بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، "ހަވީރު" ނޫހަށް 25 އަހަރު ފުރުމުގެ އުފާވެރި ރިހިޔޫބީލުގެ މި ހިތްގައިމު ހަވީރުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމަށް ދެކެނީ، އަޅުގަނޑަށް، މިރޭގެ މި ހަވީރަށް އައުމަށް ދަޢުވަތު ދެއްވި "ހަވީރު" ނޫހުގެ މަސްއޫލުވެރިޔާ އަދި ޗެއަރމަން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށާއި، "ހަވީރު"ގެ އެޑިޓަރ އަލްފާޟިލް ޢަލީ ރަފީޤަށާއި، މެނެޖިންގ އެޑިޓަރަށާއި އަދި "ހަވީރު"ގެ މުވައްޒަފުންނަށާއި، ހިންގުންތެރިންނަށާއި، ލިޔުންތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން. ހަމައެއާއެކު، މި އުފާވެރި މުނާސަބަތުގައި އެ ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.

އާދެ، މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި "ހަވީރު" ނޫހަށް އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް މިރޭ ރަންގަލަމާއި ހަނދާނީ ލިޔުން ލިބިވަޑައިގެންފި. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ހަމައެހެންމެ، މި މުނާސަބަތަކީ "ހަވީރު"ގެ ކިޔުންތެރިންވެސް ވަރަށް ޚާއްޞަގޮތެއްގައި ދެކެވަޑައިގަންނަވާނެ މުނާސަބަތަކަށްވާތީ، ހަވީރަށް 25 އަހަރު ފުރޭ ރިހިޔޫބީލުގެ މުނާސަބަތުގައި "ހަވީރު"ގެ ހުރިހާ ކިޔުންތެރިންނަށްވެސް އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ފޮނުވަން.

އާދެ، މިރޭގެ މި އުފާވެރި ހަވީރުގައި އަޅުގަނޑަށް "ހަވީރު"ގެ ޝަރަފުވެރި ރަންގަލަން ދެއްވިކަމަށްޓަކައި "ހަވީރު"ގެ ޗެއަރމަން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށާއި، "ހަވީރު" ނޫހަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިރޭގެ މި ޙަފްލާއަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ ރޮނގަށް ބަލާއިރުވެސް އަދި މަޢުލޫމާތު ފެތުރުމުގެ ދާއިރާއަށް ބަލާއިރުވެސް އަދި ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާޢީ، އިޤްތިޞާދީ ކަންތައްތަކަށް ބަލާއިރުވެސް، ވަރަށް މުހިންމު ޖަލްސާއެއް ކަމުގައި ނުވަތަ ޙަފްލާއެއް ކަމުގައި އަޅުގަނޑު ދެކެން.

މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި "ހަވީރު" ނޫހުން ދިވެހި މުޖުތަމަޢަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ ވާހަކަ، "ހަވީރު"ގެ މަސްއޫލުވެރިޔާ އަދި ޗެއަރމަން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ދެންމެ އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި. އެހެންވީމާ، އެކަމުގެ ތެރެއަށް އަޅުގަނޑު ދާކަށްނެތިން. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެވޭ ފަދައިން، "ހަވީރު"ން މި ވޭތުވެދިޔަ 25 އަހަރު ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް، ދިވެހި މުޖުތަމަޢަށް ކޮށްދީފައިވަނީ، ވަރަށް އަގުބޮޑު ޚިދުމަތްތަކެއް. މި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް އަޅުގަނޑަށްވެސްވަނީ މީގެކުރިންވެސް ބައެއް ފުރުޞަތު ލިބިފައި. އާދެ، އެގޮތުން ހަވީރަށް 20 އަހަރު ފުރުން ފާހަގަކުރުމަށް، މީގެ ފަސްއަހަރު ކުރިން ބޭއްވި ޖަލްސާގައި ބައިވެރިވުމުގެ އުފަލާއި ހިތްހަމަޖެހުން އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ، އެކަމަށްޓަކައި ނޫހުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ރާއްޖޭގައި ފުރަތަމަފަހަރަށް ނޫހެއް ނުކުތީ، މީގެ 61 އަހަރު ކުރިން. 1943 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި. އެއީ، "ސަރުކާރުގެ ޚަބަރު" މި ނަމުގައި ސަރުކާރުން ނެރުއްވި ނޫހެއް.

