بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالٰى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން.

އާދެ! މިއަދު "މޯލްޑިވްސް އެކްއެޓިކް ސްޕޯޓްސް ސޮސައިޓީ" މި ޖަމުޢިއްޔާއިން އިސްނަންގަވައިގެން "މޯލްޑިވްސް ސްވިމިންގ އެންޑް ވޯޓަރ ސްޕޯޓްސް އެސޯސިއޭޝަން" އާއި، މިނިސްޓްރީ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްއާ ގުޅިވަޑައިގެން، ފެތުމުގެ ޚާއްޞަ ޕްރޮގްރާމެއް އިންތިޒާމު ކުރެއްވިކަމަށްޓަކައި، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިއަދުގެ މި ފެސްޓިވަލުގައި ހިމެނުނު 1 ކިލޯމީޓަރުގެ ދިގުފެތުމުގެ ރޭހުގެ ހުރިހާ ބައިވެރިންނަށް އަޅުގަނޑު މުބާރަކްބާދީ ދަންނަވައި، ހެޔޮއެދުންތައް ރައްދުކުރަން.

އާދެ! "މޯލްޑިވްސް އެކްއެޓިކް ސްޕޯޓްސް ސޮސައިޓީ" އިން މި ކުރައްވަމުން ގެންދަވާ، މަސައްކަތްތަކަށްޓަކައި، އެ ޖަމުޢިއްޔާގެ ޗެއަރމަން ޢަބްދުﷲ ސަޢީދަށާއި، ވައިސް ޗެއަރޕަރސަން ޝީޒާ ޢިމާދަށާއި، އެހެން އިސްބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެފަދައިން، "މޯލްޑިވްސް ސްވިމިންގ އެންޑް ވޯޓަރ ސްޕޯޓްސް އެސޯސިއޭޝަން"ގެ ވެރިންނަށާއި ހިންގުންތެރިންނަށްވެސް މި މުނާސަބަތުގައި، އެބޭފުޅުން އެކުރައްވާ ޚިދުމަތަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، މި ކަންތައްތައް ހިންގެވުމުގައި ޒުވާނުންގެ ތަރައްޤީއާއި ކުޅިވަރާބެހޭ ވުޒާރާއިން އަދި ޚާއްޞަކޮށް އެ ވުޒާރާގެ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ކުރައްވާ މަސައްކަތްޕުޅަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ރާއްޖެފަދަ ރަށްތައް ވަށައިގެން ކަނޑު އޮންނަ އަދި އެއްރަށަކުން އަނެއްރަށަކަށް ދަތުރުކުރުމުގައި ކަނޑުހުރަސްކޮށް ދާންޖެހޭ ޤައުމެއްގައި، ފެތުމަކީ ވަރަށް މުހިންމު ހުނަރެއް. އާދެ، ވަރަށް ހިތާމަވެރި ބައެއް ހާދިސާ އަޅުގަނޑުމެންނަށް ސާބިތުކޮށްދޭގޮތުގައި، ފަތަން ދަތުމަކީ، މީހާގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ހުނަރެއް. ރާއްޖެފަދަ އެ ޤައުމެއްގެ ބޮޑުބައި އެއީ ކަނޑުގެ ގޮތުގައި އޮންނަ ކޮންމެ ޤައުމެއްގައިވެސް.

އެހެންވީމާ، އަޅުގަނޑުމެން ދިވެހިންނަކީ ޒަމާނުއްސުރެ ފަތަން ދަންނަ އަދި ފެތުމުގެ ރޮނގުގައި ކުރިއެރުންތަކެއް ހޯދާފައިވާ ބަޔަކަށްވާތީ، އަޅުގަނޑުމެން މިހާރު މިކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭނެކަމަށް އަޅުގަނޑު ދެކެން. އެއީ މިދެންނެވި ފަދައިން، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީވަމުންދާ ދިޔުމުގައި، އަޅުގަނޑުމެން ބޭނުންކުރާ ވަސީލަތްތައް އިތުރުވެ، މީހުން ގިނަވެ، އަޅުގަނޑުމެންގެ ހަރަކާތްތައް ކުރިޔަށްވުރެ މާބޮޑުތަން އިތުރުވެގެންދިޔުމުގެ ސަބަބުން، ދަތުރުފަތުރުވެސް އިތުރުވެ އަދި ކޮންމެކަހަލަ މޫސުމެއްގައިވެސް ދަތުރުކުރަން ޖެހިފައިވާތީ، ކަނޑުދަތުރުކުރުމުގައި ހުރި ނުރައްކާތެރިކަން އަޅުގަނޑުމެންނަށް މިހާރު އިޙްސާސްކުރަން ޖެހިފައިމިވަނީ މީގެ ކުރިޔަށްވުރެ މާބޮޑަށް.

