بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސަރުކާރުގެ އެސް.އޯ.އީ.ތަކުގެ ވެރިން، އަދި އަމިއްލަ ކުންފުނިތަކުގެ އިސްވެރިން، މިނިސްޓްރީތަކުގެ އިސްވެރިންނާއި އަދި ހޮސްޕިޓަލްތަކުން ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުން ދަންނަވަމުން، އަޅުގަނޑު އެންމެ ފުރަތަމަވެސް ޝުކުރު އަދާކޮށްލަން ބޭނުންވަނީ، މިފަދަ މުހިންމު ޕްރޮގްރާމަކަށް، ޚާއްޞަކޮށް އަމިއްލަ ފަރާތްތަކުން، އަމިއްލަ ކުންފުނިތަކުން، އަޅުގަނޑުމެންނާ މި ބައިވެރިވާ ބައިވެރިވުން. އަދި ހަމައެއާކު، ސަރުކާރުގެ އެސް.އޯ.އީ.ތަކުން މިކަމުގައި ބައިވެރިވާތީ، އެކަންވެސް އަޅުގަނޑު ފާހަގަކުރަން.

އާދެ، މި ޕްރޮގްރާމަކީ، ވަރަށް މުހިންމު ޕްރޮގްރާމެއް. އަޅުގަނޑުގެ ކުރީގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރާއި، އަދި ހެލްތު މިނިސްޓަރުވެސް ފާހަގަކުރައްވައިފި، ރާއްޖޭގައި މިއަދު އަޅުގަނޑު މި ފަށްޓާ، ޚާއްޞަކޮށް މި ތެރަޕީ ދިނުމުގެ ދާއިރާގައި މިހުރި ގޮންޖެހުންތައް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މި ވެގެންދާނެއޭ ރާއްޖޭގައި، ޚާއްޞަކޮށް އަތޮޅުތަކުގެ ރަށްތަކުގެ ގިނަ ޢާއިލާތަކަކަށް، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމަކަށް.

އާދެ، އެނގިވަޑައިގަންނަވާނެ، މި ދާއިރާއަކީ މީގެ ކުރިން، އެހާބޮޑު ސަމާލުކަމެއް ދެވިފައި އޮތް ދާއިރާއެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މި ސަރުކާރުން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވެރިކަމާ ޙަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ކަނޑައެޅި ކަންތައްތަކުގެ ތެރޭގައިވެސް، އާދެ، 100 ދުވަހުގެ ވަޢުދުގެ ތެރޭގައިވެސް ޚާއްޞަކޮށް، މި ދާއިރާއަށް ވަރަށް ބޮޑެތި ކަންތައްތަކެއް ހަމަޖެއްސެވި. އަޅުގަނޑު ފާހަގަކޮށްލަން، 100 ދުވަހުގެ ވަޢުދުގެތެރޭގައި، އާދެ، ހިލޭ ތެރަޕީގެ ޕްރޮގްރާމް ފެށިގެންދިޔަ.

ދެން، އެހެންނަމަވެސް، އަޅުގަނޑުމެން ޤަބޫލުކުރަންޖެހެނީ މާލޭގައި، ސެންޓްރަލީ އަދި ދެވޭ ޚިދުމަތްތަކަކުން، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެކަން އަޅުގަނޑުމެންނަށް ހަމަޖައްސައި ނުދެވޭކަން. އެނގިވަޑައިގަންނަވާނެ، މި ސަރުކާރު އައުމާއެކު، ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް އަމާޒުކުރެއްވި ކަމަކީ، މާލެއާ އެއް ފެންވަރަކަށް ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގައި ޚިދުމަތްދިނުން. ވަކިން ޚާއްޞަކޮށް، ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމީ ދާއިރާގެ ކަންތައްތަކާއި، އަދި މިގޮތަށް ބޭނުންވާ ޒަރޫރީ އެންމެ އަސާސީ، އެންމެ ބޭނުންތެރި ކަންތައްތައް ހަމަޖައްސައިދެއްވުން.

