بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީ، ދައުލަތުގެ ވަޒީރުން، މިރޭގެ ރެހެންދި އެވޯޑް ޙާޞިލު ކުރެއްވި ޝަރަފުވެރި ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭގެ މި ޙަފްލާގައި ދާދި ދެންމެއަކު، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑް ޙާޞިލު ކުރެއްވި ބޭފުޅުންނަށާއި، ލ. އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.

މިއީ އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑަކަށް ވިޔަސް، މިރޭ އެވޯޑް މި ދެވުނީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު. އެކަން އެގޮތަށް މެދުވެރިވީ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، މުޅި ދުނިޔެއާއި ރާއްޖޭގައި ފެތުރެން ފެށި، ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، އަޅުގަނޑުމެންގެ ޢާންމު ޙާލަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުމުގެ ސަބަބުން.

ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑުގެ ނަމުގައި އެވޯޑެއް ދިނުމުގެ މަޤްޞަދަކީ، އަންހެނުން ކުރާ މަސައްކަތްތަކާއި، ޙާޞިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން. މިންތީ ތަފާތުތައް ނައްތާލައި، ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީވެސް، ރެހެންދި އެވޯޑް ދިނުމުގެ ވަރަށް ބޮޑު ބޭނުމެއް.

ރާއްޖޭގެ ތާރީޚަށް ބަލާއިރު، ފާހަގަކޮށްލެވޭ އެތައް އަންހެނުންނެއްގެ އިޚްލާޞްތެރި ޚިދުމަތްތަކެއް ޤައުމަށް ލިބިފައި އެބަހުރި. ކެރޭ، ކުޅަދާނަ، ހީވާގި، މުރާލި، ހުނަރުވެރި ކިތަންމެ އަންހެނުންނެއް ފާހަގަވެ ފެންނަން އެބަތިބި. މިއަދުގެ ޙާލަތަށް ބަލާއިރު، ވަޒީފާގެ މައިދާނުގަޔާއި، އާމްދަނީ ހޯދުމުގެ ދާއިރާގައި، ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތޭ ބުނެވިދާނެ.

އެހެން ނަމަވެސް، އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި، އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރިކަން ޤަބޫލުކުރަންޖެހޭ. އޭގެ ނަތީޖާއަކަށް ވެފައި މި އޮންނަނީ، ޤައުމީ ތަރައްޤީގެ މުހިންމު ކަންކަމުގައި، އަދިވެސް އެކަށީގެންވާ މިންވަރަށް، އަންހެނުންނަށް ފުރުޞަތު ނުލިބުން.

ސިޔާސީ ދާއިރާއިންވެސް އަދި އިޖުތިމާޢީ ދާއިރާއިންވެސް، މި ދެންނެވި ހުސްކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. މިއަދު އަޅުގަނޑުމެން މި ކުރަމުން މި އަންނަ މަސައްކަތަކީ، އެ ހުސްކަން ފޫބެއްދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ޤާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަޤާމުތަކަށް ގެންގޮސްދިނުން. މި ދެންނެވީ ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން ގެނައި އިޞްލާޙުގެ ބަދަލުގެ ވާހަކަ.

އެ ބަދަލުގެ ނަތީޖާއަކަށްވީ، އެއްވެސް ރަށެއް، އެއްވެސް ސިޓީއެއް އިސްތިސްނާ ނުވެ، ކޮންމެ ކައުންސިލެއްގައިވެސް މެންބަރުންގެ 33 އިންސައްތައަކީ، އަންހެނުން ކަމުގައި ވެގެންދިޔުން. މި ދެންނެވި ބަދަލާއެކު، ލޯކަލް ކައުންސިލް އިންތިޚާބުގައި، ޖުމްލަ 39.5 އިންސައްތަ ގޮނޑި އަންހެނުން ކާމިޔާބު ކޮށްފައިވޭ.

މީގެ އިތުރުން، ޤާނޫނީ ހައިސިއްޔަތު ލިބިގެން، އަދި މެންބަރުންނަށް ދައުލަތުގެ ބަޖެޓުން އުޖޫރަ ކަނޑައަޅައިގެން، ރާއްޖޭގައި އިންތިޚާބުކުރި ފުރަތަމަ އަންހެނުންގެ ކޮމިޓީތައްވެސް އުފެދިގެން އެދިޔައީ މި އަހަރުގެ ތެރޭގައި. މި ބަދަލުތަކުގެ ސަބަބުން، ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި، ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން ޢަމަލީގޮތުން މިހާރު އިތުރުވެއްޖެ.

