނުވަތަ ބަދަލުކުރުމަށް އަންހެނުން ހުށަހަޅާ ހުށަހެޅުންތައްވެސް ތަފާތުވާނެ. އޭގެ ފޭރާންވެސް ހެޔޮވެފައި އޮށްޓަރު ރަނގަޅުވާނެ. މައްސަލަތަކަށް ހުށަހަޅާ ޙައްލުތައްވެސް މުޖުތަމަޢުގެ ހާލަތާ އެކަށީގެންވާނެ. އަޅުގަނޑު ހިތުން މި ވާހަކަ ފަޒޫވެސް މީގެކުރިން ކޮންމެވެސް އެއް ފޯރަމެއްގައިވަނީ ހިއްސާކުރައްވާފައި ތިޔަބޭފުޅުންނާ.

މިދެންނެވި ތަފާތު ވިސްނުންތަކާއި ހުށަހެޅުންތައް، ތަންފީޒީ މަރުޙަލާގެ މޭޒުދޮށަށް ނާންނަހާ ހިނދަކު، މުޅި މުޖުތަމަޢުގެ މަޞްލަޙަތަށް ރިޢާޔަތް ކުރެވޭ ޙައްލުތައް ހޯދުން ދަތިވާނެ. ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކަންކަމަށް ޙައްލު ހޯދޭނީ، މި ދެންނެވި މަޤްޞަދު ޙާޞިލްކުރުމުގެ ނިޔަތުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދީގެން.

އިޤްތިޞާދީ ގޮތުން ފަހިކޮށްދޭ ފުރުޞަތުތަކުގައިވެސް، އަންހެނުންނަށް ޚާއްޞަ އިސްކަމެއް ދިނުމަކީ، އަންހެނުން ބާރުވެރިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އެސް.އެމް.އީ. ބޭންކުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމުގައިވެސް އިސްކަންދޭ ގިންތިއަށް 25 އިންސައްތަ ޚާއްޞަކޮށްފައިވާނެ. އެ ގިންތީގައި ހިމެނޭ އެއްބަޔަކީ އަންހެނުން.

އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، އަންހެނަކަށްވީތީ ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ. ނަމަވެސް، އަންހެނަކަށްވީތީ ލިބެންޖެހޭ އިމްތިޔާޒްތަކެއްވެސް އަދި ޢިނާޔަތްތަކެއްވެސް ހުންނާނެ. ސަރުކާރުގައި ވަޒީފާ އަދާކުރާ އަންހެނުން ވިހެއުމާ ގުޅިގެން، މުސާރައާއެކު 6 މަސް ދުވަހުގެ ޗުއްޓީއެއް ލިބޭގޮތަށް އަޅުގަނޑުމެން ހަމަޖެއްސީ އެ ސަބަބަށްޓަކައި.

މިއީ ކޮންމެހެން އަންހެނުންނަށް ލިބެންޖެހޭ ޙައްޤެއް ކަމަށް މިއަދު މުޖުތަމަޢުވެސް އެބަ ޤަބޫލުކުރޭ. ސަރުކާރުގެ އެ ނިންމުން ނަމޫނާއަކަށް ބަލައިގެން، ބައެއް ކުންފުނިތަކުންވެސް، އެ ސިޔާސަތު ތަންފީޒުކުރަމުންދާކަމީ، ވަރަށް ހެޔޮ ފާލެއްކަމަށް އަޅުގަނޑު ދެކެން.

އަންހެނުން ވަޒީފާއަށް ނުކުތުމުގައި ދިމާވާ ކިތަންމެ ހުރަސްތަކެއް މިހާރުވެސް އެބަހުރި. ދަރިން ބެލެހެއްޓުންފަދަ ކަންކަމަކީ، ވަޒީފާ އަދާކުރުމަށް އޮތް ހުރަހެއް ކަމަށް، ޒަމާނީ މުޖުތަމަޢުތައް މިހާރު ޤަބޫލެއްނުކުރޭ. އޭގެ މާނައަކީ، ޅަދަރިމައި އަންހެނުން ވަޒީފާއަށް ނުކުންނައިރު، އޭނާގެ ދަރިފުޅު ބެލެހެއްޓޭނެ ފަސޭހަ އިންތިޒާމެއް، ދައުލަތުގެ ފަރާތުން ނުވަތަ ވަޒީފާ ދޭ ފަރާތުން ހަމަޖައްސައިދޭންވާނެޔޭ. އަންހެނުންގެ ފުރިހަމަ ބައިވެރިވުން ހޯދޭނީ، މިފަދަ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

މުޖުތަމަޢުގެ އިސް ސަފުގައި އަންހެނުން އަދާކުރާ ދައުރާއި، އުފުލާ ޒިންމާތަކުގެ އަގުވަޒަންކޮށް، މިފަދަ އެވޯޑުތަކެއް ދިނުމަކީ، މިންތީ ތަފާތުތައް ނައްތައިލުމަށް ސަރުކާރުން މިގެންގުޅޭ ސިޔާސަތުތަކަށް ލިބޭ ވަރަށް ބޮޑު ބާރެއް. އަދި ކަންކަމުގައި ބައިވެރިވެ، އިސް ސަފަށް ނުކުތުމަށް އަންހެނުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށްވާނެ ކަމަށް އަޅުގަނޑު ދެކެން.

އެހެންކަމުން، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ހިންގުންތެރި ވެރިންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މުޖުތަމަޢުގައި އަންހެނުންނަށް ޙައްޤު މަޤާމު ހޯދައިދީ، އަންހެނުން ބާރުވެރިކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ޤައުމުގެ ތަރައްޤީއާއި ހިންގުމުގެ ދާއިރާގެ އިސް ސަފަށް ނުކުތުމުގެ ކެރުމާއި ހިތްވަރު، ދިވެހި އަންހެނުންނަށް މާތް ﷲ މިންވަރު ކުރައްވާށި. ދިވެހި އަންހެނުންނަށް އަބަދުވެސް ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.