އާދެ، ސަރުކާރުގެ ސިޔާސަތަކީވެސް މި ދެންނެވި ގޮތަށް، މާލެއާއި އަތޮޅުތަކުގައި ހުރި ފަރަޤު ކުޑަކުރުން. އާދެ، އަޅުގަނޑުމެން މިއަދު ބަލައިލަން އެބަޖެހޭ، އަތޮޅުތަކުގައި ރައްޔިތުންނަށް ދިމާވާ އެކިއެކި ތަކުލީފުތަކާއި އުނދަގޫތައް. އާދެ، ކޮންމެ ކަމަކު މާލެ އަންނަންޖެހޭ ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް. ވަރަށް ބޮޑު ހޭދައެއް. ވަރަށް ބޮޑު ޚަރަދެއް. އެހެން ގޮތަކަށް ދަންނަވާ ކަމަށްވަންޏާ، ވަރަށް ބޮޑު ޕެއިންއަކަށްވެފައި އޮންނަ ކަމެއް. އެހެންނަމަވެސް، އަޅުގަނޑު ކުރިން މި ދެންނެވިފަދައިން، އަޅުގަނޑުމެންނަށް މި ފެންނަނީ އިރާދަކުރެއްވިއްޔާ، ސަރުކާރުގެ މި އަމާޒު އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިއްޖެ ކަމަށްވަންޏާ، މިކަމުގައި އަޅުގަނޑުމެންނަށް އެކުއެކީގައި މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ، މިކަމަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ޙައްލެއް ހޯދޭނެ.

އާދެ، މި ދާއިރާއަށް މީހުން ބިނާކުރުމަށްޓަކައި މިއަދު ޕްރޮގްރާމެއް ފެށިގެންދާއިރު، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް، ވަރަށް ބޮޑު އިސްކަމެއް، މި ދާއިރާއަށް އެބަ ދެއްވާ. އާދެ، އަޅުގަނޑުމެންނަށް މިހާރުވެސް ހުޅުމާލޭގައި، ހުޅުމާލެ ހޮސްޕިޓަލްގެ މި ދާއިރާއިން ފަރުވާ، ޚިދުމަތްދިނުމަށްޓަކައި، ވަރަށް ފެންވަރު ރަނގަޅު ސެންޓަރެއް، އާދެ، ހުޅުވުމުގެ މަސައްކަތް މިހާރު މިދަނީ ކުރެވެމުން. ހަމައެއާއެކު، ވޭތުވެދިޔަ ހަފްތާގެތެރޭގައި އަޅުގަނޑުމެންނަށް ވަނީ އައްޑޫ ސިޓީގައި، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއްގެ ނަމުގައި، ޅަފަތުގެ ހުންނަ ކަންތައްތައް ދެނެގަނެ، އެންމެ ތުއްތު ދުވަސްވަރުން ފެށިގެން، މިފަދަ ޚިދުމަތްތަކާއި ފަރުވާތައް ދެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށް، އެ މަސައްކަތް ފެށިފައި.

ހަމައެއާއެކު، އަޅުގަނޑުމެންނަށް އިއްޔެ ފެނިގެންދިޔައީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ރާއްޖޭގެ ދެކުނާއި އުތުރުގައި، މި ކަންތައްތައް ވަރުގަދަ ކުރުމަށްޓަކައި ސްކޫލް ބޭސްކޮށް، ތެރަޕީ ދީ އަދި އިންކްލޫސިވް ސަޕޯޓް ދެވޭނޭފަދަ އިންތިޒާމުތަކެއް ހަމަޖެހިގެންދިޔަތަން. އާދެ، މިއާ ގުޅުވައިލައިގެން ދެން އަޅުގަނޑުމެންނަށް މި ފެންނަނީ މިނިސްޓަރ އޮފް ހެލްތު، އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ، ހެލްތު މިނިސްޓަރުކަމާ އަޙްމަދު ނަސީމް ޙަވާލުވެވަޑައިގެންނެވި ފަހުން، ވަރަށް ބުރަ މަސައްކަތްތަކެއް އެބަ ކުރައްވާ، ދެންމެ އެ ވިދާޅުވިފަދަ ޕްރިވެންޝަނަކަށް ދިޔުމަށްޓަކައި. ޅަފަތުގައި ބަލި އަވަހަށް ދެނެގަތުމަށްޓަކައި، ބޮޑު ބައްޔެއް މީހާއަށް ކުރިމަތިވުމުގެ ކުރިން ކަންތައްތައް ދެނެގަނެގެން، އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި. އާދެ، ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމާއި އަދި ޕަބްލިކް ހެލްތު ވަރުގަދަކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ.