ރާއްޖޭގައި އެންމެ ފުރަތަމަ ނުކުތް ދުވަހު ނޫހަކީ، "ވިޔަފާރި މިއަދު"ގެ ނަމުން ނަން ދެވިފައިވާ ނޫހެއް. އެ ނޫސް ނެރުއްވަމުން ގެންދެވީވެސް ސަރުކާރުން. އާދެ، އެއީ "ސަރުކާރުގެ ޚަބަރު" ނެރުއްވަމުން ގެންދެވުމުގެ ތެރޭގައި "ވިޔަފާރި މިއަދު"ވެސް ނެރުއްވަން ފެށްޓެވީ.

މި ވޭތުވެދިޔަ 60 އަހަރަކީ، ރާއްޖޭގެ ތާރީޚުގައި ވަރަށް މުހިންމު ކަންތައްތަކެއް ޙާޞިލުވެގެންދިޔަ އަދި ރާއްޖޭގެ ރައްޔިތުން ވަރަށްގިނަ ކަންތައްތަކެއް ތަޖުރިބާކުރި 60 އަހަރު. އޭގެތެރޭގައި، ނޫސްވެރިކަމުގެ ދާއިރާއަށް މިއައި ބޮޑެތި ބަދަލުތައްވެސް ވަނީ އަޅުގަނޑުމެން އެންމެންނަށް ފެނިފައި ނުވަތަ އަޅުގަނޑުމެންގެ ތެރެއިން ތަންކޮޅެއް ޢުމުރުން ދުވަސްވީ ބޭފުޅުންނަށް، އޭގެ ވަރަށް ގިނަ ކަންތައްތައް ވާނީ ފެނިވަޑައިގެންފައި.

އާދެ، އެހެންވީމާ އަޅުގަނޑު ދަންނަވަން މިއުޅެނީ، މިރޭގެ މި މުނާސަބަތަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ މައިދާނުގައި ވަރަށް މުހިންމު މުނާސަބަތެކޭ. ދެންމެ "ހަވީރު"ގެ ޗެއަރމަންގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ރާއްޖޭގައި މެދުނުކެނޑި ހިނގަމުންދާ ނޫހަކަށް 25 އަހަރު ފުރުން އެންމެ ފުރަތަމަ ފާހަގަކުރާ ނޫހަކީ "ހަވީރު". ޝައްކެއްނެތް، އެއީ ހަވީރަށް ލިބުނު، ވަރަށް ބޮޑު ޝަރަފެއް، ވަރަށް ބޮޑު ރީތި ނަމެއް.

ފަހަކަށްއައިސް، ރާއްޖެއަށް ޒަމާނީ ނޫސްވެރިކަމުގެ ވަސީލަތްތައް ތަޢާރުފުކުރުމުގައި "ހަވީރު"ން ވަނީ ވަރަށް ބޮޑު ޙިއްޞާއެއް އަދާކޮށްފައި. އާދެ، މިޒަމާނުގެ ނޫސްވެރިކަމަކީ ހަމައެކަނި ކަރުދާހާއި ޤަލަމާއި ދެލިން އެކުލަވައިލެވޭ އެއްޗެއްނޫން. އެއަށްވުރެ މާ ޒަމާނީ ވަސީލަތްތަކެއް މިޒަމާނުގެ ނޫސްވެރިކަމުގައި އެބަ ބޭނުންކުރެވޭ. އެގޮތުން، ރާއްޖޭގައި އޮންލައިންކޮށް ޝާއިޢުކުރަން ފެށި ފުރަތަމަ ނޫހަކީވެސް "ހަވީރު". އަދި ދެންމެ ޑޮކްޓަރ ޒާހިރު ޙުސައިން އެ ވިދާޅުވިގޮތުގައި، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 25000 މީހުން، އިންޓަރނެޓް މެދުވެރިކޮށް، "ހަވީރު" ނޫހަށް ޒިޔާރަތްކޮށްހަދާ. އެހެންވީމާ، އެއިންވެސް އެނގެނީ، މިއަދުގެ ނޫސްވެރިކަމަކީ، ކުރީ ދައުރުތަކުގެ ނޫސްވެރިކަމާ ތަފާތު ނޫސްވެރިކަމެއްކަން. އަދި އެހެންކަމުން، ނޫސްވެރިކަމުން ޤައުމަށާއި، މުޖުތަމަޢަށާއި އަދި ބޭރުދުނިޔޭގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް ކުރާ އަސަރު، އެއިން އެމީހުންނަށް ލިބޭ ފައިދާ، ކުރިއަށްވުރެ މާބޮޑުވެގެން މިހާރު ދާނެކަން.

