بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އަޅުގަނޑު މިއަދު ކޮޅުމަޑުލަށް އައިސް، ކޮޅުމަޑުލުގެ ދެ ރަށަކަށް އާދެ، އެންމެ ފުރަތަމަ ވިލުފުށްޓަށް، ދެން ތިޔަބޭފުޅުންގެ ގުރައިދުއަށް އައުމާ ގުޅިގެން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް އިބްރާހީމް މަނިކު ދޮންމަނިކު އަދި މިއަތޮޅުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރައްވާފައިވާ ޢިއްޒަތްތެރި ދެ މެންބަރުން އާދެ، އަލްފާޟިލް ޙުސައިންމަނިކު ދޮންމަނިކާއި، އަލްފާޟިލް ޙަސަން ޢަފީފް އަދި އޭގެއިތުރުން، ވިލުފުށީގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، އަދި ގުރައިދޫގެ ވެރިންނާއި، ގުރައިދޫގެ ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު، ތިޔަ ހުރިހާ ބޭފުޅުންނަށާއި އަދި މި ދެ ރަށުގެ ރައްޔިތުންނަށާއި އަދި މި އަތޮޅުގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދެންމެ އަތޮޅުވެރިން އެ ވިދާޅުވިފަދައިން، އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ ގުރައިދޫގައި، ގުރައިދޫ ރައްޔިތުންނާއި ދިވެހި ސަރުކާރާ ގުޅިގެން އިމާރާތްކޮށްފައިވާ، ވަރަށް ފުރިހަމަ، ވަރަށް ރީތި މިސްކިތެއް ރަސްމީގޮތުން ހުޅުވައިދިނުމުގެ އިޙްތިފާލަށް. އާދެ، މި މިސްކިތް އިމާރާތްކުރެވިފައި މިވަނީ، ގުރައިދޫ ރައްޔިތުންގެ ބުރަ މަސައްކަތުން. އެބައިމީހުންގެ ހިންމަތާއި މިންނަތުން. އަދި ސަރުކާރުގެވެސް އެހީ ލިބިގެން. އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން ވެދެއްވި އެހީއާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ވެދެއްވާފައިވާ ފައިސާގެ އެހީގެ އިތުރުން، މިރަށުގެ ރައްޔިތުން ވަރަށް ގިނަ ޢަދަދަކަށް ފައިސާ ޚަރަދުކޮށްގެން މި އިމާރާތް، މި މިސްކިތް ބިނާކޮށްފައި މިވަނީ. އެހެންކަމުން، މި މިސްކިތް އިމާރާތް ކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން، މިސްކިތަކީ އިސްލާމީ މުޖުތަމަޢެއްގައި ހުންނާނެ އެންމެ މާތް، އަޅުގަނޑުމެންގެ ހިތްތަކުގެ ޤަދަރާއި އިޙްތިރާމް އެންމެ ލިބިގެންވާ ތަން. މިސްކިތް އިމާރާތް ކުރެވެނީ، މާތް ﷲ އަށް ޒިކުރު ކުރުމަށްޓަކައި. ފަރުޟު ފަސްނަމާދު ކުރުމަށްޓަކައި. ނަމާދަކީ، އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން، އިސްލާމްދީނުގެ އެންމެ މުހިންމު ރުކުން. ނަމާދަށް ރައްކާތެރިވުމަށާއި، ވަގުތުން ވަގުތަށް ނަމާދު އަދާކުރުމަށް ކީރިތި ޤުރްއާނުގައި ވަރަށް ޞަރީޙަކޮށް އަމުރު ކުރައްވާފައިވޭ. ހަމައެހެންމެ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައިވެސް އަޅުގަނޑުމެންނަށް އެކަން ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވާފައިވޭ. އެހެންކަމުން، އިސްލާމީ މުޖުތަމަޢެއްގައި ހިމެނޭ އެންމެންގެ ވާޖިބަކަށްވާނީ، މާތް ﷲ އަންގަވާފައިވާ ގޮތުގެމަތިން، ކޮންމެ ނަމާދެއްގެވެސް ވަގުތު ޖެހުމުން، އެ ނަމާދެއް ކުރުން، ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި.