މީގެ ވިއްސަކަށް އަހަރު ކުރިން، އަޅުގަނޑުމެން އޭރު ބެލީ ވިހިވިހި އަންނައިރު ދިވެހިރާއްޖެ އޮންނާނީ ކޮންގޮތަކަށްތޯ؟ އެހެންނަމަވެސް، ސުވާލަކީ މިއަދު ވިހިވިހި އައިއިރު، ރާއްޖޭގެ ރަށްތައް އޮތީ ކޮންގޮތަކަށްތޯ؟ އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަދު މި ކުރާ މަސައްކަތުން، މިއަދު، މާދަމާ އޭގެ ފައިދާ ނުލިބުނަސް، މީގެ ފައިދާ، މީގެ ލާބަޔާއި މަންފާ ކުރާނެ ބަޔަކު ތިބޭނެކަން. މިއަދު އަޅުގަނޑުމެން އިންދާ ގަހެއްގެ މޭވާ ލިބުމަށްޓަކައި ވަގުތުކޮޅެއް ނަގާފާނެ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ކައިބޮއި މިއުޅެނީ މާކުރީގައި ބަޔަކު އިންދި ގަސްތަކެއްގެ މޭވާ. އެހެންވީމާ، އެ ވިސްނުމުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތްގޮތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން އަޅުގަނޑުމެންނަށް ގެނެސްދެވޭނެ.

އާދެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ސަރުކާރުން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ އިޖުތިމާޢީ ނިޒާމު، އިޖުތިމާޢީ ހަމަޖެހުން، އިޖުތިމާޢީ ކަންތައް ރަނގަޅުކުރެއްވުމަށްޓަކައި،  އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވައި، ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވާ. ދެންމެ އަޅުގަނޑާ ބެހޭގޮތުން ވާހަކަފުޅުތަކެއް ދެއްކެވި. އަޅުގަނޑަށް ދެން ތަންކޮޅެއް އުނދަގޫވެސްވޭ، އެހާ ބޮޑަށް އަޅުގަނޑުގެ ނަން ގެންނަކަމަށްވަންޏާ.

ޙަޤީޤަތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މިކަމަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތު. އޭގެތެރެއިން އަޅުގަނޑުމެންނަށް މި ފެންނަނީ، ސަރުކާރުގައި ތިބި، ޚާއްޞަކޮށް ސޯޝަލް ދާއިރާގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން، ސޯޝަލް ސެކްޓަރުގެ މިނިސްޓަރުން އެ ދެއްވާ ސަމާލުކަމާއެކީ އަޅުގަނޑުމެންނަށް އެބަ ފެނޭ، މިއަދު ޕްރައިވެޓް ކުންފުނިތައް، ދިވެހިރާއްޖޭގައި ހިނގާ އަމިއްލަ ވިޔަފާރި ކުންފުނިތަކުން ރާއްޖޭގެ އިޖުތިމާޢީ ހަމަޖެހުމަށާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތް. އަޅުގަނޑު ދަންނަވާނީ، ކުރީގައި އަޅުގަނޑުމެންނަށް ނުފެންނަވަރަށް އެ ކަންތައްތައް ފެނިގެން އެބަދެއޭ.

ހަމައެއާކު، އެސް.އޯ.އީ.ތަކުން، ސަރުކާރުގެ ކުންފުނިތަކުން އެކިއެކި މަސައްކަތްތައް، ތަރައްޤީގެ ގިނަ ކަންތައްތަކާއެކު، ސީ.އެސް.އާރު، އިޖުތިމާޢީ ގޮތުން ފައިދާކުރުވަނިވި އެތައް ކަންތައްތަކެއް އެބަ ކުރައްވާ. ޙަޤީޤަތަކީ މި ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް މި ނެރެވެނީ، ހުރިހާ އެންމެން އެއް ވިސްނުމަކަށް މަސައްކަތްކޮށްގެންކަން.

އަޅުގަނޑުމެންނަށް ޔަޤީންވާކަމަކީ، ޚިޔާލުތަފާތުވާ މީހާވެސް، މަގުމަތީގައި ހުންނަ މީހާވެސް، ރަނގަޅު ކަމެއް ކޮށްގެން، އެ ރަނގަޅު ކަމެއްގެ ނަތީޖާ އެ މީހެއްގެ ޢާއިލާއަށް، ދަރިޔަކަށް، ކޮށްފިކަމަށްވަންޏާ ވަރަށް އުފާވާނެ.