އާދެ، މި ދެންނެވި ކަންތައްތަކުގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރެއްވުމުގައިވެސް "ހަވީރު"ގެ ފަރާތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަ ކުރައްވާ. ޝައްކެއްނެތް، ކޮންމެ ކަމަކީވެސް އެކަމެއް ދަސްކޮށްގެން، އެކަމުގެ ހުނަރުތައް ޙާޞިލުކޮށްގެން އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ކަމެއް. އެހެންވީމާ، މިއަދުގެ ނޫސްވެރިކަމަކީވެސް ތަޢުލީމު ޙާޞިލުކޮށްގެން، އެކަމުގެ ޤާބިލިއްޔަތާއި ހުނަރުވެރިކަން ޙާޞިލުކޮށްގެން ކުރެވޭނެ ކަމަކަށްވާތީ، އެކަމަށް "ހަވީރު"ން ދެއްވާ އަހަންމިއްޔަތަކީ، އަޅުގަނޑު ވަރަށް އުފާކުރާކަމެއް.

"ހަވީރު"ން އިސްކަންދެއްވާ ދާއިރާތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ހިމެނޭ. ދެންމެ ޑޮކްޓަރ ޒާހިރު ޙުސައިންގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ރާއްޖޭގައި އެންމެ ރަނގަޅު ފުޓްބޯޅަ ކުޅުންތެރިޔާ، ކޮންމެ އަހަރަކު "ހަވީރު"ން މިގެންދަވަނީ ހޮއްވަވަމުން. އަދި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށް "ހަވީރު"ގެ ރަންބޫޓުވެސް ގެންދަވަނީ ދެއްވަމުން. އަދި ކުރިއަށްއޮތްތާނގައި އަޅުގަނޑުހިތުން މިބައި އިތުރަށް ފުޅާވެގެންދާނެ. އެއީ ރާއްޖޭގައި ކުޅޭ އެހެން ކުޅިވަރުތަކަށްވެސް "ހަވީރު"ގެ ކިޔުންތެރިން ވަރަށް ޝައުޤުވެރިވާނެކަން އަޅުގަނޑަށް އެނގޭ. އަދި "ހަވީރު"ގެ ލިޔުންތެރިންވެސް އެހެން ކުޅިވަރުތަކާ ބެހޭގޮތުން ލިޔުއްވަމުން ގެންދަވާ. އެހެންވީމާ، އެ ރޮނގުންވެސް "ހަވީރު"ގެ ޚިދްމަތްތައް މުސްތަޤްބަލުގައި އިތުރަށް ފުޅާވެގެންދާނެކަމަށް އަޅުގަނޑު ދެކެން.

"ހަވީރު" ނޫހުގެ ފަރާތުން، ޚަބަރާއި މަޢުލޫމާތާއި ޚިޔާލު، ކިޔުންތެރިންނަށް ދެއްވުމަށްޓަކައި މިހާރު އެހެން ދެ ނޫހެއްވެސް ނެރުއްވަމުން އެބަ ގެންދަވާ. އޭގެތެރޭގައި "ހުވާސް" މަޖައްލާއާއި އަދި ވަރަށްފަހުން ނެރުއްވަން ފެށްޓެވި "އިވްނިންގ ވީކްލީ" އިނގިރޭސިބަހުން ޝާއިޢުކުރައްވާ ނޫހެއް. މި ރޮނގުގައި އެ ދެ ނޫސް މިހާރު ޙަރަކާތެރިވަމުން އެބަދޭ.

ނޫސްވެރިކަމަކީ ޤައުމީ ޙަޔާތުގައި މުހިންމު ދާއިރާއެއް ކަމަށްވާތީ އަދި އެއީ ޢާންމު ޚިދުމަތުގެ ދާއިރާއެއް ކަމަށްވެސްވާތީ، ސަރުކާރުން ވަނީ އެކަން ބަލައިގެންފައި. އަދި ޢާންމު ޚިދުމަތުގެ އިނާމު ސަރުކާރުން ކޮންމެ އަހަރަކު ދޭއިރު، ނޫސްވެރިކަމުގެ ދާއިރާގައި އެކަށީގެންވާ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް އެ އިނާމު މިގެންދަނީ ދެމުން. މި ރޮނގުން ނޫސްވެރިކަމުގެ ރޮނގުން ވަރަށް ގިނަ ބޭފުޅުންނަށް މިހާރު ވަނީ އިނާމު ލިބިވަޑައިގެންފައި. އޭގެތެރޭގައި، އެންމެ ޚާއްޞަ ބޭފުޅަކީ، "ހަވީރު" ނޫހުގެ މަސްއޫލުވެރިޔާ އަދި ޗެއަރމަން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން. އޭނާއަށް ވަނީ ނޫސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު، 1989 ވަނަ އަހަރު ސަރުކާރުން އަރުވާފައި. ހަމައެހެންމެ، އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި "ހަވީރު" ގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ އެހެން ބައެއް ބޭފުޅުންވެސް ހިމެނޭ. އާދެ، އެހެންވީމާ މި ފުރުޞަތުގައި "ހަވީރު"ގެ މަސްއޫލުވެރިޔާ އަދި ޗެއަރމަން، ނޫސްވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށާއި އަދި "ހަވީރު"ގެ އެހެން ބޭފުޅުންވެސް މި ރޮނގުން ކުރައްވާފައިވާ ޚިދުމަތްތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވައި، މުބާރަކްބާދީ އަދާކުރަން.