އާދެ، މިސްކިތް ފަޅުފިލުވުމަކީ، އެ މިސްކިތުގައި ނަމާދުކުރުން. އެ މިސްކިތުގައި ހެޔޮދުޢާ ކުރުން. އެ މިސްކިތުގައި މާތް ﷲގެ ފުއްސެވުމަށްއެދި، ފާފަފުއްސެވުންއެދި ދުޢާކުރުމާއި، ސުންނަތް ނަމާދު ކުރުމާއި، ޤުރްއާން ކިޔެވުމާ، މިގޮތުން ދީނުގައި ކަނޑައަޅުއްވާފައިވާ، މާތް ކަންތައްތައް ކުރުން. އާދެ، ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ އާޔަތުގައިވެސް މާތް ﷲ ވަޙީކުރައްވާފައިއެވަނީ، "إِنَّمَا يَعْمُرُ مَسٰجِدَاللَّـهِ مَنْ ءَامَـنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَءَاتَى الزَّكَـــوٰةَ وَلَمْ يَخْشَ إِلَّااللَّـهَ" (سورة التوبة: ١٨) "ހަމަކަށަވަރުން މިސްކިތްތައް ފަޅުފިލުވައިދެނީ، ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނެވެ. އަދި ނަމާދު ޤާއިމުކުރާ މީހުންނެވެ. އަދި ޒަކާތްދޭ މީހުންނެވެ. އަދި ﷲ ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް ބިރުވެތިނުވާ މީހުންނެވެ." "فَعَسَىٰ أُوْلَـٰئِكَ أَن يَكُونُواْ مِنَ الْمُهْتَدِينَ" (سورة التوبة: ١٨) "އެހެންވީމާ އެބައިމީހުންނަކީ، ހިދާޔަތު ލިބިގެންވާ ބަޔަކަށްވުންގާތެވެ." އާދެ، އެހެންވީމާ މިއީ މިސްކިތުގެ ބޭނުމަކީ. މިސްކިތަށް އަޅުގަނޑުމެން ދޭންޖެހޭ ޤަދަރާއި އިޙްތިރާމަކީ.

އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، ގުރައިދޫގެ ރައްޔިތުން މި މިސްކިތް، އަޅުގަނޑު މި ދެންނެވި އުޞޫލުން އާދެ، ކީރިތި ޤުރްއާނުގައި އަންގަވާފައިއެވާ، މަތިވެރި އުޞޫލުން ފަޅުފިލުއްވަވަމުން ގެންދެވުން. ހުރިހާ ވަގުތެއްގައިވެސް ނަމާދުކުރެއްވުމާއި، ހެޔޮކަންތައް ކުރެއްވުމުގައި މިސްކިތް ބޭނުންކުރެއްވުން. މިސްކިތަކީ ފަޅަށް ހުންނަ ތަނެއް ކަމުގައި ނެހެއްދެވުން. ޝައްކެއްނެތް، މިސްކިތަކީ ވަރަށް ފުރިހަމަގޮތެއްގައި ވަރަށް ރީތިކޮށް އިމާރާތްކުރެވިފައިވާ ވަރަށް ބޮޑު މިސްކިތެއް. މިކަމުން ދޭހަވަނީ، ގުރައިދޫގެ ރައްޔިތުން މާތްވެގެންވާ އިސްލާމްދީނަށް ދެއްވާ އަހަންމިއްޔަތު. ދީނުގެ ކަންތައްތަކަށް ގުރައިދޫ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ލޯބި. އެހެންކަމުން، އެކަމަށްޓަކައި ގުރައިދޫ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވައި، މަރުޙަބާ ދަންނަވަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި މާތް ﷲ ލެއްވުން. އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަމާއި ހަމަޖެހުން އަބަދަށްޓަކައި ޤާއިމުކުރެއްވުން. ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުންގެންދާ ތަރައްޤީގެ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.