އެހެންވީމާ، މިއަދު އަޅުގަނޑު ގޮވާލަން ބޭނުންވޭ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޙަޤީޤަތަކީ މި ޤައުމުގައި މިހިރަ އިޖުތިމާޢީ ކަންތައްތަކާއި، މައްސަލަތަކާއި، އަޅުގަނޑުމެންގެ ތެރޭގައި ރެޔާދުވާލު ހިނގާ ކަންތައްތަކަކީ، މިފަދަ ޤައުމެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫން. ކަންކަން ހުއްޓުވުމާއި، ރަނގަޅު ކުރުވުމަކީ އެއީ، އެންމެ މީހެއްގެ ކޮނޑުގައި އެޅިފައި އޮންނަ ޒިންމާއެއްނޫން. ކޮންމެ މީހެއްގެވެސް ޒިންމާއެއް. އެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތްކޮށްފި ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތް، މާތްﷲގެ އިރާދަފުޅުން އަޅުގަނޑުމެންގެ ޤައުމު ވެގެންދާނީ ހަމަޖެހުން ޤާއިމުވެފައި އޮންނަ، އުފަލުން އެންމެން ދިރިއުޅޭފަދަ ޤައުމެއްގެ ގޮތުގައި.

އާދެ، މީހުން ބިނާކުރުމުގެ މަޝްރޫޢަކީ އެއީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވަޢުދު. ތަފާތު އެކި ދާއިރާތަކުން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން އަޅުގަނޑުމެންނަށް މި ފެންނަނީ މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވިގެންދާތަން. އަޅުގަނޑުމެންނަށް މިދިޔަ މަހު ފެނިގެންދިޔައީ، ހެލްތު މިނިސްޓްރީއާއި އެސް.ޓީ.އޯ. ގުޅިގެން ރޭޑިއޯގްރަފީ ދާއިރާއިން، މީހުން ބިނާކުރުމުގެ މަސައްކަތްތަކެއް ފެށިގެންދިޔަތަން.

އެނގިވަޑައިގަންނަވާނެ، ފަސޭހަކަމެއް ތަންތަން ބިނާކުރުމަކީ. ބިލްޑިންގއެއް އަޅައި ނިންމާލުމަކީ، ކުލާސްރޫމެއް ޤާއިމުކުރުމަކީ، ސްކޫލެއް އެޅުމަކީ، ހޮސްޕިޓަލެއް އެޅުމަކީ އެއީ ވަރަށް ފަސޭހަކަމެއް. ފައިސާހުރި ކަމަށްވަންޏާ އެކަން ކުރެވިދާނެ. އެހެންނަމަވެސް އެކަން ކުރުމަށްފަހު، ދެން ދޭންޖެހޭ ޚިދުމަތްތައް، ޒަމާނާ އެއްފެންވަރަށް ރައްޔިތުން ބޭނުންވާވަރަށް ޚިދުމަތްތައް ދިނުމަކީ އެއީ، ވަރަށް އުނދަގޫ ކަމެއް.

އެހެންވީމާ، މިނިސްޓަރ އިބްރާހީމް ޙަސަން އެ ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، މި ސަރުކާރުން ކުރި މަސައްކަތަކީ، ރާއްޖޭގެ އެކި ދާއިރާތަކަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮންކޮން ބައެއްތޯ ބަލައި، އެކަންތައް ހޯދައި، ދެން ސަރުކާރުން އެ ހޭދަކުރާ ކޮންމެ ހޭދަކުރުމެއްވެސް، އެ ބޭނުންވާ ދާއިރާތަކަށް އަމާޒުކުރުންކަން.

އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރަނީ، މިހާރު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި އަދި ރާއްޖޭގެ އެހެނިހެން އިންސްޓިޓިއުޝަންތަކާއި، އަދި އަމިއްލަ ފަރާތްތައް ގުޅިގެން މި ކުރާ މަސައްކަތުން ރާއްޖެއަށް ޓެކްނިކަލް ދާއިރާތަކާއި އަދި އެނޫންވެސް މުހިންމު ދާއިރާތަކަށް މީހުން ބިނާކުރެވިގެންދާނެ ކަމަށް.