އާދެ، ނޫސްވެރިންގެ ދައުރަކީ ކޮބައިބާވައޭ އަޅުގަނޑުމެންގެ ހިތަށްއެރުން އެކަށީގެންވޭ. އަޅުގަނޑުހިތުން އެއީ، މިހާރު ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ބޮޑަށް ވަޒަންކުރެވޭނެ މަސްއޫލިއްޔަތެއް. ނޫސްވެރިކަމުގެ މަސްއޫލިއްޔަތު ވަރަށް ބޮޑު. އެއީ ވަރަށް މުހިންމު ޤައުމީ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތަކީ، ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން. އަދި ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް އޮޅުންފިލުވައިދިނުން. ހަމައެހެންމެ، އަޅުގަނޑުމެން މިކިޔާ ޕަބްލިކް އޮޕީނިއަން ނުވަތަ ޢާންމު ރައުޔު ބައްޓަންކުރުމުގައި ނޫސްވެރިކަމުން ކުރެވިދާނެ ވަރަށް މުހިންމު ޚިދުމަތްތަކެއްވޭ. އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ނޫސްވެރިން ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމެއް. އަޅުގަނޑުމެން ނޫހުގެ ފަރާތުން ރައްޔިތުންނަށް މިދޭ މަޢުލޫމާތާއި ޚަބަރާއި އަދި ރައްޔިތުންނަށް މިދޭ ޚިޔާލުތަކަކީ އެއީ އެންމެ ފައިދާހުރިގޮތުގައި އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތުގައި އަދި ޤައުމުގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީކުރުމުގައި އެހީވެދޭނެ ކަންތައްތަކެއްތޯ ހުރިހާ ބޭފުޅުންވެސް ވިސްނާވަޑައިގަތުމަކީ އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް.

އާދެ، ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ބަލައިލާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. ބޭރުގެ ޚަބަރުފަތުރާ ބޮޑެތި ވަސީލަތްތައް އާދެ، ދުނިޔެއަށް މަޝްހޫރު އެކިއެކި ވަސީލަތްތަކުން އެ ފޮނުވާ ޚަބަރުތަކާއި، އެ ދޭ މަޢުލޫމާތުގައި ހިމެނެނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލައިލުމަކީ އަޅުގަނޑުހިތުން ހަމަ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އެހެން މި ދެންނެވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މުޅި ދުނިޔެ ގަބޫލުކުރާ މިނިވަންކަމެއް ކަމުގައިވިޔަސް އަދި ޙަޤީޤަތް ޢާންމުންނަށް އަންގައިދިނުމަކީ މުހިންމު ކަމެއް ކަމުގައި މުޅި ދުނިޔެ ގަބޫލުކުރިކަމުގައިވިޔަސް، ބައެއްފަހަރަށް މި ދެންނެވި ޚަބަރުފަތުރާ ބޮޑެތި ވަސީލަތްތަކުން އަޅުގަނޑުމެންނާ ހަމައަށް އެ ގެނެސްދެނީ ތެދު ޚަބަރުތޯ، އަޅުގަނޑުމެންނަށް އެ ދެނީ ޙަޤީޤީ މަޢުލޫމާތުތޯ، މިއީ ހަމަ ބަލައިލަންޖެހޭ ކަމެއް.