މިދުވަސްވަރު ރަށްރަށާއި ސިޓީތަކުގައި ކުރަމުން އެ އަންނަނީ ތަރައްޤީގެ ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތް. ކައުންސިލްތަކުން މި ދެންނެވި ޕްލޭންތައް ނިންމަމުން އެ އަންނަނީ، ވަރަށް ފުޅާ ދާއިރާއެއްގައި، ބަސް ބުނުމުގެ ފުރުޞަތު އަންހެނުންނަށް ލިބިގެން، އެ ފުރުޞަތުގެ ބޭނުން ހިފައިގެން، އަދި އަންހެނުންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެން.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ކައުންސިލްތަކުގެ ޖާގަތަކެއް ޤާނޫނުގެ ޒަރީއާއިން އަންހެނުންނަށް ކަށަވަރުކޮށްދިނުމަކީ، ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް އެޅުނު ވަރަށް ބޮޑު ބާރެއް. މީގެ އިތުރުންވެސް، އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރިކަން އަޅުގަނޑު ޤަބޫލުކުރަން.

ޙަޤީޤަތުގައި ޤައުމު ބިނާކުރުމުގައި، މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ދިވެހި އަންހެނުން. ސަބަބަކީ، ޤައުމުގެ ތަރައްޤީ އެބައެއްގެ އަތްމަތިން ބައްޓަންވެގެން އަންނަ ޤައުމުގެ ޒުވާން ޖީލަށް، އެންމެ ޅަފަތުން ފެށިގެންވެސް ޢިލްމު އުނގަންނައިދިނުމުގައި، އެންމެ ގިނައީ އަންހެނުން ކަމަށްވާތީ. ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާ ގާތްގަނޑަކަށް
78 އިންސައްތައަކީ އަންހެން ބޭފުޅުން.

ކަންކަން ނިންމާ ފެންވަރުގައި، ގޮތް ކިޔައި ބަސްބުނުމުގައި، އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި. އެއީ މުޅި ދުނިޔޭގައިވެސް ހުރި ގޮންޖެހުންތަކެއް. އެއީ މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާމެދު، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުން ހުރި ގޮންޖެހުންތަކެއް.

އެހެން ނަމަވެސް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ އިތުރު ފުރުޞަތުތަކުގެ އެހީގައި، އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަވަރަކަށް، މުޖުތަމަޢުގައި ހުރި އެފަދަ ވިސްނުންތަކާއި ޤަބޫލުކުރުންތައް ބަދަލުވަމުންދާނެ. އޭރުން ޤައުމު ބިނާކުރުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވެ، ދެ ޖިންސުގެ ބައިވެރިވުން އެއް ހަމައެއްގައި ލިބެން ފަށާނެ.

އަންހެނުންނަކީ ހަމައެކަނި މުޖުތަމަޢުގެ ދެބައިކުޅަ އެއްބައެއް ނޫން. އެއީ މުޅި އިންސާނިއްޔަތުގެވެސް ދެބައިކުޅަ އެއްބައި. އެއީ ޢާއިލާތައް އުފެދި ބިނާވެގެން އައުމުގެ ބިންގާ. އެއީ އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތުގެ ވަރަށް މުހިންމު ބައިވެރިއެއް. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، އަންހެނުންގެ ހިތްވަރާއި އަންހެނުންގެ ބާރުވެރިކަން ވަރަށް ރަނގަޅަށް ވަޒަންކުރެވިއްޖެ.

ކޯވިޑުގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓި، ވަޒީފާތައް ގެއްލި، އެތައް ބަޔަކު ދެއަތް އުރާލައިގެން ގޭގައި ތިބެންޖެހުނު ވަގުތު، ޢާއިލާތަކުގެ ފުދުންތެރިކަން ހިފަހައްޓައިދިނުމުގައި، އަންހެނުން އަދާކުރީ ވަރަށް މުހިންމު ދައުރެއް. ގޭގައި ތިބި އަންހެނުންނާއި އަންހެންކުދިން ކުރި މަސައްކަތުން، ދުވަހުގެ ޚަރަދުތައް ދެކޮޅުޖެއްސި ޢާއިލާތައް މަދެއް ނޫން.

ކޯވިޑުގެ ބަލިމީހުންނަށް ފަރުވާކުރުމުގައި، ޢާއިލާތަކާ ވަކިން، ރެޔާއި ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރެއްވި އަންހެން ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ. އެބޭފުޅުން ޤައުމަށްޓަކައި އެ ވެވަޑައިގަތީ ވަރަށް މަތިވެރި ޤުރުބާނީއެއް. ކޯވިޑުން ރައްކާތެރިވުމަށް ހިންގާ ވެކްސިން ޕްރޮގްރާމްގައިވެސް އަންހެން ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު.

މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، އެންމެ ގިނަ ބައެއްގެ ކަންފަތުގައި ހަރުލާފައި ހުރި ނަންތަކަކީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާގެ ނަންފުޅު. އަދި ޑޮކްޓަރ ނަޒްލާ ރަފީޤާއި، ޑޮކްޓަރ ނަޒްލާ މުޞްޠަފާ ފަދަ ބޭފުޅުންގެ ނަންފުޅު. އޭގެ އިތުރުންވެސް އެތައް އަންހެން ބޭފުޅުންނެއްގެ ނަންފުޅު، ކޯވިޑުގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ.

މިފަދަ ޚިދުމަތްތެރި އަދި މިފަދަ އަގުހުރި ބަޔަކު، އަޅުގަނޑުމެންގެ ޤައުމީ ޚިދުމަތުގެ ދާއިރާގައި ބައިވެރިވާ މިންވަރު އިތުރުނުކޮށް، އަޅުގަނޑުމެންނަށް ޙަޤީޤީ ކުރިއެރުމެއް ނުހޯދޭނެކަން ޔަޤީން. އަޅުގަނޑުމެން މިކުރާ މަސައްކަތުން، މާތް ﷲގެ ވާގިފުޅާއެކު، އެކަން ޙާޞިލުވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އަޅުގަނޑުގެ އެބައޮތް. އެކަމަށް އިތުރު ހިތްވަރު ދިނުމަކީ ކުރަންޖެހޭ ކަމެއް.

މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި، ވަރަށް މަތީ މަޤާމުތައް ފުރުއްވާ، ވަރަށް ޚިދުމަތްތެރި ވަރަށް ޤާބިލް އަންހެން ބޭފުޅުން އެބަތިއްބެވި. ސަރުކާރުގެ މަޤާމެއްގައި ނޫނަސް، މުޖުތަމަޢަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާ ވަރަށް ހުނަރުވެރި އަންހެން ބޭފުޅުން އެބަތިއްބެވި. އަދި މިހާރު ފޯދެމުން އަންނަ ޒުވާން ޖީލުގައިވެސް، އެފަދަ އުންމީދީ ޒުވާން އަންހެން ބޭފުޅުންތަކެއް ތިއްބަވާނެކަން އަޅުގަނޑަށް ހަމަ ޔަޤީން.

ނަމަވެސް އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ، ކަސިޔާރު ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދައުރުވޭ. އިޖުތިމާޢީ އަދި ޤައުމީ ޚިދުމަތަށް އަންހެނުން ނުކުތުމުން، އެކަމަށް ނުރުހުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ. މިއިން ކޮންމެ ކަމަކީ ޤާނޫނުން ޙައްލުކުރެވޭނެ ކަންކަމެއް ނޫން. މިފަދަ ކަންކަން ޙައްލުކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން.

މިއަދު ސަރުކާރުގެ އަމާޒަކީ، އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ޙައްޤު މަޤާމު އަންހެނުންނަށް ހޯދައިދިނުން. ސަރުކާރު އަބަދުވެސް އޮންނާނީ، ދިވެހި އަންހެނުންނަށް ތަރައްޤީގެ ފުރުޞަތުތައް ފަހިކޮށްދީ، ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދޭން.

އަޅުގަނޑު އުންމީދުކުރަނީ، އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވައި، ވަޒީފާގެ މާޙައުލަށް އަންހެނުން ނުކުތުމަށް ބާރުއެޅުމަށް މިކުރާ މަސައްކަތްތަކަށް، ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދެއްވައި، މިހާރު ފަހިވެފައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިއްޕަވަން ފަށްޓަވާނެ ކަމަށް. ތިޔަބޭފުޅުންގެ ހިތްވަރަކީ، ޤައުމުގެ ކުރިއެރުން ކަމުގައި ޤަބޫލުކުރައްވައި، ކުރިއަށް ފިޔަވަޅު އަޅުއްވަންވީ ވަގުތު މިއޮތީ ޖެހިފައި.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި އަންހެނުންގެ ކެރުމާއި ހިތްވަރުން، ދިވެހި ޤައުމަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ލިބިގެން ދިޔުން. ދިވެހި އެންމެހައި އަންހެނުންނަށް ރައްކާތެރިކަން ލިބިގެންވާ އަމާން މާޙައުލެއް ކަމުގައި، އަޅުގަނޑުމެންގެ މުޖުތަމަޢު ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ދިވެހިރާއްޖެއަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރައްވައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.