އާދެ، އަޅުގަނޑުމެން އަދި އެހެން ގޮތަކަށް ވިސްނައިފި ކަމަށްވަންޏާ، ދުނިޔޭގައި ރިސޯސްއެއް ނެތް، އެހެނިހެން ވަސީލަތްތައް ނެތް ޤައުމުތައް ކުރިއަރާފައި ހުރީ ކިހިނެއްތޯވެސް އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. އެއީ، ތަޢުލީމީ، ޤާބިލް، އުފެއްދުންތެރި، ވަރުގަދަ ޖީލެއް އުފެއްދިގެން، އެ މީހުންގެ މަސައްކަތުން ޤައުމު ކުރިއަރައިގެން ދިޔައީ. އެއްގޮތަކަށްވެސް ތެލެއް، ނޫނީ އެނޫން މުއްސަނދިކަމެއް ނެތް ޤައުމުތައް މިއަދު ދުނިޔޭގެ ޓޮޕް 10 ގައި ހިމެނިފައި އޮތީ، މީހުން ބިނާކޮށްގެން.

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެ އަހަންމިއްޔަތުކަން، އެ ޚަރަދު ދިވެހި ދައުލަތުން، ދިވެހި ސަރުކާރުން، މި ޤައުމަށްޓަކައި މި ޤައުމުގެ ރައްޔިތުންނަށްޓަކައި ކުރައްވަމުން އެ ގެންދަވަނީ. އަޅުގަނޑު ޔަޤީންކުރަނީ މީގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދާނެކަމަށް.

އާދެ، އަޅުގަނޑުގެ އުންމީދަކީ، މިއަދު މި ފެށޭ މި ޕްރޮގްރާމްގެ ސަބަބުން، ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ގޮތަށް، ރާއްޖޭގެ އުތުރާއި ދެކުނުން އެތައް ޢާއިލާތަކަކަށް ހަމަޖެހުން ލިބި، ހިތްހަމަޖެހުން ލިބި، ޅަފަތުގެ ކުދިންނަށް މި ދިމާވާ ކަންތައްތައް އަވަހަށް ދެނެގަނެވި، އެކަމަށް އަޅުގަނޑުމެންނަށް ފަރުވާ ދެވިގެންދާނެ ކަމަށް.

އާދެ، އަޅުގަނޑު ދަންނަވައިފިން، މި މަހު ތެރޭގައި އައްޑޫ ސިޓީގައި އަޅުގަނޑުމެންނަށް ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއްގެ މަސައްކަތް ފެށިގެންދިޔަ ވާހަކަ. މާތް ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އުތުރުގައި، ތިލަދުންމަތީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަޅުގަނޑުމެންނަށް މި މަސައްކަތް ފުޅާކުރެވިގެންދާނެ. އަދި ސަރުކާރުގެ އަމާޒަކީ، ކުރިއަށް އޮތް ތާނގައި މި ދާއިރާއަށް ސަމާލުކަންދީގެން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، މިހާރު ރީޖަނަލް ހޮސްޕިޓަލްތަކާއި އަދި އެނޫންވެސް އެންމެ މުހިންމުކޮށް މި ކަންތައްތައް ބޭނުންވާ ދާއިރާތަކަށް މި ކަންތައް ފުޅާކުރުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު، އަޅުގަނޑު ވަކިން ޚާއްޞަކޮށް، އަމިއްލަ ފަރާތްތަކަށް، އަމިއްލަ ކުންފުނިތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން ބޭނުންވޭ. އަމިއްލަ ފަރާތްތަކުން މިސްކިތްތައް ބިނާކުރުމާއި، ސްކޫލްތަކަށް ވެދެއްވާ އެހީތަކާއި އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް، އެކިއެކި މަރުކަޒުތަކަށާއި އަދި މީހުން ބިނާކުރުމަށްޓަކައިވެސް އަމިއްލަ ފަރާތްތަކުން ވެދެއްވާ އެހީ އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. ކޮންމެ ރަމަޟާން މަހެއްގައި އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، އަމިއްލަ ފަރާތްތަކުން މިސްކިތްތައް ހުޅުވަމުންދާތަން. މާލެއާއި ހުޅުމާލެއާއި އަދި ރާއްޖޭގެ ރަށްރަށުގައި. މިއީ އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެން އެފަދަ ކަންތައް ކުރާ ފަރާތްތަކަށްވެސް ވަރަށް ހެޔޮ ޘަވާބު ލިބެނިވި ކަމެއް. އަޅުގަނޑު ހުރިހާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބަރަކާތްލައްވައި، އޭގެ ފައިދާ ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް މިންވަރުކޮށްދެއްވުން. އަދި މި ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް، ހެޔޮގޮތުގައި ހޭދަކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.