އެހެން މި ދެންނެވީ، ބައެއްކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައިވަނީ، އެއާޚިލާފު ކިތަންމެ ކަމެއް. މިސާލެއް ދަންނަވަންޏާ، މިހާރު މެދުއިރުމަތީގައި މިވޭތުވެދިޔަ ފަންސާސް އަހަރު ދުވަހުގެ ތެރޭގައި، އެންމެބޮޑުވެގެން ގޮސްފައިވާ މައްސަލައަކީ، ފަލަސްޠީނުގެ މައްސަލަ. އިސްރާއީލޭ ކިޔާ ޤައުމެއް އެތަނުގައި އުފެދުމުން، ދެން ނުކުމެގެން އުޅޭ ބޮޑެތި މައްސަލަތައް. އެކަމަކު އަދިވެސް މިއޮތީ، ޢަދުލުވެރި ޙައްލެއް ނުގެނެވި. ދާއިމީ ޙައްލެއް ނުގެނެވި. މިކަން މިހެން ހިނގަމުންދަނިކޮށް، މެދުއިރުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގެ ޚަބަރު، އަޅުގަނޑުމެންނަށް ޚަބަރުފަތުރާ ބޮޑެތި ވަސީލަތްތަކުން ލިބޭއިރު މި ލިބެނީ ވަކިގޮތަކަށް. އޭގައި ވަކިކަހަލަ ކުލަތަކެއް ޖެއްސިގެން. ހަމަ ކޮންމެ ފަހަރަކުވެސް ކަމެއްހިނގާއިރަށް، އެކަމަކީ ކޮންމެވެސްކަހަލަ ހަމަނުޖެހުމެއް ކަމުގައިވިޔަސް ނުވަތަ ތަނެއްގައި ބޮންގޮއްވުން ކަމަށްވިޔަސް ނުވަތަ އެނޫންވެސް ކަމެއްކަމުގައިވިޔަސް، އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް އިވޭނީ، އިސްރާއީލު މީހުން ބުނަނީ މިހެންނޭ. ޢަރަބިން ބުނަނީ މިހެންނޭ ނުވަތަ ފަލަސްޠީނު މީހުން ބުނަނީ މިހެންނޭ އަންނާނީ އޭގެފަހުން. މުޅި ޚަބަރު އަހައި ނިމުނީމާ، ޚަބަރުއަހާ މީހާއަށް ނުވަތަ އެއީ ލިޔެފައި އޮތް ޚަބަރެއް ކަމަށްވަންޏާ، އެ ޚަބަރުކިޔާ މީހާއަށް ލިބޭ ތަޞައްވުރަކީ، މިކަމުގައި ހަމަޖެހޭގޮތަކަށް ޢަމަލުކުރީ އިސްރާއީލޭ. ފަލަސްޠީނު މީހުން ނުވަތަ ޢަރަބިން މިކަމުގައި ޢަމަލުކޮށްފައިވަނީކީ ރަނގަޅަކަށް ނޫނޭ. އެކަހަލަ ޚިޔާލެއް ލިބޭކަހަލަ ގޮތަކަށް ޚަބަރު ހުންނާނީ ލިޔެވިފައި، ބައްޓަންކުރެވިފައި. އޭގައި އެކަހަލަ ކުލަތަކެއް ހުންނަނީ ޖެއްސިފައި. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ނުކުތާއެއް.

ހަމަ މިގޮތަށް ދުނިޔޭގެ އެހެން ތަންތާނގައި ހިނގާ ހާދިސާތަކުގައިވެސް އަޅުގަނޑުމެންނަށް މި ލިބޭ ޚަބަރު އެއީ ވަކިކަހަލަ ގޮތަކަށް ބައްޓަންކުރެވިގެން، ކުލަ ޖެއްސިގެން، ލިބޭ ޚަބަރުތަކެއްކަން އަޅުގަނޑުމެން ދަންނަން އެބަޖެހޭ. އެހެންނޫނީވިއްޔާ، އަޅުގަނޑުމެންނަށް މިވާގޮތަކީ، އެ ޚަބަރުތައް އެގޮތުގައި ގަބޫލުކުރެވިގެން، އަޅުގަނޑުމެންގެ ޚިޔާލާއި ވިސްނުން މުޅިން އެހެންގޮތަކަށް ބަދަލުވެގެންދަނީ.

އާދެ، ރާއްޖޭގެ ނޫސްވެރިން މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، ހަމަ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެއީ، ނޫސްވެރިންނަށް ލިބޭ މަޢުލޫމާތާއި ޚަބަރުވެސް، އޭގެ ޙަޤީޤަތް ވީހާބޮޑަކަށް އޮޅުންފިލުއްވައިގެން، ޙަޤީޤަތާ އެއްގޮތަށް ނޫސްތަކުގައި ޝާއިޢުކުރެއްވޭތޯ ބެއްލެވުމަކީ، އެކަމުގައި އެންމެންގެ ފައިދާއާއި މަޞްލަޙަތު ހިމެނިގެންވާ ގޮތެއް ކަމުގައި ނޫނީ އަޅުގަނޑު ނުދެކެން.