އާދެ! ދާދިފަހުން އެދިމާވި އެނަމާބޯޓުގެ ކާރިޘާގައި އަޅުގަނޑުމެންނާ ވަކިވެދިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ތެރެއިން ބައެއްމީހުންނަށް އެކަން އެދިމާވީ ފަތަން ނުދަތުމުގެ ސަބަބުންކަމަށްވުމަކީ އެކަށީގެންވާކަމެއް. އަދި މިނޫނަސް މިބާވަތުގެ ހިތާމަވެރި ހާދިސާތައް ރާއްޖޭގައި ހިނގަމުން އެބަދޭ. މިކަމަކީ އަޅުގަނޑުމެން އެންމެން މިހާރު ވަރަށް ބޮޑަށް ކަންބޮޑުވާންޖެހިފައިވާ ކަމެއް. އަދި އެފަދަ ކަންތައްތައް މުސްތަޤްބަލުގައި ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވާން މިވަގުތު އަޅުގަނޑުމެންނަށް މިވަނީ ޖެހިފައި. އެހެންވީމާ، ފެތުމަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ހަމަ ދަންނަ ހުނަރަކަށް ވާންއެބަޖެހޭ.

އާދެ! މިގޮތުން ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް، މީގެ 8 އަހަރު ކުރިން އާދެ، 1996ވަނަ އަހަރުން ފެށިގެން ވަނީ ހިންގަން ފަށާފައި. އެއީ "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" މި ޝިޢާރުގެ ދަށުން ހިންގުނު ޕްރޮގްރާމެއް. މި ޕްރޮގްރާމް، ދިމާވި ކޮންމެވެސް ހާދިސާއަކާ ގުޅިގެން 2001ވަނަ އަހަރު މެދުކަނޑާލަން ޖެހުނުކަމުގައިވިޔަސް، އެދޭތެރޭގައި އަޅުގަނޑަށް އެނގިފައިވާގޮތުގައި ގާތްގަނޑަކަށް 15000 ކުދިންނަށް ވަނީ ފަތަން ދަސްކޮށްދެވިފައި. އަޅުގަނޑުހިތުން އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. މިހާރު އަޅުގަނޑުމެންނަށް މިވަނީ އެ ޕްރޮގްރާމް އަނެއްކާވެސް އިތުރަށް ފަށަންޖެހިފައި. އާލާކުރަންޖެހިފައި. އެހެންވީމާ، އެކަން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކުރިޔަށްގެންދަވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން.

އާދެ! މިއަދުގެ މި ފެސްޓިވަލުގައި، މޫދުގެ ކުޅިވަރުތަކާބެހޭ ވަރަށް ގިނަ ކަންތައްތަކެއްވެސް އެބަހުރި. އާދެ، ފަތަން ދަސްކުރަން ބޭނުންވާ މީހުންނަށް އެކަމުގެ ހުނަރު ދަސްކޮށްދިނުމާއި އަދި ކޮންމެވެސްވަރަކަށް ފަތަންދަންނަ މީހުން އައިސް، އެމީހުން ފަތަން ދަންނަވަރު ޓެސްޓުކޮށް، އެކަމުގެ ސެޓްފިކެޓް ހޯދުމާއި އަދި މޫދުގައި ދިމާވާ އެކިއެކި ހާދިސާތަކުން ސަލާމަތްވާނެ ގޮތްތައް އަންގައިދިނުމާއި އަދި ކުޅިވަރު ކުޅުމުގެ ގޮތުންވެސް ކުޅެވޭ ބައެއް ކުޅިވަރުތައްވެސް މިއަދުގެ ފެސްޓިވަލުގައި ހިމެނިފައި އެބަވޭ. މިކަމަކީ ރާއްޖެއާ ވަރަށް ބޮޑަށް ގުޅޭ، ރާއްޖޭގެ ރައްޔިތުން ވަރަށް ޝައުޤުވެރިވާ ކަމަކަށްވާތީ، މިކަން އިންތިޒާމު ކުރެއްވި ހުރިހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالٰى އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ މިނިވަން، މުސްތަޤިއްލު އަދި ސަލާމަތްކަން ލިބިގެންވާ ރާއްޖެއެއް ކަމުގައި އަބަދުމެ ލެހެއްޓެވުން. ރާއްޖޭގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، ރާއްޖޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއެކީގައި ދިރިއުޅޭ ބަޔަކުކަމުގައިވުމުގެ ތައުފީޤު އެކަލާނގެ ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.