އާދެ، އަޅުގަނޑު މިވާހަކަ މި ދަންނަވާލަނީ، ހަމައެކަނި މިރޭގެ މި މުނާސަބަތުގައި ދައްކާވާހަކައިގައި އަޅުގަނޑު އެހެން ބުނަން ބޭނުންވެގެންނެއް ނޫން. އަޅުގަނޑަކީވެސް ނޫސްވެރިކަމަށް ޝައުޤުވެރިވާ މީހަކަށްވާތީ. އަދި ކިތަންމެ ފަނޑުގޮތެއްގައިނަމަވެސް، ނޫސްވެރިކަމުގެ ދާއިރާގައި އުޅެލުމުގެ އުފާވެސް އަޅުގަނޑަށް އެކިފަހަރުމަތިން ލިބިފައިވާތީ. އާދެ، މިގޮތުން "ހަވީރު" ނޫހަށްވެސް ބައެއް ލިޔުންތައް އަޅުގަނޑު ވާނީ އެކިފަހަރުމަތިން ފޮނުވައި ހަދާފައި. އަދި އެ ނޫހުގެ ފަރާތުން ވަނީ ޖައްސަވައިވެސްދެއްވާފައި. "ހަވީރު" ނޫހުގައި އެކަންޏެއްނޫން، ރާއްޖޭގައި ނުކުންނަ ވަރަށް ގިނަ ނޫސް މަޖައްލާތަކަށް، އަޅުގަނޑުގެ ވަގުތު ހުރިވަރަކުން ބައެއް އެއްޗެތި ލިޔެވޭތޯ ބަލަން. އަދި އެތަކެތި އެބޭފުޅުންނަށް ފޮނުވައިދީވެސް ހަދަން. އަދި ނޫސްވެރިކަމަކީ ވަރަށް ކުޑައިރުއްސުރެ އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮންނަ ކަމެއް ކަމަށްވާތީ، މާލެ އައިސްފައި އަޅުގަނޑުވެސް ނޫހެއް ނެރެވޭތޯވެސް މަސައްކަތްކުރިން. ދެން އެކިކަހަލަ ކަންތައްތަކާ ދިމާވެގެން، އެކިގޮތަކަށް އެކިފަހަރު އެކަންތައް ގޮސްފައި އޮތީ. އެކަމަކު އަޅުގަނޑު އަމިއްލައަށް ޓައިޕްކޮށްގެން އިނގިރޭސި ނޫހެއްވެސް ނެރެވޭތޯ ބެލިން ދުވަސްކޮޅެއް ވަންދެން. ދެން އެޒަމާނުގައި ކަންތައް ހުންނަނީ އެހެން. ޓައިޕްކޮށްގެން، ސްޓެންސިލުން ޗާޕްކޮށްގެން އެކަހަލަ ގޮތަކަށްދަނީ. މިހާރު މިހުރިކަހަލަ ޒަމާނީ ވަސީލަތްތަކެއް އޭރަކު ނެތް. ކޮންމެއަކަސް، މި ރޮނގަކީ އަޅުގަނޑުހިތުން އަޅުގަނޑުނޫނަސް ވަރަށް ގިނަ ބަޔަކު ޝައުޤުވެރިވާ ރޮނގެއް. އެހެންވީމާ، އެކަމާދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި، ނޫސްވެރިކަން ތަރައްޤީކުރުމަށް ކޮންމެ މީހަކަށްވެސް ކުރެވެން އޮތް މަސައްކަތެއް ކުރުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، "ހަވީރު" ނޫހުގެ ފަރާތުން މިރޭ އަޅުގަނޑަށް ތިޔަ ދެއްވި ޝަރަފުގެ ރަންޤަލަމުން އަޅުގަނޑު ފުރަތަމަ ލިޔާ އެއްޗަކީ، ހަވީރަށް ފޮނުވަން ލިޔާ އެއްޗަކަށްވާނެކަމަށް އަޅުގަނޑު އުންމީދުކުރަމޭ.

އާދެ، ނޫސްވެރިން ކުރާ މަސައްކަތުގެ އަގު، އަޅުގަނޑުމެން ވަޒަންކުރަން އެބަޖެހޭ. ނޫސްވެރިން މަސައްކަތްކުރަނީ، ވަރަށް ބުރަކޮށް. ރެޔާދުވާލުގެ ހުރިހާ ވަގުތެއްގައި. ނޫސްވެރިޔަކަށް އަރާމުކުރަން ލިބޭނެ ވަކި ވަގުތެއް ނޯންނާނެ. ކޮންމެ ދަންވަރެއްގައިވެސް ކަމެއް ދިމާވެގެން، އެކަމުގެ ޚަބަރު ހޯދަން ދާންޖެހިދާނެ. އަދި ވަކިކަހަލަ ޑެޑްލައިންތަކަކާ ބައްދަލުކުރުމަށްޓަކައި ވަރަށް ބުރަކޮށް އަވަދިނެތި މަސައްކަތް ކުރަންޖެހޭ ބައެއް، ނޫސްވެރިންނަކީ. އެހެންވީމާ، ނޫސްވެރިން އެކުރާ މަސައްކަތުގެ އަގު، އަޅުގަނޑުމެން އެންމެން ވަޒަންކުރަންޖެހޭނެ. އެއީ އަދި ފަހަރެއްގައި ނޫހުގައި އޮންނަ އެއްޗަކީ އަޅުގަނޑުމެންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު މާ ހިތްހަމަޖެހޭ އެއްޗެއްކަމަށްނުވިޔަސް، އެ އެއްޗެއް ލިޔުމުގައި ނުވަތަ އެކަމާބެހޭ މަޢުލޫމާތު ހޯދުމުގައި ނޫސްވެރިޔާއާއި، މަޢުލޫމާތު ފޮނުވާ ފަރާތްތަކާއި، ލިޔުންތެރިޔާއާ މި ހުރިހާ އެންމެން ކޮށްފައިވާ މަސައްކަތަކީ ޝައްކެއްނެތް، އަޅުގަނޑުމެން އެ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭނެ އެއްޗެއް.

އާދެ، ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިންގެ ވާހަކަފުޅުގައި ވިދާޅުވި، 25 މިނިޓްއިރު ވާހަކަފުޅު ދައްކަވާނަމޭ. އެހެންނަމަވެސް، އެއަށްވުރެ މާކުރުކޮށް ނިންމަވައިލެއްވީމާ، އޭނާގެ ވާހަކަފުޅުން ބާކީވި 10 މިނިޓް އަޅުގަނޑަށް މި ބޭނުންކުރެވެނީކަންނޭނގެ. ކޮންމެއަކަސް، އެ ގަސްތަކުނޫން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަ ކުޑަތަންކޮޅެއް ދިގުވެގެން ހިނގައްޖެ. އެހެންނަމަވެސް އަދި ހަމަ ދެ ވާހަކައެއް ދަންނަވަލާފައި އަޅުގަނޑު ނިންމާލަން ޚިޔާލުކުރަނީ.

އެއް ވާހަކައަކީ، "ހަވީރު" ނޫސް ފެށުނުގޮތާ ދޭތެރޭގައި މިރޭ އެއްވެސް ބޭފުޅަކު އެއްޗެއް ވިދާޅުވިހެނެއް ހިއެއްނުވޭ. އެހެންވީމާ، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުޑަކޮށް ދަންނަވާލަން ކަމަށް. އާދެ، 1978 ވަނަ އަހަރުގެ ފަހުކޮޅު، ރާއްޖޭގެ ރިޔާސަތަށް ބަދަލެއް އައި. އެއާ ވިދިގެން، އޭރު ނުކުންނަމުންދިޔަ ނޫހެއް، ދުވަހުނޫހެއް މެދުކެނޑިގެންދިޔައީ. އޭރު ނުކުންނަނީ، އެންމެ ނޫހެއް. އެ ނޫސް އެހިސާބުން ފެށިގެން ކޮންމެވެސް ސަބަބުތަކާހުރެ ނުނިކުންނަގޮތް ދިމާވީ. އެހެންވީމާ، ދިވެހިން ކިޔާނެ، އެއްވެސް ނޫހެއް ނެތް ދުވަސްކޮޅެއް އަޅުގަނޑުމެންނާ ކުރިމަތިވަމުންދިޔައީ. އެކަން އެހެންދިމާވީމާ، އަޅުގަނޑުހިތުން ދެތިންހަތަރުމީހަކު ބައްދަލުވެފައި ވާހަކަދައްކާލީ، މަޝްވަރާކޮށްލީ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިވަރުގެ ޚިދުމަތެއް ނުދެވި އޮވެގެނެއް ނުވާނެކަމަށް އެބަޔަކަށް އެއްބަސްވެވުނީ. އެގޮތުން ވިދިގެން އައި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އާދެ، 1979 ގެ ޖަނަވަރީ 1 ގައި "ހަވީރު" ނޫސް ފެށީ. ދެން، ދެންމެ ޑޮކްޓަރ ޒާހިރު ޙުސައިންގެ ވާހަކަފުޅުގައި ވިދާޅުވިހެން، ފެށްޓެވީ ވަރަށްކުޑަގޮތެއްގައި. ވަރަށް މަދު ބަޔަކާ އެކީގައި ފެށްޓެވީ. ފެށްޓެވިއިރު އަޅުގަނޑުމެންގެ ތެރޭގައި ނުވަތަ އެބޭފުޅުންގެ ތެރޭގައި ޙަޤީޤަތުގައި، ނޫސްވެރިކަމުގެ މަޢުލޫމާތުހުރި، ތަޖުރިބާހުރި އެއްވެސް މީހަކު ނެތް. އެހެންނަމަވެސް މިއަދު މިވަނީ، ހަވީރަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ވަރަށް ކާމިޔާބު ނަމޫނާއަކަށްވެފައި. އެހެން އެވީ، ހަމަ އަޅުގަނޑު ދަންނަވާނީ، ހަމަ ގަދަ ހިތްވަރުންނޭ. އާދެ، އަޅުގަނޑު ކުޑައިރު މަޖީދިއްޔާގެ މޮޓޯއަކަށް އޮވޭ، "ހިންމަތާއެކު މަސައްކަތްކުރާ މީހަކަށް މާތް ﷲގެ ވާގިފުޅާއެކު އުނދަގޫ ކަމެއް ނެތޭ." އަޅުގަނޑަށް ހީވަނީ، އެ މޮޓޯގެ ޞައްޙަކަން އަޅުގަނޑުމެންނަށް މިކަމުން އެބަ ސާބިތުވޭހެން. އެއީ "ހަވީރު" އެ އުފެއްދެވި ބޭފުޅުން ހަމަ ކުރެއްވި ހިންމަތާއި މިންނަތުން އަދި އެބޭފުޅުންގެ ވަރުގަދަ ޢަޒުމުން، މިކަން ކާމިޔާބުވެގެން މިދިޔައީ، އެއްވެސްކަހަލަ ވަސީލަތެއް އޭރުނެތި. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އައްސަރިބަހާއި ސާބަސް ދަންނަވަން.

އާދެ، "ހަވީރު"ގެ ނަމާ ބެހޭގޮތުން ޚިޔާލުކޮށްލާއިރުވެސް އަޅުގަނޑަށް ހީވަނީ، އެއީ ވަރަށް ރީތި ނަމެއްހެން. "ހަވީރު" ކިޔާލަން ފަސޭހަ، ދޫމައްޗަށް ލުއި އަދި އޭގައި އަޅުގަނޑަށް ހީވަނީ، ޅެންވެރިކަމާ ގުޅޭ ކޮންމެވެސްކަހަލަ ރަމްޒުތަކެއްވެސްވޭހެން. އަދި އަޅުގަނޑުމެންގެ ޙަޔާތުގައި ހަވީރުގެ ވަގުތަކީ، ވަރަށް ހިތްފަސޭހަ، ހިތްގައިމު ވަގުތެއް ކަމަށް އޮންނަނީ ވެފައި. ހަވީރު ގުޅިފައި އޮންނަނީ، ފިނިކަމާއި ތާޒާކަމާއި ހިތްފަސޭހަކަމާ. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ، "ހަވީރު" ނޫހަކީ، ދިވެހި ނޫސްވެރިކަމުގެ ހަވީރެއްކަމުގައި އަބަދުވެސް އޮންނާނެކަމަށް. ދިވެހި ނޫސްވެރިކަމަށް ފިނިކަމާއި ތާޒާކަމާއި ތަރައްޤީ ގެނެސްދޭ ވަސީލަތެއްގެ ގޮތުގައި އަބަދުވެސް އޮންނާނެކަމަށް. ހަމައެއާއެކު، ރާއްޖޭގެ އެހެން ނޫސްތަކުން ކުރައްވާ ޚިދުމަތްތަކުގެ އަގު، އަޅުގަނޑު ވަޒަންކުރާވާހަކަ ދަންނަވާލަން. އާދެ، "އާފަތިސް" ނޫސް އަދި "މިއަދު" ނޫސް އަދި މި ނުކުންނަ އެހެން ހަފްތާ މަޖައްލާތަކާއި އެހެން މަޖައްލާތައް. މި އެއްޗެއްސަކީ ރާއްޖޭގެ ރައްޔިތުންގެ ގާތުގައި، ވަރަށް މަޤްބޫލު އަދި އެ މަޖައްލާތަކާއި ނޫސްތަކުގެ ޚިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް ލިބެމުންދާ، ޝާއިޢުކުރެވޭ ތަކެތި. އެހެންވީމާ، އެ ނޫސްމަޖައްލާތައް ނެރުއްވާ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވައި، މަރުޙަބާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ، އަޅުގަނޑުގެ އެދުމަކީ، ދިވެހި ނޫސްވެރިކަމުގެ ތަރައްޤީއާއި ކުރިއެރުމުގެ އާފަތިހަކުން ފެށިގެން ކާމިޔާބު ހަވީރަކާ ހަމައަށް ދިޔުމުގައި ނޫސްވެރިކަމުގެ ވަރަށް އުޖާލާ މިއަދަކަށް އަޅުގަނޑުމެން މަރުޙަބާކިޔުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުގެ ވާހަކަ އަޑުއައްސަވަން ތިއްބެވިކަމަށްޓަކައި ޝުކުރު ދަންނަވަމުން، މި ފިޔަވަޅުމަތިން ވަކިވެލާނަން.

والسّلام عليكم ورحمـة اللّـه وبركاته.